• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ބޭރުގެ ހަބަރު ⁄ ހަތް މަސް ފަހުން ކަޝްމީރުގައި ސޯޝަލް މީޑިއާ ބޭނުން ކުރެވޭ ގޮތް ހަދައިފި

ހަތް މަސް ފަހުން ކަޝްމީރުގައި ސޯޝަލް މީޑިއާ ބޭނުން ކުރެވޭ ގޮތް ހަދައިފި



ސްރީނަގަރު (މާޗް 5): ޖައްމޫ އެންޑް ކަޝްމީރުގައި ހަތް މަސް ފަހުން ފުރަތަމަ ފަހަރަށް ސޯޝަލް މީޑިއާ ބޭނުން ކުރެވޭ ގޮތް ހަދައިފި އެވެ. އިންޑިއާއިން ޖައްމޫ އެންޑް ކަޝްމީރުގައި މުވާސަލާތީ ވަސީލަތްތައް ބޭނުން ނުކުރެވޭ ގޮތް ހެދީ މިދިޔަ އޮގަސްޓު މަހު އެ ސަރަހައްދަށް ދީފައިވާ ހާއްސަ އިމްތިޔާޒުތައް އުވާލުމަށް ފަހުގަ އެވެ. އޭގެ ފަހުން މިދިޔަ ޖެނުއަރީ މަހުގެ 25ގައި ކަޝްމީރުގައި މޮބައިލް އިންޓަނެޓު ބޭނުން ކުރެވޭ ގޮތް ހެދި ނަމަވެސް، އިއްޔެއަކީ އެ ސަރަހައްދުގައި ސޯޝަލް މީޑިއާ ބޭނުން ކުރެވޭ ގޮތް ހެދި ފުރަތަމަ ފަހަރެވެ. ޖައްމޫ އެންޑް ކަޝްމީރުގެ ހޯމް ޑިޕާޓްމެންޓުން ބުނި ގޮތުގައި އެސަރަހައްދުގައި ސޯޝަލް މީޑިއާ ބޭނުން ކުރެވޭނީ ހަމައެކަނި 2ޖީ މޮބައިލް ޑާޓާ ހިދުމަތާއި ޕްރައިވެޓް ކުންފުނިތަކުން ފޯރުކޮށްދޭ ފިކްސްޑް ލައިން ބޭނުން ކުރާ މީހުންނަށެވެ. އަދި ސޯޝަލް މީޑިއާ ބޭނުން ކުރެވޭނީ މިމަހުގެ 17އާ ހަމައަށެވެ. އިންޑިއާއިން ކަޝްމީރުގައި އިންޓަނެޓުގެ ހިދުމަތް ކަނޑާލީ ދޮގު ހަބަރު ފެތުރުމާއި އިންޑިއާއާ ދެކޮޅަށް މުޒާހަރާ ކުރުމާއި ހަމަލާ ދިނުން ހުއްޓުވުމަށް ކަމަށް ބުނެ އެވެ. ނަމަވެސް މިދިޔަ ޖެނުއަރީ މަހުގެ 10ގައި އިންޑިއާގެ ސުޕްރީމް ކޯޓުން ވަނީ އެސަރަހައްދުގައި ވަކި މުއްދަތެއް ނެތި އިންޓަނެޓު ކަނޑާލާފައި އޮތުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް ކަނޑައަޅާފަ އެވެ. އަދި ކަޝްމީރުގައި އިންޓަނެޓު ބޭނުން ކުރެވޭ ގޮތް ހެދީ އޭގެ ފަހުންނެވެ. ކަޝްމީރުގެ ޗޭމްބާ އޮފް ކޮމާސް އެންޑް އިންޑަސްޓްރީން މިދިޔަ ޑިސެމްބަރު މަހު ނެރުނު ރިޕޯޓެއްގައިވާ ގޮތުން އެސަރަހައްދުގައި އިންޓަނެޓު ކަނޑާލާފައި އޮތުމުން ކަޝްމީރުގެ އިގުތިސާދަށް ވަނީ ވަރަށް ބޮޑު ގެއްލުމެއް ލިބިފަ އެވެ. އެގޮތުން އޭގެ ސަބަބުން 150،000 ވަޒީފާ ގެއްލި، އެސަރަހައްދުގެ ޓެކް ކުންފުނިތައް ބަންދު ކުރަން ނުވަތަ އިންޑިއާގެ އެހެން ސަރަހައްދުތަކަށް ބަދަލުވާން ޖެހުނު ކަމަށް ރިޕޯޓުގައިވެ އެވެ. މީގެ އިތުރުން، ކަޝްމީރުގައި އިންޓަނެޓު ނެތުމުން ބަލި މީހުންނަށް ސަރުކާރުގެ ސިއްހީ އެހީ ނުލިބި، އިންޝުއަރެންސް ލިބުން ވެސް ހުއްޓުމަކަށް އައިސް، ދަރިވަރުންނަށް ސްކޮލާޝިޕްސް ފަދަ ފުރުސަތުތައް ގެއްލި، ކަޝްމީރުގައި ތިބި މީހުންނާ ދުނިޔެއާ ގުޅުން ކެނޑިގެންދިޔަ އެވެ. އިންޑިއާއިން ވަނީ މީގެ ކުރިން ސްޓޭޓެއްގެ ގޮތުގައި އޮތް ޖައްމޫ އެންޑް ކަޝްމީރު މިދިޔަ އޮކްޓޯބަރު މަހު، މައި ސަރުކާރުގެ ބާރު ހިނގާ ދެ ޔޫނިއަން ޓެރިޓަރީއަކަށް ބަދަލުކޮށްފަ އެވެ.



Source link

Leave a Reply

Related Articles