• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ރިޕޯޓް ⁄ ހެޔޮ ވިސްނިއްޖެ! ލާމަރުކަޒީ ނިޒާމަށް އިދިކޮޅުގެ ތާއީދު

ހެޔޮ ވިސްނިއްޖެ! ލާމަރުކަޒީ ނިޒާމަށް އިދިކޮޅުގެ ތާއީދު


ރަށެއް ތަރައްގީ ކުރެވޭނީ އެތަނެއްގައި ދިރިއުޅޭ ބަޔަކަށެވެ. އެއީ އެންމެން ގަބޫލުކުރާން ޖެހިއްޖެ ހަގީގަތަކެވެ. ނަމަވެސް، ކަނޑުގެ ބިޔަ ރާޅުތަކުގެ ތެރެއަށް ވިއްސި ވިހާލިވެފައިވާ މި ރާއްޖޭގައި މަރުކަޒީ އުސޫލުން ކަންކުރަން ހަދައިގެން އަދާ ހަމައަށް މާލެ ނޫން ތަނަކަށް ތަރައްގީގެ ކަންފުކެއް ފެނުނީވެސް ދާދީ އިހަކަށް ދުވަހުއެވެ.ނަމަވެސް، ލާމަރުކަޒު ކުރުމުގެ ވާހަކައަކީ މީގެ އެތަކެއް އަހަރެއް ކުރިންވެސް، ވެރިކަމުގައި އޭރު ތިއްބެވި ފަރާތްތަކުން ދައްކަމުން އައި ވާހަކަތަކެކެވެ. އެގޮތުން ރައީސް މައުމޫނުގެ ދިގު 30 އަހަރުގެ ވެރިކަމުގައި އެ މަގުސަދު ހާސިލުކުރުމުގެ ނިޔަތުގައި ވަށް މޭޒު ޖަލްސާތަކާއި، މަސައްކަތު ބައްދަލުވުންތަކާއި މަހާސިންތާތައް ބޭއްވުނެވެ. ނަމަވެސް، އެ މޭޒުތަކާއި، ބައްދަލުވުންތަކުގެ ބޭރަށް އެއްކަމެއްވެސް ކޮށްފައިނުވެއެވެ.އެ ވެރިކަން ނިމި، ދެން އައި އެމްޑީޕީގެ ސަރުކާރުން ވެރިކަމަށް އައީވެސް އެކަން ކުރާނެ ކަމުގެ ވައުދާއިގެންނެވެ. އެގޮތުން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނެއް 2010 ވަނަ އަހަރު ފާސްކޮށް، ލާމަރުކަޒު ކުރުމުގެ ބިންގަލެއް ކޮންމެވެސް ވަރަކަށް އެޅިގެން ދިޔައެވެ. އެކަމަކު އެ ބިންގަލާ ހިސާބުން އެކަން ނިމުނީއެވެ. ހަގީގާ މާލީ ބާރުވެރިކަން ނުދީ މަރުކަޒީ ސަރުކާރުގެ ރުހުމާއެކު ކަންކަން ކުރަން ކައުންސިލްތަކައްވީ ބޮޑު ވޭނަކަށެވެ.ދެން އައީ ރައީސް ޔާމީނުގެ ސަރުކާރެވެ. ގެންގުޅުއްވީ މުޅިން ތަފާތު ވިސްނުންފުޅެކެވެ. ބޭނުންވީ މަރުކަޒީ އުސޫލަށް ރާއްޖެ ހިންގެވުމަށެވެ. ރަށްރަށުގެ ކައުންސިލްތަކައް ބާރު ދިނުމުގެ ބަދަލުގައި، ވިސްނެވީ މަރުކަޒީ ސަރުކާރުގެ ފިޔައިގެ ދަށަށް އެ ރަށްތަކުގެ އާބާދީ ގެނައުމަށެވެ. ހުޅުމާލެއަކީ ރާއްޖޭގެ އާބާދީގެ 70 އިންސައްތަ ރައްޔިތުންނަށް އަމާޒުކުރެވިގެން ތަރައްގީކުރާ ތަނެއްކަމަށް ވިދާޅުވެ، ހުޅުމާލެ އައުމަށް އެންމެހާ ދިވެހި ރައްޔިތުންނަށް ދައުވަތު ދެއްވިއެވެ.ލާމަރުކަޒީ ގާނޫނަށް ބޮޑު ފަސް އިސްލާހު ގެނެސް، ކައުންސިލްތަކަކީ ރަމްޒީ ތަނަކަށް ހެއްދެވުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރެއްވިއެވެ. އާނ ބަސް ނުބުނާ ކޮންމެ ކައުންސިލަރަކު މަސައްކަތުން އެކަހެރިކޮށް، ކައުންސިލްތައް ނިކަމެތި ކުރެއްވިއެވެ. ފާޅުގައި މަރުކަޒީ ނިޒާމަކަށް ވަކާލާތު ކުރެއްވިއެވެ. ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި އެކަން ވަރަށް ސާފު ސަރީހަ އިބާރާތުން ބަޔާން ކުރެއްވިއެވެ.އަނެއްކާވެސް ވެރިކަމަށް އައިސްގެން މިހާރު މިތިބި ކޯލިޝަންގައި ހިމެނޭ މައި ޕާޓީ އެމްޑީޕީއިން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލީ ލާމަރުކަޒީ ނިޒާމް ފުރިހަމަކުރާނެ ކަމުގެ ވައުދާއެކުގައެވެ. މާލީ ބާރުވެރިކަމާއި ގޮތް ނިންމުމުގެ ބާރުވެރިކަން ކައުންސިލްތަކަށްދީ، މުޅިއަކުން ނޫނަސް، މަރުކަޒީ ސަރުކާރުގެ ވަކިތަކުން ކައުންސިލްތައް ވީއްލުމަށް މަގު ކޮށިގެން ދިޔައެވެ.އޭރުވެސް، އިދިކޮޅުގައި ތިއްބެވި ޕްރޮގްރެސް ކޮންގްރެސް ކޯލިޝަނުން މިކަމާމެދު ދެކަވަޑައިގަންނަވާ ގޮތެއް ސީދާ ނޭނގެއެވެ. ނަމަވެސް، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ 2020 ވަނަ އަހަރުގެ ރިޔާސީ ބަޔާނަށް ރައްދު ދެއްވަމުން ވަރަށް ރަނގަޅަށް ސްޓޭންޑް ސާފުކޮށްދެއްވައިފިއެވެ. ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގުމަށް ތާއީދުކުރާ ކަމަށް ހާމަކުރެއްވިއެވެ.މިއީ ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ލިބިގެން ދިޔަ ވަރަށް ފުރިހަމަ މެސެޖެކެވެ. އަދުގެ ހުރިހާ ފިކުރަކުން އެވަނީ އިންތިހާއަށް އެ ނިޒާމަކަށް ބޭނުން ޖެހިފައި އޮތް ލާމަރުކަޒީ ނިޒާމަށް ތާއީދުކުރާކަން ހާމަކޮށްފައެވެ. މިއީ ފަހަރުގައި އިންތިހާބީ އުކުޅަކަށްވެސް ވެދާނެއެވެ. ނޫނީ ހަމަ އިޚުލާސްތެރި ނިންމުމަކަށް ވެދާނެއެވެ. ކޮންމެއަކަސް، މިއީ ވަރަށް ރަނގަޅު ނިންމުމެކެވެ. މިއީ މި ރާއްޖޭގެ ކުރިމަގަށް އެޅުނު އެންމެ ސާދާ ފިޔަވަޅެވެ. ތަރައްގީ އޮތީ ލާމަރުކަޒުވެގެންނެވެ.Source link

Leave a Reply

Related Articles