• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ވާހަކަ ⁄ ބުލްބުލް

ބުލްބުލް


ބުދަ ދުވަހާ ގުޅޭ

“އޭނަ ކީއްކުރީ؟” ހައިރާންވެފައި އަހަރެން އެހީމެވެ.

އަހަންނަށް ދީމާ އެނގެނީ ވަރަށް ކުޑަކޮށެވެ. ދީމާއަކީ އާދައިގެ ކުއްޖެއް ނޫނެވެ. ކޮންމެ ފަދަ ޖަވާބަކަށް ވެސް އަހަރެން ހުރީ ތައްޔާރުވެގެންނެވެ.

“މިއަދު އަހަރުމެން ދިޔައީ ވިލިނގިއްޔަށް،” މަންމަ ކިޔައިދިނެވެ. “އެއްކަލަ މި ގެއަށް އާދެއެއްނު ފާޒިރާއެއް. އޭނަގެ ދަރިފުޅު މީހަކާ އިންނާތީ ވިލިނގިއްޔަށް ދާންވެގެން ދިޔައީ. ދަރިފުޅުގެ ބައްޕަ ވެސް ދިޔަ. އަހަރުމެން ފެރީޓާމިނަލަށް ދިޔައިރު ޓިކެޓު ކިޔު ވަރަށް ދިގު. އެހެންވެ މަޑުކޮށްލައިގެން ތިބީ. ތިއްބާ ދީމާ ޓަސްލާފަ އެ ތަނުގަ ހުރި ޑަސްބިން މަތީގަ ޖައްސާލައިފި. ކިހާ ލަދެއް ގަންނާނެ. ދަންނަ ބައިވަރު މީހުން ތިބި.”

މަންމަ ބުނީ އަހަރެން އުންމީދުކުރި ކަހަލަ ކަމެއް ނޫނެވެ. އެއްގޮތަކުން ބަލައިފިއްޔާ ބޮޑުކަމެއް ވެސް ނޫނެވެ. ލަދުވެތިކަމެއް ކަމަށް އަހަރެން ގަބޫލުކުރަމެވެ.

“ދެން މަންމަ ބުނި ނަމަ ފައިބާށޭ، ހަޑިކަމެކޭ!” އަހަރެން ބުނީމެވެ.

“ހީވޭތަ ނުބުނެ ހުންނާނެހެން؟” ހިތްހަމަނުޖެހިފައި މަންމަ ބުންޏެވެ. “ދީމާ ބުނީ އެ އޯކޭވާނެޔޯ! ކީކޭ ދެން ބުނާނީ؟ އެ ކަހަލަ ކަންތައް ކިހިނެއް އޯކޭވާނީ؟ ބުރުގާއަޅައިގެން ހުރި އަންހެންކުއްޖެއް. އެންމެން ތިބީ ބަލަން. ލަދުން ކިރިޔާ ހަލާކުނުވީ.”

ވަރަށް ގިނަ ވާހަކަދައްކައިގެން މަންމައަށް ވިސްނައިދެވޭތޯ ބެލީމެވެ. މަންމަގެ ނަޒަރުގައި އެއީ ހުތުރުކަމެކެވެ. ވީކަމެއް ވީއެވެ. ދެވަނަ ފަހަރަށް އެ ކަހަލަ ކަމެއް ތަކުރާރުވެގެން ނުވާނެއެވެ. އަހަރެން ގާތުގައި ބުނީ ދީމާއަށް ނަސޭހަތްދިނުމަށެވެ. މަންމަޔާ ވާހަކަދައްކައި ނިންމައިފައި ދީމާއަށް ގުޅީމެވެ. އަހަރެން ވާހަކަދެއްކީ ވަރަށް އޯގާތެރިކޮށެވެ.

“މިހާރު ހަންނާނަށް ވެސް މަންމަ ގުޅީ؟” ދީމާ ހިތްހަމަނުޖެހުނެވެ. “އެ ވަރު ކަމަކާ ޖެހޭތަ ހަންނާނަށް ގުޅަން. އަހަރެން ފައިވާޅުވީ. އެހެންވެ އިށީނދެލީ. ކޮބައިތަ މައްސަލައެއް؟”

ދީމާއަކީ ޒުވާން ކުއްޖެކެވެ. އޭނާގެ ސިކުނޑިއަށް ވަނީ ފުން އަސަރުތަކެއް ކޮށްފައެވެ. އެކަމަކު އެ ކަން އެނގެނީ އަހަންނަށެވެ. އަހަރެންގެ މައިންބަފައިންނަކަށް ނޭނގޭނެއެވެ. އެންގޭކަށް ވެސް ނެތެވެ.

“ތަނެއްގަ އިށީނދެލުމަކީ މައްސަލައެއް ނޫނޭ ދީމާ،” ކުޑަކުއްޖަކަށް ވިސްނައިދޭހެން ދީމާއަށް ވިސްނައިދިނީމެވެ. “އެކަމަކު ކުރިން ވެސް އަހަރެން ބުނީމެއްނު މަންމަމެންގެ ވާހަކަ. މިހާރު ފެނިފަ ހުންނާނީ. އަހަރެންގެ އަނބިމީހާ އެ ކަހަލަ ކަމެއް ކުރީމަ މަންމަމެން ލަދުގަންނާނެއްނު! ދޯ! ދީމާއަށް އެނގޭނެ ދީމާ ދެކެ މަންމަޔާ ބައްޕަ ވެސް ކިހާ ލޯބިވާކަން. އަހަރެން ބޭނުމެއް ނޫން އެ ލޯބިން ފުކެއް ވެސް އުނިވާކަށް. އެހެންވެ މި ބުނެލީ.”

އަހަރެން ދެއްކި ވާހަކަ ދީމާ އަޑުއެހިއެވެ. ގަބޫލުކުރިއެވެ.

“އެކަމަކު މަންމަމެން ލަދުގަންނާނެ ކަންތަކާއި ނުގަންނާނެ ކަންތަކުގެ ލިސްޓެއް ނެތި ކިހިނެއް އަހަރެން ކިނބިއްސެއް ވެސް އަޅާނީ؟” ދީމާ ސުވާލުކުރިއެވެ. “ދެން ބަލާނަން ވީހާ ވެސް ރަނގަޅަކަށް އުޅެވޭތޯ.”

ދީމާ ބުނީ ތެދެކެވެ. އަހަންނަށް އެ ކަން ވިސްނެއެވެ. ދީމާ އުޅެބޮޑުވި މާހައުލާއި އަހަރެންގެ މައިންބަފައިންގެ މާހައުލު ވަރަށް ތަފާތެވެ. އަހަރެން ޖެހުނީ އަކުރުމަތީ އަކުރު އަޅައިދޭށެވެ. އަހަރެންގެ މައިންބަފައިން ނުރުހޭނެހެން އަހަންނަށް ހީވާ ހުރިހާ ކަމެއް ދީމާއަށް ކިޔައިދިނީމެވެ. އަހަންނަށް ވިސްނުނު ގޮތުގައި، އިނދެގެން ގެންނަ މީހާ މައިންބަފައިން ގާތުގައި ބެހެއްޓުމަކީ ސިކުނޑިއަށް ތުރާވާނެކަމެކެވެ. ދެބައިމީހުންގެ މައްސަލަތައް ހައްލުކޮށްފައި އަދި އެންމެން އެކުގައި އުޅެވޭނެ ކަހަލަ މާހައުލެއް ވެސް ތަނަވަސްކޮށްދޭން ޖެހެއެވެ. އެއީ ފަސޭހަކަމެއް ނޫނެވެ. ވަޒީފާގައި ގިނަ ވަގުތު ގެއިން ބޭރުގައި އުޅެންޖެހޭ އަހަރެން ކަހަލަ މީހަކަށް ވަކީން އުނދަގޫކަމެކެވެ. އަހަންނަށް އަންނާނީ ފޯނުކޯލެކެވެ. ބަލަންޖެހޭނީ ކަންފަތުންނެވެ. އެހެނަސް އެ ނޫން ގޮތެއް އަހަންނަކަށް ނެތެވެ. ދެ ފަރާތުގައި ވެސް އަހަރެން ލޯބިވާ މީހުންނެވެ.

ޖެހުނު ކުޑަކުޑަ މައްސަލަ ހައްލުކުރީ، އަހަރެން ހިތުން ވަރަށް މޮޅަށެވެ. އެކަކާ ދިމާއަށް ވެސް ބާރަށް އެއްޗެއް ނުބުނެ، އޯގާތެރިކަމާ އެކުގައި ވިސްނައިދީގެންނެވެ. އެކަކު ހިތުގައި ވެސް ކަޅު ލައްގަނޑެއް ނުޖެހެއެވެ. އެހެނަސް ކަޅު ތިއްކެއް ޖެހުނެވެ. އަހަރެންގެ ލޮލަކަށް އެ ތިއްކެއް ނުފެނެއެވެ. އެ ގޮތުގައި ހޭދަވީ އެންމެ ދެ ދުވަހެވެ. އަނެއްކާ ގެއިން ފޯނުކޯލެއް އައެވެ. އެ ފަހަރު ގުޅީ ބައްޕައެވެ. ގަޑިން އޭރު ރޭގަނޑު އަށެއްޖަހަނީއެވެ. ބައްޕަ ހިތުން ބައްޕަ ހުރީ ވަރަށް ހަމަޖެހިފައެވެ. އެހެންނަމަވެސް އެއީ އަހަރެންގެ ބައްޕައެވެ. ރުޅިއައީމައި ބައްޕަ ބޭނުން ކުރާ ލަފުޒުތަކާއި، ރުޅިއައިކަން ނާންގަން ބައްޕަ ބޭނުންކުރާ ލަފުޒުތައް އަހަރެންނަށް އެނގެއެވެ. ބައްޕަ ފުރަތަމަ ވެސް ވާހަކަ ފެށީ އަހަރެން ތުލުސްދޫގައި ކުރާ މަސައްކަތްތަކާ ބެހޭގޮތުންނެވެ. އަހަންނަކީ އޮފީސްކަންކަމުގައި އިރުއިރުކޮޅާ ރަށްރަށަށް ދާ މީހެކެވެ. ކުރަނީ ކީއްކަން ބައްޕައަށް އެނގޭނެއެވެ. ހިތަށްއެރިއެވެ. ކޮންމެވެސް ކަމެއް ގޭގައި ހިނގައިފިއެވެ.

“ކިހިނެއްވީ ބައްޕާ؟” އަހަރެން އެހީމެވެ. “އަނެއްކާ ވެސް ދީމާ ކަމެއްކުރީތަ؟”

އަހަރެންގެ ކުޅަދާނަކަން އެނގުމުން ބައްޕަ ކޮންމެހެން ތަރުވާޒު ދިގުކުރާކަށް ނަހަދައެވެ.

“ހައްތާ ވެސް ދަރިފުޅަށް އުނދަގޫ ނުކުރަން ބައްޕަ އުޅުނީ،” ބައްޕަ ވަރަށް އާދައިގެ ރާގެއްގައި ބުންޏެވެ. “އެކަމަކު މިހާރު އެހެރަ އަށެއްޖެހީ. ދީމާ ހަވީރު ނުކުތް ގޮތަށް އަދިވެސް ގެއަކަށް ނާދޭ. ވީ ތަނެއް އަންގާލީކީ ނޫން. ދަމުން ބުނީކީ ނޫން. އަޅެ ދެރަކަމެއް ވެއްޖެއްޔާ ދަރިފުޅު ވެސް ހިތަށްއަރާނެ ބައްޕަ ކީއްވެހޭ ނުބުނީ. ނޫންތަ؟ މިހާރު މަންމަ ކިތަންމެ ފަހަރަކު ގުޅައިފި. ފޯނެއް ނަގަނީކީ ނޫން. ދަރިފުޅަށް އެނގޭތަ އޭނަ ވީ ތަން؟”

ދީމާ ދުވަހަކު ވެސް އެހެނެއް ނަހަދައެވެ. ކޮންމެ ތާކަށް ދިޔަސް، ކޮންމެވެސް އެކަކު ގާތުގައި ބުނެލާނެއެވެ. އެހެނަސް އެ ފަހަރު އަހަރެން ގާތަކު ވެސް ނުބުނެއެވެ. ހަނދާންނެތުނީކަމަށް ވެސް ވެދާނެއެވެ. އަހަރެން މަސައްކަތްކުރީ މައްސަލަ ފިނިކުރާށެވެ.

“އާނ! ރަށުން ތިމާގެ ބަޔަކު އައިސްގެން އެ މީހުންނާ ބައްދަލުކުރަން ދިޔައީ،” އަހަރެން ދޮގުހެދީމެވެ. “ބައްޕަޔާ މަންމަ ވެސް ނަމާދަށް ހުރީމަ ނުބުނެވުނިއްޔޯ. އަސުރު ވަގުތުއެއްނު ނުކުތީ.”

“ނޭނގޭނެއްނު!” ބައްޕަ އެހެން ބުނިއިރު މަންމަ ކޮންމެވެސް އެއްޗެއް ބުނި އަޑު އަހަންނަށް އިވުނެވެ. “އަޅެ ފަހުން ވެސް ގުޅާލި ނަމަ ދޯ.”

ބައްޕަ ލައްވާ ފޯނުކުރުވީ މަންމައެވެ. މައްސަލަ އިތުރަށް ބޮޑުނުކޮށް މަންމަ ގުޅި ނަމަ މާ ރަނގަޅުވީހެވެ. އެ ކަމަށް ވުރެ ބޮޑަށް އަހަރެން ކަންބޮޑުވީ ދީމާ ދިޔަ ތަނެއް ނޭނގުނީމައެވެ. ވަގުތުން ދީމާއަށް ގުޅީމެވެ. ފޯނެއް ނުނެގިއެވެ. ދެ ފަހަރު ގުޅީމެވެ. ތިން ފަހަރު ގުޅީމެވެ. ފޯނެއް ނުނެގިއެވެ. ދެނެއް އަހަރެން ނުގުޅަމެވެ. ވަރަށް ގިނަ ފިކުރު ސިކުނޑީގައި އެނބުރުނެވެ. ގޭގައި މައްސަލައެއް ޖެހުނީ ހެއްޔެވެ؟ ދީމާ ގެއިން ނުކުތީ ހެއްޔެވެ؟ ނުވަތަ ދީމާގެ ނުފެންނަ ފަރާތެއް ފޮރުވިފައި ވަނީ ހެއްޔެވެ؟ އަހަރެން ހިތުން އަހަރެން ދީމާއަށް ކަންތައް ކުރަމުންގެންދިޔައީ ވަރަށް ރަނގަޅަށެވެ. ވަރަށް ލޯބިންނެވެ. ބަދަލުގައި ދީމާ ވެސް ހަމަ އެހާ ތެދުވެރި ލޯތްބެއް އަހަންނަށް ދިނެވެ. ހީކުރަމުންއައީ އެހެންނެވެ.

ނުވައެއް ޖަހަން އުޅެނިކޮށް ދީމާ ގުޅިއެވެ. އަހަރެން ފޯނުނެގީމެވެ.

“ކޮންތާކު ތި އުޅެނީ؟” އަހަރެން ސުވާލުކުރީ ވަރަށް އޯގާތެރިކޮށެވެ.

“ތިމާގެ ބޭބެޔަކާ އެއްކޮށް ބޭރުގަ މިއުޅެނީ.” ދީމާ ޖަވާބު ދިންލެއް އަވަސްކަމާއި ރާގުން ހީވަނީ އެހެން މީހަކު ލިޔެދީފައިވާ ފޮޅުވަތެއްހެންނެވެ.

އަހަރެންގެ ކަންފަތުގައި ހަރުލީ ދީމާގެ ޖަވާބެއް ނޫނެވެ. ޖަވާބުދީ ނިމުމުން މަޑުމަޑުން އިވުނު ފިރިހެން އަޑެވެ. ދުރުދުރުން އިވުނު މިޔުޒިކުގެ އަޑެވެ. ތަނުގެ ހަމަހިމޭންކަމެވެ. އެކަމަކު ވެސް ޝައްކުކުރާކަށް ބޭނުމެއް ނުވިއެވެ. ދީމާއަކީ އަހަރެން ދެކެ ލޯބިވި ކުއްޖެކެވެ. އަހަންނާ ކައިވެނިކުރަން ބޭނުންވެގެން ކައިވެނިކުރި ކުއްޖެކެވެ. އިސްނަގައި އަހަރެންނަށް ގުޅި ކުއްޖެކެވެ. ހިތް ގަބޫލުކުރަން ބޭނުންވީ ކުރިން ވެސް ގަބޫލުކުރާ ފަލްސަފާއެވެ. ލޯބީގެ ބަދަލުގައި ލިބޭނީ ލޯތްބެވެ. ވަފާތެރިކަމެވެ. ތެދުވެރިކަމާއި އޯގާތެރިކަމެވެ.

“އެކަމަކު ބުނެލާފައެއްނު ދީމާ ދާންވާނީ،” އަހަރެން ވާހަކަދެއްކީ، އަބަދުވެސް ވާހަކަދައްކާ އޯގާތެރި ރާގުގައެވެ. “މަންމަމެން ކިހާ ކަންބޮޑުވާނެ. ބައްޕަ ނުގުޅާތަ؟”

“އާނ އަހަރެންގެ ފޯނަކަށް ނުގުޅާ!” ދީމާ ވަރަށް ޔަގީންކަމާ އެކުގައި ބުންޏެވެ.

އަހަރެން ހިތަށްއެރިއެވެ. ދޮގުހަދަނީ ކާކު ހެއްޔެވެ؟ ބައްޕަ ހެއްޔެވެ؟ ދީމާ ހެއްޔެވެ؟ އެކަމަކު އެ ތަހުގީގެއް ނުފަށަމެވެ. އަހަރެން ބެލީ މަސްލަހަތަށެވެ. މައިންބަފައިންނާއި އަނބިމީހާ ވެސް ރުއްސަން އަހަރެން ބޭނުމެވެ.

“އެހެންތަ؟ ތި ވާނީ ނުބައި ނަންބަރަކަށް ގުޅުނީކަމަށް،” އަހަރެން ބުނީމެވެ. “ތިމާގެ ބޭބެޔޭ ތި ބުނީ ކޮން ބޭބެއެއް؟ ނަޒީހް؟”

އެ ހިސާބަށް ވާހަކަ ދިޔައިރު އަހަރެންގެ ފޯނުން ބެޓެރި ހުލިވާކަމުގެ އިންޒާރު ދޭން ފަށައިފިއެވެ.

“އުހުނ!” ދީމާ ބުންޏެވެ.

“ވާހިދު؟ ރިއްފަތު؟” އަހަންނަށް އެނގޭ ތިން ނަން އަހަރެން ހަމަކޮށްލީމެވެ.

“އުހުނ!” ދީމާ ޖަވާބުގައި ބުންޏެވެ.

ކުރު ޖަވާބެއްދީފައި ދީމާ ތަފުސީލު ނުދޭތީ އަހަރެން ކުޑަކޮށް ހިތްހަމަނުޖެހުނެވެ. ވަކި ހިސާބަކުން ސުވާލުކުރުން އަހަރެން ހުއްޓާލާނެހެން ދީމާއަށް ހީވީ ހެއްޔެވެ؟ ކުރިން އަހަރެން އެހެން ހަދާތީއެވެ.

“އެއްބަޑުއެއްބަފާ މީހެއް ނޫން. ކަޒިންއެއް ނޫން،” އަހަރެންގެ ރާގު ބަދަލުވާން ފެށިއެވެ. “ބޮޑުބޭބެއެއް ނޫން. ދެން ކާކު ތި ތިމާގެ ބޭބެއަކީ؟ ރަށު މީހެއް؟”

“އުހުނ!” ދީމާ އަނެއްކާ ވެސް ދިނީ ކުރު ޖަވާބެކެވެ. “އައްޑޫ މީހެއް.”

އައްޑުއަކު ދީމާގެ ތިމާގެ މީހަކު ނުހުންނާނެއެވެ. އާއިލީ ގާތް އެކުވެރިއެއް ވެސް ނުހުންނާނެއެވެ. އެ ވަރު އަހަންނަށް އެނގެއެވެ. އެ ހިސާބުން ދެން ނުކުރަންވާ ޝައްކު އަހަންނަށް ކުރެވިއްޖެއެވެ.

“އައްޑޫ މީހެކޭ؟ ދީމާ ތިމާގެ މީހަކު އައްޑޫގަ ހުންނަންވީ ކީއްވެ؟” ތަންކޮޅެއް ހަރުކަށިކޮށް އަހަންނަށް ބުނެވުނެވެ. “ކޮންތާކު ތި ތިބީ؟ ރެސްޓޯރަންޓެއްގަތަ؟ އޭނަ އެބައިން ދޯ ކައިރީގަ؟”

ދީމާ ފޯނުގެ މައިކު މަތީގައި އަތްއެޅިހެން އަހަންނަށް ހީވިއެވެ. ކޮންމެވެސް އެއްޗެއް ބުނިހެން ވެސް ހީވިއެވެ. އަހަރެން ދީމާއަށް ގޮވި ނަމަވެސް ދީމާގެ ޖަވާބެއް ނައެވެ. އެ ނުބައި ދަނޑިވަޅުގައި، ބެޓެރި ހުލިވެގެން އަހަރެންގެ ފޯނު ނިވުނެވެ.

ނުނިމޭSource link

Leave a Reply

Related Articles