• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ވާހަކަ ⁄ ބުލްބުލް

ބުލްބުލް


އާދިއްތަ ދުވަހާ ގުޅޭ

“މާލެއަންނައިރު ބުރުގާއަޅައިގެން ހުންނަންވީ،” ނޭވާ ހިފާއްޓައިލައިގެންހުރެ އަހަރެން ބުނީމެވެ. “އޯކޭތަ؟”

ދީމާ ވިސްނަން ވަގުތުކޮޅެއް ނެގިއެވެ. އެއްޗެއް ނުބުނެ އިރުކޮޅެއްވިއެވެ. އެ ބުނެވުނީ ކިހާ ބޮޑު އެއްޗެއްކަން އަހަންނަށް ވިސްނުނެވެ. ބައެއް ފަހަރު އެއްޗެއް ބުނުމަށް ވުރެ ނުބުނުމުން ދޭހަވާ މާނާ މާ ފުނެވެ. އަހަރެން ހިތަށްއެރިއެވެ. ބުރުގާއަޅާކަށް ދީމާ ބޭނުމެއް ނޫނެވެ. އެކަމަކު އޭނަ ވިސްނީ އަހަންނަށް ޓަކައި އާނއެކޭ ބުނާށެވެ.

“އަހަރެން ރުއްސަން އާނއެކޭ ނުބުނާތި!” އަހަރެން ހަނދާންކޮށްދިނީމެވެ. “ދީނީގޮތުން ކުރަންޖެހޭ ކަމެއް ކުރަންވާނީ ހިތުންރުހުމުން ގަބޫލުވެގެން. އަހަރެން ބުނީތީ ކުރިޔަސް، ދީމާ ކުރާހިތުން ކުރަންޖެހޭނީ.”

“ބުރުގާއެޅުމަކީ ރަނގަޅުކަމެއް،” ދީމާ ވަރަށް ހަމަޖެހިލައިފައި ބުންޏެވެ. “އެ ކަން ކުރަން ވެސް ބޭނުން. އެކަމަކު ދެން، ކަންތައްތައް ހުރި ގޮތުން ނުވެގެން ނުވެގެން މިދަނީ.”

ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް އަހަންނަށް ލިބުނެވެ. އެއާއެކު ސުވާލެއް ވެސް އުފެދުނެވެ.

“ކަންތައްތައް ހުރި ގޮތުންނޭ؟” އަހަރެން އެހީމެވެ.

“އަތްދިގު ހެދުން ހުންނަންޖެހޭނެއްނު،” ދީމާ ތަފުސީލުކޮށް ކިޔައިދިނެވެ. “ކިހިނެއް ފުލުފުލުގަ ހެދުންފަހާނީ؟ ކުރިން ބޭނުންކުރި ހުރިހާ ހެދުންތައް ބާކީކޮށްލައިފިއްޔާ ނޯންނާނެ އެންމެ ހެދުމެއް ވެސް. އެހެންވެ މި ވިސްނަނީ.”

އަހަރެން ބޮޑެތި ޚަރަދުތަކެއް ކޮށްފީމެވެ. ކުރަންހުރި ޚަރަދުތައް ވެސް ކުޑައެއް ނޫނެވެ. މާލެގެނެސް ދީމާ ބަހައްޓަން އަހަރެން ނިންމީ އަހަރެންގެ ކޮޓަރީގައެވެ. އެއީ ބޮޑު ކޮޓަރިއެއް ނޫނެވެ. ރަށުގައި ދީމާ ނިދާ ކޮޓަރިއަށް ވުރެ ކުޑައެވެ. އެހެނަސް، ދެމަފިރިޔަކާއި އެންމެ ކުއްޖަކަށް ފުދޭވަރު ވެއެވެ. އަހަންނަށް ދަރިޔަކު ލިބި، އެ ދަރިފުޅު ބޮޑުވާން ފެށުމުން އެހެން ތާކަށް ބަދަލުވާނީއޭ ހިތަށްއެރިއެވެ. އަހަރެންގެ ދޮންތައަކީ ފަހާ މީހެކެވެ. ދީމާގެ މިންތައް ލިބިއްޖެއްޔާ ދީމާ މާލެއަންނަންވާ އިރަށް ދެ ހެދުން ފަހައިދޭން ދޮންތަ އެއްބަސްވިއެވެ. ފަހަން ޚަރަދެއް ނުގޮސް ހެދުމުގެ މައްސަލަ ވެސް ހައްލުވީއެވެ.

ދީމާ މާލެއައީ ބުރުގާ ނާޅައެވެ. އެހެންނަމަވެސް މާލެއައި ދުވަހު ބުރުގާއެޅިއެވެ. ގިނަ މީހުންނަށް ދީމާ ފެންނާނީ ބުރުގާއަޅައިގެން ހުއްޓައެވެ. ދީމާޔާ އަހަރެން ކައިވެނިކުރީ ދީމާޔާ ބެހޭގޮތުން މާ ގިނަ އެއްޗެހިތަކެއް އެނގިގެނެއް ނޫނެވެ. ހަމަލޮލަށް ދީމާ ފެނުނު ދުވަސް ނޫން އަނެއް ދުވަހު ދީމާއަކީ އަހަރެންގެ އަނބިމީހާއެވެ. ކައިވެނިކޮށްގެން މަޑުނުކޮށް އަހަރެން މާލެއައީއެވެ. ދެމަފިރިންނަށް އެކުގައި ވަގުތު ހޭދަކުރެވެން ފެށީ މާލެއަށް ދީމާ ގެނައި ފަހުންނެވެ. ދީމާއަކީ ވަތްގަނޑުގައި އޮތެއްކަމަކު ހުޅުވައި ބަލަން ފުރުސަތު ނުލިބި އޮތް ފޮތެކެވެ. ކަޅު ސަފުހާތަކެއް ފޮތުގައި ހުރިކަން އެނގެއެވެ. ދެން ހުރި ސަފުހާތަކުގައި ހުރީ ކޯޗެއްކަމެއް ނޭނގެއެވެ. ޖިންސީގޯނާގެ ސަބަބުން އަންހެންކުއްޖެއްގެ ހަޔާތަށް ކުރިމަތިވާ ގޮންޖެހުންތަކަކީ ކޮބައިކަމެއް އަހަންނަކަށް ނޭނގެއެވެ. ހާއްސަކޮށް، އެ ފަދަ ކުއްޖަކު އަހަރެންގެ އަންބަކަށް ވުމުން ދެން އަހަރެން ތަފާތުކޮށް ކުރަންޖެހެނީ ކޮން ކަންތައްތަކެއްކަމެއް ވެސް ނޭނގެއެވެ. އެ ކަން އެނގުނީ އެންމެ ހިތްދަތި ގޮތަށެވެ. އެންމެ އުނދަގޫ ގޮތަށެވެ.

ރޭގަނޑު ނިދަންވެގެން ކޮޓަރިއަށް ވަދެފައި ދީމާ ފާހާނާޔަށް ވަނެވެ. އަހަރެން ވަރަށް ހަމަޖެހިލައިގެން އޮށޯވެލައިގެން އޮތީމެވެ. ތިރީހަކަށް މިނެޓު ވީއިރު ވެސް ދީމާ ފާހާނަޔަކުން ނުނިކުތެވެ. އެކި ކަންކަމާ މެދު ވިސްނަން އިރުކޮޅަކު އޮވެލައިފައި ގަޑި ބަލައިލިއިރު އެއް ގަޑިއިރު ވަނީއެވެ. އަހަރެން ގަތީ ޒާތެއްގެ ބިރެކެވެ. ފުރަތަމަ ހީކުރީ ދީމާ ހޭނެތުނީކަމަށެވެ. އޭނައަކީ އެ ފަދަ ބައްޔެއް ހުންނަ ކުއްޖެއްކަމަށެވެ. ދިޔަ ގޮތަށް ގޮސް ފާހާނާ ދޮރުގައި ތަޅައިގަތީމެވެ. ގޮވަން ފެށީމެވެ. ދީމާގެ ޚަބަރެއް ނުވިއެވެ. ގޯތިތެރެއަށް ނުކުމެގެން ގޮސް ފާހާނާގެ ފެންލައިޓު ކައިރީގައި ހުރެގެން މަޑުމަޑުން ދީމާއަށް ގޮވީމެވެ. ދެން ވެސް ޖަވާބެއް ނުލިބުނެވެ. އެކަމަކު ދީމާ ގިސްލާ އަޑު އިވުނުހެން ހީވިއެވެ. ތަންކޮޅެއް ހަމަޖެހިލައިގެން އަޑުއެހީމެވެ. ރޮނީކަން ގައިމުވީ އެ ހިސާބުންނެވެ. ދެން ވެސް ދީމާ ރޮނީ ކީއްވެގެންކަމެއް ނޭނގުނެވެ. ހިތަށްއެރިއެވެ. ކޮޓަރި ކުޑަވީބާއެވެ؟ މާ ދަތީބާއެވެ؟ ދީމާގެ މައިންބަފައިންމަތިން ހަނދާންވީ ހެއްޔެވެ؟ ހަރުގަނޑު ބަހައްޓައިފައި އަރައި ކުޑަދޮރުން އެތެރެ ބަލައިލީމެވެ. ދީމާ ހުރީ ދޮރު ކައިރީގައި އިސްޖަހައިލައިގެންނެވެ.

“ކިހިނެއްވީ؟” އަހަރެން މަޑުމަޑުން އެހީމެވެ. “ކިހިނެއްވީ ދީމާ؟ ދޮރުހުޅުވަބަލަ!”

ދީމާ ޖަވާބެއް ނުދިނެވެ. ނުވެސް ބެލިއެވެ. ރުއިން ހުއްޓައެއް ވެސް ނުލިއެވެ. އަހަރެން ހިތަށްއެރިއެވެ. މި ޖެހުނީ ވަރުގަދަކަމަކާއެވެ. ބޭކާރު އެތަކެއް ސުވާލެއް އަހަރެންގެ ހިތަށްއެވެ. ދީމާއާއި އަހަރެންގެ ކައިވެންޏަކީ ދީމާގެ މައިންބަފައިން ގަދަކަމުން ކުރުވި ކައިވެންޏެއް ހެއްޔެވެ؟ ކޮންމެވެސް އެހެން މީހެއް މަތިން ދީމާ ހަނދާންވަނީ ހެއްޔެވެ؟ ހަރުގަނޑަށް އަރާހުރެ މަޑުމަޑުން އެތަކެއް ވާހަކައެއް ދައްކައިގެން ކޮޅެއް ނުފެނިގެން ކުޑަދޮރުން އެތެރެއަށް ފޭބީމެވެ. ވަރަށް ހާލުންނެވެ. ގައިގެ ދެތިން ތަނެއް މަށައިލައިގެންނެވެ. ފާހާނާއަށް ވަދެފައި، ދޮރު ހުޅުވައިފައި ދީމާ ގެނެސް އެނދުގައި ބޭންދީމެވެ. އެންމެ ފަހަރަކު ނޫނެވެ. އެތައް ފަހަރަކުއެވެ. ބައިންދާއިރަށް ދީމާ ތެދުވެއެވެ. ކަންބޮޑުވެފައި އަހަންނަށް ބަލަހައްޓައިގެން ހުރެއެވެ. އެ ލޮލުން ކުރާ ސުވާލަކާއި އެ ހިތުގައި ޖަހާ ވިންދެއް އަހަންނަކަށް ނީވެއެވެ. ބިރުގެންފައިވާ ދީމާގެ ބެލުން ތަރުޖަމާކުރާކަށް އަހަންނަކަށް ނޭނގުނެވެ. ޔަގީނުން ވެސް ދީމާ ހުރީ ބިރުގެންފައެވެ.

“އަހަރެން އެނދުގަ ނާއްސައްޗޭ!” އާދޭހާ އެކުގައި ދީމާ ބުންޏެވެ.

އަހަންނަށް ވިސްނުނީ އެ ހިސާބުންނެވެ. ދީމާއަށް ބަޔަކު ކޮށްފައިވާ އަނިޔާ އަހަރެން ހަނދާންވީ އެ ވަގުތުއެވެ.

“ދީމާ!” މަޑުމަޑުން އަހަރެން ބުނީމެވެ. “ދީމާ ހަމަ އަރާމުގަ މި އެނދުގަ އޮށޯވެގެން ނިދާލާ!”

އަނެއްކާ ވެސް ދީމާ އެނދުގައި ބައިންދަންވެގެން ދީމާގެ އަތުގައި އަހަރެން ހިފުމުން އަހަރެންގެ އަތް ފޮޅުވައިލިއެވެ. އަހަންނަށް އިތުބާރުކުރުމަކީ ދީމާއަށް އެހާ ފަސޭހަކަމަކަށް ނުވިއެވެ.

“އެ މީހުން ވެސް އަހަރެން ނިދާފައޮއްވާ އައްސަނީ،” ދީމާ ރޮއިގެންފައި ބުންޏެވެ. “އެކަމަކު އައިންތު ބުނި ހަންނާނު ވަރަށް ރަނގަޅުވާނޭ. ވަރަށް ވަރަށް ރަނގަޅުވާނޭ.”

“އެކަމަކު ދީމާ ތި އުޅެނީ އިތުބާރުނުކުރެވިގެނެއްނު ދޯ؟ މަޑުކޮށްލާ!” އަހަރެން ބުނީމެވެ.

ދީމާގެ އަތުގައިހިފުމުގެ ބަދަލުގައި އަހަރެން ދިޔައީ ދީމާޔާ ދުރަށެވެ. އެނދާ ވެސް ދުރަށެވެ. އެންމެ ފަހުން ކޮޓަރިން ނުކުތީމެވެ. އަލުން އަހަރެން ވަންއިރު ވެސް ދީމާ ހުރީ ކުރިން ހުރި ތަނުގައި ބުދެއްހެން ގާވެފައެވެ.

“ދީމާ އަތުން އަހަރެން ބަނދެފަ ނިދާ!” ރޯނުގަނޑެއް ދިއްކޮށްލަމުން އަހަރެން ބުނީމެވެ. “އަހަންނަށް އިތުބާރުކުރެވެންދެން ކޮންމެ ރެޔަކު ވެސް އަހަރެން ބަނދޭ!”

ދީމާ އިރުކޮޅަކު ވިސްނަން ހުއްޓެވެ. އަހަރެން ހީކުރީ އެ ހިސާބުން އަހަންނަށް އިތުބާރުކުރަން ދީމާއަށް ދަސްވީކަމަށެވެ. ކަންތައްވީ އެހެނެއް ނޫނެވެ. ދީމާ ހިތްހަމަޖެހުނީ އަހަރެން ބަނދެގެންނެވެ. އަންހެންކުއްޖެއްގެ އިއްފަތްތެރިކަމަށް އަރައިގަތުމުން ކުއްޖާއަށް ކުރާ އަސަރު އަހަންނަށް ވިސްނުނީ އެ ރެޔެވެ. ނިދަންއޮވެގެން އަހަންނަށް ރޮވުނެވެ. އަހަރެން އައްސައިފައި އޮތީމައެއް ނޫނެވެ. ދީމާއަށް ޓަކައި އަހަރެންގެ ހިތަށް ވަން ލޯތްބާއި ހަމްދަރުދީގެ ސަބަބުންނެވެ. ދަންވަރު ކުޑަކަމުދާން ޖެހިގެން އަހަންނަށް ހޭލެވުނު ވެސް މެއެވެ. އެކަމަކު ދީމާ ނިދައިލައިފައި އޮތްލެއް ލޯބިކަމުން ކެތްކޮށްލައިގެން އޮއްވައި ނިދުނީއެވެ. ފަތިހު އަހަރެން ޖެހުނީ ގޮދަޑި އަވީލާށެވެ. އަހަރެންގެ މުޅި ހަޔާތުގައި ވެސް އެހާ ލަދުވެތި ފަތިހެއް ނާދެއެވެ.

ވިދިވިދިގެން ނުވަ ރޭ ބަނދެވިގެން އަހަރެން ނިދީމެވެ. ބަންނަނީ އަހަންނަށް ގުޑައިނުލެވޭ ވަރަކަށް ނޫނެވެ. ފުރޮޅިލެވޭ ވަރަށް ތަންލާފައެވެ. ބައެއް ރޭރޭ ގައިގެ ތަނެއް ކަހައިނުލެވިގެން އުޅެންޖެހެއެވެ. ކަރުހިއްކައިގަނެގެން ހޭލެވެއެވެ. އެއް ރޭ ގަޔަށް ނަންނުގައްޗެއް ވެއްޓިގެން ވެސް ހޭލެވުނެވެ. އެކަމަކު ދީމާއަކަށް ނުގޮވަމެވެ. ކެތްކޮށްލައިގެން އޮތީއެވެ. ހިތަށްއެރިއެވެ. ކުށްކުރީ އެހެން ދެ މީހެކެވެ. އަދަބަށް ކެތްކުރަން ޖެހުނީ އަހަންނަށެވެ. މި ލޯތްބަށް ކިޔާނެ ނަމެއް ވެސް އޮންނަންޖެހޭނެއެވެ.

އަހަރެންގެ ނަސީބު ހިނިތުންވާން ފެށީ ދިހަވަނަ ރެއިން ފެށިގެންނެވެ. އެ ރޭ އަހަރެންގެ ފަޔެއް ނާއްސައެވެ. ޖެހިގެންއައި ރޭ އެއް އަތް މިނިވަންކުރިއެވެ. އޭގެ ދެ ރެޔެއް ފަހުން ފުރިހަމަ މިނިވަންކަމެއް އަހަންނަށް ލިބުނެވެ. ދެން ވެސް އަހަރެން ކެތްތެރިވީމެވެ. އަނބިމީހާ ގައިގަ އަހަރެން އަތްލީ އޭނަ އިސްވެ އަތްލަން އެދުމުންނެވެ. މާމުއިހަނދަން ދަތުރުކުރެވުނީ ކައިވެނިކުރިތާ ދެ މަސް ވާން އުޅެނިކޮށެވެ.

ބަދަލުގައި ލޯބި ލިބޭނެކަމަށް ލޯބި ދިނުމަކީ، ރާޅު ފޯރާ ފަށުގައި ދޮންވެލިން ގެ ހެދުން ކަހަލަ ކަމެކެވެ. ކޮންމެވެސް ފޮތެއްގައި އެހެން ލިޔެފައިއޮއްވައި އަހަރެން ދުށީމެވެ. އަހަރެން ގަބޫލެއް ނުކުރަމެވެ. އަހަރެން ދިން ލޯބީގެ ބަދަލުގައި ދީމާގެ ފަރާތުން ލޯބި ލިބުނެވެ. މަޑުމަޑުން ލަސްލަހުންނެވެ. އަހަރެން ހިތްހަމަނުޖެހޭ ކަހަލަ އެއްވެސް ކަމެއް ދީމާގެ ފަރާތަކުން ނުފެނެއެވެ. މުރާލިކަމާއި، އެކުވެރިކަމުގެ ސަބަބުން ގޭގެ އެންމެންގެ ހިތް ދީމާ އަތުލިއެވެ. ބައްޕަގެ އިތުބާރު ހޯދިއެވެ. ބައްޕައަށް ކުރިން ކުރެވުނީ ކުށްހީއެއްކަމަށް އެއްބަސްވިއެވެ. އަހަރެން އެންމެ އުފާވީ ބައްޕަ އިސްވެ އެ ވާހަކަ އަހަރެން ގާތުގައި ބުނުމުންނެވެ. ދީމާއަކީ ގެވެހި ކުއްޖެކެވެ. މީރުކޮށް ކައްކަން ދަންނަ ކުއްޖެކެވެ. ދީމާ އައިފަހުން މަންމަ ބަދިގެއަށް ވަންނާކަށް ނުޖެހެއެވެ. ދީމާއަށް ޓަކައި މަންމަގެ ހިތް ލޯބިން އުތުރިއެރިއެވެ.

ގޯސް އެއްވެސް ސިފައެއް ނެތް މީހަކު އަހަރެން ނުދެކެމެވެ. އަމުދުން އެ ފަދަ އަންހެނަކު އަހަރެންގެ ހަޔާތަށް އަތުވެދާނެކަމަކަށް އަހަރެން ދުވަހަކު ވެސް ހިޔެއްނުކުރަމެވެ. ދީމާއަކީ އަހަންނަށް ލިބުނު އަގުހުރި ޖަވާހިރެކެވެ. އުފަލާއި ހިތްހަމަޖެހުމުގައި ދުވަސްތައް ގުނަމުން ގޮސް، އޮފީސް ދަތުރެއްގައި އަހަރެން ތުލުސްދޫއަށް ފުރަންޖެހުނެވެ. އެއީ، ދީމާޔާ ކައިވެނިކުރި ފަހުން ރަށުން ބޭރަށް އަހަރެން ކުރަންޖެހުނު ފުރަތަމަ ދަތުރެވެ.

ތުލުސްދޫއަށް އަހަރެން ދިޔަ ދުވަހު އިރުއޮއްސެން އުޅެނިކޮށް މަންމަ ގުޅިއެވެ.

“ދަރިފުޅާ!” ވަރަށް ހިތްހަމަނުޖެހިފައި މަންމަ ބުންޏެވެ. “ކޮންއިރަކުން މާލެއަންނަނީ؟”

“މަންމާ! އަދި މި އުޅެނީ މިކޮޅަށް އައިސް ރަނގަޅަށް ހަމަޖެހިނުލެވިގެން،” އަހަރެން ބުނީމެވެ. “ކިހިނެއްވީ؟”

“ދީމާ ވަރަށް ސަަކަރާތް ކަމެއް ކޮށްފި!” ޝަކުވާގެ ރާގަކަށް މަންމަ ބުންޏެވެ.

“އޭނަ ކީއްކުރީ؟” ހައިރާންވެފައި އަހަރެން އެހީމެވެ.

ނުނިމޭSource link

Leave a Reply

Related Articles