• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ވާހަކަ ⁄ ބުލްބުލް

ބުލްބުލް


އާދިއްތަ ދުވަހާ ގުޅޭ

އެ ނުބައި ދަނޑިވަޅުގައި، ބެޓެރި ހުލިވެގެން އަހަރެންގެ ފޯނު ނިވުނެވެ. އެ ދަނޑިވަޅުގައި ދީމާޔާ ގުޅުންކެނޑުން ވެގެންދިޔައީ ނުބައި ފާލަކަށެވެ. ނުވިސްނަންވީ ދިމާތަކަށް ވިސްނި، ނުކުރަންވާ ކަންތައްތައް ކުރަން ހިތް ވަސްވާސްދިން ސަބަބަކަށެވެ. ބުނާ އަޑު އަހަމެވެ. ކަމަކާ ދޭތެރޭގައި ހިތްހަމަނުޖެހިއްޖެއްޔާ އެކަނި އިނދެގެން އެ ކަމަކާ މެދު ނުވިސްނާށެވެ. އެކަމަކު އަހަންނަކަށް ހިތަކަށް ބާރެއް ނުފޯރުވުނެވެ. އަހަރެންގެ ކަންފަތް ކައިރީގައި ސިއްރުސިއްރުން މީހަކު ބުނާ ކަހަލައެވެ. ދީމާއަށް ޓަކައި ހިތުގައި ހަމްދަރުދީ އުފެދިގެން، މައިންބަފައިންނަށް ކަންކަން ސިއްރުކޮށްގެން ކައިވެނިކުރީމައި ލިބުނު އިނާމު ނިކަން ދެކިބަލާށެވެ. ވަފާތެރިކަމާއި ލޯބީގެ އަގަކީ މިއީ ހެއްޔެވެ؟ ދީމާއަކީ ޝުކުރުވެރި ނުވާ، ކެހިވެރި އަންހެނެކެވެ.

ފޯނު ޗާޖުކުރަން ޗާޖަރު ހޯދާހޯދާ ވަރުބަލިވިއިރު ވެސް ޗާޖަރެއް ނުފެނުނެވެ. ލެވުނު ތަނެއް ނޭނގުނެވެ. އަހަރެން ބޭނުންވީ އެ ވަގުތު ދީމާއަށް ގުޅާށެވެ. އަލިފުން ޔާއަށް އޮޅުންފިލުވާށެވެ. އެހެނަސް އެ ފުރުސަތެއް ނުލިބުނެވެ. ރުޅިގަނޑު އުނދުންމައްޗަށް އުދައިގެން އަލިފާންގަނޑަށް ދަރުއަޅަން އިނދެވުނީއެވެ. ހިތަށްއެރިއެވެ. ދީމާ އެ ކުރީ މާފުކުރެވޭ ވަރުގެ ކުށެއް ނޫނެވެ. ދެން ހިތަށްއެރިއެވެ. ދީމާއަކީ ހަގީގަތުގައި ވެސް ހަށިފޭރިފައިވާ ކުއްޖެއް ހެއްޔެވެ؟ ނުވަތަ އެހެން މީހެއް ދެކެ ދީމާ ލޯބިވާތީ ދީމާ ގައިގައި އަހަރެން އަތްލަން އޭނަ ބޭނުން ނުވީ ހެއްޔެވެ؟ އަހަރެން މޮޔަހެއްދީ ހެއްޔެވެ؟ ދަނޑިވަޅު ލިބުމުން ލޯބިވެރިޔާ ގާތަށް ދިޔައީ ހެއްޔެވެ؟ އެހެންވިއްޔާ ފަހުން ދީމާ ގައިގައި އަހަރެން އަތްލަން ދީމާ ރުހުނީ ކީއްވެގެން ހެއްޔެވެ؟

ފޯނު ޗާޖަރު ފެނިގެން ދީމާއަށް ގުޅުނީ ދޮޅު ގަޑިއެއްހާއިރު ފަހުންނެވެ. ގުޅުނުއިރު ދީމާ ހުރީ ގޭގައެވެ. ދީމާ ބުނީ އެހެންނެވެ. އަހަންނަކަށް ހަގީގަތެއް ނޭނގެއެވެ.

“ކޮންތާކުން ކިހިނެއް ދިމާވި މީހެއް އެއީ؟” އަހަރެން ވަރަށް ހަރުކަށިކޮށް ސުވާލުކުރީމެވެ.

އެއްޗެއް ނުބުނަން ދީމާ އުޅުނެވެ. އެކަމަކު އަހަރެން ދުލެއްނުދެމެވެ. ކުރިޔަށް ވުރެ ބާރަށް ހަޅޭއްލަވައިގަތީމެވެ. ސުވާލު ތަކުރާރުކުރީމެވެ.

“ތަންކޮޅެއް ކުރިން ރަށަށް ފުޓުބޯޅަކުޅެން އައި މީހެއް،” ޖެހިލުންކުޑަ ރާގަކަށް ދީމާ ބުންޏެވެ. “ތި ހީކުރަނީ ބާރަށް ހަޅޭއްލަވައިގަތީމަ އަހަރެން ބިރުގަންނާނެ ކަމަށްތަ؟ ހަންނާނު ދެކެ އަހަރެން އެއްވެސް ބިރެއްނުގަނޭ.”

އަހަރެންގެ ރުޅިގަނޑު މެދުން ބިންދައިގެންދިޔަ ކަހަލައެވެ. ކުށެއް ކުރެވުނީމައި ވެސް ވީ ތިމާގެ ކެރޭކަން އަންގަން ހެއްޔެވެ؟ ތަންކޮޅެއް ކިޔަމަންތެރިކަމާއި، ކުށް ގަބޫލުކުރާ ކަހަލަ ރާގެއް ބޭނުންކުރި ނަމަ އަހަރެންގެ ހިތް ކަފަކޮޅަކަށް ވެސް ހެދުނީހެވެ. ދީމާގެ އަޑަކީ ކަންފަތަށް ފަސޭހަ، ހިތްގައިމު އަޑެކެވެ. އެ ޖާދޫގައި އަހަރެން ޖެއްސުނީހެވެ. އެހެންނަމަވެސް، ކޮންމެވެސް މީހަކު ދީމާއަށް ތަމްރީނުދީފައިވާ ކަހަލައެވެ. އެ މީހަކީ ކާކުކަން އަހަންނަށް ވިސްނުނެވެ.

“ފުޓްބޯޅަކުޅެން ރަށަށް އަރާ ކޮންމެ މީހަކީ ދީމާގެ ތިމާގެ ބޭބެއެއްކަމަށް ވަންޏާ މިހާރު ބޭބެތައް އުތުރިއަރާނެތާ،” އަހަރެން ބުނީމެވެ. “ފުރަތަމަ މަކަރުހެދީ. ދެން ދޮގުހެދީ. މިހާރު ތި އުޅެނީ އަހަންނާ ޖަދަލުކުރަން. ހިޔެއްނުކުރަން ދީމާ ތިހާ ގޮތްކުޑަވާނެ ކަމަކަށް. ދެން މިހާ ހިސާބަށް އެނގުނީމަ ނުކިޔާދީ އޮތް ބައި ވެސް ކިޔާދީބަލަ! އޭރުންތާ ދިމާގެ ކެރޭކަން އަހަންނަށް ވެސް އެނގޭނީ. ތި ބުނާ ބޭބެޔަކާ ދިމާވި ގޮތަކާ، ކުރި ކަމަކާ ވެސް ކިޔައިދޭންވީނު.”

އަހަރެން ހީކުރީ ރުޅިއައިސްގެން ދީމާ ފޯނުކަނޑާލާނީ ކަމަށެވެ. ކަންތައްވީ އެހެނެއް ނޫނެވެ.

“އެއްދުވަހަކު ހަވީރުކޮޅު އަހަރެން ފެންބަލާ ދަނިކޮށް ހޭޅިފަށާ ދިމާއިން އޭނަ ފެނުނީ،” އެއްވެސް ޖެހިލުމެއް ނެތި ދީމާ ބުންޏެވެ. “އަހަރެން ފެންނައިރަށް އޭނަ ބުނެފި އައިސްބަލާށޭ! ބުނީމަ އަހަރެން އޭނަ ކައިރިއަށް ދިޔައީ. ދިޔައިމަ ބުނެފި ހިނގާބަލާށޭ ގަސްތަކުތެރެޔަށް. އަހަރެން ވަރަށް ލަދުގަތް. ބިރު ވެސް ގަތް. ބުނާނެ އެއްޗެއް ނޭނގި ވިސްނަން ހުއްޓާ އޭނަ އަތުގަ ހިފައިފި. ދެން އަހަންނަށް ދެވުނީ.”

ދީމާ ކުރިމަތީގައި އަހަންނަށް ހުރެވުނު ނަމަ އަހަރެން އަތްތިލަބަޑިޖެހީމުހެވެ. ދެއްކި އުޒުރު މޮޅުކަމުންނެވެ. އެހީމުހެވެ. މީހަކު އަތުގައިހިފާ އިރަށް ދީމާ ދާންޖެހޭ ހެއްޔެވެ؟ ފޯނުން އެ ވާހަކަ ދެއްކުމުގެ ބޭނުމެއް އަހަންނަކަށް ނުވިސްނުނެވެ. އަހަރެން ފޯނު ބޭއްވީއެވެ. އަހަރެންގެ ރުޅިގަނޑު ދީމާއަށް ފޮޅައިލުމަކުން ވާނެ މޮޅެއް ނެތެވެ. ދީމާ ފޯނު ކަނޑާލާނީއެވެ. އެ ޝަރަފު ހޯދީ އަހަރެންނެވެ.

އަހަރެން ދިޔައީ މިސްކިތަށެވެ. ދެ ރަކުއަތް ނަމާދެއްކުރީމެވެ. އެ ހިސާބުން ހަމަ ބުއްދި އެނބުރި އަތުވެއްޖެއެވެ. ހިތަށްއެރިއެވެ. ދީމާއަށް ހަޅޭއްލެވުމުގެ ބޭނުމެއް ނެތެވެ. ރުޅިއައުމުގެ ބޭނުމެއް ވެސް ނެތެވެ. ލޯތްބަކީ ޝަރުތަކާ ނުލައި ވާންޖެހޭ އެއްޗެކެވެ. ލޯބީގެ ބަދަލުގައި ލޯބި ނުލިބި ހިނގައިދާނެއެވެ. އެކަމަކު ދީމާ ދެކެ އަހަރެން ލޯބިވެއެވެ. ދެން ވެސް އެ ލޯބި ބަދަލެއް ނުވާނެއެވެ. ލޯބިވާތީ އެކުގައި އުޅުނީމެވެ. ލޯބިވެރިޔާއަށް ޓަކައި ވަކިނުވެވެންވީ ކީއްވެގެން ހެއްޔެވެ؟ ދީމާ އުފަލުގައިއުޅެން އަހަރެން ބޭނުމެވެ. އެއީ އަހަރެންގެ ބުލްބުލްއެވެ.

ދީމާގެ ބޭބެއަށް އަހަރެން ގުޅީމެވެ. ވީ ގޮތް ކިޔައިދިނީމެވެ. ދީމާ ކުށްވެރިކުރާކަށް އަހަރެން މަސައްކަތެއް ނުކުރަމެވެ. އަހަރެން ކުށްވެރިކުރީ އަހަރެންނެވެ. ދީމާއަކީ އެހެން ކުދިންނާ ތަފާތު ކުއްޖެކެވެ. ދީމާއާ އިންނަންޖެހޭނީ ހުރިހާ ވަގުތެއް ދީމާއަށް ޓަކައި ހުސްކުރެވޭ ވަރުގެ މީހެކެވެ. އެކަހެރިކަމާއި އެކަނިވެރިކަން ދީމާއަށް ވާނީ ޒަހަރަކަށެވެ. އިރުއިރުކޮޅާ ކުށްދެއްކުމަކީ ދީމާގެ މިނިވަންކަމަށް އެޅޭ ވަރުގަދަ ހުރަހެކެވެ. ކޮންމެކޮންމެ އަންހެންކުއްޖަކަށް އެއީ މައްސަލައަކަށް ނުވެދާނެއެވެ. ދީމާއަކީ އާދައިގެ ކުއްޖެއް ނޫނެވެ.

“އާއިލާޔާ ދުރުގަ ދީމާ އެހެރީ،” އަހަރެން ބުނީމެވެ. “އަހަރެން ބޭނުންވަނީ ދީމާއަށް ރަށަށް ދެވޭނެ ގޮތެއް ބޭބެ ހަމަޖައްސަން. އަހަރެން ބަލާނަން ވީހާ ވެސް އަވަހަކަށް ދީމާ މިނިވަންކޮށްދެވޭތޯ. އެކަކު ވެސް ދީމާއަށް ހަޅޭއްލަވާ އެއްޗެހިކިޔާ ނަހަދާތި!”

ހުރިހާ ކަމެއް ދިޔައީ ވަރަށް އޮމާންކޮށެވެ. ބޭބެ މާލެއައިސް ދީމާ ރަށަށް ގެންދިޔައެވެ. ވަރިވާން ކޯޓަށް ސިޓީލައިގެން އެ ކަން ވެސް ވަރަށް އަވަހަށް ހިނގައިގަތެވެ. ރަށު ކޯޓަށް އަހަރުމެން ދެ މީހުން ހާޒިރުކޮށް، ގާޒީ ކުރިމަތީގައި ދީމާ ވަރިކުރަންޖެހުނެވެ. އެ ވަގުތު ދީމާގެ މޫނުމަތިން އަހަންނަށް ފެނުނީ ހައިރާންކަމެވެ. އޭގެ ސިއްރެއް ނުވިސްނުނެވެ.

“ކޮބާ ވަރިކުރާ ސަބަބަކީ؟” ގާޒީ އެހިއެވެ.

“ދީމާ ކިޔައިދީބަލަ!” އަހަރެން އެދުނީމެވެ. “އަހަންނާ އިނދެގެން ހުރެ ދީމާ ފިރިހެނެއް ކައިރިއަށް ދިޔަ ސަބަބަކާ، އެ މީހަކާ ދިމާވި ގޮތަކާ ހުރިހާ އެއްޗެއް ދީމާއަކަށްނު އެނގޭނީ.”

އިރުކޮޅަކު އެއްޗެއް ނުބުނެ އިނދެފައި ދީމާ ކިޔައިދޭން ފެށިއެވެ. އެކަމަކު އެ މީހަކާ ދީމާޔާ ދިމާވި ގޮތް ކިޔައިދިންއިރު ތަފާތުތަކެއް ހުއްޓެވެ. އެ ވަގުތު އަހަރެން އެހެން ބުނަން ހިތަށްއެރިއެވެ. ނުއެއް ބުނަމެވެ. އަހަރެން ހިތުން އަހަރެން ހުރީ ލޯބީގެ އިންތިހާގައެވެ. އަހަރެންގެ ހިތަކު ދީމާއަށް އެއްވެސް ހަސަދަވެރިކަމެއް ނެތެވެ. ދީމާ މިނިވަންވުމުން އޭނަ އުޅެން ގަސްތުކޮށްފައިވާ ގޮތެއް އަހަރެން ނާހަމެވެ. އެހުމުގެ ހައްގެއް ވެސް ނެތެވެ. އަހަރެން ހީކޮށްގެންހުރީ އަހަރެންގެ ހެޔޮކަން ދީމާ މުޅި އުމުރަށް ވެސް ހަނދާންބަހައްޓާނެ ކަމަށެވެ. ދީމާ ބަދުނާމު ނުކޮށް، ދާނެ ދިމާއަކަށް ދާން ދީމާ މިނިވަންކޮށްދިނުމުން، ކޮންމެވެސް ސިފައެއްގައި ދީމާ ޝުކުރުއަދާކުރާނެ ކަމަށެވެ.

އަހަރެން އުންމީދުކުރި ފޯނުކޯލު އައީ ދީމާ ވަރިކުރިތާ ދެ ދުވަހެއް ފަހުންނެވެ. އަހަރެން ފޯނު ނެގުމާއެކު ދީމާ ރޮއިގަތެވެ.

“ހަންނާނު ކީކޭ ހިތަށްއެރީ؟” ހިތާމައާއި ރުޅިވެރިކަން އެކުވެފައިވާ ރާގެއްގައި ދީމާ ބުންޏެވެ. “ވަރިނުކުރޭތޯ އަހަރެން އާދޭސްކުރާނޭ؟ ހަންނާންގެ ދެފައި މައްޗަށް ވެއްޓިގަންނާނޭ؟ އަހަރެން އިތުބާރުކުރި ކޮންމެ މީހަކު އަހަންނަށް ދިނީ ބޮނޑިއެއް. އެކަމަކު އަހަރެން ހިޔެއްނުކުރަން…”

“ދީމާ!” އިތުރަށް އަޑުއަހަން ނުހުރެވިގެން އަހަރެން ބުނީމެވެ. “އަދިވެސް ދީމާތަ އެއްޗެހިކިޔަންވީ؟ ކިހާ ރަނގަޅަކަށް އަހަރެން ކަންތައް މި ކޮށްދިނީ. ދެން ދީމާ އޭނަޔާ އިނދެގެން އުފަލުގަ އުޅެންވީނު. ދީމާ ބޭނުންވި ގޮތެއްނު މީ.”

ދީމާ ރުއިން ނޫން އެހެން ކަމެއް ނުކުރެއެވެ. ހައިރާންވެގެން ގޮސް ބުނާނެ އެއްޗެއް އަހަންނަކަށް ނޭނގުނެވެ.

“އަހަރެން ބޭނުންވީ އަހަރެން ދެކެ ހަންނާން ލޯބިވާ ވަރު ބަލައިލަން،” ދީމާ ރޮމުންރޮމުން ބުންޏެވެ. “އަހަރެން ބޭނުންވީ އަހަންނަށް ހަންނާން ވިސްނައިދޭން. އަހަންނަކަށް ގަބޫލެއް ނުކުރެވޭ އަހަރެން ކަހަލަ މީހެއް ދެކެ އެކަކު ވެސް ލޯބިވާނެކަމަކަށް. އަހަރެންގެ ދިރިއުޅުމުގަ ކިތެއް ކަންތަކާ ދިމާވި. އެހެންވެ ބަލާލަން ބޭނުންވީ ހަމަ އަސްލުގަ ވެސް އެ ހުރިހާ ކަމެއް ހަންނާނަށް ހަނދާންނައްތާލެވޭނެތޯ! ނޫނީ މިހާރު ވެސް އަހަންނަށް ޝައްކުކުރާނެތޯ!”

“ތީގެ މާނައަކީ ދީމާގެ ތިމާގެ ބޭބެ..” އަހަންނަށް ބުނެވުނެވެ.

“އަހަރެންގެ ބޭބެމެން އުޅެނީ ކޮން ރަށެއްގަކަން ހަންނާނަކަށް ނޭނގޭތަ؟ އަހަރެންގެ ރައްޓެއްސަކާ އޭނަގެ ފިރިމީހާޔާ އެއްކޮށް ރެސްޓޯރަންޓެއްގަ އަހަރުމެން ތިބީ،” ދީމާ ހަޅޭއްލަވައިގަތެވެ. “އަހަރެން ބޭނުންވީ ހަންނާނަށް ވިސްނެން. ތީ ކިހާ ވިސްނޭ މީހެއްކަން ޔަގީންކުރަން ބޭނުންވީ. އެކަމަކު ނުވިސްނުނު. ފުރަތަމައިނުން ވެސް ވަރި. އެހެންވެ ހަމަ ވަރިވާން ބޭނުންވީ. އެކަމަކު ދެންމެ ހިތަށްއެރީ މި ވާހަކަ ހަމަ ބުނެލާނަމޭ.”

ދީމާ ފޯނުކަނޑައިލިއެވެ. އަހަރެންނަށް ވިސްނަން އިނދެވުނީއެވެ. ދީމާ ބުނީ ތެދެކެވެ. ލޯބިވާ ނަމަ ޖެހޭނީ ފަހުނޭވަޔާ ހަމަޔަށް އެކުގައި އުޅެވޭތޯ ބަލާށެވެ. އަހަންނަށް މާ ރަނގަޅުވެވުނީއެވެ. މާ ބޮޑަށް ލޯބިވެވުނީއެވެ. މާ ބޮޑަށް ވިސްނޭ މީހަކަށް ވެވުނީއެވެ. ކައިވެނި ރުޖޫއަކޮށް، އާ ފެށުމަކުން ފަށަން އަހަރެން މަސައްކަތްކުރީމެވެ. އެކަމަކު ދީމާގެ ކުރިމަތީގައި އަހަރެންގެ އިތުބާރު ގެއްލިއްޖެއެވެ. އެންމެ ފަހުން އަހަރެންގެ ފޯނަށް ޖަވާބުދިނުން ވެސް ދީމާ ހުއްޓައިލީއެވެ.

މި ވާހަކަ މެދުވެރިކޮށް ދީމާ ގާތުގައި ބުނެލަން ބޭނުމެވެ. އަހަންނަށް ކުރެވުނީ ކުށްހީއެކެވެ. ދީމާއަށް ވެސް ކުރެވުނީ ކުށްހީއެކެވެ. އަދިވެސް ދީމާ ދެކެ އަހަރެން ލޯބިވަމެވެ. ދެ ފަހަރަށް ވިސްނައިލި ނަމަ ދީމާއަށް އެ ކަން އެނގުނީހެވެ. ތިޔައީ އަހަރެންގެ ލޯބިވާ ބުލްބުލްއެވެ. ދުވަހަކު ވެސް ވަކިވާން ބޭނުން ނުވި ހިޔަމިތުރެވެ. މިއީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ.

ނިމުނީ



Source link

Leave a Reply

Related Articles