• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ ކުޑަކުދިންނަށް ކުރާ ގޯނާ ހުއްޓުވުމުގައި ޖަމިއްޔާތަކުގެ ދައުރު ބޮޑުކުރުން މުހިއްމު: ރައީސް

ކުޑަކުދިންނަށް ކުރާ ގޯނާ ހުއްޓުވުމުގައި ޖަމިއްޔާތަކުގެ ދައުރު ބޮޑުކުރުން މުހިއްމު: ރައީސް


ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމުގެ ޒިންމާ އަދާކުރުމުގައި އިޖުތިމާއީ ގޮތުން މަސައްކަތް ކުރާ ޖަމިއްޔާތަކުގެ ދައުރު ފުޅާ ކުރުމަކީ މުހިއްމު ކަމެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ކުޑަކުދިންގެ ހައްގުތައް ކުރިއަރުވަން މަސައްކަތް ކުރާ، އެޑްވޮކޭޓިން ފޯ ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް) ގެ 10 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ކުޑަކުދިންގެ ހައްގުތައް ކުރިއެރުވުމަކީ އެންމެންގެ ޒިންމާއެއް ކަމަށެވެ. އަދި އިޖުތިމާއީ ކަންކަމުގައި މަސައްކަތް ކުރާ ޖަމިއްޔާތަކުގެ ދައުރު މިހާރަށް ވުރެ ފުޅާކުރުން މުހިއްމު ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

President @ibusolih and First Lady participates in the function to mark the 10th anniversary of @ARC_maldives pic.twitter.com/in2dAq3rDs— The President’s Office (@presidencymv) March 5, 2020

ރައީސް އޮފީހުން މިއަދު ކުރި ޓްވީޓެއް

ކުރުނބާ މޯލްޑިވްސްގައި ބޭއްވި މި ރަސްމިއްޔާތުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާތައް ހުއްޓުވުމަށް ދައުލަތުން ކުރަމުން އަންނަ މަސައްކަތަކަށް އާކްގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބޭ ކަމަށެވެ. އަދި އެ ޖަމިއްޔާ ކުރަމުން އަންނަ މަސައްކަތަށް އެ މަނިކުފާނު ޝުކުރުއަދާ ކުރެއްވި އެވެ.

އާކްގެ 10 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަދައްކަވަނީ — ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު

“އާކްގެ ފަރާތުން ކުރައްވާ މަސައްކަތަކީ އަޅުގަނޑުމެންގެ މެދުގައިވާ އިޖުތިމާއީ ވަރަށް ބޮޑު މައްސަލައަކާ ގުޅިފައިވާ ކަމެއް. ކުޑަކުދިންށަށް އަނިޔާ ކުރުމާއި ތަފާތު ބާވަތުގެ ގޯނާތައް ކުރުމާއި އިހުމާލު ވުމުގެ މައްސަލަ އަކީ އެކަން ހައްލުކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާ ވަރަށް ބޮޑު މައްސަލައެެއް،” ރައީސް ވިދާޅުވި އެވެ.

“މިހާރުގެ ހާލަތައް ބަލާ އިރު، މިދިޔަ ފެބްރުއަރީ 10 ގެ ނިޔަލަށް، ޖެންޑާ އެންޑް ފެމިލީ މިނިސްޓްރީގައި ތިއްބެވީ އެންމެ 16 ބޭފުޅުން. އާދެ، މުޅި ރާއްޖޭގައި ތިބި އަދަދު.” – ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ކުޑަކުދިންނަށް ކުރާ ގޯނާގެ މައްސަލަތަކަށް ހައްލު ހޯދަން މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި ދައުލަތުން މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

“މިފަދަ ކަންކަމަކީ ހަމައެކަނި އާއިލާތަކުން ނުވަތަ މުޖުތަމައުން ހައްލު ކުރެވޭނެ ކަންކަމެއް ނޫން. މި ކަމުގައި ދައުލަތުގެ މުއާސަސާތަކާއި އިދާރާތަކުން މިހާރަށް ވުރެ ވަރު ނަގައިގެން މަސައްކަތްތަކެއް ކުރަން އެބަ ޖެހޭ،” ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ޝަރުއީ ކޯޓުތަކުންނާއި ތަހުގީގީ އިދާރާތަކުންނާއި އެހެނިހެން ތަންފީޒީ އިދާރާތަކުން ވެސް އެ ތަންތަނުގެ މަސްއޫލިއްޔަތު މިހާރަށް ވުރެ ރަނގަޅަށް އަދާ ކުރަންޖެހޭ ކަމަށެވެ. ނަމަވެސް ދައުލަތުގެ ޒިންމާތައް އަދާކުރަން ތިބީ ވަރަށް މަދު ބައެއް ކަން އެ މަނިކުފާނު ވިދާޅުވި އެވެ.

އާކްގެ “ކޯޕަރޭޓް އެމްބަސަޑާސް” ޕްރޮގްރާމުގައި ބައިވެރިވި ފަރާތަކާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހަނދާނީ ފިލާ ހަވާލުކުރައްވަނީ — ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް

ރައީސް ވިދާޅުވީ، ކުޑަކުދިންނާ ގުޅޭ އެކި ބާވަތުގެ މައްސަލަތައް ހުށަހަޅަމުންދާ މިންވަރު 2017 އިން ފެށިގެން އިތުރުވެފައިވާ ކަމަށެވެ. ނަމަވެސް މި މައްސަލަތައް ބަލަން ޖެންޑާ މިނިސްޓްރީގައި ތިބީ އެންމެ 16 ކޭސްވޯކަރުން ކަމަށާއި އެއިން ކޮންމެ މީހަކު މަދުވެގެން 70 މައްސަލަ ބަލަމުންދާ ކަމަށް ވިދާޅުވި އެވެ.

“މިހާރުގެ ހާލަތައް ބަލާ އިރު، މިދިޔަ ފެބްރުއަރީ 10 ގެ ނިޔަލަށް، ޖެންޑާ އެންޑް ފެމިލީ މިނިސްޓްރީގައި ތިއްބެވީ އެންމެ 16 ބޭފުޅުން. އާދެ، މުޅި ރާއްޖޭގައި ތިބި އަދަދު،” ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

ސަރުކާރެއް ހިންގުމުގެ ޒިންމާ އޮތީ ރައްޔިތުން އައްޔަން ކޮށްފައިވާ މީހުންގެ މައްޗަށް އެކަނި ނޫން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އަދި މި ކަމުގައި ޖަމިއްޔާތަކުގެ ބައިވެރިވުން މުހިއްމު ކަމަށް ވިދާޅުވި އެވެ.

އާކުން މިއަދު ފާހަގަ ކުރީ ވޭތުވެ ދިޔަ 10 އަހަރުގެ ތެރޭގައި އެތަނުން ކުރި އެކި މަސައްކަތްތަކުން ގެނައި ހެޔޮ ބަދަލެވެ. ޑިސެމްބަރު، 2009 ގައި އުފެއްދި މި ޖަމިއްޔާ، އެ މުއްދަތުގެ ތެރޭގައި އެކި މަސައްކަތްތަކާއި ކެމްޕެއިން ހިންގާފައި ވެ އެވެ. އޭގެ އެއްބައި ކަންކަމުގެ ތެރޭގައި ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވަން ފެށި “ހޯޕް” ކެމްޕެއިނާއި ދުޅަހެޔޮ ސިއްހަތް ކުރިއަރުވަން ފެށި “ހީލް” ކެމްޕެއިނާއި އަންހެން ކުދިން ބާރުވެރިކުރަން ފެށި “ގްރޭސް” ކެމްޕެއިން ހިމެނެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު (ވ)، ކުޑަކުދިންގެ ހައްގުތަކާ ގުޅޭ ވީޑީއޯއެއް މިއަދު ލޯންޗުކުރައްވަނީ — ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު

ކުޑަކުދިންނަށް ލިބިފައިވާ ހައްގުތަކާ ގުޅޭ ވީޑިއޯ އެއް ވެސް މިއަދުގެ ރަސްމިއްޔާތުގައި އިފްތިތާހު ކުރި އެވެ. ކުޑަކުދިންނަށް ފަސޭހައިން ދެނެގަނެވޭނެ ގޮޮތަށް ހަދާފައިވާ މި ވީޑިއޯ އިފްތިތާހު ކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަސްޓް ލޭޑީ ފަޒްނާ އަހުމަދެވެ.

މި ރަސްމިއްޔާތުގައި އާކުގެ ފައުންޑާ އަދި ކުރީގެ ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވީ، ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވަން ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ. އަދި މިދިޔަ އަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަންފީޒު ކުރެއްވި ކުޑަކުދިން ރައްކާތެރި ކުރުމުގެ ގާނޫނާއި ކުޑަކުދިންގެ އަދުލްގެ ގާނޫނުގެ ސަބަބުން ކުޑަކުދިންނަށް ވަރަށް ގިނަ ހައްގުތަކެއް ލިބިފައިވާ ކަން ފާހަގަކުރެއްވި އެވެ. ނަމަވެސް މި ނިޒާމު މިހާރަށް ވުރެ ރަނގަޅު ކުރަން، ކުޑަކުދިންނާ އެކު މަސައްކަތްކުރާ މީހުންގެ “ބެކްގްރައުންޑް ޗެކެއް” ހެދޭނެ އިންތިޒާމެއް ތައާރަފްކުރުން މުހިއްމު ކަމަށް ވިދާޅުވި އެވެ.

އާކުގެ ފައުންޑާ އަދި ކުރީގެ ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ، އާކުގެ 10 ވަނަ އަހަރީ ދުވަސް ފާހަގަކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ — ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު

“މިފަދަ ބެކްގްރައުންޑް ޗެކްގައި އަނިޔާ އާއި އިހުމާލު، ނުވަތަ ކުޑަކުއްޖެއްގެ ނާޖާއިޒު ފައިދާ ނެގުމުގެ މައްސަލައެއްގެ ތުހުމަތެއް ވޭތޯ ބެލުމަކީ ވެސް މުހިއްމު ކަމެއް،” ޒެނީޝާ ވިދާޅުވި އެވެ.

އެކި ގޮތްގޮތުން އާކްއާ އެކު މިދިޔަ އަހަރު މަސައްކަތް ކޮށްފައިވާ ޖަމިއްޔާތަކާއި އަމިއްލަ ފަރުދުންނަށް ވެސް އެ ޖަމިއްޔާ އިން މިއަދު ހަނދާނީ ލިޔުން ހަވާލުކުރި އެވެ. އެ ޖަމިއްޔާއިން ހިންގާ “ކޯޕަރޭޓް އެމްބެސަޑާ” ޕްރޮގްރާމްގައި އެކި ގޮތްގޮތުން ބައިވެރިވި 16 ފަރާތަކަށް މި ރަސްމިއްޔާތުގައި އާކުން ހަނދާނީ ފިލާ ހަވާލުކުރި އެވެ.

އާކްގެ “ކޯޕަރޭޓް އެމްބަސަޑާސް” ޕްރޮގްރާމުގައި ބައިވެރިވި ފަރާތަކާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ހަނދާނީ ފިލާ ހަވާލުކުރައްވަނީ — ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށް ކުރިއަރުވަން ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާއެއްގެ ގޮތުގައި ފެށި އާކްގެ މަސައްކަތް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިހާރު ކުރިއަށް ގެންދެ އެވެ. މިދިޔަ އަަހަރު އެކަނި ވެސް ރާއްޖޭގެ 12 އަތޮޅެއްގައި އެކި އެކި ޕްރޮގްރާމްތައް އެ ޖަމިއްޔާ އިން ވަނީ ހިންގައިފަ އެވެ. އެ ހަރަކާތްތަކުގައި 4،000 ދަރިވަރުންނާއި 950 ވަރަކަށް ބެލެނިވެރިން ބައިވެރި ވެފައި ވެ އެވެ.

Source link

Leave a Reply

Related Articles