• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ރިޕޯޓް ⁄ އިނގިރޭސި ކޯޗުންނާއި، ސަޕޯޓަރުންގެ ނުރުހުން ވީއޭއާރް އަށް!

އިނގިރޭސި ކޯޗުންނާއި، ސަޕޯޓަރުންގެ ނުރުހުން ވީއޭއާރް އަށް!


ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް) ފުޓުބޯޅައިގައި ބޭނުން ކުރަން ފެށުމުން ގިނަ ކޯޗުންނާއި، ކުޅުންތެރިން އަދި ސަޕޯޓަރުންގެ މެދުގައި ހޫނު ބަހުސްތަކެއް ކުރެވުނެވެ. ފުޓުބޯޅައިގެ ބައެއް ލެޖެންޑުން ބުނަމުންދިޔައީ ވީއޭއާރްގެ ސަބަބުން ފުޓުބޯޅައިގެ ފޯރި ކުޑަ ވެގެންދާނެ ކަމަށެވެ. އަނެއްބައި މީހުން ބުނަމުން އައީ ވީއޭއާރްގެ ސަބަބުން ރެފްރީންނަށް ހެދޭ ގޯސްތައް މެޗުގެ ތެރެއިން ރަނގަޅުކުރެވިގެންދާނެ ކަމަށާއި ވީއޭއާރްގެ ސަބަބުން ފުޓުބޯޅަ އެހެން ހަރުފަތަކަށް ދާނެ ކަމަށެވެ. ކޮންމެ އަކަސް ވީއޭއާރް މިވަނީ ދުނިޔޭގެ އެންމެ ބޮޑެތި ފުޓުބޯޅަ މުބާރާތް ތަކުގައި ބޭނުން ކުރަން ފަށައިފައެވެ.ވީއޭއާރް އަށް އެންމެ ބޮޑަށް ފާޑު ކިޔަމުން އަންނަނީ ދުނިޔޭގެ އެންމެ ބޮޑު އެއް ލީގު ކަމަށް ބަލާ އިނގިރޭސި ޕްރިމިއާ ލީގުގެ ކޯޗުންނާއި ސަޕޯޓަރުންނެވެ. އެގޮތުން އިނގިރޭސި ކޯޗުން މިވަނީ މި ހަފްތާގައި ވީއޭއާރް އަށް ވަރަށް ބޮޑަށް ފާޑު ކިޔައިފައެވެ. މި ހަފްތާ އެންމެ ފުރަތަމަ ވީއޭއާރްއަށް ފާޑުކީ ކޯޗަކީ ޗެލްސީގެ ކުރީގެ ކުޅުންތެރިޔާ އަދި މިހާރު އެޓީމުގެ ކޯޗު ފްރޭންކް ލަމްޕާޑެވެ. ޕްރިމިއާ ލީގުގައި ޗެލްސީ އަދި ޓޮޓެންހަމް ބައްދަލުކުރި މެޗަށްފަހު ވާހަކަ ދައްކަމުން ލަމްޕާޑް ބުނީ ވީއޭއާރް އާއި ބެހޭ ގޮތުން ބޮޑެތި ސުވާލު މާކުތަކެއް އެބަހުރި ކަމަށެވެ. ލަމްޕާޑް މިހެން ބުނީ ޓޮޓެންހަމްގެ މިޑްފިލްޑަރ ޖިއޮވާނީ ލޮ ސެލްސޯ ކުރި ނުރައްކާތެރި ފައުލް އަށް އޭނާ އަށް ރެފްރީ އަދަބެއް ނުދިނުމުގެ ސަބަބުންނެވެ.ލަމްޕާޑް ބުނީ އޭނާ ބޭނުންވަނީ ވީއޭއާރްގެ ބޭނުން ރަނގަޅު ގޮތުގައި ރެފްރީން ހިފުމަށް ކަމަށާއި އޭރުން ވީއޭއާރްގެ ސަބަބުން މެޗު ރަނގަޅަށް ގެންދެވޭނެ ކަމަށެވެ. މީގެ އިތުރުން ލަމްޕާޑް ބުނީ ރެފްރީންއަށް މެޗެއްގައި ގޯސް ހެދިދާނެ ކަމަށާއި ނަމަވެސް ވީއޭއާރް ހަދައިފައިވަނީ ރެފްރީއަށް އެހީވުމަށް ކަމަށެވެ.ވީއޭއާރް އަށް މިހަފްތާގައި ނުރުހުން ފާޅުކުރި އަނެއް ފަރާތަކީ މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ތަރި ގޯލްކީޕަރ ޕީޓަރ ޝްމައިކަލް އެވެ. އޭނާ ބުނީ ވީއޭއާރް ބޭނުން ކުރުން ހުއްޓައި ނުލައިފިނަމަ ފުޓުބޯޅަ ހަލާކުވެގެން ހިނގައިދާނެ ކަމަށެވެ.އިނގިރޭސި ޕްރިމިއާ ލީގުގައި ވީއޭއާރް ބޭނުން ކުރަން ފަށައިފައިވަނީ މި ސީޒަނުގަ އެވެ. ނަމަވެސް ސީޒަން ނުނިމި އުޅެނިކޮށް ވީއޭއާރް އަށް މިވަނީ ގިނަ ކޯޗުންނާއި ސަޕޯޓަރުންގެ ނުރުހުން އަމާޒުވެފައެވެ. ގިނަ ސަޕޯޓަރުން ބުނަމުން އަންނަނީ ބިޒީ ދިރިއުޅުމެއް ހޭދަކުރަމުން ވެސް ފުޓުބޯޅައަށް ވަގުތުދެނީ ފުޓުބޯޅައަށް އޮތް ލޯތްބެއްގެ ބޮޑު ކަމުން ކަމަށާއި، ނަމަވެސް ވީއޭއާރްގެ އެހީގައި ބައެއް ނިންމުންތައް ނިންމުމަށް ގިނަ ވަގުތުތަކެއް ހޭދަވުމުން ފުޓުބޯޅައަށް ކުރިން ދިން ޝައުގުވެރިކަމާއި ފޯރި ގެއްލެން ފަށައިފައިވާ ކަމަށެވެ.މި ކަމަމާއި ގުޅިގެން ޕްރިމިއާ ލީގުގައި ވީއޭއާރް ކަންކަން ބަލަމުން އަންނަ އެންމެ އިސްފަރާތް ކަމުގައިވާ ނީލް ސްވާބްރިކް ބުނީ ވީއޭއާރް ކަންކަން ހަމައަކަށް އެޅެންދެން ސަޕޯޓަރުންނާއި ކޯޗުން ކެތްތެރިވުމަށް އެދިފައެވެ.ވީއޭއާރްގެ ސަބަބުން ކްލަބްތަކަށް ލަނޑު ލިބޭ ކަމަށް ގިނަ ބަޔަކު ދެކެމުން އަންނައިރު ވީއޭއާރް ޕްރިމިއާ ލީގުގައި ބޭނުން ނުކުރުމަށް ސަޕޯޓަރުންނާއި ކޯޗުން އަދި ކުޅުންތެރިން އަންނަނީ ގޮވައިލަމުންނެވެ. މިކަމާއި ގުޅިގެން އިނގިރޭސި އެފްއޭއިން ވަކި ގޮތެއް އަދި ނުނިންމާއިރު އެފްއޭއިން ބުނީ މިކަން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.



Source link

Leave a Reply

Related Articles