“މިސްޓަ ލޭލޭ” ގެ ޝޫޓިން އަށް ހުރަސްއެޅިއްޖެ
ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަނުން މި އަހަރު އިއުލާންކުރި ފުރަތަމަ ފިލްމު “މިސްޓަ ލޭލޭ” ގެ ތަރިން އެހެން ފިލްމުތަކުގެ މަސައްކަތްތަކުގައި ބުރަކަމުން ފިލްމުގެ ޝޫޓިން ފެށޭނެ އިރަކާ ދޭތެރޭ ސުވާލު އުފެދިއްޖެ އެވެ.
“ހަމްޓީ ޝަރުމާ ކީ ދުލްހަނިޔާ” އާއި “ދަޅަކް” ވެސް ގެނެސްދިން ޑައިރެކްޓަރު ޝިޝާންކް ކައިތާން ޑައިރެކްޓްކުރާ ފިލްމުގެ ބަތަލަކީ ވަރުން ދަވަން އެވެ. ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމުގެ ބަތަލާއިންނަކީ ޖާންވީ ކަޕޫރާއި ބޫމީ ޕެޑްނޭކަރެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނީ ވަރުންގެ އާ ފިލްމު “ކޫލީ ނަމްބަރު 1” ގެ ޕްރޮމޯޝަންތަކަށް ވަގުތު ދޭން ޖެހުމާއި އޭނާ ސޮއިކޮށްފައި އޮތް، ޑައިރެކްޓަރު ސްރީރާމް ރަގްވަންގެ “އެއްކީސް” އަށް ވަގުތު ހުސްކުރަން ޖެހުމުގެ އިތުރަށް ކައިވެނީގެ ތައްޔާރީތައް ވެސް ކުރިއަށްދާތީ “މިސްޓަ ލޭލޭ” އަށް މި ވަގުތު ވަގުތު ދޭން ވަރުން އަށް ވަރަށް ބޮޑަށް ދަތިވެފައިވާ ކަމަށެވެ.
View this post on Instagram A post shared by Shashank Khaitan (@shashankkhaitan) on Jan 12, 2020 at 9:36pm PST
މީގެ އިތުރުން ޖާންވީ ވެސް އަންނަނީ އެއް ފިލްމަށް ވުރެ ގިނަ ޕްރޮޖެކްޓަތަކުގައި މިހާރު މަސައްކަތްކުރަމުންނެވެ. އޭގެ ތެރޭގައި ދަރުމާގެ ދެ ފިލްމެއް ވެސް ހިމެނެ އެވެ. އެއީ “ގުންޖަން ސަކްސޭނާ: ދަ ކަރްގިލް ގާލް” އާއި “ދޯސްތާނާ 2” އެވެ. މީގެ އިތުރުން އޭނާ މި ވަގުތު އަންނަނީ ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ “ރޫހީ އަފްޒާނާ” ގެ މަސައްކަތް ވެސް ކުރަމުންނެވެ. އަނެއްކޮޅުން މި މަހުގެ ތެރޭގައި ޝޫޓިން ފަށާ ކަރަން ޑައިރެކްޓްކުރާ “ތަޚުތު” އަކީ ވެސް ޖާންވީ ވަގުތު ދޭން ޖެހޭ ފިލްމެކެވެ.
އެ ފިލްމުގެ ކާސްޓްގައި ބޫމީ ވެސް ހިމެނެ އެވެ. އޭނާ މި ވަގުތު އަންނަނީ އަކްޝޭ ކުމާރު ޕްރޮޑިއުސްކުރާ ބިރުވެރި ފިލްމު “ދުރުގާވަތީ” ގެ މަސައްކަތްކުރަމުންނެވެ.
“މިސްޓަ ލޭލޭ” އަކީ ޝިޝާންކް ޑައިރެކްޓްކުރާ ތިން ވަނަ ފިލްމެވެ. އޭނާ އެންމެ ފަހުން ގެނެސްދިން ފިލްމަކީ 2018 ގައި ޖާންވީ ތައާރަފުވި “ދަޅަކް” އެވެ. ކޮމެޑީ ތުރިލާއެއްގެ ގޮތުގައި ގެނެސްދޭ “މިސްޓަ ލޭލޭ” ސިނަމާތަކަށް ގެންނާނީ އަންނަ އަހަރުގެ ޖެނުއަރީ 1 އެވެ.
Varun Dhawan ge “Mr. Lele” anna aharah
Mihaaru