• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ވާހަކަ ⁄ ފަތްމިނި

ފަތްމިނި


އާދިއްތަ ދުވަހާ ގުޅޭ

ހިތުގައި ޖެހި ވިންދާ އެއްވަރަށް ކޮފީމޭޒު ހެލެމުންދިޔައެވެ.

“އެއީ ތެދެއް؟” އިސްޖަހައިލައިގެން އިނދެ ރާނިޔާ އެހިއެވެ.

“—-” އަހަރެންގެ އަޑެއް ނުނިކުތެވެ.

“ހަމީދުބޭ ދެންމެ އެ ގުޅީ،” މޫނުމަތިން ފެންނަ އަސަރު ތަރުޖަމާކުރަން ނޭނގޭ ކަހަލަ ބެލުމަކުން ބަލަމުން ރާނިޔާ އެހިއެވެ. “ބޭބެ ބުނީ ހަންނާނު ބޭނުމޯ އަހަންނާ އިންނަން.”

“—-” އަނގަ ހުޅުވުނު ގޮތަށް ލައްޕަން ނޭނގިފައި އަހަންނަށް އިނދެވުނެވެ.

އަހަރެން ހީކުރީ ހަމީދު ބުނާނީ އަހަންނަށް ރާނިޔާ ކަމުގޮސްގެން އުޅޭ ވާހަކަ ކަމަށެވެ. ފިޔަވަޅުއަޅާނީ ވީހާ ވެސް ދުރުދުރުން ކަމަށެވެ. ފުރަތަމައިނުން ވެސް އިންނަން އެހުމަކީ، ނުވެސް ދަންނަ މީހެއް ގާތުގައި، އިނދެގެން ދަރިން ހޯދަން ބޭނުމޭ ބުނުން ކަހަލަ ކަމެކެވެ. ޔަގީނުން ވެސް އަހަންނަށް ކުރެވުނީ އެ ކަހަލަ އިހުސާސެކެވެ.

“ގޯސް އެއްޗެއްތަ އެ ބުނެވުނީ؟” ތިންވަނަ ފަހަރު އަހަރެންގެ އަޑު ނުކުތެވެ.

އަހަރެންގެ ސުވާލަކަށް ރާނިޔާ ޖަވާބެއް ނުދެއެވެ. ބައެއް ފަހަރު އަހަންނަށް ހީވެއެވެ. އަހަންނާ އިންނަން ރާނިޔާ ބޭނުމެވެ. އަނެއްބައި ފަހަރު ހީވަނީ ކޮންމެވެސް ކަމަކާ ރާނިޔާ ހިތްހަމަނުޖެހިއްޖެހެންނެވެ. އަހަންނަށް ސުވާލެއް ނުކުރެވިގެން އުޅެނިކޮށް ރާނިޔާ ރޯންފެށިއެވެ.

“ކިހިނެއްވީ ރާނިޔާ؟” އަހަރެން ވަރަށް އޯގާތެރިކަމާ އެކުގައި އެހީމެވެ. “ނޫނެކޭ ބުނަން ބޭނުމިއްޔާ ބުނޭ ނޫނެކޭ. އަހަރެން ޝަކުވާއެއް ނުކުރާނަން. އެކަމަކު އަހަރުމެންގެ އެކުވެރިކަން ބާއްވައިދިނިއްޔާ ވަރަށް ރަނގަޅު.”

ރާނިޔާގެ އެއްވެސް ޖަވާބެއް އެ ދުވަހަކު ނުލިބުނެވެ. ރޯން އިރުކޮޅަކު އިނދެފައި އޭނަ ދިޔައީއެވެ. ރާނިޔާ ނީންނާނަމޭ ބުނި ނަމަ އެއަށް ވުރެ އަހަރެންގެ ހިތަށް ލުއިވީހެވެ. ފަސޭހަވީހެވެ.

ޖެހިގެންއައި ދުވަހު ރާނިޔާ ޑިއުޓީއަކަށް ނާދެއެވެ. ހުކުރު ދުވަހު ވެސް، ކޮންމެވެސް ދަންފަޅިއެއްގައި ހޮސްޕިޓަލަށް ނުކުންނަ ކުއްޖެއް، ވާނުވާ ނާންގައި ހޮސްޕިޓަލަށް ނައިމަ އަހަރެން ކަންބޮޑުވިއެވެ. ހިތަށްއެރިއެވެ. އެއީ އަހަންނާ ހެދި ވީކަމެކެވެ. ރާނިޔާއަށް ގުޅައިލަން އެތައް ފަހަރަކު ފޯނު ނެގީމެވެ. ގުޅާނެ ހިތްވަރު ވެސް ހުއްޓެވެ. އެކަމަކު މަސްލަހަތު ރަނގަޅު ނުވެދާނެތީ ނުގުޅީއެވެ. އަހަންނަކީ ހޮސްޕިޓަލު ހިންގަން ހަވާލުވެގެން ހުރި މީހާއެވެ. ރާނިޔާއަކީ މުވައްޒަފެކެވެ. ކޮންމެ ފަދަ ގޮތަކަށް ވެސް އަޑުއަރައިގެން ހިނގައިދާނެއެވެ. އެހެންނަމަވެސް ހަމީދަށް ގުޅައިލީމެވެ. ވަރަށް ދުރުދުރުން އެހެން ވާހަކަތަކެއް ދެއްކީމެވެ. ރާނިޔާއަށް ކަމެއް ދިމާވެގެން އުޅޭ ނަމަ ހަމީދު އިސްވެ އެ ވާހަކަ ބުނާނެކަމުގެ އުންމީދުގައެވެ. އެ ރޭވުން ވެސް ކާމިޔާބެއް ނުވިއެވެ.

އިރުއޮއްސިއްޖެއެވެ. އަހަންނަކަށް ހަމަޖެހިލައިގެން ތަނެއްގައި ނުވެސް އިނދެވެއެވެ. ރަށުތެރެއަށް އަނދިރިކަން ފެތުރުމުން ގެއިން ނުކުތީމެވެ. މީހަކަށް އެންމެ ނުފެންނާނެހެން، ވީހާ ވެސް ފާރު ކައިރިން ހިނގައިފައި ގޮސް ރާނިޔާގެ ގެއަށް ވަނީމެވެ. ވަންއިރު ވެސް ހިތަށްއެރިއެވެ. މި ކުރެވެނީ ރަނގަޅު ކަމެއްބާއެވެ؟ ރަށުގެ އެންމެން ފާރަލާ އަންހެންކުއްޖެއްގެ ގެއަށް، އަހަރެން ކަހަލަ ބީރައްޓެއްސެއް ވަނުމަކީ ބުއްދިވެރިކަމެއް ހެއްޔެވެ؟

“އައްސަލާމް އަލައިކުމް!” އަހަރެންގެ ފަހަތުން މީހަކު ސަލާން ގޮވައިލިއެވެ.

ކުޑަކޮށް ސިހިފައި ފަހަތް ބަލައިލިއިރު ފަހަތުގައި ހުރީ ރާނިޔާގެ ބައްޕައެވެ. ރަށުމީހުންގެ ބަހުން ނަމަ ބޮޑުބެއެވެ. އޭނައަކީ މަޖާ މިޒާޖެއްގެ މީހެކެވެ. ދެކެފަރިތަ ރައްޓެއްސެކެވެ. އެކަމަކު އެ ވަގުތު ދިމާވާން އަހަރެން އެންމެ ބޭނުން ނުވި މީހާއެވެ. ކޮންމެ ދެ މަހުން އެއް މަހު ކަހަލަ ގޮތަކަށް ބޮޑުބެ ހޮސްޕިޓަލަށް އާދެއެވެ. ހަކުރު މަތިވެގެން އޭގެ ސަބަބުން ކޮންމެވެސް ކަމެއް ދިމާވެގެންނެވެ. ރިއްސާ ކަކުލަކާއި ކަށިމައްޗެއްގެ މައްސަލަ ވެސް އޮންނަނީ ވަރަށް ބޮޑުވެފައެވެ. ފަހަކަށް އައިސް ބޮޑުބެ ހޮސްޕިޓަލަކަށް ނާދެއެވެ. އެ ހުރިހާ ކަމެއް އަހަރެން ހަނދާންހުރިކަން ނަސީބެކެވެ.

“ވައަލައިކުމް ސަލާމް!” ސަލާންކޮށްލަމުން އަހަރެން ބުނީމެވެ. “ބޮޑުބެ ނުފެންނާތީ ހިތަށްއެރީ..”

“އެހެންތަ؟” ވަރަށް އުފާވެފައި ބޮޑުބެ ބުންޏެވެ. “މިރޭ ކައިގެން ދާންވާނީ. ވަދޭވަދޭ!”

ދެ މީހުން އެކުގައި ނިކަން މަޖާކޮށް ވާހަކަދައްކަމުން ގޭތެރެއަށް ވަނީމެވެ. އަހަރެންގެ ކަޅި ހޯދަމުންދިޔައީ ރާނިޔާއެވެ. އޭނައެއް ނުފެނެއެވެ. ހިތަށްއެރިއެވެ. ރާނިޔާ ފުރީބާއެވެ؟ އެކަމަކު އެހެން އަހާކަށް ނުކެރުނެވެ. ކެއުމުގައި ބޮޑުބެގެ އަނބިމީހާ ބައިވެރިއެއް ނުވެއެވެ. އޭނަ އިނީ އުނދޯލީގައެވެ. އުސޫލެއްގެ ގޮތުން ކޮންމެ ގެޔެއްގައި ވެސް އަންހެންވެރިން ކަނީ ފިރިހެންވެރިން ކައި ނިމުނީމައެވެ. ރާނިޔާގެ ވާހަކަ ދައްކާތޯ އެކި ގޮތްގޮތަށް ވާހަކަ އަނބުރައިގެން ވެސް އެ ކަން ކާމިޔާބުވާ ގޮތެއް ނުވިއެވެ. އެންމެ ފަހުން އަހަންނަށް ޖެހުނީ އެހެން މަގެއް އިހުތިޔާރުކުރާށެވެ.

“ރާނިޔާ ބަލީތަ؟” އަހަރެން އެހީމެވެ. “ޑިއުޓީއަށް ސަލާންބުނެފަ ގޭތެރެއިން ވެސް ނުފެންނާތީ…”

“އާނ! އޭނަ ވީ މާލޭގަ،” ޖަވާބުދިނީ ރާނިޔާގެ މަންމައެވެ. “މީހަކާ އިންނާށޭ ކިޔާފަ ދިޔައީ.”

އަހަރެންގެ ހިތުގައި ހީވީ ގޮށްމުށުން އެތިފަހަރެއް ޖެހިހެންނެވެ. ބުނާނެ އެއްޗެއް އަހަންނަކަށް ނޭނގުނެވެ. ހިތަށް އިހުސާސްކުރެވުނު ތަދު މޫނުމަތިން ފާޅުވިޔަނުދޭން ކުރެވުނު ކަމެއް ނެތެވެ. ކިރިޔާ ވެސް ބުއްދިއެއް ހުރި މީހަކު ވެއްޖެއްޔާ، އަހަންނަށް ވީގޮތް ތަރުޖަމާކުރަން އެނގޭނެއެވެ. އަހަރެން އަވަސްއަވަހަށް ކައި ނިންމައިލައިގެން ނުކުތީއެވެ. މަގުމައްޗަށް ނުކުމެފައި ހިތަށްއެރިއެވެ. އަހަންނަށް އެހާ ބޮޑު ޝޮކެއްލިބުނީ ކީއްވެގެން ހެއްޔެވެ؟ ރާނިޔާއަކީ އަހަރެންގެ ލޯބިވެރިޔާއެއް ނޫނެވެ. އަހަރެން ދިން ލޯބީގެ ދައުވަތު ރާނިޔާ ގަބޫލުކުރީއެއް ނޫނެވެ. ރާނިޔާ ކޮންމެ މީހަކާ އިނަސް އަހަންނަށް ކީއްހެއްޔެވެ؟ އަޅާނުލީމަވީ ނޫން ހެއްޔެވެ؟

އަހަރެންގެ ހިތަށް އަމިއްލައަށް ފައިންއަރައިގެން ހުންނަން ނިންމީމެވެ. އާންމު ދިރިއުޅުމާ ކުރިމަތިލާން ގަސްތުކުރީމެވެ. ހިތަށް ވިސްނައިދިނީމެވެ. ދުނިޔޭގައި މީހުން މީހުނާ އިންނާނެއެވެ. އެ ކަމާ އަހަރެން ހިތްދަތިވާން ޖެހޭ ހެއްޔެވެ؟ ރާނިޔާއަކީ ދުށް ހުވަފެނަކަށް ހަދައިފައި ހަނދާންނައްތައިލަން އަޒުމުކަނޑައެޅީމެވެ. ހަނދާންތައް ހައްތަހާ ވީ ގަދައެވެ. ރާނިޔާ ހިނިތުންވެލާ ގޮތެވެ. ހޮސްޕިޓަލުގެ ސަރައްކާލިން ހިނގައިލައިފައި އަންނަ ރަނޑު ގޮތެވެ. ރަކިވެގެން މޫނުމަތީގައި އަތްއަޅައިފައި އިސްޖަހައިލާ ގޮތެވެ. ސައިކޮޓަރީގައި ރާނިޔާ އެންމެ ގިނައިން އިންނަ ގޮނޑިޔާ ދިމާއަށް ބަލަހައްޓައިގެން އަހަންނަށް އިނދެވެއެވެ. އެ ގޮނޑީގައި ރާނިޔާ އިންނަ ކަހަލައެވެ. ރާނިޔާ މީހަކާ އިންނަން މާލެދިޔަކަން އެނގުނުތާ ދެވަނައަށް ވީ ދުވަހު އަހަރެންގެ ހިތްވަރުއެލިއްޖެއެވެ. ކޮންމެވެސް މީހެއް ގާތުގައި އެ ވާހަކަދައްކަން ބޭނުންވެއްޖެއެވެ.

ޑިއުޓީ ނިންމައިލައިފައި، ބިމަށް ތުންގަނޑުހަރައިލައިގެން ގޯތިތެރޭގައި ހުއްޓައި ހަމީދަށް ފެނިގެން އަހަންނަށް ގޮވައިލިއެވެ. ވެފައި ހުރި ދެރައިން ހަމީދު ގާތުގައި ރާނިޔާގެ ވާހަކަ ނުދައްކައެއް އަހަންނަކަށް ނުހުރެވުނެވެ. މީހަކާ އިންނަން ރާނިޔާ މާލެދިޔަ ޚަބަރުން ހަމީދަށް ލިބުނީ ސިހުމެކެވެ. އޭނައަކަށް ގަބޫލެއް ނުކުރެވުނެވެ.

“ތި ކަހަލަ އެއްވެސް ވާހަކައެއް ބޮޑުބެ ނުބުނޭ،” ހަމީދު ހައިރާންވެފައި ބުންޏެވެ. “ހުރެ! މިއަދު އެ ގެއަށް ގޮސް ޚަބަރުދަބަރު ބަލައިލާނަން. ހަންނާނު ހާސްނުވޭ! ރާނިޔާ ދެވާނީ ހަންނާނާ.”

ކިތަންމެ ބޮޑު ޔަގީންކަމެއް ދީފައި ހަމީދު ދިޔަ ނަމަވެސް، އަހަރެންގެ އެއްވެސް އުންމީދެއް ނެތެވެ. އަހަންނަށް ހީވީ މިހެންނެެވެ. އަހަންނަށް ލޯބި ހުށައެޅުނުލެއް ތަންކޮޅެއް ލަސްވީއެވެ. އަހަންނާ އިންނަން ރާނިޔާ ބޭނުމެވެ. ކުރިން އެ ކަމާ އުޅެވުނު ނަމަ އަހަންނަށް އެ ކަން ވީހެވެ. ކޮންމެވެސް ސަބަބަކާ ހެދި ރާނިޔާއަށް ދެން އެ ކައިވެނި ނުކޮށް ފަރުޖެއްސެން ނެތީއެވެ. ރާނިޔާގެ މޫނުމަތިން އަހަންނަށް ކުރެވުނު ތަރުޖަމާއަކީ އެއީއެވެ.

އިރުއޮއްސުނު ވަގުތެވެ. ހިންދިރުވަން ދަތިވާ ވަރަށް ހިތަށް ތަދުވެފައި އިންދައި ފޯނު ރަނގަބީލުވާން ފެށިއެވެ. ގުޅީ ހަމީދެވެ.

“އައްސަލާމް އަލައިކުމް!” ނުތަނަވަސް އަޑަކުން ހަމީދު ބުންޏެވެ.

އެ އަޑުގައި އެތައް ސުވާލެއްގެ ޖަވާބު ފޮރުވިފައިވާ ތަން އަހަންނަށް ފެނުނު ކަހަލައެވެ. އަހަރެން ސަލާން ބަލައިގަތީމެވެ.

“ވަރަށް ކުރުކޮށް ބުނެލާނަން،” ހަމީދު ކަރުކެހިލައިފައި ބުންޏެވެ. “ދެން ރާނިޔާ މަތިން ހަނދާންނައްތާލާ! މިހެން ވިސްނާ! ކޮންމެ ކަމެއް ވެސް ވާނީ ރަނގަޅަކަށް. ދެ ދުވަހެއް ތެރޭގަ ރާނިޔާ ރަންކިޔާނެ. ރާނިޔާގެ މަންމަޔާ ބައްޕަ ވެސް މިއަދު މާލެދާން ފުރަން އެ އުޅެނީ. ބައެއް ކަންކަމުގެ ހިކުމަތް އަހަރުމެން އިންސާނުންނަކަށް ނުވިސްނޭނެ. އަހަރުމެން ޖެހޭނީ ހިތުންރުހުމުން ގަބޫލުކޮށްލަން.”

ހަމީދު ބުނީ ތެދެކެވެ. ކޮންމެ ކަމެއް ވެސް ވާނީ ރަނގަޅަކަށެވެ. ރާނިޔާއާ އިނދެވުނު ނަމަ އެއީ ވެސް ރަނގަޅެކެވެ. ނީނދެވުނީމަ ނިންމަންޖެހޭނީ އެންމެ ރަނގަޅު ގޮތަކީ އެއީ ކަމަށެވެ. ވަރަށް ވާހަކަދައްކައިގެން ހިތް ރުއްސައިގެން ނިދަން އޮށޯތީމެވެ. ގިސްލަގިސްލައިފައި ހިތް ރުޔެވެ. އަހަރެން ބުނީމެވެ. އޭ ހިތާއެވެ! ދެން ނުރޯށެވެ. ތި އަޑެއް މީހަކަށް ނީވޭނެއެވެ. އޭ ހިތާއެވެ! ދެން ނިދާށެވެ. ތި ތަދެއް މީހަކަށް ނޭނގޭނެއެވެ.

ހެނދުނު ހޭލިއިރު އަހަރެން ހުރީ ވަރަށް ބޮޑަށް ހަމަޖެހިފައެވެ. ހީވާ ކަހަލައެވެ. ހިތް ހަގީގަތާ ކުރިމަތިލައިފިއެވެ. ރާނިޔާ ހަނދާންނައްތައިލައިފިއެވެ. އާދައިގެމަތިން އަހަރެން ދިޔައީ ހޮސްޕިޓަލަށެވެ. ހާޒިރީގައި ސޮއިކޮށްފައި ބިއްދޮށް ފަރާތުން ގޯތިތެރެއަށް ނުކުތްއިރު ހަމީދު ވަރަށް ކަންބޮޑުވެފައި ހުއްޓައި ފެނުނެވެ. އޭނަ ހުރީ ވަޅަށް ބަލަހައްޓައިގެން ވަޅު ކައިރީގައިއެވެ. އެ ވަޅަކީ އެކިއެކި ކަންކަމަށް ފެން ބޭނުންކުރަންޖެހޭ ވަޅެކެވެ.

“މުޅިން ސަކަރާތެއްނު!” އަހަރެން ފެނުމުން ހަމީދު ބުންޏެވެ.

އަހަރެން ގޮސް ވަޅުތެރެ ބަލައިލީމެވެ. އޭރު ވަޅުތެރޭގައި ދެ މީދާ ފަތަފަތާ އޮތެވެ. ވަޅު ހުންނަނީ ފުރާޅު ކައިރީގައެވެ. ހީވާ ގޮތުގައި ދެ މީދާ ތަޅައިފޮޅައިގަނެގެން އުޅެނިކޮށް ވަޅުތެރެއަށް ވެއްޓުނީއެވެ. ވަޅުދިޔަހިއްކައިގެން ނޫނީ ދެން ފެނެއް ބޭނުމެއް ނުކުރެވޭނެއެވެ. އަހަންނަށް ވިސްނުނީ އެ ކަމަކާ ނޫނެވެ. އަހަންނަށް ވިސްނުނީ ވަޅުގައި އޮތް ދެ މީދާގެ ހިތްވަރާ ދޭތެރޭގައެވެ. ހުއްޓުމެއް ނެތި ވަޅުގެ އެއްކޮޅުން އަނެއް ކޮޅަށް ދެ މީދާ ފަތަމުން ގެންދިޔައެވެ. ފެންބޮވި ބަނޑު ފުފިފައި އޮތްއިރުގައި ވެސް ވެހެވެ. ވީއިރު އަހަރެން ރާނިޔާ މަތިން ހަނދާންނައްތައިލައިފައި، ވަގުތުގެ ކުރިން ސަންދޯކަށް އެރި މަތިޖަހަންވީ ކީއްކުރަން ހެއްޔެވެ؟ އުންމީދުކަނޑައިލަންވީ ކީއްކުރަން ހެއްޔެވެ؟ މީދަލަކަށް ވުރެ އަހަރެން ފިނޑީ ހެއްޔެވެ؟ ހޮސްޕިޓަލަކާ ހޮސްޕިޓަލެކެވެ. ޑިޔުޓީއަކާ ޑިޔުޓީއެކެވެ. ފޮއްޓަށް އަންނައުނުކޮޅު އަޅައިލައިގެން އަތޮޅު ލޯންޗުގައި މާލެއަށް ނައްޓައިލީމެވެ.

ނުނިމޭ



Source link

Leave a Reply

Related Articles