• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ ތަހުގީގުގައި ޔާމީނާ ސުވާލުކުރި ކުށާ މެދު ބޮޑު ޚިޔާލު ތަފާތުވުމަކަށް!

ތަހުގީގުގައި ޔާމީނާ ސުވާލުކުރި ކުށާ މެދު ބޮޑު ޚިޔާލު ތަފާތުވުމަކަށް!


ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލާން ހުކުމްކުރި މައްސަލައިގައި އެމަނިކުފާނާ ތަހުގީގުގައި ސުވާލުކުރި ކުށާ ގުޅޭގޮތުން، ދެ ފަރާތުގެ ވަކީލުންގެ ދެމެދުގައި ހައި ކޯޓުގައި މިއަދު ވަރަށް ބޮޑަށް ޚިޔާލު ތަފާތުވެއްޖެ އެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ފަސް އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން އެ މަނިކުފާނު ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރަން ޔާމީންގެ ފަރާތްޕުޅުން ވަނީ ހައި ކޯޓަށް ހުށަހަޅުއްވައިފަ އެވެ. އެ މައްސަލައިގައި ޔާމީނަށް ދައުވާކުރީ ތަހުގީގުގައި ސުވާލު ނުކުރާ ކުށަކަށް ކަމަށް ބުނެ، އެ މަނިކުފާނުގެ ފަރާތްޕުޅުން އެކަން ހައި ކޯޓުގައި ކުރިން އޮތީ ފާހަގަކޮށްފަ އެވެ.

އެ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ ތަހުގީގުގައި ޔާމީނަށް ދިން ގާނޫނީ އިންޒާރުގައި މަނީ ލޯންޑްރިންގެ ކުށް ހިމަނާފައިވާ ކަމަށެވެ. އެކަން ލިޔުންތަކުން ވެސް އެނގޭނެ ކަމަށާއި އަދި އެ މައްސަލަ ޔާމީންގެ ވަކީލުން ފާހަގަކުރީ ދަށު ކޯޓުގެ އެންމެ ފަހު އަޑުއެހުމުގައި ކަމަށް ވެސް ދައުލަތުން ބުންޏެވެ.

ތަހުގީގުގައި ޔާމީނާ ސުވާލުކުރި ވަގުތު ނަގާފައިވާ ވީޑިއޯ ވެސް ދައުލަތުގެ އެދުމުގެ މަތިން ހައި ކޯޓުގައި މިއަދު ދެއްކި އެވެ. އެ ވީޑިއޯގައި، ޔާމީނާ ސުވާލު ކުރަނީ އެސްއޯއެފުން ޖަމާކުރި ފައިސާ ލޯންޑާ ކުރެއްވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުލަތުގެ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ތުހުމަތުގައި ކަމަށް ބުނާ އަޑު އިވެ އެވެ.

ރައްދުގައި ޔާމީންގެ ވަކީލުންގެ ޓީމުން ބުނީ މަނީ ލޯންޑްރިންގެ ކުށް ގާނޫނީ އިންޒާރުގައި ހިމަނާފައި އޮތަަސް، ޔާމީނަށް ދައުވާކުރި މައްސަލައާ ގުޅޭގޮތުން ތަހުގީގުގައި ސުވާލު ނުކުރާ ކަމަށެވެ. އަދި ތަހުގީގުގައި ސުވާލުކުރީ ދައުލަތުގެ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ތުހުމަތުގައި ކަމަށާއި ދައުލަތުން އެކަން އޮޅުވައިލަން މިހާރު މަސައްކަތް ކުރާ ކަމަށް ވެސް އެ މަނިކުފާނުގެ ވަކީލުން ބުންޏެވެ.

“ގާނޫނު ތަސްދީގުކުރީ ޔާމީން، އެއީ ކުށެއް ކަން އެނގޭނެ”

ދައުލަތުން ބުނީ ޔާމީންގެ އަމަލަކީ މަނީ ލޯންޑްރިންގެ ގާނޫނުގެ ދަށުން މަނީ ލޯންޑްރިންގެ އަމަލަށް ފެތޭ ކުށެއް ކަމަށާއި އެ ކުށުގެ ހުރިހާ އުންސުރެއް ފުރިހަމަވާ ކަމަށެވެ. އަދި ޔާމީންގެ އެކައުންޓަށް ޖަމާވި ފައިސާ އަކީ މަނީ ލޯންޑްރިންގެ ގާނޫނުގައި ބުނާ ފަދައިން ކުށް ކޮށްގެން ހޯދި ފައިސާއެއް ކަމަށް އެކަށީގެންވާ ގޮތެއްގައި ޝައްކު ކުރެވޭ ހާލަތެއް އެ މައްސަލާގައި އޮތް ކަމަށް ބުންޏެވެ. އެ ގާނޫނަކީ ޔާމީން ވެރިކަމުގައި އެމަނިކުފާނު އަމިއްލަފުޅަށް ތަސްދީގު ކުރެއްވި ގާނޫނެއް ކަމަށް ވާތީ، އެ ކުށް އެނގިވަޑައިނުގަންނަވާނެ ކަމަށް ނުބެލެވޭނެ ކަމަށް ވެސް ދައުލަތުން ބުންޏެވެ.

އެސްއޯއެފުން ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާކުރިއިރު، އެމަނިކުފާނު ހުންނެވީ ރައީސްގެ މަގާމުގައި ކަމަށް ވެފައި، ރައީސުން އެއްވެސް ވިޔަފާރިއެއްގައި ބައިވެރިވުން ގާނޫނީ ގޮތުން މަނާ ކަން ފާހަގަކޮށް، ދައުލަތުން ބުނީ އެ މަގާމުގައި ހުރި ބޭފުޅެއްގެ އެކައުންޓަށް ވިޔަފާރި ކުންފުންޏަކުން ފައިސާ ޖަމާކޮށްފި ނަމަ އެއީ އެއާ މެދު ޝައްކު ކުރެވޭނެ ހާލަތެއް ކަމަށެވެ. އަދި އެސްއޯއެފް އަކީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ ފައިސާ ދައުރުކުރި ކަމަށް ތުހުމަތު ކުރެވޭ ކުންފުނި ކަމަށް ވާތީ އެ ކުންފުނިން ފައިސާއެއް ޖަމާ ކުރުމުން އޭގެ ހަގީގަތް ބަލަންޖެހޭ ކަމަށް ވެސް ދައުލަތުން ބުންޏެވެ.

އެ ފައިސާއަކީ ސިޔާސީ ކަންކަމުގައި ބޭނުން ކުރަން ބަހައްޓާފައި ހުރި ފައިސާތަކެއް ކަމަށް ޔާމީންގެ ފަރާތްޕުޅުން ބުނެފައިވާ ބުނުމަށް ރައްދު ދީ، ދައުލަތުން ބުނީ އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނު އޮތްގޮތުން އިންތިޚާބުތަކަށް ވެސް ޚަރަދު ކުރެވޭނީ ވަކި މިންވަރެއް ކަމަށެވެ. އެ ގާނޫނު އޮތްގޮތުން 2018 ވަނަ އަހަރުގެ ރިިޔާސީ އިންތިޚާބުގައި ޚަރަދުކުރަން ހުއްދަ ވާނީ 10 މިލިއަން ރުފިޔާ ކަމަށާއި އެކަމަކު ޔާމީންގެ އެކައުންޓަށް ޖަމާވީ އެއަށް ވުރެ އިތުރު އަދަދެއް ކަމަށް ވެސް ދައުލަތުން ބުންޏެވެ.

މީގެ އިތުރުން އެއީ ސިޔާސީ ކަންކަމަށް ލިބުނު ފައިސާއެއް ނަމަ، އެ ފައިސާ ބޭނުން ނުކުރެއްވޭނެ ގޮތަކަށް ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓެއްގައި އިންވެސްޓް ކުރި ސަބަބާ މެދު ސުވާލު އުފެދޭ ކަމަށް ވެސް ދައުލަތުން ބުންޏެވެ. އަދި އެއީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދިން ފައިސާ ކަމަށް ބެލިޔަސް، އެ މުއާމަލާތް ހިނގިއިރު އޭނާ ހުންނެވީ ނައިބު ރައީސްގެ މަގާމުގައި ކަމަށާއި އެހެންވެ އޭރު އޭނާއަކީ ވެސް ވިޔަފާރި ކުރުން ހުއްދަ ފަރާތެއް ނޫން ކަމަށް ދައުލަތުން ބުންޏެވެ.

“އަދީބާއި ޒިޔަތަށް ލުޔެއް ނުދެން”

އެ މައްސަލާގަައި ދައުލަތުގެ ހެކިންގެ ގޮތުގައި ހެކިބަސް ދިން އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކިބަސް ބަލައިނުގަނެވޭނެ ކަމަށް ބުނެފައިވާ ބުނުމަށް ރައްދު ދީ ދައުލަތުން ބުނިގޮތުގައި އެ ދެ މީހުންގެ ހެކިބަސް ބަލައިގަތުމުގައި ހުރަހެއް ނެތެވެ. އަދި އެ މީހުންގެ ހެކިބަހަށް ބާރު ލިބޭ އިތުރު ހެކި ވެސް ދައުލަތުން ހުށަހަޅާފައިވާ ކަމަށް ވެސް ދައުލަތުން ބުންޏެވެ.

އަދީބާއި ޒިޔަތު ގޭ ބަންދުގައި ބައިތިއްބާފައި ތިބުމުން، ވަކި ގޮތަކަށް ހެކިބަސް ދިނުމުން މަންފާއެއް ލިބުނު ފުރުސަތު އެ މީހުންނަށް އޮތް ކަމަށް ބުނެފައި ވިޔަސް، ދައުލަތުން ބުނިގޮތުގައި އެ ދެ މީހުން ގޭ ބަންދުގައި ބޭތިއްބީ އެ މީހުންގެ ބަލި ހާލަތަށް ރިއާޔަތްކޮށް ކަރެކްޝަނަލް ސާވިސް އިންނެވެ. އަދި އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން އެ ދެ މީހުންނަށް މިހާރު ވެސް ދައުވާ ކޮށްފައިވާ ކަމަށް ދައުލަތުން ބުންޏެވެ.

މީގެ އިތުރުން އެ މައްސަލާގެ ޝަރީއަތް ދަށު ކޯޓުން ކުރިއަށް ގެންދިޔައީ އެކަށީގެންވާ ވަގުތާއި ވަސީލަތްތައް ޔާމީނަށް ލިބިވަޑައިގަންނަވާ ގޮތަށް ކަމަށް ވެސް ދައުލަތުން ބުންޏެވެ. އަދި ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓުގައި ފާހަގަކުރި ބައެއް ކަންކަމަކީ ދަށު ކޯޓުގައި ފާހަގަ ނުކުރާ ކަންކަން ކަމަށްވާތީ އެ ކަންކަމަށް ޖަވާބުދޭން ނުޖެހޭނެ ކަމަށް ދައުލަތުން ބުންޏެވެ. ސަބަބަކީ ކޯޓުތަކުގެ ގާނޫނު އޮތްގޮތުން އިސްތިއުނާފް މަރުހަލާގައި ބަލާނީ ދަށު ކޯޓަށް ހުށަހެޅުނު ކަންކަމަށް އެކަނި ކަމަށްވާތީ ދައުލަތުން ބުންޏެވެ.

މިއަދުގެ އަޑުއެހުން ނިންމާލީ ދައުލަތުގެ ޖަވާބާ ގުޅިގެން ވާހަކަ ދެއްކުމަށް ޔާމީންގެ ވަކީލުންނަށް ދެން އޮންނަ އަޑުއެހުމެއްގައި ފުރުސަތު ދެއްވާނެ ކަން އިއުލާން ކުރެއްވުމަށް ފަހު އެވެ.

އެ މައްސަލާގެ އިތުރު އަޑުއެހުމެއް މިމަހުގެ 21 ވަނަ ދުވަހުު ބާއްވާނެ ކަން ފަނޑިޔާރުންގެ ބެެންޗުން އިއުލާން ކުރެއްވި އެވެ.

އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު ހުސައިން މަޒީދާއި ފަނޑިޔާރު މުހައްމަދު ނިޔާޒްގެ އިތުރުން ފަނޑިޔާރު ހުސައިން ޝަހީދެވެ. އެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު މަޒީދެވެ.



Source link

Leave a Reply

Related Articles