• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ރިޕޯޓް ⁄ ހިމަބިހި އެނގެނީ ކިހާވަރަކަށް؟

ހިމަބިހި އެނގެނީ ކިހާވަރަކަށް؟



ހިމަބިއްސަކީ ޕެރަމިކްސޯ ވައިރަސް ގެތެރޭގައި ހިމެނޭ މީސްލް ވައިރަހެވެ. މިބައްޔަކީ ގައިންގަޔަށް އަރާ ވަރަށް ނުރައްކާތެރި ބައްޔެކެވެ. އާންމު ގޮތެއްގައި މީސްލް ވައިރަސް އަކީ ނޭވާލާ ނިޒާމަށް ބަލި ޖައްސުވާ ވައިރަހެކެވެ.މިބަލި އާންމު ކޮށް ގިނައިން ޖެހެނީ ކުޑަކުދިންނަށް ކަމަށްވިޔަސް  ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ވެސް ހިމަބިހި ޖެހުން އެކަށީގެންވެއެވެ. އުމުރުން އެއްފަހަރު ހިމަބިހި ޖެހުމުން މުޅި އުމުރަށް އެމީހާ ހިމަބިހިން ދިފާޢުކޮށް ދެއެވެ. 1963 ވަނަ އަހަރު ހިމަބިހިން ރައްކާތެރިވުމަށް ވެކްސިން ތަޢާރަފްކުރި ފަހުން ހިމަބިހި ޖެހޭ މިންވަރު ނިސްބަތުން ދަށްވެގެން ގޮސްފައި ވެއެވެ.ބަލިޖެހިފައިވާ މީހާގެ ފުށުން އެހެން މީހުންގެ ގަޔަށް ބަލި ފަތުރަނީ ބައްޔާއި ގުޅިގެން ގައިގައި ނަގާ ބިހިތައް ފެނުމުގެ 5 ދުވަސް ކުރިންނާއި، އަދި ބިހިތައް ފެނުމަށްފަހު 5 ދުވަސް ހަމަވުމާއި ދެމެދުގައި އޮންނަ މުއްދަތުގެ ތެރޭގައެވެ. މިއީ ހިމަބިހީގެ ބަލި ފަތުރާ މުއްދަތުކަމަށް ބުނެއުޅެއެވެ.    ހިމަބިހީގެ ވައިރަސް ބަލިޖެހިފައި ހުންނަ މީހާގެ ކަރާއި، ނޭފަތުގެ އެތެރޭގައި ލެވިފައިވާ ތެތް ދުލި ފަށަލަަ އިގެ ހިޔާވަހިކަން ހޯދައިގެން ތިބެއެވެ. އަދި ބަލިޖެހިފައިވާ މީހާ ކެއްސައި، ކިނބިހި އެޅުމުގެ ތެރޭގައި، ވައިގެ ތެރެއަށް ވައިރަސްތައް ބޭރުވެގެން ދެއެވެ. އަދި ނޭވާލުމުގެ ޒަރީޢާއިން ސަލާމަތުން ހުރި މީހާގެ ހަށިގަނޑަށް ވައިރަސް ވާޞިލްވެ، އެމީހަކަށް ބަލި ޖައްސުވައެވެ.މީގެއިތުރުން ބަލިމީހާ ގެންގުޅޭ ޓިޝޫ، ރުމާ، ތުވާލި ފަދަ ވައިރަސްގެ އަަސަރުކޮށްފައިވާ އެއްޗެއްގައި އަތްލުމަށްފަހު، ސަލާމަތުން ހުރި މީހާ އަތްނުދޮވެ، އަނގަޔަށް އަތްލައިފިނަމަ އެމީހަކަށް ބަލިޖެހިދާނެ އެވެ. ވައިރަސް އާއި ތަޣައްޔަރުވެފައިވާ ތަކެތީގައި ހީވާގިކަމާއެކު ވައިރަސް 2 ގަޑިއިރުގެ މުއްދަތަށް ދިރިދެމި ހުރެއެވެ. ހަމަ މިހެން ކެއްސާ ކިނބިހިއެޅުމުގެ ތެރޭގައި ވައިގެ ތެރެއަށްދާ ވައިރަސް ވެސް ރައްކާތެރިކަމާއެކު 2 ގަޑިއިރެއްހާއިރު ދިރިހުރެއެވެ. ބައެއްފަހަރު ބަލިޖެހިފައިވާ މީހާ ބޭނުންކޮށްފައިވާ ކާބޯތަކެތި އަނެކާ ބޭނުންކުރުމުންވެސް  ހިމަބިހި ޖެހެއެވެ.މިބަލިޖެހުމުގެ ފުރުސަތު ބޮޑު މީހުންގެ ތެރޭގައި ހިމެނެނީ  ހަށިގަނޑުގެ ދިފާޢީ ބާރު ދަށްވެފައިވާ ކުޑަކުދިންނާއި ބޮޑެތިމީހުންނެވެ. އޭގެތެރޭގައި ލޭގެ ކެންސަރާއި، އޭޑްސް ފަދަ ބަލިތަކާއި، އަދި ސްޓީރޮއިޑް ފަދަ ބޭސް ބޭނުންކުރުމުގެ ސަބަބުން ދިފާޢީ ބާރު ދެރަވެފައިވާ މީހުންނަށް ފަސޭހައިން ހިމަބިހި ޖެހެއެވެ.ހިމަބިއްސަކީ ވަރަށް ފަސޭހައިން ގައިންގަޔަށް އަރާ ބައްޔަކަށްވާތީ، ހިމަބިހި އުޅޭ ހިސާބަކަށް ދަތުރުފަތުރުކުރާ މީހުންނަށް ފަސޭހައިން ހިމަބިހި ޖެހެއެވެ.ބަލީގެ ވައިރަސް ހަށިގަނޑަށް ވަނުމަށްފަހު، ހަށިގަނޑުގައި ގިނަވެ، އޭގެ ސަބަބުން ބަލީގެ އުދަނގޫތައް ބަލިމީހާ އަށް ކުރިމަތިކުރުވުމަށް ވަކި މުއްދަތެއް ނަގައެވެ. ހިމަބިހި ޖައްސާ ވައިރަސް ހަށިގަނޑަށް ވަނުމަށްފަހު އޭގެ އަލާމާތްތައް ފެނުމާއި ދެމެދު، 8-12 ދުވަހާއި ދެމެދުގެ މުއްދަތެއް ހޭދަވެއެވެ. ބައެއް ފަހަރު 7-21 ދުވަހާއި ދެމެދުގެ މުއްދަތެއް ހޭދަވުމަކީ ވެސް  ވެދާނެ ގޮތެކެވެ. މިމުއްދަތަކީ ހަށިގަނޑުގައި ވައިރަސްތައް އާލާވާ މުއްދަތެވެ.އެހެން މީހުން ގަޔަށް ބަލި ފަތުރަނީ ބައްޔާއި ގުޅިގެން ގައިގައި ނަގާ ބިހިތައް ފެނުމުގެ (2-4 ދުވަސް) ނުވަތަ 5 ދުވަސް ކުރިން ފެށިގެން، އަދި ބިހިތައް ނަގަށް ފެށުމަށްފަހު އަންނަ ފުރަތަމަ 5 ދުވަހާއި ދެމެދު ހޭދަވާ މުއްދަތުގެ ތެރޭގައެވެ. މިއީ ހިމަބިހީގެ ބަލި ފަތުރާ މުއްދަތެވެ.ހިމަބިހި ޖެހުމުން އެންމެ ފުރަތަމަ ފެންނަ އަލާމާތަކީ ގަދަޔަށް ހުން އައުމެވެ. އާންމު ގޮތެއްގައި ހިމަބިހި ޖެހުމުން އަންނަ ހުން ހުންނަނީ 38 ޑިގްރީ ސެލްސިއަސް އަށްވުރެ މަތީގައެވެ. ބައެއް ފަހަރު ހުންގަދަވެގެން ގޮސް 40 ޑިގްރީ ސެލްސިއަސް އަށް ވެސް އަރައެވެ. އޭގެއިތުރުން ނޭފަތުން އަރިދަފުސް ނުވަތަ ފެންއައުން، ކިނބިހިއެޅުން، ކަރުތެރެ ހަލާކުވެ ފާރުވުން، ކެއްސުން، ވަރުބަލިވުން، ނުތަނަވަސްވުން، ގައިގައި ނުވަތަ މަސްތަކުގައި ރިހުން، އަދި ކާހިތްނުވުން ފަދަ ކަންތައްތައް ހިމެނެއެވެ.ހަށިގަނޑުގައި ނަގާ ރަތް ކުލައިގެ ބިހިތައް ފުރަތަމަ ނަގަނީ ނިއްކުރި މަތިން ގޮސް ބޮލުގެ އިސްތަށި ފަޅާފައި ހުންނަ ހިސާބުންނެވެ. އެއަށްފަހު، މޫނާއި، ކަރު އަދި ކަންފަތުގެ ފަހަތުގައެވެ. އެއަށްފަހު 3-2 ދުވަހުގެ ތެރޭގައި، ބުރަަކަށި، މޭމަތި، އަތް، އަތްތިލަ، ފައި، ފައިތިލަ، އަދި މުޅި ހަށިގަނޑަށް ބިހިތައް ފެތުރިގެން ދެއެވެ. މިބިހިތައް ނަގާ ދުވަސްވަރު ހުން ހުންނަ މިންވަރު 40 ޑިގްރީ ސެލްޒިއަސް އަށް މަތިވެގެން ދެއެވެ. ހިމަބިހި ޖެހުމުން ހަށިގަނޑުގައި ނަގާ ބިހިތައް ގާތްގަނޑަކަށް 4-7 ދުވަހުގެ މުއްދަތަށް ދެމިހުރެއެވެ. ކޮންމެވެސް ވަރަކަށް ބައެއް ފަހަރު ބިހިތައް ހިރުވައި ކަހާގޮތް ވެއެވެ. އެއަށްފަހު ބިހިތައް ތިރިވެ، ރަގަޅުވެއެވެ.ހިމަބިހި ޖެހި ރަގަޅުނުވެ، ގިނަ ދުވަސްވުމުން ބައެއް ފަހަރު ނުރައްކާތެރި މައްސަލަތައް ފެންމަތިވެގެން އާދެއެވެ. އާންމު ގޮތެއްގައި މިއުދަނގޫތައް 5 އަހަރުން ދަށުގެ ކުދިންނާއި، 20 އަހަރުން މަތީގެ މީހުންނާއި ،ދިފާޢީ ބާރު ދަށް މީހުންނަށް، އަދި ކާނާ ގޯސްވުން ކުރިމަތިވެފައިވާ ކުދިން ނުވަތަ ރަގަޅުކާނާ ނުލިބޭ ކުދިންނަށް، ކުރިމަތިވާ މިންވަރު އިތުރުކަން ވަނީ ފާހަގަ ކުރެވިފައެވެ. ހިމަބިހި ޖެހި ގިނަދުވަސްވުމުން ނޭވާލާ ނިޒާމަށް ކުރިމަތިވާ މައްސަލަތަކުގެ ތެރޭގައި، ލަގޮނޑި ދުޅަވުން، ނިއުމޯނިޔާ ޖެހުން، ވައިނޮޅި ދުޅަވުން، ފުއްޕާމޭގެ ތެރޭގައި ހުންނަ ކުދި ވައިކޮތަޅުތައް ދުޅަވުން، އަދި ކަންފަތުގެ މެދުބައިގައި ޖަރާސީމު އެޅުން ފަދަ ކަންތައްތައް ހިމެނެއެވެ.ހަޖަމުކުރާ ނިޒާމަށް ކުރިމަތިވާ މައްސަލަތަކުގެ ތެރޭގައި، އަނގަ ފާރުވުން، އަދި ބޭރަށްހިންގުން ފަދަ ކަންތައްތައް ހިމެނެއެވެ. ބޭރަށްހިންގުމަކީ ހިމަބިހި ޖެހޭ މީހުންނަށް އެންމެ އާންމުކޮށް ދިމާވާ އެއް ނުރައްކަލެވެ.ސިކުނޑިއާއި ނާރުތަކުގެ ނިޒާމަށް ކުރިމަތިވާ މައްސަލަތަކުގެ ތެރޭގައި ސިކުނޑި ދުޅަވުން، ވާގިއެރުން، ފިޓުޖެހުން ފަދަ ކަންތައްތައް ހިމެނެއެވެ. ބައެއްފަހަރު ހޭވެރިކަން ގެއްލި ފުރާނަ އަށް ނުރައްކާވުމަކީ ވެސް ވެދާނެ ގޮތެކެވެ. ސިކުނޑި ދުޅަވުން ކުރިމަތިވާ މީހުންގެ ތެރެއިން 15 އިންސައްތަ މީހުން ދުނިޔެ ދޫކުރާ ކަމަށް ތަފާތު ހިސާބުތައް ދައްކައެވެ.ހިމަބިއްސަށް ފަރުވާކުރުމަށް ދެވޭ ވަކި ޚާއްޞަ ބޭހެއް ނުވަތަ މިބައްޔަށް ވަކި ޚާއްޞަ ފަރުވާ އެއް ނޯވެއެވެ. ހިމަބިއްސަށް އާންމުކޮށް ފަރުވާކުރެވެނީ ގޭގައެވެ. އެއީ ބަލީގެ ޙާލަތު ގޯސްވެ، ނުރައްކާތެރ ިޙާލަތަކަށް ބަދަލުވެފައި ނުވާނަމަ އެވެ. ބައްޔާއި ގުޅިގެން ކުރިމަތިވާ ނުރައްކާތެރި އުދަނގޫތައް މެދުވެރި ނުވާނަމަ، އާންމު ގޮތެއްގައި 2 ހަފްތާގެ ތެރޭގައި ބަލި ފަސޭހަވެ ދެއެވެ. ނުރައްކާތެރި ހާލަތުގައި ހޮސްޕިޓަލުގައި އެދުމަތިކޮށްގެން ފަރުވާ ދޭން ޖެހެއެވެ.،    ހިމަބިިހިން ރައްކާތެރިވުމަށް އޮތް އެންމެ ފަސޭހަ ގޮތަކީ ހިމަބިހިން ރައްކާތެރިވުމަށް ބޭނުންކުރެވޭ ވެކްސިން ޖެހުމެވެ. އެގޮތުން ހިމަބިހިން ރައްކާތެރިވުމަށް ކުޑަކުދިންގެ އުމުރުން 9 މަހުގައި މީސްލްސް ވެކްސިނ ދިނުމަކީ މުހިއްމު ކަމެކެވެ. ބައެއް ގައުމުތަކުގައި މީސްލްސް ވެކްސިންގެ ދެވަނަ ޑޯޒެއް ވެސް ދެއެވެ. އުމުރުން 18 މަހުގައި އެމްއެމްއާރު ވެކްސިން ދެއެވެ. މީގެ އިތުރުން ބައެއް ގައުމުތަކުގައި މިހާރު ކޯފުއްޕި، ހިމަބިހި، ޖަރުމަނު ހިމަބިހި، އަދި ފާނަ ބަސަންދުން ރައްކާތެރިކޮށްދޭ، އެމްއެމްއާރުވީ ވެކްސިން ވެސް ދީއުޅެއެވެ. ފަހުން މިބުނެވުނު އެމްއެމްއާރުވީ ވެކްސިން އުމުރުން 12 އަހަރުން މަތީގެ ކުދިންނާއި މީހުންނަށް ދިނުން އެދެވިގެނެއް ނުވެއެވެ. އަދި ތަންކޮޅެއް ކުރިން އެމްއާރު ވެކްސިން  ގެ ނަމުގައި ހިމަބިހި އަދި ޖަރުމަނު ހިމަބިހިން ރައްކާތެރިކޮށްދޭ ވެކްސިނެއް ދީއުޅުނެވެ. ދިވެހިރާއްޖޭގެ ގައުމީ ވެކްސިން ޕްރޮގްރާމްގައި ހިމަނައިގެން މީސްލްސް ވެކްސިން އަދި އެމްއެމްއާރު ވެކްސިން ގަވާޢިދުން މިހާރު ދެމުން ގެންދެއެވެ.

މިލިޔުން ކިޔާލުމުން

0 %
އުފާވި

0 %
ދެރަވި

0 %
ރުޅިއައި

100.0 %
މައުލޫމާތު މުއްސަނދިވި



Source link

Leave a Reply

Related Articles