• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ވާހަކަ ⁄ އަހަރެން މަށަށް ގެއްލިފައި

އަހަރެން މަށަށް ގެއްލިފައި


އާދިއްތަ ދުވަހާ ގުޅޭ

ބަދުނަސީބުގެ ކަޅު ވިލާތައް ބޯމައްޗަށް އަރަމުންދިޔައިރު ވެސް އަހަރެންނަށް ހުރެވުނީ ނޭނގުމެއްގެ ތެރޭގައެވެ. ވިލާގަނޑުގައި ވައި ކިހާ ގަދަވާނެކަމާއި، ވިދުވަރުގައި އަލި ކިހާ ގަދަވާނެކަމާއި، ގުގުރީގެ އަޑު ކިހާ ގަދަވާނެކަމެއް އަހަންނަކަށް ނޭނގެއެވެ.

ކައިވެނީގެ ފުރަތަމަ ދެތިން މަސް ވަރަށް އުފާވެރިއެވެ. އަހަރެންގެ ހަޔާތަށް ދެ ފިޔަގަނޑު ލިބުނު ކަހަލައެވެ. އުދުހިފައި މައްޗަށްއަރައި ވައިރޯޅިޔާ ހަވާލުކޮށްލައިގެން އަހަރެން އޮތީއެވެ. ހަސަދަވެރިންގެ އެސްފީނާޔާ ދުރަށް އަހަރުމެން ދަތުރުކުރީމެވެ. ކަޅިއަޅާ މީހުންގެ ލޮލަށް އަހަރުމެން ފަރުދާވީމެވެ. އަހަރުމެން އުޅުނީ އަހަރުމެންގެ އަމިއްލަ ލޯބީގެ ދުނިޔެއެއްގައެވެ. ކުރިން އަހަރެންނަށް އިވެނީ އެ ފަދަ ދުނިޔެއެއް އޮންނަ ވާހަކައެވެ. ހަމަލޮލަށް އެ ދުނިޔެ ދެއްކީ އާސިމެވެ. ހަމައެކަނި ދެއްކީކީ ނޫނެވެ. އަހަރެންގެ އަތުގައި ހިފައިގެން އެ ތަނަށް ގެންގޮސް، ހުވަފެނީ މަންޒިލުތަކަށް ފައިބައި، ލޯބީގެ ޖާދޫގައި އަހަރެން ރަނގަޅަށް ޖެއްސިއެވެ. ކުލަކުލައިގެ މާތަށް ފަރިވެ ފޮޅިފައިވާ ބަގީޗާގެ އެންމެ އެތެރެއަށް އަހަރެންގެ ގެންގޮސް، އެ ތަނަށް އަހަރެންގެ ހިތްޖެއްސިއެވެ. އަހަރެންގެ ހިތް އެތައް ކަމަކަށް އެއްބަސްކުރުވިއެވެ. އާސިމް ފަދައިން ލޯބިވާނެ މީހަކު އަހަންނަކަށް ނުލިބޭނެއެވެ. އެހާ އޯގާތެރި، ތެދުވެރި، ބުއްދިވެރި މީހަކު ވެސް އަހަންނަކަށް ދެން ނުލިބޭނެއެވެ. ކަމެއް ކުރިމަތިވުމުން އާސިމް ކަންތައްކުރަނީ، އެ ފަދަ ކަމަކާ އަހަރެންގެ ފިރިމީހާ ކުރިމަތިލާން އަހަރެން އެންމެ ބޭނުންވާ ގޮތަށެވެ. އެއީ އާސިމްގެ އަސްލު ސިފައެއް ނޫނެވެ. އޭނަ ކުޅުނު ތަމްސީލެކެވެ. ރަނގަޅަށް ފަރިތަކޮށްގެން ކުޅުނު ޑުރާމާއެކެވެ. އަހަންނަށް އޭރު ވިސްނުނު ނަމައެވެ. ކޮންމެ ކަމެއް އަހަރެން ބޭނުންވާ ގޮތަށް މީހަކު ކުރާނީ ކިހިނެއް ހެއްޔެވެ؟ އެހެނަސް އަހަރެން ހިތާހިތުން އާސިމަށް ތައުރީފުކޮށްލަކޮށްލާ ހުރީއެވެ. މީހަކު އާދަޔާހިލާފަށް ރަނގަޅުވުމުން ކުރަންޖެހޭނީ ޝައްކު ހެއްޔެވެ؟ ޝަކުވާ ހެއްޔެވެ؟ ޝުކުރު ހެއްޔެވެ؟ ކޮންމެ މީހަކަށް ވެސް އޭގެ ޖަވާބު އެނގޭނެއެވެ.

“އަހަރެން ހިތަށްއަރާ ތަންކޮޅެއް ކުރިން ނާނާ ދިމާވި ނަމައޭ،” އާސިމް ދައްކަނީ އަހަރެން އަޑުއަހަން ބޭނުންވާ ކަހަލަ ހުވަފެނީ ވާހަކަތަކެވެ. “އެހެން ނަމަ އަހަރެން ކައިވެނިކުރާނީ އެންމެ މީހަކާ. އެންމެ ފަހަރަކު. އަހަރެން ހާދަހާ ނަސީބުގަދައޭ!”

ތައުރީފު އަޑުއަހަން ބޭނުންނުވާނީ ކާކު ހެއްޔެވެ؟ ހާއްސަ މީހަކަށްވާން ބޭނުން ނުވާނީ ކާކު ހެއްޔެވެ؟ އެންމެ ކުޑައިރުއްސުރެ މައިންބަފައިން ދަސްކޮށްދެނީ ވެސް އެ ފިލާވަޅެވެ. މައިންބަފައިންގެ އެންމެ ހާއްސަ ދަރިފުޅަށް ވާން ނޭދޭނީ ކާކު ހެއްޔެވެ؟ މުދައްރިސްގެ އެންމެ ހާއްސަ ދަރިވަރަށް ވާން ބޭނުންނުވާނީ ކާކު ހެއްޔެވެ؟ ބޮޑުވާއިރު އަހަރުމެން ތިބެނީ އެ ފަދަ މަގާމަކަށް ދަހިވެތިވެފައެވެ. އެހެނަސް، ދެން ފެންނަނީ މުޅީން އެހެން މަންޒަރެކެވެ. އޮފީހުގެ އެންމެ ހާއްސަ މުވައްޒަފަކަށް ނުވެވެއެވެ. މީހެއްގެ އެންމެ ހާއްސަ ރަހުމަތްތެރިޔަކަށް ވެސް އޮންނަނީ ނުވެވިފައެވެ. ހަޔާތުގެ އެ ފަދަ ފައްތަރެއްގައި ހުއްޓައި ފިރިމީހާ އެ ފަދަ މަގާމެއް ދިނުމުން ދަހިވެތިކަން އިންތިހާޔަށް ދެއެވެ. އެ މަގާމުގައި ހުންނަން އަހަރެން ބޭނުންވިއެވެ. ސިކުންތަކަށް ނަމަވެސް އެ ތާޖު ނަގާހިތެއް ނުވިއެވެ. ހަގީގަތުގައި އެއީ އާސިމްގެ ކެހިވެރި ލޯތްބެވެ. ތެދުވެރި ލޯތްބެއް ނޫނެވެ.

“ޔަގީން ކޮންމެވެސް މީހެއްގެ އެސްފީނާ އަހަރުމެންނަށް ޖެހޭނެ،” އާސިމް ދުރާލައި ސަލާމަތީ ފިޔަވަޅުތައް ވެސް އެޅިއެވެ. “ކޮންމެ މީހަކު ވެސް ލައިފެއް ފަށާނީ ވަރަށް އުންމީދުގަ. މާ ގިނަ ދުވަހެއް ނުވެ އުންމީދު ހިނގައިދާނެ ފެނަށްވެގެން. ދެން ވާނީ ޖެލަސް. ބަޔަކު ލޯބިން އުޅެންޏާ އެ ދޭތެރެއަށް ފަނި ވައްޓާނެ. އެ ކަހަލަ ދުވަހެއް އަތުވެދާނެތީ އަހަރެން ވަރަށް ބިރުގަނޭ. އިއްޔެ އަހަންނާ ދިމާވި މީހެއް. އޭނަގެ ނަމެއް ނޭނގެ. ރައްޓެއްސެއް ވެސް ނޫން. ސަޔަށްދާ ތަނަކުން ވަރަށް ގިނައިން ފެންނަ މީހެއް އެއީ. ހަމަ ކުއްލިޔަކަށް ބުނެފި މިހާރު ނާނާޔާހޯ އިނދެގެން ތިއުޅެނީ. އެނގޭހޯ ދެ މީހުންނާ އިނދެގެން އޭނަޔަށް ނޫޅެވުނީ ކީއްވެގެންކަން. އަހަރެން ރުޅިއައިސްގެން ވަގުތުން ތެދުވެގެން ދިޔައީ. ޔަގީން ދޭތެރެޖައްސަންކަން އެ އުޅުނީ.”

އާސިމް ވާހަކަ ހެދީއެވެ. ހާދިސާތައް އުފެއްދީއެވެ. ނުސީދާކޮށް އަހަރެންގެ ސިކުނޑީގައި އޮށެއް އިންދީއެވެ. އާސިމް ނުބުނެ ބުނި އެއްޗަކީ، އާސިމާ ބެހޭގޮތުން މީހަކު ގޯސް ވާހަކައެއް ދައްކައިފި ނަމަ ގަބޫލުނުކުރުމަށެވެ. އަހަންނަށް ކަންތައް ކުރެވުނީ ވެސް އެހެންނެވެ. ކައިވެނީގެ ފަހުން އާސިމްގެ އެކިއެކި ވާހަކަތައް އަހަންނަށް އަޑުއިވުނެވެ. އާސިމް ކުރިން ކައިވެނިކުރި އަންހެނުންނާ ދޭތެރޭގައި އާސިމް ކަންތައްކުރި ގޮތެވެ. އެ މީހުންނަށް ކުރާ ނަފުސާނީ އަނިޔާއެވެ. ޖިސްމާނީ އަނިޔާއަކީ އާސިމް ދަންނަ އެއްޗެއް ނޫނެވެ. އާސިމްގެ އުފަލަކީ އަންހެނުންނަށް ނަފުސާނީ އަނިޔާކުރުމެވެ. އެއީ އާސިމް ގަޔާވެގެން ކުޅޭ ކުޅިވަރެކެވެ. މުނިފޫހިފިލުވަން ކުރާ ކަމެކެވެ.

ވުޖޫދުގައި ނެތްކަމެއް އަހަރެން ލައްވާ ގަބޫލުކުރެވިއްޖެ ނަމަ އާސިމްގެ އަމިއްލަ ނަފުސަށް ފަންސާސް މާކްސް ދޭހެން އަހަންނަށް ހީވެއެވެ. ސަބަބަކީ، އެ ފަދަ ޚިޔާލީ ދުނިޔެއެއް ބިނާކުރުމަށް ޓަކައި އާސިމް ހޭދަކުރާ ވަގުތެވެ. ހަތަރުދަމު ހޭލާ ވާހަކަދައްކަން އިންނަންޖެހުނަސް އާސިމް އެ ކަން ނުކޮށެއް ދުލެއްނުކުރެއެވެ. ބާކީ ފަންސާސް މާކްސް އެހެން ހުރިހާ ކަމަކަށް ބަހައިލަނީއެވެ. ލިސްޓު ވަރަށް ދިގެވެ. އާސިމަށް ކުރެވޭ ކުށެއް އަހަރެންގެ ބޮލުގައިއެޅުވުމަކީ އާސިމަށް މެޓައެވެ. އަހަރެން ދެރަވާ ކަހަލަ ކަމެއް އާސިމަށް ކުރެވިއްޖެ ނަމަ އެއީ އަހަންނަށް ރަނގަޅަކަށް ކުރި ކަމެކެވެ. ފިރިމީހާޔާ ސުވާލުކުރެވިގެން ނުވާނެއެވެ. ކޮށްފި ނަމަ އޭގެ މާނައަކީ އަހަރެން ޝައްކުކުރާކަމެވެ. އިތުބާރު ނުކުރާކަމެވެ. ސިއްރުން މީހަކާ ފޯނުން ވާހަކަދައްކަން އިނަސް ނުވަތަ އާސިމް ލަހުން ގެޔަށް އައި ނަމަވެސް ސުވާލެއް ނުކުރެވޭނެއެވެ. ފާސްބަހެއް ޖަހައިގެން ނޫނީ އާސިމްގެ ފޯނެއް ނުހުޅުވޭނެއެވެ. އެއީ ޖީބުގައި ފޯނު އޮންނައިރު ފޯނު ހުޅުވޭތީ އާސިމް ކުރި ކަމެކެވެ. އަހަރެންގެ ފޯނުގައި ފާސްބަހެއް ޖަހައިފި ނަމަ އާސިމަށް އަހަރެން އިތުބާރުނުކުރަނީއެވެ. އެ ކަހަލަ ކުދިކުދި އެތައް ބައިވަރު ކަންތަކެކެވެ. ނުވެސް އެނގި އަހަރެން ހުރީ އެ ކަންތައްތަކަށް އާދަވެފައެވެ.

ރައްޓެހިވެގެން އުޅުނުއިރު އަހަރެން އެކަނި ބޭރުގައި އުޅުމަކީ މައްސަލައެއް ނޫނެވެ. އާސިމްގެ އަންބަކަށްވުމުން މަޑުމަޑުން އެ ކަން ބަދަލުވިއެވެ. ރައްޓެހިންނާ އެކުގައި އަހަރެން ބޭރަށް ނުކުމެއްޖެއްޔާ އިރުއިރުކޮޅާ އާސިމް ގުޅައެވެ. ނުވަތަ މެސެޖު ފޮނުވައެވެ. ހަގީގަތުގައި އެއީ އާ ކަމެއް ނޫނެވެ. ކުރިން ވެސް އާސިމްގެ ފޯނުކޯލާއި މެސެޖުތަކާ ހެދި އަހަރެންނަށް އޮންނަނީ އުނދަގޫވެފައެވެ. އޭރު އާސިމް ގުޅަނީ ހަނދާންވާތީއެވެ. ލޯބިވާ ވާހަކަ ބުނާށެވެ. ވާހަކަދައްކާލާ ހިތުންނެވެ. މުޅީން ވެސް މާތް ސަބަބުތަކެވެ. ފަހުން ހާލަތު ބަދަލުވީއެވެ. ބަލިގަނޑު ހަމަ އެކައްޗެކެވެ. އަހަރެން ފޯނު ނުނަގައިފިއްޔާ އާސިމް ދެކެ ލޯބިނުވަނީއެވެ. މެސެޖަށް ޖަވާބު ނުދީފި ނަމަ އާސިމް ބާކީކޮށްލީއެވެ. ނިމޭއިރު ދެރަވާނީ އަހަންނެވެ.

އަބަދުވެސް އާސިމް އުޅެނީ އޭނަޔަކީ މާ ނިކަމެތި މީހަކަށް ވެގެންނެވެ. އަބަދު އެހެން ކިޔާކިޔާ އަހަންނަށް ވެސް ގަބޫލުކުރެވެނީ އެހެންނެވެ. އެންމެ ހައިރާންކުރަނިވި ކަމަކީ، އާސިމްގެ ފަރާތުން އަހަންނަށް ލިބުނު ނަފުސާނީ އެއްވެސް ގެއްލުމެއް އަހަންނަށް ފާހަގަނުކުރެވި އެތައް މަހެއް ވެއަތުވިކަމެވެ. އާސިމް މޮޅީއެވެ. ވާހަކަ އަނބުރައިލުމާއި، ކޮޅުބަދަލުކޮށްލުމާއި، މަޒުލޫމަކަށް ވެގެން އަހަރެންގެ ހަމްދަރުދީ ހޯދަން އޭނަ ކުޅަދާނައީއެވެ. އުސް އިމާރާތެއްގެ ބޭރު ފާރު މަތީގައި ހުރެފައި ބޭރަށް ފިޔަވަޅެއް އަޅައިފިއްޔާ ވެއްޓޭނެކަން ކޮންމެ މީހަކަށް ވެސް އެނގޭނެއެވެ. އަހަންނަށް ވެސް އެނގެއެވެ. އެހެންވިޔަސް، ބޭރަށް ފައިއަޅާށޭ އާސިމް ބުނެފިއްޔާ ނުވެއްޓޭނެޔޭ ހީކޮށް އަހަންނަށް އެ ކަން ކުރެވޭނެއެވެ. އަހަންނާއި އާސިމްގެ ގުޅުމުގެ ބިރުވެރިކަމަކީ އެއީއެވެ. ދެ ލޯ މަރައިފައި އާސިމް ދައްކާ ވާހަކަތައް އަހަރެން ގަބޫލުކުރަމެވެ. ނޫނެކެވެ. އަހަރެން ލައްވާ ގަބޫލުކުރުވަނީއެވެ.

ރައްޓެހިންނާ އެކުގައި އަހަރެން ބޭރުގައި އުޅޭއިރު އާސިމް ކިހާ ވަރަކަށް ގުޅާކަން ރައްޓެހިންނަށް ފާހަގަކުރެވެން ފެށިއެވެ. އެ މީހުން ފުރަތަމަ އެ ވާހަކަދެއްކީ ސަމާސަޔަކަށް ހަދައިގެންނެވެ. އެއްބަޔެއްގެ ނަޒަރުގައި އެއީ ބޮޑުވަރެވެ. އަނެއް ބަޔެއްގެ ހިޔާލު ތަފާތެވެ.

“އެއީ ލޯބި!” ރީހާންގެ ހިޔާލު ތަފާތެވެ. “އަހަރެން ހިތަށްއަރާ އަހަންނަށް ވެސް އެ ކަހަލަ ފިރިއެއް ލިބުނު ނަމައޭ. ވައިފް ބޭރުގަ އުޅޭއިރު ޖެހޭނެ ދޭތެރެއަކުން ކޮބައިތޯ ބަލައިލަން. ނޫންތަ؟ އެކަމަކު ހަރާމުންހަރާން. މަގޭ ހަސްބަންޑަށް ރަނގަޅުވާނީ އަހަރެން ބޭރުގަ އުޅުނު ވަރެއް. އޭރުންތާ އޭނަ ބޭނުން ވައްތަރަކަށް އުޅެވޭނީ. މިހާރު ވެސް ނިކަން ގެއަށް ދޭބަލަ! އޭނަ ނޫޅޭނެ ގެޔަކު. އެކަމަކު މަ ގެއިން ނުކުތްއިރު އެނދުގައޭ އޮތީ. އަހަރެން ހަމަ ނުކުތީ ނައްޓާލީ!”

އެހެން ދުވަސްތަކާ ހިލާފަށް އެ ދުވަހު އެ މައުލޫއަށް ތަންކޮޅެއް ދިގުކޮށް ބަހުސްކުރެވުނެވެ. އަހަރެންގެ ހިޔާލު ބަދަލެއް ނުވެއެވެ. އާސިމް ކަން ކުރާ ގޮތް ގޯހެއް ވެސް ނުވެއެވެ. ރީހާން ބުނި ގޮތަށް އަހަރެންގެ ނަޒަރުގައި ވެސް އެއީ ލޯތްބެވެ. މަދު މީހަކަށް މެނުވީ އެ ފަދަ ލޯތްބެއް ނުލިބޭނެއެވެ. ކަންދިމާކުރި ގޮތުން އެ ދުވަހު ނީޒާ ވެސް އެ ތަނުގައި އިނެވެ. ނީޒާއަކީ، ގެވެށިއަނިޔާއާ ދެކޮޅަށް ވާކާލާތުކުރާ ޒުވާނެކެވެ.

“ވައިފް ގެއިން ބޭރުގަ އުޅޭއިރު ހަސްބަންޑް، ހަސްބަންޑް ބޭރުގަ އުޅޭއިރު ވައިފް ވެސް ޖެހޭނެ ހާލުބަލަން. އެއްބަސް!” ނީޒާ ވެސް އެ ކަމާ އެއްބަސްވިއެވެ. “އެކަމަކު ނާނާ އައިތާ އަދި ނުވޭ ގަޑިއެއްގެ އިރެއް. މިހާރު ކިތައް ފަހަރު ގުޅައިފި؟ ޔަގީން ފަސް ފަހަރު ގުޅައިފި. މެސެޖު ފޮނުވި ވަރެއް ނޭނގެ. އަހަންނަކަށް ހިޔެއްނުވޭ ނާނާގެ ހަސްބަންޑް ނާނާއަށް ޓްރަސްޓުކުރާ ހެނެއް. އެއަށް ކިޔަނީ ސައިކޯއެއް ނޫންތަ؟”

އަހަރެންގެ ވިސްނުން ބަދަލުވީ އެ ދުވަހުއެވެ. ނީޒާ ވަރަށް ގިނަ ވާހަކަދެއްކިއެވެ. އެއިން ކޮންމެ ވާހަކައަކާ ދޭތެރޭގައި ވެސް ވިސްނާލަން އަހަންނަށް މަޖުބޫރުވިއެވެ. މަޒުލޫމަކީ އާސިމެއް ނޫނެވެ. އަހަންނެވެ. އަހަންނަށް މި އިނދެވުނީ ކޮން ކަހަލަ މީހަކާ ހެއްޔެވެ؟ ހިތާހިތުން އަހަންނަށް ބުނެވުނެވެ.

ނުނިމޭ



Source link

Leave a Reply

Related Articles