• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ވާހަކަ ⁄ އަހަރެން މަށަށް ގެއްލިފައި

އަހަރެން މަށަށް ގެއްލިފައި


ހަޔާތަކީ ރަންދުކޮށްފައިވާ ހަދިޔާއެކެވެ. ބައެއް ފަހަރު ވަރަށް އާދައިގެ ކަރުދާހަކުންނެވެ. އަނެއްބައި ފަހަރު ދަޅައަރާ ކަރުދާހަކުންނެވެ. ހަޔާތުގެ ފުޅާހަނި، ދިގުކުރު މަގުތަކުން ބައްދަލުވާ ކޮންމެ މީހަކީ ވެސް އެ ކަހަލަ މީހެކެވެ. ކުރިމަތިވާ ކޮންމެ ކަމަކާއި، ލިބޭ ކޮންމެ އެއްޗަކީ ވެސް އެ ކަހަލަ އެއްޗެކެވެ. ކުރިން އުންމީދުކުރި ގޮތަށް ފަހުން ކަންތައް އޮންނަނީ ނުވެފައެވެ. ބޭރުފުށުން ފެނުނު ކަހަލަ މަންޒަރެއް އެތެރެފުށުން އޮންނަނީ ނުފެނިފައެވެ. ގިނަ ފަހަރު ކަން އޮންނަނީ އެހެންނެވެ. ބައެއް ފަހަރު އެއީ ރަނގަޅެކެވެ. ހީކުރި ކަހަލަ ގޯސް މީހަކަށް އެވެނި މީހަކު ނުވީތީއެވެ. އަނެއްބައި ފަހަރު ލޭއަންނަ ވަރަށް އިނގިލި ކުރީގައި ދައިގަނެވެއެވެ. އުންމީދުކުރި ކަހަލަ ރަނގަޅު މީހަކަށް މިވެނި މީހަކު ނުވީތީއެވެ. އަހަރެންގެ މައިންބަފައިން އަހަަންނަށް ކިއި ނަމަކީ މަރިޔަމް ކިނާނާއެވެ. ކިނާނާގެ މާނައަކީ ދުނިދަނޑި ލާ އުރައެވެ. ނަމާއި މާނަ ވެސް ހުތުރެއް ނޫނެވެ. އެކަމަކު ރައްޓެހިން އަހަންނަށް ކިއި ވަނަމަކީ ނާނާއެވެ. ގިނަ މީހުން އަހަރެން ދަންނާނީ އެ ނަމުންނެވެ. އަހަރެންނަށް އެ ނަން މާ ރީއްޗެވެ.

އަހަންނަކީ އުމުރުން ނަވާވީސް އަހަރުގެ އަންހެނެކެވެ. އަހަރެން ހުތުރޭ ބުނާ އެކަކު ވެސް ދިމައެއް ނުވެއެވެ. އަންހެނަކު ވިޔަސް ނުވަތަ ފިރިހެނަކު ވިޔަސް ވެހެވެ. އަހަރެންގެ އާއިލާއަކީ ތަނަވަސް އާއިލާއެކެވެ. އެ ތަނަވަސްކަމުގެ ހިރަފުސް އަހަރެން ގަޔަށް ނުބުރަޔެކޭ ބުނެވޭކަށް ނެތެވެ. ކޮންމެ ކަމަކަށް ފައިސާ ބޭނުންވެގެން ބުންޏަސް ފައިސާ ލިބެއެވެ. ސުވާލެއް ނުކުރެއެވެ. އޭގެ އިތުރަށް އަހަރެންނަށް އާމްދަނީ ވެސް ލިބެއެވެ. އަހަރެންގެ މަސައްކަތަކީ މޮޑެލްކުރުމެވެ. އެ ޝައުގުވެރިކަމުގެ ސަބަބުން އަހަރެން ވަށައި އެނބުރޭ ޕަރުވާނާގެ އަދަދެއް އަހަންނަކަށް ވެސް ނޭނގެއެވެ. ހިތާމައަކީ އެންމެ މުހިންމު އެތި ބާޒާރުން ގަންނަން ނުލިބޭކަމެވެ. އެއީ ލޯތްބެވެ. އިޝްގީ ލޯތްބެވެ. އަހަރެން ދެކެ ލޯބިވާނެ، އަހަރެންގެ ގޮތުގައި އަހަރެން ބަލައިގަންނާނެ ފިރިއެކެވެ.

ތައުލީމީ ގޮތުން އަހަރެން ވަރަށް ކުރިޔަށް ދިޔައީމެވެ. މަތިންދާބޯޓު މައްޗަށްއަރާ ގޮތާއި، މަސްމަހާމެއްސަށް ކަނޑުއަޑީގައި ނޭވާ ލެވޭ ސަބަބު އަހަންނަށް އެނގެއެވެ. ގަސްގަހާގެއްސަށް ކުލަ އަންނަ ގޮތާއި، ސޫރުދަ ނިޒާމުގައި އިރާ ހަތަރުވަނަޔަށް އެންމެ ކައިރީގައި ހުންނަ ގުރަހަ ކަމުގައިވާ މިއްރީޚުގައި މީހުން އާބާދުކުރެވިދާނެ ގޮތެއް ވެސް އަހަންނަށް ބުނެދެވިދާނެއެވެ. އެކަމަކު އަހަންނަކަށް ފިރިހެނުން ދަހެއް ނުވިއެވެ. އަޖައިބެއް ކަހަލަ އެ މަޚްލޫގު އަހަންނަކާ އޮޅެއްނުކުރެވުނެވެ. ފިރިހެނެއްގެ ބޭނުންތަކާއި، އޭނަ ވިސްނާ ގޮތާއި، ރުއްސާނެ ގޮތެއް ދަހެއް ނުވިއެވެ.

ފުރަތަމަ އަހަންނަށް އިނދެވުނީ އަނިޔާކުރާ މީހަކާއެވެ. ދެވަނައަށް އިނދެވުނީ ބޭވަފާތެރިޔަކާއެވެ. ތިންވަނަ މީހަކާ ނީންނަމެވެ. އަހަރެންގެ އުމުރު އެބަ މަތިވެއެވެ. ފިރިޔަކާއި ދަރިޔަކު ނެތް ހަޔާތަކީ ފަޅު ހަޔާތެކެވެ. ދަރިޔެއްގެ ޒިންމާ އެންމެ ފުރިހަމަ ގޮތުގައި އުފުލޭނީ އަހަރެންގެ ހަށިގަނޑުގައި ހަކަތަ ހުރެގެންނެވެ. އަހަރެންގެ ރައްޓެހިން ދަރިން ފަހަތުން ދުވާތަން އަހަރެން ދެކެމެވެ. އުމުރު ވަކި ވަރަކަށް މައްޗަށް ދިޔުމުން އަހަންނަކަށް އެހެނެއް ނޫޅެވޭނެއެވެ. މީހަކާ އިންނަން އަހަރެން ބޭނުމެވެ. އެ މީހާއަކީ ހަމައެކަނި އަހަރެންގެ ސިފަޔަށް ނުވަތަ ތަނަވަސްކަމުގެ ދަހިވެތިކަމުގައި އަންނަ މީހަކަށް ވެގެން ނުވާނެއެވެ. އަނިޔާވެރިޔަކަށް ވެގެން ނުވާނެއެވެ. ބޭވަފާތެރިވެގެން ވެސް ނުވާނެއެވެ. ނިތްކުރީގައި އެހެން ލިޔެވިފައި ނޯންނައިރު، އެ ޔަގީންކަން އަހަރެން ހޯދާނީ ކިހިނެއް ހެއްޔެވެ؟

އަހަރެން އިސްތިހާރުވާ މަންސައަކީ އިންސްޓަގްރާމާއި އެފްބީއެވެ. އަހަރެންގެ ބޯކޮޅުބަލާ އެތަކެއް ހާސް ފިރިހެނުންނެއް އުޅެއެވެ. ފޮޓޯއެއް ލައިފިއްޔާ ވަގުތުން ފޮޓޯގަނޑު ހިލެއެވެ. ގިނަ މީހުން ލައިކުކުރެއެވެ. ތައުރީފުކުރެއެވެ. ބައެއް މީހުން މަލާމާތާއި ސަމާސާ ވެސް ކުރެއެވެ. އަހަރެންގެ ނަޒަރުގައި އެއީ ވެސް ލޯބީގެ ވައްތަރެކެވެ. ތައުރީފުކުރާ މީހުން ތިއްބާ އަހަރެންގެ ސަމާލުކަން އަތުލީ ސަމާސާކުރާ މީހެކެވެ. އޭނަގެ ނަމަކީ އާސިމްއެވެ.

އާސިމަކީ ވަރަށް މަޖާ ސަމާސާކުރާ މީހެކެވެ. އަހަންނާ އެއްގޮތް ކަންތައްތަކެއް ވެސް ހުންނަ މީހެކެވެ. އާސިމް ދެ މީހުންނާ ކައިވެނިކުރިއެވެ. އޭނައަކީ ލަވަކިޔާ މީހެކެވެ. މަދުމަދުން މޮޑެލްކުރެއެވެ. މުއްސަނދި މީހެކެވެ. އަހަންނަށް އަމާޒުކޮށްގެން ލަވައިގެ ކުދިކުދި ތަންތަންކޮޅު ކިޔައިފައި އޭނަ ފޮނުވައެވެ. އަހަރެންގެ ރީތިކަމަށް ތައުރީފުކޮށްފައެއް ނޫނެވެ. މަޖާ އެއްޗެހި ކިޔައިފައެވެ. ބައެއް ފަހަރު އެއީ މަލާމާތެއްހެން ވެސް ހީވެއެވެ. އަހަރެންގެ ކަޅު އިސްތަށިގަނޑާ ގެދަބުޅިޔާ ގުޅުވައިލަފާނެއެވެ. ގެދަބުޅިއަކީ ގިނައިންދުންއަރާ ތަންތާގައި އުފެދިފައި ހުންނަ ކަޅުކުލައިގެ ހިމުން އެއްޗެކެވެ. އަހަރެންގެ ހުދު ދަތްތަކާ ހުދު ކޫޑިޔާ ގުޅުވައިލަފާނެއެވެ. ކޫޑިޔަކީ ގަސްގަހުގައި އަޅާ، ހުދުކުލައިގެ، ކުޑަކުޑަ ދިރޭ ސުވިއްޕެކެވެ. މަޖާޒެއްގެ ގޮތުގައި ލަދުކުޑަ، އަބުރުވެރިކަން ނުހުންނަ އަންހެންކުދިންނަށް ވެސް އެހެން ކިޔައެވެ. އެއީ ތައުރީފެއްކަމުގައި ގަބޫލުކުރަން އުނދަގުލީ އެ ކަހަލަ ސަބަބުތަކަށް ޓަކައެވެ. އެކަމަކު އާސިމްގެ މީސްމީޑިޔާ އެކައުންޓުތަކާއި، ބަސްދީގަތުންތަކަށް ހަވާލާދީ ވިސްނާ ނަމަ އަހަންނަށް ފެންނަނީ އާސިމްގެ ހަރުދަނާކަމެވެ. އެ ފަދަ ހަރުދަނާ މީހެއްގެ ދެ ކައިވެނި ރޫޅުނީ ކީއްވެގެން ހެއްޔެވެ؟ އެއީ ބޮޑު ސިއްރެކެވެ. މަދު ބަޔަކަށް މެނުވީ ނޭނގޭނެ ހައްސާސް މައްސަލައެކެވެ.

އާސިމް އަހަންނަށް ފޮނުވާ ލަވަތަކުން އަހަރެން ހެއްވައިލައެވެ. ހަޔާތުގައި ދިމާވާ ކުދިކުދި ކަންތައްތަކުން ހިތްމަރުވެފައި ހުއްޓައި، މޫޑު ރަނގަޅުކޮށްލައެވެ. އެހެންކަމުން، އަބަދުވެސް އާސިމްގެ ސަމާސާ ލަވަޔަކަށް އަހަންނަށް އިންތިޒާރުކުރެވެއެވެ. އަހަރެން އެ ކަމެއް އާސިމަކަށް ނާންގަމެވެ. އާސިމް ފޮނިވެދާނެތީއެވެ. އާސިމް ފޮނުވާ ލަވަތައް އެއްކޮށްގެން، ނިދަން އޮންނައިރު ވެސް އަހަރެން އަޑުއަހަމެވެ. އެކަނިއޮވެގެން ހެމެވެ. އަހަންނަށް ކަމުގޮސްގެން އުޅެނީ އާސިމްގެ އަޑު ހެއްޔެވެ؟ އާސިމް ހެއްޔެވެ؟ އޭގެ ޖަވާބު އަހަންނަށް އެކި ދުވަހު ވިސްނެނީ އެކި ގޮތަށެވެ. އެ ފަދަ އެއްވެސް ވާހަކައެއް އާސިމް ގާތަކު އަހަންނެއް ނުދައްކަމެވެ. އާސިމް ފޮނުވާ ކޮންމެ އެއްޗަކަށް ކުރު ޖަވާބެއް ދީފައި، އިމޯޓިކޮންއެއް ފޮނުވައިލައިފައި އަހަރެން އިންނަނީއެވެ. ފޯނުން ވާހަކައެއް ނުދައްކަމެވެ. ބައްދަލެއް ވެސް ނުކުރަމެވެ. އެހެނަސް ބައްދަލުކުރާހިތްވެއެވެ. ހަތަރުކަޅި ހަމަކޮށް ވާހަކަދައްކާލާ ހިތްވެއެވެ. އެ ވާހަކަ އާސިމް ގާތުގައި ބުނާނީ ކިހިނެއް ހެއްޔެވެ؟ އަހަންނަކީ އެއްކަލަ މަޝްހޫރު ނާނާއެވެ. ފިރިހެނަކާ ހެދި އަހަރެން އެހާ ވަރުން އުޅޭނެ ހެއްޔެވެ؟ އެއަށް ކިބުރުވެރިކަމޭ ކިއިދާނެއެވެ. ފިނޑިކަމޭ ކިއިދާނެއެވެ. މަވެތިވަންތަ ސިފައެކޭ ވެސް ބުނެވިދާނެއެވެ.

އާ އަހަރު ފާހަގަކުރުމުގެ ގޮތުން މިޔުޒިކު ޝޯއެއް ބޭއްވި ރެޔެކެވެ. އެ ޝޯގައި އާސިމް ލަވަކިޔައެވެ. ޝޯ ބަލަން ދާނަމެކޭ އަހަރެން ނުބުނަމެވެ. އެކަމަކު އަހަރެން ދިޔައީމެވެ. ޝޯ ފެށިތާ އިރުކޮޅެއް ފަހުންނެވެ. އަހަރެން ހުރީ އިސްޓޭޖާ ވަރަށް ދުރުގައެވެ. ކުޅިބަލަން އަހަރެން ހުރިކަމެއް، އަހަރެން ހިތުން އާސިމަކަށް ނޭނގޭނެއެވެ. އަހަންނަށް ހަދާފައިވާ ލަވައެއް އެ ރޭ އާސިމް ކިޔެވެ. އަހަރެންގެ އަސްލު ނަމެއް ނުކިޔައެވެ. އެކަމަކު ދެ މާނަ ލައިގެން “ރީތި ނާނާއެއްގެ” ވާހަކަ ކިޔެވެ. އަހަރެންނަށް އާސިމް ފޮނުވާ ލަވަތަކުގައި ހުންނަ ބައެއް ތަންތަންކޮޅު އެ ލަވައިގައި ހިމެނިއެވެ. އެއީ އަހަންނަށް ކުރި އިޝާރާތެކެވެ. އެ ވަރު އަހަންނަށް އެނގެއެވެ. އާސިމްގެ ހިތުގައި އަހަންނާ ދޭތެރޭ ކޮންމެވެސް އެއްޗެއް އޮތްކަން ކަށަވަރުވުމުން، ޝޯބަލަން ހުރެފައި އަހަރެން ފޮޓޯއެއް އިންސްޓަގްރާމަށް ލީމެވެ. އަހަރެން އެ ތަނުގައި ހުރިކަން އަންގާލަން ބޭނުންވެގެންނެވެ. ހޭލާހުންނަ ހުރިހާ ވަގުތެއްގައި އާސިމް އިންސްޓަގްރާމް ބަލައެވެ. އިސްޓޭޖު މަތިން ފޭބުމާއެކު އޭނަ ފުރަތަމަ ކަމަކަށް ކުރާނެކަމަކީ އެކައުންޓު ޗެކުކުރުންކަން އަހަންނަށް އެނގެއެވެ.

ހީވީ ރަނގަޅަށެވެ. އާސިމް ލަވަކިޔައި ނިމިގެން އަހަންނަށް ގުޅިއެވެ. އާސިމް ގުޅި ފުރަތަމަ ފަހަރަކީ އެއީއެވެ. އޭނަގެ ކޯލަކަށް އަހަރެން އިންތިޒާރުކުރާހެން ހީނުވާ ވަރަށް ލަސްކޮށްފައި އަހަރެން ފޯނުނެގީމެވެ.

“ވަރަށް ރީތި އިނގޭ އެ ލަވަ!” ފުރަތަމަ ފަހަރަށް އާސިމްގެ ލަވަޔަކަށް އަހަރެން ތައުރީފުކުރީމެވެ. “ލިރިކްސް ވެސް އަޑު ވެސް ރީތި. އަމިއްލަ ރާގެއްތަ؟”

އަހަރުމެން ވާހަކަދައްކަން ފެށީ އެ ކަހަލަ ގޮތަކަށެވެ. މަޑުމަޑުން ވާހަކައިން ކުރިފަޅައިގެން ފޯދުނެވެ. އެ ރޭ އަހަރުމެން ބައްދަލު ވެސް ކުރީމެވެ. އަހަރެން ހީކުރި ވަރަށް ވުރެ ބޮޑަށް އާސިމާއި އަހަރެންގެ ރަހަތައް ދިމާވެއެވެ. އަހަރެން ދެ މީހުންނާއި އިނދެ ވަރިވުން އާސިމަށް މައްސަލައަކަށް ނުވުމުން، އާސިމް ދެ މީހުންނާ އިނދެ ވަރިކުރުން އަހަންނަކަށް ވެސް މައްސަލައަކަށް ނުވިއެވެ. މޮޑެލްކުރުމަކީ ދެ މީހުން ވެސް ގަޔާވާކަމެކެވެ. އެ ކަން ވެސް މައްސަލައަކަށް ނުވިއެވެ. އާސިމްގެ ފަހަތުން އަންހެނުން، އަހަރެންގެ ފަހަތުން ފިރިހެނުން މުގޯލިއަޅައެވެ. އަހަރުމެންނަށް އާކަމެއް ނޫނެވެ. ކަންބޮޑުވާކަމެއް ވެސް ނޫނެވެ. އެކަމަކު ދެ މީހުންނަށް ވެސް އެނގޭ، އެކަކު ވެސް ނުދައްކާ އެއް ވާހަކަ އޮތެވެ. އެއްވެސް ސިފައެއްގައި އަހަރުމެން އެ ވާހަކައެއް ނުދައްކަމެވެ. އެއީ އެފްބީއާއި އިންސްޓަގްރާމްގައި ވެސް އަހަރެންގެ މަގުބޫލުކަން، އާސިމަށް ވުރެ ފަސް ވަރަކަށް ހާސް މަތިކަމެވެ. އެކަމަކާ އަހަރެން ބޮޑައެއް ނުވެއެވެ. އާސިމް ހަސަދަވެރިވެދާނެ ކަމަކަށް ވެސް އަހަރެން ނުދެކެމެވެ.

ދަންވަރު އެގާރަގަޑި ބައިވަންދެން ވާހަކަދައްކަން ތިބުމަށް ފަހު އަހަރުމެން ވަކިވީ، އާ އަހަރު ފާހަގަކުރުމުގެ ގޮތުން އަހަރެންގެ ގޭގައި ވެސް މަޖާ ކަންތައްތަކެއް ރޭވިފައި އޮތީމައެވެ. އެ ކަމާ އާސިމް ހިތްހަމަނުޖެހޭނެޔެކޭ އަހަރެންގެ ހިތަކަށްނާރައެވެ. އަދި އަހަރެން އާސިމާ ވަކިވީ އެހެން ފިރިހެނަކާ އެކުގައި އަހަރެން އާ އަހަރު ފާހަގަކުރަން ކަމަށް އާސިމް ހީކޮށްފާނެޔެކޭ ވެސް ހިތަކަށްނާރައެވެ. ފިރިހެނުން ދަސްކުރަން އަހަންނަށް ހަމަ ނޭނގެނީއެވެ.

އަހަރުމެންގެ ބީރައްޓެހިކަން އެކުވެރިކަމަށް ބަދަލުކުރީމެވެ. ހިތަށްއެރިއެވެ. އެ ހަރުފަތުގައި ދުވަސްކޮޅަކު މަޑުކޮށްލާނަމެވެ. ތިންވަނަ ފަހަރަށް ކަމެއް ކުރުމަކީ އާދައިގެ ކަމެއް ނޫނެވެ. އެ އަދަދު މީހުން ކިޔާނީ ވެސް އަޑަށް ބާރުލައިފައެވެ. އާސިމާ އިނދެފައި ވަރިވެއްޖެ ނަމަ، ތިން މީހުންނާ އިނދެގެން ނޫޅެވުނު ނާނާގެ ސިއްކަ އަހަރެންގެ ނިތްކުރީގައި ޖަހާނެއެވެ. އަހަރެން އެކި ދުވަސް މަތިން ހިތާ ސުވާލުކުރީމެވެ. އާސިމްގެ އަނދިރި ފަރާތެއް އޮވެދާނެބާއެވެ؟

ނުނިމޭ



Source link

Leave a Reply

Related Articles