ހިތުގަ ރުޅިވެރިކަމާއި ހަސަދަ، ބޭރުފުށުން އެކުވެރިކަން، މިއީ ރަނގަޅު ގޮތެއްބާ ؟!
އަޅުގަނޑުމެންގެ މި ކުޑަކުޑަ މުޖުތަމައުއަށް ނަޒަރުހިންގާލާއިރު، ފިތުނަ ފަސާދަ އިންތިހާއަށް ބޮޑެވެ. އެކަކު އަނެކަމަށް ކުރާ ނަފުރަތުވެސް ހަމަ އެހާމެ ބޮޑެވެ. ހަސަދަވެރިކަމާއި ނަފުރަތު މިއީ އިންސާނާގެ ހަލާކެވެ. ދެދުނިޔޭގައިވެސް އަބާއްޖަވެރިކެމެވެ.
ކަން މިހެން ހުރިނަމަވެސް މިއަދު މިކަން އިންތިހާއަށް ބޮޑެވެ. އެކަކު އަނެކަކަށް ރަނގަޅު ގޮތް ވާން ނޭދޭ ހާލު މި ނުބައި ސިފަވެސް އަށަގަނުވައެވެ.
މިފަދަ ކަންކަމަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވަނީ މިއީ މުސްލިމެއްގެ ކިބައިގައި ހުރުން ރަނގަޅު ސިފައެއް ނޫންކަމަށެވެ.
”އެތެރޭގައި ރުޅިވެރިކަން ފޮރުވައިގެން ބޭރުފުށަށް އެކުވެރިކަން ދައްކައިގެން އުޅުމަކީ ރަނގަޅު ގޮތެއް ނޫން. ހިތާއި އަމަލު ސީދާވާންވާނެ.“ ޑރ މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވެއެވެ.
ދީނީ ޢިލްމްވެރިން ބަޔާން ކުރައްވަވަނީ ހިތާއި ނުވަތަ ހިތުގައި އޮންނަ ގޮތާއި ބޭރުފުށުން ކުރާ އަމަލު ދިމާނުވުމަކީ ދެފުށް ދެގޮތްވުން ކަމަށާއި އެއީ މުނާފިޤުންގެ ސިފައެއް ކަމަށެވެ.
ކުށެއް ކުރެވިއްޖެނަމަ މަޢާފަށް އެދުމަކީ މުސްލިމުންގެ ކިބައިގައި ކޮންމެހެން ހުންނަން ޖެހޭ ސިފައެއް ކަމަށާއި މަޢާފަށް އެދުމުގެ ހިއްވަރު ހުރި ފަދައިން މަޢާފްކުރުމުގެ ހިއްވަރުވެސް ހުންނަން ޖެހޭނެ ކަމަށެވެ. މަޢާފަށް އެދުމަކީވެސް އަޅުކަމެއް ކަމަށާއި މަޢާފް ކުރުމަކީވެސް އަޅުކަމެއް ކަމަށެވެ.
އެންމެ އިތުރުކަން ބޮޑު ގޮތަކީ މަޢާފަށް ނުއެދުނު ނަމަވެސް މަޢާފްކުރުން ކަމަށްވެސް ބަޔާން ކުރައްވަވައެވެ. އެކަމުގެ ދަލީލެއްގެ ގޮތުން ބަޔާން ކުރައްވަވަނީ ކޮންމެ ރެއަކު އަވަހާރަފުޅު ލެއްޕެވުމުގެ ކުރިން އެންމެންނަށް މަޢާފް ކުރައްވަމުން ގެންދެވި ޞަޙާބީއަކު ދިރިހުންނަވަނިކޮށް ސުވަރުގެ ލިބިވަޑައިގަންނަވާނެ ކަމުގެ އުފާވެރި ޚަބަރު އިތުރު މާތް ނަބިއްޔާ (ޞޢވ) ދެއްވަވާފައިވުމެވެ.
މިކަމުގެ ސަބަބުން މަޢާފް ކުރުމުގެ މަތިވެރިކަން ކިތަންމެ ރަނގަޅަކަށްވެސް އެނގިގެންދެއެވެ.
މިއީ ޢާއިލީ ކަންކަމުގައިވެސް އަދި އެހެން ފަރުދުންގެ ކަންކަމުގައިވެސް ވިސްނައިލުން ވަރަށް މުހިންމު ކަމެކެވެ.