• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ވާހަކަ ⁄ ނުފެންނަ ފިރި

ނުފެންނަ ފިރި


ކޮތަރުތައް އުދުހިގަތުމާއެކު ރަޒާން ހަޅޭއްލަވައިގަތެވެ. ކެވިއަރައިގެންދިޔަ ކޮތަރުތަކުގެ ފަހަތުން ރަޒާން ދުވެފައި އަންނަތަން އަހަރެން ދުށީމެވެ. އަހަރެން އިނީ ޖުމްހޫރީ މައިދާނުގައި ހުރި ބެންޗެއްގައެވެ. އުމުރުން ހަ އަހަރުގެ ރަޒާނަކީ އަހަރެންގެ ދަރިފުޅެވެ. ހަވީރުގެ ވަގުތެވެ. މޫސުން ރީތި، ހިތްގައިމު ދުވަހެކެވެ. ދުވެ ސަކަރާތްޖަހާއިރު ރަޒާނަކީ އެހެން ކުދިންނާ ތަފާތު ކުއްޖެއް ހެނެއް އެކަކަށް ވެސް ހިޔެއްނުވާނެއެވެ. ރަޒާނުގެ ހުންނަނީ ހަ އަހަރު ކުއްޖެއްގެ އާންމު އިސްކޮޅެވެ. އާންމު ބަރުދަނެވެ. ލޯބިލޯބި މޫނެކެވެ. އެހާމެ ލޯބި އަޑެކެވެ. ގަމީހާއި، ޖިންސާއި، ޓެނިހުގައި ރަޒާނަކީ ރީތީގެ ރަސްގެފާނެކެވެ. އެކަމަކު އަހަންނަކީ ރަޒާންގެ މަންމައެވެ. ބަނޑުގައާއި އުނގުގައި ދަރިފުޅު ގެންގުޅުނީ އަހަރެންނެވެ. ބަހުރުވައެއް ނެތްއިރު ދަރިފުޅުގެ ވާހަކަތައް އަޑުއެހީމެވެ. އިޝާރާތެއް ނުކުރެވުނުއިރު އޭނަގެ މިސްރާބު ދަނެގަތީމެވެ. އެކަކު ވެސް ނުބުނަނީސް، ރަޒާންގެ މައްސަލައެއް ހުރި ވާހަކަ އެންމެ ފުރަތަމަ ބުނީ ވެސް އަހަންނެވެ. މުހުސިން ގަބޫލުނުކުރީއެވެ.

“ދަރިފުޅާ! ވަން މޯ ޓައިމް!” ރަޒާނާ ދާދި ގާތުގައި ހުރި މުހުސިން ބުންޏެވެ. “މި ފަހަރު މިކޮޅުން.”

ބައްޕައަށް އިޖާބަދިނުމުގެ ގޮތުން ރަޒާން ތައްޔާރުވިއެވެ. ކޮތަރުތައް އަނެއްކާ ވެސް ބިމަށް ތިރިކުރަންދެން މަޑުކުރިއެވެ. މުހުސިން ހުރީ ފޯނު ދިއްކޮށްގެން ފޮޓޯނަގަން ތައްޔާރުވެގެންނެވެ. ދަރިފުޅާ ވަކިވުމުގެ ކުރިން ފޯނުގައި ހަނދާންތައް ރައްކާކުރަން މުހުސިން ބޭނުމެވެ. ބޭނުން ކޮންމެ ވަގުތަކު މުހުސިނަކަށް ދަރިފުޅާ ބައްދަލެއް ނުވާނެއެވެ. މުހުސިން ޖެހޭނީ އަހަންނަށް ގުޅާށެވެ. ދަރިފުޅާ ބައްދަލުކުރަން ފުރުސަތު ތަނަވަސްކުރާށެވެ. އެހެނަސް މުހުސިނަކަށް އަހަރެންގެ ގެއަކަށް ނުވަދެވޭނެއެވެ. ހަމަޖެހިފައި އޮންނަނީ މުހުސިން ބުނާ ތާކަށް ރަޒާން ގޮވައިގެން އަހަރެން ދާ ގޮތަށެވެ. އެ ތަނަކީ، ގިނަ މީހުން އެއްވެއުޅޭ ކަހަލަ ތަނަކަށް ވާންޖެހޭނެއެވެ. ކޯޓުގައި އަހަރެން އޮންނާނީ އެ ކަމަށް ޝަރުތުކޮށްފައެވެ. ދަރިފުޅާއި ބައްޕަ ބައްދަލުވުމަށް އެ ފަދަ ތަނެއް އަހަރެން ކަނޑައަޅަންޖެހުނީ ކީއްވެގެން ހެއްޔެވެ؟ އެ ސުވާލުގެ ޖަވާބުލިބޭނީ ނުވަތަށް ގަޑި އަނބުރައިގެންނެވެ. ޒަވާޖީހަޔާތުގެ ދަތުރު ފެށި ހިސާބަށް މިސްރާބުޖަހައިގެންނެވެ.

ކޯޓުން އަހަރުމެންގެ ކައިވެނި ރޫޅައިލީ ތިންވަަނަ ފަހަރަށް ކޯޓަށް ދިޔަ ދުވަހުއެވެ. އޭރު މުހުސިނާއި އަހަރެން ދިރިއުޅުނީ ވަކިންނެވެ. ރަޒާން ހުރީ އަހަރެން ކައިރީގައެވެ. އަހަރެން ވަރިނުކުރަން މުހުސިން އުޅުނެވެ. އަހަރެން ދެކެ ލޯތްބަކުން ނޫނެވެ. ދަރިފުޅަށް ޓަކައެއް ވެސް ނޫނެވެ. އަހަންނަކީ މާލޭގައި ގެދޮރު ހުރި މާލޭ މީހެކެވެ. ގޭގެ އެއްބައި ހުންނަނީ ކުއްޔަށްދީފައެވެ. އެ ދެ ނަންބަރު އެއްކޮށްލުމުން އަންނާނީ އެންމެ ނަތީޖާއެކެވެ. ފަސޭހައެވެ. މުހުސިން ބޭނުންވީ އަތުންފައިން މަސައްކަތެއް ނުކޮށް ހިހޫތަނުން ކައިގެން އުޅޭށެވެ. މީހުން ދިއްކުރާނެ އިނގިލިން ސަލާމަތްވުމަށް ޓަކައި މުހުސިން އޮފީހަކަށް ވަނެވެ. އެކަމަކު ވަޒީފާއަށް ދަނީ ހިތަށްއެރި ދުވަހަކު ހިތަށްއެރި ވަގުތަކުއެވެ. އަހަރެންގެ މައްސަލައެއް ނެތެވެ. މުހުސިން ވަޒީފާއެއް އަދާނުކުރިޔަސް އަހަރެންގެ ޝަކުވާއެއް ވެސް ނެތެވެ. އަހަރެން އަތުގައި ފައިސާ އެބަހުއްޓެވެ. އަހަންނާއި، މުހުސިނާއި، ރަޒާނަށް ވެސް އަހަންނަށް ހަރަދުކުރެވިދާނެއެވެ. ދަރިފުޅުގެ ހުރިހާ ޒިންމާއެއް ވެސް އަހަންނަށް ނެގިދާނެއެވެ. އެކަމަކު އަހަރެން ދެކެ މުހުސިން ލޯބިވާން ޖެހޭނެެއެވެ. އަހަރެންގެ ލޯބީގެ އަގުވަޒަންކުރަން ޖެހޭނެއެވެ. އެ ވަރުން އަހަންނަށް ފުދޭނެއެވެ. އަހަރެންގެ ސަބަބުން މުހުސިނަށް ލިބޭ ފަސޭހައިގެ ބަދަލުގައި ލޯބީގެ ދެތިން ބަހެއް އަހަންނާ ދިމާއަށް މުހުސިނަށް ނުބުނެވެންވީ ކީއްވެގެން ހެއްޔެވެ؟ ވިޔަފާރިކުރަން މުހުސިނަށް ނޭނގެނީ ހެއްޔެވެ؟ ނުވަތަ އިސްތިހާރުކުރަން އަހަންނަށް ނޭނގެނީ ހެއްޔެވެ؟ ސުވާލުގެ ޖަވާބު ހޯދަން އަތްފުޅާއަޅަންޖެހެނީ މާޒީގައެވެ. ގަޑީގެ ކަށި އަނެއްކާ ވެސް އަނބުރަންޖެހެނީ ނުވަތަށެވެ.

އަހަންނަކީ ކިޔަވާހިތުން މޮޔަވެފައި ހުންނަ އަންހެންކުއްޖެކެވެ. އިސްކޫލުން ރަނގަޅު ކާމިޔާބީތަކެއް ހޯދީމެވެ. ދެން ދިޔައީ މެލޭޝިޔާއަށެވެ. އެކި ނަންނަން ކިޔާ ސެޓުފިކެޓު އަހަރެން ހޯދީމެވެ. ލޯތްބަކީ އަހަރެން ދަންނަ އެއްޗެއް ނޫނެވެ. އޭރު އަހަރެންގެ މަގުސަދަކީ ވަރަށް މޮޅަށް ކިޔެވުމެވެ. ވަޒީފާއަދާކުރާނެ ތަނެއް، ގައުމެއް ނޭނގެއެވެ. މީހަކާ އިންނާނެކަމެއް، އިންނާނީ ކޮން ގައުމެއްގެ މީހަކާ ކަމެއް ވެސް އޭރަކު ނޭނގެއެވެ. ހޭބޯނާރައި ކިޔެވުމުގައި އުޅެފައި، ބޭނުންވި ހިސާބަށް ދެވުނީމައި ފަހަތްބަލައިލިއިރު އަހަރެންގެ ހުރިހާ އެކުވެރިން މީހުނާ އިނދެ ދަރިން ވިހައިފިއެވެ. ބައެއް ކުދިންގެ ފުރަތަމަ ކައިވެނި ނާކާމިޔާބުވެ، ދެވަނަ ކައިވެންޏެއް ވެސް ކޮށްފިއެވެ. އެ ހިސާބުން ހިތަށްއެރިއެވެ. އަހަރެން އިންނާނީ ކާކާ ހެއްޔެވެ؟ އަހަންނާ އިންނާނީ ކާކު ހެއްޔެވެ؟ އެކުގައި ކިޔަވަންއުޅުނު ރައްޓެހިންގެ ގުރޫޕުން ބާކީވުމަކީ ނޭނގި ހުއްޓައި އަހަންނަށް ލިބުނު ލަނޑެކެވެ.

ހުސްހަށިބަޔަށް ހުއްޓައި ކައިވެނީގެ އުމުރު ފާއިތުވުމަކީ ގޮންޖެހުންތައް އިތުރުވާ ކަމެކެވެ. މީހަކާ ނީނދެހުރި، އެއް އުމުރުފުރާގެ މީހަކު ދެނެއް ނުލިބޭނެއެވެ. ޖެހޭނީ ރާއްޖެއިން ބޭރު މީހަކާ އިންނާށެވެ. އެ ގޮތް އަހަންނަކަށް ކަމަކުނުދެއެވެ. ދެއަންބަށް އިންނާކަށް އަހަރެން ބޭނުމެއް ނޫނެވެ. ބާކީ އޮތީ ތިން ގޮތެވެ. އަހަންނަށް ވުރެ ހަގު މީހަކާ އިނުމެވެ. ކައިވެނި ރޫޅިފައިވާ މީހަކާ އިނުމެވެ. އަހަރެން ހުސްހަށިބަޔަށް ހުރުމެވެ.

އަހަންނަށް އެންމެ ފުރަތަމަ މުހުސިން ފެނުނުއިރު ވެސް މުހުސިނަކީ ހުސްހަށިބަޔަށް ހުރި މީހެކެވެ. އޭނަ ކުރިން ކުރި ކައިވެނި ރޫޅުނީއެވެ. ކީއްވެގެން ހެއްޔެވެ؟ މުހުސިން އެތައް ސަބަބެއް ކިޔައިދިނެވެ. ހުރިހާ ވާހަކައެއް އަހަރެން ގަބޫލުކުރީމެވެ. އެއީ އެ ކަން އޮންނަ ގޮތެވެ. ގަބޫލުކުރެވޭނީ ލޯބިވާ މީހާ ބުނާ އެއްޗެކެވެ. ތެދެއްތޯ ބަލަން ތަހުގީގުކުރުމެއް ނޯވެއެވެ. ވާނީ ވެސް އެހެންނެވެ. ލޯބިވެރިޔާ ދޮގެއް ނަހަދާނެއެވެ. އޭނައަކީ ވެސް އިންސާނެއްކަމާއި އޭނަގެ އަމިއްލަ ފައިދާއަށް ދޮގުހަދާފާނެ ކަމަކަށް އޭރަކު ހިތަކަށްނާރާނެއެވެ. އެއީ ލޯބީގެ ކަށި ސަތޭކައިގައި ތަތްލައިފައި ހުންނަ ދުވަސްކޮޅެވެ.

މުހުސިން އުޅޭ ގެއަށް އަހަރެން ދިޔައީމެވެ. މުހުސިންގެ އެކުވެރިންނާ ބައްދަލުކުރީމެވެ. އާއިލާގެ މީހުންނާ ވެސް ބައްދަލުކުރީމެވެ. އެންމެނަށް ވެސް އަހަރެން ވަަރަށް ކަމުދިޔައެވެ. އެހެން ވޭ ހެއްޔެވެ؟ އެއްވެސް މީހަކު ހުރިހާ އެންމެނަށް ކަމުދޭ ހެއްޔެވެ؟ އޭގެ ފަހަތުގައި ސިއްރެއް ނޯންނާނެ ހެއްޔެވެ؟ އެ ސުވާލުގެ ޖަވާބު ހޯދަން އަހަރެން މަސައްކަތް ނުކުރަނީސް އަމިއްލައަށް ޖަވާބު ލިބުނެވެ. މުހުސިން ކަމުނުދާ މީހަކު އަހަރެންގެ އާއިލާއަކު ވެސް ނެތެވެ. އެކުވެރިންގެ ތެރޭގައި ވެސް ނެތެވެ. ހީކުރީމެވެ. އެއީ މަދުމަދުން ދިމާވާ، އަޖައިބެއް ކަހަލަ ހާލަތަކެވެ. އެ ކަމުގައި ގޯހެއް ނެތެވެ. އެއީ އަހަރެންގެ ހެޔޮ ނަސީބުކަމުގައި ވެސް ހީކުރެވުނެވެ.

މުހުސިން ވަރަށް ރަނގަޅެވެ. ވަރަށް އޯގާތެރިއެވެ. ވަރަށް ކިޔަމަންތެރިއެވެ. “ވަރަށް” ނުލައި މުހުސިންގެ އެއްވެސް ސިފައެއް ނުކިޔައިދެވޭނެއެވެ. ގަޑިޔަށް ވަރަށް ފަރުވާތެރިއެވެ. ހެދުންއެޅުން ވަރަށް ނަލައެވެ. ދީނީ ކަންތައްތަަކަށް ވަރަށް ބަރާބަރެވެ. މުހުސިންގެ ގޯސް އެއްވެސް ކަމެއް ނެތެވެ. އެހާ ފުރިހަމަ ފިރިހެނުން ތިބޭ ހެއްޔެވެ؟ ނުވަތަ އިންސާނުންނަކީ އެހާ ފުރިހަމަ ބަޔެއް ހެއްޔެވެ؟ އެ ސުވާލު އަހަރެންގެ ހިތުގައި އޭރު އުފެދުނު ނަމައެވެ. މީހެއްގެ އެއްވެސް މައްސަލައެއް ނުފެނުމަކީ މައްސަލައެއް ކަމަށް އޭރު އަހަންނަށް ހީކުރެވުނު ނަމައެވެ.

މުހުސިނާ އަހަރެން ރައްޓެހިވީއްސުރެ އޭނަ އުޅުނީ ކައިވެނި ނުކުރެވިގެންނެވެ. އަހަރެން ބެލީ އެއީ ފައްސި އަލާމާތެއް ކަމުގައެވެ. މުހުސިންގެ ހަރުދަނާކަން ސާބިތުކޮށްދިން ހެތްކެއް ކަމުގައެވެ. ބައެއް ފިރިހެނުންނަކީ ދުވަހަކު ވެސް ކައިވެނިކުރާ ވާހަކަ ދައްކަން ބޭނުން ނުވާ މީހުންނެވެ. އެ މީހުން ބޭނުންވާނީ ރައްޓެހިވެގެން އުޅޭށެވެ. އިންނަންޖެހޭނީ ގަދަކަމުން އެއްބަސްކުރުވައިގެންނެވެ. އަަހަރެން ރަނގަޅަށް ދަސްނުވަނީސް ވެސް މުހުސިން ހުރީ ދައުވަތު ކާޑު ޗާޕުކުރަން ދޭ ހިސާބުގައެވެ. އެ ހިސާބުން ވެސް އަހަރެންގެ ސިކުނޑި އިންޒާރުގެ މެސެޖެއް ނުދެއެވެ. ރަތް ސިގުނަލެއް ނުދިއްލައެވެ. ހިތަށްއެރީ މުހުސިން ފަދަ ރަންގަނޑެއް ނުލިބޭނެކަމުގައެވެ. މުހުސިން ގެއްލިދާނެކަމާއި، އެހެން އަންހެނަކު ޖަހައިގަނެގެން ގެންގޮއްސާނެ ކަމުގައެވެ.

ކައިވެނިކުރާ ދުވަސް ކަނޑައަޅައި، ހަފުލާއަށް ދައުވަތު ވެސް ފޮނުވި ފަހުން އާމިރު ވަރުގަދަ ސުވާލެއް ކުރިމަތިކުރިއެވެ. އާމިރަކީ އަހަންނަށް ވުރެ ނުވަ އަހަރު ހަގު މީހެކެވެ. އަހަރެން ދެކެ އާމިރު ވަރަށް ލޯބިވެއެވެ. އެ ކަން އަހަންނަށް ނޭނގޭކަމަށް އާމިރު ހީކޮށްފާނެއެވެ. ސަބަބަކީ، އެ ކަން އަންގަން އާމިރު ކުރި އެއްވެސް ކަމެއް ނޭނގޭކަމަށް އަހަރެން ހެދުނީމައެވެ. އާމިރަކީ ގޯސް މީހެއް ނޫނެވެ. މީހެއްގެ ހުރި ހަމައެކަނި ދަރިއެވެ. މައްސަލައަކީ އެއީއެވެ. އާމިރަށް ވުރެ ނުވަ އަހަރު ދޮށީ މީހަކާ އިންނަން އާއިލާ ރުއްސާނީ ކިހިނެއް ހެއްޔެވެ؟ އާމިރަކަށް އެ ކަމެއް ނުވިސްނެއެވެ. އާމިރުގެ ލޯތްބަށް ފުރަގަސްދިނުން އެއީ، ހަގީގަތުގައި އާމިރަށް އަހަރެން ކޮށްދިން ހެޔޮކަމެކެވެ. ކޮންމެވެސް ދުވަހަކުން އާމިރަށް އެ ކަން އެނގޭނެއެވެ.

“ތި މުހުސިން ކުރިން އިން މީހާ ވަރިވީ ކީއްވެ؟” އާމިރު ކުރިމަތިކުރި ސުވާލަކީ އެއީއެވެ.

“ވަރިވީއެއް ނޫނޭ! ވަރިކުރީ!” އަހަރެން ވަރަށް ޔަގީންކަމާ އެކީގައި ބުނީމެވެ. “އޭނަ އެހެން މީހަކާ ރައްޓެހިވީ.”

އާމިރަށް ޝައްކެވެ. އެ ކަން އަހަންނަށް އެނގުނީ އާމިރުގެ މޫނުމަތިންނެވެ. ވާނީ ވެސް އެހެންނެވެ. އަހަރެން އިންނަންއުޅޭ މީހަކު ބުނާ އެއްޗެއް އާމިރަށް ގަބޫލުކުރެވޭނީ ކިހިނެއް ހެއްޔެވެ؟ އަހަރެން ދެކެ އާމިރު ލޯބިވެއެވެ. އަހަރެން ގެއްލެން އާމިރަށް ރުހެވޭނީ ކިހިނެއް ހެއްޔެވެ؟

“ކާކު ތިހެން ބުނީ؟” އާމިރު އެހިއެވެ. “އަންހެންމީހާ؟”

“ނޫން!” އަހަރެން ބުނީމެވެ. “މުހުސިން.”

އަހަރެން ހިތަށްއެރިއެވެ. އާމިރުގެ ހިތުގައި އެ ޝައްކު އުފެދުނީ އާމިރުގެ އަމިއްލައެދުމެއް އޮތީމައެވެ. މުހުސިނަކީ ކާކުކަން އާމިރަށް ނޭނގޭތީއެވެ. އެކަމަކު އަހަންނަށް މުހުސިން އެނގެއެވެ. މުހުސިން ދޮގެއްނަހަދާނެއެވެ. މީހުން ދޮގުހެދުމުން އެ މީހާގެ މޫނުމަތިން އެ ކަން އަހަންނަށް ދަނެގަނެވެއެވެ. އަހަރެން ހުރީ އެހާ ވަަރަށް މުހުސިނަށް ވިކިފައެވެ. މީހުންނަށް އޮޅުވާލަން މުހުސިން ކިހާ ކުޅަދާނަކަމެއް އަހަންނަކަށް ނޭނގެއެވެ. އެއްފަހަރު މީހަކާއިނދެފައި ހުރުމުން މުހުސިންގެ ކިހާ ތަޖުރިބާއެއް ހުންނާނެކަމާއި، ކިހާ ހުސިޔާރުވާނެކަމެއް އަހަންނަކަށް ނުވިސްނެެއެވެ. އަހަރެން އަލީއެވެ. ތަޖުރިބާ ނެތީއެވެ. ދެރަކަމަކީ އެ ކަން އަހަންނަށް އޭރު ނުވިސްނުނުކަމެވެ.

ނުނިމޭSource link

Leave a Reply

Related Articles