• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ވާހަކަ ⁄ ބަނަފިނި

ބަނަފިނި


ބުދަ ދުވަހާ ގުޅޭ

“ވަރަށް ސިންޕަލް ޖަވާބެއް އޮތީ،” އަހަންނާ ހަތަރުކަޅި ހަމަކޮށްގެން ހުރެފައި އެހެން ދިމާއަކަށް އެނބުރިލަމުން ނާޒިޔާ ބުންޏެވެ. “ނޯ!”

ނާޒިޔާއާއި އަހަންނާ ދެމެދުގައި އެއްވެސް ހުރަހެއް ނެތްކަން އެނގުނީ އެ ދުވަހުއެވެ. ހީވީ ބަނަފިނި ވެރިވެފައިވާ ތަނެއްގައި ހުރެފައި އަހަރެންގެ ކުރިމައްޗަށް ނާޒިޔާ ނުކުތްހެނެވެ. ލިބުނު އުންމީދުގެ ހުޅުކޮޅު ދެ އަތުން ހިމާޔަތްކޮށްގެން ގެނެސް ހިތުގެ ކަނެއްގައި ބެހެއްޓީމެވެ. މާ ބޮޑު އެއްޗެއް ނޫނެވެ. ކުޑަކުޑަ ހުޅުކޮޅެކެވެ. އެހެންނަމަވެސް ހިތުގެ ކަނު އަނދިރީގައި އެ ހުޅުކޮޅު ބަބުޅާ ކަހަލައެވެ. އަރާމު، ހޫނު އަލިކަމެއް ހިތަށް ވެރިވިއެވެ. އެ އަލިކަމުގެ ތެރޭގައި ރީތި އަންހެންކުއްޖަކު ނަށަނިކޮށް އަހަރެން ދުށީމެވެ. އޭނަ ލައިގެންހުރީ ތިރި ފުޅާ، ހުދުކުލައިގެ ހެދުމެކެވެ. ހެދުމުގައި ޖަހައިފައިވާ ވެލިފޮތިތައް ތަރިތަކެއް ފަދައިން ވިދަނިކޮށް އަަހަރެން ދުށީމެވެ. އެއީ ނާޒިޔާއެވެ. އެއީ ނާޒިޔާގެ ކައިވެނި ހެދުމެވެ. އޭނަގެ އަތުގައި ހިފައިގެން އަހަރެން ހުރީމެވެ. ނެށުމުގައި ނާޒިޔާ އެޅި ކޮންމެ ފިޔަވަޅަކަށް އަހަރެން ފިޔަވަޅެއް އެޅީމެވެ. އަރިވި ކޮންމެ ވަގުތަކު، ރައްކާތެރިކަމާއެކު އޭނަ ހިފޭއްޓީމެވެ. ނާޒިޔާ ދެން އަހަންނަށް ލިބިދާނެހެން އެ ދުވަހު އަހަންނަށް ހީވިއެވެ.

ގިނަ މީހުން ކައިވެންޏަކާ ހަމައަށް ދަނީ ލޯތްބަށް ފަހުގައެވެ. އަހަރުމެންނަށް ލޯބިވެވުނީ ކައިވެންޏަށް ފަހުގައެވެ. މަޑުމަޑުން ލަސްލަހުންނެވެ. ނާޒިޔާގެ ފަރާތުން ލިބުނު ސިގުނަލަށް ފަހު، ލޯތްބަށް މަގުފަހިކުރީ އަހަންނެވެ. ނާޒިޔާއަށް ޝައްކު ވެސް ނުވާނެހާ ސިއްރުންނެެވެ. ނާޒިޔާގެ އުފަންދުވަހު ބޮޑު ޕިކަޕެއް ފުރެންދެން ފިނިފެންމާ ގެނެސްދީގެނެއް ނޫނެވެ. ލޯބިވެރިންގެ ދުވަހު ނާޒިޔާ ހަނދަށް ގެންގޮސްދީފައި ޖެހިގެން އައި ދުވަހު ބިމަށް ވައްޓައިލުމަކީ އަހަރެން ދަންނަ އުސޫލެއް ނޫނެވެ. ނާޒިޔާގެ ފަރާތުން ފެންނަ ކުދިކުދި މައްސަލަތައް އަހަރެން ހަނދާންނައްތައިލަމެވެ. ކޮށްދޭ ކުދިކުދި ކަންތައްތަކަށް ތައުރީފުކުރީމެވެ. މަލެއް ގެނެސްދޭން ހިތަށްއަރާ ކޮންމެ ފަހަރަކު މަލެއް ގެނެސްދެމެވެ. އެއީ މުނާސަބަތަކަށް ވާކަށް ނުޖެހެއެވެ.

ކަމެއްވުމުން ދެން ކަންތައްވާނެ ގޮތް އެނގޭނީ އެ ކަމެއް ވީމައެވެ. އޭގެ ކުރިއަކުން ނޭނގޭނެއެވެ. އަހަރެން ހީކުރީ ނާޒިޔާ ކަހަލަ ކުއްޖެއް ދެކެ އަހަރެން ދުވަހަކު ވެސް ލޯބިނުވާނެ ކަމަށެވެ. ނާޒިޔާ ހީކުރީ ނާޒިޔާ ލޯބިވާނީ އަނަސް ދެކެ ކަމަށެވެ. އަހަރުމެން ދެ މީހުން ވެސް ހީކުރީ، ކައިވެނިކޮށްގެން ދެ ބީރައްޓެހިންގެ ގޮތުގައި އުޅެވިދާނެކަމަށެވެ. އެހެންނަމަވެސް ކަންކަން ދިޔައީ ބަދަލުވަމުންނެވެ. ނާޒިޔާ ދެކެ އަހަންނަށް ލޯބިވެވުނީ ނާޒިޔާގެ ކުރިން ހުރި ސިފަތައް އެ ހުރި ގޮތަށް ހުއްޓައެވެ. އަހަރެން ދެކެ ނާޒިޔާއަށް ލޯބިވެވުނީ އަނަސް ހުއްޓައެވެ. ބަދަލުވީ ހާލަތެވެ. މީހުނެއް ނޫނެވެ. ނާޒިޔާގެ މިޒާޖުގައި ހުރި އުނި ސިފަތައް ބަދަލުވާން އަހަރެން ކިތަންމެހާ ވެސް ބޭނުމެވެ. ބަދަލުކުރަން އަހަރެން މަސައްކަތް ކުރާނަން ވެސް މެއެވެ. އެހެނަސް، އޭގެ ކުރިން އަހަރެން ނާޒިޔާ ބަލައިގެންފީމެވެ. ނާޒިޔާއަށް ނަސޭހަތްދެމެވެ. ޝަކުވާއެއް ނުކުރަމެވެ. ހިތްވަރުދެމެވެ. ހިތްދައްޗެއް ނުކުރަމެވެ.

ކައިވެނިކުރިތާ ދެތިން މަހެއް ތެރޭގައި އަހަރުމެންގެ ހަޔާތަށް ލޯބީގެ ހިޔާއެޅިއްޖެއެވެ. އޭރު ވެސް ނާޒިޔާ ނަމާދެއް ނުކުރެއެވެ. ކުރާ ގޮތް އެނގެއެވެ. ޤުރުއާނެއް ނުކިޔަވައެވެ. ކިޔަވަން ވެސް އެނގެއެވެ. ދީނީކަންކަމަށް ނާޒިޔާ ޝައުގުވެރިކަން ނުހުންނަނީއެވެ. އަހަރެން އަމުރެއް ނުކުރަމެވެ. މަޖުބޫރެއް ނުކުރަމެވެ. އަބަދު އެ ވާހަކައެއް ނުވެސް ދައްކަމެވެ. އެކަމަކު ރަނގަޅު ދަނޑިވަޅުގައި ނާޒިޔާއަށް ހަނދާންކޮށްދެމެވެ. އަހަރެން އެ ފަދަ ކަންކަން ކުރާތަން ނާޒިޔާއަށް ފެންނާނެއެވެ. ހިތަށްއެރިއެވެ. އަދި ވަގުތު ނުޖެހެނީއެވެ.

ލޯބީގެ ކުލަތައް ހަޔާތަށް ވެރިވުމާއެކު ކައިވެނީގެ މާތައް ފަރިވެ ފޮޅެން ފެށިއެވެ. ފުރަތަމަ މޭވާ ގަހުގައި އެޅިއެވެ. ނާޒިޔާ މާބަނޑުވެ، މުޅި އާއިލާއަށް އުފާވެރި އީދެއް އައި ކަހަލައެވެ. އަހަރުމެން ދެމަފިރިންގެ މެދުގައި ލޯބީގެ ގުޅުން އިންތިހާއަށް ވަރުގަދަވިއެވެ. ހަމަ އެއާއެކު ނާޒިޔާގެ މިޒާޖުގައި ހުރި ކޫސަނި ބައެއް ކަންތައްތައް ވެސް އިންތިހާއަށް ބޮޑުވިއެވެ. އެންމެ ފާހަގަކުރެވުނު ކަމަކީ، ނާޒިޔާއަށް އަހަރެން ވަގުތު ނުދޭ މައްސަލައެވެ. އަހަންނަކީ ދުރުހިލޭ މީހަކަށް ވަޒީފާއަދާކޮށްދޭ މީހެއް ނޫނެވެ. އަހަރެންނަކީ އަހަރުމެންގެ އާއިލީ ކުންފުނީގެ މޭސްތިރިއެވެ. ބައްޕަގެ އިރުޝާދުގެ ދަށުން ކުންފުނީގެ އެންމެ އިސްމީހަކަށް ހުންނަނީ އަހަންނެވެ. ގިނަ ވަގުތު އޮފީހުގައި އުޅެވެނީ ވެސް އެހެންވެއެވެ. އެ ކަމުގައި އުޅޭއިރު ގެއިން ބޭރުގައި ވަޒީފާއަދާކުރާހެނެއް އަހަންނަކަށް ހިޔެއްނުވެއެވެ. ކޮންމެ ގަޑިއެއްގައި ގެއަށް އާދެވެއެވެ. އަހަރެން ގަޑިއެއް ނުޖެހެއެވެ. އޮފީހަށް ނުނިކުތަސް މުސާރައަކުން އެންމެ ރުފިޔާއެއް ވެސް ނުކެނޑެއެވެ. ބޭނުން ދުވަހަކު ޗުއްޓީކުރެވެއެވެ.

ފޯނާ ތަންކޮޅެއް ދުރުގައި އުޅެވުނު ދުވަހެކެވެ. ފޯނު އޮތީ އޮފީސް މޭޒުމަތީގައެވެ. ކުރަންއުޅުނު ކަންތައް ނިންމައިފައި ފޯނު ކައިރިއަށް އައިއިރު ދިހަ ފަހަރަށް ނާޒިޔާ ގުޅައިފައި އޮތެވެ. އަހަރެން ގުޅުމުން ފޯނެއް ނުނެގިއެވެ. ނާޒިޔާ ބަނޑުބޮޑެވެ. ކޮންމެ ފަދަ ކަމެއް ވެސް ވެދާނެއެވެ. އެކަމަކު ހިތަށްއެރިއެވެ. އެހާ އިމަޖެންސީވި ނަމަ އޮފީހުގެ ވެރިޔަކަށް ވެސް ގުޅުނީހެވެ. ވެރިންގެ ހުރިހާ ނަންބަރެއް ނާޒިޔާއަށް އެނގޭނެއެވެ. އެހެން ފަހަރުތަކުގައި ވެސް އަހަންނަށް ނުގުޅިއްޖެއްޔާ ނާޒިޔާ ގުޅާނީ އެއިން މީހަކަށެވެ.

އަހަރެން ގެއަށް ދިޔައިރު ނާޒިޔާ އޮތީ ކޮޓަރީގައެވެ. އެކަނި އޮވެގެން ރޮނީއެވެ. ވީ ގޮތެއް ނުބުންޏެވެ. އަހަރެން މަންމައަށް ގޮވީމެވެ. ނާޒިޔާ ބުނި އެއްޗެއް ބުނީ މަންމަ ގާތުގައެވެ. ވަގުތުން އެންބިލާންސަށް ގުޅައިގެން ނާޒިޔާ ހޮސްޕިޓަލަށް ގެންދިޔައެވެ. ނާޒިޔާ ވެއްދީ އިމަޖެންސީގައި ގެންނަ ބަލިމީހުން ވައްދާ ކޮޓަރިއަށެވެ. މަންމަ ހުރީ ވަރަށް ހާސްވެފައެވެ. ބައްޕަ ވެސް ފަހުން ހޮސްޕިޓަލަށް އައެވެ.

“އޭނައަށް ކިހިނެއްތަ ވީ؟” ލިބުނު ވަގުތުކޮޅުގައި މަންމަޔާ ސުވާލުކުރީމެވެ.

“ފާހާނަޔަށް ވަންތަނާ ކައްސާލީ،” ކަންބޮޑުވެފައިހުރި މަންމަ ބުންޏެވެ. “ދަރިފުޅަށް ވަރަށް ގުޅީމޯ!”

“އެކަމަކު މަންމާ!” އަހަރެން ބުނީމެވެ. “ފޯނުން އަހަންނަށް ނުގުޅުނީމަ އަހަންނަށް މެސެޖު ދެވޭނެ އެހެން ގޮތްގޮތް ވެސް ހުންނާނެ. ޑިޕާޓްމަންޓު ހެޑުންގެ ނަންބަރަށް ދާންދެން ނާޒިޔާއަށް ދީފަ ހުންނާނީ. އެހެން ފަހަރުފަހަރު ގުޅޭ. ނުވާތާކަށް މަންމައަށް ގުޅާލި ނަމަ މަންމަ ވެސް އަންނާނެ ދޯ އޭނަަޔަށް އެހީވާން. އަހަރެން ވެސް ހަމަ ހޮސްޕިޓަލަށް ނާޒިޔާ ގެންނާނީ. އަހަންނާ ނުގުޅުނޭ ކިޔާފަ ނާޒިޔާ ރޯން އޮންނާކަށް ނުޖެހޭނެއްނު. ކިހާ މޮޔަކަމެއް އެކުރީ.”

“ދެން ކީކޭ މަންމަ ބުނާނީ،” އީއާރުގެ ދޮރާ ދިމާއަށް ބަލަހައްޓައިގެން ހުރެ މަންމަ ބުންޏެވެ. “ދަރިފުޅަށް ވެސް އެނގޭނެއްނު ނާޒިޔާގެ ގޮތް. މަންމަ ހާދަ އެބަ ބިރުގަނެޔޭ. ބްލީޑް ވެސް ވެފަހުރީ. އިރާދަކުރެއްވިއްޔާ ބޭބީއަށް ކަމެއް ނުވާނެ. ނާޒިޔާއަށް ވެސް ކަމެއް ނުވާނެ.”

ނާޒިޔާގެ ބަނޑުގައި އޮތް ކުއްޖާ ބައިގެންދިޔައީއެވެ. ފަރުވާހޯދުން އިތުރަށް ލަސްކުރި ނަމަ ނާޒިޔާ ދެން މާބަނޑެއް ވެސް ނުވީހެވެ. ނަސީބަކުން އެ ބިރެއް ނެތެވެ. އެހެންނަމަވެސް ނާޒިޔާ ހައްޔަރުން ނެއްޓުމުގެ ހިތާމަ ކުޑައެއް ނުވިއެވެ. ނާޒިޔާގެ ލޮލުން ކަރުނައެއް ނުހިކެއެވެ. އަހަރެން ނުރޮއިހުރީ ދެރަނުވާތީއެއް ނޫނެވެ. ނާޒިޔާއަށް އިތުރު ހިތްދަތިކަމެއް ނުދޭންވެގެންނެވެ. މަންމައާއި ބައްޕަ ވެސް ރުއިކަން އަހަރެން ދެނަހުރީމެވެ. އެ ނަސީބު ވެސް ނުލިބުނީ އަހަންނަށެވެ. ހަތަރުދަމު އަހަރެން އިނީ ނާޒިޔާގެ އެނދު ކައިރީގައެވެ. ފެނެއްނުވަރަމެވެ. ބަނޑުފުރޭ ވަރަކަށް ނުކަމެވެ. ނުވެސް ނިދަމެވެ. ގިނަ ވަގުތު އަހަރެން އިންނަނީ ނާޒިޔާގެ އަތުގައި ހިފަހައްޓައިގެންނެވެ. ބޭނުމަކީ، އެ ހިތާމައިގައި އަހަރެން ވެސް ބައިވެރިވުމެވެ. ނާޒިޔާއަށް ހިތްވަރުދިނުމެވެ. ނާޒިޔާ އެހެން މާނައެއް ނެގިކަމެއް އަހަރެން ނުދެނަހުރީމެވެ.

ނާޒިޔާ ހޮސްޕިޓަލުން ގެއަށް ބަދަލުކުރިއެވެ. ގޭތެރެ މަޑުމަޑުން ހަމަޔަކަށްއެޅުނެވެ. އަހަރެން އޮފީހަށް ނުކުންނަން ފެށީމެވެ. އެކަމަކު، ދުވަހަކަށް ވުރެ ދުވަހެއް ނާޒިޔާގެ ހާލު ރަނގަޅުވާނެކަމަށް ހީކުރި އެންމެންނަށް ނާޒިޔާ ދިނީ ހައިރާންކަމެކެވެ. ނާޒިޔާގެ ހާލަތު ހައްތަހާ ދިޔައީ ދަށަށެވެ. ލޯގަނޑު ކައިރިއަށް ހުއްޓިގެން ބަނޑަށް ބަލަންހުރުމާއި، މާބަނޑުވިތާ ދެވަނަ ދުވަހު ނާޒިޔާ ގަތް ކުޑަ ހެދުމުގައި ފިރުމަންއިނުމާއި، ކުޑަކުދިންގެ ފޮޓޯއަށް ބެލުން ގިނަވާން ފެށިއެވެ. ކެއުމާއި ދުރުވުމާއި، ނިދި މަދުވުމާއި، ބަސްމަދުވާން ފެށިއެވެ. ކުއްލިއަކަށް ރޮވިދާނެއެވެ. ހޭން ފަށައިފާނެއެވެ. ކުޑަކުއްޖަކާ ދިމާއަށް ބަލާހެން، ހިނިތުންވެފައި ބާލީހަށް ބަލަން އެތައް އިރަކު އިނދެދާނެއެވެ. ނާޒިޔާގެ ތަދު އަހަންނަށް އިހުސާސްކުރެވެއެވެ. އަހަރެންގެ ހިތަށް ތަދުވާ ވަރު އެހެން މީހަކަށް ނޭނގެނީ އަހަރެން އެ ވާހަކަ ނުދައްކާތީއެެވެ. ކަށިންމަދުނަގައިގެން ހިތްވަރުކުރާތީއެވެ. އެކަމަކު އެއިން ވެސް ނާޒިޔާ އެހެން މާނައެއް ނެގިކަމެއް އޭރަކު އަހަންނަކަށް ނޭނގެއެވެ.

އަހަރެން ކަންތައްކުރީ ހެޔޮއެދޭ ފިރިޔަކު ލޯބިވާ އަންބަކަށް ކަންތައްކުރާނެ ގޮތަށެވެ. ނާޒިޔާ ހިތުގައިޖެހިފައި އިންދައި އަދިވެސް ގިނައިން ރޯށެކޭ އަހަންނަކަށް ނުބުނެވޭނެއެވެ. ލިބެންއުޅުނު ތުއްތު ދަރިފުޅު ގެއްލުމުން އަހަރެން ދެރަވާ ވަރާއި، ދެން އެ ކުއްޖާ އަނބުރައި ނާންނާނެކަން އިރުއިރުކޮޅާ ނާޒިޔާއަކަށް ހަނދާނެއް ނުކޮށްދެވޭނެއެވެ. އަނބިމީހާ ދެކެ ލޯބިވާ ފިރިޔަކު އެހެނެއް ކަންތަކެއް ނުކުރާނެއެވެ. އަހަރެން ބަލާނީ ކޮންމެވެސް އެހެން ވާހަކައެއް ދައްކައިގެން ނާޒިޔާގެ ހިތްދަތި ހަނދާންތަކާ ދުރަށް ގެންދެވޭތޯއެވެ. އުފާވާ ކަހަލަ އެއްޗެއް ބުނެވޭތޯއެވެ. މީރު އެއްޗެއް ކާންދެވޭތޯއެވެ. އުންމީދު އާކޮށްދެވޭތޯއެވެ. ޅަސިކުނޑިއަކުން ވިސްނާ ނާޒިޔާއަށް އޭގެ މާނަ އޮޅިދާނެކަމަކަށް އަހަރެން ހިޔެއްނުކުރަމެވެ.

“ނާޒިޔާ ތިހިރީ ސަލާމަތުންނެއްނު!” އަހަރެން ބުނަމެވެ. “ކޮންކަމަކާ ހާސްވަނީ؟ އަދިވެސް އަހަރުމެންނަށް ފުޓްބޯޅަ ޓީމެއް ހަމަކޮށްލެވިދާނެ. ކޯޗާ މެނޭޖަރާ ވެސް ލައިގެން. ވީކަންތައް ދެން ހަނދާންނައްތާލާ!”

“އަހަރެންގެ ބަނޑުގަ ބޭބީ އޮތީ،” ބަނޑުގައި ފިރުމާލައިފައި، ހިތްދަތި ރާގަކަށް ނާޒިޔާ ބުންޏެވެ. “ހަމަ ތިހެން ބުނެލާއިރަށް އަހަރެން ހަނދާނެއް ނުނެތޭނެ. ތީ ކޮން ކަހަލަ މީހެއް؟ ދަރިފުޅު މަރުވީމަ ހަމަ އެކައްޗެކޭ ވެސް ހިތަކަށްނާރާ؟ ލޮލުން ކަރުނައެއް ނާދޭ! ކިހިނެެއް ތިހާ ފަސޭހައިން ހުރިހާ ކަމެއް ހަނދާންނައްތާލީ؟ ހިތުގެ ބަދަލުގަ ހިލަބުރިއެއްތޯ އޮތީ ބަލަންވެއްޖެއްނު!”

އަހަރެން އެއްވެސް އެއްޗެއް ނުބުނަމެވެ. ކެތްތެރިކަމާއެކު އަޑުއެހީއެވެ.

“ކީއްވެ އެއްޗެއް ނުބުނީ؟” ނާޒިޔާގެ އަޑު ތަންކޮޅެއް ބާރުވިއެވެ. “ކަލޭ ހަމަ ގަސްތުގަ މަގޭ ދަރިފުޅު މަރާލީ!”

ނުނިމޭ



Source link

Leave a Reply

Related Articles