• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ވާހަކަ ⁄ ބަނަފިނި

ބަނަފިނި


ބުދަ ދުވަހާ ގުޅޭ

“ކިހާ ވަރެއް ބޭނުންވަނީ؟” އަހަރެން ސުވާލުކުރީމެވެ.

“ފޯ ހަންރެޑް ޑޮލަރު އޯކޭ،” ޖެހިލުމެއް ނެތި ޝާހިދާ ބުންޏެވެ. “އެ ވަރު ނެތިއްޔާ ކޮންމެ ވަރެއް ވެސް އޯކޭ.”

ހަތަރު ސަތޭކަ ޑޮލަރަކީ އަހަންނަށް ބޮޑު އެއްޗެއް ނޫނެވެ. އެއްވެސް މަސައްކަތެއް ނުކޮށް ހިލޭ ލިބޭ މީހަކަށް ކުޑަ އެއްޗެއް ވެސް ނޫނެވެ. އަހަރެން އަތަކު ނެތޭ ނުވަތަ އެ ވަރެއް ނުދެވޭނޭ ވެސް އަހަންނަށް ބުނެވުނީހެވެ. އެކަމަކު ޖީބަށް އަތްކޮށްޕައިލައިފައި އަހަރެން ލާރިދަބަސް ނެގީމެވެ. ގުނާލައިފައި އެ އަދަދަށް ޑޮލަރު ދިނީމެވެ.

“ތެންކިޔޫ!” ޝާހިދާ ބުންޏެވެ.

އަހަރެން ހީކުރީ އެއަށް ވުރެ ބޮޑު އެއްޗެއް ބަދަލުގައި ލިބޭނެކަމަށެވެ. ޝާހިދާގެ މޫނުމަތިން ހައިރާންކަން ފެނުނު ނަމަ ކީއްހެއްޔެވެ؟ އަހަންނަށް ހެޔޮ ދުއާއެއް ކޮށްލި ނަމަ ކީއްހެއްޔެވެ؟ އަލަށް ދިމާވި މީހަކަށް ހަތަރު ސަތޭކަ ޑޮލަރު ދޭނެ މާ ގިނަ މީހުންނެއް ނުތިބޭނެކަން އަހަންނަށް ކަށަވަރެވެ. ހިތަށްއެރިއެވެ. ޝުކުރުވެރިވާން ހާދަހާ ނޭނގޭ އަންހެނެކެވެ. އަހަރެން އަނެއްކާ ވެސް ދުންފިންޏަށް ނަޒަރު ހުއްޓައިލީމެވެ.

“ގުޅޭނެ ނަންބަރަކާ ނަން ވެސް ބޭނުން.” ޝާހިދާ ބުނި އަޑު އިވުނެވެ.

އަހަރެން ބަލައިލިއިރު ޝާހިދާ ހުރި ފިޔަވަޅުމަތީގައި ހުއްޓެވެ. ފުރަތަމަ އަހަންނަށް ވިސްނައިލެވުނީ، އަހަރެންގެ ނަމާއި ނަންބަރު ދީގެން އެއިން މީހަކަށް ނެގިދާނެ ނާޖާއިޒު ފައިދާޔާ ދޭތެރޭގައެވެ. ކޮށްދިން ހެޔޮކަމުގެ ބަދަލުގައި ތެޔޮހަމެއް އަހަރެން ބޭނުމެއް ނޫނެވެ. އެ ފަދަ ފައިދާއެއް، އެ ވަގުތަކު އަހަންނަކަށް ނުވިސްނުނެވެ. އެހެންނަަމަވެސް ނަމާއި ނަންބަރު ބުނާކަށް އަހަރެން ހިތްހަމައެއް ނުޖެހުނެވެ.

“ތީ އަނބުރާ ދޭގޮތަށް ދިން އެއްޗެެއް ނޫން!” އަހަރެން ބުނީމެވެ.

އަހަރެން ހީކުރީ، ވީ އުފަލުން ޝާހިދާ ދުއްވައިގަންނާނެ ކަމަށެވެ. ކަންތައް ވެގެންދިޔައީ ތަފާތު ގޮތަކަށެވެ. ޝާހިދާ އެނބުރިދިޔައީއެވެ. އެކަމަކު އަހަންނާ ޑޮލަރު ހަވާލުކުރުމަށް ފަހުގައެވެ. އާދައިގެ ކަމަށް އަހަރެން ހީކުރި ކުއްޖާ ކުރި އާދަޔާ ޚިލާފު ކަންތަކުގެ ސަބަބުން އަހަރެން ހައިރާންވިއެވެ. ހިތުގައި އުފެދުނު އެތަކެއް ޝައްކެއް ފިލިއެވެ. ތެދުވެރި ނިޔަތެެއް ނެތް ނަމަ، ހިލޭ ލިބުނު އެއްޗެއް ދޫކޮށްލާނީ ކާކު ހެއްޔެވެ؟ މައްސަލައަކީ ޝާހިދާއެއް ނޫނެވެ. މައްސަލައަކީ އަހަންނެވެ. މީހުންނާ ދޭތެރޭގައި އަހަރެން ދެކޭ ގޮތެވެ. ކަށީގައި ހިފައިފައިހުންނަ ނުބައި އާދައެވެ. ސިފަޔަށް ބަލައިފައި މީހުންގެ ނިތްކުރީގައި އަހަރެންނަށް ޖެހޭ ތައްގަނޑެވެ.

ޝާހިދާ ހޯދަން އަހަރެން ވަރަށް މަސައްކަތްކުރީމެވެ. އޭނަ ނުފެނުނުތާނގައި އޭނަޔާ ވައްތަރު މީހެއް ވެސް ނުފެނުނެވެ. ރޭގަނޑު އަހަރެން ރެސްޓޯރަންޓުގައި އިންދައި ޝާހިދާ އެ ތަނަށް ވަންތަން ފެނުނެވެ. އޭނަ ވަނީ، ދާންވީ ވަކި ދިމާއެއް ނޭނގިގެންއުޅޭ މީހަކު ވަންނަ ކަހަލަ ގޮތަކަށެވެ. ޝާހިދާގެ މިސްރާބު ހުރީ ބުފޭ މޭޒަކަށް ނޫނެވެ. އިށީންނާނެ ގޮނޑިއަކާ ދިމާއަކަށް ވެސް ނޫނެވެ. ހިތަށްއެރިއެވެ. ޝާހިދާ އެ އުޅެނީ ބަނޑުހައިވެގެންބާއެވެ؟ ހަގީގަތުގައި ވެސް އޭނައަކީ މުހުދާތު ޖެހިފައިވާ ދަތުރުވެރިޔެއްބާއެވެ؟ އަހަރެން އަތް ހިތްލައިލީމެވެ. އަހަރެން ފެނިގެން ޝާހިދާ އައެވެ.

“ކާކަށް ނޫންތަ ތި އައީ؟” އަހަރެން އެހީމެވެ.

“އެހެން މީހުން ކާތަން ބަލަން މިއައީ،” ޝާހިދާ ހިނިތުންވެލައިފައި ބުންޏެވެ. “ބުނީމެއްނު އަތަކު ލާރިއެއް ނެތޭ! އެހެންވެ ހަމަ ސީރިޔަސްކޮށް ވެސް އެހެން މީހުން ކާތަން ބަލަން މިއައީ.”

“އިށީނދޭ!” އަހަރެން އެދުނީމެވެ. “މިއޮތީ މެނޫ! ބޭނުން އެއްޗެއް ގެނޭ! އަހަރެންގެ ހަރަދުގަ.”

އަހަރެން އުންމީދުކުރި މަންޒަރު ޝާހިދާގެ މޫނުމަތިން އެ ވަގުތު ފެނުނެވެ. އެއީ ޝުކުރުވެރިކަމާއި، އިހުތިރާމުގެ ހިނިތުންވުމެކެވެ. ޝާހިދާ ވަރަށް ރަނގަޅަށް ކެޔެވެ. ކައި ނިމުމުން އަހަރެން ހަތަރު ސަތޭކަ ޑޮލަރު ދިނީމެވެ. އަހަރެންގެ ނަމާއި ފޯނު ނަންބަރު ވެސް ދިނީމެވެ. އެއީ ކުރިން އަހަންނަށް ކަންތައް ކުރެވުނުލެއް ގޯސްކަމުން ބަދަލުގައި އަހަރެން ދިން ހަދިޔާއެކެވެ. ކައި ނިމިގެން ޝާހިދާ ދިޔައީ ސޭންޑްވިޗެއް ހިފައިގެންނެވެ. އެއީ ކާކަށް ގެންދިޔަ އެއްޗެއް ހެއްޔެވެ؟ އޭގެ ތަފުސީލު އަހަންނަކަށް ނޭނގެއެވެ.

ޖެހިގެންއައި ދުވަހު މަންމަ ވަރަށް ބޮޑަށް ބަލިވިއެވެ. ވުމާއެކު، ދަތުރު ކުރުކޮށްލައިފައި އަހަރެން މާލެއައީމެވެ. އޭރު ވެސް ބައްޕަ ހުރީ އަހަރެންގެ ކައިވެނީގެ އިންތިޒާރުގައެވެ. އަހަންނަށް ވިސްނުނު ގޮތުގައި ނާޒިޔާގެ އަތްދަށުން އަހަންނަކަށް ސަލާމަތެއް ނުވެވޭނެއެވެ. ދެ ބީރައްޓެހިންގެ ގޮތުގައި ކައިވެނިކުރުމުގެ ކުރިން ދެ ރައްޓެހިންނަށް ބަދަލުވެވިއްޖެއްޔާ އަހަރެންގެ ބޮލަށްފަސޭހަވާނެއެވެ.

މަންމައަށް ޖެހުނީ އެ ދުވަސްވަރު މާލޭގައި ފެތުރުނު ގަދަ ހުމެކެވެ. މަންމަ ރަނގަޅުވަމުން އައިއިރު އަހަންނާއި ނާޒިޔާއާ ދެމެދުގައި އޮތް ބީރައްޓެހިކަން ދިޔައީ ފިލަމުންނެވެ. އިތުރު ކަމެއް އޮޅުން ވެސް ފިލިއެވެ. އަހަންނާ އިންނާކަށް ނާޒިޔާ ވެސް ބޭނުމެއް ނޫނެވެ. އެކަމަކު އަހަންނާ ކައިވެނި ނުކޮށްފިއްޔާ އޭނަގެ ބައްޕަގެ ފަރާތުން އޭނައަށް ލިބޭ އެތަކެއް އިނާޔަތެއް ކެނޑޭނެއެވެ. އަހަންނާ ދާދި އެއްކަހަލަ ހާލަތަކެވެ. ތަފާތަކީ ނާޒިޔާ ލޯބިވާ އެހެން މީހަކު ހުރެފައި އަހަރެންގެ ލޯބިވެރިޔެއް ނެތްކަމެވެ.

ދެ މީހުންގެ ހާލަތު އެނގުމުން، އެކަކަށް އަނެކަކުގެ އެހީތެރިކަން ބޭނުންވިއެވެ. އެއްބަސްވުމަކަށް އަންނަންޖެހުނެވެ. އަހަރުމެން ނިންމީ ކައިވެނިކުރާށެވެ. ހަމަ އެކަނި ނަމަކަށެވެ. މައިންބަފައިންގެ ލޮލުގައި އަނދުންއެޅުވުމަށް ޓަކައެވެ. އެހެނަސް، ނާޒިޔާގެ ކަމަކާ އަހަންނެއް ނުބެހޭނެއެވެ. އަހަރެންގެ ކަމަކާ ނާޒިޔާ ވެސް ނުބެހޭނެއެވެ. ދެމަފިރިކަމުގެ ޑުރާމާ އަހަރުމެން ކުޅޭނީ ހަމައެކަނި މީހުންނަށް ފެންނަ ތަންތާނގައެވެ. މީހަކު ނެތް ހުރިހާ ތަނެއްގައި އަހަރުމެންނަކީ ދެ އެކުވެރިންނެވެ. އެކަކުއަނެކަކުގެ މިނިވަންކަމަށް އިހުތިރާމުކުރާ މިތުރުންނެވެ.

“ރައްޓެހިވެގެން” އަހަރުމެން އުޅުނުއިރު ވަރަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވިއެވެ. ނާޒިޔާ ގޭގެ މީހުންނަށް ފެންނާނީ އަހަރެންގެ ސައިކަލު ފަހަތަށް ނާޒިޔާ އަރާތަނެވެ. ގިނަ ފަހަރު ނާޒިޔާ ދާނީ އަނަސްގެ ގެއަށެވެ. އަނަސްއަކީ ނާޒިޔާގެ ލޯބިވެރިޔާއެވެ. އެ ގޭގެ މީހުންގެ ނަޒަރުގައި އަހަންނާއި ނާޒިޔާއަކީ ދެ އެކުވެރީންނެވެ. ނާޒިޔާ ގޭގެ މީހުން ހީކުރަނީ އަނަސްއަކީ ނާޒިޔާގެ އެކުވެރިއެއްކަމަށެވެ. އެ ދެ މީހުންގެ ލޯބި ސިއްރުކޮށްފައިވާލެއް ބޮޑުކަމުން އަނަސްއަކީ ނާޒިޔާގެ ލޯބިވެރިޔާކަމެއް ނާޒިޔާގެ އާއިލާގެ އެކަކަށް ވެސް ނޭނގެއެވެ. އަހަރުމެން ތިން މީހުން އެކުގައި ވެސް ތަންތަނަށް ދަމެވެ.

އަހަންނާއި ނާޒިޔާ ކައިވެނިކުރަން ހަފުތާއަކަށް ވެފައި ވަނިކޮށް ނާޒިޔާ ދެކެ އަހަންނަށް ލޯބިވެވެން ފެށިއެވެ. އެ ކަމުގައި އަހަރެންގެ އެއްވެސް ކުށެއް ނެތެވެ. ނާޒިޔާ ދެކެ ލޯބިވެވިއްޖެކަން އަހަންނަށް ކަށަވަރުވުމުން ވެސް އެ ލޯބި ފާޅެއް ނުކުރަމެވެ. އަހަރެންގެ މިޒާޖަށް ބަދަލެއް ނުގެންނަމެވެ. ހިތާހިތުން އަހަރެން ބުނީމެވެ. އެެހެން ވެގެން ނުވާނެއެވެ. ނާޒިޔާގެ ކިބައިގައި އަހަންނަށް ކަމުނުދާ ސިފަތައް ބައިވަރެވެ. ކަމުދިޔަ ހަމައެކަނި އެއްޗަކީ ނާޒިޔާގެ ބޭރުފުށުން ފެންނަ ސިފައެވެ. އޭނަ ހުންނަލެއް ވަރަށް ލޯތްބެވެ. ސިފަ ރީތިވުމުން ދެން އެ ނިމުނީ ހެއްޔެވެ؟ އަހަރެންގެ ހިތަށް އަހަރެން ވިސްނައިދިނީމެވެ. ނާޒިޔާ ކަހަލަ ކުއްޖަކާ އެއްކޮށް އަހަންނަކަށް ނޫޅެވޭނެއެވެ. ކަންކަމުގައި އަހަރުމެން ދެކޭ ގޮތް އުޑާބިމާހާ ތަފާތެވެ. އަނެއްކޮޅުން އަހަރެން ކިތަންމެ އެއްކޮށް އުޅުނަސް އަހަރެން ދެކެ ނާޒިޔާ ލޯތްބެއް ނުވެއެވެ. ނާޒިޔާ ލޯބިވަނީ އަނަސް ދެކެއެވެ. އެ ކަން ރަނގަޅަށް އެނގިހުރެ އަހަރެންގެ ހިތް ނާޒިޔާއާ ދިމާއަށް ލެނބުނީ ކީއްވެގެން ހެއްޔެވެ؟

ނާޒިޔާ ގޮވައިގެން އަނަސްގެ ގެއަށް ދާން އަހަންނަށް އުނދަގޫވާން ފެށިއެވެ. އަނަސްގެ ގެއަށް ނާޒިޔާ ލައިދޭން ނާޒިޔާ ގުޅާ ގަޑިތަކުގައި އަހަރެންނަށް ނުދެވެން ފެށިއެވެ. އޮފީހުގައި ތާާށިވަނީއެވެ. ހަގީގަތުގައި އެއީ ބަހަނާއަކަށް ނުވެސް ފުދެއެވެ. އަހަރެންގެ އަމިއްލަ އޮފީހެވެ. ބޭނުން ގަޑިއެއްގައި އައިސް ބޭނުން ގަޑިއެއްގައި ދެވޭނެއެވެ. އެއްޗެއް ބުނާނެ މީހަކު ނުހުންނާނެއެވެ. އަނެއްކޮޅުން އަހަރެން ނާޒިޔާ ނުގެންދިޔުމަކުން ނާޒިޔާ ނުގޮހެއް ނުހުރެއެވެ. ކާރަކަށް އަރައިގެން ނަމަވެސް ދެެއެވެ. ގޮސްފައި ދެވުނު ވާހަކަ ބުނޭ ވެސް މެއެވެ. އެ މެސެޖު ކިހާ ތޫނުކޮށް އަހަރެންގެ ހިތަށް ހެރޭކަން ނާޒިޔާއަށް އެނގޭނީ ކިހިނެއް ހެއްޔެވެ؟ އެ ފަދަ އެއްޗެއް ނާޒިޔާއަށް ހީވާ ކަހަލަ ކަމެއް ވެސް އަހަރެން ނުކުރަމެވެ. އަހަރެން ކުރީ އެންމެ އުންމީދެކެވެ. ދާދި އަވަހަށް އަހަންނާއި ނާޒިޔާ ކައިވެނިކުރެވޭނެއެވެ. ޖެހިގެން އަންނަ ދުވަހު އަހަރުމެން ސިންގަޕޫރަށް ފުރާނަމެވެ. އެ ހިސާބުން އަހަންނަށް ނާޒިޔާ ލިބުނީއެވެ. އަނަސްއަކީ ބޭނުންހާ އިރަކު ސިންގަޕޫރަށް އާދެވޭ ވަރަށް ވުރެ އަތްމަތި ދަތިކޮށް އުޅޭ މީހެކެވެ. ފަހަރެއްގައި އަނަސް އެ ދުވަސްވަރު ސިންގަޕޫރަށް އަންނަން ރާވަފާނެއެވެ. ކޮންމެވެސް ގޮތަކުން ލާރި އެއްކޮށްފާނެެއެވެ. އެ ކަމަށް ވެސް އަހަރެން ހުރީ ތައްޔާރުވެގެންނެވެ. އިމަންޖެންސީ ކަމެއްގައި ފުރަންޖެހުނު ކަމަށް ހަދައިފައި އަހަރެން ފުރާނީ، ޔަގީނުން ވެސް އަނަސްއަށް ނާދެވޭހާ ދުރުގައި ހުންނަ ގައުމަކަށެވެ. އެ ހިސާބުން އަނަސްއަށް ނާޒިޔާ ގެއްލުވައިލާނީއެވެ. އަހަރެން ވެރިކޮށްލާނީއެވެ. ހިތުގައި އޮތީ އެ ގޮތަށެވެ. ކުރިމަތިވާނެ ދަތިތަކާއި ނުކުންނާނެ މައްސަލަތައް އޭރަކު ހިތަކަށްނާރައެވެ.

ކައިވެނި ޕާޓީ އޮތީ ރޭގަނޑުއެވެ. ނާޒިޔާ މޭކަޕުކުރަން ދާންއޮތީ ހަވީރު ހަޔެއްޖަހާއިރުއެވެ. ހަތަރެއްޖަހަނިކޮށް އަހަންނަށް ފޯނުކޯލެއް އައެވެ. ފޯނު ނެގިއިރު ނާޒިޔާ ރޮނީއެވެ. އޭނަ ބޭނުންވީ ވަގުތުން އަހަންނާ ބައްދަލުކުރާށެވެ. އިތުރު ތަފުސީލެއް ނުދިނެވެ. އަހަރެން މޮޔައެއްހެން ދުއްވައިފައި ނާޒިޔާގެ ގެއަށް ދިޔައިމެވެ. އެކްސިޑެންޓެއް ނުވީ ހަމަ ކިރިޔާއެވެ. ގޭތެރޭގެ ކަންތައްތައް އޮތީ ވަރަށް އަމާންކޮށެވެ. އަހަރެން ގޮސް ނާޒިޔާގެ ކޮޓަރިއަށް ވަނީމެވެ.

“އަނަސް ރުޅިވެއްޖެ!” ނާޒިޔާ ބުންޏެވެ.

އަހަރެން ބޭނުންވީ އުފަލުން ހަޅޭއްލަވައިގަންނާށެވެ. ނަށަން ފަށާށެވެ. ދަނޑިވަޅު ރަނގަޅުވާނީ އެހާކަންހާ ވަރަށެވެ.

“އަހަނ! އެއީ ކީއްވެ؟” އަހަރެން ހައިރާންވިކަމަށް ހެދިފައި ބުނީމެވެ. “އެހެން ހަދައިގެން ނުވާނެއްނު!”

އަނަސްއަށް ގުޅަންކަމަށް ހެދިފައި، ވަރަށް ޖޯޝްގައި އަހަރެން ފޯނު ނެގީމެވެ. އުންމީދުކުރީ ނާޒިޔާ ހުއްޓުވާނެކަމަށެވެ. އެހެނެއް ނުވިއެވެ.

“މި ގުޅަނީ އޭނަޔާ!” އެންމެ ފަހުން އަހަރެން ބުނީމެވެ.

“އަޅެ ގުޅާބަލަ! ޕްލީޒް!” ނާޒިޔާ ބުނީ އަހަރެން އުންމީދުކުރި އެއްޗެއް ނޫނެވެ.

އަނަސްއާ ގުޅައިގެން އަހަރެން ދައްކާނީ ކޮން ވާހަކައެއް ހެއްޔެވެ؟

ނުނިމޭ



Source link

Leave a Reply

Related Articles