• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ވާހަކަ ⁄ ބޮކިފަތި

ބޮކިފަތި


ބޮކިފަތި

އިންސާނާގެ ހަޔާތަކީ ކުލަބޮކިފައްޗެއް ކަހަލަ އެއްޗެކެވެ. އެކި ދުވަސްތައް ފެވިގެންދާނީ އެކި ކުލައިންނެވެ. އަލިގަދަ ރީތި ކުލަތަކުން ފެވިފައިވާ ހާދިސާތަކާއި، ހިތްދަތިކަމާއި އަނދިރި ކުލަތަކުން ކުލަމަރުވެފައިވާ ދުވަސްތައް ވެސް ދެކެން މަޖުބޫރުވެއެވެ. ބައެއް ހުވަފެންތަކުގައި ކުލަޖެހެއެވެ. އަނެއްބައި ހުވަފެންތައް މަރުވެއެވެ. އުމުރުން ހަތްދިޔަ އަހަރުގައި ބަލިއެނދުގައި އަހަރެން ހަޔާތުގެ ސިކުންތުތައް ގުނަމުންދިޔައިރު، ކައިރީގައި ފެންނަން އޮތް ބޮކިފަތީގެ ނިވިފައިވާ ބޮކިތަކާ މެދު ވިސްނީމެވެ. ނުކުރެވުނު ކަންތަކާއި، ނުލިބުނު އުފަލާއި، ކާމިޔާބުނުވި ލޯބި ހަނދާންކުރީމެވެ.

“ބައްޕާ!” އަހަރެންނަށް ނޭނގި އަހަރެންގެ މޫނަށް ބަލަހައްޓައިގެންހުރި އަމީލިޔާ ބުންޏެވެ. “މިއަދު ކޮންކަމާ ތި ވިސްނަނީ؟”

އަމީލިޔާއަކީ އަހަރެންގެ ދޮށީ އަންހެންދަރިފުޅެވެ. އަހަރެންގެ ފުރާނައެވެ. އަހަރެންގެ މާޒީއެވެ. އަހަރެންނަށް ނުލިބުނު ލޯބީގެ ފޮނި ހަނދާންތަކެވެ. އަހަރެން ހިނިތުންވެލީމެވެ. ރޯންވީ ކޮންކަމަކާ ހެއްޔެވެ؟ ގޭތެރެ ނަލަހައްދަމުން ގެންދިޔައީ އަމީލިޔާގެ ކައިވެންޏަށެވެ. އެއީ އަމީލިޔާގެ ހަތަރުވަނަ ކައިވެންޏެވެ. އަހަރެންގެ އަމީލިޔާ އަނެއްކާ ވެސް އަހަރެން ދޫކޮށް ފިރިމީހާގެ ގެއަށް ބަދަލުވާނެއެވެ. އެ ދުވަސް ދެކެން ނުޖެހިއްޖެއްޔާ ކިތަންމެހާ ވެސް ރަނގަޅެވެ. އަމީލިޔާއަކީ އަހަރެންގެ ލޯބީގެ ހަޔާތުގެ ކިހާ މުހިންމު ބޮޅެއް ހެއްޔެވެ؟ އަމީލިޔާގެ ނަމާއި، އަމީލިޔާގެ ސިފަޔާއި، އަމީލިޔާގެ ހިނިތުންވުން ވެސް ހެކި ދޭނީ އެންމެ މީހަކަށެވެ. ހަޔާތުގެ އެންމެ ބާބަކަށެވެ. އެ ބާބުގެ އަރިމަތީ ސުރުހީއަކީ އަމީނާއެވެ. މާނައަކީ ދެވޭ އިތުބާރެވެ. ތެދުވެރިކަމެވެ. އަހަރެންގެ މުޅި ހަޔާތުގައި ވެސް އެހާ ކިޔާހިތްވާ ބާބެއް ނޯންނާނެއެވެ. ޖުމުލަތައް ކުރުވެފައި، އިބާރާތް ފަށުވިވެފައި، ބަސްކޮށާރު މުއްސަނދިވާނެއެވެ. ފެށުން ނަލަވެފައި، މެދުތެރެ ޝައުގުވެރިވެފައި، ނިންމުން އަސަރުގަދަވާނެއެވެ.

“ބައްޕާ!” އަނެއްކާ ވެސް އަމީލިޔާ ގޮވައިލިއެވެ.

“ކީކޭ ދަރިފުޅާ!” އަހަރެން ބުނީމެވެ.

“ކޮންކަމަކާހޭ ތި ވިސްނަނީ؟” އޯގާތެރިކަމާ އެކުގަައި އަމީލިޔާ އެހިއެވެ. އަދި ގޮނޑިއެއް ހިފައިގެން އައިސް އަހަރެންގެ އެނދު ކައިރީގައި އިށީނެވެ. “އަދިވެސް ބަނޑުހައެއްނުވޭތަ؟ ކޯޗެއް ހަދައިދޭންވީ؟ އޯޓްސް އެބަހުރި. ފަރުމަސް އެބަހުރި. ގިތި މާޅޮސްކޭލާ، ކައްޓަލަޔާ، ޗިޗަންޑާޔާ، ތޮރާ ވެސް އެބަހުރި. ބައްޕަ ބުނި އެއްޗެެއް ހަދައިގެން ގެެނެސްދޭނަން. ބުނޭ!”

“ބައްޕައަށް ފެންނަ ހިސާބުގަ ތިހެން އިނދެބަލަ!” އަހަރެން ހިނިތުންވެލައިފައި ބުނީމެވެ. “ދަރިފުޅު ފެނުނީމަ ވެސް ބައްޕަގެ ބަނޑުފުރޭ! ދަރިފުޅު މިހާރު ތި އުޅެނީ މީހަކާ އިނދެގެން މިގެއިން ދާން. ބައްޕަ ވެސް ދެން މާ ގިނަ ދުވަހެއްނުވެ ދާންޖެހިދާނެ. އޭގެ ކުރިން ބައްޕަ ބޭނުން ހިތްފުރެންދެން ދަރިފުޅުގެ މޫނަށް ބަލައިލަން. އަދި އިރުކޮޅަކު މިތާ އިނދެވޭނެތަ؟”

އަމީލިޔާ ގޮނޑީގައި ހަމަޖެހިލިއެވެ. އަހަރެންގެ އަތުގައި ފިރުމައިލިއެވެ. އަމީލިޔާގެ ލޮލުން އުތުރިއަރަމުންދިޔައީ ލޯތްބާއި ކުލުނެވެ. އިހުތިރާމާއި، ޝައުގުވެރިކަމެވެ.

“ބައްޕައަށް ވަގުތުނުދީ ދެން ކާކަށް ވަގުތު ދޭނީ؟” އަމީލިޔާ ބުންޏެވެ. “ބައްޕަ ފޫހިވަންދެން ބަލާ! އަހަރެން އިންނާނަން މިތާ.”

އަހަންނަކީ ދުވަހަކު ވެސް އަހަރެންގެ ލޯބީގެ ބާބު ދަރިންނަށް ކިޔައިދިން މީހެއް ނޫނެވެ. ކިޔައިދޭކަށް ނުވެސް ކެރޭނެއެވެ. އެހެނަސް އަހަރެންގެ ހަށިން ނޭވާ ހުސްވާން ކައިރިވެއްޖެކަން އަހަންނަށް އެނގެއެވެ. ވަގުތު ކައިރިވެއްޖެއެވެ. އެއްވެސް މީހަކަށް ކިޔައިނުދީ އޮތް ވާހަކަ ކޮންމެވެސް މީހަކަށް ކިޔައިދިނުމުގެ ވަގުތު ޖެހިއްޖެއެވެ. އެންމެ އެކަށޭނަ މީހަކީ އަމީލިޔާއެވެ. އޭނަ އިނީ އަހަރެންގެ ލޯކުރިމަތީގައެވެ. ހިތާމައަކީ އަހަރެންގެ ދޫ ބަންދުވެފައިވާކަމެވެ.

“ދަރިފުޅަށް އެނގޭތަ ކޮންމެ މީހެއްގެ ހަޔާތަކީ ވެސް ކުލަބޮކިފައްޗެއްކަން،” އަހަރެންގެ ލޯބީގެ ދިރިހުރި މިސާލަށް ބަލަހައްޓައިގެން އޮވެ އަހަރެން ބުނީމެވެ. “ބައްޕަގެ ހަޔާތުގަ ވެސް ވަރަށް ގިނަ ކަންތަކާ ދިމާވި. ބައެއް އުންމީދު ފުރިހަމަވި. ބައެއް ހުވަފެނުގަ ކުލައެއް ނުޖެހުނު. މިދައްކަނީ ބައްޕަ އެންމެ ލޯބިވި މީހާގެ ވާހަކަ. އެކަމަކު އެއީ ދަރިފުޅުގެ މަންމައެއް ނޫން.”

އަމީލިޔާ ގާތަށް އައީ އަމަށަކު ހިންޏެއް ނޫނެވެ. އަމީލިޔާގެ މޫނުމައްޗަށް ޖަންބުކުލަ އަރައި، މޫނުގައި ދެއަތްއެޅިއެވެ. އަމީނާއަށް ވެސް ވާނީ އެހެންނެވެ. ރަކިވާ ކޮންމެ ފަހަރަކު އަމީނާ މޫނުގައި ދެއަތްއަޅައެވެ.

“ދަރިފުޅު ހިތަކަށްނާރާތަ ދަރިފުޅަށް އަމީލިޔާ ކިއީ ކީއްވެގެންބާއޭ؟” އަހަރެން ސުވާލުކުރީމެވެ. “ދަރިފުޅު ދުވަހަކު ވެސް ދުށިންތަ ތި ނަން ކިޔާ އެހެން ކުއްޖެއް؟ ތި ނަމުގެ މާނައަކީ، ދެވޭ އިތުބާރު. ރީތިކަން. މީހުން އަހައެއްނު ތީ ކިހިނެއް ހޯދި ނަމެއްހޭ. ކީއްވެގެން ކިއި ނަމެއްހޭ. ތީ ބައްޕަ ހަމަ ހުރެފަ ކިއި ނަމެއް ނޫނޭ. ވަރަށް މުހިންމު ސަބަބެއް އޮވެގެން ދަރިފުޅަށް ތި ނަން ކިއީ.”

“ބައްޕަ އެންމެ ލޯބިވި މީހާއަށް ކިޔަނީ އަމީލިޔާތަ؟” ރަކި ހިނިތުންވުމަކާ އެކުގައި އަމީލިޔާ އެހިއެވެ.

“ދަރިފުޅަށް އެނގޭތަ؟ ހިތާވާ އެންމެންނަކީ ލޯބިވާ މީހުންނެއް ނޫން،” އަހަރެން ބުނީމެވެ. “ލޯބިވެވޭނީ ކޮންމެވެސް އެކަކު ދެކެ. ކޮންމެ މީހެއްގެ ވެސް ހާއްސަ ލޯބިވެރިއެއް ހުންނާނެ. އަހަރެން ވެސް މީހެއް ދެކެ ލޯބިވިން. އެއީ ކާކުކަން ދަރިފުޅަށް އެނގޭތަ؟ އޭނައަކީ ދަރިފުޅު އޭނަގެ ވާހަކަ ވަރަށް ގިނައިން ދައްކާ މީހެއް. ދަރިފުޅު ވަރަށް ތައުރީފުކުރާ އަންހެނެއް. ރާއްޖޭގަ އުފެދުނު އެންމެ ރީތި އަންހެނުންތަކަށް ވިސްނާލާ! އޭގެ ތެރެއިން ވެސް އޭނައަކީ، ކުޑައިރުއްސުރެ އަހަރެން އެ މީހެއްގެ ވާހަކަދައްކާ މީހެއް. ކާކުހެން ހީވަނީ؟”

“އަމީނާ؟” އަމީލިޔާ ވިސްނައިލައިފައި އެހިއެވެ.

އެއްފަހަރުން އަމީލިޔާ ނަން ދިމާކުރީ ސަބަބެއް ނެތިއެއް ނޫނެވެ. އަހަރެން ވަކި ޖަވާބެއް ނުދެމެވެ. އެކަމަކު އަމީލިޔާގެ އަތުގައި ހިފައިގެން، ބޭއިހުތިޔާރުގައި މާޒީގެ ތެރެއަށް ފީނައިގަނެވުނެވެ. އޭރު ވެސް އަހަރެންގެ މައިންބަފައިން ދުނިޔެއަކު ނެތެވެ. އެއީ އަހަރެން ރަށުގައި ހުއްޓައި ކިޔަވަން މާލެ ގެނައި ދުވަސްވަރެވެ. އަހަރެން އޭރު ވަރަށް ކުޑައެވެ. އަހަރެން ވެއްދީ މަދުރަސަތުލް ސަނިއްޔާއަށެވެ. އަހަންނަކީ މާލޭގައި އުޅޭ އެންމެ ރީތި ފިރިހެނާ ނޫން ނަމަވެސް، މީހުންނަށް ވަރަށް ކަމުދާ ސިފަތަކެއް ހުންނަ ކުއްޖެކެވެ. ގަޑިއަށް ފަރުވާތެރިވުމެވެ. ތެދުވެރިކަމެވެ. ތޫނުފިލިކަމާއި އާމާނާތްތެރިކަމެވެ. ދީނީކަންކަމަށް ހުންނަ ޝައުގުވެރިކަމާއި މުރާލިކަމެވެ. މިޒާޖުގެ އިތުރަށް އަހަރެންގެ ސިފަ ވެސް ވަކި ހުތުރެއް ނުވާނެއެވެ. އަހަރެންގެ އާއިލާ ގުޅިފައިވަނީ ޕޯޗުގީޒު ދަރިކޮޅަކާއެވެ. އަހަރެންގެ ލޮލުގެ ކަޅިއާއި ބޮލުގެ އިސްތަށިގަނޑު ހުންނާނީ މުށިކުލައެއްގައެވެ. ގައިގެ ކުލައަކީ ރަތްދޮންކުލައެވެ. ހިކިކޮށް ހުއްޓަސް، އަހަންނަކީ ލޯބިން މީހުން އައިސް ކޮލުގައި ހިފާލާހިތްވާ ގޮތަކަށް ހުންނަ ކުއްޖެކެވެ.

އަހަރެން މާލެފައިބާ ހުރީ މާލޭ ބޭފުޅެއްގެ ގޭގައެވެ. އެއީ ގޯތި ބޮޑު މީހުން މަދު ގެއެކެވެ. އޭރު މާލެ ގެންނަ ގިނަ ކުދިން ބައިތިއްބަނީ ކޮންމެވެސް ބޭފުޅެއްގެ ގޭގަައެވެ. ކިޔެވުމުގެ ފުރުސަތު ލިބެއެވެ. ހަމަ އެހެންމެ، ގޭގައި ވަރަށް ބުރަކޮށް މަސައްކަތް ވެސް ކުރަންޖެހެއެވެ. ދިރިއުޅޭ ގޭގެ އިތުރަށް، ގޭގެ ވެރިންގެ ތިމާގެ ގޭގެއަށް ވެސް ދާންޖެހެއެވެ. ކޮންމެ ގެޔަކީ ވެސް މާލޭ ބޭފުޅަކު އުޅުއްވާ ގެއެކެވެ. އެ ގެތަކުގައި ކުރަން ހުންނަ، އަހަންނަށް ކުރެވޭ ވަރުގެ ކުދިކުދި މަސައްކަތްތައް އަހަރެން ކުރަމެވެ. އަހަންނަކަށް މައްސަލައެއް ނެެތެވެ. އަހަންނަކީ ރަށުގައި އުޅުނުއިރު ވެސް ވަރުބަލިކަމެއް ނެތި މަސައްކަތްކުރި ކުއްޖެކެވެ.

އާދައިގެމަތިން އަހަރެން ގެއަކަށް މަސައްކަތްކުރަން ގެނައި ދުވަހެކެވެ. އެ ގެޔަކީ އަހަރެންނަށް ވަދެވުނު ގެތަކުގެ ތެރެއިން އެންމެ ރީތި، އެންމެ ބޮޑު ގެއެވެ. އެ ގޭގައި ނޯކަރުން އުޅެއެވެ. އަހަރެން ހިތަށްއެރިއެވެ. އެ ގޭގައި އަހަރެން ކުރަން އޮންނާނީ ކޮންކަމެއް ހެއްޔެވެ؟ އަހަރެން ގެންގޮސް ވެއްދީ ގަނޑުވަރެއް ކަހަލަ ކޮޓަރިއަކަށެވެ. އަގުބޮޑުހެން ހީވާ ރީތި ސާމާނުތައް ކޮޓަރީގައި އަތުރާފައި ހުއްޓެވެ. އަހަންނަށް ޖެހުނީ ކޮޓަރި ނިކަން ރީތިކޮށް ސާފުކުރާށެވެ. ބޮޑަށް ލަފާކުރެވުނު ގޮތުގައި އެއީ އަހަރެންގެ ތެދުވެރިކަން ހުރި ވަރު ބެލުމަށް ޓަަކައި ދެވުނު އިމްތިހާނެކެވެ. ކޮޓަރީގައި ހުރި އެތަކެއް ސާމާނުގެ ތެރެެއިން އަހަރެންގެ ލޮލުގައި އަޅައިގަތީ ޒުވާން އަންހެންކުއްޖެއްގެ ތަސްވީރެވެ. ކޮޓަރީގެ އެތައްމިތަނުގައި އެ ކުއްޖެއްގެ ތަސްވީރު ހުއްޓެވެ. އެއީ އަހަންނަށް އަމީނާ ފެނުނު ފުރަތަމަ ދުވަހެވެ. އޭރު އަދި އަމީނާގެ ނަމެއް ވެސް ނޭނގެއެވެ. ކޮޓަރީގެ ކޮންމެ ތަނެއް ފުހުނަސް އަހަރެންގެ ވައްކަޅި އަމާޒުކުރެވިފައި ހުންނަނީ ޒުވާން، ހިތްގައިމު އަމީނާގެ ފޮޓޯއަށެވެ. އަހަރެން އަޑުއަހަނީ އަންހެނެއްގެ ހަތް ރީތި ހުންނަ ވާހަކައެވެ. އަމީނާގެ ރީތިކަން ގުނާ ހުސްނުވިއެވެ. މާސޫމު ރީތި ދެލޮލެވެ. ބައްޓަން ރީތި މޫނެވެ. ހިތުގައި ރިހުމެއް އުފައްދާ ނަލަ ހިނިތުންވުމެވެ. ފަން އިސްތަށިގަނޑާއި، ބައްޓަމާ ގުޅޭ އިސްކޮޅެވެ. ދިރުމެއް ނެތް ކަޅާއިހުދުގެ ފޮޓޯތައް އަހަރެންގެ ހިތާ ކުޅެލީ، ބުޅަލެއް ފިހިގަނޑަކާ ކުޅެލާ މޭރުމުންނެވެ.

މަސައްކަތް ނިންމައިފައި ގެއަށް ދިޔަ ފަހުން ވެސް އަހަންނަށް ފެންނަނީ އަމީނާގެ ތަސްވީރެވެ. ކުލައެއް ނުހުރެއެވެ. ހަރަކާތެއް ނުކުރެއެވެ. ކޮންމެވެސް ނަލަ ގޮތަކަށް ހުއްޓިލައިގެން ހުންނަނީއެވެ. ބަލާހެން ހީވަނީ އަހަންނާ ދިމާއަށެވެ. އެކަކު ކައިރީގައި ވެސް އަހަރެން އެ ވާހަކައެެއް ނުބުނަމެވެ. ބުނާނީ ވެސް ކިހިނެއް ހެއްޔެވެ؟ ގަނޑުވަރުތެރޭ ބޭފުޅުންނާއި އަހަންނަކާ ކީއްކީއް ހެއްޔެވެ؟ އަޑުއެހި ގޮތުގައި އަމީނާ ހުރީ ޗުއްޓީއެއްގައި ރާއްޖެއިން ބޭރުގައެވެ. ވަރަށް އަވަހަށް މާލެއަންނާނެއެވެ. އެއީ ބަޔަކު ދެއްކި ވާހަކައިން އަހަންނަށް އިވުނު ތަންކޮޅެކެވެ. ހިތަށްއެރިއެވެ. އޭނަ ހަގީގަތުގައި ވެސް އެހާ ރީތި ހެއްޔެވެ؟ އެ ސުވާލުގެ ޖަވާބު ހޯދަން ބޭނުންވިއެވެ. ކިތަންމެ ދުރުން ވިޔަސް އަމީނާ ދެކިލާހިތްވިއެވެ.

ދެ ދުވަހެއް ފަހުން އަނެއްކާ ވެސް އަހަރެން އަމީނާގެ ގެއަށް ގެންދިޔައެވެ. ގެއަށް ވަނީއްސުރެ އަހަރެން ހުރީ ޒާތަކަށް ފިނިވެފައެވެ. ކީއްވެގެންކަމެއް ނޭނގެއެވެ. އަހަރެން ފިނިވާންޖެހޭ ސަބަބެއް ނުވެސް ނެތެވެ. ގެއަށް ވަނީއްސުރެ އަހަރެންގެ ދެ ލޯ ކޮންމެވެސް ދިމާއެއް ނުހޯދާ އެންމެ އިރުކޮޅެއް ވެސް ނުދެއެވެ. އާންމުގޮތެއްގައި އަހަންނަކީ އިސްޖަހައިގެން ހުންނަ، ބަސްއަހާ ކުއްޖެކެވެ. މީހަކު ގޮވައިލީމައި ނޫނީ އިސްއުފުލައި ބަލައެއް ނަހަދަމެވެ. ގެއަށް ވެއްދި ގޮތަށް އަހަރެން ގެންދިޔައީ، ގޯތީގައި ފިނިފެންމާ ގަސްތައް ހައްދާފައި އޮތް ދިމާއަށެވެ. ކޮންމެވެސް ސަބަބަކާ ހެދި އެ ތަން އޮތީ ކުޑަކޮށް ވީރާނާވެފައެވެ.

ނުނިމޭSource link

Leave a Reply

Related Articles