• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ އިޓަލީން ރާއްޖެއަށް މީހުން އައުން މަނާ ކުރުމުގައި ލަހެއް ނެތް: މިނިސްޓަރު

އިޓަލީން ރާއްޖެއަށް މީހުން އައުން މަނާ ކުރުމުގައި ލަހެއް ނެތް: މިނިސްޓަރުއިޓަލީން ރާއްޖެ އަށް މީހުން އައުން މަނާކުރުމުގައި ލަސްވެފައިނުވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ޗައިނާ ފިޔަވައި މި ބައްޔަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވާ ގައުމަކީ އިޓަލީ ކަމަށްވާއިރު، އެގައުމުން ރާއްޖެ އަށް މީހުން އައުން މަނާކޮށްފައިވަނީ ރޭ ދަންވަރު 12:00 އިން ފެށިގެންނެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު އަލީ ވިދާޅުވީ ރާއްޖޭގެ ކުރިން އިޓަލީން މީހުން އައުން މަނާކޮށްފައި އޮތީ ޖުމްލަ 10 ގައުމަކުން ކަމަށާއި ސަރުކާރުން ނިންމުންތައް ނިންމަނީ ވިސްނުންތެރިކަމާއެކު ކަމަށެވެ.
“އިޓަލީން މީހުން ރާއްޖެ އަށް އައުން މަނާކުރުމުގައި ލަހެއް ނުވޭ. މިހާރުވެސް އިޓަލީގައި ހުރެފައި އެހެން ގައުމަކަށް ގޮސްފައި، އޭނާ އިޓަލީ އަށް ދިޔަކަން ކަށަވަރުނުވާ ގޮތަށް ވެސް އާދެވުމުގެ ފުރުސަތު އޮންނާނެ. އެހެންވެއްޖެއްޔާ ސުވާލަކީ މުޅި ޔޫރަޕް ބަންދުކުރެވޭނެތޯއޭ. ނުކުރެވޭނެ” އަލީ ވިދާޅުވިއެވެ.
އަދި ދިވެހި ސަރުކާރަކަށް ރާއްޖޭގެ އެއާޕޯޓްތައް ބަންދުކޮށް، ޑެޑްލޮކެއް ގެނެސް ލޮކްޑައުން ނުކުރެނޭ ކަމަށާއި އެ ގޮތަކަށް މި ގައުމުގެ ރައްޔިތުންގެ އާންމު ދިރިއުޅުމެއް ނުހިފެހެއްޓޭނެ ކަމަށްވެސް އަލީ ވިދާޅުވިއެވެ. ނަމަވެސް މި ބަލީގެ ނުރައްކާ އޮތް މިންވަރަށް ބަލައި އަދި ދުނިޔޭގެ އެހެން ގައުމުތަކުން ވެސް އަޅަމުންދާ ފިޔަވަޅުތަކަށް ވެސް ބެލުމަށްފަހު އިތުރު ފިޔަވަޅުތައް ރާއްޖެއިން ވެސް އަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން ސަރުކާރުން މިކަމުގައި އެޅި ފިޔަވަޅުތައް ރަނގަޅުތޯ ނުވަތަ ނޫންކަން މިކަން ނިމުމުން އިނގޭނެ ކަމަށާއި ނަމަވެސް މިދިޔަ އަހަރުގެ ފަހުކޮޅު ފެތުރުން ފެށި މި ބަލި އިއްޔެއާ ހަމައަށް ރާއްޖެއިން ނުފެނި އޮތީ ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމުގެ ސަބަބުން ކަމަށް އަލީ ވިދާޅުވިއެވެ.
އަދި މިކަމުގެ ސަބަބުން ޓޫރިޒަމަށާއި އިގްތިސާދަށް ލޮޅުންތަކެއް އަންނާނެ ކަމަށާއި މިކަމުން އަރައިގަތުމަށް ފިޔަވަޅުތައް އަޅަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.Source link

Leave a Reply

Related Articles