• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ވާހަކަ ⁄ އެސްފިންނާ

އެސްފިންނާ


ބުދަ ދުވަހާ ގުޅޭ

އައިބުކަމެއް ނެތި ނިކަން ރީއްޗަށް އެ ކަން ކުރެވުނީހެވެ. އެހެނަސް މީހުން ބުނެއެވެ. ވަގުންގެ ފޮށި ބާރަށް ބަންނާނެއެވެ. މާނަޔަކީ، ވަގުންނަކީ ވައްކަންކުރާ ބަޔަކަށް ވާތީ އެ މީހުންގެ ފޮށި ބޮޑަށް ރައްކާތެރިކުރާނެއެވެ. ހަފީޒާއަށް ވީގޮތް އަހަންނާއި ނަސީމަށް ވެސް ފާހަގަކުރެވުނެވެ. އެހެނަސް އަހަރުމެން ވެސް ބޭނުންވީ ހަފީޒާއަށް އެ ކަން އޮއްބައިލަދޭށެވެ.

“މިހާރު ރަނގަޅުވާނީ ހަކުރު ނުކެއިއްޔާ!” ނަސީމު ބުންޏެވެ. “މާމުއި މާ ފައިދާހުންނާނެ. ތީ ވަރަށް ރަނގަޅު ވައްތަރެއް.”

ގަދަކަމުން ހިނިތުންވެލައިފައި ހަފީޒާ ދިޔުމުން އަހަރުމެން އެ ވާހަކަ ދެއްކީމެވެ.

“ތަސްލީމާއަށް ހަފީޒާ ފަންޑިތަހަދަނީތަ؟” އަހަރެން އެހީމެވެ.

“ދެން އެނގޭނެއްނު ދޮންތަގެ ގޮތް!” އެ ފަހަރު ވެސް ނަސީމު ދިނީ އާންމުކޮށް ދޭ ކުރު ޖަވާބެވެ.

އޯލެވެލް އިމްތިހާނުގެ ނަތީޖާ ފާޅުކުރިއިރު ތަސްލީމާ ގަދަ ދިހަޔެއްގައި ހިމެނުނެވެ. ލީނާ ހިމެނުނީ ގަދަ ދިހަޔެއްގެ އެއްވަނައިގައެވެ. މައްސަލަޖެހުނު ހިސާބަކީ އެއީއެވެ. ހަފީޒާގެ ކެތްތެރިކަން ކޮޅުންލީ ހިސާބަކީ ވެސް އެއީއެވެ. ދެ އިސްކޫލުގައި އުޅުނުއިރު އެއްވަރެއްގައި ހުރެފައި، އެއް އިމްތިހާނެއް ހެދި ފަހަރު ތަސްލީމާ ގަދަ ދިހަޔެއްގެ އެއްވަނައިގައި ނުހިމެނުނީއެވެ. ނުވަތަ ފުރަތަމަ ފަހަރަށް ލީނާއަށް ވުރެ ތަސްލީމާ ދަށްވީއެވެ. ލީނާއަށް އިސްޓޭޖުމަތިން އިނާމު ލިބިފައި ތަސްލީމާއަށް ނުލިބުނީއެވެ. އިނާމުދިން ޖަލުސާގައި ހަފީޒާ ކޮންމެހެން އޭނަގެ މޫނުމަތިން ފާޅުވި ފޫހިކަމާއި ނަފުރަތު ފޮރުވާކަށް ނޫޅެއެވެ. ނުދަންނަ މީހުން އައިސް ލީނާޔާ ސަލާންކުރިއިރު، ފެންނަ ހިސާބުގައި ތިބެފައި ހަފީޒާމެން ނުކުމެގެންދިޔައީއެވެ.

ޖެހިގެން އައި ދުވަހު ހަފީޒާގެ ގޭގައި ކުޑަ ސަޔެއް އޮތެވެ. އަހަރުމެންނަށް ދައުވަތު ދިނެވެ. އެއީ، މުޅި ހަޔާތުގައި ވެސް އެ ގޭގައި އޮތް ކަމަކަށް ދައުވަތު ލިބުނު ފުރަތަމަ ފަހަރެވެ. އަހަރެން ހިތަށްއެރިއެވެ. މި އުޅެނީ ކިހިނެއްވާން ބާއެވެ؟ އަހަރެން ދިޔުމަކީ ކޮންކަހަލަ ކަމަކަށް ވާނެބާއެވެ؟ ދަރިން ގެންދަންވާނެބާއެވެ؟ ނަސީމުގެ ގެއެކެވެ. ތިބޭނީ އޭނަގެ ތިމާގެ މީހުންނެވެ. ލީނާއާއި ސަނާޔާއަކީ ނަސީމުގެ ވެސް ދަރީންނެވެ. ނަސީމާ މަޝްވަރާ ނުކޮށް ގޮތެއް ނިންމާކަށް އަހަންނަކަށް ފަސޭހައެއް ނުވިއެވެ.

“އާނ! ދާންވާނެ!” ނަސީމު ހުރީ ދާން ނިންމައިގެންނެވެ. “ކިހާ ޒަމާނެއް ކޮށްފަ ދޮންތަ އިންވައިޓު އެކުރީ.”

“ނަސީމު! ކިހާ ޒަމާނެއް ނޫން ފުރަތަމަ ފަހަރަށް ދައުވަތު އެ ދިނީ!” އަހަރެން ހަނދާންކޮށްދިނީމެވެ. “ހަނދާންވޭތަ؟ އިނާމުދިން ޖަލްސާގަ އަޅައިގެންފައި ވެއްޓޭހާ ހިސާބުން ދިޔައިރު ވެސް އެ މީހުންނަކަށް އަހަރުމެންނެއް ނުފެނޭ. ދެން ކުއްލިއަކަށް އިންވައިޓުކުރީމަ އޭގެ މާނައެއް ނުވިސްނޭތަ؟”

އަހަރެން ބޭނުންވީ ނަސީމަށް އެއްޗެއް ވިސްނައިދޭށެވެ. ނަތީޖާ ނުކުތީ ދިމާ އިދިކޮޅަށެވެ.

“ފުރަތަމަ ފަހަރަށް އިންވައިޓު ކުރީމައޭ ދާންވީ!” ނަސީމު ވަރަށް އުފާވެފައި ބުންޏެވެ. “ދޮންތައަށް ވެސް މިހާރު ހެޔޮ ގޮތް ވިސްނުނީކަންނޭނގެ. ރަހިމުގެ ގުޅުން ޖެހޭނެ ދަމަހައްޓަން. ތީ މި ކަހަލަ ކަންކަމުގަ އަހަންނަށް ހިތްވަރުދޭން ހުރި މީހާއެއްނު!”

ނަސީމު ބުނި އެއްޗަކުން އަހަރެންގެ ހިތް މަޑު ކަފަކޮޅަކަށް ބަދަލުވިއެވެ. އަހަރެންނަށް ވެސް ނިންމުނީ ނަސީމު ބުނީ ރަނގަޅު ވާހަކައެއް ކަމަށެވެ. ރަނގަޅު ބަދަލަކަށް މަގުފަހިވުމުން އަހަރެން ހުރަހަކަށް ވެގެން ނުވާނެއެވެ. އަނެއްކޮޅުން ރަނގަޅުކަންކަމަށް ހިތްވަރުދޭ މީހެއްގެ ތާޖު އަހަރެންގެ ބޮލުގައި އަޅުވައިފިއެވެ. އެ ތާޖު ބޮލުގައި ބަހައްޓަން އަހަރެން ވެސް ބޭނުންވިއެވެ.

ނަސީމުގެ ގެއަށް އަހަރުމެން ދިޔައީމެވެ. ވަރަށް ވެސް ސާފު ހިތަކައިގެންނެވެ. އަހަރެން ހައިރާންވީ ހަފީޒާގެ މޫނު ފެނުމުންނެވެ. ހީވީ އޭނައަށް އަހަރެން ކޮންމެވެސް ދެރަކަމެއް ކޮށްފައިވާހެންނެެވެ. އަހަރެން ފެނުމުން ފެންނަކަމަށް ވެސް ނުހެދިއެވެ. ގޮވައި ވެސް ނުލިއެވެ. ކުޑަމިނުން ތަސްލީމާ ވެސް ލީނާ ފެންނަކަމަކަށް ނުހެދިއެވެ. އަހަރުމެން ގަދަކަމުން އެ މާހައުލަށް ހޭނެން މަސައްކަތްކުރީމެވެ. އަހަރުމެންގެ ދަރިންނަށް އެ ކަހަލަ ކަންކަމެއް ނުވިސްނެއެވެ. ނަސީމުގެ އެކަކު ވެސް އަނގައިން ނުބުނާތީ އެ ކުދިން ވަރަށް ޝަކުވާކުރިއެވެ. މައްސަލައަކީ އަހަރުމެން މާބޮޑަށް ހިތްހެޔޮވުމެވެ. އޮރެންޖު ސިގުނަލު ފެނުމުން އެ ތަނުން ނުކުތް ނަމަ ރަތް ސިގުނަލެއް ނުފެނުނީހެވެ. ކުއްލިއަކަށް ނަސީމަށް ކޯލެއް އައެވެ. އިރުކޮޅަކަށް ނަސީމު ތަނަކަށް ދާންޖެހުނެވެ.

“އަހަރުމެން ވެސް މި ތަނުން ނުކުންނަންވީ!” ނަސީމުގެ ކަންފަތް ކައިރީގައި މަޑުމަޑުން އަހަރެން ބުނީމެވެ.

“އެހާ ގިނަ ދުވަސްކޮށްފަ އައިސް މިހާ އަވަހަށް ދާކަށް ނުވާނެ،” ނަސީމު ހުއްދައެއް ނުދިނެވެ. “އޭރުން ދޮންތަ ދެރަވާނެ.”

“ކޮންއިރަކު ދޮންތަ އުފާވީ؟” އަހަރެން ކުޑަކޮށް ނުރުހިފައި ބުނީމެވެ. “ބަލާލަބަލަ ދޮންތަގެ މޫނު!”

“އެއީ ދެން ދޮންތަގެ ވައްތަރެއްނު!” ނަސީމުގެ ބޮޑު ޖަވާބު ނަގައި ފަތުރައިލިއެވެ.

ނަސީމު ދިޔައީއެވެ. އެންމެ ސިކުންތަކު ވެސް އެ ތަނުގައި ހުންނާކަށް އަހަރެން ބޭނުމެއް ނުވިއެވެ. އަހަރެންގެ ހިތަށް، ނޭނގޭ ބިރުވެރިކަމެއް ވަދެ ތޫލި ރަނގަބީލެއް ޖަހަމުންދިޔައެވެ. ހިތް ބުނާ ކަހަލައެވެ. އެކަނި ވިޔަސް އެ ތަނުން ނުކުންނާށެވެ. ކޮންމެވެސް ގޯސްކަމެއް ވާން އެބަ އުޅެއެވެ. އެ މާހައުލުގައި އަޖައިބެއް ކަހަލަ ހާސްކަމެއް ހުއްޓެވެ.

“ހިނގާބަލަ ބޯކިބާ ކޮށާލަދޭން!” ހަފީޒާގެ އަޑުއިވުނެވެ.

އަހަރެން ބަލައިލިއިރު ހަފީޒާ ހުރީ އަހަރެންގެ ފުރަގަހުގައެވެ. ފުރަތަމަ އަހަރެން ހީކުރީ އެހެން މީހެއްކަމަށް ހީކޮށް އޮޅިގެން ހަފީޒާއަށް އަހަންނާ ވާހަކަދެއްކުނީކަމަށެވެ. އަހަންނަށް މޭގައި އިނގިލިޖައްސައިލެވުނެވެ. އަހަރެންހޭ އެހުމުގެ ގޮތުންނެވެ. ހަފީޒާ ބޯޖަހައިލިއެވެ. އަހަންނަށް ބަލައިލެވުނީ އަހަރެންގެ ދެ ކުދިންނަށެވެ. އެ ވަގުތު ލީނާ ހުރީ އަހަންނާ ދިމާއަށް ބަލަހައްޓައިގެންނެވެ. ހަފީޒާޔާ އެކުގައި އަހަރެން ދާންއުޅޭހެން ހީވެގެން ލީނާ ހުރީ ނޫނެކޭ ބުނަން ބޭނުންވެފައެވެ. ލީނާގެ މޫނުން އަހަންނަށް ސާފުކޮށް އެކަން އެނގުނެވެ.

“އެ މީހުން ބައިތިއްބަބަލަ! ބޮޑެތިސިންގާ ކުދިންނެއްނު!” ހަފީޒާ ބުންޏެވެ.

ނަސީމުގެ ގެއެވެ. އޭނަގެ އާއިލާ މީހުންނެވެ. މުޅި މާލެއިން ވެސް ނަސީމުގެ ދަރިންނަށް އެންމެ ރައްކާތެރިކަން ލިބޭނެ އެއް ތަނަކީ ޔަގީނުން ވެސް އެ ގެއެވެ. އަހަރެން ހިތަށްއެރީ އެެހެންނެވެ. އަބަދުވެސް ވިސްނަންވާނީ ރަނގަޅު ގޮތަށެވެ. ނުބައި ގޮތަކަށް ނޫނެވެ. ހަފީޒާއާ އެކުގައި އަހަރެން ބަދިގެއަށް ވަނީމެވެ. ވަނުމުގެ ކުރިން އަހަންނަށް ރަނގަޅަށް ބަލައިލެވުނު ނަމަ ތައްޔާރުވާން އެނގުނީހެވެ. ހެދިކާ އަތުރައިފައިވާ މޭޒަކު ބޯކިބަލެއް ނެތެވެ. ބަދިގެއަކު ވެސް ބޯކިބަލެއް ނެތެވެ. އެހެން ވެސް ހެދިކާއެއް ނެތެވެ. ހައިރާންވެގެން އަހަރެން ހަފީޒާއަށް ބަލައިލީމެވެ.

“މަގޭ ދަރީގެ ޓައިޓަލް ކަލޭގެ ދަރި އެ ގެންދިޔައީ! އަހަރެން ދުވަހަކު ވެސް ލީނާއަކަށް، ކަލެޔަކަށް ހިތްހެވެއް ނުކުރާނަން،” ރުޅިއައިސްގެން ތުރުތުރުއަޅަމުން އެކަމަކު މަޑުމަޑުން ހަފީޒާ ބުންޏެވެ. “ތީ ދެ ދުނިޔޭގަ ވެސް މަގޭ ހަތުރެއް. ހަނދާންކުރާތި އެކަން. ބޭނުންވީ ހަމަ ކަލޭގެ މޫނުމައްޗަށް މިހެން ބުނެލަން.”

އަހަރެން ހުރީ ނޭވާލާން ވެސް ހަނދާންނެތިފައެވެ. ފެނުނު މަންޒަރާއި، އިވުނު އަޑު އެއީ ހަގީގަތެއްކަން ގަބޫލުކުރަން އުނދަގޫވެފައެވެ. ހަފީޒާގެ ހިތުގައި ކަމެއް ބޭއްވުމަކީ ވަކި ކަމެކެވެ. ހިތުގައި އުތުރިއެރި އަލިފާންގަނޑު ކޮންޓުރޯލު ނުވެގެން ބޭރަށް ހުޅުފަޅައިގެންދިޔުމަކީ މުޅީން އެހެން ކަމެކެވެ.

“އަހަރެން ކީއްކުރީ؟” އަހަންނަށް ބުނެވުނެވެ.

އަހަރެންގެ ސުވާލަކަށް ހަފީޒާ ޖަވާބެއް ނުދިނެވެ. އޭނަ ކިޔަން ބޭނުންވެފައިވާ އެއްޗެހި މާގިނައެވެ.

“އެކަމަކު އެންމެ ހަތަރު މާކްސްގެ ތަފާތަކުން،” ހަފީޒާ ރުޅިއައިސްފައި އިނގިލިތަކުން ހަތަރެއް ދައްކައިލައިފައި ބުންޏެވެ. “ހަމަ އެންމެ ހަތަރު މާކްސް. އެއީ ކޮން މޮޅެއް؟”

އަހަަރެން ހިތަށްއެރިއެވެ. ހަފީޒާ އެ ވަރު ވެސް ބެލީ ހެއްޔެވެ؟ ތަފާތުވީ ހަތަރު މާކްސްކަމެއް އަހަރެން ނުވެސް ދެނަހުރީމެވެ. ދެން ހިތަށްއެރިއެވެ. ބުދެއްހެން އަހަރެން ގާވެފައި ހުރެއްޖެއްޔާ ހަފީޒާއަށް އެ ދެވެނީ ހިތްވަރެވެ. އޭނަގެ އަޑު ހައްތަހާ ވާނީ ގަަދައެވެ.

“އެކަމަކު ދެން ކުދިން ކިޔެވުމުގަ ވާދަކުރާނެއްނު!” ހައިރާންވެފައި އަހަރެން ބުނީމެވެ. “އެއީ ތިހާ…”

“ކޮންމެ ފަހަރަކު ވެސް ކަލޭގެ ދަރިފުޅަށް ވުރެ އަހަރެންގެ ދަރިފުޅު މޮޅުވެފަ އޮންނާނީ،” ކިބުރުވެރި ރާގެއްގައި ހަފީޒާ ބުންޏެވެ. “އަހަރެންގެ ދަރިފުޅު މާ މޮޅުވާނެ.”

އެއީ މައްސަލައެއް ހެއްޔެވެ؟ އަހަންނަކަށް އެއީ މައްސަލައެއް ނޫނެވެ. އެކަމަކު ހަފީޒާއަށް ވެސް ކަމެއް ހަނދާންކޮށްދޭން ޖެހޭކަން އަހަންނަށް ވިސްނުނެެވެ.

“ލީނާއަކީ ވެސް ލީނާ ކިޔެވި ސްކޫލުން ހަމަ އެންމެ މަތީ މާކްސް ހޯދާ ކުއްޖާއޭ ހަފީޒާ!” އަހަރެން ބުނީމެވެ. “އެހެންވެ އެހެން ތަނަކަށް ދިޔަސް އޭނަ ހަމަ މޮޅުވާނެއްނު!”

“މަގޭ ދަރިފުޅަށް ވުރެ އެހެން ކުއްޖެއް މޮޅެއް ނުވާނެ. ދެން ނިކަން މޮޅުވެބަލަ! ދެން ނިކަން ކިޔަވަބަލަ!” އެހެން ބުނިއިރު ހަފީޒާގެ ދުލުގެ ކޮޅު، ވިހަ ހަރުފައެއްގެ ދޫ ފަދައިން ދެކަފިވެފައިވާ ކަހަލައެވެ. “ލާހިކެއް ނޫން!”

ގެއަށް އައިސް ނަސީމު ގާތުގައި އަހަރެން އެ ވާހަކަ ބުނީމެވެ. އަހަރެންގެ ނަޒަރުގައި ނަސީމަށް އެކަން އެނގެންޖެހޭނެއެވެ.

“ނަސީމުގެ ދޮންތަ އަހަންނާ ދިމާއަށް ވަރަށް އެއްޗެހިކިޔައިފި،” އަހަރެން ބުނީމެވެ. “ދުވަހަކު ވެސް ހިތްހެވެއް ނުކުރާނަމޭ. ދެދުނިޔޭގެ ހަތުރެކޭ. ދެން ނިކަން ކިޔަވަބަލާށޭ. މޮޅުވެބަލާށޭ. އެހެރީ ދެން މީހުން ކިޔާ ކަހަލަ އެއްޗެހިތަ؟”

“އަޅާލާނެކަމެއް ނެތް!” ނަސީބު ބުންޏެވެ. “އެއީ ހަމަ ދޮންތަގެ ވައްތަރު.”

އެ ހާދިސާއަށް ފަހުގައި ހަފީޒާގެ ގޭގައި އޮންނަ އެއްވެސް ކަމެއްގައި އަހަރެންގެ ދަރިން ބައިވެރިކުރާކަށް އަހަރެން ހިތްހަމައެއްނުޖެހެއެވެ. އެ ގެއަށް ދަނީ އަހަންނާއި ނަސީމެވެ. އަޅައިގެންފައި ވެއްޓުނަސް ދޮންތައަކަށް އަހަންނާއި ނަސީމެއް ނުފެނެއެވެ. އަހަރެން ހިތަށްއެރިއެވެ. އަހަރެންނަށް ކުރެވުނު ކުށަކީ ކޮބައިހެއްޔެވެ؟ ހަފީޒާ މަސައްކަތްކުރީ ތަސްލީމާއަށް ކިޔަވައިދޭށެވެ. އަހަރެން މަަސައްކަތްކުރީ ލީނާއަށް ކިޔަވައިދޭށެވެ. ކަންދިމާކުރި ގޮތުން ހަފީޒާއަކީ މަތީ ތައުލީމު ލިބިފައިވާ މީހެއް ނޫނެވެ. އަހަންނަކީ ކިޔަވަން ލިބުނު ހުރިހާ ފުރުސަތެއް ބޭނުންކުރި މީހާއެވެ. އަހަރެންގެ ދަރިން ޓިއުޝަން ކިލާހަކަށް ނުފޮނުވަމެވެ. ކުދިންނަށް ޓިއުޝަން ދިނީ އަހަންނެވެ. ޓިއުޝަން ކިލާހަކަށް ގެންގޮސްގެން ކިޔަވައިދޭ ކުއްޖާއަށް އެނގޭނީ ކިލާހުގެ ވަގުތުކޮޅުގައި ހުރިހާ ކުދިންނަށް ބުނެދޭ އެއްޗެކެވެ. ޓީޗަރު ދިރިއުޅޭ ގޭގައި އުޅޭ ކުއްޖާ ހުރިހާ ވަގުތަކު ވެސް އެ އުޅެނީ ކިލާހުގައެވެ.

ނުނިމޭ



Source link

Leave a Reply

Related Articles