• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ވާހަކަ ⁄ އޭނާ

އޭނާ


209737

ކޮޓަރީގެ ދޮރުގައި ބާރުބާރަށް ތަޅަންފެށި އަޑު އަހަރެންނަށް އިވުނެވެ. އެއަޑު ކެނޑޭނީ ދޮރުހުޅުވުމުންކަން އަހަރެންނަށް އެނގެއެވެ. މޫނަށް ފައިބާފައިހުރި އިސްތަށިތައް ދެއަތުން މޫނުގެ ދެފަރާތަށް ބުރުވާލަމުން ކަންނެތް ގޮތަކަށް އެނދުން ތެދުވީމެވެ.އަދި އެނދު ކައިރީ ހުރި ގޮނޑިމަތީގައި އޮތް ޖެކެޓް ނަގާ ގަޔަށް މަހާލަމުން ގޮސް ދޮރުހުޅުވާލުމާއެކު ، ދޮރުމަތީގައި ހުއްޓި ހުރި އަހަރެންގެ މަންމަގެ ލޮލާއި ހަތަރުކަޅި ބައްދަލުވިއެވެ. އެއްޗެއް ބުނާކަށް މަންމަ ނަހަދައެވެ. ދައްކާލީ އަތުކުރީގައި އޮތް ގަޑިއެވެ. އެއާއި އެކު މިއަދަކީ އަހަރެން ވަޒީފާގެ ފުރަތަމަ ދުވަސްކަން ހަނދާންވެއްޖެއެވެ. ދެލޯބޮޑުކޮށްލަމުން އަވަހަށް ކޮޓަރިތެރެއަށް ދެމިގަތީ އަވަސް ހިތަކައިގެންނެވެ. ސަރުކާރުގެ މަތީ އޮފީހަކަށް އަލަށް ، ވަޒީފާއަކަށް ދިޔުން އެއީ އަހަރެންނަށް ކުޑަކަމެއް ނޫނެވެ. އަހަރެންނަށް އެންމެ ވިސްނެނީ ތަނުގައި އުޅޭ މުވައްޒަފުންނާއިމެދުގައެވެ.އެމީހުން އަހަރެންނާ ގުޅުން ބަދަހިކޮށްފާނެބާވައެވެ؟ ނޫނީ ހަސަދަވެރިވެ، އަހަރެންނަށް އުޅެންދަތިކޮށްފާނެބާވައެވެ؟ ކޮންމެ ގޮތެއްވިޔަސް ދިރިއުޅުމަކީ މުޅިންވެސް އައު ތަޖުރިބާއެއްކަމުގައި އަހަރެން އަބަދުވެސް ދެކެމެވެ. އަހަރެންގެ ޢަޒުމް ވަރުގަދަވާނެއެވެ.
ފުރަތަމަ ދުވަސްކަމުން، ތައްޔާރުވާން ވަރަށް ވަގުތުވެސް ނަގައިފިއެވެ. ފައިގެ ކަށިމައްޗާ ހަމައަށް އަންނަ، މަޑުނޫކުލައިގެ ދޫ ހެދުމެއް ލުމަށްފަހު އަހަރެންގެ ހިމަ ހިމަ އުނަގަނޑުގައި ކަޅު ބެލްޓެއް އަޅުވާލީ، ފުރިހަމަކޮށްލުމަށްޓަކައެވެ. ކޮނޑާއި ހަމައަށްއަރާ، ރިހިކުލައިގެ ކަންފަތުލާއެތިން އެހެން މީހުންގެ ނަޒަރުގައި އަހަރެން ނުޖެހިއެއް ނުދާނެއެވެ.ގަދަމުށިކުލައިގެ ފަން ފަން އިސްތަށިގަނޑު، ކޮނޑުގެ އެއްފަރާތަށް ގެނެސް ދޫކޮށްލުމުން އެއް ކަންފަތުގައިވާ ޖަރީ ގަހަނާގެ ވިދުން ފެންނަމުންދެއެވެ. އެންމެ ފަހު ކަމަކަށް އަހަރެން ނެގީ ގަދަރަތް ކުލައިގެ ލިޕްސްޓިކެވެ. ލިޕްސްޓިކާއި ދިމާއަށް ބަލާލުމަށްފަހު، ޚިޔާލު ބަދަލުވެއްޖެއެވެ. މިއަދު ޖައްސާނީ މެރޫންކުލައިގެ ލިޕްސްޓިކޭ ހިތަށް އެރިއެވެ. އަވަސް އަވަހަށް މެރޫންކުލައިން ތުންފަތް ތާޒާކޮށްލީމެވެ. އަދި އަތްދަބަހަށް ލިޕްސްޓިކް ލުމަށްފަހު އަހަރެން އަވަސް އަވަހަށް ބޭރަށް ނުކުތީމެވެ. އޭރު އަހަރެންގެ އެކުވެރިޔާ ކާރުގައި އައިސް ހުންނަތާ އެތައް އިރެއްވެއްޖެއެވެ. ދުވަމުން ދުވަމުން އަހަރެން އައިސް ކާރަށް އެރުމާއެކު އެކުވެރިޔާގެ ރުޅިވެރިބަސްތައް އަމުނާލިއެވެ. އަހަރެން ލަސްވެގެންނެވެ. ގަޑިޖެހެން ވާއިރަށް އަހަރެންނަށް އޮފީހަށް ނުދެވިދާނެތީއެވެ. އެކުވެރިޔާއަކީވެސް ދެކުދިންގެ ޒިންމާދާރު މަންމައެކެވެ. އެހެނަސް އޭނާ އަހަރެންނަށް ހެޔޮއެދޭތީ އަހަރެން އޮފީހަށް ގެންގޮސްދޭން އައުން އެއީ އަހަރެންނަށް ލިބޭ ވަރަށްބޮޑު ފަސޭހަކަމެއްގެ އިތުރުން އުފަލެއްވެސްމެއެވެ. ” އަހަރެން މި ޒިންމާ އަދި އަމިއްލައަށްވެސް ނަގާނަމޭ ޒުލް! ” އަހަރެން ޒުލްފާ ހިތްހަމަ ޖައްސާލަން އެހެން ބުނީމެވެ.
ލަސްފިޔަވަޅުތަކާއެކު އަހަރެން ހިނގަމުން ދިޔައީމެވެ. ފުރަތަމަ ދުވަސްކަމުން އަހަރެން ހުރީ ކޮންމެވެސް ވަރަކަށް ހާސްވެ ލަދުގަނެފައެވެ. ހިތުގައިވެސްވަނީ އާދަޔާޚިލާފު ފިނިކަމެކެވެ. ދެއަތުން ދާހިއްލުމުގެ އިތުރުން، ބުނެދޭން ނޭނގޭ ކަހަލަ ތުރުތުރުލުމެއްވެސް އަހަރެންގެ މުޅި ހަށިގަނޑުގައި ބާނިލަމުންދެއެވެ. ކޮނޑުގައި އަޅުވާފައިވާ ކަޅުކުލައިގެ އަތްދަބަސް ދެފަހަރަކު މިހާރު އުޅަނބޮއްޓާއި ހަމައަށް ވެއްޓިއްޖެއެވެ. އަހަރެން އަރާފައިވާ ބޫޓުގެ ކަށިން އިވޭ ” ޓޮއްޓޮއް” އަޑުންވެސް އަހަރެން އިތުރަށް ލަދުގަނެއްޖެއެވެ. ލިފްޓުން ފައިބައިގެންވެސް ވަރަށް ދުރަށް އަހަރެންނަށް ހިނގިއްޖެއެވެ. އަދިވެސް އަހަރެން ސީދާ ވަންނަންވީ ތަނަށް ދާކަށް އަހަރެންނަކަށް ނޭނގުނެވެ. އެކި ދިމަދިމާލުގައި އެކި ނަން ޖަހާފައިވާ ދޮރުތައް ހުއްޓެވެ. އަރި އަރިވަމުން އަހަރެން ފަރާތް ފަރާތް ހޯދަމުން ދަނިކޮށް ކުއްލިއަކަށް މީހެއްގެ ގައިގައި ލައިގަނެވުމާއެކު ބިއްލޫރި އެއްޗެއް ތަޅައިގެން ދިޔަކަހަލަ އަޑެއްވެސް އަހަރެންނަށް އިވުނެވެ. ދެލޯމެރުނު ގޮތަށް ހުޅުވަންވެސް ނުކެރިފައި އަހަރެންނަށް ހުރެވުނީ އެމީހަކާއި ފުރަގަސްދީގެންނެވެ. ” އޯހް..މައި…. ” އެއީ ފިރިހެނެއްގެ އަޑެވެ. އޭނާ ބުނަން އުޅުނު ޖުމްލަ ނުވެސް ނިންމާ މާނޭވާއެއް ދޫކޮށްލިއަޑު އިވުމުން އަހަރެން މަޑުމަޑުން ލޯ ހުޅުވާ ފަހަތަށް އެނބުރުނީމެވެ. އޭރު އެ ޒުވާނާ ހުރީ، މުށިތައްމަތީގައި ތެޅިފައި އޮތް އޭނާގެ ފޯނު އަތަށް ނަގައިގެންނެވެ. ” ސޮ…ސޮ….ރީ… ” ދަބަހުގެ ވާގަނޑުގައި ނިކަން ބާރަށް ހިފަހައްޓައިގެން ހުރެ އަހަރެންނަށް ބުނެވުނީ ހަމައެކަނި އެވަރެވެ. އޭނާ އެއްވެސް އެއްޗެއް ނުބުނިތާ، އަހަރެންގެ މޫނަށްވެސް ބަލާނުލިއެވެ.އެހެނަސް އަހަރެންގެ ފުރަތަމަ ނަޒަރުވެސް ހުއްޓުނީ ސީދާ އޭނާގެ މޫނަށެވެ. އޭނާ އަވަސް އަވަހަށް އެނބުރި ދުރަށް ހިނގައިގަތް އިރުގައިވެސް އަހަރެން މިއީ ކާކުތޯވެސް ބަލާނުލިއެވެ.ފައިގައި ކަސްތޮޅު އަޅުވައިގެން އަހަރެންނަކަށް ނުހުރެވުނެވެ. މަޑުމަޑުން ދުއްވައިގަނެވުނީ އޭނާއާއި ދިމާއަށެވެ. އޭނާގެ ލަސްފިޔަވަޅުތައްވީ އަހަރެންގެ ނަސީބަށެވެ. ވަރަށް އަވަހަށް އޭނާގާތަށް އަހަރެންނަށް ދެވުނެވެ. ބާމަތިފުޅާ، އެ ކޮނޑުގައި އަހަރެންނަށް އަތްޖައްސާލެވުމާއެކު ސިހިފައި ކަހަލަ ގޮތަކަށް އޭނާ އަހަރެންގެ މޫނަށް ބަލާލިއެވެ. އެމޫނުގައިވަނީ ބީރައްޓެހިކަމެވެ. އޭނާ އަހަރެންގެ މޫނަށް ބަލާލުމާއެކު ހަމަ އެނޭވާގައި އޭނާގެ ކޮނޑުގައިވާ އަހަރެންގެ އަތަށްވެސް ބަލާލިއެވެ. ބިރެއްފެނިގެން ތެޅިގަންނަ ފަދަ ގޮތަކަށް އަހަރެންނަށް ތެޅިގަނެވުނެވެ.އަވަސް އަވަހަށް އަތްދަމައިގަތުމާއެކު އޭނާ، އަހަރެންނަށް ކުރިމަތިލައިފިއެވެ. އަދި ދެބުމަ އަރުވާލީ ކިހިނެއްވީހޭ އަހާފަދަ ގޮތަކަށެވެ. ލަދުގަތުމުން އަހަރެންގެ މޫނުމަތި ރަތްވެ، ދެލޯ ބޮޑުވެގެންދާ ވާހަކަ އަބަދުވެސް އަހަރެންގެ ރައްޓެހިންބުނެ އުޅެއެވެ. މިޔަދު އޭނާއަށްވެސް އެމަންޒަރު ފެންނާނެތާއޭ އަހަރެންގެ ހިތަށް އަރާ އިތުރަށް ރަކިވެއްޖެއެވެ. “ސޮ..ސޮރީ.” އަހަރެންގެ އަޑުގެ އެންމެ ހިމަބައިން ވާހަކަ ދައްކަންފެށީމެވެ. ” އިޓްސް އޯކޭ.” އެންމެ ޖުމްލައެއް ދޫކޮށްލުމަށްފަހު އޭނާ ހިނގައިގަތެވެ. އަހަރެން ހީކުރީ އަހަރެންކަހަލަ ރީތި، “ސްޓައިލިޝް ” އަންހެން ކުއްޖަކު އިސްވެ، އެފަދަ ގޮތަކަށް ކުރިމަތިލުމުން އޭނާ ޝައުޤުވެރިވާނެކަމަށެވެ. އެހެނަސް ކޮންމެ ފިރިހެނަކީ އެފަދަ މީހެއްނޫންކަން މިޔަދު އަހަރެންނަށް އޭނާ ދައްކުވައިދީފިއެވެ.
ބޭރުގޮނޑިބަރީގައި އަހަރެން އިށީނދެ އިންދާ، ކޮންމެވެސް މީހެއް އައިސް އަހަރެންނަށް އިޝާރާތްކުރީ އެތެރެއަށް ވަނުމަށެވެ. ހީވާ ގޮތުން އެއީ އަހަރެންނާއިއެކު މަސައްކަތްކުރާނެ މީހެކެވެ. އެ އަންހެންމީހާ އަހަރެންގާތު އެދުނީ “ބޮސް ” ގެ ކޮޓަރިއަށް ވަނުމަށެވެ. އަހަރެންނަށް ހިންދިރުވާލެވުނެވެ. އަޑުއަހާއުޅެމެވެ. ކޮންމެ އޮފީހެއްގެ ބޮސްއަކީވެސް ވަރަށް ނުފޫޒުގަދަ އަދި ވަރުގަދަ މީހެކެވެ. މުވައްޒަފުންނާއި ލޯބީގެ ގޮތުން ގުޅިގެން ދަތުރުތައް ދިޔުމާ، ނުބައިވެގެންވާހާ ގޮތަކަށް އެމީހުން އުޅޭނޭ ބުނާ ބުނުން އަހަރެންވެސް ދޮގެއް ނުކުރަމެވެ. އެއީ ރައްޓެހިންގެ ފަރާތުންވެސް ފެނިފައިވާ މަންޒަރުތަކެވެ. އެހެނަސް އަހަރެން އެހެންނެއް ނޫޅޭނަމެވެ. ގައިމުވެސް އަހަރެންވާނީ ބޮސް އާއި އެންމެ ދުރުން އުޅޭ މީހަކަށެވެ. ބޮސްގެ މަޅީގައި ނުޖެހިވޭތޯ ކުރެވެން އޮތްހާކަމެއް ކުރާނެމެވެ. އެފަދަ ރޫޚެއްގައި ބިރުން ހުރެ ، އަހަރެން އެކޮޓަރީގެ ދޮރުން އެތެރެއަށްވަނީމެވެ.ހަމަ އެއާއިއެކު އަހަރެންގެ ދެލޯބޮޑުވެގެންގޮސް ހިންދިރުވާލެވުނެވެ. ބަލަހައްޓައިގެން ހުންނާނީތޯ ނޫނީ އިސްޖަހާލަންވީތޯ އަހަރެންގެ ބަސްނާހާ ހިތާއި އެތައްފަހަރަކު ސުވާލުކުރަމުން ދިޔައީމެވެ. އެހެނަސް ކަހާތާ ހިރުވާވެސް ނުލިއެވެ. އަހަރެން އެންމެ ގަދަކަމުން ހީލީމެވެ. ބޭނުންވެގެންނެއް ނޫނެވެ. މަޖުބޫރުވެގެންނެވެ. ކުރިމަތީގައި ހުރި ގޮނޑީގައި އިށީނދެލަމުން، މޫނުމަތިން ހަމަޖެހޭގޮތް ދައްކަން ވަރަށް މަސައްކަތްކުރީމެވެ. ކުރިމަތީގައި އެހުރީ އަހަރެންގެ ބޮސްއެވެ. ލާނެތް ހިނިތުންވުމަކުން އަހަރެންނާއި ދިމާއަށް އޭނާ ބަލަން ހުރުމުން އަހަރެންނަށް އުނދަގޫވާންފެށިއެވެ. ތެދުވެގެން ހިނގައިދާނަމޭ ހާސްފަހަރު ހިތަށް އެރިއެވެ. އެހެނަސް ވަޒީފާ ދޫކޮށްލާފައި ދިޔުމުން މިޒަމާނުގައި ވާނެމޮޅެއްވެސް ނޯންނާނެއެވެ. ބޮސްގެ ހިނިތުންވުމަށްވުރެން ވަރުގަދައަށް އަހަރެން ހީލީމެވެ. އަދި ވާހަކަވެސް ދައްކަން ފެށީމެވެ. ” ސޯނިޔާ މިހާރު ކޮބައިތޯ ؟ ” އަހަރެން އޭނާއަށް އެއްލީ ހަމައެކަނި ސުވާލެއް ނޫނެވެ. އެއީ ތޫނު ހަތިޔާރެކެވެ.ހަޤީޤަތުގައި އަހަރެންނަކީ ވަރަށް ވެސް ފިނޑިމީހަކީމެވެ. އެހެނަސް ޝަރީފްގެ ކުރިމަތީގައި ފިނޑިވެއްޖެނަމަ ސޯނިޔާއަށް ލިބުނު ލަނޑު އަހަރެންނަށްވެސް އޭނާ ދީފާނެއެވެ. އަހަރެންގެ ސުވާލުން އޭނާއަށް ލިބުނީ ޝޮކެކެވެ.ތެޅިގަނެފައި ކަރުގައި އަޅާފައި އޮތް ޓައި ރަނގަޅުކޮއްލަމުން ކުޑަކޮށް ކެއްސާލިއެވެ. އަދި ޝަރީފަށް ޚާއްސަކޮށްފައިވާ ގޮނޑީގައި އިށީނދެލަމުން މޭޒާ ކައިރިއަށް ޖެހިލިއެވެ. ” އެއީ މާ ކުރީގެ ކަމެއްނު. އެހެން ނޫނަސް އަހަރެންނަށް އެނގޭ، މިތާ އަހަރެން އުޅޭކަން އެނގޭނަމަ ނިހާ މިތަނަށް ނާންނާނެކަން. އެކަމަކު ނިހާއަށް ލިބެންވާ ޙައްޤެއް އަހަރެން ގެއްލުވާލަން ބޭނުން ނުވާތީ ވަޒީފާ ދިނީ. ސޯނިއާގެ ވާހަކަ ނުދައްކާ ދެން. އެއީ އަހަރެންގެ އެކަނި ކުށެއް ނޫން. އެފަދަ ކަމެއް ކުރެވޭނީ ދެމީހުންވެސް ޙިއްޞާ އޮވެގެން. އެންމެ މީހަކަށް ވާކަހަލަ ކަމެއް ނަމަ ދުނިޔޭގައި ކައިވެންޏެއްވެސް ނުކުރީސްތާދޯ؟ ” ޝަރީފްގެ ރާގާއި އެއްވަރަށް އޭނާގެ މޫނުމަތީގެ ކުލަވަރުވެސް ބަދަލުވާތަން އަހަންނަށް ފެނެއެވެ. އެހެނަސް އޭނާގެ ވާހަކަ ނިމެންދެން އަހަރެން ކެތްތެރިވީމެވެ. ” ދެން ކީއްކުރާނީ؟ އަހަރެންނަށް ހަމަ ޔަޤީނެއް ނޫނޭ އަހަރެންގެ ދަރިއެއްކަމެއް އެއީ. އެގޮތަށް ދުވާލަކު އެތައް ސަތޭކަ މީހުން އަތުވެދާނެ ދޯ؟ ” އަހަރެންނަކަށް ނުހުރެވުނެވެ. ކޮނޑުގައި އަޅުވާފައިވާ ދަބަސް ލުތްކެއްޖަހާފައި ކޮނޑުން ވައްޓާލުމަށްފަހު،މޭޒުމަތީގައި ބަހައްޓަމުން ވާހަކަ ދައްކަންފެށީމެވެ. ” އެހެންނެއް ނޫންވީ. އަހަރެންގެ އެކުވެރިޔާގެ މުޅި ޙަޔާތް ބަރުބާދުކޮއްލީ ކަލޭ! ޒުވާންކަމުގެ ފޮނިމީރުކަން ރަހަބެލުމަށްފަހު ކަލޭ އޭނާގެ ސިކުނޑިއާ ކުޅެލީ! ދަޅަދެއްކީ! މިހާރު އެފަކީރު ކޮބައިތޯވެސް ބަލަން ކަލޭ ބޭނުމެއްނުވި. ދިރިހުރިތޯވެސް ބަލާލަން ކަލޭ ބޭނުމެއްނުވި. ތިކަހަލަ މީހުންނަށް ކުރެވޭނީ ތިކަން. ތަންތަނުގައި ތިބޭ ރީތި އަންހެންކުދިން ހައްދައިގެން، ފައިސާގެ ދަޅަދައްކައިގެން ގެނެސް ،އެކުދިންގެ ޒުވާންކަން ނަގާލުން ފިޔަވައި ކުރެވޭ އެއްކަމެއްވެސް ނޯވެ. ސޯނިޔާވެސް މަރުވީ ކަލޭގެ ސުންޕާކަމުގައި ލަދުން ދުނިޔެއާއިކުރިމަތިލާން ނުކެރި،އަމިއްލައަށް. ހިތަށްއަރާ އެގޮތަށް ކިތައް އަންހެނުންބާވައޭ ނިމިދާނީ؟ ” އަހަރެންގެ ޖުމްލަތަކުން ޝަރީފަށް ސިހުންލިބެމުން ދިޔަކަން އަހަރެންނަށް އެނގުނެވެ. އޭނާގެ މޫނުމަތިން ހައިރާންކަމުގެ އަސަރުފެންނަން ހުއްޓެވެ. ” މިހާރުވެސް މާގިނަ ވާހަކަ ދެއްކިއްޖެ. މަޢާފްކުރޭ. އަހަރެން ނެތިން ތިކަލޭގެ އަރިހުގައި މަސައްކަތްކުރާކަށް. އުމުރުދުވަހު ނުކައި ހުއްޓަސް.” ރުޅިވެރި ނަޒަރަކުން ޝަރީފްގެ މޫނަށް ބަލާލަމުން މޭޒުމަތީގައި ހުރި ދަބަސް އަހަރެން ނެގީ ބާރުބާރަށެވެ. އަދި ނުކުންނަން ދާން އެނބުރިލިވަގުތު ޝަރީފްގެ އަޑު އިވުނެވެ. ” ނިހާ މަސައްކަތްކުރަން ޖެހޭނީ އަހަރެންނާއި އެކުއެއް ނޫން. އަހަރެން މީ މިތާ ބޮސްއެއްވެސް ނޫން. އަހަރެންވެސް މީ މިތާ މަސައްކަތްކުރާ މުވައްޒަފެއް. ބޮސް ބިޒީކޮށް އުޅުއްވާތީ އަހަރެން މިއައީ، ފޯންކޯލްތަކަށް ޖަވާބުދާރީވުމަށް. ” ޝަރީފްގެ އަޑުގައި މަޑުމައިތިރިކަން ހުއްޓެވެ. ހީވާގޮތުން އަހަރެންގެ ވާހަކަތަކުން އޭނާއަށް އަސަރުކުރުވީއެވެ. އިންސާނެއްވިއްޔާ އަސަރުކުރަންވެސް ޖެހޭނެއެވެ.
ޝަރީފް އިތުރަށް އެއްވެސް އެއްޗެއް ނުބުނެ ނުކުމެގެން ދިޔައެވެ. އަހަރެން އަނެއްކާވެސް ގޮނޑީގައި އިށީނދެ ހަމަޖެހިލީމެވެ. ޝަރީފާއި ދިމާލަށް ކިޔުނު އެއްޗެއްސާއިމެދު ވިސްނާލެވުމާއެކު އަހަރެންނަށް ލޯމަރާލެވުނެވެ.ސޯނިއާގެ ހަނދާންތައްވެސް ވެރިވާންފެށިއެވެ. ކުއްލިއަކަށް ދޮރު ހުޅުވުނު އަޑަށް އަހަރެން ސިހިފައި ތެދުވީމެވެ.މީގެ ވަގުތުކޮޅެއް ކުރިން ޝަރީފް ފެނުނުވަގުތު، ހަށިގަނޑަށް އަރާފައިހުރި ބާރުގަނޑު އެއްކޮށް ދޫވެގެން ގޮސް އަހަރެންގެ އެންމެ ހިމަނާރުވެސް ދޫޖެހިލި ކަހަލައެވެ.ކުރު އެންމެ ނޭވާއެއްވެސް ނާދެއެވެ. ކޮންމެ ނޭވާއެއްވެސް ދޫކޮށްލެވެނީ ވަރަށް ފުންކޮށެވެ. އަވަސް ފިޔަވަޅުތަކެއްގައި އައިސް ކުރިމަތީގައި ހުރި ގޮނޑީގައި އެ އިށީނީ ކުރިން އަހަރެންނާ ދިމާވި ޒުވާނާއެވެ. އޭނާ އެއް އަތުން އަހަރެންގާތު އިށީނުމަށް އިޝާރާތްކުރިއެވެ. އަހަރެންނަށް ބަލާލެވުނީ އޭނާގެ ފޯނުކޮބައިތޯއެވެ. ފެންނަން ނެތުމުން އަހަރެން ދެރަވެސްވިއެވެ. އަތުގެ އިނގިލިތައް ފިއްތާލަ ފިއްތާލަ އަހަރެން އިނީ އޭނާ ދައްކާނެ ވާހަކައެއްގެ އިންތިޒާރުގައެވެ.
” އާއިޝަތު ނިހާ ހަނީފް.” އަހަރެންގެ ނަން އޭނާގެ ދުލުން ކިޔާލިގޮތް ހާދަހާ ހިތްގައިމެވެ. އަހަރެންގެ ފައިލް ހިފައިގެން އިނދެ އޭނާ އަހަރެންގެ މަޢުލޫމާތުތައް ބަލަމުންދާހެން ހީވިއެވެ. އަހަރެންނަށް އިނދެވުނީ އޭނާގެ މޫނަށް ބަލަހައްޓައިގެންނެވެ. މަޑުމުށިކުލައެއްގެ ފަން އިސްތަށިގަނޑަކާއި އެކު ކުރުކޮށް ކޮށާލާފައިވާ ތުނބުޅިން އޭނާގެ ފިރިހެން ވަންތަކަން އިތުރުވާކަހަލައެވެ. ދެތުންފަތުގައި އެއްވެސް ވަރެއްގެ ކަޅުކަމެއް ނެތުމުން އެއީ ސިގިރެޓް ބޯ މީހެއް ނޫންކަން އަހަރެންނަށް ޔަޤީން ކުރެވުނެވެ. އެއީ އަހަރެން އެންމެ ގަޔާވާ ސިފައެވެ. ހުދުކުލައިގެ ގަމީހާއި ގަދަނޫ ކުލައިގެ ފަޓްލޫންގައި އޭނާ ފެންނަނީ ވަރަށް ސާދާ ސިފައެއްގައެވެ. މޫނުމަތީގެ ސާފުކަމާއެއްވަރަށް ހީލާއިރު އެ މޫނުގައި އިތުރު ލޯބިވެތިކަމެއް އަހަރެންނަށް ފާހަގަކުރެވުނެވެ. ފިރެހެނެއް ފެނިގެން އަހަރެންނަށް ދުވަހަކުވެސް މިހާވަރަކަށް ނުބެލެއެވެ. އޭނާގެ ކޮންމެ ޚަރަކާތެއްވެސް އަހަރެންނަށް ފެންނަނީ އަޖައިބެއްފަދަ ގޮތަކަށެވެ. ކުރިން ދުވަހަކުވެސް މީހަކާ ރައްޓެހިވެސް ނުވެވެނީ މިފަދަ މީހަކާ ދިމާނުވާތީކަން އަހަރެންނަށް މިހާރު ޔަޤީންވެއްޖެއެވެ. ކޮންމެ ޙާލެއްގައި ނަމަވެސް އަހަރެން އޭނާ ޙާޞިލްކުރަން ހިތް އެދި ގޮވަން ފަށައިފިއެވެ. ބަސްނާހާ ހިތް ކިޔަމަންތެރި ކުރާކަށް މިފަހަރު އަހަރެން ބޭނުމެއްނޫނެވެ. ހިތްއެދޭހާ ގޮތަކަށް ޢަމަލުކުރަން އަހަރެން އެއްބަސްވެސް ވެއްޖައީމެވެ.
” މިވަގުތު މިތާ މަސައްކަތްކުރައްވާ ޔޫސުފް ހުންނެވީ ޗުއްޓީގައި. އެހެންކަމުން ނިހާ މިދުވަސްކޮޅު މަސައްކަތްކުރާނީ އަހަރެންނާއިއެކު މިތަނުގައި” އޭނާގެ ވާހަކައިން އަހަރެންނަށް އޮތީ ވަރަށް މަދު ދުވަސްކޮޅެއްކަން އަހަރެންނަށް ޔަޤީންވެއްޖެއެވެ. އެސިސްޓެންޓް ޗުއްޓީ ނިންމާފައި އައުމުގެ ކުރިން އަހަރެން ޖެހޭނީ ރަނގަޅު ރޭވުމެއް ރާވާށެވެ.
އަހަރެންގެ ކޮންމެ ވަގުތެއްވެސް މިހާރު ގުޅިފައިވަނީ އޭނާއާއިއެވެ. ޚިޔާލުތަކާ ވިސްނުންތައް، ފިކުރުތަކާ އިޙްސާސްތައް އޭނާގެ ހަނދާނާ ގުޅެންފަށައިފިއެވެ. ބަންދު ދުވަހެއްވެސް އަންނާކަށް އަހަރެން މިހާރު ބޭނުމެއްނޫނެވެ. ތާއަބަދު އޮފީހުގައި މަސައްކަތްކުރަންވެސް އަހަރެންގެ އެއްވެސް ފަރުވާލެއް ނެތެވެ. އޭނާ ފެންނަ ހިސާބުގައި ހުރެވިއްޖެނަމަ އަހަރެންނަށް، އެހުރެވުނީ އުޑުދަށުގައިކަންވެސް ބައެއްފަހަރު ހަނދާން ނެތެއެވެ. އޭނާގެ ކޮންމެ ޚަރަކާތަކީ ޖާދުވީ ބާރެއްފަދަ މަންޒަރަކަށްވެއްޖެއެވެ. އަހަރެންގެ ކުރިމަތީގައި ހުރެގެން ދައްކާ ވާހަކަތައް އަޑު އެހެނީ މަސްތީ ލަވައެއް އަޑުއަހާލާފަދަ ގޮތަކަށެވެ. އެ ދެތުންފަތުގެ ހަރަކާތާއިއެކު އަތުގެ އިޝާރާތްތަކުންވެސް އަހަރެންގެ ހިތް ފަތަޙަކުރިފަދައެވެ.
އާދައިގެ މަތިން މިއަދުވެސް އަހަރެން އޮފީހަށްދާން ނުކުތީމެވެ. ޒުލްއަށް ނާދެވޭ ދުވަސް ދުވަހު އަހަރެން ދަނީ ހިނގާފައެވެ. މިހާރު ހިނގާފައިދާކަށްވެސް އަހަރެންނަށް ބޮޑުކަމަކަށްނުވެއެވެ. އެއީ އަހަރެންގެ ހަށިގަނޑުތެރޭ ހިތެއް އޮތަކަސް އެހިތުގެ ރޫޙުވަނީ އޭނާ އާއިއެކު ކަމަށްވާތީއެވެ. އޭނާ ދުށުމަށް ދެލޯ އެދެމުންދާވަރުން އަހަރެންނަށް ކެތްނުވެއެވެ. އަވަސް ފިޔަވަޅުތަކެއްގައި ހިނގަމުންދަނިކޮށް ތަންކޮޅެއް ދުރުން އަންނަ ސައިކަލެއް ފެނުނެވެ.އަހަރެންނަށް މަޑުކޮއްލެވުނެވެ. އޭނާއަށް އަހަރެން ފެނުނުހެނެއް ހިއެއްނުވެއެވެ. ދާދިކައިރިން ސައިކަލް ގޮސް އޮބާލި އިރު އަހަރެންގެ މޫނުމަތީގައިވާ އުފާވެރިކަން ގެއްލިއްޖެއެވެ. އޭނާއަށް އަހަރެން ނުފެނުނީމައެވެ. ފަހަތުގައި އިން އަންހެންކުއްޖާ ކޮންމެވެސް ތަނަކަށް ގެންދަން މާ ބާރަށް ދިޔައީމަކަމަށް ވެދާނެއެވެ. އަހަންނަށް ހީވާގޮތުން އެއީ އޭނާގެ އަންހެން ކޮއްކޮއެކެވެ.ތުންފަތަށް ވައްތަރެއް ޖައްސާލަމުން އަހަރެން އަނެއްކާވެސް ހިނގައިގަތީމެވެ.
ދުވަސްތައް މަޑުމަޑުން ފާއިތުވަމުންދެއެވެ. އަހަރެންގެ މުޅި ދުނިޔެއަކީވެސް އޮފީހެވެ.މަސައްކަތެއް ނެތްކަމުގައި ވިޔަސް ކޮންމެވެސް ކަމެއް ކުރުމަށް އަހަރެން ޝައުޤުވެރިކަމާއެކު އުޅެމެވެ. އޭނާގެ ޝައުޤުވެރިކަން އަހަރެންނާއި އެއްހަމަކުރާނީ ކޮންދުވަހަކުންބާވައޭ ހިތަށް އަރައެވެ.
އަރާފައިވާ އުސްފައިވާނުން ޓޮކްޓޮކް އަޑު އިއްވަމުން ބާރުބާރަށް އައިސް އަހަރެން އޭނާގެ ކެބިންއަށް ވަނީ އޭނާ އިންކަމަކަށް ނޫނެވެ. އަހަރެން ހީކުރީ އޭނާވީ ކާކޮޓަރީގައި ކަމަށެވެ. ފެނުނު މަންޒަރުން އަހަރެންގެ މެޔަށް ހީވީ ހޫނުފެން އެއްޗެއް އަޅާލިހެންނެވެ. ގޮނޑީގައި އޭނާއިން އިރު ފަހަތުގައި ހުރެގެން އޭނާގެ ބޯ މަސާޖުކުރަން އެހުރީ ކުރީދުވަހު ސައިކަލްފަހަތުގައި އިން އަންހެން ކުއްޖާކަން އަހަރެންނަށް ޔަޤީނެވެ. އަހަރެން ވަނުމާއެކު އޭނާ އަވަސް އަވަހަށް ތެދުވިއެވެ. އަދި އެ އަންހެންކުއްޖާއަށް ބެލުމެއްނެތި އައިސް އަހަރެންގެ ކުރިމަތީގައި ހުއްޓުނެވެ. ހަތަރުކަޅި ފުރަތަމަ ފަހަރަށް ބައްދަލްވި ހިނދު، އަހަރެންގެ ހިތް ބިރުންގޮސް އަނދައިގަތެވެ. އޭނާގެ ދެލޮލުން އަހަރެންނަށް ފެނުނީ ރުޅިވެރިކަމާއި ނަފްރަތެވެ. އަހަރެންނަށް މަޑުމަޑުން ފަހަތަށް ޖެހެވެން ފެށުނެވެ.” ހުއްދަނެތި ވަނުމަކީ މަނާކަމެއްކަން އަދިވެސް ނޭނގޭތަ؟ ” އޭނާ އިތުރަށް އެއްޗެއް ބުނުމުގެ ކުރިން އަހަރެން އަވަސް އަވަހަށް ނުކުތީމެވެ. އޭރު އަހަރެން ހުރީ އެއްކޮށް ދާހިއްލާ ފޯވެފައެވެ. ނޭވާ ކުރުވެ، ކަރުތެރެ ހީވަނީ ފުރިފައި ހުރިހެންނެވެ. އިތުރަށް އެތަނުގައިވެސް މަޑުކުރުމެއްނެތި އަހަރެން ގޮސްވަނީ ފާޚާނާއަށެވެ. ކުރިމަތީގައި ހުރި ބިތުގައި ހަރުކޮށްފައިވާ ސާފު ލޯގަނޑުން އަހަރެންގެ މޫނަށް ބަލާލީމެވެ. ދެލޮލާއި ކޯތާފަތް ރަތްވެފައިއެވަނީ އަހަރެން ހާސްވެފައި ހުރުމުން ހެއްޔެވެ؟ އަހަރެންނަށް މިހާބޮޑު އަސަރެއް މިކުރުވީ އަހަރެން އޭނާދެކެ ވާ ލޯތްބެއްގެ ބޮޑުކަމުންހެއްޔެވެ؟ އަހަރެން މަޑުމަޑުން މޭގައި އަތްއަޅާލީމެވެ. އެއީ ކާކުބާވައެވެ؟ އަހަރެންނަށް މިއުޅެވުނީ މީހެއްގެ ޙައްޤަކާއި ހެދިހެއްޔެވެ؟ އަހަރެން އޭނާ އާއި މެދު ޚާއްސަގޮތެއް ބަހައްޓާކަން އޭނާއަށް އެނގުނީ ހެއްޔެވެ؟ މިއީ އަހަރެން ހުއްދަނެތި ވަންނަ ފުރަތަމަ ފަހަރެއް ނޫނެވެ. އެފަދަ ގޮތަކަށް އަހަރެން ބޭރުކޮށްލަން އޭނާއަށް އޮތީ ކޮން ޙައްޤެއްހެއްޔެވެ؟
އަހަރެން ދެރަވެގެންގޮސް، ރުޅިވެސް ގަދަވާން ފަށައިފިއެވެ. އަހަރެންނާއި އޭނާ އާއި ދެމެދު މިވީހާތަނަށްވެސް މާގިނަ ވާހަކަތަކެއް ދެއްކިފައެއް ނެތެވެ. އޮފީހަށް އައުމުގެ ކުރިން އަހަރެން ކުރަންޖެހޭ މަސައްކަތްތައް ލިޔެ، ތާވަލު ކުރެވިފައި ހުންނާތީ އަހަރެންނަށް އޭނާ އާއި ވާހަކަ ދައްކާނެ މާގިނަ ފުރުޞަތުތަކެއްވެސް ފަހިވެފައެއް ނުވެއެވެ. އެތައް ގޮތަކުން އަހަރެން އޭނާ އާއި އެކަނި ވެވޭތޯ ބެލީމެވެ. އަހަރެންގެ ރީތިކަމަށް އޭނާ ހެއްލޭތޯ އެހާމެ ތުއިކަންވެސް ދެއްކީމެވެ. އެހެނަސް އޭނާ އެއީ އާދަޔާ ޚިލާފް ފިރިހެނެއްކަން އަހަރެންނަށްވަނީ ޔަޤީންކުރެވިފައެވެ. އަހަރެންނަށް އެސިފަ ވަރަށް ކަމުދިޔައެވެ. އެއީ އޭނާއަކީ އަންހެންވެރިންނާހެދި އެހާވަރުން އުޅޭ މީހެއްހެން ހިއެއް ނުވެޔޭ އަބަދުވެސް އަހަރެންގެ ހިތަށް އަރާތީއެވެ. އެހެން މީހެއްނަމަ އަހަރެންގެ މި ރީތި ބައްޓަމާއި، ލޫޅާފަތި ހަށިގަނޑަށް ދަހިވެތިވީހެވެ. އަހަރެން އަބަދުވެސް ބޭނުންވަނީ އެފަދަ ފިރިއެކެވެ. އެހެނަސް މިއަދު އަހަރެންގެ އުއްމީދުތަކުގައި އޭނާގެ ދެއަތުން ހުޅުޖަހައިފިއެވެ. އަހަރެންގެ ދުނިޔެ ވިއްސިވިހާލިކޮއްލީ އެ ރުޅިވެރި ދެލޮލުގެ އަލިންނެވެ. ރޮއިރޮއި އަހަރެން ވަރުބަލިވެއްޖެއެވެ. ޓިޝޫއެއް ނަގާ މޫނު ފޮހެލުމަށްފަހު ފުންނޭވާއެއް ބޭރަށް ދޫކޮށްލީމެވެ. އަދި ކުޑަކޮށް މީހާ ތާޒާވެލުމަށް އަވަސްވެލީމެވެ. ރޯލުމުންވެސް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ހިތަށް ލިބުނެވެ.
ފާޚާނާއިން ނުކުމެވުނީ އޭނާ ގާތުގައި ހުރި އަންހެން ކުއްޖާގެ ކުރިމައްޗަށެވެ. އެކުއްޖާ ފެނުމާއެކު އަހަރެން ޖެހިލުންވެއްޖެއެވެ. އެއީ އޭނާގެ ކާކުކަމެއް އަހަރެންނަކަށް ނޭނގެއެވެ. އޭނާގެ އަނބިމީހާއަށްވުންވެސް ގާތެވެ. އެ އަންހެންކުއްޖާ އަހަރެންނާއިމެދު މާބޮޑު ސަމާލުކަމެއް ނުބަހައްޓާގޮސް ފާޚާނާއަށް ވަނެވެ. އަހަރެންނަށް ހިންދިރުވާލެވުނެވެ. ދެން އިތުރަށް ދާނީ ކޮންތާކަށް ކަމެއް ނޭނގި ހުރެ، މަޑުކޮށްލެވުނީ ބޭރު ގޮނޑިތަކުގެ ކައިރީގައެވެ. އަހަރެންނަށް ދެން އެތަނަށް ދާކަށްވެސް ނުކެރޭނެއެވެ. އަނެއްކާވެސް ލޮލުތެރެއަށް ކަރުނަތައް ގިނަވާންފަށައިފިއެވެ. އަވަސް އަވަހަށް ގޮނޑިއެއްގައި އިށީނދެ ހަމަޖެހިލީމެވެ. ކުއްލިއަކަށް އަހަރެންނާއި ދާދި ގާތުން އޭނާ އާއި އެކު އެ އަންހެންކުއްޖާ ކުރިކަނޑާލައިފިއެވެ. އޭނާގެ އަތުގެ ތެރޭގައި އެ އަންހެން ކުއްޖާގެ އަތްތިލަވަނީ ފޮރުވާލާފައެވެ. ދެމީހުން އެއްކޮށް ބޭރަށް ނުކުތުމާއިއެކު އަހަރެން ގޮސް ބޮސްގެ ކޮޓަރިއަށް ވަނީމެވެ. އަދި އަވަސް އަވަހަށް ނިންމަންޖެހޭ ފައިލްތައް ނަގައިގެން ބޭރަށް ނުކުތުމަށް ހިނގައިގަތީމެވެ. ދޮރާއި ހަމައަށް ނުދެވި އުޅެނިކޮށް، ދޮރު ހުޅުވާފައި އޭނާ އެތެރެއަށްވަނެވެ. އެވަގުތު އަހަރެންގެ ފިޔަވަޅުތައް ހުއްޓިއްޖެއެވެ. އޭނާ އަހަރެންނާއި ދިމާއަށް ބަލާލުމަށްފަހު ގޮސް އިށީނެވެ.
“މިއީ ހާދަހާ ފޮނި މީހެއް! އަންހެންކުއްޖަކަށް ބަވާލާފަ، މާފަށް ވެސް އެދެން ނުކެރޭނީ އަސްލުވެސް މީނަ ވަރަށް ފިނޑި ވީމަ…” ހިތާ ހިތުން އަހަރެންނަށް އެއްޗެހި ކިޔަން ފެށުނީ ވެފައިވާ ދެރައެއްގެ ސަބަބުންނެވެ. އިތުރަށް މަޑުނުކޮށް ހިނގައިގަތުމާއި އެކު އޭނާގެ ރީތި އަޑު އަހަރެންގެ ކަންފަތުގައި ޖެހުމާއި އެކު އަހަރެންނަށް ދެލޯ މަރާލެވުނެވެ.
” އިހަށް މަޑުކޮށްބަލަ! ”
ފަހަތް ބަލާލި އިރު އޭނާގެ ހުރިހާ ސަމާލުކަމެއްވެސް ހުއްޓިފައި ހުރީ އަހަރެންނާއިދިމާއަށެވެ.
” އަހަރެން އަދި ދުވަހަކުވެސް އަންހެން ކުއްޖަކު ގާތު މަޢާފަށް އެދިފައެއް ނުވާނެ! އެއީ… އެއީ މީގެ ކުރިން މަޢާފަށް އެދެންޖެހޭވަރުގެ ކަމެއް އަހަރެން، ނުކުރާތީވެ، އެކަމަކު… ނިހާގެ ކިބައިން އަހަރެންނަށް މަޢާފަށް އެދެން ޖެހިއްޖެ! ”
އަހަރެންނަށް ލަދުވެތި ގޮތަކަށް ހިނިތުންވެލެވުނީ އުއްމީދާއިއެކުއެވެ.
” ނޫން ސަރ… އެއީ އަޅުގަނޑުގެ ކުށް… ބަލާނުލާ ވަދެވުނީ.. ”
އަހަރެންގެ މުޅި ހަށިގަނޑު އޭރުވަނީ ފިނިވެފައެވެ. އެހާ ގާތްގޮތަކަށް އޭނާ އަހަރެންނާއި ވާހަކަ އެދައްކަނީ އަދި އަލަށެވެ. ދެންމެ އަހަރެންގެ ހިތުގައި އޭނާ އާއި މެދު އުފެދުނު ރުޅިވެރިކަން ފިލައިގެން ގޮސް ފިނި ފެންފޮދަކަށް ވެއްޖެއެވެ. އަހަރެން ހުރީ އޭނާ އާއި ވަރަށް ވާހަކަ ދައްކާހިތުންނެވެ. އެންމެ ސިކުންތެއްގެ ތެރޭގައި ވަރަށް ގިނަ އެއްޗެހި ހިތަށް އަރާ ފައިބަމުންދެއެވެ. ކޮންމެވެސް ވަރަކަށް އޭނާ ކަމުދާކަމުގެ އިޝާރާތެއް ކޮށްލާނަމޭ ހިތަށް އަރައިފިއެވެ. އަނެއްކާވެސް އިވުނީ އޭނާގެ އަޑެވެ.
” އަހަރެން ކުޑަކޮށް ބަލިވެ އުޅޭތީވެ، ލަންޗްބޮކްސް ހިފައިގެން އެއައީ.. އެގޮތަށް ދޭތެރެއަކުން ވައިފް އަންނާނެ އޮފީހަށް..އެއީ މައްސަލައެއް ނޫނެއްނު ދޯ! ”
އޭނާ ޖުމުލަ ނިންމާލީ ކުރުވަރެއްގެ ހިނިގަނޑަކުންނެވެ. އޭނާގެ އެ ޖުމުލައިން އަހަރެންގެ ހިތުގައި ދާދި ދެންމެއަކު ދިއްލުނު އުއްމީދުގެ ހުޅުކޮޅު ނިވި، ހުލިވެގެން ދިޔައެވެ. ހައިރާންކަމާއިއެކު އަހަރެންނަށް ހުރެވުނީ އޭނާ އާއި ދިމާއަށް ބަލާށެވެ. ހީލުމަށްފަހު އޭނާ މަސައްކަތާއި މަސްޣޫލްވެއްޖެއެވެ. އަހަރެން ގަދަކަމުން ހީލުމަށްފަހު ނުކުމެގެން އައީ އޭނާދެކެ ވީ ލޯބި ކަފުންކޮށް ވަޅުލައިފައެވެ.
” ޒުލް! އެކަމަކު.. އަހަރެންނަށް ދެން ކެތެއްނުވާނެ އެތަނަށް ދާކަށް.. އޭނަ ފެންނަ ހިސާބުގަ މަސައްކަތެއް ނުކުރެވޭނެ! އަހަރެން ބޭނުމެއް ނޫން އޭނަ ޖަހައިގަންނާކަށް.. އެހެން ނޫނަސް އޭނައެއީ އެކަހަލަ މީހެއް ނޫނޭ… ”
” ކިތަންމެ ވަރަކަށް ތިހެން ކިޔަސް ދެން ވާނެ ކަމެއް އޮންނާނެތަ؟ ތިހާ މުސާރަ ރަނގަޅު ވަޒީފާއެއް ދޫކޮށްލީމަ ކިހިނެއްތަ ނިހާ ، މަންމައަށް ބޭސްކުރަން މާލޭގަ ހުންނާނީވެސް؟ ތި ޚިޔާލު ދޫކޮށްލާ ދެން! އެ ނޫނަސް ރަނގަޅު މީހުން ނިހާއަށް ވާނެ! އޭ އޯކޭ.. އަހަރެން ދަރިފުޅުބަލާ ސްކޫލަށް ދާން މިދަނީ.. ފަހުން ގުޅާނަން.. ބޭއްވި! ”
ޒުލްފާ ފޯނު ބޭއްވުމުން އެނދުމަތީގައި އޮތް ބާލީހުގައި ބައްދާލީމެވެ. އެޚިޔާލު ދޫކޮށްލަން މީހުންނަށް ލަފާ ދެވިދާނެއެވެ. އެ ލޯބި ހަނދާންނައްތާލުމަށް އެހީތެރިވެސް ވެވިދާނެއެވެ. އެކަމަކު…. އަހަރެންގެ ހިތުގައި އޭނާއަށްޓަކައި ދެވިފައިވާ މަޤާމާއި ލޯތްބަށް އެއްވެސް ބަދަލެއް ނާންނާނެއެވެ. އޭނާދެކެ ލޯބިވެވުނު އިރު އެއީ މީހެއްގެ ފިރިއެއްކަމެއް އަހަރެންނަކަށް ނޭނގެއެވެ. އޭނާގެ ކިބައިން އަހަރެންނަށް ފެނުނު ރީތި ސިފަތަކާއި، ފިރިހެންވަންތަކަމާއި، އެހިތުގައި ޖަހާ ކޮންމެ ވިންދަކީ އެހެން މީހަކަށް މިލްކްވެފައިވާ ކަންކަން ކަމެއް އަހަރެންނަކަށް ނޭނގެއެވެ. އެހެން ނޫން ނަމަ އަހަރެން އޭނާދެކެ ލޯތްބެއް ނުވީމުހެވެ. މިއަދު އަހަރެންގެ ހިތުގައި އެހެން މީހެއްގެ ލޯބި ރައްކާކުރާނެ ޖާގައެއް ނެތެވެ. ހުރިހާވެސް މީހަކީ އޭނާއެވެ.
– ނިމުނީ –
ކެޓެގަރީ: ކުރުވާހަކަ

2097

⚡Jasper⚡

0.0

ރީތި ވާހަކައެއް.. ماشاءالله لا قوة إلا بالله.. ? ? ? ? ? ? ☺️ ☺️ ☺️

10

3 months ago

ކިޔުންތެރިންގެ ހިޔާލު ކެންސަލް
Your Rating



Source link

Leave a Reply

Related Articles