• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ވާހަކަ ⁄ މުސާފިރު

މުސާފިރު


152435

ދެބަ ދޭތެރެއިން އަހަރެންނަށް ހޭވެރިކަން ވީ މަޑު ގިސްލުމެއްގެ އަޑަށެވެ. ވަރަށް ބޮޑު ވޭނެށް ނުވަތަ އަނިޔާއެއް ތަޙައްމަލު ކުރަމުންދާފަދަ އަސަރެއް އެ ގިސްލުމުގައި އެކުލެވިގެން ވެއެވެ. މުޅި މާޙައުލަށް ވެރިވެފައިވާ ހަމަހިމޭންކަންވަނީ އެ ގިސްލުމާއި އެކުވެ މުޅިން ވޭނަށް ބަދަލުވެފައެވެ. އަހަރެން މަޑުމަޑުން ލޯހުޅުވައި ބަލައިލީމެވެ. ހުޅުވައިފައިހުރި ކުޑަދޮރުގެ ދުރޮފޮތިގަނޑުން ފުރޭނިގެން ކޮޓަރި ތެރެއަށް އެޅެފައިހުރި ހަނދުވަރުގެ އަލިކަން ފިޔަވާ އިތުރު އަލިކަމެއް ކޮޓަރި ތެރެއަކު ނެތެވެ. ހަނދުވަރުގގެ އަލި ކޮޓަރިތެރެއިން އެޅިފައި ހުރީ މުސައްލަމަތީގައި ދުޢާ ކުރަން އިން އަހަރެންގެ މަންމަގެ ގަޔަށެވެ. މިއީ މިފަދައިން ހޭދަވާ ފުރަތަމަ ރެޔެއްނޫނެވެ. ކޮންމެ ރެޔަކުވެސް އަހަރެން ނިންދެވުމަށްފަހު މަންމަ ހޭދަކުރަނީ މިގޮތުގައެވެ. އަޅުކަން ކުރުމާއި ސުންނަތް ނަމާދު ކުރުމާއި ދުޢާ ކުރުމުގައެވެ. ކޮޓަރީގެ ލައިޓް ނުދިއްލައި އެހުރީ އަހަރުމެން ހޭލައިފާނެކަމަށެވެ.
” މިހާރު ހުރިހާ އެއްޗިހި ހަމަ ކޮށްފިންތަ ؟ ” ޚިޔާލުތަކުގެ ތެރެއިން އަހަރެންނަށް ނިކުމެވުނީ އޮށޯވެގެން އޮތް އުނދޯލީގައި އަހަރެންގެ ކައިރީގައި މަންމަ އިށީންނަމުން ވާހަކަ ދެއްކި އަޑަށް ސިހިފައެވެ. އެހެން ނޫނީ އެއަޑުގައި ހުންނަ ތާޒާކަމާއި ދިރުން މިހާރަކު ނެތެވެ. އަ އަޑުވަނީ މުޅިން މަރުވެފައެވެ. ކުރަކިވެފައެވެ. މަންމަ މިހާރު ވާހަކަ ދައްކާއިރު އެއަޑުގެ ދިރުމާއި އުފާވެރިކަން އެއަޑު ދޫކޮށް މާދުރުގެ މަންޒިލަކަށް ދަތުރުކޮށްފައިވާ ކަހަލައެވެ. އަހަރެން މަންމަގެ މޫނަށް ބަލައިލީމެވެ. އުޖާލާކަށް މިއިން ދުވަހަކުވެސް އެ މޫނުން ފެނިފައި ނުވާކަހަލައެވެ. ޚުދު އަހަރެންވެސް ލިބިފައިވާ ހިތްދަތިކަމާއެކު މަންމަގެ ކޮނޑުގައި ބޯއަޅާއިލީމެވެ.
” ދަރިފުޅާ ޔޫސުފް! މަންމަޔަށް މިދުނިޔޭގެ ހަގީގީ ދަޅަ އިޙްސާސްކުރެވުނީ ދަރިފުޅު ތިއީ މަންމަގެ ދަރިއަކަށްވުމުން ، އިންސާނާގެ ޙަޔާތަށް އެއިންސާނާ އުފެއްދެވި ވެރި ރައްބު މެދުވެރިކުރައްވާ ކަންތަކަށް ކެތްތެރިވާންޖެހޭނެ ކަމާއި އެއިރަކު އިރާދަކުރެއްވި މިންވަރަކަށް ޝުކުރުވެރިވާންޖެހޭނެކަން މާރަނގަޅަށްވެސް ދަސްކުރެވުނު ، އެހެންވެގެން ދަރިފުޅު ހިތުގައި ޖެހޭނެ އެއްވެސް ކަމެއް މިއަދާއި ހަމައަށް ކޮށްފައެއް ނޯންނާނެ އަދި އެހެން މީހެއްގެ ފަރާތުން އެފަދަކަމެއް ވެގެން މަންމަ ބޭނުމެއްވެސް ނޫން ދަރިފުޅު ދެރަގޮތެއްވާކަށް ”
މިހާ ހިސާބަށް ބުނެވުނު ތަނާހެން މަންމައަށް ރޮވެންފެށިއެވެ. ” މަންމަ ތިހެން ރުއިމަ އަޅުގަނޑަށްވެސް އެބަ ރޮވޭ ، އަޅުގަނޑު ބޭނުމެއްނޫން މަންމަ އާއި ވަކިން އުޅޭކަށް ، ނުވެސް އުޅެވޭނެ ” ކުޑަކޮށް ފެންކަޅިވާގޮތް ވުމުން އަހަރެން މަންމަ އާއި މުޚާތަބުކޮށް ބުނެލީމެވެ.
މިރޭ އަހަރެން ތައްޔާރު ވަމުންމިދަނީ އެމީހެއްގެ އަޅާއިލުމާއި އޯގާތެރިކަމާއި ފިރުމުންތަކުގެ ފަރުވާގައި މިއަދާއި ހަމައަށް އުޅުނު އަދި ދިރިއުޅުމުގެ ބާކީބައި އުޅެއް ބޭނުން ލޯބިވާ މަންމަ އާއި ވަކިވެ ކިޔެވުމަށްޓަކައި މާލެ ދިޔުމަށެވެ. އެމީހަކައި ނުލައި ދިރިއުޅެންޖެހިދާނެ ދުވަހެއް އައުން ދުވަހަކުވެސް ނޭދުނު މަންމަ ނުފެންނަ ހިސާބަށް އެމަންމަގެ ފިރުމުންތަކާއި ދުރުގައި ޙަޔާތް ވޭތުކުރަންޖެހޭނެ ގޮތް ހިތަށްވެސް ނުގެނެވޭނެ ވަކިވުމަކުން ވަކިވުމަށެވެ. އަހަރެން ދާތީ ދެރަވާނެ މީހަކަށް ހުންނާނީ މަންމަ އެކަންޏެވެ. އެންމެ ކުޑަދުވަހުން ފެށިގެން ގިނަ ވަގުތު އަހަރެން ހޭދަކުރަނީ މަންމަ އާއިއެކުއެވެ. އެ މަންމަ އަސް ނޭނގޭ އެ މަންމަ އަށް ސިއްރު އެއްވެސް ކަމެއް އަހަރެން ނުކުރަމެވެ.
އެންމެ ކުޑަދުވަހުން ފެށިގެން މިއަދާއި ހަމައަށް މާގާތް ރައްޓެހިންނެއް ނުތިބެއެވެ. އެއް ކްލާހެއްގައި ކިޔެވި ކުދިންނާއި ވާހަކަދައްކައި ހެދިޔަސް އެމީހުންނަށް އަހަރެން ، އަދި އަހަރެންނަސް އެމީހުންނަކީ މާމުހިންމުބައެއް ކަމުގެ އިޙްސާސެއް ކުރރެވޭނެ ހެނެއް ހިއެއް ނުވެއެވެ. ސްކޫލްން ބޭރުގައި ކުރާ އެއްވެސް ކަމެއްގައި އެމީހުންނާއި ބައިވެރިވެއެއް ނުހަދަމެވެ. ތަންކޮޅެއް ކުޑައިރު ކުދިން ކުދިން ތަންތާންގައި ގުރޫޕު ހަދާފައި ކުޅެން ތިބޭއިރު ދާންބޭނުން ވެގެން މަންމަ ކައިރީގައި ކިޔަމެވެ. އެކަމު މަންމަ އަބަދުވެސސް ބުނާނެއެވެ. ” އެކުދިން ކުދިންނާއެކު ދިޔައިމަ އެކުދިން ދަރިފުޅު ދެރަކުރާނެ ، މާބޮޑަށް ދެރަވީމައި ދަރިފުޅު ބަލި ވާނެ ، މަންމަ ބޭނުމެއް ނޫން ދަރިފުޅު މަންމައަށް ގެއްލޭކަށް” މަންމަބުނާ ވާހަކަތައް އަހަރެން އަބަދުވެސް ގަބޫލުކުރަމެވެ. އެއީ އަހަރެންނަކީ އެހހެން ކުދިންނާއި ތަފާތު ކުއްޖެއްކަން އަބަދުވެސް އެނގޭތީއެވެ. އަބަދުވެސް ގަޑިން ގަޑިއަށް ކާންޖެހޭ ބައިވަރު ބޭސްތައް ހުންނާތީއެވެ. ދެރަވެގެން ކަންކަމާއި ރޮއެ ހެދީމައި ނޭފަތުން ލޭއަންނާތީއެވެ. އަބަދުވެސް ބަލިވެގެން އަހަރެން ހޮސްޕިޓަލް ގައި އުޅެންޖެހޭތީއެވެ.
އަހަރެންގެ ބައްޕައެއް ނުހުރެއެވެ. ދުނިޔޭގައި އެބަ ހުއްޓެވެ. އެއް ރަށުގައެވެ. އަހަރެންގެ ކައިރީގައި އަހަރެންނަށް އެހީވެ ލޯބިދޭން ނެތީއެވެ. ތަންކޮޅެއް ކުޑަކޮށް ހުރި އިރު އަހަރެން ހިތުގައި އޮންނަނީ ބަލި ކުއްޖަކަށް ވުމުން ބައްޕަ އަހަރެން ކައިރިޔަށް ނާންނަނީ ކަމުގައެވެ. އެއީ އެއް އިރެއްގައިވެސް ބައްޕައާއި ބެހޭގޮތުން މަންމަ އެއްވެސް ވާހަކައެއް ނުދައްކާތީއެވެ. މަންމަ ވަރިކޮށްފައި ބައްޕަ ދިޔައީކަން އަހަރެންނަށް އެނގުނީ ތަންދޮރު އޮޅުންފިލާވަރުވެ ކަންކަން ވާނުވާ އަމިއްލައަށް އެނގެން ފެށުމުންނެވެ. އަހަރެންވެސް ބައްޕައާއި ބެހޭގޮތުން އެއްވެސް ވަރަކަށް އެއްވެސް މީހެއްގެ ކައިރިޔަކު އަހަރެން ވާހަކަ ދައްކައެއް ނުހަދަމެވެ. ޙަޔާތުގައި ބައްޕައެއްގެ މަދުކަން އެންމެ ވަގުތުކޮޅަކަށް ވެސް އަހަރެންނަށް އިޙްސާސްވާކަށް ނުޖެހެއެވެ. އެ ހުރިހައި ލޯތްބެއް މަންމަގެ ފަރާތުން އަހަރެންނަށް އުނިނުވެ ލިބެއެވެ. މަޔަކު ދަރިއަކަށްޓަކައި ވާނޭ އެންމެ ބޮޑެތި ޤުރުބާނީތައް އެމަންމަ އަހަރެންނަށްޓަކައި ވަމުން ގެންދިޔައީ ފޫހިކަމެއް ނެތިއެވެ. މި ބޮޑު ދުނިޔޭގައި އަހަރެންނާއެކު އަހަރެންގެ މަންމަ ހުރުމުން އެކަނިވެސް އަހަރެންނަށް ފުދެއެވެ.
ކޮންމެއަކަސް ވަޤުތު އޭގެ ވާޖިބު އަދާކުރުމުގައި އެންމެ ފަޅިސިކުންތެއްވެސް ފަހެއް ނުކުރާނެ ނޫންތޯއެވެ. ވަގުތު ކުޑަތަންވަމުންއައިސް މިހާރު އަހަރެން މިހުރީ މާލެ ދިއުމަށްޓަކައި އަހަރެންގެ މަންމައާއިއެކު ފާލަން ދޮށަށް އައިހެވެ. ބޯޓު ފުރަން ދެއްއޮތީ 30 އަށް މިނެޓެވެ. މި 30 މިނެޓަށްފަހު އަހަރެންގެ ދިރިއުޅުން ބަދަލުވެގެން ދާނީ ކޮންފަދައަކުން ކަމެއްވެސް ނޭނގެއެވެ. މަންމަ ހުރީ އަހަރެންގެ ކައިރީގައި ކަނާއަތުގައި ބާރަށް ހިފަހައްޓައިގެންނެވެ. ދުވަހަކުވެސް މިއަތުން ދޫނުކުރާނަމޭ ބުނަމުން ދާކަހަލަ ގޮތަކަށެވެ. އެ ނިކަމެތި މަންމަގެ ހިތުގައި މިހާރު ހިނގަމުންދާނީ ކޮންފަދަ މޮޅިވެރިކަމުގެ ހަޅުތާލެއް ބާއެވެ.
ފާލަންމަތި ވަނީ ތޮށްޖެހިފައެވެ. ފުރަން އައިސްތިބި މީހުން ގިނަކަމުން ހިސާބަކަށް އަޑުވެސް ގަދައެވެ. އެކަކު އަނެކަކާ ވާހަކަ ދައްކާ އަޑުންނެވެ. މަންމަ މިވަގުތު ނުރޮއެ ހުރިކަމުގައިވިޔަސް އެހުރީ ވަރަށް ކެތްކޮށްގެންކަން ޔަގީނެވެ. ގާތް ވަމުން މިދަނީ އެމަންމަ އަށް ކެތްކުރެވޭނެ ވަގުތެއްނޫންކަން ހަމަ ޔަގީނެވެ. މަންމަ އަހަރެން ގޮވައިގެން ފާލަމުގެ އެއްފަރާތަށް ޖެހިލިއެވެ. އަދި އަހަރެންގެ ކުރިމަށްޗަށް އައިސް ބަލައިލިއެވެ. އަހަރެންނަށް ކެތެއް ނުކުރެވުމެވެ. ބާރަށް މަންމަ ގައިގައި އޮޅުލައި ގަތީމެވެ. މަންމައަށް ވެސް ރޮއެގަނެވުމެވެ. އަހަރެންނަށްޓަކައި މިދުނިޔޭގައި ހުރީ ހަމައެކަނި މަންމައެވެ. އެމަންމައާއި ވަކިވެގެން ދިޔުމަށް އެންމެ ވަގުތު ކޮޅަކަށްވެސް ހިތް އެދެވޭނީ ކިހިނަކުން ހެއްޔެވެ؟
މަންމަ އަހަރެން ގަޔާއި ދުރުކޮށްލިއެވެ. އަދި އަހަރެންނަށް ބަލައިލިއެވެ. ހިފެހެއްޓުމެއް ނެތް ކަރުނަތައް އެ މަންމަގެ ކޯތާފަތް މައްޗަށް ފައިބަމުން ދިޔަ މަންޒަރު ފެނުނެވެ. ޖަމާވަމުންދާ ކަރުނަތައް އެ ލޮލުގައި ވިދަމުންދާ މަންޒަރެވެ. މަންމަ އަހަރެންނާއި މުޚާތަބުކޮށް ބުނެލިއެވެ. ” މަންމަ ގެ މަތިން ހަނދާން ނައްތައިނުލާތި ، ތިމާއަށް ހެޔޮއެދޭ މީހުންނާއި ނަފްރަތުކުރާ މީހުން ދެނެގަންނާތި ، ހިތްހެޔޮ ކުރާތި ” މިހެން ބުނެފައި އަހަރެންގެ މޫނުގައި ބޮސްދިނެވެ. އިތުރަށް އެއްޗެކޭ ބުނާނެ ހިތްވަރު އެ މަންމައަށް ނުލިބުނީއެވެ. އަހަރެންވެސް ވަރަށް ހިތްވަރުކޮށްލާފައި ކުރެވުނުހާވެސް ކަމަކީ ބޯޖަހަލުމެވެ. މިހާރު އެންމެން ބޯޓަށް އެރުމަށް ގޮވައިފިއެވެ. އެންމެ ފަހުގެ ވަކިވެލުމަށް އަހަރެން މަންމަގެ ގައިގައި ބާރަށް ބައްދައިލީމެވެ. އަދި އަތުގައި ހިފައިލީމެވެ. އަހަރެން ހުރީ ދާން ބޭނުން ނުވެފައެވެ. ” ދެން އަވަހަށްދޭ ! ، މާލެ ގޮއްސައި ދަރިފުޅުގެ ދަބަހުގެ ފަހަތު ވަތްގަނޑުގައި އޮތް ނޯޓު ކޮޅު ކިޔާލާތި ” އަހަރެން ނުގޮސް ހުރުމުން މަންމަ ބުނެލިއެވެ.
ބޯޓަށް އެރުމަށްޓަކައި އަހަރެންނަށް ނެގުނީ ބަރު ފިޔަވަޅު ތަކެކެވެ. މަންމަޔާއި ދުރަށް އަހަރެންނަށް ދެވުނީ އުނދަގުލުންނެވެ. ބޯޓަށް އަރައިގެން ދަނިކޮށް މީހެއްގެ ގައިގައި ޖެހިފައި ދަބަސް ވެއްޓެން ދިޔައެވެ. އަހަރެންނަށް ބަލައިލެވުނެވެ. އެއީ އަހަރެންގެ ބައްޕައެވެ. ބައްޕަ އަހަރެންނަށް ބަލައިލައިފައި އެނބުރި ދިޔައީއެވެ. ދުނިޔެ ހިނގަމުންދާ ޤާނޫނު ކިހައި ތަފާތުހެއްޔެވެ؟ ދަރިއަކާއި ވަކިވާވަގުތު މަޔަކު އެހުރެ ހިތާމަޔާއި މޮޅިވެރިކަމުން ހަލާކުވަނީއެވެ. އެހެންނަމަވެސް ބައްޕަ އެދިޔައީ ދަންނަ މީހަކަށް ހަދައިވެސްނުލައި ހިތަށް އެއްވެސް އެއްޗެއްވެސް ނާރާ ފަދަ ގޮތަކަށެވެ. މައިވަންތަކަމުގެ ކުލުނުގެ އަގު ޙަޤީގަތުގައިވެސް ކިހައި ބޮޑުހެއްޔެވެ؟
ބޯޓަށް އަރައި އަހަރެންނަށް ހަމަޖެހިފައިވާ ޖާގައިގައި ދަބަހާއި ދަތުރު މަތީގައި ބޭނުން ކުރުމަށް މަންމަ ދީފައިއޮތް ރަޖަޔާއި ބާލީސް ބާއްވައިލީމެވެ. އަދިވެސް އެއްފަހަރު މަންމަ ދެކިލުމަށް ހިތް ގޮވާވަރުން ނިކުމެ ބޯޓުގެ އެއްފަރާތުން ބޭރު ބަލައިލީމެވެ. އޭރު ބޯޓު ދަތުރު ފެށުމަށްޓަކައި ފާލަމާއި ދުރުކޮށް ނައްޓާލަނީއެވެ. މަންމަ ފެނުމާއެކު ބުނެދޭން ނޭނގޭ ރިހުމަކުން އަހަރެންގެ ހިތުގައި ރިހެލިއެވެ. މަންމަ އަހަރެންނަށް އަތުން ހަނަ އަޅާލިއެވެ. އަހަރެންވެސް މަންމަ އަށް ހަނަ އަޅާލީމެވެ.
މަންމާއެވެ! ތި މަންމަގެ މަތިން ފަހަރެއްގައިވެސް އަހަރެން ހަނދާން ނައްތާލާނީ ކިހިނަކުން ހެއްޔެވެ؟ މިދުނިޔޭގައި އަހަރެން ދިރިހުރުމުގެ އެންމެ ބޮޑު ބާރަކީ ތި މަންމައެވެ. މައެއްގެ ފުށުން ދަރިއަކަށް ލިބޭނެ އެންމެ ފުރިހަމަ ލޯތްބާއި އަޅައިލުމާއި ކުލުނު ތި މަންމަ ވަނީ މިއަދާއި ހަމައަށް އަހަރެންނަށް ދީފައެވެ. ހިތާއި ދެކޮޅަށްވެސް އަހަރެން މިދަނީ ތި މަންމަގެ ހުވަފެންތަކުގައި ކުލަ ޖައްސައިދީ ތި މަންމަ ފަޚުރުވެރިވާނެ ދަރިއަކަށް ވެވެން އޮތީ ހަމައެކަނި މިގޮތުން ކަމަށްވާތީއެވެ. މާތް ﷲ ގެ ރަޙުމަތުން އަހަރެން އެނބުރި އަންނާނީ ތިމަންމަ އެދޭކަހަލަ ފަޚުރުވެރި ދަރިއަކަށް ވެގެނެވެ.
ބޯޓު ފުރައިގެން ގޮސް މަންމަ ނުފެންނަހިސާބު ދުރަށް ދަންދެން އަހަރެން އެހުރި ތާންގައި ހުރީމެވެ. އެތެރެއަށް އައިސް ރަޖާއަޅައިލައި އޮށޯވެލީ އެއަށްފަހުއެވެ. އަދިވެސް އަހަރެންގެ މަންމަ އެތަނުން ނުދާނެކަން ޔަގީނެވެ. ބޯޓުގޮސް އޮބައިލިޔަސް މަންމަ އެތަނުގައި އެ ހުރިގޮތަށް ދެރަވެފައި ހުރެދާނެއެވެ. އަހަރެންނާއި ނުލައި މިރޭ އަދި މިއަށްފަހު އަހަރެން ނެތި ހޭދަވާ ކޮންމެ ރެޔަކާއި ކޮންމެ ދުވަހެއް މަންމަ އަސް ކިހައި އެކަނިވެރި ވާނެހެއްޔެވެ؟ އެހެނަސް އަހަރެންނަށްވެސް އަދި މަންމަ އަށްވެސް ކެތްކުރުން ނޫން ގޮތެއް ނެތެވެ. އަހަރެން އޮށޯވެލައިފައި ހަމަޖެހިލީމެވެ. ހަމަ އެވަގުތު ކުއްލިއަކަށް އަހަރެންގެ ހަނދާނަށް އައީ މަންމަ ބުނި ނޯޓުކޮޅެވެ. އަހަރެން އަވަސް އަވަހަށް ދަބަހުގެ ފަހަތު ވަތްގަނޑު ހުޅުވާލައި ނޯޓުކޮޅު ނެގީމެވެ. އަދި އެ ހުޅުވައިލީމެވެ.
“” މަންމަ ގެ ދެލޯ ނޭދި އެދޭ ދަރިފުޅު ޔޫސުފްއެވެ ! މިރޭ ތިޔަ ދަރިފުޅު މަންމަޔާއި ވަކިން ދުރަށް މި ފޮނުވަނީ އެއްވެސް ވަރަކަށް މަންމަ ބޭނުން ވެގެނެއް ނޫނެވެ. އެހެނަސް ދަރިފުޅު މީހަކަށް ހަދައި ބޭނުން ތެރި ދަރިއަކަށް ހެދުމުގެ ބޭނުމުގައެވެ. ދަރިފުޅާއެވެ. ދަރިފުޅާ ނުލައި ދުރުގައި މަންމަ ކޮންމެ ދުވަހެއް ވޭތުކުރާނީ މިހަށިގަނޑުގައި ފުރާނަޔާއި ނުލައެވެ. މި ފުރާނައިގެ ދިރުމާއި ނުލައެވެ. އުފާވެރިކަމާއި ހިތްހަމަޖެހުމާއި ދުރުގައެވެ. އެއީ މަންމަގެ ހަށިގަނޑުގެ ފުރާނަޔަކީ ތިއީ ކަމަށްވާތީއެވެ. އެ ފުރާނައިގެ ދިރުމަކީވެސް ތިއީ ކަމަށް ވާތީއެވެ. އަދި މިހިތަށް ލިބޭ އުފާވެރި ކަމަކީވެސް ތިއީ ކަމަށްވާތީއެވެ.
މި މަންމަގެ ލޮލުގެ ކޮއެ ފަދަ ދަރިފުޅާއެވެ! ދަރިފުޅު ތިދަނީ މުޅި ދިވެހި ރާއްޖޭގެ އެންމެ ކާރޫބާރޫ ބޮޑު ތޮށްޖެހިފައިވާ މާލެއަށެވެ. ދަރިފުޅާއި މިމަންމަގެ އުންމީދުތަކުގެ އަލިކަން ހޯދޭނެ ދަންމަރު ތިތަނުން ހޯދުމަށެވެ. އެކަމަކު ތި މާޙައުލަކީ ނުބައިކަންތަކުގެ ހާއްޔެއްކަންވެސް ދަރިފުޅު ދަންނަން ވާނެއެވެ. ތަފާތު އެކި މިޒާޖުގެ އެކި ކަހަލަ ރައްޓެހިންނާއި ދިމާވާނނެކަން، މިއަދާއި ހަމައަށް މާ ގާތް ރައްޓެއްސެއް ނެތް ތި ދަރިފުޅު ހަނދުމަ ބަހައްޓަންވަނެއެވެ. އެހެނީ އަމިއްލަ އެދުމެއް ނެތި ތިމާދެކެ ލޯބިވާނެ ހަމައެކަނި މީހަކީ މަންމަ ކަމުގައި ވިސްނާށެވެ. އެހެނަސް ހެޔޮއެދޭ ރަނގަޅު ރަޙުމަތްތެރިއަކު ލިބިއްޖެނަމަ އެއީ ނިޢުމަތެއްކަމުގައި ބަލާށެވެ.
ލޯބިވާ މަންމަގެ ފުރާނައާއެވެ! މިއަދާއި ހަމައަށް ރަޙުމަތްތެރިންނާއި ދުރުން މި މަންމަ ދަރިފުޅު ގެންގުޅުނީ އެއްވެސް ޙާލެއްގައި ތި ދަރިފުޅަށް ދެރައެއް އެދިގެނެއް ނޫނެވެ. ދަރިފުޅަކީ ބަލިކުއްޖެއްކަން ދަރުފުޅަށްވެސް އެނގޭ ޙާލު ދަރިފުޅަށް ދެރަގޮތެއް ލިބުމަށް ނޭދޭތީއެވެ. ދަރިފުޅާއެވެ! ދަރިފުޅު ތިއީ ދަތުރު ވެރިއެކެވެ. ހަމަ އެހެން ހުރިހާ އިންސާނުން ފަދައިންނެވެ. ތަފާތަކީ ދދިމާވާގޮތަކުން ދަތުރުގެ މެދުތެރެއިން މި ދަތުރު ނިންމާލަން ދަރިފުޅަށް ޖެހިދާނެކަމެވެ. ދަރިފުޅުގެ ހިތުގެ ކަނާތް ފަޅީގައި މަސައްކަތްކުރުން ދަށްވެފައިވާ ވޭލުގެ މަސައްކަތް ކުރުން ހުއްޓޭއިރަށް ދަރިފުޅުވެސް ހުއްޓުނީއެވެ. މަންމަގެ ދިރިއުޅުންވެސް ހުއްޓުނީއެވެ. ބަލިކުއްޖެއްކަން އެނގިހުރެ ދަރިފުޅަށް އެއީ ކޮން ބައްޔެއްކަން މަންމަ ސިއްރުކުރީ މުޖުތަމަޢު ތެރޭގައި ދަރިފުޅު ބާކީވެފައިވާ ކުއްޖަކަށް ވެދާނެކަމުގެ ބިރު މަންމަގެ ހިތުގައި މާބޮޑުވުމުންނެވެ. އަދި ދަރިފުޅު އަމިއްލަ ނަފުސު ދެކެ ފޫހިވެ ދިރި އުޅުމުގެ މިސްރާބު ދަރިފުޅަށް ގެއްލިދާނެތީއެވެ.
ލޯބިވާ ޔޫސުފްއެވެ! ބޭކާރު ކަންކަމާއި ވިސްނައި ފިކުރު ނުކުރާށެވެ. މަންމައަށް ކުޅަދާނަ ވީވަރަކުން ދަރިފުޅުގެ ހުރިހައިކަމެއް ފުރިހަމަ ކޮށްދޭނަމެވެ. ދަރިފުޅާއި ދުރުގައި ހުއްޓަސް މަންމަގެ ހެޔޮ ދުޢާ އަބަދުވެސް ދަރިފުޅަށް ލިބޭނެއެވެ. މިހާރު މިހުރިހާ ވާހަކަތަކަކީ ދަރިފުޅަށް އެނގެންޖެހޭ ވާހަކަތައް ކަމުން ކޮންމެހެން މި ނޯޓު ލިޔުމަށް މަންމަ ގަސްތު ކުރީއެވެ. – ދަރިފުޅުދެކެ ލޯބިވާ މަންމަ – “”
މާބޮޑަށްވެސް އަހަރެންނަށް ރޮވިއްޖެއެވެ. މިއިން ދުވަހަކު ހިތަށް ނުވަހާ ތަދުވެއްޖެއެވެ. އަހަރެންގެ މަންމަ އަހަރެންނަށްޓަކައި އެކުރަނީ ކިހާ އަގުމާތް ޖިހާދެއް ހެއްޔެވެ؟ ނޭފަތުން ފައިބާހެން ހީވެގެން ޓިޝޫއެއް ނަގައި ނޭފަތް ފޮހެލީމެވެ. އަދި އެ ޓިޝޫކޮޅު ބޭރަށް އެއްލައިލަން އުޅެނިކޮށް އޭގައި ހުރި ލޭ އަހަރެންނަށް ފެނުނެވެ.
– ނިމުނި –
ކެޓެގަރީ: ހިތާމަވެރި ކުރުވާހަކަ

1524

_raukko

0.0

އޭ ވާހަކަވެސް ލިޔަމުތަ؟؟ ހަމަ އެއް ވަނައިގެ މީހެއްތީ! މުސްތަގުބަލުގައި މިއައްވުރެ ރީތި ވާހަކަތައް ފެންނާނެ ކަމަށް އުއްމީދު ކުރަން!!

4

2 months ago

ޔޫސައު

އާން މިކަން ވެސް ވޭތޯ މިއުޅެނީ. ރައުއްކޮ މެން ލައިގެން ކިހިނެއް ގައުމު ހިންގަނީ. މިކަހަލަ ކަމެއް ކޮއްލަންވެސް ނުކެރޭ?

1

2 months ago

Zippe

0.0

Fun asaru thakeh kohfi. Bunan neygey kahala ihusaas thakeh ebahuri . Lolun karuna hilunu kiyaa nimmaali iru

4

2 months ago

އައިސްތު

0.0

ވަރަށް ރީތި ވާހަކައެއް
މުސްތަޤުބަލުގައި
ވަރަށްމޮޅު ވާހަކަލިޔުންތެރި އަކަށް ވާނެކަމަށް އުއްމީދު ކުރަން

5

2 months ago

Secret admirer

0.0

So heart touching story this one is. Looking forward to a new story just as amazing like this one. Ma sha allah ❤️

4

2 months ago

aaminaa

0.0

dhen anna baiga inthizaaruga

3

2 months ago

ކިޔުންތެރިންގެ ހިޔާލު ކެންސަލް
Your Rating



Source link

Leave a Reply

Related Articles