• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ވާހަކަ ⁄ ދެވަނަ ފުރުސަތު

ދެވަނަ ފުރުސަތު


221924

ހަވީރުގެ ހަލަބޮލި ވަގުތެވެ. އޮފީހުގެ ބިއްލޫރިގަނޑުން އެޅިފައި ހުރި އޮރެންޖް ކުލައިގެ އަލިން އިރުއޮއްސެމުންދާކަން ކިތަންމެ ރީއްޗަކަށްވެސް ހާމަވަމުންދިޔައެވެ. އެހެންނަމަވެސް އޭގެން އެއްވެސް ކަމަކަށް އަހަރެންގެ ފަރުވާލެއް ނެތެވެ. އަހަރެންގެ ވިސްނުން ހުރީ އޮފީހުން ނިކުތުމުގެ ކުރިން އާދިއްތަ ދުވަހަށް ނިންމާލަންޖެހޭ ކޮންޓްރެކްޓްތައް ލިޔެ ނިންމުމަށެވެ. ކޮމްޕިޔުޓަރުން ޓައިޕްކުރަން އިންދާ އެއިވުނީ މަޤްރިބް ނަމާދު ބަންގިގޮވި އަޑެވެ. ޗޮކެއް ކަނޑާލެވުނީ އަދިވެސް ނުނިމޭ ބައިތައް ހުރީމައެވެ. އެހެންނަމަވެސް ހެޔޮކޮށްލުމަށްފަހު ޑޮކިއުމެންޓް ސޭވްކޮށް އަހަރެން ގޮނޑިން ތެދުވީމެވެ.
އޮފީހުން ނިކުމެގެން އަހަރެން މިސްކިތާއި ދިމާލަށް ހިނގައިގަތީމެވެ. އޭރު ކުރިމަތީގައި ހުރި މިސްކިތުން ގަމަތްދޭ އަޑުއިވެމުންދިޔައީމެވެ. ހަމަޖެހިލާފައި އަހަރެން ގޮސް އެރީ މިސްކިތްކުރިމަތީގައި ހުރި ސައިކަލަށެވެ. ފަލާހު ލިބިގަތުމަށް އެދި ގޮވާލި ގޮވާލުމަށް ފުރަގަސްދިނުމަށްފަހުގައި އަހަރެން ސައިކަލު ދުއްވާލީމެވެ. ދުވަހުގެ ވަރުބަލިކަން ފިލުވާލުމަށްޓަކައި އެޕާޓުމެންޓަށެވެ.
ފެންވަރައިގެން ނުކުމެ ހަރުގައި ތުވާލި އަޅުވާލުމަށްފަހު އެނދުގައި ޖައްސާލީ ކޮފީއަށް ދިއުމުގެ ކުރިން ރެސްޓްކޮށްލުމުގެ ނިޔަތުގައެވެ. އެހެންނަމަވެސް ނިދުމަށްވުރެ އަހަރެންގެ ދެލޯ ހުރީ އަތުގައި އޮތް ފޯނަށް ޝައުގުވެރިވެފަ އެވެ. ވައިބާ އިން ފޭސްބުކްއަށް ފޭސްބުކް އިން އިންސްޓަގްރާމަށް ދުވެދުވެ އޮއްވާ އަހަރެންގެ ލޮލަށް ނިދި ސަވާރުވާން ފެށިއެވެ. މަޑުމަޑުން ދެ ލޯ މެރެމުންދިޔަ ވަގުތު ސިޓިންގރޫމްގައި ހުރި ޓީވީއިން އިޝާ ނަމާދުގެ ބަންގީގެ އަޑުވެސް އަހަރެންގެ ކަންފަތުގައި ގުގުމާލިއެވެ. އަވަހަށް އަނެއް ފަރާތަށް އެނބުރި ކަނބަޑުމަތިގައި ފޯނު ބޭއްވުމަށްފަހު އަނެއްކާވެސް އަހަރެން ގެނބުނީ ފުން ނިންޖެއްގެ ތެރެއަށެވެ.
އަހަރެން އޮތީ ކޮޓަރީގެ އެނދުގައެވެ. އެނދުގެ މަގަތުގައި މަންމަ އިނދެގެން ރޮމުން ދިޔައެވެ. ހާސްވެފައި ހުރި ބައްޕައާއި އެކު ވަދެގެން އައީ ހޮސްޕިޓަލްގެ ބައެކެވެ. އަހަރެން އުފުއްލާލައިގެން ސްޓްރެޗާއަށް ލީއިރުވެސް ވާގޮތެއް އަހަންނަކަށް ރޭކާއެއް ނުލިއެވެ. މަންމަ އަށް ގޮވަން އުޅެއުޅެ ދުލެއް ހަރަކާތެއް ނުކުރިއެވެ. އަތެއް ފައެއް ގުޑުވައެއް ނުލެވުނެވެ. އެމްބިއުލާންސްގެ ބާރު ދުވެލީގައި އޭޑީކޭ ހޮސްޕިޓަލަށް ގޮސް ވަނެވެ. ސްޓްރެޗާގައި އަހަރެން ބާއްވައިގެން ނަރުހުން އެމަޖެންސީ ރޫމަށް ދުވަމުން ދިޔައިރު ފަހަތުން މަންމަމެން ރޮމުން އަންނަ އަޑުއިވެއެވެ. ޑޮކްޓަރުން ބަލާނެ ގޮތަކަށް ބެލުމަށްފަހު އެންމެފަހުގެ ނިންމުން އިއްވިއެވެ. އަހަރެންގެ ދެލޮލުގެ މަތީގައި ފިރުމާލާ ދެލޯ ލައްޕާލި ހިނދު މަންމަ އާއި ބައްޕަގެ ބާރު ރުއިމުގެ އަޑުއިވިގެން ދިޔައެވެ. އަހަރެންގެ ޒަމީރުވެސް އެވަގުތު ބާރުބާރަށް ރޮއެގަތެވެ. އަހަރެންގެ ލޯ ހުޅުވަދޭށެވެ. އެހެންނަމަވެސް އަޑުއިއްވޭނެ ކަންފަތެއް ނެތެވެ.
ރީތި ފެނުން އަހަރެން ފެންވަރުވައި ހިނެވުނެވެ. ނޭފަތަށް ދެ ކަފަކޮޅުޖަހައި ދަތްދޮޅި އާއި އެކީ ބޯ އެއްސިއެވެ. ހަށަމަށް ދެއަތް އަރުވައި މޫނު ދައްކަން ނެރުނެވެ. ކޮންމެ މީހަކުވެސް އަހަރެންގެ މޫނު ބެލުމަށްފަހު ކަރުނަ އަޅާކަން އިވޭ އަޑުތަކުން އެނގެއެވެ. މަންމަގެ ރުއިމުގެ އަޑު ހުއްޓުމެއްނެތި އިވެމުން ދިޔައެވެ. ހުއްޓާލާށޭ ބުނަން ބޭނުންވިޔަސް ކުރެވޭނެ އެއް ކަމެއްވެސް ނެތެވެ.
މޫނުދެއްކުން ނިމި ސަންދޯކަށް އަހަރެންގެ ހަށިގަނޑު ލެވުނެވެ. އަމިއްލަ ދެ ފައިމަތީގައި ކޮޅަށް ހުރެ ނުވަދެވުނު މިސްކިތަށް މިއަދު އަހަރެން އެ ވައްދަނީ ސަންދޯކެއްގައެވެ. ޖަމާއަތުގެ ދިގު ސަފުތައް ކުރިމަތީގައި އަހަރެންގެ ސަންދޯއް ބަހައްޓާ ކަށު ނަމާދު ކުރަން ފެށުނެވެ.
ސިއްސައިގެން ގޮސް އަހަންނަށް ހޭލެވުނީ މަންމަ ގޮވާ އަޑަށެވެ. އެނދުގެ މަގަތުގައި މަންމައިނެވެ. އަހަރެން ހޭލުމުން ހީލުމަށްފަހު އެދުނީ ކާން ދިއުމަށެވެ. އެހެންނަމަވެސް އެ މަންމަގެ މޫނަށް އަހަންނަށް ބަލަން އޮވެވުނީ ހައިރާންވެފަ އެވެ. ފެނުނީ ހުވަފެނެއްކަން ޔަގީންވީ މަންމަ ކޮޓަރިން ނުކުމެ ދޮރުލައްޕާލުމުންނެވެ. ٱلْـحَـمْـدُ للهِ . އަހަރެން މިހުރީ ސަލާމަތުންނެވެ. އަހަންނަށް ނޭވާ ލެވެއެވެ. ވާހަކަ ދެއްކެއެވެ. ހިނގެއެވެ. ފެނުނު ހުވަފެނާއެކީ އަހަރެންގެ ނަފުސު ހޭލައްވާލިއެވެ. މާތްﷲ އެންގެވިމަގުން އެއްކިބާ ވަމުންދިޔަ އަހަރެންގެ ސިކުނޑިއަށް ހެޔޮ ވިސްނުން ލިބުނެވެ.
ވެފައިހުރި ބަނޑުހައިހޫނުކަމަށް ސަމާލުކަމެއް ދިނުމެއްނެތި އަހަރެން ވަނީ ފާހަނާއަށެވެ. ރަނގަޅަށް ހިނައިގަނެގެން އައިސް އަހަރެން ގެއިން ނިކުތީމެވެ. މިފަހަރުވެސް ސައިކަލު ޕާކުކުރީ މިސްކިތް ކުރިމަތީގައެވެ. އަދި ދުރަށް ހިނގައިގަތުމުގެ ބަދަލުގައ އަހަރެން މިސްކިތަށް ވަނީމެވެ. އިޝާ ނަމާދު ކުރުމަށްފަހު މަޤްރިބް ނަމާދުވެސް ޤަޞާ ކުރީމެވެ. އެތައް އިރެއްވަންދެން ތައުބާއަށް ދެއަތް ނަގައިގެން އިންއިރު އަހަރެންގެ ދެ ލޮލުން ފައިބަމުން ދިޔައީ ޝުކުރުވެރިކަމުގެ އުފާވެރިކަމުގެ ކަރުނައެވެ. ހެޔޮ ލަފާ އިންސާނަކަށް ވުމަށްޓަކައި އެންމެ ދީލަތިވަންތަ އިލާހު، މާތްﷲ ގެ ހަސްރަތުން ލިބުނު ދެވަނަ ފުރުސަތަށް ޓަކައެވެ.
ކެޓެގަރީ: ކުރުވާހަކަ

2219

I

0.0

❤️❤️❤️❤️❤️

1

2 months ago

Anonymous

0.0

???

2 months ago

Zozo

0.0

Varah reethi

1

3 months ago

Sރs8

0.0

V reeeythi.

3 months ago

Aisha

0.0

Varah rythi vahaka

1

3 months ago

Uranium_235

0.0

‘ޤަޞާ’ އެއް ނޫން ‘ޤަޟާ’ ދެއްތޯ؟ މަޤްރިބް އެއް ނޫން މަޣްރިބް… ވާހަކަ ވަރަށް ރީތި…

9

3 months ago

ކިޔުންތެރިންގެ ހިޔާލު ކެންސަލް
Your Rating



Source link

Leave a Reply

Related Articles