• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ވާހަކަ ⁄ ހިތޭދޭ މީ ފުރޭ ލޯބިން

ހިތޭދޭ މީ ފުރޭ ލޯބިން


މާލޭގެ މަތިން ބަލައިލާއިރު ފެންނަނީ ބޯކޮށް ހެދިފައިވާ ގަސްތަކެވެ. މޭވާ ގަހެވެ. ލަކުޑީގެ އާރު ހެޔޮ، ބިޔަ ގަސްތަކާއި، މާއަޅާ ބަރާވެފައިވާ ބޮޑެތި ގަސްތަކެވެ. އެހެންނަމަވެސް ފިސާރި ސާބިތުކަމާ އެކުގައި މަގުހޯދަމުން އުދުހެމުންއައި ކާޅު ތިރިކޮށްލީ، އާންމުކޮށް އެސޮރު ތިރިކުރާ ބޮޑު މިދިލިގަހަށެވެ. ގަހުގެ ގޮފިގަނޑުގައި ރަނގަޅަށް ތުންފުހެލައި ހަމަޖެހިލިއެވެ. ފެންނަންއޮތީ ސަރާސަރު ބޮޑު މަގެކެވެ. މަގުގެ ދެފަރާތުގައި ހުރި ގެތަކުގައި ހެދިފައިވާ ގަސްތަކުން މަތިއޮތީ ބެދިފައެވެ. ބަނބުކެޔޮގަހާއި އަތަގަހެވެ. ސަންފާކޭލާއި ބޮންތިރަތްކޭލެވެ. މާޅޮސްކޭލާއި ފުސްކޭލެވެ. އަނބާއި ބިލެތެވެ. ޖަންބާއި ޖަނބުރޯލެވެ. ފަޅޮލާއި ފޭރެވެ. ފުރަތަމަ ކާން ފަށަންވީ ކޯޗެއްކަން ނޭނގިފައި އިންދައި ކުއްލިއަކަށް ތޫލި އަޑެއް އިވިގެން އެ ދިމާއަށް ކާޅު ބަލައިލިއެވެ. ހަމީދާއި ޒާހިދު ވަރަށް ކުޅަދާނަކަމާއި ހުސިޔާރުކަމާ އެކުގައި ބަންދު ދުއްވަމުން އާދެއެވެ. ބަންދަކީ ދަގަނޑު ފުރޮޅެކެވެ. ބައެއްފަހަރު ބައިސްކަލު ފުރޮޅުގެ ބުރެވެ. އަނެއްބައި ފަހަރު ތާނގީގެ މަތިގަނޑުގެ މެދު ކަފާލުމަށް ފަހު އަރިމަތީގައި އޮންނަ ދަގަނޑު ބުރެވެ. ހަމީދު ބަންދު ދުއްވީ ބަންދުގައި ދަގަނޑުކޮޅަކުން ތަޅަމުންނެވެ. ޒާހިދު ހުރީ ދަގަނޑުކޮޅު ބަންދުގައި ޖައްސާލައިގެންނެވެ. ހަމީދުގެ ގެއާ ހަމައަށް އައިސްފައި އޭނަ ގެއަށް ވަނެވެ. އެ ހިސާބުން ޒާހިދު ބަންދު އަތަށް ނެގިއެވެ. ޒާހިދުގެ ގެއާ އެހާ ދުރަށް ޒާހިދު އައީ ހަމީދު ގެއަށް ލާން އެކަންޏެއް ނޫނެވެ. އުމުރުން ނަވާރަ އަހަރުގެ ޒާހިދުގެ އަމާޒަކީ ހަސީނާއެވެ. ހަސީނާ ގޭގެ ތިރި ފާރުބުރި ކައިރިއަށް އައިސް، އެކި ގޮތްގޮތަށް އަރިވެގެން ޒާހިދު މަސައްކަތްކުރީ ހަސީނާ ދެކިލާށެވެ. ކޮންމެ ދުވަހަކު އެކި ބަހަނާ ހިފައިގެން ހަސީނާގެ ގޭދޮށަށް އައުމަކީ ޒާހިދު ކޮށް ފޫހިނުވި ކަމެކެވެ. އެކަމަކު ހަސީނާގެ ސަމާލުކަމެއް ނުލިބުނެވެ.

ހަސީނާގެ ގެ ހުންނަނީ މާލޭގެ އިރުމަތީފަރާތުގައެވެ. ހެންވޭރު އަތިރިމައްޗާ ދިމާގައެވެ. ޒާހިދުގެ ގެ ހުންނަނީ ގަލޮޅާއި ހެންވޭރު ގުޅޭ ހިސާބުގައެވެ. ދުވަސްވަރަކީ މާލޭގައި ސައިކަލާއި ބައިސްކަލު ވަރަށް މަދު ދުވަސްވަރެކެވެ. މުޅިއެކު އޮންނަނީ ތިން ކާރެވެ. މަޖީދީ މަގުގެ އެއްކޮޅުގައި ހުއްޓިލައިގެން ހުންނައިރު މަޖީދީ މަގުން ކާރެއް ހުރަސްކޮށްލާ މަންޒަރު ފެންނާނީ ނަސީބުވެރިޔަކަށެވެ. ކޮންމެ ގެއެއްގައި ބަގީޗާއެއް އޮވެއެވެ. ފިނިފެންމަލާއި، ގުލޭނޫރަންމަލާއި، ކުދިމަލާއި، ހުސްނުހީނާމާ ބަރާވެފައި އޮވެއެވެ. ގުލްސަންޕާމަލާއި، ކަނީރުމަލާއި، ޖަވާހިރުމަލާއި، ހުވަނދުމާ ވެސް ވަރަށް ގިނައެވެ. ފަތިހު މަގުމައްޗަށް ނުކުންނައިރު މުޅި މަގަށް ފެތުރިފައިއޮންނަނީ ހީނާމަލާއި އުނިމާ ވަހެވެ. އެކަމަކު ޒާހިދު ފަތިސްނަމާދުކޮށްގެން ނުކުންނަނީ އެ ވަހަށް ޓަކައެއް ނޫނެވެ. ގޭދޮރުމަތި ކުނިކަހަން އޮންނަ ހަސީނާ ދެކިލުމަށް ޓަކައެވެ. ވަކި ވަރަކަށް ޒާހިދު ކައިރިވަންދެން ހަސީނާ ނުދެނަހުރިކަމަށް ހަދައިގެން އޮވެއެވެ. އެހެން އޮވެފައި ދުވެގޮސް ފިލަނީއެވެ.

ހަސީނާގެ ގޭގައި ހުންނަ އަނބުގަހުގައި ވާ ދިގު އުނދޯއްޔެއް ހުރެއެވެ. ހަވީރު ވަގުތު ވަރަށް ގިނައިން ހަސީނާ އުނދޯލިހެއްލަން އިނދެއެވެ. ގިފިލި ހުންނަނީ އަނބުގަހުގެ ބިއްދޮށުގައެވެ. ގިފިލީގައި އަލަޔާއި، ދަނޑިއަލުތްވާއި، ބަރަބޮލާއި، ޗިޗަންޑާ ހައްދާފައި އޮވެއެވެ. ހަވީރުދަޅައަށް ޒާހިދު އަންނަނީ އެއިން ކޮންމެވެސް އެއްޗެއް ބަލައެވެ. އެ ޒަމާނަކީ އެ ފަދަ އެއްޗެހި ވިއްކާ ޒަމާނެއް ނޫނެވެ. މަންމަ ބުނިކަމަށް ހަދައިފައި ކޮންމެވެސް އެއްޗެއް ބަލާ ޒާހިދު ނާންނަ ދުވަހެއް ނުދެއެވެ. ކޮންމެ ފަހަރަކު ވެސް ހަސީނާގެ މަންމައަށް ގޮވައިފައި ހަސީނާ ގޭތެރެއަށް ވަދެ ފިލަނީއެވެ. ހަސީނާޔާ އަނގައިން ބުނެލަން ޒާހިދަށް ފުރުސަތެއް ތަނަވަސްވީ، އެގެއަށް ވަންތަނާ ވިއްސާރައިގައި ޖެހުނު ދުވަހުއެވެ. ހަސީނާގެ ގޭގައި ވެސް ބޮޑުއަށްޓަކާއި ކުޑައަށްޓެއް ހުރެއެވެ. ދިމާ އެނދަކާއި އުތުރު އެނދެއް ވެސް ހުރެއެވެ. ފެންޑާގައި ހުރި ބޮނޑު އުނދޯލީގައި އޮތީ ބޯކަށިކެޔޮފަތު ކުނަލެކެވެ. އޭގެ މަތީގައި ފުށްކަފަ ބާލީހަކާއި ކަންނޭލެއް އޮތެވެ. ހަސީނާ އޮތީ ކަންނޭލުގައި އަތްއަޅާލައިގެން ފޮތެއް ހިފައިގެންނެވެ. އެތަކެއް ދުވަހަކަށް ފަހު ޒާހިދަށް ލިބުނު ރަނުގެ ފުރުސަތު ބޭކާރުކޮށްލާކަށް ޒާހިދު ބޭނުމެއްނުވިއެވެ. ކުރިޔަށް ދެ ފިޔަވަޅު ފަހަތަށް ފިޔަވަޅެއް އަޅަމުން ގޮސް އުނދޯލި ކައިރިއަށް ޒާހިދު ހުއްޓުނެވެ. ސަލާން ގޮވައިލިއެވެ. ހަސީނާ ސަލާން ބަލައިގަތެވެ. އެ ހިސާބުން ދުވެފައި ގޮސް އެތެރެގޭތެރޭގެ ދޮރުފޮތިގަނޑު ބިއްދޮށަށް ވަންގޮތަކަށް ދެން ނުނިކުތެވެ. އޭގެ ފަހުން ޒާހިދު ފެންނައިރަށް ހަސީނާ ގަންނަނީ އަމަށަކު ލަދެއް ނޫނެވެ. ލަދުގަންނަނީ ކީއްވެގެންތޯ އަހަން ވެސް ޒާހިދަކަށް ދަނޑިވަޅެއް ނުލިބުނެވެ.

ޒާހިދު ނިސްބަތްވަނީ އަތްމަތި ވަރަށް ތަނަވަސް އާއިލާއަކަށެވެ. ހަސީނާއަކީ ދިމާ އިދިކޮޅެވެ. އެ ފަދަ ފުރުސަތެއް ލިބިއްޖެ ނަމަ މުއްސަނދިމީހާޔާ އަންހެންދަރިފުޅު ދެވުމަކީ އާންމުކަމެކެވެ. ހަސީނާ ދެކެ ޒާހިދު ލޯބިވާކަން ޒާހިދުގެ އާއިލާއަށް އެނގުމުން، އެ މީހުން ވެސް އެ ކައިވެންޏާ މެދު ރުހުނެވެ. އެހެނަސް ހަސީނާގެ ބައްޕަ ބޭނުންވަނީ ހަސީނާއަށް ދޫކޮށްލާށެވެ. ހަސީނާ ބޭނުންވަނީ ކިޔަވާށެވެ. ޒާހިދުގެ ހުވަފެނުގައި ކުލަނުޖެހިގެން އުޅޭ ސަބަބަކީ އެއީއެވެ.

އެއްދުވަހަކު މަގުމަތިން ހަސީނާ ފެނިގެން ޒާހިދު ގޮސް ކުރިބެއްދިއެވެ. އެއީ ކެތްތެރިކަން ކޮޅުންލައިގެން ގޮސް ޒާހިދަށް ކުރެވުނުކަމެކެވެ.

“މިއަދު ދެވޭނީ ޖަވާބެއްދީފަ!” ޒާހިދު ބުންޏެވެ. “އާދޭސްކުރެވޭނީ ވަކި ވަރަކަށް.”

ޒާހިދު ހީކުރީ ޒާހިދަށް ކުރެވުނީ މޮޅުކަމެއްކަމަށެވެ.

“ހަސީނާ ބޭނުމެއް ނޫންތަ އަހަރެން އުނދަގޫކުރުން ހުއްޓާލާކަށް؟” ޒާހިދު އެހިއެވެ. “ޖަވާބު ލިބެންދެން އަހަރެން ސުވާލުކުރާނަން. އަހަންނާ އިނދެފާނަންތަ؟”

“ނީންނާނަން!” ހަސީނާ ދިމާއަށް ބުންޏެވެ.

ހަސީނާ އެ ފަދަ ޖަވާބެއް އެހާ ކުއްލިގޮތަކަށް ދީފާނެކަމަކަށް ޒާހިދު ހިޔެއްނުކުރެއެވެ. އެހެންކަމުން ޒާހިދަށް ވަރަށް ބޮޑު ސިހުމެއް ލިބުނެވެ. ޒާހިދު ދުލެއްނުކުރިއެވެ. ގޭދޮށުން މުގޯލިއަޅައި، ހަސީނާ ދާހާ ތާކަށް ފާރަލަމުން ދާން ފެށިއެވެ. ޒާހިދުގެ މުޅި އާއިލާއަށް މިކަން އެނގުނެވެ. ހަސީނާ އިންކާރުކުރިކަމާއި ޒާހިދު އުނދަގޫކުރާކަން ވެސް އެނގުނެވެ. ނަސޭހަތްދީގެން ޒާހިދުގެ ވިސްނުން ބަދަލުކުރަން އެ މީހުން މަސައްކަތްކުރިއެވެ. ޒާހިދުގެ ނިންމުމަށް ކުޑަ ނަމަވެސް ބަދަލެއް ނައެވެ. ދިރިއުޅުމުގެ ހުރިހާ ކަމެއް ހުއްޓައިފައި ޒާހިދުގެ ކަމަކީ ހަސީނާގެ ލޯބި ހާސިލުކުރަން މަސައްކަތްކުރުމެވެ. އެ ކަމާ ހަސީނާގެ މައިންބަފައިންނަށް އުނދަގޫވެގެން ހަސީނާ މާލޭގެ ހުޅަނގުކޮޅަށް ފޮނުވައިލިއެވެ. އެއީ މާފަންނެވެ. މާލޭގައި ބައިސްކަލު ވެސް މަދުން ގެންގުޅުނު ޒަމާނެއްގައި، މާލޭގެ އެއްކޮޅުން އަނެއްކޮޅަށް ދިޔުމަކީ ފަސޭހަކަމެއް ނޫނެވެ. މައްޗަންގޮޅީގައި އުޅޭ މީހަކު ލޮނުޒިޔާރަތްކޮޅަށް ދިޔުމަކީ މިހާރުގެ ނަމަ މާލެއިން ހުޅުމާލެއަށް ހިނގާފައި ދިޔުން ކަހަލަ ކަމެކެވެ. އެހާ ވެސް ވަގުތު ނަގާ ކަމެކެވެ. އެ ދުވަސްވަރު ޒުވާން އަންހެންކުދިން ފޮރުވުމަށް ޓަކައި ގާތްތިމާގެ، ދުރުގައި ހުންނަ ގެޔަކަށް ފޮނުވައިލުމަކީ އާންމުކަމެކެވެ.

އެތައް ދުވަހެއް ވަންދެން ހަސީނާ “ގެއްލުވައިލައިގެން” ގެންގުޅެވުނެވެ. އަނެއްކާ ވެސް ހަސީނާ ހުރިތަން ޒާހިދު ހޯދިއެވެ. އަނެއްކާ ވެސް ހަސީނާގެ ބޯކޮޅުބަލަމުން ހިނގަންފެށިއެވެ. ދާހާ ތަނަކަށް ދާން ފެށިއެވެ. ޒާހިދު ބުނެއެވެ. ހަސީނާއަކީ ޒާހިދުގެ ހިތުގެ އެއް ފަޅިއެވެ. ފުރިހަމަ އިންސާނަކަށް ޒާހިދު ވާނީ ހަސީނާ ލިބުނީމައެވެ. އަދިވެސް ބުނެއެވެ. ހަށިގަނޑެއްގައި ނަމަ ހަސީނާއަކީ ހިތެވެ. ޒާހިދަކީ އެ ހަށިގަނޑުގެ ސިކުނޑިއެވެ. ދެން ވެސް ހަސީނާގެ ހިތެއް ޒާހިދަކަށް ފަތަހައެއް ނުކުރެވުނެވެ. އިންނަން ހަސީނާ އެއްބަހެއް ނުކުރެވުނެވެ. ހަސީނާ ދެކޭގޮތުގައި ހަސީނާ ގަޔާވާ ކަހަލަ ސިފައެއް ޒާހިދުގެ ނެތެވެ.

ޒާހިދު އެކުވެރިންގެ އެހީ ހޯދިއެވެ. އެކި ގޮތްގޮތުން ހަސީނާއަށް ވިސްނައިދިނެވެ. ކާމިޔާބެއް ނުވިއެވެ. ޒާހިދު ނަދުރު ބުންޏެވެ. ރޯދަހިފިއެވެ. ޒިޔާރަތަށް ލާރިއެޅިއެވެ. ކާމިޔާބެއް ނުވިއެވެ. ލައްކަ މަސައްކަތް ކުރުމަށް ފަހު ޒާހިދު ދެން އިހުތިޔާރުކުރީ އަނދިރި ގޯޅިއެކެވެ. އަޑިގުޑަން ގިނަ، ނާމާން ގޯޅިއެކެވެ. މުފީދު އުޅެނީ އެ ގޯޅީގަ ހުންނަ ގެއެއްގައެވެ. މުފީދަކީ ފަންޑިތަހަދާ މީހެކެވެ. މުފީދަކީ މާލެއަށް އެކަނި މަޝްހޫރު މީހެއް ނޫނެވެ. މުޅި ރާއްޖޭގައި ވެސް މުފީދަކީ ދިވެހިންގެ ދުލަށް ފަރިތަ، ކަމަށް މޮޅު ކަންވެރިއެކެވެ.

ރުހުމުގައި ނުލިބުނިއްޔާ ނުރުހުމުގައި ވެސް ޒާހިދު ބޭނުންވީ ހަމަ ހަސީނާއެވެ. ހަސީނާގެ ޖާދުލުގައި ޒާހިދު ހައްޔަރުވެފައިވަނީ އެއިން ސަލާމަތްވާން ޒާހިދު ބޭނުންނުވާ ވަރަަށެވެ. ހަސީނާގެ ރާޅުބާނި އިސްތަށިގަނޑުން ކަސްތަޅުއެޅި ނިމިދާން ވެސް ޒާހިދު ހުރީ ތައްޔާރަށެވެ. ފަންޑިތަހަދައިދޭން މުފީދު އެއްބަސްވިއެވެ. ރަނގަޅު އުޖޫރައެއް އަތުލާފައި، މުޖައްރިބުކަމުގެ ސިއްކަޖަހައިފައި މުފީދު ދިނީ ފެންފުޅިއެކެވެ.

“ގެންގޮސް ފެންވަރާ ވަޅަށް އަޅާލާ!” މުފީދުގެ އަޑުގައި ވަަނީ ޔަގީންކަމެވެ. “އޭރުން ހަސީނާއަށް އަބަދުވެސް ފެންނާނީ ކަލޭ. ހުވަފެނުގަ ވެސް ކަލޭ، ފެންވަރާއިރު ވެސް ކަލޭ، މަގުހިނގާއިރު ވެސް ކަލޭ، ރެޔާދުވާލު ވެސް ކަލޭ. އެންމެފަހުން އޭނަ ޖެހޭނީ ކަލޭ ގާތަށް އަންނަން. އޭނަ އިންނަން އަހާނީ ވެސް.”

ކަންވެރިޔާ ހިތުން ކަންވެރިޔާ މާނަކުރީ ހަސީނާ ފެންވަރާ ވަޅުކަން ޒާހިދަށް އެނގޭނެއެވެ. އެ ވަރުގެ ހޭލުންތެރިކަމެއް ޒާހިދުގެ ހުންނާނެއެވެ. ޒާހިދު ފެންފުޅި ގެންގޮސް އޮއްސާލީ ޒާހިދު ގޭގައި ހުރި ވަޅަށެވެ. އެ ކުޑަކުޑަ ކުށުގެ ނަތީޖާ ކިހާ ހިތިވާނެކަމެއް ޒާހިދަކަށް ނުވިސްނެއެވެ. ރަނގަޅަށް ފެންވަރާލައިގެން ނުކުމެގެން ގޮސް ކޮޓަރިއަށް ވަންއިރު ޒާހިދަށް ހީވީ އެނދުމަތީގައި ހަސީނާ އިންހެނެވެ. ރަނގަޅަށް ބަލައިލިއިރު ހަސީނާއެއް ނެތެވެ. އެ ހިސާބުން ނިމުނީކީ ނޫނެވެ. އެއީ ފެށުމެވެ.

ޒާހިދަށް ހަސީނާ ނޫން މީހަކު ނުފެންނަން ފެށިއެެވެ. ފެންވަރާއިރު ވެސް، ކިޔަވަންއިންނައިރު ވެސް، ނިދީގައި ވެސް ހަސީނާއެވެ. މިސްކިތުގައި ބަންގިގޮވަނީ ވެސް ހަސީނާއެވެ. ހުތުބާކިޔަނީ ވެސް ހަސީނާއެވެ. އެހެން ނުވާނެކަން ޒާހިދަށް އެނގެއެވެ. އެހާ ހޭވެރިކަން ހުއްޓެވެ. އެހެނަސް ލޮލަށް ފެންނަނީ ހަސީނާއެވެ. ނަތީޖާއަކަށްވީ އަސްލު ހަސީނާ ފެނުނަސް އެއީ އަސްލުކަން ވެސް ޒާހިދަށް ނޭނގުމެވެ. ޒާހިދުގެ ސިކުނޑި ސުމަކަށްދިޔައެވެ. މުފީދު ބުނި ގޮތަށް އަކުރުންއަކުރަށް ހުރިހާ ކަމެއް ކުރީމައި، އެހެން ގޮތަކަށް ކަންތައްވަނީ ކީއްވެގެން ހެއްޔެވެ؟

މާލެ ފުރެންދެން ހަސީނާ ފެންނަން ފެށުމުން ދެން ނުވެ ނުދާނެ ގޮތް ވެސް ޒާހިދަށް ވިއެވެ. ނުދަންނަ މީހުންނަށް ހިނިތުންވުމާއި، ފިރިހެނުންނާ ދިމާއަށް އަންހެން ނަމަކުން ގޮވައިގެން ވާހަކަދެއްކެން ފެށިއެވެ.

ނުނިމޭ



Source link

Leave a Reply

Related Articles