• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ވާހަކަ ⁄ ހިތޭދޭ މީ ފުރޭ ލޯބިން

ހިތޭދޭ މީ ފުރޭ ލޯބިން


ބުދަ ދުވަހާ ގުޅޭ

ނުދަންނަ މީހުންނަށް ހިނިތުންވުމާއި، ފިރިހެނުންނާ ދިމާއަށް އަންހެން ނަމަކުން ގޮވައިގެން ވާހަކަދެއްކުމާއި، އާއިލާގެ އަންހެންކުދިންނާ ދިމާއަށް ބުނަން ނުވާ އެއްޗެހި ބުނެވެން ފެށިއެވެ. އެ ކުދިންގެ އަތުގައި ހިފުމާއި، ގައިގައި ފިރުމުން ގިނަވާން ފެށިއެވެ. މީހުންނަށް ހީވީ ހަސީނާ ނުލިބިގެން ޒާހިދުގެ ބުއްދިއަށް އަސަރަކުރަން ފެށީކަމަށެވެ. ފަންޑިތަހެދިކަމާއި އެއިން ޒާހިދަށް ބޮނޑިއެއްލިބުނުކަމެއް އެކަކަށް ވެސް ނޭނގެއެވެ. އެންމެ ފަހުން ޒާހިދު ބެލެހެއްޓުމަށް ކުޅަދާނަ ނުވެގެން ޒާހިދުގެ މައިންބަފައިން ގޮސް ހަސީނާގެ މައިންބަފައިންނާ ބައްދަލުކުރިއެވެ. އާދޭސްކުރިއެވެ.

“އަހަރުމެންގެ ދަރިފުޅެއްވާ ނެތް. ހެޔޮނުވާނެ ހަސީނާޔާ ކައިވެނިކޮށްދީ،” ޒާހިދުގެ ބައްޕަ އެދުނެވެ. “އާދޭސްކުރަން.”

ޒާހިދާ އިންނާކަށް ހަސީނާ އެއްބަހެއްނުކުރެވުނެވެ. އެކަމަކު މައިންބަފައިންގެ ހަރުކަށިކަން އިސްކޮށްގެން ޒާހިދާއި ހަސީނާ ދެވިއެވެ. އެ ހިސާބުން އެންމެންގެ މޫނުން ޒާހިދަށް ހަސީނާ ފެނުން ހުއްޓުނެވެ. ކޮންމެ ގޮތަކަށް ކަންތައް ވިޔަސް، ކަންވެރިޔާ ބުނި ގޮތަށް ޒާހިދަށް ހަސީނާ ލިބުނެވެ. އެ ކައިވެންޏަށް ހަތަރު ދަރިން ލިބުނެވެ. އެކަމަކު ޒާހިދުގެ މިޒާޖުގައި ހުރި ސޭކުކަމެއް ނުފިލިއެވެ. ދޭތެރެއަކުން ހަމަނުޖެހޭ ވާހަކަދައްކައެވެ. އެކަނި އިނދެ ހެއެވެ. މީހަކު ނެތް ދިމާއަކަށް އެނބުރިގެން މީހަކާ ވާހަކަދައްކާހެން ވާހަކަދައްކައެވެ. ބައެއް ފަހަރު ވަރަށް ރުޅިގަދަވެއެވެ. އެއްޗެހި އުކައެވެ. ހާއްސަކޮށް ހަނދުބޮޑުވާ މޫސުމުގައި މިކަމެއް ވަރަށް ބޮޑުވެއެވެ. ކޮންމެ މަހެއްގައި ވެސް ސާދަ، ފަނަރައިގައި ޒާހިދުގެ އާއިލާގެ އެންމެން ވެސް ތިބެނީ ދުރާލާ ތައްޔާރުވެގެންނެވެ. ތޫނު އެއްޗެހި ފޮރުވަންޖެހެއެވެ. ރޭގަނޑުވުމުން އަނބިދަރިންނާ ޒާހިދު ދުރުކުރެއެވެ. އޭރު ވެސް އެއީ ފަންޑިތައެއްގެ ސަބަބުން ޒާހިދަށް ދިމާވެގެންއުޅޭ ކަމެއްކަން އެނގޭ މީހަކު ނެތެވެ. އެހެންނަމަވެސް ޒާހިދު ރަނގަޅުވޭތޯ އާއިލާގެ މީހުން އަނެއްކާ ވެސް ދިޔައީ މުފީދު ގާތަށެވެ. ވީ ގޮތް އެނގުނީ މުފީދު ބެލި ގޮތަކަށް ބެލުމުގެ ތެރޭގައެވެ.

މުފީދު ހަގީގަތް ސިއްރުކުރިއެވެ. ލިބިދާނެ ބަދުނާމަކުން ސަލާމަތްވުމަށް ޓަކައެވެ. ލިބިފައިވާ ރީތި ނަމާއި، ލިބެމުންއަންނަން އާމްދަނީޔާ، މަޝްހޫރުކަމުގައި ލައްގަނޑެއް ޖެހުނަ ނުދިނުމަށް ޓަކައެވެ. ވީގޮތް ކިޔައިނުދީ މުފީދު އަނެއްކާ ވެސް ހެދީ ފަންޑިތައެވެ. އެއަކުން ޒާހިދަކަށް މާބޮޑު ބަދަލެއްނައެވެ. ރުޅި މައިތިރިކުރެވުނެވެ. މޮޔަ ވާހަކަދެއްކުން ރަނގަޅެއް ނުވިއެވެ. ދޭތެރެއަކުން ޒާހިދަކީ ރާޖޭޝްކަންނާގެ އެކުވެރިއެކެވެ. ނުވަތަ ރާނީގެ ފިރިމީހާއެވެ. ބައެއްފަހަރު ގައުމުގެ ރައީސަށް ވެސް ޒާހިދުވެއެވެ. ރައީސަށް ވެގެން ހުންނައިރު ފެންނަ ކޮންމެ މީހަކަށް ޒާހިދު ކުރަނީ އަމުރެވެ. އަމުރަށް ތަބާނުވެއްޖެ ނަމަ ފަހައިގަނެއެވެ. އަތުޖެހުނަސް އަނިޔާއެއް ނުކުރެއެވެ. ނަސޭހަތްދީފައި ދޫކޮށްލަނީއެވެ. މިފަދަ އެތައް ކަމެއްގެ ސަބަބުން ޒާހިދު ގެންގުޅުމަށް އާއިލާ ވަނީ ނުކުޅެދިފައެވެ. އެހެންނަމަވެސް އާއިލާއިން ޒާހިދު ބެލެހެއްޓިއެވެ. ހިތާމައިގެ މައްޗަށް ހިތާމަ ލިބުނީ ހަސީނާއަށެވެ.

ހަސީނާގެ ނަޒަރުގައި ހަސީނާގެ ދިރިއުޅުން ހަލާކުކޮށްލީ ޒާހިދެވެ. ލޯބި ނުލިބުނުތާނގައި އުފާވެރި ދިރިއުޅުމެއް ވެސް ހަސީނާއަކަށް ނުލިބުނެވެ. ކިޔެވުމުގެ ފުރުސަތު ގެއްލުނީއެވެ. އަހަރު ދެކޮޅުގައި ވިހަންޖެހުނެވެ. ހަސީނާއަށް ވުރެ އަތްމަތި ތަނަވަހީ ޒާހިދުގެއެވެ. އެހެނަސް ކުދިންނަށް ހަރަދު ނުކުރިތާނގައި ބައްޕައެއްގެ ފަރާތުން ލިބެންވާ ތަރުބިއްޔަތެއް ވެސް ނުމެ ލިބުނުމެއެވެ. ހަސީނާއަށް ކުރެވުނު މަސައްކަތެއް ކޮށްގެން، ލިބުނު އެއްޗަކުން ދަރިން ބެލުނު ގޮތަކަށް ބެލީއެވެ. ޒާހިދާ ބެހޭގޮތުން ހަސީނާގެ ހިތް ފުރިފައިވަނީ ޝަކުވާއިންނެވެ. ލޯބީގެ އަސުރުމާ އޮށެއްގެ މިންވަރު ވެސް ހަސީނާގެ ހިތަކު ނެތެވެ. އެންމެ ފަހުން ކެތްނުވެގެން ހަސީނާ ވަރިވީއެވެ. ފެށުނީއްސުރެ ހަސީނާ ލޯބިނުވި މީހާ ދެކެ، ހަތަރު ދަރިން ލިބުނީމަ ވެސް ލޯތްބެއް ނުވެވުނެވެ.

މާލޭގެ މަގުތަކުގައި ތަޅުންއެޅިއެވެ. މަގުތަކުގައި ގާއެތުރިއެވެ. މޯބައިލް ފޯނު ތައާރަފުވިއެވެ. އާޓިފިޝަލް ބީޗް ހެދިއެވެ. ޒާހިދަށް ފަންޑިތަހަދައިދިން މުފީދު ނިޔާވިއެވެ. ރަސްފަންނު ހަދައި، ހުޅުމާލެއާއި މާލެ ދާލަމަކުން ގުޅައިލިއެވެ. ދެން ވެސް ޒާހިދަކީ ހަމަ ޒާހިދެވެ. ބައެއްފަހަރު ޖޭމްސްބޮންޑުގެ ކޮއްކޮއެވެ. އަނެއްބައި ފަހަރު ޓްރަންޕްގެ ދަރިފުޅެވެ. އޭރު އިތުރު ތިން މީހުންނާ ޒާހިދު ކައިވެނިކޮށް އެ މީހުން ވެސް ވަރިކޮށްފިއެވެ. ހަތަރު ބަނޑަށް ޒާހިދަށް ނުވަ ކުދިން ލިބުނެވެ. ޒާހިދު މުޅީން ވެސް ކައިވެނިކުރީ މާލޭ މީހުންނާއެވެ. އެއިން އެކަކީ ވެސް އަތްމަތި ތަނަވަސް މީހެއް ނޫނެވެ. ހުރިހާ އެންމެންގެ ދަރީން ވެސް ކުރިމަތިލާން ޖެހުނީ ހަސީނާގެ ކުދިންނާ ކުރިމަތިލާންޖެހުނު ދަތުރެވެ. ދަރިންނަށް ހަރަދުކޮށް ތަރުބިއްޔަތުދިނީ މަންމައެވެ. ޒާހިދަކީ ނެތް މީހެކެވެ. އެކަމަކު ނުވަ ކުދިން އެކަކުއަނެކަކާ ގާތްކަން ބާއްވާ، އެކުވެރިކަން ބޭއްވިއެވެ. ހުރިހާ ކުދިން އުޅޭ ވައިބަރު ގުރޫޕެއް އޮވެއެވެ. ބައްޕަގެ ހާލު އަބަދުވެސް އެންމެނަށް އެނގެއެވެ.

ޒާހިދު އިތުރަށް ގޯހެއް ނުވެއެވެ. ހުރި ވަރެއްގައި ހުރީއެވެ. ދޭތެރެއަކުން ސޯޓުބުރިޔަކާއި މާޖެހި ގަމީހެއް ލައިގެން ޒާހިދު ކޮންމެވެސް ކޯޓަކަށް ވަދެދާނެއެވެ. ޒާހިދު އެހެރީ ބަހާމަސްގެ ގޮނޑުދޮށުގައެވެ. މުންޑެއް އަނދެގެން ހުސްގަޔާ ރެސްޓޯރަންޓަކަށް ވަދެދާނެއެވެ. ޒާހިދު އެހެރީ ހަތްދިހައިގެ އަހަރުތަކުގެ ހޮޅުއަށްޓެއް ކައިރީގައެވެ. ޒާހިދު ވެއަތުކުރަމުންދިޔައީ އެކަނިވެރި ހަޔާތެކެވެ. ޒާހިދުގެ އާއިލާއިން ޒާހިދު ބެލެހެއްޓިއެވެ. ހުރިހާކަމެއް ކޮށްދިނެވެ. އެއްވެސް ދަރިޔަކާ ގުޅުންބާއްވާކަށް ޒާހިދު ބޭނުމެއް ނޫނެވެ. ދަރިޔަކު ބައްދަލުކުރަން އަޔަސް ގެއިން ބޭރަށްލައެވެ. ޒާހިދުގެ ނަޒަރުގައި ކުދިން އަންނަނީ ޒާހިދުގެ ގެއަށް ދަހިވެތިވެގެންނެވެ. ގެއިން އިންޗިއެއް ވެސް ކުއްޖަކަށް ނުލިބޭނެއެވެ. އެއީ ޒާހިދުގެ ގެއެވެ. ރައްޓެހިން ގެއަށް އައުމަކީ ވެސް ޒާހިދު ގަބޫލުކަމެއް ނޫނެވެ. ޒާހިދު ދެކޭގޮތުގައި އެ މީހުން އަންނަނީ ޒާހިދުގެ ފައިސާގެ ދަހިވެތިކަމުގައެވެ.

ޒާހިދުގެ ހިތުގެ އެއް ކަނުގައި ކުޑަކުޑަ ޒިޔާރަތެއް އަދިވެސް ހުރެއެވެ. އެ ތަނުގެ ވަށައިގެން ހަނދާނުގެ ދިދަޖަހައި، އުންމީދުގެ ދޮންވެލިގަނޑު ކުނިކަހައި ބަލަހައްޓަނީ ޒާހިދެވެ. ލަންޓަން ތެރޭގައި ހުންނަ އިންތިޒާރުގެ ބައްތިތަކަށް ތެޔޮއަޅައި، މުޅި ޒިޔާރަތުގައި ލޯބީގެ ހުވަނދު ވެސް ލައެވެ. ޒިޔާރަތުގެ އެތެރޭގައި ހުރީ ހަމައެކަނި ހަސީނާގެ ހަނދާންތަކެވެ. އެ ލޯތްބާ ދުރަށް ދާކަށް ޒާހިދު ބޭނުމެއް ނޫނެވެ. އެ ފަދަ ލޯތްބެއް އެހެން މީހަކު ދެކެ ނުވެވޭނެކަން ޒާހިދަށް އެނގެއެވެ. އިހުތިޔާރު ކުރަންޖެހުނު ނާމާން މަގެއްގެ ސަބަބުން ހަޔާތުގައި ގެދަބުޅިޖަހައި ވީރާނާވެ، ހަސްފަސްނެތިގެން ދިޔަސް، ހަސީނާ މަތިން ޒާހިދު ހަނދާނެއް ނުނެތެއެވެ. މާޒީގެ ކޮޅު ތޫނު ގަލަމަކުން ނަސީބުގައި ލިޔެވުނު ރީތި ރައިވަރާއި ތައިވަރު، ހިމޭން ބަހުރުވަޔަކުން ޒާހިދު ކިޔައެވެ.

ކޮންމެވެސް ދުވަހަކުން ބައްދަލުވުމަށް ޒާހިދުގެ ހިތް ކުރަމުންދިޔަ ފަރިޔާދު ވައިރޯޅި އަޑުއެހިއެވެ. ފުރުސަތު ދިޔައީ ތަނަވަސްވަމުންނެވެ. ޒާހިދަށް އެކަން ނޭނގުނީއެވެ. ކޮންމެ މަހެއްގެ ވެސް ވަކި ދުވަސްވަރެއްގައި ހަސީނާ ހޯދުމަށް ކައިރި ގެތަކަށް ވަނުމަކީ ޒާހިދުގެ އާދައެކެވެ. ފެންނަ ކޮންމެ މީހަކާ ސުވާލުކުރެއެވެ. ހަސީނާ ކޮބައިތޯ އަހައެވެ. އެއް ގެއަށް ހައެއްކަ ފަހަރު ވެސް ވަދެއެވެ. އެކަކު ގާތުގައި އެތައް ފަހަރަކު ވެސް އަހައެވެ. އިތުރު އެހެން ކަމެއް ނުކުރެއެވެ. ކޮންމެ ޖަވާބެއް ދިނަސް މަޑުމައިތިރިކަމާ އެކުގައި ޒާހިދު ނުކުމެގެން ދެއެވެ.

މުސްކުޅިވުމުން ޖެހޭ ބަލިތައް ހަސީނާ ވަށައިލިއެވެ. ހަކުރާއި ލޮނުކެއުން ހަސީނާއަށް މަނާވިއެވެ. އެ ނާޅާ ހަސީނާއަކަށް ރަހައެއް ނުލައެވެ. ބޭސްކާން ޖެހެއެވެ. އިންޖެކުޝަންޖަހަން ޖެހެއެވެ. ދޭތެރެއަކުން ހޮސްޕިޓަލަށް ގެންދަންޖެހެއެވެ. އެންމެ ބޮޑަށް ހަސީނާ ބަލިވެގެން ހޮސްޕިޓަލުގައި ބޭއްވިއިރު، ހަމަ އެ ހޮސްޕިޓަލުގައި ޒާހިދަށް ވެސް ދިޔައީ ފަރުވާދެމުންނެވެ. ހަމަ އެއް ބައްޔެކެވެ. އެއް ހާލަތެކެވެ. ހަސީނާގެ ކަންތައްތައް ބަލަހައްޓަމުން ހަސީނާގެ ދަރިން ޒާހިދަށް ވެސް ޒިޔާރާތްކުރިއެވެ. ބައްޕަ ކަމުގައި ވީތީއެވެ. ނަސީބު ރާވައިފައިވާ ފުރިހަމަ ރޭވުން އޭރަކު އެކަކަށް ވެސް ނޭނގެއެވެ.

ހޮސްޕިޓަލުގެ ‘އީއާރު’ ގައި ޒާހިދު ބޭއްވީ ހަސީނާ ފުރަތަމަ ބޭއްވި އެނދުގައެވެ. އެއްބަޔަކު ހީކުރީ އެއީ އިއްތިފާގެއްކަމަށެވެ. ހަގީގަތް އެނގިފައިވާ ނަމަ އެއީ ފަންޑިތައިގެ އަސަރުކަމަށް ވެސް ބަޔަކު ހީކުރީހެވެ. ވާނުވާ އެނގޭ ވަރަށްވުރެ ހަސީނާގެ ހާލު އޭރު ދެރައެވެ. ޒާހިދުގެ ހާލު ވެސް އެހާ ދެރައެވެ. ދެ މީހުންނަށްމެ ގިނަ ވަގުތު އޮންނަނީ ނިދިފައެވެ. އީއާރުން ނެރެގެން ގެނެސް ޒާހިދު ބޭއްވީ ހަސީނާގެ އެނދާ ޖެހިގެންހުރި އެނދުގައެވެ. ވަގުތަކީ ދެމީހުންގެ ހާލާ ބެހޭގޮތުން ދަރިންގެ ކަންބޮޑުވުން އިންތިހާއަށް ބޮޑުވެފައިވާ ވަގުތެވެ. އެހެން ކަމަކާ ވިސްނޭ ވަރެއް ނޫނެވެ. އެހެންނަމަވެސް ނަސީބު ހިނިތުންވެލައިގެން ބަލަން ހުރި ކަހަލައެވެ.

ހަސީނާއަށް ލޭ ބޭނުންވި ދަނޑިވަޅެއް އައެވެ. ލޭގެ ގުރޫޕަކީ އޭ ޕޮޒިޓިވްއެވެ. ޑަކުޓަރު އެންގީ ހަތަރު މީހުން ތައްޔާރަށް ބޭތިއްބުމަށެވެ. އެންމެ މީހެއްގެ ލޭހޯދަން ކުރަން ޖެހުނު މަސައްކަތް ހަސީނާގެ ދަރިން ވަނީ ކުރިން ތަޖުރިބާކޮށްފައެވެ. ވީމާ ހަތަރު މީހުން ހޯދުމަކީ ވަރުގަދަ ގޮންޖެހުމަކަށްވިއެވެ. ހަސީނާގެ ދަރިން ކޮޅުކޮޅުމައްޗަށް ދުއްވައިގަތެވެ. މީސްމީޑިޔާގެ ބޭނުންހިފިއެވެ. އެކަކު ބުނީ އޭނަ ހުރީ މާލެއަކު ނޫންކަމަށެވެ. އަނެކަކު ފޯނެއް ނުނަގައެވެ. އަނެކަކު ޓަޓްނަސް ޖަހައިފައެވެ. އަނެކަކަށް ހަކުރުބަލި ޖެހިފައެވެ. އަނެކަކު އެންމެ ފަހުން ލޭދިންތާ މުއްދަތު ހަމަނުވެއެވެ. އެތައް އިރަކު މަސައްކަތްކޮށްގެން ހަތަރު މީހުން ހަމަޖައްސައި އެކަމުން މިންޖު ނުވެވިގެން އުޅެނިކޮށް އަނެއްކާ ލޭ ބޭނުންވެއްޖެއެވެ. އެ ފަހަރު ޒާހިދަށެވެ. އިއްތިފާގުން ދިމާވި އަނެއް ކަމަކީ އޭނައަށް ވެސް އޭ ޕޮޒިޓިވް ލޭ ބޭނުންވުމެވެ. އެ ހިސާބުން ނިމުނީކީ ނޫނެވެ. ހަސީނާގެ ކިޑުނީ ހުރީ ހަލާކުވެފައެވެ. ޒާހިދުގެ ވެސް ކިޑުނީ ހުރީ ހަލާކުވެފައެވެ.

ހަސީނާ ނިޔާވީ ހާޓްއެޓޭކެއް ޖެހިގެންނެވެ. ޒާހިދަށް ޖެހުނީ ސްޓްރޯކެކެވެ. އެކަކަށް ހިތުގެ މައްސަލައެކެވެ. އަނެކަކަށް ސިކުނޑީގެ މައްސަލައެކެވެ. ދެމީހުން ވެސް މިއަދު ދުނިޔެއަކު ނެތެވެ. އެއީ ދޮންހިޔަލައާއި އަލިފުޅެއް ނޫނެވެ. ލައިލާ މަޖުނޫނެއް ވެސް ނޫނެވެ. ޒާހިދާއި ހަސީނާގެ ނަން ތާރީހު ފޮތްތަކަކުން ނުފެންނާނެއެވެ. ތުންތުންމަތިން އެ ވާހަކަ ފެތުރޭނެހެނެއް ވެސް ހިޔެއްނުވެއެވެ. ފަސްއެނބުރިފައި މާޒީ ބުނާނެއެެވެ. ތިޔައީ ފުލޯކު ވާހަކައެކެވެ. ނޫނެކެވެ. މިއީ ހަގީގީ ހާދިސާއެކެވެ. ޒާހިދު ބުނީ ތެދެކެވެ. ހަސީނާއަކީ ޒާހިދުގެ ހިތުގެ އެއްފަޅިއެވެ. ހަށިގަނޑެއްގައި ނަމަ ހަސީނާއަކީ ހިތެވެ. ޒާހިދަކީ އެ ހަށިގަނޑުގެ ސިކުނޑިއެވެ.

ނިމުނީ



Source link

Leave a Reply

Related Articles