• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ވާހަކަ ⁄ ހުޅުކޮޅު

ހުޅުކޮޅު


374388

“ދަރިފުޅާ… އާދެ ކާން…” އަހަރެން ބޭރަށް ދާން ނުކުންނަނިކޮށް މަންމަ ގޮވިއެވެ. އަނގައަށް ގޮތެއް ހަދާލެވުނީ މަންމައަށް ސިއްރުން ބޭރަށް ފިޔަވަޅެއްވެސް ނޭޅޭނެއޭ ހިތަށް އެރުމުންނެވެ.
“ނުކާނަން…” ކުރު ޖަވާބެއްދީފައި އަހަރެން އަވަސްއަވަހަށް ނުކުތީ މަންމަ އިތުރު ވާހަކައެއް ދައްކަފާނެތީއެވެ. ދޮރު ލައްޕާލިއިރު، މަންމަ އަހަންނަށް ދެވަނަ ފަހަރަށް ގޮވާލި އަޑު އިވުނެވެ. އެކަމަކު އަހަރެން އަޑު އިވުނުކަމަށް ނުހެދީއެވެ.
**********************
އެނބުރި ގެއަށް އައިސް ވަނީ، އެރޭ ބާރަ ޖެހިފަހުންނެވެ. ސިއްރު ފިޔަވަޅުތަކެއްގައި ގޭތެރެއަށް ވަންއިރު، ސޯފާގައި މަންމައަށް ނިދިފައި އޮއްވާ ފެނުނެވެ. އަޅާވެސްނުލާ ކުރިއަށް ދިޔައީ މަންމައަށް ހޭލެވިއްޖެނަމަ ސުވާލުތަކާއި ކުރިމަތިވާނެތީއެވެ. އެކަމަކު އަހަރެންގެ ނަސީބު މިފަހަރު އެހާ ރަނގަޅެއް ނޫނެވެ. ތަންކޮޅަކަށް ދެވުނުތަނާ، ސިޑިން ކޮންމެވެސް މީހަކު ފައިބައިގެން އަންނަތަން ފެނުނެވެ. ކާބަޔަށް ވަދެ އެތަނުގައި މަޑުކުރީ އެމީހަކަށް އަހަރެން ފެނިދާނެތީއެވެ. އިރުކޮޅަކުން ސިޓިންގރޫމުން ވާހަކަ ދައްކާ އަޑު އިވުނެވެ.
“މަންމާ.. މިތާ ކީއްވެ ނިދަން ތި އޮތީ؟؟” އިވުނީ ދޮންތަގެ އަޑެވެ.
“ޒައިދު އަންނަންދެން ސޯފާގައި ޖައްސާލިތަނާ ނިދުނީ…” މަންމަ ބުނި އަޑު އިވުނެވެ.
އެވަގުތު އަހަންނަށް ގެނެވުނު ހަރަކާތަކުން، މޭޒުމަތީގައި ހުރި ބިއްލޫރި ތައްޓެއް ވެއްޓި ތެޅުނެވެ. ބޮލުގައި އަތް އަޅާލެވުނީ އަހަރެންގެ މޮޔަކަމުން ވާ ކަންތައްތަކޭ ހިތަށް އަރާފައެވެ. ކުއްލިއަކަށް އެތަނުގެ ލައިޓް ދިއްލުމުން އަހަރެން ކުޑަކޮށް ސިހުނެވެ. ލޯ މަރާލަމުން ފުންނޭވާއެއް ދޫކޮށްލެވުނީ، ބޭކާރު ސުވާލުތަކާއި ކުރިމަތިލާން ޖެހޭނެއޭ ހިތަށް އެރުމުންނެވެ.
“ޒައިދު؟؟؟” ދޮންތަ އަހަންނަށް ބަލަން ހުރީ ހައިރާންވެފައެވެ. ދޮންތަގެ އަތުގައި އޮތް ފިހިގަނޑު އަހަރެންގެ ލޮލުގައި އަޅައިގަތީ އޭގެ ފަހުންނެވެ. މެއާއި ހަމައިން ދެއަތް ހުރަސްކޮށްލައިގެން އަހަރެން ދޮންތައަށް ބަލަން ހުރީމެވެ.
“ސީރިއަސްލީ ދޮންތާ؟؟” އެއްފަހަރު ދޮންތަ އަތުގައި އޮތް ފިހިގަނޑަށް، އަނެއްފަހަރު ދޮންތަގެ މޫނަށް ބަލަން ހުރެފައި އަހަރެން ބުނީމެވެ. އެއާއެކު ދޮންތަ ފިހިގަނޑު ފާރާއި ދިމާއަށް ހޫރާލިއެވެ. ދެން އުނަގަނޑުގައި ދެއަތް ވިއްދާލަމުން އަހަންނާއި ކުރިމަތިލިއެވެ.
“އަދިވެސް ޒައިދުތަ ސީރިއަސްލީ އޭ ކިޔަންވީ؟؟… އަހަރެމެން ހީކުރީ ގެއަށް ވަގަކު ވަނީކަމަށް…. ކިރިޔާ ބިރުން ހަލާކުނުވީ؟؟… ކާކުތޯވެސް ނުބަލާ، އައި ގޮތަށް އައިސް ބޮލުގައި ޖެހުނު ނަމަ ރަނގަޅުވީހީ… މިތާ ލައިޓްވެސް ނުދިއްލާ ކީއްތިކުރަނީ؟؟” ދޮންތަ ހިތްހަމަނުޖެހިފައި ބުންޏެވެ.
އަހަރެން ބޯ ހޫރާލީމެވެ. ދޮންތަ ވަގެއްކަމަށް ހީކޮށް ކުރިމަތިލާން އައިއިރު، ދޮންތައަކީ ކިހާ ބޮޑު ފިނޑިއެއްކަން އެނގޭނީ އަހަންނަކަށް ނޫން ހެއްޔެވެ؟ މާ ގަދަވެލާފައި ފިހިގަނޑު ހިފައިގެން އައިއިރު، މީހާ ހުރީ ބިރުން ތުރުތުރު އަޅައަޅައެވެ. ނިއްކުރިމަތިން ދާ ތިކިތައް ވިދަމުން ދިޔައިރު، ހާސްވެފައިހުރިވަރު މޫނުމަތިންވެސް އެނގެއެވެ. ދޮންތަ ހުރިގޮތް ފެނުނަސް، ސިއްރުން ވައްކަން ކުރަން ވަންނަ މީހަކުވެސް ހިނި އަންނާނެއެވެ. އޭރު ރުޅިއައިސްގެން އެ ހުރިހާ އެއްޗެއް އަހަންނާއި ދިމާއަށް ކިޔާލީ، މީހާ ހާސްވެފައި ހުރިލެއް ބޮޑުކަމުންނެވެ.
ދޮންތަ ހަމައަކަށް އެޅުނީ ފުންކޮށް ދެތިން ނޭވާއެއް ލީ ފަހުންނެވެ. އަދި ފަހުގެ ހަމަލާ ކުރިއަށް އޮތީކަން އަހަންނަށް އެނގެއެވެ. ދޮންތަ އަހަންނާއި ދިމާއަށް ކުރިއަށް ފިޔަވަޅެއް ނެގިތަނާ، އަހަރެމެން ދެމީހުންގެ ދެމެދަށް ވަނީ މަންމައެވެ.
“ޒާރާ.. މިގަޑީގައި ތިއީ ކޮން ކަމެއް؟” މަންމަ ބުނުމުން ދޮންތަ ދެކޮޅެއް ނުހަދާނެއެވެ. އެހުރިތާ ހުއްޓި ހުރީއެވެ. ކުރިއަށް އެންމެ ފިޔަވަޅެއްވެސް ނާޅައެވެ. އެކަމަކު އަހަންނާއި ދިމާއަށް ބަލާލުމަށްފަހު، ލޯ ހަނިކޮށްލަމުން އަނގައަށް ވައްތަރެއް ޖައްސާލިއެވެ.
“ދަރިފުޅާ… ޒައިދު.. ދަރިފުޅު ކޮންއިރަކު އައީ؟؟” މަންމަ ސުވާލުކުރިއެވެ. ކަންތަކާ ޖެހުނީއޭ އަހަރެންގެ ހިތަށް އެރިއެވެ.
“ދެންމެ އައީ…” ޖަވާބު ދިނުމަށްފަހު އަހަރެން އަވަސްވެގަތީ އެތަނުން ނުކުންނާށެވެ.
“މަޑުކޮށްބަލަ ދަރިފުޅާ… ކާންވީނު؟” އަނެއްކާވެސް މަންމަގެ އަޑު އިވުނެވެ.
“ނުކާނަން… ވަރަށް ނިދި އައިސްފި…. މިދަނީ ނިދަން…” އަހަރެން މިހެން ބުނުމަށްފަހު ހިނގައިގަތީ، އިތުރަށް މަޑުކޮށްފިނަމަ، މަންމަގެ ލެކްޗަރ އަޑުއަހަން ޖެހިދާނެތީއެވެ.
ސިޑީގެ ވަކި ހިސާބަކަށް އެރުނުތަނާ، ދޮންތަ ގޮވާލި އަޑު އިވުނެވެ. ހުއްޓިފައި އެނބުރި ބަލާލީ، ހިތްހަމަނުޖެހިފައި ހުރެއެވެ.
“މިހާރު ކިހިނެއްވީ؟” އަހަރެން ނުރުހިފައި ސުވާލުކުރީމެވެ.
“ޒައިދު… މަންމަގެ އިނގިލި ކެނޑުނީ… އާދެބަލަ..” ދޮންތަ ހާސްވެފައި ބުނެލިއެވެ. އަހަރެން އަތުން ތަށި ތަޅައިގެން ދިޔަކަންވެސް ހަނދާންވީ ދެނެވެ. އެކަމަކުވެސް މަންމަ ކައިރިއަށް ދާކަށް އަހަރެން އެންމެ ފިޔަވަޅެއްވެސް ކުރިއަކަށް ނާޅަމެވެ.
“ދެން ދޮންތަ ބޭސް އަޅާބަލަ… އެކަން ކުރަން އިނގެއެއްނު..” ރުންކުރު ޖަވާބެއް ދިނުމަށްފަހު ސިޑިން އަރައިގެން ގޮސް ކޮޓަރިއަށް ވަނީމެވެ. އަހަރެން ޖަވާބު ދިންއިރު، ދޮންތަގެ މޫނުން މޮޅިވެރިކަން ފެނުނެވެ. އެކަމަކުވެސް އަހަރެން އަޅައެއްނުލަމެވެ. ބަނޑުއަޅާވިހޭ މައިމީހާއާއިމެދު ނެތް ކުލުނެއް އެހެން މީހަކާ މެދު ނޯންނާނެއެއް ނޫން ހެއްޔެވެ؟
**********************
އަހަންނަކީ ކުރިން އެގޮތަށް އުޅުނު މީހެއް ނޫނެވެ. މަންމަގެ ބަސްއަހައިގެން މަންމަ ބުނާގޮތަށް ހަދައިގެން ކުރިން އުޅުނީމެވެ. މުދައްރިސުންގެ ބަސްއަހާ، އަޚްލާޤް ރަނގަޅު، އަދި ކިޔެވުމަށް މޮޅު ދަރިވަރެއްގެ ގޮތުގައި ފާހަގަކުރެވުނު ދުވަސްތަކެއް އަހަރެންގެ ޙަޔާތުގައި އައެވެ. އެދުވަސްތައް މާޒީއާއިއެކުވެގެން ދިޔައިރު، މިހާރު އެދުވަސްތައް އަހަރެންގެ ހަނދާނުގައިވެސް ނެތެވެ. އޯ ލެވެލްއިން ރަނގަޅު ނަތީޖާއެއް ހޯދާ އޭ ލެވެލް ފެށި ނަމަވެސް، ވަކި ހިސާބަކުން ކިޔެވުން ހުއްޓާލީ ފޫހިވެގެންނެވެ. އޭރުގައި ލިބުނު ރައްޓެހިންނަކީ އަހަރެން މާ ގަޔާވާ ބަޔަކަށްވީއެވެ. ކިޔެވުމަށްވުރެ ރައްޓެހިންނާއެކު ހޭދަކުރާ ވަގުތު މާ މަޖާކަމުގައި، އޭރު އަހަންނަށް ވިސްނުނީއެވެ.
**********************
މިހާރު އަހަރެން އުޅެނީ އަހަރެންގެ ރައްޓެހިން އުޅޭ ގޮތަށެވެ. އަޑު އެހެނީ އަދި ގަބޫލުކުރެވެނީވެސް އެމީހުން ބުނާ ބަހެވެ. އަހަރެން ދެކޭ ގޮތުގައި، ދެން ތިބޭ މީހުން އެ ދައްކަނީ ބޭކާރު ވާހަކަތަކެކެވެ. އަހަރެންގެ ވަގުތުތައް ހޭދަކުރަމުން ދިޔައީ އުފަލާއި މަޖަލުގައެވެ. ކިޔެވުމުގައި ހޭދަކުރަންޖެހޭ އުމުރު، ހޭދަކުރަމުން މިދަނީ ރައްޓެހިންނާއިއެކު ހިތްއުފާކުރުމުގައެވެ.
ކިޔެވުން ކުރިއަށް ގެންދިއުމަށާއި، އަހަރެން އުޅެންފެށި ވިޔާނުދާ އުޅުން ބަދަލުކުރުމަށް އެދި، ގޭގެ އެންމެންވެސް ވަރަށް ވާހަކަ ދެއްކިއެވެ. އެވާހަކަތަކަށް އަހަރެން ދިނީ ބީރު ކަންފަތެކެވެ. މަންމައާއި އާއިލާ މީހުން ކުރި އާދޭސްތަކުގައި ކޮޅުފައިން ޖެހުމަށްފަހު، އަހަރެން ބޭނުންވާ ގޮތަށް އެފަހަރު ކަންތައްކުރީއެވެ. އެ ފަހަރު އެކަންޏެއް ނޫނެވެ. އޭގެފަހުން މުޅިންވެސް ކަންތައްކުރަމުން އައީ އަހަންނަށް ފެންނަ ގޮތަށެވެ. މަންމައާއި އާއިލާގެ އެއްވެސް މީހެއްގެ ބަހަކީ، އަހަރެންގެ ކުރިމަތީގައި އެއްވެސް އަގެއްހުރި އެއްޗެއް ނޫނެވެ. އެމީހުން ދިންހާ ނަސޭހަތްތައް، އެއީ ކަނޑުގައި އަޅާލެވުނު ރޮނގެއްފަދައެވެ.
**********************
އެއްދުވަހުން އަނެއްދުވަހަށް އަހަރެންގެ އުޅުން ގޯސްވަމުން ދިޔައިރުވެސް، މި އުޅެވެނީ ރަނގަޅަށް ނޫންކަން އަހަންނަށް ގަބޫލެއް ނުކުރެވެއެވެ. ފުރަތަމަކޮޅު ބުނާބަސް ގަބޫލުނުކުރިއަސް، ގޭގެ އެއްވެސް މީހަކާ ޒުވާބެއް ނުކުރަމެވެ. އެކަމަކު ފަހުން، އެމީހުން އަހަރެންގެ އުޅުމާއި ބެހޭގޮތުން އެއްޗެއް ބުނެފިނަމަ، އަހަރެން ގާތަށް އަންނަނީ އަމަށަކު ރުޅިއެއް ނޫނެވެ. ހިތަށް އެރިހާ އެއްޗެއް ކިޔާލާއިރު، ދޮންތައެއް، ބޮޑުދައިތައެއް ކީއްކުރަން ހެއްޔެވެ؟ އެންމެ ކުޑަމިނުން މަންމައަށްވެސް ނުބަލަމެވެ. ކިޔަނީ ހިތަށް އައިހާ އެއްޗެކެވެ. އެމީހުންގެ މޫނުމަތިން ފެންނަ ހިތާމައާއި މޮޅިވެރިކަމަކުން، ނޫނީ ލޮލުން ފައިބާ ކަރުނައަކުން، އަހަރެންގެ ހިތަށް ކުޑަވެސް އަސަރެއް ނުކުރެއެވެ. މަންމައާއި ދިމާއަށް އިހާނެތި ބަސްބަސް ބުނެލާއިރު، ބައްޕައަކާއި ނުލާ އަހަރެން މިހާވަރު ކޮށްފައި ހުރީ މަންމަކަން ހިތަށްވެސް ނާރަނީއެވެ.
**********************
އެއްދުވަހަކު އަހަރެން ސައިބޯން ދިޔުމުން މަންމަ ސައި ހަދައިދިނެވެ. އޭރު ގަޑިން ބާރަ ޖަހަނީއެވެ. އޭގެ ކުރީރޭ ލަހުން ނިދުނީމާ އަހަންނަށް ހޭލެވުނީވެސް ލަހުންނެވެ. އާކަމެއް ނޫނެވެ. ފަހަކަށް އައިސް އަހަރެންގެ އާދައެވެ. އަދި މިހާރު ރޭގަނޑު ނިދަން އަންނަނީ ކުރިއަށްވުރެވެސް ލަހުންނެވެ. އެހެންވީމާ ހޭލެވޭ ގަޑިވެސް ލަސްވާނެއެއް ނޫން ހެއްޔެވެ؟
“ދަރިފުޅާ..” އަހަރެން ސައިބޮއި ނިމެނިކޮށް މަންމަ ގޮވާލިއެވެ.
ގޮވާލި ގޮތުންވެސް ދައްކަން އެ އުޅެނީ، އަހަރެން މާ ގަޔާވާނެ ކަހަލަ ވާހަކައެއް ނޫންކަން އަހަންނަށް އެނގުނެވެ. ވަކި އެއްޗެއް ނުބުނެ އިނުމުން މަންމަ ވާހަކަ ފެށިއެވެ. އަބަދު ބޭރުގައި ނޫޅުމަށާއި، މާ ދަން ނުވަނީސް ރޭގަނޑު ނިދަން އާދަކުރުމަށް ނަސޭހަތްދިނެވެ. އެކަމާ އަހަރެން ހިތްހަމަ ނުޖެހުނެވެ. އަހަރެން ބޭނުންވާ ގޮތަކަށް އުޅުމުގެ ހައްގު އަހަންނަށް ލިބިގެންވެއެވެ. މާ ލަހުން ނިދާތީވެ، އަހަންނަށް ފަތިސް ނަމާދަށްވެސް ނުހޭލެވޭ ވާހަކައާއި، އެހެން ނަމާދުތަކަށްވެސް ފަރުވާކުޑަ ވާހަކަ ދެއްކިއިރު، އެއީ ރަނގަޅު ގޮތެއް ނޫންކަން މަންމަ ބުނެދިނެވެ.
ރައްޓެހިންނާއި ގުޅިގެން ދެއްކި ވާހަކަތައް ވެގެން ދިޔައީ، އަހަރެންގެ ހިތުގައި އަނދަމުންދިޔަ ރުޅީގެ އަލިފާނަށް އެޅުނު ދަރުތަކަކަށެވެ. ކޮންޓްރޯލް ނުކުރެވި އިސާހިތަކު ހުޅުގަނޑު ފަޅައިގެންދިޔައެވެ. ގޮނޑިން ތެދުވި ބާރުމިނުގައި ފަހަތަށް ގޮނޑި ވެއްޓުމަކުން އަހަރެންގެ ރުޅި މަޑެއް ނުވިއެވެ. ކަރުބުޑުން ހަޅޭއްލަވައިގަނެ، މޭޒުމަތީގައި ދެއަތުން ޖަހާލި ބާރުމިނުގައި، ތަނުގެ ހިމޭންކަން ގެއްލުނުއިރު، ފާރުތަކަށްވެސް ގުޑުން އަރައިގެން ދިޔަ ކަހަލައެވެ.
ލިބުނު ސިހުމުގައި މަންމަ ހުރީ، އަނގަމަތީގައި އަތް އަޅާލައިގެންނެވެ. އެވަރުންވެސް އަހަރެންގެ ރުޅި ފިންޏެއް ނުވިއެވެ. މީހާ ތުރުތުރު އަޅަމުން ދިޔައިރު، ރުޅިވެރިކަމުގެ ނަޒަރަކުން މަންމައަށް ބަލާލީމެވެ. އައިސްފައި ހުރި ރުޅީގައި، މޭޒުމަތީގައި ހުރި ތަށިތައް ބުރުވާލީމެވެ. މުށިތަކުގެ މައްޗަށް ތަށިތައް ވެއްޓި ތެޅުނު އަޑާއި، ދާދިއެކުއެކީގައި މަންމަ “ދަރިފުޅާ” އޭ ކިޔާ ބާރަށް ގޮވާލި އަޑު އިވުނެވެ.
“މިހާރު ތިދަނީ މާ މައްޗަށް… މަންމައެއް ކަމަކުވެސް އަހަރެންގެ ރައްޓެހިންނާއި ބެހޭކަށް ނުޖެހޭ… އަހަރެން އުޅޭނީ އަހަރެން ބޭނުން ގޮތަކަށް… ކުރާނީވެސް އަހަރެން ބޭނުން ކަމެއް.. އަހަރެންގެ މިނިވަންކަމާއި މަންމަވެސް ނުބެހުނިއްޔާ ރަނގަޅުވާނީ… މިއީ އަހަރެންގެ ދިރިއުޅުން… އަހަރެން އުޅޭނެ ގޮތް އެހެން މީހަކު ކިޔައިދޭކަށް ނުޖެހޭނެ..” ހިތަށް އައިހާ އެއްޗެއް ކިޔުމަށްފަހު، ނުކުމެގެން ދިޔުމުގެ ކުރިން ވެއްޓިފައި އޮތް ގޮނޑީގައި ފައިން ޖަހާ ހޫރާލީމެވެ.
**********************
އެއީ އަހަރެންގެ ވިޔާނުދާ އުޅުމުގައި ކުރިއަށް ދިއުމަށް، ގިރާކުރެވުނު އިތުރު ހަރުފަތެކެވެ. އޭގެ ފަހުން، ނިދަން ގެއަށް ވަންނަނީ މެންދަމު ތިނެއް ހަތަރެއް ޖަހާ ފަހުންނެވެ. އަނެއްކޮޅުން މެންދުރު ހޭލައިގެން ގެއިން ނުކުމެގެން ދަނީ ރައްޓެހިންގެ ގާތަށެވެ. އަނެއްބައިރޭރޭ ގެއަށް ނިދަންވެސް ނުވަންނަމެވެ. ގޭގައި ނޫޅުނީމަ، ގޭގެ އެއްވެސް މީހަކަށް އަހަރެންގެ މިނިވަންކަމަކާއި ނުބެހޭވޭނެ ނޫން ހެއްޔެވެ؟
**********************
ކުރީގައި އަހަރެން ނުކުރާ އެތައް ކަމެއް، އަހަރެން ކުރަންފެށީ ރައްޓެހިންގެ ބަހަށް ހެއްލިގެންނެވެ. މަގުމަތީގައި ގިނަވެގެން އުޅޭއިރު، މީހުންނާއި ފޮށެ، ޖެއްސުންކުރުމަކީ އަހަރެމެންނަށް ލިބޭ އުފަލެކެވެ. ސިނގިރޭޓް ބޯން ދަސްވީވެސް އަދި އެކަން އާދައަކަށްވީވެސް ރައްޓެހިންގެ ސަބަބުންނެވެ. ދުނިޔެވީ އުފަލާއި މަޖަލުގައި ވަގުތުތައް ބޭކާރުކުރާއިރު، ހަޔާތުން ގެއްލިގެން އެދަނީ ކިހާ މުހިންމު އެއްޗެއް ކަމެއް ނުވިސްނެއެވެ. ގެއްލިގެންދާ އެވަގުތުތައް، އަލުން އަނބުރާ ނުލިބޭނެކަން ޚިޔާލަކަށް ނާދެއެވެ.
އެމީހުންނާއިއެކު އުޅުނުކަމުގައިވިޔަސް ވައްކަން ކުރުމަކީ، ކުރިން އަހަރެން ކުރި ކަމެއް ނޫނެވެ. ނަމަވެސް ފަހުން އެއީ އާއްމުކޮށް ކުރާ ކަމަކަށް ބަދަލުވިއެވެ. މީހުން ބުނަނީ ތެދެކެވެ. ފެށެނީ ކުދިކުދި ކަންކަމޭ އަހަރެމެންނަށް ހީވާ ކަންކަމުންނެވެ. ބޮޑެތި ކުށްތަކަށް އަރައިގަތުމުގެ އަސްލަކަށް، ކުދި ކުށްތައް ވެގެން ދަނީ ނުވެސް އެނގި ތިއްބައެވެ. ހުރިހާ ނުބައިކަމަކަށް މަގުފަހިކުރުވާ މަސްތުވާތަކެތީގެ ތެރެއަށްވެސް އެންމެ ފަހުން އަހަންނަށް ވަދެވުނެވެ. އެ ބޭނުންކުރުމުގެ އިތުރުން އޭގެ ވިޔަފާރިކުރުމުގައި އަމަލީގޮތުން ބައިވެރިވެ އުޅެން ފެށީމެވެ.
**********************
އެއްރެއެއްގެ މެންދަމުގެ ވަގުތެވެ. ރައްޓެހިންނާއިއެކު މަޖާކުރުމުގައި އުޅެއުޅެފައި، އަހަންނަށް ގެއަށް އާދެވުނީ ގަޑިން ތިނެއް ޖެހިފަހުންނެވެ. ދަގަނޑު ގޭޓުގެ އެތެރެއިން ފެންނަން ހުރި ގޭގެދޮރުތަކުން، ގޭތެރެ ދިއްލާފައިވާކަން، ބަލާލި ކޮންމެ މީހަކަށް އިނގޭނެއެވެ. އެވަގުތު އަހަރެން ހުރީ، އެއިން އެއްވެސް ކަމަކަށް ކުޑަކޮށްވެސް ސަމާލުކަން ދެވޭފަދަ ޙާލަތެއްގައި ކަމުގައި ނުވާތީ، އަހަންނަށް އެކަން ފާހަގައެއް ނުކުރެވުނެވެ. މިކަން ފާހަގަކުރެވުނީ، އެކުގައި އައި ރަޙްމަތްތެރިންގެ ތެރެއިން މީހަކަށެވެ.
“ކައެގެ ގެ މި ގަޑީގައި ދިއްލާފަ؟” އަހަރެންގެ އަތުގައި ކޮއްޓާލުމަށްފަހު ބުންޏެވެ.
“ވަޓް؟؟” މިހެން ބުނަމުން އަހަރެން އެދިމާއަށް ބަލާލީމެވެ.
“އޯ ނޯ… ޔަގީން މަ މަންމަ ހޭލާ އެ އުޅެނީ؟؟ ކިހާ ދެރަ ކަމެއް؟” ޗޮކެއް ކަނޑާލަމުން އަހަރެން ނުރުހުން ފާޅުކުރީމެވެ.
ރޭގަނޑުގެ ވަދާޢީ ސަލާމްކުރުމަށްފަހު، އަހަރެން ރަޙްމަތްތެރިންނާއި ވަކިވީމެވެ. ގޭޓު ހުޅުވާލުމަށްފަހު، ކަންނެތް ހިނގުމެއްގައި ގޮސް ގެއަށް ވަންނަ ދޮރު ކުރިމަތީގައި ހުއްޓިލީމެވެ. އޭރު އަހަރެންގެ ބޮލުގައިވެސް ރިއްސަމުން ދިޔައެވެ. ތަޅަށް އަނބުރާލުމަށްފަހު ދޮރު ހުޅުވާލާ އެތެރެއަށް ވަނީމެވެ. ދޮރު ލެއްޕުމަށްފަހު، ސިޑިއާއި ދިމާއަށް މިސްރާބު ޖެހީ އަވަހަށް ކޮޓަރިއަށް ވަނުމުގެ ބޭނުމުގައެވެ.
“ދަރިފުޅާ، ޒައިދު” ސިޑިއާއި ހިސާބަށް ނުދެވެނީސް މަންމަގެ އަޑު އިވުނެވެ. ރުޅި އައިވަރުން ދެފަރާތަށް ބޯ ހޫރާލީމެވެ. ހުއްޓުނު ނަމަވެސް، މަންމައާއި ދިމާއަށް އެނބުރޭ ޚިޔާލެއް އަހަރެން ނުކުރަމެވެ.
“ދަރިފުޅާ.. އާދެބަލަ މަންމަ ކައިރިއަށް…” އާދޭހާއެކު މަންމަ އެދުނެވެ.
“ކީއްކުރަން؟” ނަމަވެސް އަހަރެންގެ ހިލަ ހިތަށް އެ އާދޭހަކުން ކުޑަވެސް އަސަރެއް ނުކުރިއެވެ.
“ދަރިފުޅާ.. މަންމަ ބޭނުން ވާހަކަ ދައްކާލަން…” އަހަރެންގެ ފަރުވާކުޑަ ޖަވާބުން، އެ މަންމަގެ ހިތުގައި ޖެހުނުކަން ޔަޤީނެވެ. އެކަން އެއަޑަށް ވެރިވި މޮޅިވެރިކަމުން އެނގިގެންދާނެއެވެ. ނަމަވެސް އެކަމަށް އަހަރެން އެއްވެސް ސަމާލުކަމެއް ނުދެމެވެ.
“ކިހާ ދެރަކަމެއް…. މިގަޑިއަކު ނޫން… ވަރަށް ޓަޔަރޑް…” އަހަރެން ނުރުހުންވެފައި ޖަވާބުދިނީމެވެ.
“ދަރިފުޅާ… ރެއާއި ދުވާލު ދަރިފުޅު ތިއުޅެނީ ބޭރުގައި… މިއަދު ހަތަރުދަންވެސް ދިޔައީ، ދަރިފުޅު އެންމެ ފަހަރަކުވެސް މަންމަގެ ލޮލަށް ނުފެނި. އަދި ކިރިޔާ ތި އާދެވުނީ ގެއަށް. މިހާރު މެންދަމުން އަލިވެ ތިނެއްޖެހީ… މަންމަ ކުޑަ ވަގުތުކޮޅަކަށޭ މި ބުނަނީ މަޑުކޮށްލަދޭށޭ..” މަންމަ ރޮމުން ރޮމުން ވާހަކަ ދެއްކިއެވެ. މިކަމުން އަހަރެންގެ ބޮލަށް އުނދަގޫވިއެވެ. މަންމައާއި ދިމާއަށް އެނބުރި، ވާހަކަ ދައްކަން ފެށީމެވެ.
“ހޫން.. ކަންތަކާ ޖެހުނީ.. ކިތައް ފަހަރު ބުނެވިއްޖެ މިހާރަކު ނޫނޭ ވާހަކަ ދައްކާނީ… ފަހުންނޭ…. އަޑެއް ނީވޭތަ؟؟ ފަހުން ވާހަކަ ދައްކާނީ… މިގަޑީގައި ވާހަކަ ދައްކާކަށް މޫޑެއް ނެތް.. ބުނެފިން ދޯ ވަރުބަލިވެފައޭ މިހުރީ..” ފަހަރެއް ފަހަރަކަށްވުރެ އަހަރެންގެ އަޑު ދިޔައީ ބާރުވަމުންނެވެ.
މަންމަގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފެނުނު ނަމަވެސް، އެކަމުން އަހަރެންގެ ހިތަށް އެއްވެސް އެއްޗެއް ނާރައެވެ. އަޅާވެސް ނުލާ ސިޑިން މައްޗަށް އަރައިގެން ދިޔައީމެވެ. ކޮޓަރިއަށް ވަންގޮތަށް ދޮރު ލައްޕާލުމަށްފަހު، އިތުރު އެއްވެސް ކަމެއް ނުކޮށް އަހަރެން ބޭނުންވީ ނިދާލާށެވެ. އެނދު ކައިރިއަށް ހުއްޓި ދެއަތް ދެފަރާތަށް ދަމާލަމުން އެނދު މައްޗަށް ވެއްޓިގަތީމެވެ. އެވަގުތު ފެންވެރުން ނޫނީ އެއްޗެހި ބަދަލުކުރުން އަހަންނަކަށް މުހިއްމެއް ނުވިއެވެ. ދެލޯ މަރާލަމުން ފުން ނިދީގެތެރެއަށް ގެނބިގެން ދިޔައީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ.
**********************
އެހެން ރެއެކެވެ. ގެއަށް ނުވަންނަތާ ގާތްގަނޑަކަށް ހަފްތާއެއްހާ ދުވަސްފަހުން ގެއަށް ދިޔައީމެވެ. ދަންވަރުގެ ވަގުތު ނަމަވެސް، އާދައިގެމަތިން، މަންމަ ހޭލާ އިނީ އަހަރެންގެ އިންތިޒާރުގައެވެ. އަހަރެން ގެއަށް ނާންނާތީ ގުޅަންވެސް ގުޅައެވެ. އެ ފޯން ކޯލްތަކަށް ޖަވާބުދިނުމަކީ މުހިންމު ކަމެއްކަމުގައި އަހަންނެއް ނުދެކެމެވެ.
އަހަރެން ފެނުމުން މަންމަ ސޯފާއިން ތެދުވިއެވެ. ކައިރިއަށް އައިސް އަހަންނާއި ވާހަކަ ދައްކަން ފެށިއެވެ. އަހަރެން ރުޅިގަދަވެގެން ހަޅޭއްލަވައިގަތީމެވެ. އަނެއްފަރާތަށް އެނބުރުނީ، މަންމައާއި ކުރިމަތިލާންވެސް ބޭނުންނުވާތީއެވެ. މަންމަ އަހަރެން ކުރިމައްޗަށް އަރާ ވާހަކަ ދައްކަން މަސައްކަތްކުރުމުން އަހަރެންގެ ރުޅި ކޮންޓްރޯލެއް ނުވިއެވެ. ގައިގައި ހުރި ބާރެއްލާފައި މަންމަ ދުރަށް ކޮއްޕާލީމެވެ.
“ޒައިދު….” ދޮންތަގެ ރުޅިވެރި އަޑު އަހަރެންގެ ކަންފަތުގައި ޖެހުނެވެ. އެ ދިމާއަށް ބަލާލިއިރު، މަންމަ ވެއްޓިފައި އޮތީ ދޮންތަގެ ފައިބުޑަށެވެ.
“ޒައިދު ތިއީ ހާދަ ރަހުމް ކުޑަ މީހެކޭ ދޯ… އަމިއްލަ މައިމީހާއާއިމެދު ތިހެން ކަންތައް ކުރަން ޒައިދުގެ ލަދު ކޮބާ؟” ސިޑިން ފައިބަމުން އައި ބޮޑުދައިތައަށް، އެ މަންޒަރު ފެނުމުން އަހަންނާއި ދިމާއަށް ހަޅޭއްލަވައިގަތެވެ. އޭރު ދޮންތަ، މަންމަގެ އަތުގައި ހިފައިގެން ކޮޅަށް ނަގަނީއެވެ. އަހަރެން އެ ހުރި ތަނުގައި ގުޑިވެސް ނުލާ ހުރީމެވެ. މަންމައަށް އެހީވާން ދާން ހިތަށްވެސް ނާރުވަމެވެ.
**********************
ދުވަސްތައް ފާއިތުވަމުން ދެއެވެ. އަހަރެން ދިރިއުޅެމުން ދިޔައީ އެއްވެސް ޚިޔާލެއް ފިކުރެއް ނެތިއެވެ. ރައްޓެހިންނާއިއެކު މަޖާކުރުމުގައި އެތަން މިތަނުގައި ވަގުތުތައް ހޭދަކުރީމެވެ. ބައެއްފަހަރު، އެހެން ގައުމުތަކަށްވެސް ދަތުރުކޮށް ހަދަމެވެ. އެގޮތުން އެއްފަހަރަކު، އަހަރެން ރައްޓެހިންނާއިއެކު ރާއްޖެއިން ބޭރަށް ކުރި ދަތުރެކެވެ.
އެތަނުގެ ނައިޓްކްލަބެއްގައި، ރައްޓެހިންތަކަކާއިއެކު އުޅުމަށްފަހު، އަހަރެން ނިދުމަށްޓަކައި ކޮޓަރިއަށް ތަންކޮޅެއް އަވަހަށް އައި ރެއެކެވެ. އޭރު ގަޑިން ދެގަޑި ބައިވެއްޖެއެވެ. އަވަހޭ މިބުނީ، އާއްމުކޮށް އަހަރެން ނިދަނީ އެއަށްވުރެވެސް ލަހުން ކަމުގައިވާތީއެވެ. އައިސް ކޮޓަރިއަށް ވަދެ އެނދުމަތީގައި ޖައްސާލީ ނިދޭތޯއެވެ.
އިރުކޮޅަކުން ފޯނު ރިންގުވާން ފެށިއެވެ. ނުނަގާނަމޭ ހިތާ، އަޅާނުލާ އޮތީމެވެ. ނަމަވެސް ކުއްލިއަކަށް ހިތަށް އެރި އެއްޗަކުން ޚިޔާލު ބަދަލުވިއެވެ. ފޯނު ނަގާ ކަންފަތުގައި ޖައްސާލީ ގުޅަނީ ކާކުތޯވެސް ބަލާނުލައެވެ. އަހަރެން ހީކުރީ ރަޙްމަތްތެރިއަކު، އަހަރެން މާ އަވަހަށް މިރޭ އައުމުން ގުޅަނީ ކަމަށެވެ. ފޯނު ނުނެގިޔަސް ކޮޓަރިއަށްވެސް އެމީހުންނަށް ވަދެވޭނެއެވެ. އަހަރެންގެ ރޫމްމޭޓް އަތުގައިވެސް ތަޅުދަނޑި އޮންނާނެއެވެ. އެމީހުންގެ އުނދަގުލެއް އިތުރަށް ނުފޯރާނީ، އަހަރެން ފޯނު ނެގުމުން ކަމުގައިވާތީ އަވަހަށް ނެގީއެވެ.
“ޒައިދު… ވީ އެންމެ އަވަހަކަށް މާލެ އާދޭ..” ހީކުރިގޮތާއި ޚިލާފަށް ކަންފަތުގައި ޖެހުނީ ކުޑަބެގެ އަޑެވެ. މާ ގިނަ ވާހަކަތަކެއް ނުދައްކާ ކުޑަބެ ފޯނު ކަނޑާލިއެވެ.
އާއިލާ މީހުންގެ ތެރެއިން އަހަންނާއި ކިރިޔާވެސް މިހާރު ގުޅުމެއް އޮންނަނީ ކުޑަބެއާއެވެ. އެކަމަކު ކުޑަބެ ގުޅި ނަމަވެސް، އަހަރެން ފޯނު ނަގަނީ ހިތަށް އެރިއްޔާއެވެ. މިފަހަރު އައި ފަހުން އަހަރެން ކުޑަބެއާއި ގުޅީ އެންމެ ފަހަރަކުއެވެ. އެއީ ފައިސާ ބޭނުންވެގެންނެވެ. އޭގެ ފަހުންވެސް ކުޑަބެ އެތައް ފަހަރަކު އަހަންނަށް ގުޅިއެވެ. އެކަމަކު ފައިސާގެ ކަންތައް ހަމަޖެހުމުން، ފަހުން އައި އެއްވެސް ކޯލަކަށް އަހަރެން ޖަވާބެއް ނުދެމެވެ. މިރޭވެސް އަހަންނަށް އެ ކޯލް ނެގުނީ ނޭންގުމެއްގެ ތެރޭގައެވެ. އެކަމަކު އެ ފޯނު ކޯލަށްފަހު، އަހަރެންގެ ބޯހާސްވާން ފެށިއެވެ.
ކުޑަބެގެ އަޑުން ކޮންމެވެސް ބޮޑުކަމެއް ދިމާވެއްޖެކަން އަހަންނަށް އެނގުނެވެ. ކުޑަބެ ހުރީ ވަރަށް ހާސްވެފައެވެ. އަޑު ކުރެހިފައި ހުރިއިރު، އެހާ ހަރުކަށިގޮތަކަށް ކުޑަބެ ދުވަހަކުވެސް އަހަންނާއި ވާހަކައެއް ނުދައްކައެވެ. އަހަންނަށް އެއްވެސް ސުވާލެއް ކުރުމުގެ ފުރުޞަތުވެސް ނުދީ ފޯނު ބޭއްވީއެވެ.
ކުޑައިރުކޮޅަކު ވިސްނާލަން ހުރުމަށްފަހު ފޯނު ނަގާ އަޒީމްއަށް ގުޅީމެވެ. “އަޒީމް.. އަހަރެން މާލެ ދާން ޖެހިއްޖެ… އެންމެ އަވަހަށް ފުރާ ފްލައިޓަކުން ފުރޭނެ ގޮތް ހަދައިދީ….” އަހަރެން ބުނަން ބޭނުންވި ވާހަކަ ބުނެލީމެވެ.
“އޭ ކިހިނެއްވީ އަނެއްކާ؟ މާ އަވަހަށް ތި ދަނީ؟ އަދި އައިތާ ދެހަފްތާވެސް ނުވޭ…. ތިން ހަފްތާ ފަހުންނު ރާއްޖެ ދާންވެސް ޕްލޭން ކުރީ؟” އަހަރެން ހީކުރި ގޮތަށް އޭނާގެ ސުވާލުތަކާއި ކުރިމަތިލާން ޖެހުނެވެ.
“ނޮޓް ނައު…. މި ގަޑީގައި ސުވާލު ނުކުރޭ… އަހަރެން ބުނާ ގޮތް ހަދައިދީ.. ވީ ގޮތް ފަހުން ކިޔައިދޭނަން..” އަހަރެން އަވަސް އަވަހަށް ބުނެލީމެވެ.
“ކައެވެސް ދޯ..” ޗޮކެއް ކަނޑާލުމަށްފަހު އަޒީމް ބުނެލިއެވެ. ފުރުމުގެ ކަންތައް ހަމަޖައްސާނެކަމަށް ބުނަމުން އޭނާ ފޯނު ކަނޑާލިއެވެ. އަޒީމަކީ އަހަރެންގެ އެކުވެރިންގެ ތެރެއިން އަހަންނާއި އެންމެ ގާތްކޮށް އުޅޭ އަދި އަހަރެން އެންމެ އިތުބާރު ކުރާ އެކަކެވެ. މިކަމުގައި އޭނާގެ އެހީ ހޯދަން ނިންމީ އެހެންވެއެވެ. ފޯނު އެނދުމަތީގައި ބޭއްވުމަށްފަހު، ދަބަހަށް އެއްޗެހި އަޅާ ދަބަސް ތައްޔާރުކޮށްލީމެވެ.
**********************
ފުރުމުގެ ކަންތައް ހަމަޖެހުމުން ވީ އެންމެ އަވަހަކަށް އަހަރެން މާލެ ދާން ފުރީމެވެ. މާ ގިނައިރެއްނުވެ ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޖައްސައިފިއެވެ. އަހަރެން އަވަސްވެގަތީ މާލެ ދިއުމަށެވެ. ނޭންގޭ ސަބަބަކާ ހުރެ އަހަރެންގެ ހިތް ނުތަނަވަސްވަމުން ދިޔައެވެ. މާލެ އާދެވުމުން، އަވަހަށް ގެއަށް ދިއުމަށްޓަކައި އަހަރެން ޓެކްސީއެއް ނެގީމެވެ.
ބެލް ޖެހުމުން ދޮރުހުޅުވާލީ ގޭގައި ގެންގުޅޭ ބޭރު މީހާއެވެ. އަހަރެން އެތެރެއަށް ވަދެ ކުޑަބެ ކޮބައިތޯ ސުވާލުކުރުމުން، ކުޑަބެވީ ހޮސްޕިޓަލުގައިކަމަށް ބުނެދިނެވެ. އަހަރެންގެ ނިތަށް ރޫ ގިނަވިއެވެ. ކުޑަބެއަށް ކިހިނެއްވީބާވައޭ ހިތަށް އެރިއެވެ. ސުވާލުކުރަން އުޅެނިކޮށް، ގޭގެ ދޮރު ހުޅުވާލާފައި ވަނީ ކުޑަބެއެވެ. މޫނުމަތިން ފެނުނީ ހިތްދަތިކަމެވެ.
“ކިހިނެއްވީ ކުޑަބޭ؟……. ކީއްވެ ހޮސްޕިޓަލަށް ދިޔައީ؟؟ ބަލީތަ؟…… އެހާ އަވަހަށް މާލެ އަންނަން ބުނީ ކީއްކުރަންތަ ކުޑަބޭ؟؟…” އަހަރެން އެއްފަހަރާ ހުރިހާ ސުވާލުތަކެއް ކުރީމެވެ. ކުޑަބެ އެއްވެސް ޖަވާބެއް ނުދެއެވެ.
“ކުޑަބޭ؟؟” އަހަރެން އަނެއްކާވެސް ގޮވާލީމެވެ.
“އާދޭ…” ކުޑަބެ މިހެން ބުނުމަށްފަހު، ގެއިން ނުކުތުމަށް މިސްރާބު ޖެހުމުން އަހަރެންގެ ހިތުގައި އުފެދިފައިވާ ސުވާލުތައްވީ އިތުރެވެ.
“ކޮންތާކަށް ދާން؟؟” އަހަރެން އެހުރިތާ ހުރެ، އަނެއްކާވެސް ސުވާލުކުރީމެވެ. ކުޑަބެގެ ފިޔަވަޅުތައް ހުއްޓުނު ނަމަވެސް، އަހަންނާއި ދިމާއަށް ބަލާވެސް ނުލައެވެ.
“ދިޔައިމަ އިނގޭނެ” ކުރު ޖަވާބެއް ދިނުމަށްފަހު ކުޑަބެ އަނެއްކާވެސް ކުރިއަށް ހިނގައިގަތެވެ.
ސުވާލުމާކްތަކެއްގެ ތެރޭގައި ހުރެ އަހަރެންވެސް ކުޑަބެގެ ފަހަތުން ހިނގައިގަތީމެވެ.
ކުޑަބެގެ ސައިކަލް ފަހަތަށް އެރުމަށްފަހު، އެދާ ތަނަކަށް ދަންދެން އަހަރެން އިތުރު ސުވާލެއް ނުކުރަމެވެ. ސައިކަލް މަޑުކޮށްލުމުން ބަލާލިއިރު، ތިބެވުނީ ހޮސްޕިޓަލް ކައިރީގައެވެ. ވީ ގޮތެއް ނޭންގޭތީ އަހަރެން ހުރީ ހާސްވެފައެވެ. ކުޑަބެގެ ފަހަތުން ހޮސްޕިޓަލް ތެރޭގައި އަހަރެންވެސް ހިނގަމުން ދިޔައީމެވެ. ކުޑަބެ ކޮންމެވެސް ރޫމަކަށް ވަދެ މަޑުކޮށްލުމުން، އަހަރެން ކުޑަބެއާއި ދިމާއަށް ބަލާލީމެވެ. ކުރިއަށް ޖެހިލާ ކުޑަބެގެ އެއްފަރާތުގައި މަޑުކޮށްލީމެވެ. އެވަގުތު، ކުރިމަތީގައި ހުރި އެނދުގައި އޮތް އަންހެން މީހާ ފެނިފައި އަހަރެން ހުއްޓުން އެރިއެވެ.
މޫނުމަތީގެ ދިރުން ގެއްލި ކިތަންމެ ނިކަމެތި ގޮތަކަށް ފެނުނު ނަމަވެސް، އެއީ އަހަރެންގެ މަންމަކަން އަހަންނަށް އެނގުނެވެ. ހުދު ބެޑްޝީޓްގެ ދަށުގައި އޮތް މަންމަގެ މޫނުމަތީގައި ވަނީ އޮކްސިޖަން މާސްކު އަޅާފައެވެ. އެ މަންޒަރު ފެނުމުން އަހަންނަށް އުނދަގޫވީ ކީއްވެކަމެއް ނޭންގުނެވެ.
ބޭއިޚްތިޔާރުގައި، އަހަންނަށް މަންމަ އޮތް އެނދާއި ދިމާއަށް މިސްރާބު ޖެހުނެވެ. އަހަރެން މަންމަ ގާތަށް ގޮސް މަޑުކޮށްލާ، އެ އަތުގައި މަޑުމަޑުން ހިފާލީމެވެ. އޭރު އަހަރެންގެ އަތް ތުރުތުރުއަޅަމުން ދިޔައެވެ. މަންމަގެ އަތުގައި ހިފާލުމަށްފަހު، އެ މޫނަށް ނަޒަރު ހުއްޓާލެވުނު ވަގުތު، ލަސްލަހުން އެސްފިޔަތައް ހަރަކާތްކުރިތަން ފެނުނެވެ. އިރުކޮޅަކުން މަޑުމަޑުން، އެހެނަސް އުނދަގޫ ގޮތަކަށް ލޯ ހުޅުވާލިއެވެ. އަހަރެން ފެނުމުން ހިނިތުންވެލަން މަސައްކަތް ކުރިއެވެ. މާ ގިނައިރެއްނުވެ، އަނެއްކާވެސް މަޑުމަޑުން ދެލޯމެރުނެވެ.
މަންމަގެ އަތުގައި ހިފާލައިގެން އެ މޫނަށް ބަލަން އަހަންނަށް އިނދެވުނެވެ. ހޭވެރިކަމެއްވީ ލޮލުން ވެއްޓުނު ކަރުނަތިއްކެއް އަހަރެންގެ އަތުގައި ޖެހުމުންނެވެ. ހައިރާންވިވަރުން އަނެއް އަތުގެ އިނގިލިތައް ލޯކައިރީގައި ޖައްސާލި ވަގުތު، ލޯ ކައިރިން ތެތްކަމެއް އިހްސާސްކުރެވުނެވެ. އަވަސް އަވަހަށް ދެލޯ ފޮހެލީމެވެ.
މަންމަގެ އަތްތިލަ މަޑުމަޑުން ބާއްވާލުމަށްފަހު އަހަރެން ތެދުވީމެވެ. އެތަނުން ނުކުންނަން ހިނގައިގަތީ އެކަނިވެލަން ބޭނުންވެފައި ހުރީތީއެވެ. ތަންކޮޅަކަށް ދެވުނުތަނާ، ކޮންމެވެސް މީހަކު އަހަރެންގެ ކޮނޑުގައި ހިފައްޓާލިއެވެ. ފަހަތަށް އެނބުރި ބަލާލިއިރު ކުޑަބެއެވެ. ކުރިއަށް ހިނގައިގަތީ ލޮލުން ފައިބަން ތައްޔާރުވެފައި ހުރި ކަރުނަތައް ކުޑަބެއަށް ދައްކަން ބޭނުން ނުވާތީއެވެ. ކުޑަބެ އަހަރެންގެ ނަމުން ގޮވާލި އަޑުވެސް އިވުނެވެ. ނަމަވެސް އެނބުރި ބަލާލާނެ ހިތްވަރެއް އަހަންނަކަށް ނުލިބުނެވެ.
ގެޔަށް ވަން ގޮތަށް ކޮޓަރިއަށް ދިޔައީ އެއްވެސް މީހަކާ މިވަގުތު ވާހަކަ ދައްކަން ބޭނުންނުވާތީއެވެ. އިތުރަށް ކަރުނަތަކެއް ނުހިފެއްޓުނެވެ. މަންމަ އެހާލުގައި ފެނުމުން އަހަންނަށް ކެތްނުވީއެވެ. ކީއްވެކަމެއް ބުނެދޭކަށް އަހަންނަކަށް ނޭންގެއެވެ. އަހަރެންގެ ހިތުގައި އަދިވެސް މަންމައަށްޓަކައި ރަހްމާއި ކުލުނާއި ލޯބި ވަނީ ކަންނޭންގެއެވެ.
އެނދުގައި ބުރަކަށި ޖައްސާލައިގެން، ޓައިލްސް މަތީގައި އަހަންނަށް އެތައް އިރަކު އިނދެވުނެވެ. ދޮރުގައި ޓަކި ޖެހި އަޑު އިވުމުންވެސް އަހަރެން އަޅައެއްނުލަމެވެ. މިވަގުތު، އެއްވެސް މީހަކާ ކުރިމަތިލާނެ ހިތްވަރެއް އަހަރެންގެ ގަޔަކު ނެތެވެ.
އިރުކޮޅަކުން އަނެއްކާވެސް ޓަކިދިން އަޑު އިވުނެވެ. ދެއަތުން މޫނު ފޮރުވާލާ، ނިއްކުރީގައި އިނގިލިތަކުގެ ކުރި ޖައްސާ ބާރުކޮށްލުމަށްފަހު، އިރުކޮޅަކު އިނީމެވެ. ދެން މޫނު ފޮހެލާ، އިން ތަނުން ތެދުވީމެވެ. ދޮރާއި ދިމާއަށް ދިޔުމަށް ނެގި ކޮންމެ ފިޔަވަޅެއްވެސް ނެގުނީ ވަރަށް ހިތްވަރުންނެވެ. ދޮރު ހުޅުވާލިއިރު، ކުރިމަތީގައި ހުރީ ކުޑަބެއެވެ. އަހަންނަށް އިސްޖަހާލެވުނެވެ.
“ޒައިދު؟” ކުޑަބެގެ އަޑު އިވުމުން، އަހަރެން އިސް އުފުލާ އެ މޫނަށް ބަލާލީމެވެ.
“ކުޑަބޭ؟؟؟ މަންމަ؟؟… އަސްލު ކިހިނެއްވީ؟؟.. ކޮން އިރަކު؟….” ބޭ އިޚްތިޔާރުގައި އަހަންނަށް ސުވާލުތައް ކޮށްލެވުނެވެ. އަޅައަޅައިގަންނަމުން ކުރެވުނު ސުވާލުތައް ފުރިހަމަ ނުކުރެވުނު ނަމަވެސް، ކުޑަބެއަށް އަހަރެން އޮޅުންފިލުވަން ބޭނުންވި ވާހަކަތައް ދޭހަވިކަން ޔަޤީންވީ އެމޫނަށް އަރާ ފޭބި ކުލަވަރުންނެވެ. މި ހުރިހާ ދުވަހު މަންމައާއިމެދު ނުވިސްނުނު ވަރަކަށް މިއަދު މިވިސްނެނީ ކީއްވެކަމެއް ހުދު އަހަންނަކަށްވެސް ނޭންގުނެވެ.
“މަންމަ އޭ؟؟… ހަނދާންވެއްޖެ ދޯ މަންމައެއް ހުރިކަން؟؟… ދިރިދުނިޔޭގައި ހުއްޓާ ފެންނަ ހިސާބަށް އާދެވިއްޖެ ދޯ؟” އިވުނީ ބޮޑުދައިތަގެ އަޑެވެ. އަހަންނަށް އަނެއްކާވެސް އިސްޖަހާލެވުނެވެ.
“ބޮޑުދައިތާ… ” އޭ ކިޔާފައި ގޮވާލަމުން ކުޑަބެ ބޮޑުދައިތަގެ ވާހަކަ މެދުކަނޑާލިއެވެ.
“އަދިވެސް އަހަންނަށްތަ ގޮވަންވީ؟ އަހަރެންތަ ހުއްޓުވަންވީ؟” ނުރުހިފައި ބޮޑުދައިތަ ކުޑަބެއާއި ދިމާއަށް ބުންޏެވެ. ދެން އަނެއްކާވެސް އަހަންނާ ކުރިމަތިލިއެވެ. އަހަންނާއި ކައިރިއަށް ދެފިޔަވަޅެއް އަޅާލުމަށްފަހު ވާހަކަ ދައްކަން ފެށިއެވެ.
“ޒައިދު ތިއީ އަޅެ ފަހެ އިންސާނެއްތަ؟… ތި މޭގައި ހިތެއްވެސް ނެތީތަ؟… އޮތް ނަމަ އަމިއްލަ މައިމީހާއާއި ދޭތެރޭ އެހާ އިހާނެތިކޮށް ކަންތައްކުރާކަށް ނުކެރޭނެ… އެފަކީރު ކަރުނަ އަޅާ ރޮއި ހިތާމަކުރީ ޒައިދުއަށްޓަކައި… އެންމެ ފަހުން ވާހަކަ ދެއްކުނު އިރުވެސް ބުނީ ޒައިދު ގެނެސްދޭށޭ… ދުނިޔެއިން ވަކިވުމުގެ ކުރިން އެންމެ ފަހަރަކު ނަމަވެސް ލޮލުން ދެކިލަން ބޭނުމޭ…” ނުރުހުންވެ ހުރެ ބާރު އަޑުން ވާހަކަދައްކަން ފެށި ބޮޑުދައިތަގެ އަޑު، ވަކި ހިސާބަކުން މަޑުވެގެން ދިޔައީ ރޮވެން ފެށުމުންނެވެ.
އަހަރެންގެ ހިލަ ހިތަށްވެސް މިފަހަރު އަސަރުކުރިއެވެ. ތެދެކެވެ. އަހަރެން ރައްޓެހިންނާއިއެކު މަޖާކުރުމުގައި ވަގުތުތައް ހޭދަކުރިއިރު، މަންމަ މަތިން ކުޑަކޮށްވެސް ހަނދާނެއް ނެތެވެ. ގެއަށްވެސް ނުވަދެ، އެތަންމިތަނުގައި ދުވަސްތައް ހޭދަކުރަމުން ދިޔައިރު، ބައެއްފަހަރު މަންމައާއި ބައްދަލުނުވެ، އެތައް ދުވަހެއްވެސް ފާއިތުވެގެންދެއެވެ. އެއީ އަހަންނަށް މާބޮޑު ކަމަކަށް ނުވެއެވެ.
ގެއަށް އާދެވޭ ދުވަހަކުވެސް، މަންމަ ފެނުމުން އަހަރެން ބަލަނީ އެތަނަކުން އަވަހަށް ދެވޭތޯއެވެ. ބޭރުގައި އެތައް އިރަކު އުޅެފައި ގެއަށް އަންނައިރު، މަންމަ އިންތިޒާރުގައި އިން ނަމަވެސް އެކަމަކަށް އަހަރެން ކުޑަވެސް ސަމާލުކަމެއް ނުދެމެވެ. ކޮންމެވެސް ބަހަނާއެއް ދެއްކުމަށްފަހު ކޮޓަރިއަށް ވަދެވޭތޯ ބަލަނީ، މަންމައާއި ވާހަކަ ދެއްކުމުގެ ކުޑަވެސް ޝައުޤުވެރިކަމެއް ނެތުމުންނެވެ. ރުހުމުގައި މަންމައާއި އެންމެ ފަހުން އަނގައިން ބުނެވުނު ދުވަހެއް، އަހަރެންގެ ހަނދާނަކަށް ނާދެއެވެ.
އަހަރެންގެ ކުދިކުދި ކަންތައްތަކަށް ވެސް މަންމަ ސަމާލުކަންދޭއިރު، މަންމަގެ އެއްވެސް ކަމަކަށް އަހަރެން ފަރުވާލެއް ނުބަހައްޓަމެވެ. ކުޑަމިނުން މަންމަ ދައްކާ ވާހަކަ އަޑުއަހަންވެސް އަހަންނަށް އޮންނަނީ ބޮޑު ކަމަކަށްވެފައެވެ. މަންމަ ފެންނަ ހިސާބަށްވެސް ނައިސްވޭތޯ އަހަރެން ބެލީމެވެ.
ބޮޑުދައިތައަށް ވާހަކަ ކުރިއަށް ނުގެންދެވިގެން ހުއްޓާލިއެވެ. އަހަރެންގެ ކުރިމަތިން ދާން ހިނގައިގަތުމުންވެސް އެއްޗެއް ނުބުނެވިފައި އަހަންނަށް ހުރެވުނީއެވެ. އެހެންނޫނަސް އަހަރެން ބުނާނީވެސް ވަކި ކީކޭ ހެއްޔެވެ؟
ބޮޑުދައިތަ ދިއުމުން ކުޑަބެ ކުރިއަށް ޖެހިލާ އަހަރެންގެ ކޮނޑުގައި އަތުން ޖަހާލިއެވެ. އަދި އަހަރެން ގޮވައިގެން ކޮޓަރިއަށް ވަދެ ދޮރު ލައްޕާލިއެވެ. އަހަރެން ގާތުގައި އެނދުގައި އިށީންނަން ބުނުމަށްފަހު، ކައިރީގައި ކުޑަބެވެސް އިށީނެވެ. މަންމަގެ ހާލަތު އަހަންނަށް ކިޔައިދޭން ފެށިއެވެ.
އަހަންނަށް ނޭންގުނުކަމުގައިވިޔަސް، ފަހަކަށް އައިސް މަންމަ އުޅުނީ ވަރަށް ބަލިކޮށް ކަމަށް ބުނި ވަގުތު އަހަރެން ލަދުގަތެވެ. ދަރިއަކަށްވެ ހުރެ، މަންމަގެ ބަލި ހާލަތުވެސް ދެނެނުގަނެވުނީތީ އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ. މަންމަގެ ބަލި މާ ބޮޑުވާން ފެށުމުން، ރާއްޖެއިން ބޭރަށް ގެންގޮސް ހެދި ޓެސްޓްތަކުން އެނގުނީ ކެންސަރު ޖެހިފައިވާކަމެވެ. ފަހު ސްޓޭޖްގައިކަމާއި، މާގިނަ ދުވަހު ދުނިޔޭގައި ހުންނާނެކަމުގެ އުންމީދެއް ނެތް ކަމުގައި ޑޮކްޓަރު ބުނިކަމަށް، ބުނެވުނުއިރު ކުޑަބެއަށް ރޮވިއްޖެއެވެ. ވާހަކަ ކުރިއަށް ނުގެންދެވިގެން ހުއްޓާލިއެވެ.
އަހަންނަށް މީގެ ކުރިން މިއިން އެއްވެސް ކަމެއް ނޭންގުނީތީ، އަހަރެން އިނީ ކުޑަބެއާއި ދިމާއަށް އިސްއުފުލާ ބަލާލަންވެސް ނުކެރިފައެވެ. އެނގޭނީވެސް ކިހިނެއް ހެއްޔެވެ؟ ރައްޓެހިންނާއިއެކު އެތައް މިތަނުގައި މަޖާކޮށް ހެދިއިރު، ގޭތެރޭގައި ހިނގާ އެއްވެސް ކަމެއް އަހަންނަކަށް ނޭންގެއެވެ. ހަފްތާ ދެހަފްތާ ވަންދެން ގެއަށް ނުވަދެވެސް އަހަރެން އުޅެމެވެ. ގެއަށް ވަންނަ ފަހަރަކުވެސް، އަހަރެން އޮންނާނީ ކޮޓަރީގައި ނިދާފައެވެ. ގޭގައި އެހެން މީހުން އުޅޭ ހާލެއް އަހަރެން ނުބަލަމެވެ. އަހަރެން ގެއަށް އަންނާނެކަމަށް އިންތިޒާރުގައި އިނަސް އިންނާނީ މަންމައެވެ. އެކަމުންވެސް އަހަންނަށްވީ އުނދަގުލެވެ. އަހަރެން ދެކުނީ، އެއީ އަހަރެންގެ މިނިވަންކަމަށް ހުރަސްއަޅަން މަންމަކުރާ ކަމެއްގެ ގޮތުގައެވެ.
ކުޑަބެ އަނެއްކާވެސް ވާހަކަ ކުރިއަށް ގެންދިޔައެވެ. މަންމަގެ ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކުރިތާ ހަފްތާއެއްވެދާނެކަމުގައި ކުޑަބެ ބުނެދިނެވެ. އެކަމަކުވެސް ހާލަތު ދިޔައީ އެއްދުވަހުން އަނެއްދުވަހަށް ދަށްވަމުންނެވެ. މިކޮޅުގެ ޑޮކްޓަރުންވެސް އުންމީދު ކަނޑާލާފައިވާކަމަށް އަސަރާއެކު ކުޑަބެ ބުންޏެވެ. މިކަންތައްތައް އަހަންނަށް އަންގަންވެގެން އެތައް ފަހަރަކު ގުޅިކަމަށްވެސް ކުޑަބެ ބުންޏެވެ.
**********************
ކުޑަބެގެ ފޯނު ރިންގްވީ އެވަގުތުއެވެ. އެނދުން ތެދުވަމުން ކުޑަބެ ފޯނަށް ޖަވާބު ދިނެވެ. އެކޮޅުން ބުނި ވާހަކައެއް އަޑުއަހާފައި އިތުރު އެއްޗެއް ނުބުނެ ކުޑަބެ ފޯނު ކަނޑާލިއެވެ. އަހަރެން ކުޑަބެއާއި ކައިރިއަށް ޖެހިލާ ކިހިނެއްވީތޯ ސުވާލުކުރީމެވެ.
“ޒައިދު… އާދޭ އަވަހަށް ހޮސްޕިޓަލަށް ދާން…” ކުޑަބެ މިހެން ބުނަމުން ކޮޓަރިން ނުކުންނަން ދިޔައެވެ. އަހަރެންވެސް ކުޑަބެގެ ފަހަތުން އަވަސް ފިޔަވަޅުތަކެއްގައި ހިނގައިގަތީމެވެ.
އަހަރެމެން ދިޔައިރު، ދޮންތައާއި ބޮޑުދައިތަމެން ފަރުވާދޭ ކޮޓަރީގެ ބޭރުގައި ތިއްބެވެ. ކުޑަބެ ދުވެފައި ކަހަލަ ގޮތަކަށް ގޮސް ދޮންތަ ގާތުގައި މަންމައަށް ކިހިނެއްވީތޯ ސުވާލުކުރިއެވެ. މަންމަގެ ހާލު މާ ބޮޑުވެގެން ޑޮކްޓަރުން މިހާރު ފަރުވާދެމުންދާ ކަމަށް ބުނިއިރު، ދޮންތައަށް ހުރީ ރޮވިފައެވެ. ކުޑަބެ އެއްފަރާތުގައި މަޑުކޮށްލިއެވެ.
އެންމެންގެ މޫނުމަތިން ފެންނަމުން ދިޔަ ކަންބޮޑުވުމުގެ އަސަރުތަކުން، މަންމަގެ ހާލު ވަރަށް ބޮޑަށް ސީރިއަސްވީކަން އަހަންނަށް ދެނެގަނެވުނެވެ. މަޑުމަޑުން ފަހަތަށް ޖެހެމުން ގޮސް ގޮނޑިބަރީގައި އިށީންދެލީމެވެ. ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތުގެ އިނގިލިތައް މަހާލަމުން އިސްތަށިތަކަށް ބާރުކޮށްލެވުނީ ބޯހާސްވިވަރުންނެވެ. އެވަގުތު އަހަރެންގެ ހިތަށް އެތައް އެއްޗެއް އަރާ ފައިބަމުން ދިޔައެވެ. ކުއްލިއަކަށް އެތަނުން ތެދުވަމުން ދުރަށް ހިނގައިގަތީ މޭފިތި، ނޭވާލާން އުނދަގޫވާހެން ހީވެގެންނެވެ. މީހުން ތަންކޮޅެއް މަދު ހިސާބެއްގައި މަޑުކޮށްލުމަށްފަހު، ފުންކޮށް ނޭވާލެވޭތޯ މަސައްކަތް ކުރީމެވެ.
ކޮންމެވެސް މީހަކު ކޮނޑުމަތީގައި އަތް ބާއްވާލުމުން، މޫނު އެދިމާއަށް އަނބުރާލީމެވެ. އަވަސްއަވަހަށް މަންމަ ކިހިނެއްތޯ އަހާލެވުނެވެ. ކުޑަބެގެ ލޮލުން ރޮނގަކަށް ފައިބައިގެން ދިޔަ ކަރުނައިގެ ސަބަބުން، އަހަރެންގެ ހިތުގައި ބިރުވެރިކަން އުފެދުނެވެ. ވާހަކަ ދައްކަން އުނދަގޫވެގެން ކުޑަބެ އުޅުނުކަން އަހަންނަށް ފާހަގަކުރެވުނެވެ. ދެވަނަ ފަހަރަށް ވާހަކަ ދައްކަން ފަށާފަވެސް އިސްދަށަށް ޖަހާލަމުން ހިންދިރުވާލިއެވެ. އަހަރެން ކުޑަބެގެ ކޮނޑުގައި ހިފާ ތަޅުވައިގަތީމެވެ. ކުޑަބެ ދެން ބުނެލި ވާހަކަ އަޑުއަހާފައި އަހަރެންގެ ދެލޯ ބޮޑުވިއެވެ. ބޯ ހޫރާލަމުން އަހަންނަށް ރޮއިގަނެފައި ނޫނެކޭ ކިޔާ ހަޅޭއްލަވައިގަނެވުނެވެ.
**********************
އެއްވެސް ހަރަކާތެއް ނެތް މަންމަގެ ހަށިގަނޑު ފެނިފައި އަހަރެންގެ ލޯ އަނެއްކާވެސް ފެންކަޅިވިއެވެ. ދެލޯމެރިފައިވާއިރު، ހީވަނީ ހިމޭން ނިންޖަކުން ނިދާލާފައިވާހެންނެވެ. އެނދުކައިރިއަށް ހުއްޓި، މަންމަގެ އަތް މަތީގައި އަހަރެންގެ އަތްތިލަ ބާއްވާލިއިރު، ލޮލުން ކަރުނަތައް ފައިބަމުން ދިޔައެވެ. އިތުރަށް އަހަންނަކަށް ކެތެއް ނުކުރެވުނެވެ.
“މަންމާ.. ލޯ ހުޅުވާލަބަލަ… މަންމާ.. އަހަންނަށް މާފުކުރޭ… މަންމާ…” އަހަރެން ކިޔަމުން ދިޔައީމެވެ. މަންމައާއި ދައްކަން ބޭނުންވާ އެތައް ވާހަކައެއް ހުރި ނަމަވެސް އަހަންނަށް ހަމައެކަނި ބުނެވުނީ އެހެންނެވެ. ހުރިތަނަށް ތިރިވެވުނީ ކޮޅަށް ހުންނާނެ ހިތްވަރު ހަށިގަނޑުގައި ނެތުމުންނެވެ. ކުޑަބެ އައިސް އަހަރެން ނަގާ އެތަނުން ދުރަށް ގެންދިޔައެވެ.
“މަންމާއެވެ. އަހަންނަށް މާފުކުރާށެވެ.” މައާފަށް އެދެން ބޭނުންވިޔަސް އަހަންނަށް އެ ފުރުޞަތުވެސް ނުލިބުނެވެ. ކުޑަބެ އަހަރެން ދުރަށް ގެންދިޔައިރުވެސް ހިތާހިތުން އަހަރެން މާފަށް އެދެމުން ދިޔައީމެވެ.
**********************
މަންމަގެ ޖަނާޒާގެ ހުރިހާ ކަމެއް ނިމި، ގެއަށް އާދެވުނުއިރުވެސް އެއްވެސް މީހެއްގެ ލޮލުން ކަރުނަ ނުހިކެއެވެ. ހިމޭންކަމާއެކު ކޮންމެ މީހަކުވެސް އެމީހެއްގެ ކޮޓަރިއަށް ވަނީ، އެކަނިވެލަން ބޭނުންވެގެން ކަންނޭންގެއެވެ.
**********************
މަންމަގެ ވަކިވުމަށްފަހު، އަޖައިބެއްފަދަ ހިމޭންކަމެއް އަހަރެންގެ ހަޔާތަށް އައެވެ. ކުރިން ބޭރުގައި އަބަދު އުޅުނު މީހާ ކޮޓަރީގެ ހަތަރު ފާރުތެރޭ ބަންދުވެގެން އިންނަން ފެށީމެވެ. އެއްވެސް މީހަކާ ވާހަކަ ދައްކާކަށް ބޭނުމެއް ނުވެއެވެ.
**********************
ބޮޑުދައިތަ އަހަންނާއި މަންމަގެ ޑައިރީ ހަވާލުކުރިއެވެ. ދިއުމުގެ ކުރިން އަހަރެންގެ ބޮލުގައި ފިރުމާލިއެވެ. އެ ޑައިރީ ކިޔަމުން ދިޔައިރު، އިޚްތިޔާރަކާ ނުލާ، އަހަރެންގެ ލޮލުން ކަރުނަތައް ފައިބަމުން ދިޔައެވެ. މަންމަ އަހަރެމެންނާއިމެދު ހާދަ ފޮނި އުންމީދުތަކެއް ކުރިއެވެ. އަހަންނަށް އެހެންދިމާވީ، މަންމަ ދިން ތަރުބިއްޔަތުގައި އުނިކަމެއް ހުރީމަކަމަށް މަންމަ ޤަބޫލުކުރާކަމަށް ލިޔެފައިވެއެވެ. އަހަރެން ދެރަވިއެވެ. އަހަރެންގެ ގޯސްކަމުން މަންމަ ދިން ނަސޭހަތްތައް ގަބޫލުނުކުރުމުން، އެކަމަށްވެސް މަންމަގެ އަމިއްލަ ނަފްސް ކުށްވެރިކޮށްފައިވުމުންނެވެ. ޑައިރީ ކިޔާ ނިމުމުން، ލައްޕާލުމަށްފަހު މޭގައި ޖައްސާލެވުނެވެ.
މަންމައާއި މެދު ކަންތައް ކުރެވުނު އިހާނެތި ގޮތް ހިތަށް އެރުމުން ހިތްދަތިވިއެވެ. މަންމައާއި ހަރުކަށިކޮށް މުޢާމަލާތް ކުރި ކޮންމެ ފަހަރަކު، އެމޫނުމަތިން ފެނުނު މޮޅިވެރިކަމާއި ހިތާމަ މިވަގުތުވެސް ފެންނަ ފަދައެވެ. އެކަމުން އޭރު އަހަރެންގެ ހިތަށް އެއްވެސް އެއްޗެއް ނޭރި ނަމަވެސް މިހާރު ވަރަށް އަސަރުކުރެއެވެ. އެދުވަސް އަލުން އަނބުރާ އަންނާނެ ނަމަ، އޭރު އަހަރެން ކަންތައް ކުރި ގޮތް ބަދަލުކުރާނަމެވެ. ނަމަވެސް އެއީ ވާނެ ކަމެއް ނޫނެވެ.
މަންމައަކީ ކިހާ މުހިންމު މީހެއްކަން އަހަންނަށް އިހްސާސް މިވީ މަންމަ ވަކިވެދިއުމުންނެވެ. އަހަރެން ކިތަންމެ ބޭނުންވި ނަމަވެސް އެ ފިރުމުންތަކެއް ދެނެއް ނުލިބޭނެއެވެ. މައިވަންތަކަމުގެ ލޯބީގެ މަތިވެރިކަމާއި މާތްކަން އަހަންނަށް އެނގުނުއިރު، މަންމަ މި ފަނާވަނިވި ދުނިޔެއަށް އަލްވަދާއު ކިޔައިފިއެވެ. އެއްޗެއްގެ މުހިންމުކަން އެނގޭނީ އެ އެއްޗެއް ގެއްލިދިއުމުންނޭ ބުނާ ވާހަކައިގެ ތެދުކަން އަހަންނަށް އިހްސާސްކުރެވުނެވެ. މަންމަގެ ލޯބި ބީވެގެން ދިޔަ ފަހުންނެވެ.
ނަމަވެސް މިހާރު އަހަރެންގެ އަޒުމަކީ މަންމަގެ އުންމީދުތަކާއި ހުވަފެންތައް ހަޤީޤަތަކަށް ހެދުމެވެ. މަންމަ ބޭނުންވި ފަދަ ހެޔޮލަފާ ޞާލިޙު ދަރިއަކަށް ވެވޭތޯ އަހަރެން މަސައްކަތް ކުރާނަމެވެ. މަންމައަށް ޚިދްމަތްކުރުމުގެ ފުރުޞަތު ލިބުނުއިރު، އަހަންނަށް އެ ފުރުޞަތު ބޭކާރު ކޮށްލެވުނީއެވެ. މިއަދު އަހަންނަށް މަންމައަށްޓަކައި ކޮށްދެވެން އޮތް ކަމަކީ ހެޔޮ ދުޢާ ކުރުމެވެ. ﷲ އިރާދަކުރެއްވިއްޔާ، އަހަރެންގެ ނޭވާ ހިނގާހާ ހިނދަކު، މަންމައަށް ހެޔޮ ދުޢާ ކުރުމުގައި ދެމިހުންނާނަމެވެ.
**********************
ކުރީގެ ވިޔާނުދާ އުޅުން ދޫކޮށްލާ، އަޚްލާޤް ރަނގަޅު މީހަކަށްވުމަށް ކުރި މަސައްކަތުގައި އަހަރެންގެ ޢާއިލާގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނެވެ. އެމީހުންގެ އެއްބާރުލުމާއެކު، އަހަރެންގެ ޙަޔާތުގެ މުޅިން އާ ބާބެއް ފެށިގެން ދިޔައެވެ.
**********************
“އަހަރެންގެ ދިރިއުޅުމެވެ. އަހަރެންގެ މިނިވަންކަމެވެ. އަހަރެންގެ ހައްގެވެ. ކުރާނީ އަހަރެން ބޭނުން ކަމެކެވެ. އުޅޭނީ އަހަރެން ބޭނުން ގޮތަކަށެވެ. އެހެންމީހަކާ ބެހޭ ކަމެއް ނޫނެވެ.” މިއީ އަހަރެން ކުރިން ޤަބޫލުކުރަމުން އައި ގޮތެވެ. އެހެން ނަމަވެސް އެއީ އަދި މުޅިން ރަނގަޅު ވިސްނުމެއް ނޫންކަން މިއަދު އެނގިއްޖެއެވެ.
އަހަރެންގެ ހަޔާތާއި ގުޅިފައިވާ އެހެން ބަޔަކުވެސް އެބަތިއްބެވެ. އެމީހުންނާއިމެދު އަހަރެން ވިސްނަންޖެހޭނެއެވެ. އަހަރެން ކުރާ ކަންތައްތަކުގެ ސަބަބުން އޭގެ އަސަރު ފޯރާނެ އެތައް ބަޔަކު އެބަ ތިއްބެވެ. އާއިލާއާއި ގާތްތިމާގެ މީހުންނެވެ. ރައްޓެހި ރަޙްމަތްތެރިންނެވެ. ހަމަ އެއާއެކު އާއްމު މުޖުތަމައުގެ މީހުންނެވެ. އަހަރެންގެ މިނިވަންކަމަކީ އެހެންމީހުން އަހަރެންގެ ދަށުކޮށްލުންކަމުގައި ވެގެންނުވާނެއެވެ.
އަހަރެންގެ ހައްގު ލިބިގަތުމަށްޓަކައި، އެހެންމީހުންގެ ހައްގުތައް ނިގުޅައިގަނެވިގެން ނުވާނެއެވެ. ހައްގަކާ ނުލާ އެހެން މީހަކަށް، އެއްވެސް ހާލެއްގައި އަނިޔާއެއް ދެވިގެން ނުވާނެއެވެ. އެހެންވީމާ އަހަރެން ބޭނުންހާ ކަމެއްކޮށް، ހިތަށް އެރިހާ ގޮތަކަށް އުޅުމުގެ ޖާގައެއް ނެތެވެ. ކޮންމެ ކަމަކަށް ވެސް ކަނޑައެޅިފައިވާ ވަކި ހުދޫދެއްވެއެވެ. އެ ހުދޫދުގެ ތެރެއިން ބޭރުވީމާ، އޭގެ ގެއްލުމާއި ނޭދެވޭ އަސަރު، ތިމާއަށްވެސް އަދި އެހެން މީހުންނަށްވެސް ކުރެއެވެ. އަހަރެން ކުރާ ކަމެއްގެ ސަބަބުން، އަހަންނަށް ނުވަތަ އެހެންމީހަކަށް އެއްވެސް ގެއްލުމެއް ލިބޭނަމަ، ކޮންމެ މީހަކަށްވެސް އެކަމެއް ހުއްޓުވުމުގެ ގޮތުން ކުރެވެން އޮތް މަސައްކަތެއް ކުރެވޭނެއެވެ. ލަހުން ނަމަވެސް އަހަންނަށް ވިސްނުނީތީ އަހަރެން އުފާކުރަމެވެ.
**********************
މަންމަގެ ޑައިރީ ލައްޕާލުމަށްފަހު ފުން ނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލެވުނެވެ. ކުރިމަތީގައި އޮތް މޫދާއި ދިމާއަށް ނަޒަރު ހުއްޓާލީމެވެ. ހަ އަހަރު ފާއިތުވެގެން ދިޔަ ނަމަވެސް، އަހަރެންގެ ހަޔާތުން މަންމަ ނެތުމުގެ ފަޅުކަން ފިލާނުދެއެވެ. މަންމަ އަހަރެންދެކެ އަބަދުވެސް ލޯބިވާކަން އަހަންނަށް އެނގެއެވެ. ޑައިރީގައި ވަރަށް ތަފްޞީލްކޮށް އެކަން ބަޔާންކޮށްދީފައިވެސް އޮތެވެ. މަންމަ އަހަންނާއިމެދު ދެކޭ ހުވަފެންތަކާއި ކުރާ އުންމީދުތައް އަހަންނަށް އެނގުނީ މި ޑައިރީގެ ޒަރީއާއިންނެވެ. އެވާހަކަތައް މަންމަ ދައްކަން ބޭނުންވިއިރު، އަހަންނަށް ދެވުނީ ބީރު ކަންފަތެކެވެ. މަންމަ ބޭނުންވަނީ، އަހަންނަކީ ހަރުދަނާ، ޒިންމާދާރު މީހަކަށްވާށެވެ. އަޚްލާޤް ރަނގަޅު، ހެޔޮލަފާ ޞާލިޙް މީހެއް ކަމުގައިވާށެވެ. ހަ އަހަރު ދުވަސް މާޒީއާއި އެކުވެގެން ދިޔައިރު، އަހަރެންގެ ހަޔާތަށް ބޮޑެތި ބަދަލުތަކެއް އައިސްފިއެވެ. މިހާރު މިއީ ކުރީގެ ޒައިދުއެއް ނޫނެވެ.
މިއަދު އަހަންނަކީ ކާމިޔާބު ވިޔަފާރިވެރިއަކީމެވެ. އަންބަކާ، ކުޑަކުޑަ ލޯބި ލޯބި ދެކުދިންގެ އާއިލާއެއް ބަލަހައްޓަމުން ގެންދާ، ޒިންމާދާރު މީހަކީމެވެ. މަންމަ އެދުނު ފަދައިން ހަރުދަނާ، އަޚްލާޤް ރަނގަޅު މީހެއްގެ ގޮތުގައި، މުޖުތަމައުން މިއަދު އަހަރެން ބަލައިގަނެއެވެ. މިއަދުވެސް، އަހަންނާއިއެކު މަންމަގެ ހަނދާންތައްވެއެވެ. ކިތަންމެ ގިނަ ދުވަހެއް ފާއިތުވެގެން ދިޔަޔަސް، އަހަރެން މަންމަ މަތިން ހަނދާނެއް ނުނެތޭނެއެވެ.
ޝައްކެއްވެސް ނެތެވެ. ﷲ އިރާދަކުރެއްވި އަޅަކަށް އެކަލާންގެ ތެދުމަގު ދައްކަވައެވެ. އަހަންނަށް ތެދުމަގު ލިބި، ހެޔޮ ވިސްނުން ލިބުމުގެ މެދުވެރިއެއްކަމުގައި، އެކަލާންގެ އަހަރެންގެ މަންމަ ލެއްވިއެވެ. އަހަރެންގެ އަނދިރި ހަޔާތަށް އަލިކަމެއް ގެނެސްދިން ސަބަބެއް ކަމުގައިވީ މަންމައެވެ. މަގު ގެއްލިފައިވި ހިނދު، އުންމީދުގެ ހުޅުކޮޅުން ދިރިއުޅުން އުޖާލާވެގެން ދިޔައީ، ހަމަ އެ މަންމަގެ ސަބަބުންނެވެ. ވަކިވެ ދިޔަކަމުގައިވިޔަސް، އަހަރެންގެ ހަޔާތަށް ހެޔޮ ބަދަލެއް އައުމަށް މެދުވެރިވި ފަރާތަކީ، މަންމައެވެ. ދެރައީ، މަންމަގެ މާފު ހޯދުމުގެ ފުރުޞަތު އަހަންނަށް ނުލިބުނީތީއެވެ. މި ކަން ހިތަށް އަރާ ކޮންމެ ފަހަރަކު، އަހަރެންގެ ހިތް ނުތަނަވަސްވެގެންދެއެވެ. މިއަދުވެސް، އަހަރެން ހިތާހިތުން މަންމަގެ މާފު ލިބޭތޯ އެދިއެދިހުރީމެވެ.
(ނިމުނީ)
ކެޓެގަރީ: ކުރުވާހަކަ

3743

Dhimraa

0.0

Vvvvvvvvv reethi?

2

2 weeks ago

Kiuntherieh

0.0

Varah ibraitheri hama rovenee????????

3

3 months ago

Me

0.0

Hama rangalhahves rovijje. Varah furihama. Mee hama school thakuga dhiraasaakuran dheyvaruge vaahakaeh. Visnaa fikurukuraa mujuthamaueh binaakureveytho. Varah bodah shukuriyya

4

3 months ago

Young.bin

0.0

Varah reethi dhera story eh…. i loved it a lot?

2

6 months ago

ޒައިދް

0.0

ވާހަކަ ނިމުނުއިރު ލޮލުން ކަރުނަ އައި. ވަރަށްވެސް އިބްރަތްތެރި.

5

6 months ago

Kh

0.0

Vvvv reethi. .mihaa reethi ibraitheri story eh kiss lab libuneethi thanks

4

6 months ago

Mishy

0.0

Vrh reethi mi vhk hama ranglhah vx rovijje

6

7 months ago

މައިނާ Listing Owner

? Thank you so much Mishy

7 months ago

Fatima

0.0

I seriously cried after reading this

7

7 months ago

މައިނާ Listing Owner

Mi balany Fathima ah story kamudhiya kamah… ehen kamah
vaanama varah ufaavejje
Thank you for the comment Fathima

7 months ago

A very heart touching story ?

0.0

Vaahaka kiyaa myha

7

7 months ago

މައިނާ Listing Owner

Thank you so much dear ?

7 months ago

sukuney

0.0

sukuney mi vaahaka nukiyaa tha

7 months ago

Leen

0.0

V v v reethi aslu v ibraitheri vaahaka eh . Mikahala vaahaka rangalhu vane ekahala kudhin Kiyan . Good job inge maina.v reethi masha allah

8

7 months ago

މައިނާ Listing Owner

Thank you so much Leen
?

7 months ago

Luhan

0.0

.Varah dheravi mi vaahaka kiyaafa and varah rythi mi vaahaka

8

1

7 months ago

މައިނާ Listing Owner

Thank you so much Luhan
?

7 months ago

މައިނާ Listing Owner

0.0

Thank you so much dear

7 months ago

Kiyuntheriya

0.0

One of the best stories I ever read. Very touched indeed ?

10

7 months ago

މައިނާ Listing Owner

Thank you so much dear
?

1

7 months ago

ކިޔުންތެރިންގެ ހިޔާލު ކެންސަލް
Your RatingSource link

Leave a Reply

Related Articles