• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ވާހަކަ ⁄ ނެގުނު ހިރާސް

ނެގުނު ހިރާސް


މިޔަރާން އަދިވެސް އޮތީ ހިކިޔާންގެ އިންތިޒާރުގައެވެ. ފިނިމޫސުމުގައި ވެހެމުންދިޔަ ސުނޯ ޖައްވުގައި އުދުހެމުންދިޔައެވެ. ހިކިޔާން ފުރަތަމަ ފެނުނު ދުވަހު ވެހެމުންދިޔަ ކަހަލަ ހިތްގައިމު ގޮތަކަށެވެ. މިޔަރާންގެ ލޮލުން ނީރާލި ކަރުނަ ބާލީހަށް އޮބެމުންދިޔައެވެ. އޭނާ އޮތީ ކަރުނަ ހިނދުމުގެ ކުރިން ހިކިޔާން އަންނާނެކަމުގެ އުންމީދުގައެވެ. އެ ހިސާބަށް ވާހަކަކިޔައިފައި އަހަރެން ފޮތް ލައްޕާލީމެވެ. ކުޑަ އިރުކޮޅެއް ކުރިން ލިބުނު ތާޒާ ފިނިފެންމަލުން ފޮތުގެ އެ ހިސާބު ފާހަގަކޮށްލީމެވެ. ކަރުނަ ފިޔަވައި އެހެން އެކުވެރިޔެއް މިއަދު އަހަރެންގެ ނެތެވެ. ހިތުގެ ހުރިހާ ދިމާއެއްގައި ލިޔެވިފައިވަނީ އެންމެ ނަމެކެވެ. މުނާޒެވެ. އަހަރެންގެ ލޯބިވާ މުނާޒެވެ. ހަމައެކަނި އަހަރެންގެ މުނާޒެވެ. އުމުރުން އެންމެ އެކާވީސް އަހަރުގައި އަހަންނަށް މި ކުރިމަތިވީ ކޮން ފަދަ ހިތްދަތި ހަޔާތެއް ހެއްޔެވެ؟

ކޮޓަރީގެ ދޮރުގައި ޓަކިޖަހައިލި އަޑުއިވުނެވެ. އަހަރެން އަނެއް ފަރާތަށް މޫނު އަނބުރައިލީމެވެ. މަންމަ އައިސް އެނދުގައި އިށީންކަން އަހަންނަށް އިހުސާސްވިއެވެ. ކުޅިމަހުގެ މީރުވަސް އަހަރެންގެ ހިއްސުތަކާ ކުޅެލިއެވެ. ހިތަށްއެރިއެވެ. އެންމެ އެތިކޮޅެއް ވެސް ނުކާނަމެވެ. މުނާޒު ވެސް އޮންނާނީ ސައިނުބޮއެވެ.

“ދަރިފުޅާ!” އޯގާތެރިކަމާ އެކުގައި މަންމަ ބުންޏެވެ. “މިހިރީ ދަރިފުޅަށް އެންމެ މީރުގޮތަށް ކުޅިމަސް ހަދާފަ. ކުޑަ އެތިކޮޅެއް ކާލަބަލަ!”

“ނުކާނަން،” މަންމަޔާ ވާހަކަދެއްކީ މުނާޒުގެ ލޯބީގެ ހަކަތައެވެ. “ހެޔޮ މަރުވިޔަސް. އޭރުން ޑެޑީއަށް ހުންނާނީ އަހަރެން މެލޭޔަށް ގެންދެވިފަ.”

“އައްދެ! މިހާރު އެ ހިސާބަށް ދިޔައީ؟” ސަމާސާގެ ރާގެއްގައި މަންމަ ބުންޏެވެ. “މުނާޒު ގޭގަ. ދަރިފުޅު ސަންދޯކުގަ. އޭރުން އެ ބައްދަލުވީ؟”

“ނޮޓް ފަނީ މަމް!” ކުޑަކޮށް ހެވުނު ނަމަވެސް ރުޅިވެރި އަޑަކުން އަހަރެން ބުނީމެވެ.

ބޮޑާހާކައިފައި ނުކައި އޮއްވައި އަހަންނަށް ނިދުނެވެ. ހޭލެވުނުއިރު މުނާޒު އޮތީ އަހަރެން ކައިރީގައި ނިދިފައެވެ. އޭނަ ލައިގެންއޮތީ ޑެނިމް މަރުކާގެ ނޭވީ ބްލޫ، ގަޔަށް ހެޔޮވަރު ޖިންސެކެވެ. ބަނޑުގައި ތަރުތީބުން އެތުރިފައިވާ ފިތްތަކުގައި ފިރުމާނުލައެއް އަހަންނަކަށް ނޯވެވުނެވެ.

“މުނާޒު!” ވައިއަޑުން އަހަރެން ބުނެލީމެވެ.

މުނާޒެއް ނުހޭލިއެވެ. އަހަރެން ކިހާ ބަނޑުހައިވެފަހުރިކަން އިހުސާސްވީ އެ ވަގުތުއެވެ. އަނެއް ފަރާތަށް އެނބުރިލިއިރު، މަންމަ ގެނައި ކުޅިމަހާއި ރޮށިތަށި، އަރިމަތީ ކަފޭރާ މަތީގައި ހުއްޓެވެ. އަހަރެން ތެދުވެ ކާންފެށީމެވެ. މުނާޒު ތެދުވިހެން އަހަންނަށް ހީވިއެވެ.

“އަނެއްކާ؟” މުނާޒު ނިކަން ބާރަށް ބުނިއަޑު އަހަންނަށް އިވުނެވެ.

ސިހިފައި އެނބުރިލިއިރު މުނާޒު ހުރީ ބެލްޓު ހިފައިގެން ކޮޅަށެވެ.

“ތީ އަހަންނަށް ގެނައި އެއްޗެކޭ،” ބެލްޓުގައި ރަނގަޅަށް ހިފާލަމުން މުނާޒު ބުންޏެވެ. “ހަމަ ގެންނައިރަށް އެބަ ކާލަޔޭ!”

އަހަރެންގެ ބުރިކަށީގައި ބެލްޓުން ޖެހުމާއެކު އަހަރެންގެ ލޯ ހުޅުވުނެވެ. އޭރު ވެސް ބުރިކަށީގައި ދިލަ ހުރިހެން ހީވެއެވެ. އަހަރެން އޮތީ އަހަރެންގެ ކޮޓަރީގައެވެ. އެ ތާކު އެއްވެސް މީހަކު ވެސް ނެތެވެ. ގަޑި ބަލައިލިއިރު ރޭގަނޑު އަށެއްޖަހަނީއެވެ. ހަގީގަތުގައި ވެސް އެއީ އަހަރެންގެ ލޯ ހުޅުވައިދިން ހުވަފެނެކެވެ. އަހަރެންދެކެ މުނާޒު ކިހާ ލޯބިވާކަން އަހަންނަށް އެނގެއެވެ. އޭނަ ދުވަހަކު ވެސް އަހަންނަކަށް އަނިޔާއެއް ނުކުރާނެއެވެ. އެކަމަކު މުނާޒަކީ އަނިޔާކުރާ މީހަކަށް ވެއްޖެއްޔާ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ އަހަރެންގެ ހުރިހާ އެއްޗެއް ދޫކޮށްލައިފައި އެންމެ މީހަކަށް ބަރޯސާވުމަކީ އެންމެ ރަނގަޅު ގޮތް ހެއްޔެވެ؟ އަހަރެން ކިޔަވަން މެލޭޝިޔާއަށް ގޮއްސިއްޔާ ރުޅިވާނަމޭ މުނާޒު ބުނަންވީ ކީއްވެގެން ހެއްޔެވެ؟ ލޯތްބަކީ އެއީ ހެއްޔެވެ؟ އަހަންނަށް ފެނުނީ ހެއްވާ ހުވަފެނެކެވެ. އެކަމަކު ހިތުގައި އުފެދުނީ ކުރިން ނުއުފެދޭ ކަހަލަ ސުވާލުތަކެކެވެ.

އަހަރެން ތެދުވެގެން ގޮސް ބަނޑުފުރެންދެން ކެއީމެވެ. ހައިހޫނުކަން ފިލުމުން އިތުރަށް ވިސްނާލަން އަހަންނަށް ފަސޭހަވިއެވެ. އެހެނަސް އަހަންނަށް އެނގެއެވެ. މުނާޒާ ދެކޮޅަށް އަހަރެން ދިޔަސް، ކިޔެވުމަށް އަހަންނަކަށް ސަމާލުކަމެއް ނުދެވޭނެއެވެ. އެކުގައި ރައްކާކުރެވިފައިވާ ފޮނި ހަނދާންތައް މާ ގިނައެވެ. މުނާޒު ރުޅިވެއްޖެއްޔާ އަހަރެން ވަރަށް ދެރަވާނެއެވެ. އަހަރެން ފޯނުނެގީމެވެ. މުނާޒާ ވާހަކަދެއްކީމެވެ. މިއީ ޓެކްނޮލޮޖީގެ ޒަމާނެވެ. ދުރު ކައިރިކޮށްދޭ އެތަކެއް ވަސީލަތެއް އެބަހުއްޓެވެ. ދުރުގައި ތިއްބަސް އަހަރުމެންނަށް ގާތުގައި ތިބެވިދާނެއެވެ. ހުރިހާ ވާހަކައެއް ދެއްކީމެވެ. މުނާޒު އެއްބަހެއް ނުވިއެވެ. އޭނަގެ ހުރިހާ ވާހަކައެއް އަހަރެންގެ ސިކުނޑިއަކު ހަރެއްނުލިއެވެ. އެކަމަކު އެއް ޖުމުލަ އަހަރެން ހަނދާނެއް ނުނެތުނެވެ.

“ނުޒޫ ގޮސް ހެސްކިޔާފަ ކިޔަވަންވީ. އަހަރެން އަތުގަ އޭލެވެލް ސެޓްފިކެޓު އެކަނި.” ހިތްހަމަނުޖެހިފައި މުނާޒު ބުންޏެވެ.

އެ ލަފުޒުން އަހަންނަށް ދުވީ ހިތްއަނދާ ވަހެވެ.

“އާ ޔޫ ޖެލަސް؟” އަހަރެން އެހީމެވެ.

އެ ސުވާލަކަށް މުނާޒު ޖަވާބެއް ނުދިނެވެ. ދެވަނަ ވިސްނުމަކަށް ދާން އަހަންނަށް މަޖުބޫރުވީ އެ ހިސާބުންނެވެ. މުނާޒު ދެކެ އަހަރެން އިންތިހާއަށް ލޯބިވެއެވެ. އަހަރެން ދެކެ މުނާޒު އެ ވަރަށް ލޯބިވޭ ހެއްޔެވެ؟ އެ މައްސަލަ ހިފައިގެން އަހަރެން މަންމަ ގާތަށް ދިޔައީމެވެ.

“މުނާޒާ ބެހޭގޮތުން ދަރިފުޅަށް ނޭނގުނު އެއްޗެއް މަންމައަށް ކިހިނެއް އެނގޭނީ؟” މަންމަ ދިނީ ކުރު ޖަވާބެކެވެ. “އެނގޭ އެއްޗެއް ބުނެފާނަން. ދަރިފުޅުގެ ނިންމުމަށް، ރޮމުން ވިޔަސް މަންމަ ތާއީދުކުރާނަން.”

“އަހަރެން ގޮއްސިއްޔާ އޭނަ ހާދަ ދެރަވާނޭ،” އަހަންނަށް ބުނެވުނެވެ. “އޭނަ ހާދަ ލޯންލީވާނޭ. އޭނަ ނުވެސް ކާނެ. އޭނަ..”

“ދަރިފުޅާ!” އަަހަރެންގެ ބޮލުގައި ފިރުމާލައިފައި މަންމަ ބުންޏެވެ. “ދަރިފުޅާ ދޭތެރޭގަ ވެސް ވިސްނާލަބަލަ!”

ރޭގަނޑު ހަތަރުދަން އަހަރެން ހޭދަކުރީ ވިސްނުމުގައެވެ. މަންމަ ބުނީ ތެދެކޭ ހިތަށްއެރިއެވެ. އަހަރެން އަބަދުވެސް ވިސްނީ މުނާޒާ ދޭތެރޭގައެވެ. ހުރިހާ ކަމެއްގައި ވެސް އޭނައެވެ. އެ ވަށްބުރަކު އަހަންނެއް ނެތެވެ. އަހަރެންގެ މުޅި ދިރިއުޅުމުގެ ނާރެހަކަށް ވެފައިވަނީ މުނާޒެވެ. އަހަރެން އޭގެ ވަށައިގެން އެނބުރުނީއެވެ. މުނާޒު ދެކެ އަހަރެން ވަރަށް ލޯބިވެއެވެ. މުނާޒު ފެނުނަސް އަހަރެންގެ ހިތަށް އަޖައިބެއް ކަހަލަ ހަމަޖެހުމެއް ލިބެއެވެ. އޭނަޔާ ރުޅިވެގެން ފުރައިގެންދިޔުމަކީ އަހަރެން ނަގަންޖެހޭ ބޮޑު ހިރާހެކެވެ. އެނބުރި އަންނައިރު އޭނަ ގެއްލިއްޖެއްޔާ އަހަންނަށް ވާނީ ކިހިނެއްކަމެއް އަހަންނަކަށް ވެސް ނޭނގެއެވެ. ނިދެންދެން އަހަރެން އެކަމާ ވިސްނީމެވެ. އެކަމަކު އޭނަގެ ހުރިހާ ފައްސި ސިފަތަކަށް ވިސްނައިގެން ފުދޭކަށް ނެތެވެ. ނައްސި ސިފަތަކެއް ވެސް އޭނަގެ ހުންނާނެއެވެ. އަހަންނަށް އެ ސިފަތައް އޭނަ ނުދައްކަނީއެވެ.

މުނާޒަށް ވިސްނައިދޭން އަހަރެން ވަރަށް މަސައްކަތްކުރީމެވެ. އޭރު ބައްޕަމެން ދިޔައީ ކޮލެޖުން ޖާގަހޯދުމުގެ މަސައްކަތްކުރަމުންނެވެ. މުނާޒު އެއްގަލަކަށް ނޭރިއެވެ.

“އަހަރެން ބޭނުމީ ރުޅިވާން.” އެއީ މުނާޒު އެންމެ ގިނައިން ބުނި ތިން ލަފުޒެވެ.

އަހަރެން މެލޭޝިޔާއަށް ފުރީމެވެ. ރޮމުން ގިސްލަމުންނެވެ. މަތިންދާބޯޓުގައި އިންއިރު ވެސް އަހަންނަށް ރޮވުނެވެ. ގެނައި ކާއެއްޗެއް ނުކެވުނެވެ. ހިތަށްއެރިއެވެ. މި ނެގުނީ ރަނގަޅު ހިރާހެއްބާއެވެ؟ މެލޭޝިޔާއަށް ގޮސް ނުކިޔެވި އެނބުރިއަންނަން ޖެހިއްޖެއްޔާ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ މުނާޒާ ނުލައި އަހަރެން ދިރިހުންނާނީ ކިހިނެއް ހެއްޔެވެ؟ އަހަރެންގެ ނިންމުންތައް ނިންމަނީ މުނާޒެވެ. ތަނަކަށް ދާއިރު ލާންވާ ހެދުމާއި، އިސްތަށިގަނޑު ހުންނަންޖެހޭ ގޮތާއި، ކާންވާ އެއްޗެއްސާއި، ދާންވާ ތަންތަން ވެސް މުނާޒު ގާތުގައި އަހަރެން އަހަމެވެ. އެ ހުރިހާ އެހީއެއް މުނާޒު ކަނޑައިލިއެވެ. ކުއްލި ހުސްކަމެއް އަހަރެންގެ ހަޔާތަށް ފެތުރިގެންދިޔައެވެ.

އަހަރެން މުނާޒާ ޗެޓުން ވާހަކަދައްކަމެެވެ. އަހަރެން ކުރާ ކަމަކީ ރޮއި އާދޭސްކުރުމެވެ. މުނާޒުގެ މަސައްކަތަކީ އަހަރެންނަށް ހެދުުނު ގޯސް އަހަންނަށް ވިސްނައިދިނުމެވެ. އޭނަޔާ ނުލައި އަހަންނަށް ނޫޅެވޭނެކަން ސާބިތުކޮށްދިނުމެވެ. ކިޔެވިއެއްކަމަކު އަހަރެން އެނދުގައި އޮވެގެން ރޯނުލާ އެންމެ ދުވަހެއް ވެސް ނުދެއެވެ. އަހަރެންގެ ހީރޯއަކީ މަންމައާއި ބައްޕައެވެ. ހިތްވަރަކީ ވެސް އެމީހުންނެވެ. އެމީހުން ހަޅޭކެއް ނުލަވައެވެ. އަހަންނަށް އަމުރުކޮށް، އިންޒާރުދީއެއް ނަހަދައެވެ. އަހަންނާ ކޮނޑާކޮނޑުޖައްސައިގެން އެމީހުން ވެސް ރުއީއެވެ. ހިތްވަރުދިނީއެވެ. ވިސްނައިދިނީއެވެ. މައިންބަފައިންގެ ދައުރު އެމީހުން އަދާކުރީ ރަންމެޑެލި ދެވޭހާ ޝަރަފުވެރިކޮށެވެ.

ކޮލެޖުން އަހަންނަށް އާ އެކުވެރިން ލިބުނެވެ. އެމީހުންނާ އެކުގައި ތަންތަނަށް ދިޔައީމެވެ. ގަސްގަހާގެހީގެ ރީތިކަމާއި، މާމެލާމެލީގެ ފަރިކަން އަހަރެން އަންތަރީސްކުރުވިއެވެ. އާސާރީ ތަންތަނާއި، ފަރުބަދަތަކާއި، ފެނާރުތަކުން ހިތަށް ހަމަޖެހުން ގެނެސްދިނެވެ. އަހަރެންގެ ސިކުނޑި ހުޅުވުނެވެ. ދުނިޔޭގެ ބިޔަކަމާއި، މުނާޒު ނޫނަސް ވިސްނާނެ އެހެން އަޖައިބުތައް ހުރިކަން ގަބޫލުކުރެވުނެވެ. ކުޅޭނެ މަޖާ ކުޅިވަރުތައް ދަސްވެ، އިލްމުގެ ފުން ކަނޑުގައި ފީނި، މައުލޫމާތުގެ ދިޔަރެހުގައި ފައި ބީހުނެވެ. މުނާޒާ ދޭތެރޭގައި ވިސްނަން ވަގުތު ހުސްނުވާން ފެށީ އެ ހިސާބުންނެވެ. އަވަދިނެތި އުޅެނިކޮށް އިރުއަރާ އޮއްސެން ފެށިއެވެ. ހަޔާތަށް އިތުރު އެތައް ކަންތައްތަކެއް ތައާރަފުވިއެވެ.

ގާތްގަނޑަކަށް ނުވަ މަސްދުވަހަށް ފަހު ޗުއްޓީގައި އަހަރެން އެނބުރި މާލެއައިއިރު އަހަރެންނަކީ މާލެއިން ފުރި އަހަންނެއް ނޫނެވެ. ކުރިން މުނާޒާ ނުލާ އަހަންނަކަށް ނޭވައެއް ނުލެވެއެވެ. އެކަމަކު މާލެއައުމުން މުނާޒަށް ގުޅައިފައި އަހާނެ ސުވާލެއް ވެސް އަހަރެންނަކަށް ނޭނގުނެވެ. އަހަންނަށް ވިސްނުނުގޮތުގައި މުނާޒަކީ ހަމައެކަނި އޭނަޔާ ދޭތެރޭގައި ވިސްނި މީހެކެވެ. އަހަންނަކީ، އޭގެ ޗާބީ މުނާޒު އަތުގައި އޮންނަ ބުދެކެވެ. އަހަރެންގެ ވަޒީފާއަކީ މުނާޒު މުނިފޫހިފިލުވައިދިނުމެވެ.

ފޯނުކުރުމުގެ ބަދަލުގައި އަހަރެން ދިޔައީ މުނާޒުގެ ގެއަށެވެ. އޭނަ ވަރަށް ހައިރާންވިއެވެ. ކުރިން އަހަންނަކީ ދުރާލައި މުނާޒުގެ ހުއްދަ ހޯދައިގެން ނޫނީ ގެއަށް އަންނަ މީހެއް ނޫނެވެ.

“ފުރަތަމަ ޖެހޭނީ މާފަށްއެދެން!” އަހަރެންގެ ހާލު އަހާލުމެއް ނެތި މުނާޒު ހުށައެޅީ ޝަރުތެކެވެ.

“އަހަރެން ބޭނުމީ ރުޅިވާން!” އަހަރެން މުނާޒަށް ދިނީ މުނާޒު އަހަންނަށް ދިން ޖަވާބެވެ.

ފަހުރުވެރިކަމާއި، ޝަރަފުވެރިކަމާ އެކުގައި އަހަރެން ހިނގައިތީމެވެ. އަލުން ފަސްނޭނބުރެން އަމިއްލަ ނަފުސަށް ވައުދުވަމުންނެވެ. ފިކުރުކޮށް ވިސްނަން ދުނިޔެ ހިތަކަށް ލިބިފައިވަނިކޮށް ލޯބީގެ ފުންގަނޑަކަށް އަހަރެން ވެއްޓުނީ ކީއްވެގެން ހެއްޔެވެ؟ އެ ފުންގަނޑުގައި ބެދިފައިވަނީ މުނާޒުގެ އަމިއްލަ ފައިދާއެވެ. އަހަރެންގެ އުފަލެއް އެއަކު ނެތެވެ. އެއީ ވުޖޫދުން އަހަރެން ފުހެލެވިފައިވާ އަނދަވަޅެކެެވެ. މިނިވަންކަން ގެއްލިފައިވާ ހުރަގެއެކެވެ. މިހާރު ގަބޫލުކުރަންޖެހެއެވެ. ހަޔާތަކީ ފުލޯކު ވާހަކައެއް ނޫނެވެ. ހަޔާތަކީ ނެގޭ ހިރާސްތަކެއްގެ ނަތީޖާއެވެ. އަހަރެން އިސްއުފުލައިލީމެވެ. ކުރިމަތިން އަހަރެންގެ އުޖާލާ މުސްތަގުބަލު އަހަންނަށް ހަނާއަޅައިލިއެވެ.

ނިމުނީSource link

Leave a Reply

Related Articles