• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ވިޔަފާރި ⁄ ރަހުނަކާ ނުލާ ބީއެމްއެލްއިން ވިޔަފާރިތަކަށް ލޯނު ދޫކުރަން ފަށައިފި

ރަހުނަކާ ނުލާ ބީއެމްއެލްއިން ވިޔަފާރިތަކަށް ލޯނު ދޫކުރަން ފަށައިފި



އެއްވެސް ރަހުނަކާ ނުލައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ފުޅާކުރުމާއި ހިންގުމަށް ބޭނުންވާ ފައިސާ، ކުރު މުއްދަތެއްގެ ތެރޭގައި ދޫކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފެސިލިޓީއެއް ގާއިމުކޮށްފި އެވެ. މިއަދު ބީއެމްއެލްގެ ހިއުމަން ރިސޯސް ހެޑްކުއާޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ބީއެމްއެލްގެ އެސްއެމްއީ ބޭންކިންގެ ހެޑް މުހައްމަދު ހަނީފް ވިދާޅުވީ މިއަދު ތައާރަފުކޮށްފައިވާ ފެސިލިޓީއަކީ ހަމައެކަނި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ފުޅާކޮށް، އެ ވިޔަފާރިތައް ދުވަހުން ދުވަހަށް ހިންގުމަށް ބޭނުންވާ ފައިސާގެ ފޯރުކޮށްދިނުމަށް ގާއިމުކޮށްފައިވާ ފެސިލިޓީއެއް ކަމަށެވެ. އެ ފެސިލިޓީގެ ދަށުން ލޯނުގެ އެހީ ދިނުމާއި ލެޓާ އޮފް ކްރެޑިޓް ދިނުމާއި ރިސީޓް ޑިމާންޑް އަދި ބޭންކް އޯޑީ ފަަދަ ހިދުމަތް ފޯރުކޮށްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. “އެ ހިދުމަތްތައް އަނބުރާ ދައްކަން ލިބޭ މުއްދަތަކީ، ލޯނެއް ނަމަ ތިން އަހަރު ދުވަސް. އަދި އެހެން ފެސިލިޓީސްތަކަށް މި އޮންނަނީ އެއް އަހަރު،” ހަނީފް ވިދާޅުވި އެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބީއެމްއެލްގެ އެސްއެމްއީ ބޭންކިންގެ ހެޑް މުހައްމަދު ހަނީފު ވާހަކަފުޅުދައްކަވަނީ — ސަން ފޮޓޯ : ފަޔާޒު މޫސާ އޭނާ ވިދާޅުވީ ބީއެމްއެލް އިން ފައިނޭންސް ދޫކުރާނީ، ފާއިތުވި ތިން އަހަރު މެދު ނުކެެނޑި ވިޔަފާރި ކުރަމުންދާ ފަރާތްތަކަށް ކަމަށެވެ. އަދި ވިޔަފާރިތަކަކީ ފާއިތުވި ދެ އަހަރު ދުވަހުގައި ފައިދާއެއް ޖެނެރޭޓުކުރެވިފައިވާ ވިޔަފާރިއަކަށް ވާން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ފެސިލިޓީީގެ ދަށުން ޖުމްލަ ތިން މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސް ކޮށްދޭނެ ކަމަށް ހަނީފް ވިދާޅުވި އެވެ. “އަދަދު ކަނޑައެޅުމަށް ބަލާ މިންގަނޑަކީ ތިން އަހަރު ދުވަހުގެ އެވަރެޖް ސޭލްސްގެ 20 ޕަސެންޓް،” އޭނާ ވިދާޅުވި އެވެ. ފެސިލިޓީގެ ދަށުން ދޫކުރާ ލޯނުތަކަށް 12 ޕަސެންޓްގެ އިންޓްރެސްޓް ރޭޓެއް ހިމެނޭނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ބީއެމްއެލްގެ ސީއީއޯ، ޓިމް ސޯޔާ ވިދާޅުވީ މި ހިދުމަތަކީ މީގެ ކުރީންވެސް ލޯންޗުކުރުމަށް މަސައްކަތް ކުރަމުން ދިޔަ ހިދުމަތެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، ކޮވިޑް-19 އާ ގުޅިގެން ކުދި ވިޔަފާރިތަކަށް އޭގެ ސަބަބުން ގެއްލުން ވާނަމަ އެ ހިދުމަތަކީ އެ ވިޔަފާރިތައް ހިންގުމަށް އެހީދެވޭނެ ހިދުމަތެއް ކަމަށް އޭނާ އިޝާރާތް ކުރެއްވި އެވެެ. “މި ހިދުމަތަކީ ސީދާ ވައިރަސް އާ ގުޅިގެން ތައާރަފުކުރާ ހިދުމަތެއް ނޫން. އެހެންނަމަވެސް ކުދި ވިޔަފާރިތަކުގެ ތެރެއިން ޑިމާންޑު ކުޑަވެފައިވާ ވިޔަފާރިތަކަށް މި ހިދުމަތުގެ ސަބަބުން ފައިދާ ކުރާނެ،” ސޯޔާ ވިދާޅުވި އެވެ. އެ ހިދުމަތަކީ ރާއްޖޭގެ ލޯކަލް ވިޔަފާރިތަކާއި ބޭންކާ ދެމެދު އޮންނަ ގުޅުން ވަރުގަދަ ކުރުމަށް ކުރިއަށް ގެންދާ ކެމްޕެއިންގެ ދަށުން ތައާރަފުކޮށްފައިވާ ހިދުމަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.



Source link

Leave a Reply

Related Articles