• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ވާހަކަ ⁄ ރަންދު

ރަންދު


މަސްޓޭންކަކީ އަހަންނަށް ބިރުވެރި ފިލްމެކެވެ. އެއަށް ބަލަހައްޓައިގެން ހުންނާކަށް އަދިވެސް ނުކެރެއެވެ. ޕާޓީއަކަށް އައުމަކީ އަދިވެސް އަހަންނަށް ފަސޭހަކަމެއް ނޫނެވެ. އެކަމަކު އަހަރެން ހިތްވަރުކުރަމެވެ. މިއަދު ވެސް މި ކުރަނީ އެ ހިތްވަރެވެ. ދެކުދިން ގޮވައިގެން ހިނިތުންވެލައިގެންހުރެ އަހަރެން ރެސްޓޯރަންޓަށް ވަނީމެވެ. ބޭބެގެ ދަރިފުޅާ ސަލާންކޮށްފައި ހަދިޔާ ގެންގޮސް މޭޒުމަތީގައި ބޭއްވީމެވެ. ކުލަކުލައިގެ ރީތި ކަރުދާސްތަކުން ރަންދުކޮށްފައިވާ ޕާރުސަލުތައް އެ ތަނުގައި ހުއްޓެވެ. އެއީ އަހަރެންގެ ހަޔާތެވެ. މީހުންނާ އަހަރެން ކުރިމަތިލާ ގޮތެވެ. އެއަށް ބަލަހައްޓައިގެން އަހަރެން ހުރީ ކީއްވެގެކަމެއް އެކަކަށް ވެސް ނޭނގޭނެއެވެ. އަހަންނަކީ މީހުންގެ ތެރެއަށް ނުކުންނަން ޖެހިލުންވާ، ބަސްމަދު މީހެއްކަން ވެސް މީހުންނަށް ނޭނގޭ ފަދައިންނެވެ. އެ ބަދަލު އަހަންނަށް އައީ އެތަކެއް އަހަރެއް ކުރިންނެވެ.

އަހަރެންގެ މަންމައާއި ބައްޕައަކީ އަހަރުމެންގެ ނަމޫނާ އެދުރުންނެވެ. ތައުލީމީ ދާއިރާގައި ނޫޅުނެއްކަމަކު އެ މީހުން ދިން ފިލާވަޅުތައް އަދަދުނުކުރެވޭހާ ގިނައެވެ. އަހަރެންގެ ބޮޑަށް ތިބި ހަތަރު ބޭބެއިންނަށް ވެސް އޭގެ ފައިދާކުރިއެވެ. ކުޑައިރުއްސުރެ ވެސް ބޭބެއިންނަކީ ފުރާނައެއް ހުރި ކޮންމެ މަހުލޫގަކަށް މަދަދުގާރެކެވެ. ވެވުނު ވަރަކުން ވެވުނު ގޮތަކަށް އެހީވާތަން އަހަރެން ދެކެމެވެ. އަވަށްޓެރީންނެއް ދުރުހިލޭ މީހުންނެއް ތަފާތެއް ނުކުރެއެވެ. ގަހުން ވެއްޓިފައިއޮންނަ ކޮވެއްޔެއް، ހާންތިވެފައިވާ ބުޅަލެއް އިސްތިސްނާއެއް ނުކުރެއެވެ. އަހަންނަކީ އާއިލާގެ ހަމައެކަނި އަންހެންދަރިއެވެ. އެހެންކަމުން އަހަންނަކީ ހުރިހާ އެންމެންގެ ރާނީއެވެ.

އަހަރެން އުފަންވީ، އެބަޔެއްގެ ހިތްތަކުގައި އޯގާތެރިކަމާއި އިހުސާންތެރިކަން އުތުރިއަރާ އާއިލާއަކަށެވެ. އަހަރުމެންގެ ގެއަކީ ދޮރުން އެތެރެއަށް ވަން ކޮންމެ މީހަކަށް ހިޔާވައްސެކެވެ. އަހަރުމެން ކާން ނުވަތަ ސައިބޯން ތިއްބައި ގެއަށް ވަންނަ މީހަކަށް ނުކެމެވޭނީ އަހަރުމެންނާ ބައިވެރިވެފައެވެ. އެ ނޫން ގަޑިއެއްގައި އަޔަސް، ކުޑަމިނުން ފެންފޮދެއް ނަމަވެސް ނުބޮއި ނުކުންނާނަކަށް އަހަރުމެން ބޭނުމެއް ނުވެއެވެ. މީހުންނަށް ސަދަގާތްކޮށްކޮށް އަހަރުމެން ވަރުބައްޔެއް ނުވެއެވެ. މީހުންނަށް ޝައްކުކުރުމަކީ އަހަރުމެން ދަންނަކަމެއް ނޫނެވެ. ބައްޕަގެ ނަޒަރުގައި މީހުންނަށް މާފުކުރުމަކީ ބަރަކާތް އިތުރުވާ ކަމެކެވެ. މަންމަ ދެކޭގޮތުގައި އެހެން މީހުންނަށް އެއްޗެހި ދިނުމަކީ ތަނަވަސްކަން އިތުރުވާ ކަމެކެވެ. އަހަރެން ބޮޑުވަމުންއައިރު ބައްޕަގެ ވިޔަފާރި ފުޅާވެ، މަންމަގެ ވަޒީފާ މަތިވެ، ގެއަށް ވެރިވެފައިވަނީ ތިޔާގިކަމާއި އުފާވެރިކަމެވެ.

ހުއްތޭއަކީ ހިސާބުގަނޑަށް މަޝްހޫރު މީހެކެވެ. ރަނގަޅުކަމެއް ކޮށްގެނެއް ނޫނެވެ. ހިތްހެޔޮކަމަކުންނެއް ވެސް ނޫނެވެ. ހުއްތޭއަކީ މީހުންނާ ނުގުޅޭ މީހެކެވެ. ގޭގެއަށް ވައްދަން މީހުން ޖެހިލުންވާ މީހެކެވެ. ވައްކަންކުރާތީއެވެ. އެންމެން ބުނަނީ އެހެންނެވެ. އަހަރެންގެ މަންމައާއި ބައްޕަ ފިޔަވައެވެ. އުމުރުން އަހަރެންގެ ބައްޕަޔާ އެއް އުމުރުގެ ހުއްތޭ އަދާކުރާ ވަޒީފާއެއް ނޯވެއެވެ. އަހަރެންގެ މައިންބަފައިންގެ ނިންމުން ގޯހޭ ބުނެވޭކަށް ނެތެވެ. އެތައް ވަގުތެއް އަހަރުމެންގެ ގޭގަ ހުއްތޭ ހޭދަކުރާއިރު ވެސް އަހަރުމެންގެ ގެއަކުން އޭނަ ވައްކަމެއް ނުކުރެއެވެ. ބައްޕައާއި މަންމަ ބުނާ އަޑު އިވެނީ އެހެންނެވެ. އަހަންނަކަށް ނޭނގެއެވެ. އުމުރުން އެންމެ ހަތް އަހަރުގެ އަހަރެން ކަހަލަ ކުދިން އެ ކަހަލަ ކަންތައްތަކާ ދޭތެރޭގައި ވިސްނާ ހެއްޔެވެ؟ ހެނދުނު ހޭލާއިރު އޮންނަނީ ކުރަންހުންނަ ކަންތައް ގިނަވެފައެވެ. ކުޅެންޖެހޭ ކުޅިވަރާއި، ދާންޖެހޭ ތަންތަން ގިނަވެފައެވެ. ފިކުރެއް، ޒިންމާއެއް އޮންނަ އުމުރެއް ނޫނެވެ. ދެކޮޅަށް ދުވެދުވެތިއްބާ އޮންނަނީ އިރުއޮއްސިފައެވެ. ނިދަންޖެހިފައެވެ.

އަހަރުމެންގެ ގެއަށް އައިސް ހުއްތޭ ކުދިކުދި މަސައްކަތްކުރުމުން ބައްޕަ ލާރިދެއެވެ. ބައްޕަ ދެކޭގޮތުގައި ހުއްތޭއަކީ ވެސް އެހެން އިންސާނުން ކަހަލަ އިންސާނެކެވެ. އެހެން މީހުންނަށް ހެޔޮކޮށްހިތަންޏާ ހުއްތޭއަށް ވެސް ހެޔޮކޮށްހިތަންޖެހޭނެއެވެ. އަހަރުމެންނަށް ދެރައެއް ނުދޭހާ ހިނދަކު ހުއްތޭއަށް އިތުބާރުކުރަންވާނެއެވެ. އަހަރެން އެ ވާހަކަ ގަބޫލުކުރީ އަހަރެންގެ މައިންބަފައިންނާއި، ބޭބެމެން ވެސް އެ ވާހަކަ ގަބޫލުކުރީމައެވެ. ހުއްތޭއަކީ މަޖާ މީހެކެވެ. އިރުއިރުކޮޅާ އަހަންނަށް މެޓާ ގެނެސްދެއެވެ. ޗޮކުލެޓު ގެނެސްދެއެވެ. ހުއްތޭއަކީ އަހަރުމެންގެ އާއިލާގެ އެއް މެންބަރު ކަހަލައެވެ. އަގުހެޔޮ ހަދިޔާތަކާއި، އަޑުއަހާހިތްވާ ކަހަލަ ވާހަކަތައް ހުއްތޭ ކިޔައިދެއެވެ. ހުއްތޭއާ ސަމާސާކުރުމާއި، ސަކަރާތްޖެހުމާއި، ހުއްތޭ ބައިވެރިކޮށްގެން އަހަރުމެން ކުޅިވަރު ވެސް ކުޅެމެވެ. އޭނަ ބައިވެރިވާ ޓީމެއް މޮޅުވެއެވެ. އަހަރުމެންގެ ނަޒަރުގައި ހުއްތޭއަކީ ވަރަށް މޮޅު މީހެކެވެ.

އަހަރެންގެ އުމުރުން އަށް އަހަރު ފުރުނު ދުވަހެވެ. އާއިލީ ފެންވަރުގައި ގޭގައި އެ ކަން ފާހަގަކުރިއެވެ. ރަންދުކޮށްފައިވާ ކުލަކުލައިގެ ޕާރުސަލުތައް މޭޒުމަތީގައި އަތުރާފައި ހުއްޓެވެ. އޮފުއަރާ، ގަދަ ކުލަކުލައިގެ ރީތި ކަރުދާސްތަކެވެ. ބޮޑެތި ޓައީތަކާއި، މާތަކާއި، ރިބަންތަކެވެ. ދެތިން ވައްތަރެއްގެ ހެދިކާއާއި، ފެންޓާއާއި، އައިސްކިރިމު ވެސް ހުއްޓެވެ. އަހަންނަށް އެންމެ މީރީ ވެނީލާ އައިސްކިރިމެވެ. ތަށްޓަކަށް އައިސްކިރިމު އަޅައިގެން އަހަރެން އިނީ، މަސްޓޭންކު ކައިރީގައި މަސްތަކަށް ބަލަހައްޓައިގެންނެވެ. އެ ދުވަސް އަހަރެން ދުވަހަކު ވެސް ހަނދާނެއް ނުނެތޭނެއެވެ. ޓޭންކުގައި އުޅޭ މަސްތަކު ތެރެއިން އަހަންނަށް އެންމެ މަގުބޫލު މަހަކީ ޖަޕާނުމަހެކެވެ. އެ މަހުގެ ނަގޫފަތް އާދަޔާހިލާފަށް ދިގުވެފައި، ގިނަ ކުލަތަކެއް ހުރެއެވެ. އަހަރެން އެ މަހަށް ބަލަހައްޓައިގެން އިންދައި ކުއްލިއަކަށް މަހެއް އައިސް އެ މަހުގެ ނަގޫފަތުން ބައެއް ކާލިއެވެ. އަހަރެން ދިޔައީ ސިއްސައިގެންނެވެ. އެހެން މީހަކަށް އެ ކަމެއް ފާހަގައެއް ނުވެއެވެ. ލަވައިގެ އަޑު ބާރުވުމާއި، ކުދިން ކުޅެސަކަރާތްޖަހާ އަޑު ގަދަކަމުންނެވެ. އަހަރެން އެނބުރިލީ ބައްޕަ ގާތުގައި އެ ވާހަކަ ބުނަންވެގެންނެވެ. އެނބުރުނުއިރު، އަހަރެންގެ މޫނު ޖެހޭ ހިސާބުގައި މީހަކު ހުއްޓެވެ. އެ މީހާ ހުއްޓި ހުރިގޮތުން އަހަރެން ހުރީ އެހެން އެންމެންނާ ނިވާވެފައެވެ. އަހަރެން އަރިޔަކަށް ޖެހިލަން ކުރި ހުރިހާ މަސައްކަތެއް އެ މީހާ ބޭކާރުކޮށްލިއެވެ. އެ ހިސާބުން އޭނަގެ މޫނަށް އަހަރެން ބަލައިލީމެވެ. އެއީ ހުއްތޭއެވެ. އެއީ ވެސް ހުއްތޭގެ ސަމާސާއެއް ކަމަށް ހީކޮށް އަހަރެން ހީނގެންފައި ހުއްތޭ ދުރަށް ކޮއްޕާލީމެވެ. ދުރަށްދިޔުމުގެ ބަދަލުގައި ހުއްތޭ ހައްތަހާވީ ކައިރިއެވެ. އޭނަ މަސްޓޭންކުން އަހަންނަށް މަސް ދައްކަން ފެށިއެވެ. އަދި މަސްޓޭންކުގައި އިނގިލިން ޖަހާފައި މަސްތަކަށް އަހަރެން ދައްކަން ފެށިއެވެ. އަހަރެން ދައްކާ ކޮންމެ ފަހަރަކު އަހަރެންގެ ގައިގަ ހުއްތޭ އިނގިލި ޖައްސައެވެ. މަޖަލަކަށް ހަދައިފައި ހެމުންނެވެ. އެކަމަކު އަހަންނަކަށް މަޖައެއް ނުވިއެވެ. އަހަރެން އުފަލެއް ވެސް ނުވިއެވެ. އަހަރެންގެ ހިތަށް ވެރިވީ ބިރުވެރިކަމެވެ. ބޭނުންވީ އެ ތަނުން ތެދުވެގެން ދާށެވެ. ކޮޓަރިއަށް ވަދެފައި ދޮރު ތަންޑުއަޅާށެވެ. އެހެނަސް އަހަންނަކަށް ގުޑައެއް ނުލެވުނެވެ. ހުއްތޭ ހިތްފުރިގެން ދަންދެން އަހަރެން ޖެހުނީ ގަނޑުވެފައި އިންނާށެވެ.

ރޭގަނޑު ނިދަންއޮތްއިރު ވެސް، ހަގީގަތުގައި އަހަރެން އޮތީ ގަނޑުވެފައެވެ. އަހަރެން ނިދީކަމަށް ހީކޮށް މަންމަ ކޮޓަރިން ނުކުތްއިރު ވެސް އަހަންނެއް ނުނިދަމެވެ. މަންމައަކީ އަހަރެންގެ އެންމެ ގާތް މުދައްރިސާއެވެ. އެންމެ މުހިންމު ފިލާވަޅުތައް ނަގައިދީފައިވަނީ އަހަރެންގެ މަންމައެވެ. އަހަރެން ގައިގައި އަތްލެވޭނެ ތަންތަނާއި، ނުލެވޭނެ ތަންތަން މަންމަ ވަނީ ކިޔައިދީފައެވެ. އަހަރެން ގާތުގައި ދެއްކޭނެ ވާހަކައާއި ނުދެއްކޭނެ ވާހަކަ މަންމަ ވަނީ ބުނެދީފައެވެ. މަކަރާއި ކުޅިވަރުގެ ތަފާތު މަންމަ ވަނީ އޮޅުންފިލުވައިދީފައެވެ. ހިތާމައަކީ، މަންމަ ދަސްކޮދީފައިވާ ފިލާވަޅުތަކުން އިމްތިހާނު ކުރިމަތިވި ވަގުތު އަހަރެންނަށް ފާސްނުވެވުނުކަމެވެ. ހުއްތޭގެ އަތްދަށުން އަހަރެންނަށް ދެމިނުގަނެވުނުކަމެވެ. އަހަރެންގެ ނަޒަރުގައި އަހަރެން ކުށްވެރިވީ އެ ހިސާބުންނެވެ. އެހާ ރަނގަޅަށް މަންމަ ކިޔައިދީފައިއޮއްވައި އަހަންނަށް ސަލާމަތްނުވެވުނީ އަހަރެންގެ ފަރުވާކުޑަކަމުންނެވެ. އެއީ އަހަންނަށް ކުރެވުނު ކުށެކެވެ. އޭގެ ޒިންމާނަގަންޖެހޭނީ އަހަރެން ކަމުގައި އަހަންނަށް ގަބޫލުކުރެވުނީއެވެ.

އަހަންނަށް ދިމާވި ކަންތައް އެކަކަށް ވެސް ކިޔައެއް ނުދެމެވެ. ކަމެއް ނުވާކަމަށް ހެދިގެން އަހަރެން އުޅުނީއެވެ. އެކަމަކު، ހުއްތޭއަށް ފެންނަ ހިސާބަކަށް އަހަރެން ނުނިކުންނަމެވެ. ޕާޓީތަކަށް ދިޔުން ހުއްޓިއްޖެއެވެ. މީހުންނަށް އިތުބާރުކުރުން ހުއްޓިއްޖެއެވެ. މަސްޓޭންކު ދެކެ ފޫހިވެއްޖެއެވެ. ހަގީގަތުގައި ހުރިހާ ކުށެއްކުރީ އެހެން މީހެކެވެ. އަދަބުލިބުނީ އަހަންނަށެވެ. އަހަންނަކަށް ރަނގަޅަކަށް ނުނިދެއެވެ. ނުކެވެއެވެ. ނުވެސް ކިޔެވުނެވެ. ކޮޓަރިން ބޭރަށް ނުކުމެއްޖެއްޔާ އަހަރެން ހުންނަނީ ސިހިސިހިއެވެ. ހުރިހާ ނުތަނަވަސްކަމެއް ހިތުގައި ބަންދުކުރުމަށް ފަހު، ކަމެއް ނުވާކަމަށް ހެދިލައިގެން އަހަރެން އުޅުނީމެވެ. އަހަރެންގެ ކިޔެވުން ބޭކާރުވެ، މުޅި ދިރިއުޅުން ހަލާކުވީއެވެ. ހުއްތޭގެ ވަގުތީ އުފާ އަހަރެންގެ ދާއިމީ ހިތްދަތިކަމަކަށް ބަދަލުވީއެވެ.

އަހަރެންގެ އުމުރުން މިހާރު ސާޅީސް އަހަރު ފުރެނީއެވެ. ދެ ކުދިންގެ މަންމައަކީމެވެ. ކިޔެވުމާއި ޅަފުރާ ގެއްލުމުގެ ހިތާމަ އަދިވެސް އަހަރެން އެބަކުރަމެވެ. އެކަނިމާއެކަންޏެވެ. ފިރިމީހާއަށް ކިޔައިދޭކަށް ނުކެރެއެވެ. އަހަރެންގެ ފިރިމީހާ އިންތިހާއަށް އަހަރެން ދެކެ ލޯބިވެއެވެ. އެހާމެ އޯގާތެރިއެވެ. އެހެނަސް އަހަރެންގެ ހިތަކުން ބިރެއްނުފިލިއެވެ. ކިތަންމެ ދުވަހަކު ގަބުވެފައި އިންދައި ފިރިމީހާ އައިސް ހައިރާންވެގެން ސުވާލުކުރެއެވެ. އަހަރެން ކޮންމެވެސް ދޮގެއްހަދައިފައި ނިންމައިލަނީއެވެ. ފިރިމީހާއަށް ހަގީގަތް ކިޔައިނުދެވޭތީ ފިރިމީހާއަކަށް ވެސް ހަގީގީ އެހީތެރިކަމެއް ނުދެވެއެވެ. ނޭނގޭ ބައްޔަކަށް ފަރުވާކުރެވޭނީ ކާކަށް ހެއްޔެވެ؟ އަސްލު މައްސަލަ ސިއްރުކޮށްފައި އެހެން ބަހަނާ ހޯދުމަށް ޓަކައި އިތުރު ދޮގު ވެސް މިހާރު ހަދަމެވެ. އައިކޮޅަށް ދެން އެނބުރިއެއް ނުދެވޭނެއެވެ. މަތިމަތިން ކަރުދާސްއޮޅައި ރަންދުކުރުން ނޫން ގޮތެއް ދެނެއް ނެތެވެ. ބޭރުފުށް ވިދާބަބުޅަނީއެވެ. އެތެރޭގައި ވަނީ ހުސްކަމެވެ. ވީރާނާކަމެވެ.

މިހާރު އަހަރެން ހިތަށްއަރައެވެ. ދިމާވާ މައްސަލަތައް ރީތި ގޮތްގޮތަށް ރަންދުކޮށްފައި ބެހެއްޓުމުން ލިބެނީ ކޮން ފައިދާއެއް ހެއްޔެވެ؟ އާނއެކެވެ. ބޭރަށް ފެންނަލެއް ރީއްޗެވެ. ނަލައެވެ. އެކަމަކު ނަފުސާނީގޮތުން އަހަރެން ނިކަމެތިވެ، ބަލިކަށިވެއްޖެއެވެ. އަހަންނަށް އެހީ ބޭނުންވިޔަސް އެހެން މީހުންނަކަށް އެ ކަމެއް ނޭނގެއެވެ. ނުތަނަވަސްކަމުގެ ހިލިހިލާއިން އަހަރެންގެ ސިކުނޑި ބަނދެވިފައިވާއިރު ވެސް ގަދަކަމުން ހިނިތުންވާން އަހަންނަށް މަޖުބޫރެވެ. ކަނެއްގައި އެކަނި އިނދެ ރޯލަން ހިތްއެދޭއިރު ވެސް ޕާޓީތަކަށް ގޮސް އަތްތިލަބަޑިޖަހައިދޭން އެހެން މީހުން ބޭނުންވެއެވެ. ދެން ހިތާހިތުން އަހަންނަށް ކުރެވެނީ ޝަކުވާއެވެ. މީހުންނަށް އަހަރެންގެ ހާލަތު އިހުސާސްނުކުރެވެނީ ކީއްވެގެން ހެއްޔެވެ؟

މިއަދު ގަބޫލުކުރެވެއެވެ. ހާލަތަކީ އެހީތެރިންނަށް ކިޔައިދޭންޖެހޭ އެއްޗެކެވެ. ހިތްދަތިކަމަކީ ގާތްމީހުންނާ ހިއްސާކުރެވޭ އެއްޗެކެވެ. އެ ކަން ފެށެނީ އަހަންނާ ހަމައިންނެވެ. ފުރަތަމަ ފިޔަވަޅުއަޅަންޖެހޭނީ އަހަންނެވެ. އަހަންނަށް މާ ބޮޑަށް ލަސްކުރެވުނީއެވެ. ކޮންމެވެސް އެހެން މީހަކަށް މިއިން އިބުރަތެއް ލިބިދާނެކަމަށް އުންމީދުކުރަމެވެ.

ނިމުނީ



Source link

Leave a Reply

Related Articles