• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ދީން ⁄ ރަމަޟާންމަހުގެ ރޯދަ ޤަޟާކުރުން

ރަމަޟާންމަހުގެ ރޯދަ ޤަޟާކުރުން



ރަމަޟާންމަހުގައި ރޯދަވީއްލުން ހުއްދަކުރާ ޢުޒުރުތަކުގެ ތެރެއިން ޢުޒުރެއް މެދުވެރިވެގެން ނުވަތަ ރޯދަގެއްލޭ ކަންތައްތަކުގެ ތެރެއިން ކަމެއް މެދުވެރިވެގެން ރޯދަ ގެއްލުމުން ނުވަތަ ތިމާގެ ރޯދަ ވީއްލުމުން ނުވަތަ ގަސްތުގައި އެފަދަ ކަމެއް ކޮށް ރޯދަ ނަގައިލުމުން ފާއިތުވެގެންދާ ރޯދަ ޤަޟާކުރުމަށް އަވަސްވެގަތުމީ މުސްތަޙައްބު ސުންނަތެކެވެ. ގިނަ ރޯދަތަކެއް ޤަޟާކުރަންވެފައި ވާނަމަ ވިދިވިދިގެން އެރޯދަތައް ހިފުން ވެސް އެފަދައެވެ. އަނެއް އަހަރު ރަމަޟާންމަހާއި ދެމެދު އެރޯދަތައް ކިރިޔާ ހިފޭހައި ދުވަސް ނޫނީ ނެތިއްޖެ ނަމަ، ޤަޟާކުރުމަށް އަވަސްވެގަތުން ވާޖިބުވެދެއެވެ. އަނެއް އަހަރުގެ ރަމަޟާންމަސް އަތުވެއްޖައުމަށް ދާންދެން ފަސްކޮށްފައި ނަމަ ޤަޟާކުރުމާ އެކު ފިދުޔަދިނުން ލާޒިމުވާނެއެވެ. ތަކުރާރުވަމުންދާ ކޮންމެ އަހަރަކަށް މިބުނި ފިދުޔަ ތަކުރާރުކުރަންޖެހޭނެއެވެ.
 ފާއިތުވީ ރޯދަ ޤަޟާކުރާން ކަމުދާނީ ސުންނަތް ރޯދަހިފާން ކަމުދާ ދުވަސް ދުވަހެވެ. ރޯދަހިފުން ޙަރާމްވެފައިވާ ދުވަސް ދުވަހާއި ފަރުޟު ރޯދައަކަށް ޢައްޔަންވެގެންވާ ދުވަސް ދުވަހު އެފަދަ ރޯދަހިފުން ހުއްދައެއްނޫނެވެ. ފަރުޟު ރޯދައަކަށް ޢައްޔަންވެގެންވާ ދުވަހަކީ އެހެން އަހަރެއްގެ ރަމަޟާންމަހުގެ ދުވަސްތަކެވެ. ނުވަތަ ވަކި މިވެނި ދުވަހަކު ރޯދަހިފާން ނަދުރުގެންފައިވާ ދުވަހެވެ.
ފާއިތުވީ ރޯދައެއް ނުވަތަ ރޯދަތަކެއް ޤަޟާންކުރާންވެފައި އޮތުމާ އެކު ޤަޟާނުކުރެވިގެން އުޅެނިކޮށް މަރުވެއްޖެ ނަމަ އެއިން ކޮންމެ ރޯދައަކަށް މުއްދެއް ބެހުމީ އެމީހާގެ ވަލީވެރިޔާގެ މައްޗަަށް ވާޖިބުވެގެންވާ ކަމެކެވެ. މުއްދުބެހުމަކާ ނުލައި އެރޯދަތައް އެމީހާގެ މަތީން ވަލީވެރިޔާ ހިފުން ވެސް ހުއްދައެވެ.
ފާއިތުވި ރޯދައިގެ ނިޔަތް:
ދުލުން ކިޔާނީ نَوَيْتُ صَوْم غَدٍ عَنْ قَضَاءِ مَافَاتَ مِنْ شَهْرِ رَمَضَانَ لِلَّهِ تَعَالى މިފަދައިންނެވެ. ހިތުން ނިޔަތް ގަންނާނީ ރަމަޟާންމަހުން ފާއިތުވި ފަރުޟުރޯދަ ޤަޟާކުރުމަށްޓަކައި މާތްކަލާނގެ ކިބަޔަށް މާދަމާ ރޯދަހިފުމަށް ނިޔަތްގަތީމެވެ. މިފަދައިންނެވެ. އެހެން މީހަކުގެ ކިބައިން ޤަޟާކުރާ ރޯދައެއް ނަމަ لِلَّهِ تَعَالى ކިޔުމުގެ ކުރިއަށް عَنْ އިތުރުކޮށް އެމީހެއްގެ ނަންގެންނާނީއެވެ. مَثَلاً: عَنْ أَبِى (ތިމަންގެ ބަފައިގެ ކިބައިން) ނުވަތަ عَنْ فُلاَنٍ بِنْ فُلاَنٍ  (އެވެނިމީހާގެ ދަރި އެވެނި މީހާގެ ކިބައިން) لِلَّهِ تَعَالى މިފަދައިންެނެވެ.



Source link

Leave a Reply

Related Articles