• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ ބައެއް ޚަބަރު ފަތުރާ ވަސީލަތްތަކުން އަންހެނުންނާމެދު ތަފާތުކުރުމުގެ ވިސްނުން ގެންގުޅޭ!

ބައެއް ޚަބަރު ފަތުރާ ވަސީލަތްތަކުން އަންހެނުންނާމެދު ތަފާތުކުރުމުގެ ވިސްނުން ގެންގުޅޭ!


ޚަބަރު ފަތުރާ ބައެއް ވަސީލަތްތަކާއި މީސްމީޑިއާގައި އަންހެނުންނާމެދު ތަފާތުކުރުމުގެ ވިސްނުންތައް ގެންގުޅޭކަމަށް އެޗްއާރްސީއެމް އިން ބުނެފިއެވެ.ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހާއި ގުޅިގެން އެޗްއާރްސީއެމުން ނެރުނު ބަޔާނުގައި ބުނެފައިވަނި، މިފަދަ ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީ އަންހެނުން އަދާކުރާ ދައުރުގެ މުހިންމުކަން ފާހަގަކުރުން ކަމަށެވެ. އަދި ގައުމުގެ ތަރައްގީގައި އަންހެނުންގެ ބައިވެރިވުން މިހާރަށްވުރެ އިތުރުކުރުމަށް ބާރުއެޅުމާއި، އަންހެނުންނާމެދު ކުރެވޭ އެންމެހާ ނޭދެވޭ ތަފާތުކުރުންތައް ނައްތާލުމަށް ފަރުދީ އަދި ޤައުމީ ފެންވަރުގައި ކުރެވެންހުރި މަސައްކަތްތައް ކުރުމަށް ބާރުއެޅުންކަމަށެވެ.މިއަހަރުގެ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ ޝިޢާރަކީ “އައި އެމް ޖެނެރޭޝަން އިކުއެލިޓީ: ރިއަލައިޒިންގް ވުމެންސް ރައިޓްސް” އެވެ. މި ޝިއާރު ބިނާވެފައިވަނީ، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކުގެ ތެރެއިން، މިންތީގެ ހަމަހަމަކަން ހާސިލުކުރުމަށް ކުރާ މަސައްކަތްތަކުގައި ދޮށީ އުމުރުގެ އަންހެނުންނާއި، ޒުވާން އަންހެނުންނާއި، ޅަފުރައިގެ އަންހެން ކުދިންނަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމުގައި ޖީލުތަކުގެ މެދުގައިވާ ފަރަގު ކުޑަކުރުމުގެ މައްޗަށެވެ.ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ގެނެވުނު އިސްލާހާ ގުޅިގެން، މުޖުތަމައުގެ ކަންކަން ނިންމުމުގައި އަންހެނުންގެ ބައިވެރިވުން އިތުރުވެގެން ދާނެކަން ފާހަގަކޮށް އެޗްއާރްސީއެމުން ބުނެފައިވަނީ، ގެނެވުނު އިސްލާހާ ގުޅިގެން، މުޖުތަމައުގެ ބައެއް ފަރާތްތަކާއި، ބައެއް ސިޔާސީ ފަރާތްތަކާ އަދި ހަބަރު ފަތުރާ ބައެއް ވަސީލަތްތަކާއި މީސްމީޑިއާގައި އަންހެނުންނާމެދު ތަފާތުކުރުމުގެ ވިސްނުންތައް ގެންގުޅޭކަމަށެވެ.ދިވެހިރާއްޖޭގައި، ސިޔާސީ، އިޤްތިޞާދީ އަދި އިޖުތިމާއީ ދާއިރާތަކުން އަންހެނުން ކުރިއެރުން ހޯދަމުންދާކަން އެޗްއާރްސީއެމްއަށް ފާހަގަކުރެވިފައިވެއެވެ. ނަމަވެސް، މިދާއިރާތަކުން އަންހެނުންނަށް ދިމާވާ ގޮންޖެހުންތަކެއް ހުރިކަންވެސް ފާހަގަކޮށްފައިވެއެވެ. ވަޒީފާ ދިނުމުގައި މިންތީގެ ތަފާތުކުރުން ގެންގުޅޭކަމަށް ފާހަގަކުރެވިފައި ނެތް ނަމަވެސް، ވަޒީފާ އަދާކުރުމުގައި އަންހެނުންނަށް ދަތިތަކާ ކުރިމަތިލާންޖެހެއެވެ.މީގެއިތުރުން، ތައުލީމު ހާސިލުކޮށްފައިވާ ގާބިލު އަންހެނުން ތިބި ނަމަވެސް، މުޖުތަމައުގައި ހުރި ބައެއް ގަބޫލުކުރުންތަކުގެ ސަބަބުން ބައެއް ވަޒީފާތައް އަދާކުރުމަށް އަންހެނުންނަށް ގޮންޖެހުންތަކާ ކުރިމަތިމަތިލާން ޖެހޭކަން ވެސް ފާހަގަކޮށްފައިވެއެވެ.އެހެންކަމުން، ސިޔާސީ، އިޖްތިމާޢީ އަދި އިޤްތިޞާދީ ގޮތުން އަންހެނުން ބާރުވެރިކުރުމަށް، ޖެންޑަރ އިކުއަލިޓީގެ ޤާނޫނު ތަންފީޒުކުރުމަށް ހުރި ގޮންޖެހުންތައް ނައްތާލައި، މި ޤާނޫނު އެންމެ ފުރިހަމައަށް ތަންފީޒުކުރުމަށް އެޗްއާރްސީއެމްއިން ގޮވާލާފައިވެއެވެ. އަދި ސިޔާސީ މައިދާނުގަޔާއި، ގައުމުގެ ތަރައްގީގައި އަންހެނުންގެ ދައުރުފުޅާކޮށް، އާންމު ރައްޔިތުން ހޭލުންތެރިކުރުމަށް މީޑިއާއިން ކުރަމުން ގެންދާ މަސައްކަތް މިހާރަށްވުރެ އިތުރުކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.ބައިނަލްއަގްވާމީ އަންހެނުންގެ ދުވަސް ދުނިޔޭގައި ފާހަގަކުރަން ފަށާފައިވަނީ 1975 ވަނަ އަހަރުގައެވެ.



Source link

Leave a Reply

Related Articles