• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ވާހަކަ ⁄ ބޭއިންސާފް

ބޭއިންސާފް


403891

ހެނދުނު އިރުއެރުމާއެކު ރާއިފް ތައްޔާރުވަމުން އެދަނީ އޮފީހަށް ދާށެވެ. ދުވަހުގެ ފެށުން އާދައިގެ މަތިން އެހެން ދުވަސްތަކެކޭ އެއްގޮތަށް ދިޔަނަމަވެސް މިއަދަކީ ރާއިފަށް ވަރަށް ހާއްސަ ދުވަހެކެވެ. އެ ހާއްސަކަމުގެ ސަބަބުން މޫނުމަށްޗަށް ވެރިވެފައިވާ ހިނިތުންވުމާއެކު ރާއިފް އެއްވެސް ވަރަކަށް އެއްވެސް މީހަކާ އެވާހަކަ ހިއްސާ ކުރާކަށް ބޭނުމެއް ނުވެއެވެ. ދެކެމުން އައި ހުވަފެންތަކުގައި ހަޤީޤީ ކުލަ ޖެހުމުގެ ފެހި ސިގްނަލް ރާއިފަށް ލިބިފައި އޮތީމައެވެ.
އަބަދުވެސް ރާއިފަކީ ކުރާކަމެއް ގަޔާވެގެން ކުރާހިތުން ކުރަމުން އަންނަމީހެކެވެ. މުސްތަޤްބަލްގައި އެތަށް ހަރުފަތެއް ހާސިލް ކުރުމަށް، ރާއިފަކީ ބުރަކޮށް މަސައްކަތްކުރާ މީހެކެވެ. އަބަދުވެސް އެންމެ އިސްކަމެއް ދެމުންދާނީ އަމިއްލަ ޒިންމާ އެންމެ ފުރިހަމަ ގޮތުގައި އަދާކުރާށެވެ. އަމިއްލަ ހިތްވަރުން ވަޒީފާގައި ކުރިއަށްދާން މަސައްކަތް ކުރާނެއެވެ. ދުވަހަކުވެސް ވަޒީފާއަށް ފަރުވާ ކުޑަކޮށް އެއްވެސް މީހަކު ރާއިފްގެ މަސައްކަތާ ބެހޭގޮތުން އެއްޗެއް ބުނުމުގެ ފުރުސަތެއް ނުދޭނެއެވެ. އެހާވެސް ރާއިފްގެ މަސައްކަތް ފުރިހަމަވާނެއެވެ. މިއަދަކީ ވެސް އޭގެ އަގު ވަގުޒަންވެގެން ދާނެ ދުވަހެކެވެ. ދިރިއުޅުމުގެ ހުރިހާ ޒިންމާއަކާއި، އެކީގައި ވަޒީފާ އެންމެ ފުރިހަމަގޮތުގައި އަދާކުރުމުގައި އެންމެ ކުރީ ސަފްގައި ގުނާލެވޭނެ މީހަކަށްނުވެ ރާއިފް ނުދާނެއެވެ.
ރާއިފަކީ ތިންދަރިންގެ ބައްޕައެކެވެ. ލޯބި ލޯބި ދެފިރިހެން ކުދިންނާއި، އަންހެން ކުއްޖެއް ރާއިފް ގެ ހުރެއެވެ. ރާއިފްގެ އަންހެނުން ލަމްޔާ އަކީވެސް ރާއިފެކޭ އެއްގޮތަށް ތައުލީމީގޮތުން ކުރީސަފްގައި ގުނާލެވޭނެ މީހެކެވެ. ދެމީހުން ދިމާވީވެސް އިންޑިޔާގައި ކިޔަވަމުންދިޔަ ކޮލެޖުންނެވެ. ރާއިފަށް ލަމްޔާ ކަމުދިޔަ ހިސާބުން ކައިވެންޏަށް ހުށައެޅީ ލަމްޔާ ގައިގައި ރާއިފަށް ކަމުދާ ވަރަށްގިނަ ސިފަތަކެއް ހުރީމައެވެ. ލަމްޔާ ރާއިފްގެ ކައިވެންޏަށް އެއްބަސްވެ އުފާވެރި ހަޔާތެއް ކަޑައްތު ކުރަމުން އަންނަތާ މިހާރު އަށް އަހަރަށްވުރެ ގިނަވީއެވެ. ކައިވެންޏަށް ލިބިފައިވާ ތިންދަރިންނާއެކު އުފާވެރި ދިރިއުޅުމެއް އުޅެމުން އެ އަންނަނީ ދެމީހުންވެސް އެއްވަރަށް އެކަމުގައި ހިއްސާވެގެނެވެ. އެކަކު އަނެކަކުގެ އިތުބާރާ ލޯބި އޭގެ އެންމެ އިންތިހާއަށް ދެމުންނެވެ. ކަންކަމުގައި ދެމީހުންގެ އަޅާލުމާ ލޯބި ލިބިގެނެވެ.
އަބަދުވެސް ލަމްޔާއަށް ރާއިފް އެންމެ ކަމުދަނީ އެހާބުރަކޮށް މަސައްކަތުގައި އުޅެމުންވެސް ދަރިންގެ ކަންތަކުގައި ރާއިފް ލަމްޔާއަށްވުރެ އިސްކަންދޭތީއެވެ. ދަރިން ސުކޫލުތަކަށް ގެންދިއުމާ ބަލާދިއުމުގައި ދުވަހަކުވެސް ރާއިފް ލަމްޔާއަށް ނުޖައްސާނެއެވެ. ހަމައެގޮތަށް ލަމްޔާއަށްވެސް ވަގުތު ހުސްކޮށްދީ އެކުގައި ވަރަށް ގިނަ ވަގުތު އުޅޭނެއެވެ. ދެމީހުންވެސް ދެކެނީ ދެމެފިރިންގެ އިތުރުން ވަރަށް ގާތް ދެ ރަޙުމަތްތެރިން ކަމުގައެވެ. އެކި ކަންތަކުގައި މަޝްވަރާ ދިނުމާއި، މަޝްވަރާއަށް އެދެނީ އަބަދުވެސް ހިތުގައި އޮންނަ ގާތްކަމާ ލޯބި ހަމައެކަނި ދެމެފިރިއެއްގެ ގުޅުމަށް ބިނާކޮށެއްނޫނެވެ. އެއާ އެއްވަރަށް ދެ ރަޙުމަތްތެރިންގެ ގާތްގުޅުމަށްވެސް ބިނާކޮށެވެ.
ރާއިފް ތައްޔާރުވެގެން އޮފީހަށްދާންދިޔަ މަގުމަތީގައި ލަމްޔާވެސް އޮފީހަށް ގެންގޮސްދިނެވެ. އަދި ލަމްޔާ އޮފީހަށް ވަނުމުގެކުރިން ބަލާ އަންނަމުން ވަރަށް އުފާވެރި ޙަބަރެއްދޭނެ ވާހަކަ ބުނަމުން ރާއިފް ދިޔައީ އޮފީހަށެވެ. ސައިކަލް ޕާރކް ކޮށްލުމަށްފަހު އަޅައިގެންހުރި ޓައީ ރަނގަޅުކޮށްލަމުން އޮފީހަށް ވަނެވެ. އޮފީހަށް ވަނުމާއެކު ތަނުގެ ހުރިހާ މުއަށްޒަފުން ރާއިފްއަށް މަރުޙަބާ ކިޔަންފެށިއެވެ. ރާއިފަށް ހުރެވުނީ ހުއްޓުންއަރާފައެވެ.
ތެދެކެވެ. ރާއިފަށް މާކުރިންވެސް މިއަދު ޕްރޮމޯޝަން ލިބޭނެކަން އޮތީ އެނގިފައެވެ. އޮފީހަށް އެއައީވެސް އެކަމަށް ވަރަށް ތައްޔާރުވެގެނެވެ. އެއީ ހަމައެކަނި ރާއިފަށް ލިބޭ އެއްޗެއް ނޫނެވެ. ހޮވާލެވިފައިފައިވާ ވަރަށް ގިނަ މުއަށްޒަފުންނަށް ދޭން ހަމަޖެހިފައިވާ އެއްޗެކެވެ. ރާއިފަށް ވާނުވާ ނޭންގި ހުއްޓުންއަރާފައި ހުރެވުނީ ކުޑައިރުކޮޅަކަށެވެ.
ރާއިފް އޭރު އުޅެމުންދިޔަ، ޑިޕާރޓްމަންޓްގެ ހެޑް އައިސް ރާއިފަށް މަރުހަބާ ކިޔަމުން ދިއްކޮށްލި ސިޓީއުރައަކާއިއެކު، ރާއިފަށް ހަމަހޭވެރިކަން އައިކަހަލައެވެ. މަޑުމަޑުން ސިޓީއުރަ ހުޅުވާލުމާއެކު ރާއިފަށް ލިބުނީ ވަރަށް ބޮޑު ސަޕްރައިޒެކެވެ. ހަމައެކަނި ޕްރޮމޯޝަން ލިބުނީކީ އެކަންޏެއްނޫނެވެ. އެންމެ ބޭނުންވި އަދި ހުދު ރާއިފް ކިޔަވާފައިވާ ދާއިރާއަށް ހާއްސަކުރެވިފައިވާ ޑިޕާރޓްމަންޓްގައި މަސަކަތްކުރުމުގެ ފުރުސަތު ލިބިގެންދިޔައީއެވެ. އުފަލުން ފެންކަޅިވެފައިވާ ރާއިފަށް ހުރެވުނުތަންވެސް ނޭންގެއެވެ. އަންހެނުން ލަމްޔާއަށް ދޭންބުނި ސަރޕްރައިޒް އިތުރަށް ފުރިހަމަވީކަމަށް ރާއިފް ނިންމިއެވެ. ކުރިއަށްދިއުމަށް ހިތްވަރާ މިންނަތުން ކުރިމަސައްކަތުގެ މީރު ފޮނި މޭވާގެ ރަހަ ކަރުތެރޭގައި ލި ކަމުގެ އިޙްސާސް ކުރެވުނެވެ.
މަޤާމްގެ ކުރިއެރުން ލިބި މަސައަކަތްކުރަން ދެން ޖެހިފައި މިއޮތީ ނުދަންނަ އާ މޫނުތަކަކާއެކީގައެވެ. އަދި އަމުދުން މަސައްކަތް ކުރަންހުރި ޑިޕާރޓްމަންޓްގެ ވެރިޔަކަށްހުރީ އަންހެނެކެވެ.
އެއީ ޒީޝާން އެވެ. ޒީޝާންއަކީ ވަރަށް އަވަހަށް ލިބުނު ޕްރޮމޯޝަން ތަކަކާއިއެކު އެމަޤާމަށް އައިސް ހުރި މީހެކެވެ. ތުންތުންމަތިން ޒީޝާންއާ ބެހޭ އެކި ވާހަކަތަށް އޮފީސްތެރޭގައި ދެކެވެއެވެ. ރީތި ބުރަސޫރައެއް ލިބިފައިވާ ޒީޝާންއަކީ އޭނަގެ ކުޅަދާނަކަން ބޮޑުންނަށް ދައްކައިގެން އޭނަގެ އެދުންތަށް ހާސިލްކުރަމުންދާ މީހެކެވެ. ވަޒީފާގައި ކުރިއަށްދާން އޭނަ ޖައްސާ އެންމެ މޮޅު އުކުޅަކީ، އޭނަގެ އަވައިގައި އެމީހަކު ޖައްސާ އެކި ދަޅަ ދައްކައިގެން އޭނަގެ މުށުތެރޭގައި އެމީހަކު ފިއްތާލުމެވެ. އަދި އޭނަ ދާންބޭނުންވާ މަންޒިލަށް ދިއުމަށް އޭނަގެ އަމިއްލަ ނަފްސްވެސް އޭނަ ވިއްކާލަފާނެއެވެ. ދެރައީ ގިނަމީހުނަށް އޭނަގެ އެމޮޅު އުކުޅު ނަގައިނުގަނެވޭތީއެވެ. އޭނަގެ އަވައިގައިޖެހިއްޖެ މީހަކު ހަލާކްނުވެ ނުދާނެއެވެ. އެކި ފަހަރުމަތިން އޭނަ ވަނީ ވަޒީފާގެ އެކި މުއަށްޒަފުން ވަޒީފާއިންވެސް ކަނޑާލާފައެވެ. އެއީ އޭނަ ބޭނުންވާގޮތް ނޫންގޮތަކަށް ކަމެއް ހިނގައިދާނެތީއެވެ. އޭނައަށްވުރެ ކުރިއަށްދާން މަސަކަތްކުރާ މީހަކުވެސް އެ އޮފީހުގައި ނުހުރެވޭނެއެވެ. ލިބިފައިވާ މަޤާމްގެ ބާރު ނަހަމަގޮތުގައި އޭނަ ބޭނުންކުރަމުން އަންނަނީ އަމިއްލަ އެދުމުން ފުރިގެންވާހާލުގައެވެ.
ޒީޝާންއާ ރާއިފް ބައްދަލްވެ ވާހަކަ ދެކެވުނު ހިސާބުން އެ ބިރު އަނެއްކާވެސް ޒީޝާންއަށް އޮތެވެ. ސަބަބަކީ ރާއިފްއަކީ މަސައްކަތުން އިތުބާރު ހޯދައިގެން ވަޒީފާގެ ކުރިއެރުން ހޯދާ މީހަކަށް ވާތީއެވެ. ކިޔަވައިގެންހުރި ކަމަށް ޤާބިލް މީހަކަށް ވާތީއެވެ. އެއާ ޙިލާފަށް ޒީޝާންއަކީ އޭނައަށް ލިބިފައިވާ، ރީތިކަމާ އަންހެންވަންތަކަން ވިއްކައިގެން އެ ހިސާބަށް އައިސް ހުރި މީހަކަށް ވާތީއެވެ. ކޮންމެއަކަސް ޒީޝާންގެ ޝިކާރައަކަށް ރާއިފް ހަދަން ނިންމައިފިއެވެ. އެ މަޤާމަށް ރާއިފް އައިސްދާނެ ކަމުގެ ބިރު އޮތީމައެވެ.
ދުވަހުގެ ބުރަ މަސައްކަތް ނިންމާލުމަށްފަހު ރާއިފް ގެއަށްދިޔައެވެ. އަންހެނުން ލަމްޔާއަށް އެ އުފާވެރި ޙަބަރު ދިނެވެ. ލަމްޔާ ހުރީ ވަރަށް އުފަލުންނެވެ. ސަބަބަކީ ރާއިފްގެ އުންމީދުތަށް ފުރިހަމަވަމުން ދާތީއެވެ. ރެއާދުއާ ކުރަމުން އެދާ މަސައްކަތުގައި ބަރަކާތް ލައްވަމުންދާތީއެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. ރާއިފްއަކީ ތެދުވެރިކަމާއެކީ އަބަދުވެސް ކުރިއަށް ދިއުމަށް މަސައްކަތްކުރާ ހިތްވަރުގަދަ ފަހުލަވާނެކެވެ.
ދިރިއުޅުމުގެ އުފާވެރިކަމަށް އާ ބޮޅެއް އިތުރުވީއެވެ. ރާއިފްއާ ލަމްޔާގެ ދިރިއުޅުން އިތުރަށް ފުރިހަމަވީއެވެ. ތިން ދަރިންނާއެކު ބިނާކުރަމުންދިޔަ ބިންގާ އިތުރަށް ވަރުގަދަވީއެވެ. ދެންވެސް އޮތީ އިތުބާރެވެ. އެކަކު އަނެކަކަށް ކުރާ އިތުބާރާ ލޯބި ދެމެހެއްޓުމެވެ. ދާންބޭނުން މަންޒިލަށް މިސްރާބުޖެހުމެވެ. އެ މަންޒިލަކީ ކުލަތަކުން ޖަރީވާނެ ކަހަލަ މަންޒިލަކަށް ހެދުމެވެ. ހަސަދަވެރިންގެ ހިޔަނިން ރައްކާތެރިކަމަށް އެދެމުންނެވެ. ރާއިފްއާ ލަމްޔާގެ އަޒުމް ކިތަމެހާވެސް ވަރުގަދައެވެ. ކުޑަ ކުޑަ ތިން ކުދިންނާއެކު ހަރުފަތަކަށްފަހު ހަރުފަތެއް ގިރާކުރަމުން އެދަނީ ދެމަފިރިންވެސް އެންމެ ހިތްއެދޭގޮތަށެވެ. އުންމީދުން ފުރިގެންވާ ހާލުގައެވެ.
އެއްބަޔަކު އާއިލާއެއް ބިނާކުރަން މަސައްކަތް ކުރަމުންދާއިރު އަމިއްލަ އެދުމުން ފުރިގެންވާ ޒީޝާން، ވިސްނަމުން އެދަނީ އެ އާއިލާ ހަލާކްކޮށްލާށެވެ. އޭނަގެ ކުރިމަގަށް އޮތް ހުރަހަކަށް އޮތީ އެ އުފާވެރި ކުޑަ ކުޑަ އާއިލާ ކަމަށް ދެކިގެނެވެ. ޒީޝާންގެ އަމާޒަކީ މިހާރު ރާއިފް އޭނަގެ މަޅީގައި ޖެއްސުމެވެ. ލިބިފައިވާ ރީތިކަމުގެ އަޅަކަށް ރާއިފް ހެދުމެވެ. އެ އަޅުވެތިކަމުގައި ރާއިފަކީ އޭނާ ޖަހާހާ ބެރަކަށް ނަށާ މީހަކަށް ހެދުމެވެ. އެއީ ޒީޝާންއަށް އެހާ އުނދަގު ކަމެއް ނޫނެވެ. އޭނައަށް ލިބިފައިވާ ހުނަރެކެވެ.
އެހެން ނުވާންވީ ސަބަބެއް ނެތެވެ. ޒީޝާންއަކީ ރީތި މީހެކެވެ. ބަލާބެލުމަކަށް އޭނައަކީ ކިހާ މަކަރުން ފުރިގެންވާ މީހެއް ކަމެއް އެކަކަށްވެސް ނޭންގޭނެއެވެ. ވަރަށް ފަސޭހައިން އޭނަގެ މަޅީގައި އަދި މިހާތަނަށް ވަނީ ފިރިހެނުން ޖެހިފައެވެ. ޖެހުނު ކޮންމެ މީހަކުވަނީ ހަލާކުގެ ތެރެއަށް ވެއްޓިފައެވެ. އަލުން ކޮޅަށް ނުތެދުވޭ ވަރަށެވެ.
މަކަރުން ފުރިގެންވާ ރޭވުންތަކާ އެއްގޮތަށް ޒީޝާންގެ އަމަލުތަށް ބަހަށްޓަން ފެށުނެވެ. އޭނަގެ އަމާޒަކީ ރާއިފްކަމަށް ވާތީ ރާއިފަށް އޭނަގެ ރީތިކަން ހާމަ ކުރަން ފަށައިފިއެވެ. އޮފީހަށް އަންނައިރު ލާ ހެދުންތަށް ކުރުވާންފެށިއެވެ. ނިވާކަންކުޑަ ހެދުންތަކެވެ. ފަހުގެ މީރުވަސްދުވާ އަގުބޮޑު ސެންޓް ޖަހަންފެށިއެވެ. މަޑުމަޑުން ރާއިފާ ގާތްވާން ފެށިއެވެ. އޮފީސް ކުދިންތަށް ގޮވައިގެންދާ ކޮފީތަކުގައި ރާއިފްވެސް ބައިވެރިކުރަންފެށިއެވެ. އަދި މަދު މަދުން ރާއިފްކައިރީގައި ތަންތަނަށް ގެންގޮސްދިނުމަށް އެދެންފެށިއެވެ. އޮފީހަށް ރޭގަނޑު ގެނައުމާ ގިނަވަގުތު ރާއިފްއާއެކީ އޮފީހުގެ މަސައްކަތްތަށް ކުރުން އާންމު ކަމަކަށް ހެދިއެވެ. ވަކިން ކޮފީތަކަށް ދިއުމާ ދުއްވާލަން ދިއުމަށް ރާއިފް ކިބައިން އެދެން ފަށައިފިއެވެ. އެއިން ކޮންމެ ވަގުތަކީ ރާއިފާ ދިމާއަށް ވަރަށް ހުށިއާރުކަމާއެކު އެއްލާ މަޅިއެކެވެ. އެ މަޅީގައި ރާއިފް ޖައްސަން ދުވަހެއް ދުވަހަކަށް އެ މަޅި ވަރުގަދަކުރިއެވެ. މިއިން އެއްވެސް ކަމެއް ރާއިފަކަށް ހަމަ ރެއަކާވެސް ނުލައެވެ. އޮފީހުގެ ބޮޑުމީހާގެ ހައިސިއްޔަތުން ރާއިފް ޒީޝާންއަށް އިޙްތިރާމް ކުރެއެވެ. މަޑުމަޑުން ރާއިފަށްވެސް ޒީޝާންގެ އަމަލުތަށް ހުރިގޮތުން އެއްޗެއް ހީވާންފެށިއެވެ. އެއްމެ އިސްވެރިޔާގެ ހައިސިއްޔަތުން ކުރާ އިޙްތިރާމެއްގެ ބޮޑުކަމުން ޒީޝާންގެ އެކި އަމަލުތަށް ރާއިފް ހަޖަމްކޮށްލައިގެން ހުންނަން މަޖްބޫރުވިއެވެ. އަންހެނުން ލަމްޔާދެކެ ރާއިފް އިންތިހާއަށް ލޯބިވާތީއާއެކު އެއްވެސް ވަރަކަށް ރާއިފްގެ ޙިޔާލްގައި ޒީޝާންއާމެދު ގޯސްގޮތަކަށް ދެކެން ބޭނުންނުވެއެވެ. އެހެެންނަމަވެސް ރާއިފަކީ ދުވަހަކުވެސް އެކަހަލަ މަޅީގައި ޖެހިފައިނުވާ މީހަކަށްވާތީ ފަހަރެއްގައިވެސް ޒީޝާންގެ އެ މަކަރުވެރި ރޭވުންތަކުގެ ހިލަމެއްވެސް ރާއިފަށް ނުވާކަހަލައެވެ. ރާއިފަށްވެސް ނޭންގި ޒީޝާން ރާއިފަށް ގާތްވަމުން ދެއެވެ. ފިރިހެނަކު މަޅީގައި ޖައްސަން ކުރެވެން އޮތްހާކަމެއް ކުރިއެވެ.
އެންމެފަހުން އޮފީސް ދަތުރެއްގެ ނަމުގައި ރާއިފްއާ އެކީ ދަތުރެއްދާން ޒީޝާން ހަމަޖެއްސީ ރޭވުމުގެ ތެރެއިންނެވެ. އޮފީސް ދަތުރުދާން ހަމަޖެއްސީ ރާއްޖެތެރޭން ރަށަކަށެވެ. ރާއިފްވެސް ވަރަށް ތައްޔާރުވެގެން ޒީޝާންއާ އެކީ އެދަތުރުދިޔައެވެ. ފަހަރެއްގައިވެސް މީ ރާއިފް އަށް ކިހާބޮޑު ނުރަށްކަލެއް އޮތް ދަތުރެއްކަމެއް ރާއިފަކަށް ނޭންގެއެވެ.
ރަށަށް ދެވުމާއެކު ޒީޝާންގެ ޝިކާރައަކަށް ވެފައިވާ ރާއިފްގެ ހިތް އަނބުރާލުމުގެ މަސައްކަތް ޒީޝާން ފެށިއެވެ. އޮފީހުގެ މަސައްކަތްތަށް ނިންމާލުމަށްފަހު ރާއިފްއާ އެކީގައި ރޭގަނޑުގެ ގިނަވަގުތުތަށް ހޭދަކުރިއެވެ. ދިރިއުޅުމުގެ ބައެއް ވާހަކަތަށް ހިއްސާ ކުރިއެވެ. ރޭގަނޑުގެ ގަޑިތަކުގައި ދުއްވާލަންގޮށް ބޭރުގައި ގިނަވަގުތުތަށް އުޅެންފެށިއެވެ.
ރާއިފަށްވެސް ނޭންގި ރާއިފްގެ އަމަލުތަށްވެސް ޒީޝާންއަށް ލެނބެމުންދިޔައެވެ. ޒީޝާންގެ އިޝާރާތްތަކަށް ހެއްލެން ފެށުނެވެ. ފިރިހެނަކަށް ވީތީ ރާއިފަށް އެހެންނުވާންވީ އެއްވެސް ސަބަބެއް ނެތެވެ. ޒީޝާން ހާދަ ކުޅަދާނައެވެ. އެ މަކަރުންފުރިގެންވާ ރޭވުމުގެ ޝިކާރައަކަށް ހަމަ ރަނގަޅަށްވެސް ރާއިފް ހަދައިފިއެވެ. އެ ހަށިގަނޑުގެ ހޫނުކަން ރާއިފަށް އިހްސާސް ކުރެވުނު ހިސާބުން މުޅިންހެން ރާއިފް ޒީޝާންއަށް ގޮސް ހުސްވިއެވެ. އޮފީހުގެ ނަމުގައި ދިޔަ ދަތުރު ރާއިފަށް ވަރަށް ހާއްސަ ވެއްޖެއެވެ. ޒީޝާންއާ އެކީ ހުރިހާ ވަގުތެއް ހޭދަކުރަންފެށީ ލޯބިން މާ ފޮޅުވުމުގައެވެ. އެކަކު އަނެކަކަށް ލޯބީގެ ގުލްދަސްތާ ހިއްސާކުރަމުންދިޔައެވެ. ޒީޝާންގެ އަތުތެރޭގައި ރާއިފްދިޔައީ ހުރިހާ އުފަލެއް ހާސިލް ކުރަމުންނެވެ. ރީތި މަލަކުން ފޮނިބޮމުންދިޔަ މާބުރެއްގެ މިސާލެވެ.
ދަތުރު ނިންމާލުމަށްފަހު ދެ ލޯބިވެރިންގެ ނަމުން ނަންދެމުން އެނބުރި މާލެ ދާން ދަތުރުފެށިއެވެ. ޒީޝާންގެ މަޤްސަދު ހާސިލްވެއްޖެއެވެ. އެއްލި މަޅީގައި ރާއިފް ހަމަ ރަނގަޅަށްވެސް ޖެހި ބެދިއްޖެއެވެ. އެއީ އަދި ޒީޝާންގެ ފުރަތަމަ މަރުހަލާއެވެ. ކުރިއަށް އޮތީ އެ މަޅިން ރަނގަޅަށް ރާއިފް ފިއްތާލުމެވެ. ކަރުގައި ލޭރަހަ ލައްވާލުމެވެ.
ޒީޝާންގެ ހިތާހިތުން ރާއިފްއަށް މަލާމާތް ކުރަމުންދިޔައިރު ރާއިފްގެ ޙިޔާލް މުޅިންތަފާތެވެ. ރާއިފްއަށް ކުރެވުނު ކަންތަކާމެދު ދެރަވާންފެށިއެވެ. ވިސްނެންފެށިއެވެ. މީހެއްގެ ފިރިއެއްގެ މަޤާމްގައިހުރެ ކުރެވުނު ކަންތަކާމެދު މާޔޫސްވިއެވެ. ރާއިފްއަށް ލަމްޔާ ކުރާ އިތުބާރު ހިތަށްއަރާފައެވެ. ދުވަހަކުވެސް ރާއިފް ލަމްޔާއަށް ދެރަގޮތެއް ހަދާކަށް ނުވިސްނައެވެ. ހަޔާތެއްފެށީ އުމުރަށް ލަމްޔާއާއެކުގައި އުޅޭށެވެ.
އޮފީސް ދަތުރު ނިންމާލުމަށްފަހު ގެއަށް އައި، ރާއިފަށް މަރުޙަބާ ކިޔަން އަންހެނުން ލަމްޔާ އިނީ ކެތްމަދުވެފައެވެ. ރާއިފްގެ އިންތިޒާރުގައި ވަގުތު ގުނަ ގުނާ އިން ލަމްޔާއަށް ފިރިމީހާ ފެނުމާއެކު ގޮސް ބައްދާ ގަނެވުނެވެ. އަދި ރާއިފް ނެތުމުން ވަރަށް ހަނދާންވި ވާހަކައާ ދެން އެހާ އަވަހަށް ދޫކޮށްލާފަ ނުދިއުމަށް އެދުނެވެ. ވަރުބަލިވެފައިވާ ކަހަލަ ގޮތަކަށް ރާއިފް ލަމްޔާ ދުރުކޮށްލަމުން އަރާމްކޮށްލަން ބޭނުންވާ ވާހަކަ ބުނެ ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. ލަމްޔާ ޝަކުވާއެއް ނުކުރެއެވެ. އެއަށްވުރެ މާ ބޮޑަށް ލަމްޔާ ރާއިފްދެކެ ލޯބިވެއެވެ. އަދި އިތުބާރު ކުރެއެވެ. ލަމްޔާ ރާއިފަށް ވަގުތު ދިނެވެ. އަރާމް ކުރާށެވެ.
ރާއިފް އެވަނީ ކުރެވުނު ކަންތަކާމެދު ހާސްވެފައެވެ. ލަމްޔާއަށް އޮޅުވާލެވުނީތީ އެކަމާ ވަރަށްބޮޑަށް ދެރަވާ ހާލުގައެވެ. އެކި ވިސްނުންތަކާއެކު ލަމްޔާ ކުރެން ވާހަކަ ދައްކާނެހާ ހިތްވަރުނެތީމައާއި އެކީގައި ރާއިފް ބޭނުންވަނީ އެކަނި ވަގުތުތަށް ހޭދަކުރާށެވެ.
ޒީޝާން ހުންނަނީ މިހާރު ވަރަށް ހިތްހަމަޖެހިފައެވެ. ޒީޝާންގެ ރޭވުން ފުރިހަމަވީމައެވެ. ޒީޝާން ބޭނުންވިގޮތަށް ކަންތަށްވަމުންދާތީއެވެ. ޒީޝާންއަށް ރާއިފްގެ ފިރިހެންވަންތަކަން ކަމުދިޔައީނޫންކަމެއް ނޭނެގެއެވެ. އަބަދުވެސް ޒީޝާން ބޭނުންވަނީ ރާއިފްގެ ކައިރިން އުފާހޯދާށެވެ. ކުރުކޮށްބުނާނަމަ ރާއިފް އާ އެކު ނަހަމަގޮތުގައި ގުޅުންހިންގާށެވެ. ޒީޝާންގެ ޙިޔާލް މިހެން ހުރިނަމަވެސް ރާއިފްއަކީ އެއްގޮތަކަށްވެސް ޒީޝާންގެ ހިޔާލާއެއްގޮތަށް އުޅެން ބޭނުންވާ މީހެއްނޫނެވެ.
އެންމެފަހުން ޒީޝާންގެ އަމަލުތަށް ބޮށްސުންލާ ހިސާބަށް ދިއުމުން ރާއިފް ނިންމީ ޒީޝާންއާ ގުޅުން ކަނޑާލާށެވެ. ހަމައެކަނި އޮފީހުގެ އިސްވެރިޔާގެ ނަޒަރުން ދެކޭށެވެ. ރާއިފްގެ ނިންމުމާ ދެކޮޅަށް ޒީޝާން ނިކުތެވެ. އަދި ރާއިފްއަށް “އެޑިކްޓް” ވެފައިވާ ކަމަށް ބުނަމުންދިޔައެވެ. ޒީޝާންއަށް ރާއިފްއާނުލާ ނޫޅެވޭނެ ވާހަކަ ބުނަމުންދިޔައެވެ.
އެކިގޮތްގޮތުން ވިސްނުމަށްފަހު ރާއިފް ނިންމީ ޒީޝާންއާ ދެއަންބަށް އިންނާށެވެ. ސަލާމާތްނުވާ ހިސާބަށް ދިޔަައިމައެވެ. އެގޮތަށް ރާއިފް ގުޅުންބާއްވަން ބޭނުންނުވާތީއެވެ. ޒީޝާންގެ ޖަވާބަކީ ކައިވެނި ނުކޮށް އުޅެން އޭނަ މާ ހިތްހަމަޖެހޭ ވާހަކައެވެ. ނަމަވެސް ރާއިފްވެސް ބޭނުންވަނީ ރަނގަޅު ގުޅުމެއް ޤާއިމް ކުރާށެވެ. ޒީޝާންއާ އެކީވެސް ދިރިއުޅުމެއް އުޅޭށެވެ. އުފާވެރި ހަޔާތެއް ވޭތުކުރާށެވެ.
ރާއިފްގެ އެދުމަށް ޒީޝާންކުރީ އިންކާރެވެ. އަދި އިންތިހާއަށް ރުޅިއައެވެ. ޒީޝާން ހިތްއެދޭގޮތާ ރާއިފް ޙިލާފްވީއެވެ. އެއީ ޒީޝާން ދުވަހަކުވެސް ދެކެންބޭނުންވި ދުވަހެއްނޫނެވެ. އަބަދުވެސް ޒީޝާންގެ، އެދުމަށް ކޮންމެ މީހަކުވެސް ޖެހޭނީ އާބަސް ބުނާށެވެ. އެގޮތަކަށް ރުހޭށެވެ. އެހެންނުވެއްޖެނަމަ އޭނަ ކިބައިން ބަދަލްހިފާނެއެވެ.
ދެމީހުންގެ ގުޅުމަށް ހީނަރުކަމެއް އައީ މިހާ ހިސާބުންނެވެ. ޒީޝާންއާ ދުރުވެވުނު ކަމުގެ އިހްސާސް ރާއިފަށް ކުރެވުނެވެ. ހިތަހަމަ ޖައްސާލީ އޭނަ ކިބަިއން ސަލާމާތް ވެވުނީކަމަށް ހީކުރަމުންނެވެ.
އެހެނަސް ކަންތަށްވީ އެހެނަކުން ނޭނެވެ. ރާއިފްއަށް އޮފީސްތެރޭގައި އުޅުމަށް ދަތިވާން ފެށިއެވެ. ޒީޝާންގެ އުނދަގޫ އިންތިހާއަށް ބޮޑުވިއެވެ. އެކި ގޮތްގޮތުންނެވެ. މަސައްކަތް ކުރަން އިންނަވަގުތު އައިސް ގައިގައި އަތްލާ ހަދަންފެށިއެވެ. ބައެއްފަހަރު ހިފަހަށްޓާ ރާއިފް ގައިގައި ބީހެން މަސައްކަތްކުރިއެވެ. މި ހުރިހާ ކަމަކުން ރާއިފްއަށް ކުރުވީ އިތުރު އުނދަގުލެކެވެ. ނުރުހުމުގައި މީހަކުއައިސް ރާއިފަށް ޤޯނާ ކުރާކަމުގެ އިޙްސާސް ކުރެވޭތީއެވެ. ނަމަވެސް ރާއިފް މިވާހަކަ ހިއްސާކުރާނީ ވަކި ކާކާ ހެއްޔެވެ.؟ ލަމްޔާއަކީ ރާއިފްގެ އަނބިމީހާއެވެ. ހަމަހިލާ ލަމްޔާ ކައިރީގައި ބުނާކަށް ނުކެރޭނެއެވެ. އަނެއްކޮޅުން ޒީޝާންއަކީ ރާއިފްގެ އިސްވެރިޔާއެވެ. އެވާހަކަ ޤަބޫލްކުރާނީ ކާކުހެއްޔެވެ؟ ބޯ ހާސްވެފައިވާ ރާއިފްއަށް ވަނީ ގޮތްހުސްވެފައެވެ. އެތަށްދުވަހަކު އުންމީދާއެކު، ކިޔެވި ދާއިރާއިން މަސައްކަތް ކުރުމުގެ ފުރުސަތު ލިބުނު އެދާއިރާގައި ކިތަންމެހާވެސް މަސައްކަތް ކުރަން ބޭނުމެވެ. އެކަމަކު މިއަދު ރާއިފަށް އޮފީހުގެ މާހައުލުން ކުރިމަތިކުރުވާފައިވަނީ މާބޮޑު ބިރުވެރިކަމެކެވެ.
އަބަދުވެސް މީހުންކިޔާތީ އަޑު އަހަނީ ފިރިހެނަކު އަންހެނަކަށް ޖިންސީ ފުރައްސާރަކުރާ ވާހަކައެވެ. ދުވަހަކުވެސް ފިރިހެނަކަށް އަންހެނަކު، ޖިންސީ ފުރައްސާރަ ކުރާވަހަކައަކީ މުޖުތަމަޢު ބަލައިގަންނަ ވާހަކައެއް ނޫނެވެ. ރާއިފަށް އެ ވަނީ އަންހެނެއްގެ ޤޯނާ އިންތިހާއަށް ޖެހިފައެވެ. އެއީ “ސެކްޝުއަލް ހެރޭސްމަންޓް” ނޫން ދެވަނަ އެހެން ބައްޔެއްނޫނެވެ. ރާއިފްގެ ވާހަކަ އެއްވެސް މީހަކު ޤަބޫލް ނުކުރާނެތީ މިހާރު ރާއިފް އެހުންނަކީ ވަޒީފާ ދޫކޮށްދާ ހިސާބުގައެވެ. ނަފްސާނީގޮތުން ވަރަށްބޮޑަށް އަސަރު ކޮށްފައެވެ. ހިތާ ދެކޮޅަށެވެ. އެހާ ބޭނުންވެގެން އަދާކުރަމުންދާ އެ ވަޒީފާ ދޫކޮށްލަން ރާއިފްގެ ހިތް އެދޭނެ ހެއްޔެވެ.؟
ދުވަސްތަށް ފާއިތުވަމުންދިޔައީ ލޯބިން ދިރިއުޅެމުންދިޔަ ލަމްޔާގެ އެ އުފާވެރި ހަޔާތް ދުވަހަކުވެސް ދެކެފައި ނުވާކަހަލަ ގޮންޖެހުންތަކަކާއެކީގައެވެ. އުފާވެރިކަމަށް ހީނަރުކަން އައިއްސިއެވެ. ރާއިފްގެ އުޅުން ވަރަށްބޮޑަށް ބަދަލްވިއެވެ. ގޭގައި އުޅޭވަގުތު މަދުވިއެވެ. ދަރިންނަށް އަޅާލުން ކުޑަވިއެވެ. ލަމްޔާއަށް އެއްގޮތަކަށްވެސް ވަގުތެއް ނުދެއެވެ. ގެއިން ކައިހަދާ ވަގުތު މަދުވެ އަބަދުވެސް ބޭރުން ކައިގެން އަންނަ ވާހަކަ ބުނަމުންދިޔައެވެ. ބައެއްފަހަރު ލަމްޔާއަށް އަށް ޝަކުވާ ކުރެވެން ފެށުނެވެ. އިންތިހާއަށް ރާއިފްގެ އަޅާލުމަށް އެދެމުންނެވެ. ލަމްޔާގެ ޝަކުވާތަކުގެ ޖަވާބަކަށް ރާއިފް ދެމުންދިޔައީ އެންމެ ޖަވާބެކެވެ. ކަމެއްނުވާކަމަށް ބުނަމުންނެވެ. ރާއިފްއަށް ކުރަމުންދާ އެކި އަސަރުތަކުގެ ސަބަބުން މިހާރު ރާއިފަށް ދިރިއުޅުމުގައި މާބޮޑު އިސްކަމެއްދޭނެ ފުރުސަތެއް ނުލިބެއެވެ.
ރާއިފަށް އެއައި ބޮޑުބަދަލާއެކީ ލަމްޔާ އަށް ކުރިމަތިކުރުވީ ބޮޑު ހިތާމައެކެވެ. އެ ހިތާމަތަށް ތަޙައްމަލް ކުރުން ނޫންގޮތެއް މިއަދު ލަމްޔާއަކަށް ނެތެވެ. ކުޑަކުޑަ ތިންކުދިންނަށްޓަކައެވެ. އެކުދިންގެ އުފަލަށެވެ. ރާއިފް ގެ ލޯބިން ދުރަށްދާން ނޭދޭތީއެވެ. އަދިވެސް އެ އުފާވެރި ދިރިއުޅުން ދަމަހަށްޓަން ބޭނުންވާތީއެވެ.
އެހެން ދުވަސްތަކެކޭ އެއްގޮތަށް ރާއިފް އޮފީހަށް ދިޔައީ އެއްގޮަތަކަށްވެސް ދާހިތަކުން ނޫނެވެ. ޒީޝާން ކައިރިއަށް ދެވޭތީ އެކަމާ ހިތްހަމަނުޖެހި ހުރެއެވެ. އޮފީހަށްދާ ކޮންމެ ދުވަހަކީ ރާއިފަށް އެކިގޮތްގޮތުން ޒީޝާންގެ ގޯނާ ކުރިމަތިކުރުވާ ކަމަކަށްވާތީއެވެ. އޮފީހުގެ އެމާހައުލަކީ ރާއިފަށް ހުރި ބިރުވެރިކަމަކަށް ވެއްޖެއެވެ.
އޮފީހަށް ދެވުމާއެކު ރާއިފަށް މަރުޙަބާ ކިޔީ އޮފީހުން ވަކިކުރިކަމުގެ ޗިޓްކޮޅެވެ. ހައިރާންވެފައި ރާއިފް އެ ކިޔާލުމާއެކު ފައިދަށުން ބިންގަނޑުން ދެމިގަތްކަހަލައެވެ. ހަތަރު އުދަރެސް ފެނުޖެހުނުކަހަލައެވެ. ވަށައިގެންވާ ހަތަރު ފާރު ރާއިފް ފިއްތާލި ކަހަލައެވެ. އެ ޗިޓް ކޮޅުގައިވަނީ އޮފީހުގައި މަސައްކަތްކުރާ އަންހެން މުއަށްޒަފަކަށް، ޖިންސީގޮތުން ގޯނާކޮށް އިތްފަތްތެރިކަން ފޭރިގަތުމަށް މަސައްކަތް ކުރިކަމުގެ ތުހުމަތުގައި ވަޒީފާއިން ވަކުކުރި ވާހަކައެވެ. އެންމެ ބޮޑަށް ރާއިފް ހައިރާންވީ މައްސަލަ ހުށެހެޅި ފަރާތެއްގެ ނަމަކަށް ޒީޝާންގެ ނަން އިނީމައެވެ. ހަމަ ރަނގަޅަށްވެސް ޒީޝާން، ރާއިފްގެ ކަރުގައި ލޭ ރަހަ ލައްވާލީތާއެވެ.
ރާއިފަށް ބުނާނެ އެއްޗެއް ނޭންގުނެވެ. ޒީޝާންއަކީ ކޮންކަހަލަ އަންހެނެއް ހެއްޔެވެ؟ ރާއިފަށް އެދިނީ ކޮންފަދަ ބޮޑު އަނިޔާއެއް ހެއްޔެވެ؟ ހުރިހާ ކަމެއް ޒީޝާންގެ ފަރާތުން ކުރިމަތިކުރުވި މީހަކީ ރާއިފްއެވެ. ނަމަވެސް މިއަދު ރާއިފްގެ ބޮލުގައި ހުރިހާ ޒިންމާއެއް އެޅުވުމުގެ ބޭނުމެއް އެއްގޮތަކަށްވެސް ނުވިސްނުނެވެ.
އެކިގޮތްގޮތުން ރާއިފްގެ ކުށެއްނެތްކަން ސާބިތު ކޮށްދެން މަސައްކަތްކުރި ނަމަވެސް އޮފީހުގެ އިސްމީހުން މަލާމާތް ކުރީ ރާއިފަށެވެ. އަންހެނަކަށް ފިރިހެނަކަށް ޖިންސީ ޤޯނާ ކުރެވޭނެހޭ ކިޔަމުންނެވެ. ކަންތަށްވީ ރާއިފް ހަމަ ހިތަށް އެރިގޮތަށެވެ. މިއަދު ރާއިފްގެ ވާހަކަ ގަބޫލްކުރާނެ ހަމައެކަކުވެސްނެތެވެ. ކުރާނެ ކަމެއްނެތެވެ. ރާއިފް ކަރުގައި ޒީޝާން ހަމަރަނގަޅަށްވެސް ލޭރަހަ ލައްވާލީތާއެވެ.
ތެދެކެވެ. ރާއިފް، ޒީޝާންއާ ގުޅުމެއް ހިންގިއެވެ. އެއަށް ލޯބީގެ ގުޅުމޭ ކިއިދާނެއެވެ. ޒީޝާންގެ ރުހުމުގައެވެ. އޭނަ ބޭނުންވެގެންނެވެ. ދުވަހަކުވެސް ރާއިފްއަކީ މީހެއްގެ ކަރާމާތަށް ގެއްލުންވާނެ އެއްވެސް ކަމެއް ކުރާނެ މީހެއް ނޫނެވެ. ރާއިފްގެ ކުށަކީ އަންހެނަކާއެކީގައި ނަހަމަގުޅުން ހިންގަން ބޭނުންނުވާތީ، ކައިވެންޏަށް އެދެވުނު ކަމަށް ވަނީވަންޏާ އެކުށް އެއޮތީ ރާއިފަށް ކުރެވިފައެވެ. އޭގެ ބަދަލަކީ ރާއިފް ވަޒީފާއިން ކަނޑާލުން ހެއްޔެވެ.؟ އެހާބޮޑު ތުހުމަތެއްގައެވެ. ކޮންފަދަބޮޑު ބަދުނާމެއް ހެއްޔެވެ؟ އަންހެނަކާ ސިއްރުން ގުޅުމެއް ބަދަހިކޮށް އެ ގުޅުމަށް ނަމެއްދޭން އުޅުމަކީ މިފަދައިން ކުރިމަތިވާނެ ކަމެއްކަން އެނގުނު ނަމަ ރާއިފް އެކަމަށް ހިޔަނިވެސް ނޭޅީސްއެވެ.
ދެރަވެ މާޔޫސްވެފައި އިން ރާއިފް ގެއަށް ދިޔައީ ލަމްޔާއަށް ދަށްކާނީ ކޮންމޫނެއްކަމެއް ނޭންގިއެވެ. ބުނާނެ އެއްޗެއް ނޭންގިހުރެއެވެ.
ލަމްޔާއަށް ޗިޓް ދިއްކޮށްލުމާއެކު ދެކަކޫ މަށްޗަށް ރާއިފް ތިރިވިއެވެ. އަދި މާފަށް އެދި ރޯންފެށުނެވެ. “މިއަދު މި ކުރިމަތިވީ ކޮންފަދަ ބޮޑު އިމްތިހާނެއް ހެއްޔެވެ؟ އަހަރެންނަށް ވަރަށް ބޮޑު ކުށެއް ކުރެވިއްޖެއެވެ. ލަމްޔާއެވެ. އަހަރެންނަކީ ތި ޗިޓްކޮޅުގައި ތިބުނާ ކަހަލަ ނުބައި މީހެއް ނޫނެވެ. ދުވަހަކުވެސް ތިކަހަލަ ގޯސްކަމެއް ނުކުރަމެވެ. ނުވެސް ކުރާނަމެވެ. އެކަމަކުވެސް އަހަރެންނަކީ ލަމްޔާ ކުރިމަތީ ކުށްވެރިއެކެވެ. ވަރަށް ބޮޑު ކުށްވެރިއެކެވެ. ދުވަހަކު މާފް ހައްޤުނުވާ ވަރުގެ ކުށްވެރިއެކެވެ. އަހަރެންނަށް ލަމްޔާއަށް އޮޅުވާލެވިއްޖެއެވެ. ބޭވަފާތެރި ވެވިއްޖެއެވެ. އެހެންމީހަކާއެކީ ގުޅުމެއް ހިނގިއްޖެއެވެ. އަދި ލަމްޔާ ދެރަކުރެވިއްޖެއެވެ. ވަރަށް ރޮށްވައިފީމެވެ. މިއަދު އަހަރެންމިވަނީ މުޅިން ބަރުބާދު ވެފައެވެ. ކުށުގެ ހައްޤުއަދަބު އަހަރެންނަށް ލިބިއްޖެއެވެ. ދެންއިތުރަށް މިދުނިޔެމަތީގައި މިއަށްވުރެ ބޮޑު އަދަބަކީ ލަމްޔާ އަހަރެން ދޫކޮށްލާފައި ދިއުމެވެ. އަހަރެންނަށް މާފްކުރާށެވެ.”
ރާއިފަށް ކުރެވުނު ކުށުގެ އިހްސާސް ކުރެވި އެކަމާ ދެރަވެ ރޮމުންދިޔައިރު ލަމްޔާ މާހުށިޔާރެވެ. މަޑުމަޑުން ރާއިފްގެ ދެކޮނޑުގައި ހިފާ ކޮޅަށް ނެގިއެވެ. އަދި ބައްދާލިއެވެ. ރާއިފްއެވެ. ރާއިފްގެ ކުށަކީ އަހަރެންނަށް އޮޅުވާލެވުން ކަމަށްވަނީނަމަ އަހަރެން މާފް ކޮށްފީމެވެ. އެކަމަކު ރާއިފްގެ ތިކުށުގެ އަދަބަކީ މި ޗިޓްކޮޅު ކަމުގައި ވަނީނަމަ އަހަރެން ތި ޤަބޫލެއް ނުކުރާނަމެވެ. މީ ރާއިފްގެ ކުށެއްނޫނެވެ. މީ ރާއިފަށް ދީފައިވާ ބޮޑު އަނިޔާއެކެވެ. ކެހިވެރި ނުބައި އަންހެނެއްގެ މަޅީގައި ރާއިފްއަށް ޖެހެވުނީއެވެ. ރާއިފްއަކީ ދުވަހަކުވެސް މިކަމުގައި ކުށްވެރިއެއް ނޫނެވެ. ކުށްވެރިޔަކީ ޒީޝާންއެވެ. މިކަމުގައި އިންސާފް ހޯދަން އަހަރެން ރާއިފާ އެކީގައި ވަމެވެ.
ރާއިފަށް ލިބުނު ހައިރާންކަން އިންތިހާއެވެ. ލަމްޔާގެ މަޑުމޮޅި ހިތުގެ ހެޔޮކަން ފެނިފައެވެ. ރާއިފް ހިތަށް އެރިއެވެ. “އެވަރުގެ ދެރައެއް ދިނުމުންވެސް އަހަރެންނަށް މާފްކޮށްފިއެވެ. އަހަރެންނަށް ލަމްޔާ ކިހާ އިތުބާރު ކުރޭހެއްޔެވެ؟”
ރާއިފްގެ ހިތުގައި ޒީޝާންއާ މެދު އޮތް އިޙްތިރާމްވަނީ މާކުރިންވެސް ގެއްލިފައެވެ. އެހެނަސް އެ ކުރި އިތުބާރު މިހާރު ރާއިފްގެ ހިތުގައި އަނދަމުންދާ އަލިފާންގަނޑަކަށް ބަދަލްވެއްޖެއެވެ. ކޮންފަދަ ނުބައި ނުލަފާ މީހެއް ހެއްޔެވެ؟ ޒީޝާންގެ އަމިއްލަ އެދުމުންފުރިގެންވާ ރޭވުންތަކުގެ ސަބަބުން މިއަދު ރާއިފްއާ އެ ކުރިމަތި ކުރުވީ ކޮންފަދަ ބޮޑު ބޭއިންސާފެއް ހެއްޔެވެ؟ ތިން ދަރިންނާއެކު އުޅެމުންދިޔަ އުފާވެރި ދިރިއުޅުމުގައި ހުޅު ރޯކޮށްފިއެވެ. އަދި މުޅިދުނިޔެތެރެއަށް ބަދްނާމް ކޮށްފިއެވެ. އެއްވެސް ކުށަކާނުލާ މިވަނީ ޤާނޫނީގޮތުން ކުށްވެރިވެ ކުށުގެ އަދަބަކަށް އެއްވެސް އިންސާފެއް ނެތި އަމަލުކޮށްފައެވެ. ރާއިފް ހިތާހިތުން އަޒުމެއް ވަރުގަދަކުރިއެވެ. ކުށެއްނެތްކަން ސާބިތު ކުރާށެވެ. އެކަހަލަ ނުބައި އަންހެނެއްގައި އަވައިގައި ނުޖެހޭށެވެ. ރާއިފްއަކީ ޒީޝާންގެ ފުރަތަމަ ޝިކާރައެއް ނޫނެވެ. އޭގެ ކިތަށްވަނަ މީހާކަމެއް ނޭންގެއެވެ. މުޅި އުމުރުވެސް އޭނަ އެ ހޭދަކުރަނީ މަގާމްގެ ކުރިއެރުން ހޯދުމަށް އެ މަކަރުވެރިކަމުގައެވެ.
އޭގެފަހުން މިހާރު 2 އަހަރުވެ ބޮޑުވީއެވެ. މިއަދު ރާއިފްއަކީ ރަނގަޅު އެހެން ވަޒީފާއެއްގައި އުޅެ ޤަދަރާ އިތްޒަތާ އަބުރުން ފުރިގެންވާ މީހެކެވެ. އަމިއްލަ މަސައްކަތްވެސް ކުރެއެވެ. ލިބުނު އެ ފިލާވަޅުން ރާއިފްއަށްވަނީ ދުނިޔެ ދަސްވެފައެވެ. ލަމްޔާއާ އެކުގައި އުފާވެރި ހަޔާތެއް މިހާރު އުޅެމުން ދިޔަނަމަވެސް އަދި ރާއިފް އިންސާފްހޯދަން ކުރާ މަސައްކަތް ހުއްޓާނުލައެވެ. ކޯޓްގައި މައްސަލަ ކުރިއަށް ދިޔަނަމަވެސް، ޒީޝާން މަޅީގައި ޖެހިފައިވާ ބޮޑެތި މީހުން އަދިވެސް މަށްސަލަ އޮށްބަން މަސައްކަތް ކުރެއެވެ. މިހާރު ޒީޝާންއަކީ އެ ހުރިހާ އެންމެން ކުޅެން ގެންގުޅޭ ރާޒުވާ ގޮނޑިއެއްގެ މިސާލެވެ. ކީއްހެއްޔެވެ؟ އޭނާއަކީ މިހާރު ޑިރެކްޓަރގެ މަޤާމް އަދާކުރަމުންދާ މީހެކެވެ.
އަންހެނުންނަކީ، ފިރިހެނުން ނަރަކައަށް ވައްދާ ބައެކޭ ބުނާތީ އަޑުއަހަމެވެ. ޒީޝާންއަކީ އޭގެ މިސާލެކެވެ. ޖާހިިލުންގެ ތެރެއިންވާ އަންހެނެކެވެ.
(ނިމުނީ)
ކެޓެގަރީ: ހަޤީޤީ ވާހަކަ ކުރުވާހަކަ

4038

???

0.0

Reethi

2 weeks ago

PewDiePie cutie pie pew die pie

0.0

I hate this story

3 weeks ago

Pew die pie

0.0

Varah hadi

3 weeks ago

ހާއުފާ

0.0

މިވާހަކައިގެ ކުންނެއް ނެތް. ނިންމުން ރަނގަޅެއްނޫން. ބޭކާރުވާހަކަ ގިނަވެފައި، ޖަޒުބާތު އުފެއްދުން ކުޑަ.

1 month ago

އައިޝާ

0.0

އިންސާފު ލިބޭނެ ކަމެއް ނުލި ބޭނެ ނޭނގެ އަސްލު މި ވާހަކަ އަކުން.

1 month ago

_n_g_a

0.0

Vaahaka Reeth ingey

1

2 months ago

އަންމަޱޭ

0.0

އިންސާފު ލިބޭނެ ބާ….؟

1

3 months ago

R

0.0

“ރާއިފްއަކީ މީހެއްގެ ކަރާމާތަށް ގެއްލުންވާނެ އެއްވެސް ކަމެއް ކުރާނެ މީހެއް ނޫނެވެ” ?

1

5 months ago

ޑެސްޕޯ

0.0

އެހާ އެއް ނޫން މި ވާހަކައެއް..ބޭކާރު ބައި ގިނަ..ސްކިޕްޑް ތްރޫ އިޓް ޓު ނޯ ވަޓް ހެޕެންޑް.

1

1

7 months ago

sukuney

0.0

sukunakaa alhaiganegen miulheny kaaku tha… komme vaahaka akah sukuney sukuney sukuney kiyaafa comment kuraa myha salhi sukun vaahakaeh liyebala… comment thah balaalaifiyya sukuney ge comment fennaane

3

7 months ago

އައްޔޫ

0.0

sukun rangalhu kuran jehey

3

2

7 months ago

Lai

0.0

Salhi..thafaathu reethi vaahakaeh…..

5

7 months ago

ކިޔުންތެރިންގެ ހިޔާލު ކެންސަލް
Your RatingSource link

Leave a Reply

Related Articles