• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ވާހަކަ ⁄ ބޯ ހަލާކު

ބޯ ހަލާކު


5969166

ބާރު ސްޕީޑެއްގައި ދުއްވާފައި އައި ސައިކަލު މަޑުކޮށްލީ އަހަރެންގެ ގޭގެ ދޮރު މައްޗަށެވެ. ސައިކަލުން އަހަރެން ފައިބައި ސައިކަލުގަ އިން އަހަރެންގެ ލޯބިވެރިޔާ؛ މިލްދާނަށް ބަލައިލީމެވެ. ދެމީހުންގެ ހަތަރު ކަޅި ސީދާވި ހިނދު ހިނިތުންވެވުނީ ބޭއިޚުތިޔާރުގައެވެ.
“އަހަރެން ދަންތަ މިއަދު؟ މަންމަ މެނާ ބައްދަލުކޮށްލަން. މިހެން ދެން ނޫޅެވޭނެ” މިލްދާން ސުވާލު ކޮށްލިއެވެ.
“ބައްދަލުކުރަން ދޯ…؟” އަހަރެންގެ އިސްތަށިގަނޑާ ކުޅެލަމުން ބުނެލީ ދޭނެ ވަކި ޖަވާބެއް ނޭނގިގެންނެވެ. ހަމަ ގައިމުވެސް ގޭގަ ބަންދުވާކަށް އަދި އަހަރެން ބޭނުމެއް ނޫނެވެ.
“އުހުނ…”
“އުހޫސް އޭ؟ ދެން؟” އަހަރެން އިންކާރު ކުރުމާއެކު މިލްދާން ބުންޏެވެ. މާކުރިންވެސް އަހަރެން ނޫނެކޭ ބުނާނެކަން އޭނައަށް އިނގޭ ފަދައެވެ.
“މާދަން ދެން އިހަށް ފިހާރައިން ބައްދަލުކުރަން މަޑުކުރޭ. މިއަދަކު ނޫން މަންމަމެނަށް ފެންނާނީ. އިނގޭ؟ މާދަން؟ ފިހާރައިން؟” ބައްތިރީސް ދަތްފިލާ ދައްކާލަމުން އަހަރެން އާދޭހުގެ ރާގަކަށް ބުނީމެވެ. އެންމެ ފަހުން މިލްދާން ގޮތް ދޫކޮށް ސައިކަލު ދުއްވައިލިއެވެ.
ގެޔަށް އައިސް ވަތް އިރު އެކަކުވެސް ފެންނާކަށް ނެތެވެ. ވެފަ ހުރި ވަރުބަލީގެ ސަބަބުން އަހަންނަށް ގޮސް ސޯފާގައި އޮށޯވެވުނެވެ.
“ކާކު އެއީ؟” އަހަރެންގެ ކަންފަތް ކައިރިން ކުއްލިއަކަށް އެ ޖުމުލަ އިވުމުން ސިއްސައިގެން ގޮސް ސޯފާއިންވެސް ވެއްޓުނެވެ. ތެދުވެ ބަލައިލި އިރު ކައިރީ ހުއްޓި އެ ހުރީ އަހަރެންގެ ދިހަ އަހަރުގެ ފިރިހެން ކޮއްކޮ ސުނިލް އެވެ. އޭނާގެ މޫނުމަތީގައި ވަނީ ނުބައި ރޭވުމެއްގެ ކުލަވަރެވެ. ތުންފަތުގައި ހަރަކާތްތެރިވަމުން ދިޔައީ ލާނެތް ހިނިތުންވުމެކެވެ.
ސުނިލް ބުނީ ކީކޭ ކަމެއް އެނގުނުކަމަށް ނުހަދާ އަހަރެން ތެދުވެ ސޯފާގައި ހަމަ ޖެހިލީމެވެ.
“ކާކުތަ؟” އަހަރެން ނޭނގޭ ކަމަށް ހަދާފައި އަހައިލީމެވެ.
“ނޭނގޭ ކަމަށް ހަދާނެ ކަމެއް ނެތް. މިއޮތީ ހެކި” އަހަރެން ކައިރީ އިށީނަމުން ސުނީލް ދައްކައިލީ އޭނާގެ އަތުގައި އޮތް ފޯނުގެ ސްކްރީނެވެ. އަހަރެންގެ ދެލޯ ބޮޑުވިއެވެ. މޭގަނޑު އަތަށް ނައީ ކިރިޔާއެވެ.
އެ ފޯނުގައި އިނީ ދެންމެ އަހަންނާއި މިލްދާން ބޭރުގަ ހުއްޓާ ނަގާފައި އިން ފޮޓޯއެކެވެ. އަތާ އަތް ޖޯޑުކޮށްގެން ދެ ރަހުމަތްތެރިން ތިބެދާނެކަމަށް މި އާއިލާ ގަބޫލެއް ނުކުރާނެކަން ގައިމެވެ. ހުރިހާ ކަމެއް ފަޅާ އަރާނީއެވެ. މަންމަގެ އިތުރު ދެ ގަޑިއިރުގެ “ލެކްޗާއާއެކު” އަދަބުވެސް ލިބޭނެއެވެ. ކުރިމަތީ “ކޮއްކޮގެ ސިފައިގައި އިން ޝައިޠާނަށް” އަހަރެން ބަލައިލީމެވެ. ދެލޯ އަޅާލަމުންނެވެ. ސުނިލް ނިތް އަރުވާލިއެވެ.
” މި ފޮޓޯ ރީތިކަމުން މިއުޅެނި ފުރޭމް ކުރަން.” ފޯނަށް ބަލަން އިނދެފައި ސުނިލް ބުނެލިއެވެ. ދެން ވައްކަޅިން އަހަރެން ކުނިކޮށްގެން އިން މޫނަށް ބަލައިލިއެވެ. ” މަންމަ ލައްވާ” ސުނިލްގެ ދަތްފިލާ ދައްކާލަމުން ލާނެތްގޮތަކަށް ބުނެލިއެވެ.
މީހުން ބުނެއެވެ. ކޮއްކޮއިންނަކީ ޖެއްސުންކުރަން އައިސް ތިބޭ ބައެކެވެ. ކުރިމަތީ މި އިނީ އޭގެ ދިރިހުރި ހެއްކެކެވެ.
“ކީއްކޮށްދޭންވީ؟!” ދަތްކުނޑި ވިކާލާފައި އަހަރެން ބުނީމެވެ. ޖަވާބުގައި ސުނިލް ހޭން ފެށިއެވެ.
“ދޮންތިއަށް ވިސްނޭ. އާނ ވާންވީ ގޮތް ދޯ؟ ވެގެން މިއުޅޭ ގޮތަކީ، ކޮންމެހެން ނިންމަން ޖެހޭ ފިލާވަޅެއް ނުނިންމާ އައީމާ މުދައްރިސް ބުނެފި ބެލެނިވެރިންނާ އެކީ ބައްދަލުކޮށްލަން އަންނާށޭ” ސުނިލް ކިޔައިދިނެވެ.
“ދެން؟ ދޮންތިއަށް ކީއް؟” އަހަރެންނަކަށް ވާންވީގޮތެއް ނަގައެއް ނުގަނެވުނެވެ.
” ތިހެން ނުހަދާ މަންމާ. އެހެންނޫނީ މުދައްރިސް ރުޅި އަންނާނެ” ސުނިލް އަހަރެންގެ އަތުގައި އާދޭސް ކުރާ ރާގަކަށް ހިފާލަމުން ބުނެލިއެވެ.
“މަންމާއޭ؟ ކީއްވެ ދޮންތިއަށް މަން…މަން… އޭ!! ނޯ ވޭ!” އެ ޝައިޠާނީ ސިކުނޑީގައި ރާވަމުން ދިޔަ ރޭވުން ދެނެގަންނަން އަހަންނަށް ވަގުތުކޮޅެއް ނެގިއެވެ. އަހަރެން ސޯފާއިން ތެދުވީމެވެ.
“ސުނިލް ބުނީ ކޮންތާކުތަ ފޮޓޯ ފުރޭމުކޮށްފަ ހަރުކުރާނި؟” ސުނިލް ބުނެލިއެވެ. އަހަރެންގެ ލޭ ކެކިގަތެވެ. އެއްބަސް ވުން ނޫންގޮތެއް އަހަންނަކަށް ނެތެވެ. ކުރިމަތީ ހުރި އިބިލީސް އެހުރީ ހުރިހާ ކަމެއް ރާވައި އަހަރެން ރަނގަޅަށް ބައްދާލާފައެވެ. ސަލާމަތް ވެވޭނެ ގޮތެއް ނެތެވެ.
“އެންމެ ރަނގަޅު. ދެރަ ކަމެއް ހުވާ މިކުރީ” އަހަރެން ރުޅިއައިސް ބުނީމެވެ. “އެކަމް ދެން އަހަރެން މަންމައަށް ވީމަ ބައްޕައަށް ވަނީ ކާކު؟” ހަނދާން ވެގެން އަހަރެން ސުނިލް ގާތު އަހައިލީމެވެ.
އަހަންނާ އެއް މާބަނޑު އަހަރެންގެ ކޮއްކޮ ކޮޓަރިން ނުކުމެގެން އައީ އެވަގުތުއެވެ.
“ބައްޕާ، މިއަދު ހަވީރު އިނގޭ ސުކޫލަށް ދާން އޮތީ” ސުނިލް ފޯނާ ކުޅެލާފައި ފޯނުގެ ސްކރީން ސަނީމަށް ދައްކާލަމުން ސުނިލް ބުނެލިއެވެ. މައްސަލައެއް ނެތޭ ބުނެ ވަރަށް ހަމަ ޖެހިފައި ހުރެޗސަނީމް ދިޔަ ގޮތަށް ދިޔައީ ބަދިގެއަށެވެ. އޭނާއަށް ވެސް ކޮންމެސް މަޖުބޫރެއް ކޮށްގެން އެއްބަސް ކުރުވީ ކަން އަހަންނަށް އެވަގުތު ވިސްނުނެވެ.
އަހަރެން ބަލައިލީ ސުނިލްގެ ފޯނުގެ ސްކްރީނެވެ. އޭގައި ފެންނަން އެއިނީ ސަނީމް އޭނާގެ ލޯބިވެރިޔާއާ އެކު ރަސްފަންނުގައި ހުއްޓާ ނަގައިފަ އިން ފޮޓޯއެކެވެ. ޗުސް ޗުސް ތަޅަމުން އުނަގަނޑުގައި އަތް ވިއްދާލާ އަހަރެން ސުނިލްއަށް ބަލައިލީމެވެ. ސުނިލް ހެމުން ހެމުން ގޮސް ކޮޓަރިއަށް ވަނެވެ.
ހަވީރު ހަތަރެއް ޖަހަނީއެވެ. އަހަރެން އިނީ ސުނިލްގެ ސުކޫލުގައި ސުނިލްއާ އެކީގައެވެ. ސަނީމް ނައިސްގެން އަހަރުމެން ތިބީ މުދައްރިސް ކައިރިއަށް ނުދެވިފައެވެ. އިރުކޮޅެއް ފަހުން ސަނީމު އައިސް ވަނެވެ. އަހަންނަށް ބަލައިލެވުނީ އޭނާގެ ފައިކޮޅުން ފެށިގެން ބޮލަށެވެ. މީހާ ހުރީ ކުރިން ލައިގެން ހުންނަ ޓީޝާޓުގެ ބަދަލުގައި އަތް ދިގު ގަމީހެއް ލާފައެވެ. ގަމީސް ބެގީކޮށްފައި ހުރި އިރު ރަސްމީ ފާޑެއް ޖަހައެވެ. އެއަށްވުރެން ބޮޑަށް އަހަރުމެންގެ ލޮލުގައި އަޅައިގަތީ ސަނީމު ޖަހައިގެން ހުރި މަތިމަހާއި ތުނބުޅިއެވެ. މީހާގެ ހަމުގެ ކުލަ ކުރިއަށްވުރެ ކަޅުހެން ވެސް ހީވެއެވެ. ސުނިލްއާއި އަހަރެން އެކަކު އަނެކަކުގެ މޫނަށް ބަލައިލީމެވެ.
އަހަރެން ތެދުވެ ސަނީމްގެ ކައިރިއަށް ޖެހިލީމެވެ. ” ގައިގަ ކަޅުތެޔޮ ހާކައިގެންތަ ތިއައީ؟ ތިހާވަރު ނުކުރިއަސް ރަނގަޅުވާނެ” މަޑުމަޑުން އަހަރެން ބުނެލީމެވެ. ސަނީމް އެތެރެއަށް ވަނުމަށް ހިނގައިގަތުމުން އެކުގައި އަހަންނާއި ސުނިލްވެސް ފަހަތުން ދިޔައީމެވެ.
“ހުވާ ނޫޅެން. އެނގިދާނެ ސުނީލް! މަންމަ އަހަރުމެން ދެމީހުން ދިރިހުއްޓަ ވަޅުލާނެ” އަހަރެން ވަންނަމުން ސުނިލް ގާތު ބުނީމެވެ. ސަނީމުވެސް އެއްބަސް ވިއެވެ.
“ނޭނގޭނޭ! އެއީ ކުޑަކޮށް އުމުރުން ދުވަސްވެފަ ހުރި މުދައްރިސެއް. އެހާ ބޮޑަކަށް ތަންދޮރު ވަތްކެއްވެސް ނުވާނެ. ހިނގާބަލަ” ސުނިލް އަހަރެންގެ އަތުގައި ހިފައިގެން ހިނގައިގަތެވެ.
މުދައްރިސް އަހަރުމެން ފެނުމާއެކު އެތެރެއަށް ވަނުމަށް އެންގިއެވެ. އެއީ މެދުއުމުރަށްވުރެ މަތީ އުމުރެއްގެ މީހެއް ހެން ބަލާބެލުމަށް ހީވެއެވެ. އަހަންނާއި ސަނީމް ގޮސް މުދައްރިސްގެ މޭޒު ކައިރީ ހުރި ދެ ގޮނޑީގައި އިށީނީމެވެ. ސުނިލް އައިސް އަހަރުމެންގެ ކައިރީ ހުއްޓުނެވެ.
“ތިއީތޯ ސަނީމްގެ ބެލެނިވެރިންނަކީ؟” މުދައްރިސް ސުވާލު ކުރުމުން އަހަންނާއި ސަނީމް އެކުގައި ބޯ ޖަހައިލީމެވެ.
“މިއީ ސުނިލްގެ ބައްޕައަކީ އަހައްމާ! މޮޅު ޅެން ވެރިއެއް. ތުނބުޅިއަށް މިހާރު މިވީ ވިހި އަހަރު.
އަދަބުވެރިކަން ނެތުނު މީހާ ދެދުނިޔޭން ގެއްލި…” އަހަރެން މުދައްރިސަށް ނުފެންނާނެހެން ވަރަށް ބާރަށް ފުރަގަހުން ސަނީމްގެ ބުރަކަށީގައި ޖަހައިލީމެވެ. އެއިރު މުދައްރިސު އަހަރުމެނާ ދިމާއަށް ފާޑަކަށް ބަލަހައްޓައިގެން ހުއްޓެވެ. އަހަރެން ދަތްޕިލާ ދިލުވާލަމުން މުދައްރިސަށް ބަލައިލީމެވެ.
“ކިހިނެއްތޯ ވީ މަގޭ ދަރިފުޅަށް؟” މައިވަންތަކަމުން ފުރި އުތުރި އަރައިފައިވާ މަޑުމައިތިރި އަޑަކުން އަހަރެން ބުނެލީމެވެ. މަޤްސަދަކީ ދެންމެ ސަނީމް އެ ޖެހި ސަކަރާތުން މުދައްރިސްގެ ޚިޔާލު އަނބުރާލުމެވެ.
“ވެގެން މިއުޅޭ ގޮތަކީ… ސުނިލް މާ ގިނާކޮށް ކުލާހުގަ އެހެން ކުދިންނަށް އުނދަގޫ ކުރަނީ. އިންޒާރުވެސް ދީފިން. މިހާރު ދެތިން މުދައްރިސަކު އެވާހަކަ އަޅުގަނޑަށް އަންގައިފި. އަނެއްކާ އިއްޔެ އެ އައީ ފިލާވަޅު ނުނިއްމާ” މުދައްރިސްގެ އެ ޖުމުލައިން ފޯރި އެރީ އަހަންނަށެވެ.
އެރި ފޯރީގައި ކުޅެން އިން ޑުރާމާވެސް އަހަރެން ހަނދާން ނެތުނު ފަދައެވެ. ވަގުތުން ސުނިލްއަށް ބަލައިލީމެވެ. “ކޮބާ؟ ހުރޭ މި ފަހަރު މަންމަ ކައިރީ ކުޓު…” އަހަރެންގެ އެއް އަތުގައި ހިފީ ސުނިލްއެވެ. އަނެއް އަތުގައި ސަނީމެވެ. މި ޖަހަމުން ދިޔަ ސަކަރާތުގެ ހަނދާން އަހަންނަށް އައީ އަދި ދެނެވެ. ސުނިލް އަހަންނަށް ދެލޯ އަޅައިލިއެވެ.
“ކުޓު.. ކުޓު… ކުޓުވާ މީހުން ކުޓުވަން ނުޖެހޭ ވަރަށް ސުނިލް އިސްލާހު ކޮށްލާނަން” ކޮށަ ކޮށައިގެން ވިޔަސް އަހަންނަށް ބުނެވުނީ ބޮލަށް އެ ވަގުތު އައި ޖުމުލައެވެ.
“އަޅުގަނޑު މި ކުޓުވަނީތޯ؟” މުދައްރިސު ދެލޯ ބޮޑުކޮށްލަމުން ބުނެލިއެވެ. އަހަންނަށް ދެން ބުނާނެ އެއްޗެއް ނޭނގިފައި އިންދާ ސަނީމް ވާހަކަދެއްކިއެވެ.
“އެއީ… އަޅުގަނޑުމެން ރަށުގަ ޝަކުވާއެއް އައީމަ ބުނެ އުޅޭ ގޮތެއް” ސަނީމު ވާހަކަ ދެއްކީ އަޑު ބަރުކޮށްގެންނެވެ. އަހަރެން ހެވިލާފައި ބޯ ޖަހައިލީމެވެ.
“އެހެންތޯ؟ ކޮން ރަށެއް ތޯ ތިބޭފުޅުން؟” މުދައްރިސް ޝައުގުވެރިވަމުން އަހައިލިއެވެ.
އަހަންނަކީ ރާއްޖޭގެ ރަށްރަށް މާ ބޮޑަށް އެނގޭ މީހެއް ނޫނެވެ. ދެން މި ތިބަ ދެ މޮޔައިންނަށް ނޭނގޭނެކަން ކަށަވަރެވެ. ވިސްނަން އަހަންނަށް ލިބުނީ ކުޑަ ވަގުތުކޮޅެކެވެ. މާލެ ކައިރީގެ ރަށެއްގެ ނަން ބުނެވޭކަށް ނެތެވެ. އަހަރެން ބަލައިލީ ކުރިމަތީ ހުރި މޭޒުމަތީ އޮތް ގަލަމަށެވެ. ގިނަ ރަށް ރަށް ނިމެނީ ދުލަކަށެވެ.
“ގަލަންދޫ” ހަޤީޤަތުގައިވެސް އެގަޑީ އަހަންނަށް ދުލަށް އައި ބަހަކީ އެއީއެވެ.
“ގައްލަންދޫ؟” މުދައްރިސް އަހަރެން ބުނި ބަސް ރަނގަޅުކޮށްދޭ ފަދަ ރާގެއްގައި އަހައިލިއެވެ. ބުނާނެ އިތުރު އެއްޗެއް ނެތުމުން އަހަރެން ބޯ ޖަހައިލީމެވެ.
“އަޅުގަނޑު މިއީ އުތުރު އަތޮޅުގެ މީހެއް. ގައްލަންދޫ އެއީ ފަޅު ރަށެއް!” މުދައްރިސު އަހަރެންގެ ލޮލަށް ބަލައިލީ ކުށެއް ކޮށްފައިހުރި މުޖުރިމަކާ ދިމާއަށްވެސް މީހަކު ނުބަލާނެހާ ޝައްކުގެ ނަޒަރަކުންނެވެ. އަހަރެން ހިން ދިރުވާލީމެވެ.
” އެއީ.. އެއީ.. އެހެން އަތޮޅެއްގެ ގައްލަންދޫ އެއްގެ ވާހަކަ” އަހަރެން ޔަޤީންކަން ދައްކައިލަމުން އެހެން ބުނީމެވެ. އެވަގުތު އަނެއްކާވެސް މައުލޫ ބަދަލުކޮށްލަން ސަނީމް މިސްރާބު ޖެހިއެވެ.
“ކިހިނަކުން ދިރިއުޅޭނީ ކަލާޔާ…” ސީދާ ރާގުގައި ސަނީމް ފެށިއެވެ. އަހަރެން އަވަސް އަވަހަށް ސަނީމް ހުއްޓުވޭތޯ އޭނާގެ އަތުގަ ވަރަށް ބާރަށް ހިފައިލީމެވެ.
“އެކްސްކިޔުސްމީ؟” މުދައްރިސް ކޮޅަށް ތެދުވިއެވެ.
“މާފުކުރައްވާ. ސުނިލްގެ މައްސައިލަ އަޅުގަނޑު ބުނެލަން އޮތީ… ދެން އަޅުގަނޑުގެ ދަރިފުޅު އެކަހަލަ ސަކަރާތެއް ނުޖަހާނެ. އަޅުގަނޑު ޔަޤީންކަން ދެން” މައުލޫ ބަދަލުކޮށްލަމުން އަހަރެން ލޯ އަޅައިލީ ސުނިލްއަށެވެ. އ
“ލައްބަ މުދައްރިސް. އެއްފަހަރެއް ކަމަށް ދޫކޮށްލަދެއްވާ” ސުނިލް ތުން ބޮޑުކޮށްލަމުން ބުނެލިއެވެ.
“އެންމެ ރަނގަޅު. ދެން އެފަދަ ކަމެއް ފެނިއްޖެޔާ ސަސްޕެންޑް ކުރުމުގެ ޗާންސް ބޮޑުކަމަށް ބުނެލަން” މުދައްރިސް ރުޅި މައިތިރި ކުރަމުން އިށީނެވެ.
ސަލާމަތްވީތީ ޝުކުރު ކުރަމުން އަހަރުމެން އަވަސް އަވަހަށް އެތަނުން ނުކުތީމެވެ.
“ފޮޓޯ؟” ބޭރަށް ނުކުމެފައާ އެއްކޮށް އަހަރެން ސުނިލްގެ ގަމީހު ގިރުވާނުގަ ހިފީމެވެ. ސުނިލް އަހަރެން އަތަށް ފޯނު ދިނެވެ. އަހަރެން ސުނިލް ނަގާފަ ހުރި ހުރިހާ ފޮޓޯތަކެއް ޑިލީޓް ކުރީމެވެ.
“އެހެން އެއްޗެއްގަ މީގެން އެއްވެސް ފޮޓޯއެއް ބައިންދާފަ އިނިއްޔާ… މުދައްރިސް ފެންނަން އިނގޭ ލަސްވާނި” އަހަރެން ސުނިލްއަށް އިންޒާރު ދިނީ އޭނާ މި ފަދަ ޑުރާމާއެއް އަހަރެމެން ލައްވާ ކުރިމަގުގައިވެސް ކުޅުވަފާނެ ކަމަށްޓަކައެވެ.
ޖެހިގެން އައިދުވަހުގެ ހަވީރުގެ ވަގުތެވެ. އަހަރެން މިލްދާނާއެކު ބޭރަށް ދާން ޖެހޭ ގަޑި ކައިރިވަމުން އަންނަނީއެވެ. ލޯގަނޑު ކުރިމަތީ ފަރިބަލަން ހުރުމަށްފަހު އަހަރެން ސިޓިން ރޫމަށް ނުކުތީމެވެ. އަހަންނަށް ހައިރާން ކަމެއް ލިބުނީ ގޭތެރޭގަ އެކަކުވެސް ނޫޅޭތީއެވެ.
“މަންމާ” ބަދިގެ ތެރެއިން މަންމަ ނުކުމެގެން އަންނަނިކޮށް އަހަންނަށް ފެނުމުން ގޮވައިލީމެވެ. މަންމަ އަހަރެންގެ ފައިކޮޅުން ފެށިގެން ބޮލާ ހަމައަށް ނަޒަރު ހިންގައިލިއެވެ.
“ދަރިފުޅާ ސަމާ ، ދަރިފުޅު ވެސް ބޭރަށް ދަނީތަ؟” މަންމަ އަހަންނާ ކޮށްލީ ސުވާލެކެވެ.
“ވެސް؟ ދެން ކާކު ދިޔައީ؟” އަހަރެން އަހައިލީމެވެ.
“ނެތޭ އެކަކުވެސް. ސުނިލްވެއްޖެ ގުރޫޕް މަސައްކަތެއް ކުރަން ގޮސްފަ. ސަނީމް ވެސް ވެއްޖެ ބޭރުގަ. އިރުކޮޅަކުން މަންމަމެން ވެސް ބޭރަށް ދާނަން. ދޮރު ތަޅު ނުލާ ދައްޗޭ އިނގޭ” މަންމަ އަހަންނަށް ހިނިތުން ވެލަމުން ބުންޏެވެ.
އަހަރެން އާއެކޭ ބުނެ ގެއިން ނުކުންނަން މިސްރާބު ޖެހީމެވެ. ގެޔާ ބޭރު މާ ދުރު ނޫން ހިސާބެއްގައި މިލްދާން ސައިކަލުގަ އަހަރެންގެ އިންތިޒާރުގަ ހުއްޓެވެ.
އަހަރުމެން ދުއްވާފައި ދިޔައީ ރަސްފަންނަށެވެ. އެއީ ހަފްތާ ބަންދު ދުވަހެއް ކަމުން ވަރަށް ވަރަށް ގިނަ މީހުން ރަސްފަންނަށް ޖަމާވެފައި ތިއްބެވެ. އެކި އުމުރުފުރައިގެ މީހުންނެވެ.
މި ހިސާބުން އަހަންނަށް މި ޖެހެނީ މި ވާހަކައަށް ސަނީމްގެ ބައެއް އިތުރުކޮށްލާށެވެ. ވާނުވާ ކިޔުންތެރިންނަށް ފަހުމް ވާނީ އެއިރުންނެވެ.
ސަނީމް ބޭރަށް ދިޔައީ އޭނާގެ ލޯބިވެރިޔާއާއެކުއެވެ. ތި ހީކުރެއްވީ ހަމަ ރަނގަޅަށެވެ. އެމީހުންވެސް ދިޔައީ ރަސްފަންނަށެވެ. އެތަނުގަ ދެމީހުން ޕޮޕްކޯން ގަނެ އެކަކު އަނެކަކަށް ލަވައި ހެދި އިރު އެ މަންޒަރު ބަލަން އެހެން މީހަކުވެސް ހުއްޓެވެ.
“އަހައްމާ” ފަހަތުން ބުނެލި އަޑު ސަނީމަށް އިވުނެވެ. އެއިރު ސަނީމް ހުރީ އަޑު އައި ދިމާއަށް ފުރަގަސްދީގެންނެވެ. އެ އަޑު ޖެހުމާއެކު ސަނީމްއަށް އެ އަޑެއް ވަތްކެއް ނުވިއެވެ. ނަމަވެސް އެހާ ގާތުން އައުމުންނާއެކު އަދި ދަންނަ އަޑެއްހެން ހީވާތީ ވަގުތުން ސަނީމް އެނބުރުނެވެ.
ކަމަކުދާކަށް ނެތެވެ. ފަހަތުގައި އެހުރީ ސުނިލްގެ މުދައްރިސެވެ.
” މުދައްރިސް… އެހެމް.. މުދައްރިސް. ކިހިނެއްތޯ؟” ފުރަތަމަ ބުނެވުނު އަޑު ރަނގަޅު ނޫންކަމުން ކަރުކެހިލަމުން ބަރު އަޑެއް ނެރެލަމުން ސަނީމް ބުނެލިއެވެ.
މުދައްރިސް ބަލައިލީ ސަނީމާއި ކައިރީ ހުރި އަންހެން ކުއްޖާ ގުޅުވައިގެން ތިބި އަތަށެވެ. ސަނީމްވެސް އަތަށް ބަލައިލަމުން ވަގުތުން އަތުން ދޫކޮށްލިއެވެ.
“އަހަރެން ރަނގަޅު. ވަރަށް ޖެހިލުންވެ ހުރެ މި ގޮވާލީ.. ވަކިކުރަންވެސް ނޭނގުނުވިޔަ. އަހައްމާ.. ތުނބުޅި..؟” ދެލޯ ފިކަޑިކޮށްލާފައި އިނގިލި ދިއްކޮށްލަމުން މުދައްރިސް އަހައިލިއެވެ.
ސަނީމް ވަގުތުން ދެކޯތާފަތުގައި އަތް ހިންގައިލިއެވެ.
“އެ ބާލައިފިން” ސަނީމް ވަގުތުން ބުނެލިއެވެ. ކުރުކޮށް ފޮނިކޮށެވެ. އެއިރު ސަނީމްގެ ލޯބިވެރިޔާ، ޒާރާ ހުރީ ވާނުވާ ނޭނގިފައެވެ.
“އެހެންތޯ؟ ކޮބައިތޯ އަންހެނުން؟” މުދައްރިސް ހިނިއައިސް ސަމާސާގެ ރާގެއްގައި ވަށައި ބަލައިލަމުން ބުނެލިއެވެ.
“އަންހެނުންނޭ؟ މީހަކާ އިނދެގެންތަ ތިއުޅެނީ؟” މަޑުން ނުހުރެވުނީ ޒާރާއަށެވެ.
“އުހުނ. ނުއިންނަމޭ” ވަގުތުން ސަނީމް ބުނެލިއެވެ. އެއިރު އޭނާ ހަދާނެ ގޮތް ނޭނގިގެން ބިރުން ހަލާކުވަނީއެވެ.
“އިނދެގެންނެއް ނޫންތަ ތިއުޅެނީ؟” ސަނީމް ބުނި ބަސް މައްޗަށް މުދައްރިސް އަހައިލިއެވެ. ސަނީމްއަށް އެއްޗެއް ބުނާނެ ފުރުސަތެއް ނުލިބުނެވެ.
“ތީ ކޮން ކުއްޖެއް؟” މުދައްރިސު ބަލައިލީ ޒާރާ އަށެވެ.
“މީ ޒާރާ… ސަނީމްގެ-” ޒާރާއަށް ބުނެވުނީ އެހިސާބަށެވެ. މި “ސީން” ތެރެއަށް އަހަންނާއި އަހަރެންގެ ލޯބިވެރިޔާ އިއްތިފާގުން ވަތް “ބަރާބަރު” ދަނޑިވަޅަކީ މިއީއެވެ.
“ސަނީމް. ޒާރާ ކޮބާ ކިހި…” އަހަންނަށް ފުރަގަސް ދީގެން ހުރި މުދައްރިސް އަހަންނާ ދިމާއަށް ބަލައިލި ވަގުތަކީ އެއީއެވެ. އަހަރެން ގަނޑުވިއެވެ. ދެވަނަ ސިކުންތުގައި އަހަންނަށް އެނގުނީ އަހަންނަށް ހަޅޭލަވާގަނެވުނުކަމެވެ.
އަހަރެން މުދައްރިސަށް ބަލައިލީމެވެ. މުދައްރިސްގެ މޫނުމަތިން ވާނުވާ ނޭނގިފައި ހުރިކަން ކިތަންމެ ރަނގަޅަކަށްވެސް އެނގެއެވެ. އަހަރެން ދެން ބަލައިލީ ސަނީމަށެވެ. އެފަކީރު ހުރީ ހަތަރު އުދަރެސް ފެނުޖެހިފައެވެ. މީހާ އޮށްދާ ހިއްލަމުން ދިޔައީ ވިރެމުން ދިޔަ އުއްބައްތިއެއް ހެންނެވެ. ދެބުމަ ގޮށްޖަހައިގެން ކައިރީ ޒާރާ ބަލަން ހުއްޓެވެ.
“މުދައްރިސް…” އަހަރެން ހިނިތުން ވެލަމުން ބުނެލީމެވެ. މުދައްރިސް ބަލައިލީ އަހަރެން ހިފައިގެން ހުރި މިލްދާންގެ އަތަށެވެ. އަހަރެން ވަގުތުން އަތުން ދޫކޮށްލީމެވެ.
“ދެމަފިރިން މިއަދު އެކީ ނޫޅޭ ދުވަހަކީތަ؟” މުދައްރިސް އެ އެއްލީ އަހަރެންގެ ކަރަށް މަޅިފައްޗެވެ.
“ދެމަފިރިން؟ ސަމާ ! މީ ކޮންކަމެއް؟” މިލްދާން އެކޮށްލީ އެ މަޅިފަތި އަހަރެންގެ ކަރަށް ބާރެވެ. ދައްކާނެ ވާހަކައެއް، ބުނާނެ އެއްޗެއް ވެސް އަހަންނަކަށް ނޭނގުނެވެ.
ނަސީބު ރަނގަޅީކަންނޭނގެއެވެ. އެވަގުތު އަހަރެންގެ ލޮލުގަ އަޅައިގަތީ ދުރު ނޫން ހިސާބެއްގަ ހުރި ޖޯއްޔެއްގަ ކުދި ބަޔަކާއެކު އިށީނދެގެން އިން ސުނިލްއެވެ. އެވަގުތު އަހަންނަށް ވިސްނުނު އެންމެ ރަނގަޅު ގޮތަކީ މުޖުރިމް މި ދަރުބާރަށް ހާޒިރު ކުރުވުމެވެ.
“ސުނީލް!” އަހަރެން ދުވަހަކުވެސް އެހާ ބާރަކަށް މީހަކަށް ނުގޮވަމެވެ. އެތަނަށް އެއްވެ އުޅުނުހާ “ސުނިލް”އެއް ވިއްޔާ އެކީ އަހަންނަށް ބަލައިލިއެވެ. އަހަރެންގެ ކޮއްކޮވެސްއެވެ. އަހަރެން އަތުގެ އިޝާރާތުން އަހަރުމެން ތިބި ދިމާލަށް އައުމަށް ސުނިލްއަށް އެންގީމެވެ.
ސުނިލް ދަތްޕިލާ ދިލުވާލައިގެން ދުވެފައި ކަހަލަ ގޮތަކަށް އައީ އަހަރުމެން އެއްވެގެން ބާބެކިއު އެއް ހަދަނީ ކަމަށް ހީކޮށް ތޯއްޗެކެވެ. ނަމަވެސް މުދައްރިސް ފެނުމާއެކު އޭނާގެ މޫނުގެ ކުލަވަރު އޮއްސެހިއްޖެއެވެ.
“ކީކޭ މަންމާ؟” އެ އިބިލީސް އައިސް އަހަރެން ރަނގަޅަށްވެސް ދަންޖައްސައިފިއެވެ. މިފަހަރަކު މަޑުންނެއް މިލްދާނެއް ނުހުއްޓެވެ.
“މަންމައޭ؟ މި އިނގުނީނު މީނަ އަހަރެން ތި ގޭ މީހުންނަށް އިންޓްރޮޑިޔުސް ކޮށްދޭން ނޫޅޭ ސަބަބު. ނޫނޭ ރަނގަޅު އިނގޭ ސަމާ!” އަހަރެންގެ އަތުގައި ހިފަމުން މިލްދާން ހިސާބަކަށް ހިތްހަމަ ނުޖެހިފައި ބުންޏެވެ.
އަހަންނަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އެހެން ކަމުން އަހަރެން ނިންމީ މި ޑްރާމާއާގެން ކުރިއަށް ދާށެވެ. މިލްދާން އުޅުނީ އެތަނުން ދާށެވެ.
“މިލް. އެހަށް ހަމަ ޖެހިގެން އެއްވެސް އެއްޗެއް ނުބުނެ މަޑުކޮށްލާ އިނގޭ! އެއްވެސް-އެއްޗެއް-ނުބުނެ!” އަހަރެން ޝަހާދު އިނގިލި ދިއްކޮށްލަމުން މިލްދާނަށް އެންގީމެވެ. ފަހު ބަސްތަކުގެ ކޮންމެ ފިއްޔަކަށް އަކުރަކަށް ބާރުލަމުންނެވެ. ދެން އަހަރެން ބަލައިލީ ސުނިލްއަށެވެ. އޭނާ އިސްޖަހައިލިއެވެ. އަހަރެން ސުނިލް ހުރި ދިމާއަށް މިސްރާބު ޖެހީމެވެ. އެ ދިޔަގޮތަށް ގޮސް ސުނިލްގެ އަތުގަ ހިފައިގެން ގެނައީމެވެ.
“ސުނީލް! ދަރިފުޅާ، ރަންކޮޅާ، ކޮއެފުޅާ، ދެލޯފުޅާ!!!” ދަތްކުނޑިވިކާފައި ޖެއްސުމަށް ބުނާފަދަ ރާގެއްގައި ބުނެލަމުން އަހަރެން ސުނިލް ގެނެސް އަހަރުމެން ތިބި ތަނުގެ މެދަށްލީމެވެ. އަދި ސުނިލް ކައިރީ ހުއްޓިލަމުން ދެރަވާކަށް މޫނުމަތިން ދައްކާލަމުން އަނެއްކާވެސް ވާހަކަދެއްކީމެވެ.
“ސުނިލް! މަންމައަށް ހީވަނީ މުދައްރިސަށް އެނގިއްޖެހެން މަންމައާ ބައްޕައާ ދެމެދުގަ މައްސަލަތަކެއް ޖެހިގެން އުޅޭކަން.” އަހަރެން އެ ވަގުތު މިލްދާންގެ މޫނަށް އަރައި ފޭބި ކުލަވަރެއް ނުދެކެމެވެ. ނަމަވެސް މި ވަގުތު އެންމެ އިސްކަމެއް ދިނީ އެ ތަނުން މިންޖުވެވޭނެ މަގެއް ހޯދާށެވެ.
“މިސް އަށް މިހާރު އެނގޭތަ… މަންމަމެން ޒުވާބުކުރާތީކަން އަހަރެން ފިލާވަޅުތައް ނުނިންމެނީ؟” ސުނިލް އިހުނަށްވުރެން ތުން ބޮޑުކޮށްލަމުން ބުންޏެވެ.
“ސުނިލް.. މިހާރު އެނގިއްޖެ މިސްއަށް” މުދައްރިސްވެސް ދެރަވާގޮތްވިއެވެ. މިހުރިހާ ކަމެއް ލޯ ކުރިމަތީ ހިނގައި ދިޔައިރުވެސް އެމީހާއަށް ކަމެއް ރޭކާ ނުލީތީ އަހަރެން އަޖައިބުވިއެވެ.
“މުދައްރިސް.. އިހަށް މި ވަގުތު ދެން ވަކިވެލުން ކަންނޭނގެ އެންމެ ރަނގަޅުވާނީ. އަޅުގަނޑުމެން އެބަ ޖެހޭ ކުޑަ ވާހަކައެއް ދައްކާލަން. އަޅުގަނޑުމެންގެ … މިތިބަ.. ޚާއްސަ ރަހުމަތްތެރިންނާ އެކީ..” ޖެހިލުންވެ ހުރެ އަހަރެން ބުނެލީމެވެ.
“އެންމެ ރަނގަޅު” ފާޑަކަށްހުރެ މިލްދާނާއި ޒާރާއަށް ބަލައިލަމުން މުދައްރިސް ބުނެލިއެވެ.
“ސަލާމޭ މުދައްރިސް. ދިރިއުޅުމުގެ މި ދަތުރުގަ އަދިވެސް ދިމާވާނެ އިންޝާ ﷲ” ވަދާއީ ސަލާމަކަށް އަތް ހޫރުވާލަމުން ސަނީމް ބަރު އަޑަކުން ބުނެލިއެވެ.
“ސަނީމް؟ ސަމާ، ސުނީލް؟ މިތާ ކީއް ތިކުރަނީ؟” އަހަރެންގެ ކަންފަތުގަ އެ ޖެހުނީ ރަނގަޅު އަޑެއް ނޫނެވެ. އަޑު އައީ އަހަރެންގެ ފަހަތުންނެވެ. އެކަމަކު އެ އަޑެއް އަހަންނަކަށް ނޯޅޭނެއެވެ.
އަހަރެން ފަހަތް އެނބުރި ބަލައިލީމެވެ. އެއީ ހަމަ އެމީހުންނެވެ. މަރިޔަމް ވަހީދާއާއި ހަސަން ޝަރުމީލެވެ. އާދެ! އަހަރެންގެ ލޮބުވެތި މައިންބަފައިންނެވެ. މި ވަގުތު އަހަންނަށް އެ ދެމީހުންވެސް ފެނުނީ އަހަރެންގެ މަރު ފަދައިންނެވެ.
އަހަރެން ގޮސް ވަނީ މިލްދާންގެ ފަހަތަށެވެ. ސަނީމް އެއްފަރާތަކަށް ޖެހިލިއެވެ. ސުނިލް މޫނު އަނެއް ފަރާތަށް އަނބުރައިލިއެވެ.
” ކީއްހޭ އެންމެން މިތަނުގަ ތި ކުރަނީ؟” މަންމަގެ އަޑު އިހުނަށްވުރެ ބާރުވިއެވެ. ކުރިއަށް އޮތް ތަނުގަ އަދި އެއަށްވުރެން ބާރުވާނެކަން އަހަންނަށް އެއިރުވެސް އެނގުނެވެ.
“މާމާ! ކާފާ!” އެއިވުނީ ސުނިލްގެ އަޑެވެ. އޭނާ ދުވެފައި ގޮސް މަންމައާއި ބައްޕަގެ ގައިގަ ބައްދާލިއެވެ. އާއެކެވެ. އަހަރެންގެ ކޮއްކޮގެ ބޮލަށް އެވަގުތު އައި އެންމެ “މޮޅު” ޚިޔާލަކީ އެއީއެވެ. އެ ސިކުނޑި ކިޔެވުމުގަވެސް ބޭނުންކުރާނެ ނަމަ ކޮންފަދަ ހެއްޔެވެ.
“ކޮން ސަކަރާތެއް މިހާރު މި ޖަހަނީ؟” ސުނިލް ގަޔާ ދުރުކޮށްލަމުން ބައްޕަ ބުނެލިއެވެ.
“މީ ކާކު؟” އަހަރެމެން ކައިރީ ހުރި މުދައްރިސަށް އިޝާރާތްކޮށްލަމުން މަންމަ އަހައިލިއެވެ. ދޭނެ ޖަވާބެއް އެކަކަށްވެސް ނޭނގިފަ ހުއްޓާ ވާހަކަ ދެއްކީ މުދައްރިސެވެ.
“އައްސަލާމް އަލައިކުމް. އަޅުގަނޑު މީ ހާދިމާ. ސުނިލްގެ ކުލާސް މުދައްރިސް. ސުނިލްގެ ބައްޕަ މިތަނުން ފެނުނީމަ އަސްލު މި އައީ” އެމީހާގަނޑު އެހެން ބުނީ ސީދާ އަހަންނަށާއި ސަނީމަށް އިޝާރާތްކުރަމުންނެވެ. ފުރަތަމަ އެއްލި މަޅިގަނޑުން ހިތް ނުފުރުނީ ކަންނޭނގެއެވެ. އަހަރެން ވަގުތުން އެހެން ދިމާއަކަށް ބަލަން ފެށީމެވެ. ދެވަނަ ސިކުންތުގައި އަހަންނަށް ބަލައިލެވުނީ މަންމަގެ މޫނަށެވެ.
އެއް ބުމަ އަރުވައިގެން ދެލޯ ފިކަޑިކޮށްގެން މަންމަ ހުރިގޮތުން ކަންކަން ވަމުންދާ ގޮތް މަންމައަށް ފަހުމްވެއްޖެކަން އަހަންނަށް ގައިމުވިއެވެ. އަހަރެންގެ އަޖަލުވެސް ޖެހެނީއެވެ.
“އެކަމަކު ސުނިލްގެ މައިންބަފަ…” ބުނަން އުޅުނު ޖުމުލަ ފުރިހަމަ ނުވަނީސް މަންމަ ބައްޕަގެ އަތުގަ ހިފިއެވެ. އަދި މަޑުކޮށްލުމަށް އިޝާރާތްކޮށްލިއެވެ. އެއިރުވެސް މަންމަގެ ނަޒަރު އަމާޒުވެފަ ހުރީ ސީދާ އަހަރުމެންނަށެވެ.
“އެހެންތޯ؟ ވަރަށް އުފާވެއްޖެ ބައްދަލުވީތީ. އެކަމަކު އަޅުގަނޑުމެންނަށް މިވަގުތު ނެތް ވާހަކަދައްކަން ހުރެވޭކަށް.” މުދައްރިސާ ދިމާއަށް ބަލައިލައި ހިނިތުން ވެލަމުން މަންމަ ބުނެލިއެވެ. އަހަރެން އަޖައިބެއް ނުވަމެވެ. މަންމަ ބެލީ މަންމަގެ އާއިލާގެ އަގު ހިފެހެއްޓޭތޯއެވެ. އަދި ރަސްފަންނުގަ މީހުން ގަނޑު ތެރޭގަ “ހަންގާމާ”އެއް ނުހިންގާވޭތޯއެވެ. ނަމަވެސް ފަހުން ރޯޅި އަންނާނީ އަހަރުމެނަށްކަން އެނގެއެވެ.
އެންމެ ރަނގަޅު ކަމުގައި ބުނެފައި މުދައްރިސު ހިނގައިގަތެވެ. ކަންތައްގަނޑު ފެށުނީ ދެނެވެ. މަންމަ އަހަންނާއި ސުނިލްއާއި ސަނީމަށް ވަކި ވަކިން ނަޒަރު ހިންގައިލިއެވެ.
“ގެޔަށް! ހަމަ މިހާރު!” އެ ޖުމުލައިގެ ކޮންމެ އަކުރަކާއި ފިއްޔެއްގައި ވަނީ ހޮނު ގުގުރިއެއްފަދަ ބާރުކަމެވެ. ދެވަނަ ފަހަރަށް އެއްޗެއް ބުނާކަށް މަންމަ ނުހަދައެވެ. ބައްޕައާއެކު ހިނގައިގަތެވެ.
އަހަރެން މިލްދާނަށް ބަލައިލީމެވެ. އޭނާގެ މޫނުމަތިން ފެންނަމުން ދިޔައީ ފޫހިވެފައިވާ މަންޒަރެވެ.
“މިލް. އައި ޕްރޮމިސް މިއީ ތި ހީކުރާ ކަހަލަ ކަމެއް ނޫން. އެއީ އަހަރެންގެ ކޮއްކޮ ސަނީމް.” އަހަރެން ކިޔައިދޭން މަސައްކަތްކުރީމެވެ.
“ވަޓް!؟ ކޮއްކޮއާ ކިހިނެއް..” އަދި އަދަށް ދަންދެންވެސް އަހަންނަށް ނޭނގި އޮތީ އެއީ މިލްދާން ހަމަ ނޭނގިގެން ބުނި އެއްޗެއްކަމެވެ. ނުވަތަ އޭނާ ހަމަ އެހާ މޮޔައީކަމެވެ.
އަހަރެންގެ ލޭ އިތުރަށް ކެކި ހާސްވާގޮތް ވިއެވެ. ފަހުން ކިޔައިދޭނަން ކަމަށް ބުނެ އަހަރެން ވަގުތުން އެތަނުން ދާން ހިނގައިގަތީމެވެ. އެއިރު ސަނީމްވެސް ޒާރާއާ ވާހަކަ ދެއްކުމަށްފަހު ގެޔަށް ދާން މިސްރާބު ޖެހީއެވެ.
ގެޔަށްގޮސް އަކުރުން އަކުރަށް ކަން ވީ ގޮތް އަހަރުމެން ކިޔައިދިނީމެވެ. ބޮޑަށް ކުށްވެރިވީ މިކަން ކުރުވަން އަހަރުމެނަށް މަޖުބޫރުކުރުވި އިބިލީހެއް ނޫނެވެ. އެ ކަމުގަ ބައިވެރިވި “ހޭ ބުއްދިޖެހޭ ދެ ބޮޑު މީހުންނެވެ”.
އަދަބެއްގެ ގޮތުން އަހަރެންގެ ފޯނު އަހަރެން އަތުން އަތުލެވުނެވެ. ވައިފައި ފާސްބަސް ބަދަލުކުރިއެވެ. އެއް ހަފުތާގަ ގޭގައި ކެއްކިހާ ކެއްކުމެއް ކައްކަން ޖެހުނީ އަހަންނަށެވެ. ބޯ ހަލާކެވެ.
***************************
ކެޓެގަރީ: ކުރުވާހަކަ މަޖާ ވާާހަކަ

5969

GERI

0.0

މިހާ ތަނަށް ކިއި އެންމެ މަޖާ ??????

2

3 weeks ago

Anonymous

0.0

ވަރަށް ރީތި ވާހަކައެއް

1

4 weeks ago

Kookie

0.0

Ma heehee halaaku .hahahahaahahahahahahahaha

4

3 months ago

*

0.0

V.v.v.v.v. majaa ???

5

3 months ago

boa halaaku

0.0

Heehee ma avadhi ma Boa halaaku ??????????????????????

4

5 months ago

Anonymous

0.0

LOLLLLLL

4

1

5 months ago

??♥️??

0.0

??????????????????????????????ވވވވވވވވވވ މަޖާ ވވވވވވބ ރީތި?

4

5 months ago

Heera

0.0

Varah salhi mi vaahaka i laughed so much. U made my day…Heera

5

5 months ago

Vikovikko

0.0

Salhi I get advice eyni photo enme??? rythii

1

4

7 months ago

Mosquito .s.

0.0

Thaffaath liyumei dhoo ????

6

7 months ago

Anonymous

0.0

???

7

7 months ago

ޒާރާ

0.0

ވަރަށް ވެސް ރީތި

7

7 months ago

ކްރިޓިކް

0.0

މި ވާހަކަ ކިޔަމުން ދިޔައިރު ހިނިތުންވެފައި ހުރެވުނީ.. ހަޤީގަތުގައި ވެސް މިއީ މަޖާ ވާހަކައެއް.. ސިފަކުރުން ވެސް ރަނގަޅު.. މައި ކެރެކްޓަރުންގެ ސިފަތައް އެކަކު އަނެކަކާއި ތަފާތުވުން އެއީ މިވާހަކައިގެ ފުރިހަމަކަން އިތުރުކޮށްދޭ ކަމެއް..
ކުރިޔަށް އޮތް ތާގައި ވެސް މިފަދަ ވާހަކަތައް މި ލިޔުންތެރިޔާގެ ފަރާތުން ފެންނާނެ ކަމަށް އުއްމީދުކުރަން..

18

7 months ago

Azoo

0.0

Sorry life style aa ethaanga e ehenehcheh liyevuny

3

1

7 months ago

Azoo

0.0

Vr majaa hee hee halaala vehje vr lifesaving ves relate very thivaahaka author ah hama habeys vr fakka Vaahakaeh miee

8

7 months ago

Anonymous

0.0

Hee hee halaaku v majaa adhi mikahala vaahaka eh thibeyfulhaa he faraathun fennaane kamah unmeedhu kurann

9

7 months ago

Magey

0.0

Magey kokko aa mashaa magey beybe aa lol

13

1

8 months ago

Dhonkanbulo

0.0

Aslu vs v fakkaa mi vaahaka. V relatable. Masha allah author ge molhukamah

13

8 months ago

Fathun

0.0

Meethi continue kuran feney…vrh reethi

11

8 months ago

Rifu

0.0

Varah reethi mi vaahaka. Adhi dhuvahakives mikahala vaahakaeh nukiyan. Hama habeys. Ma Shaa Allah

12

2

8 months ago

ޖުނައިދު

0.0

ވަރަށް ރީތި…. ހީހީ ހަލާކު ވެއްޖެ.

29

8 months ago

ކިޔުންތެރިންގެ ހިޔާލު ކެންސަލް
Your RatingSource link

Leave a Reply

Related Articles