• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ވާހަކަ ⁄ ކުއްވެރިއެއްނޫނެވެ.

ކުއްވެރިއެއްނޫނެވެ.


219446

ކޮބައިހެއްޔެވެ؟ ދާދި ދެންމެ އަކު އުޑުމަތީ މިނިވަންކަމާއެކު ފިޔަޖަހަމުންދިޔަ ތަރިތައް މިހާރު ކޮބައި ހެއްޔެވެ؟ އެއްވެސް ބިރުވެރިކަމެއް ނެތި އުފާވެރިކަމާއެކު އުޑުގައި ރަސްކަންކުރަމުންދިޔަ 14 ވިރޭލޭގެ ހަނދު އެވަނީ ކޮންތާކަށް ހެއްޔެވެ؟ ދެވަނަ ފަހަރަށް ވެސް ބަލައިލީމެވެ. ކުށްހީއެއްނޫނެވެ. އުޑުމަތި ފަތަހަކޮށްފައިވަނީ ކަޅު ސާލަކުންނެވެ. އެންމެ ތަރިއެއްގެ ހިލަމެއްވެސް ނެތެވެ. ހަވަނަ ހިއްސު އަހަންނަށް އަންގައިދިނީ ކޮންމެވެސް ނުބައެއް އުޅޭކަމެވެ. އެކަމާމެދު ފިކުރުކޮށްލުމަށް ލިބުނީ ފަޅި ސިކުންތެކެވެ. އުޑުމަތި ބޯ ވިލާތަކުން ބަރާވެއްޖެއެވެ. ވައިރޯޅިތަކުގެ ހަމަލާތައް ދޭންފެށީ ކުއްލިއަކަށެވެ. ގަސްތަކާއި ރުއްތަށް ދެންމެ ދެންމެ މުހުން ލުހެލައިފައި އަންނަ ކަހަލައެވެ. އާދައިގެ މީހަކަށް މަގުމަތިން ހިނގާފައިދާކަށް ލާހިކެއްނޫނެވެ. ހޮނުގުގުރީގެ އަޑުން ކަންފަތް ބައްވެދާނެއެވެ. މަދު ސިކުންތުކޮޅެއްގެ ތެރޭގައި ވާރޭގެ ތޫނު ހަމަލާތައް ރައްދުވެގެން ދިޔައެވެ. ވެރިވެފައިވާ އަބުއި ހިމޭންކަންަ ނަގައިލުމަށް މިނެގީ މަދު ވަގުތުކޮޅެކެވެ. އަމާންއޮމާން މިއުފާވެރި ރޭ ތޫފާނަކަށް ބަދަލުވުމަށް މިނެގީ މަދު ސިކުންތުކޮޅެކެވެ، އަހަރެންގެ ދިރިއުޅުމަށް ވިސްނައިލުމަށް އަހަންނަށް މަޖޫބޫރު ކުރުވައިފިއެވެ. އަހަރެން ވެސް އުޅެމުންދިޔައީ ހާދަހާ އުފަލުގައެވެ. ހާދަ އުއްމީދުތަކާއި ހުވަފެންތަކެއް ދެކެމުންނެވެ. ނަމަވެސް އެ އުއްމީދުތައް ވެއްޔާ މޮޑެވިގެންދިޔައީ މަދު ވަގުތުކޮޅެއްގެ ތެރޭގައެވެ. އެ ހުވަފެންތައް ބިލާހަކަށް ވެގެންދިޔައީ ހުދު އަހަރެންގެ ލޯމަތީގައެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައެވެ.
ސާނަވީ އިމްތިހާނުތައް ނިންމާ މަތީ ސާނަވީ ތައުލީމާ ކުރިމަތިލާންޖެހުނު ދުވަސްވަރެވެ. އައު އުއްމީދުތަކާއެކުއެވެ. ހިތްވަރާއި އަޒުމްތައް އައު ކުރަމުންނެވެ. ސާނަވީ އިމްތިހާނުން ލިބުނު ނަތީޖާ ދަމަހައްޓާނެކަމުގެ ޔަޤީންކަން ދެމުންނެވެ. ދުވަސްތައް މާޒީގެ ސަފްހާތަކުގައި ލިޔެވިގެންދިޔައީ ދާދި އަވަހަށެވެ.
ގުނަމުންދިޔަ އުފާވެރި ދުވަސްތަކަަށް ނިމުމެއް އަތުވެއްޖެއެވެ. އަހަރެންގެ މެޔަށް ތޫނު ހަންޖަރެއް ހަރައިލި ކަހަލައެވެ. ކަންފަތުގައި އަދިވެސް ގުގުމަމުން ދަނީ އެ ސުންޕާ ހަބަރެވެ. މުޅި ކުލާހުން 01 ވަނަ ލިބުނުނުކަން އިއުލާނުކުރެވުނު އެ އުފާވެރި ދުވަހު އަހަރެން މިކުރިމަތިލާން ޖެހުނީ ކޮންފަދަ ހިތާމައަކާ ހެއްޔެވެ؟ ކިތަންމެ ދެރަވިއެއްކަމަކު މިންވަރަށް އީމާންވަމެވެ. ތަޤްދީރެއް ބަދަލެއް ނުކުރެވޭނެއެވެ. ބައްޕަ ފަސްގަނޑުގެ ދަށުގައި ވަޅުލީ އެފަސްގަނޑުން އައު އުއްމީދުތަކާއި އައު ހިތްވަރެއް ކޮނެ ނެގުމަަށްފަހުއެވެ.
އެތައް އުނދަގޫތަކާއި ބުރަތައް ތަހަމައްލުކޮށް އެ ފަސްގަނޑުން ނެގި ހިތްވަރާއި އުއްމީދުތައް ފަސްގަނޑުގައި އަނބުރާ ވަޅުލުމަށް މަޖުބޫރުކުރުވައިފިއެވެ. ހުރިހާ ކަމެއް ބަދަލުވެއްޖެއެވެ. އަވާމެންދުރަށް ނިމުމެެއް އައީއެވެ. ދޮން މަންމަގެ ފަރާތުން ލިބެމުންދިޔަ ލޯބި ނަފްރަތަށް ބަދަލުވުމަށް ނެގީ މަދު ދުވަސްކޮޅެކެވެ. ލިބެމުންދިޔަ ފިރުމުންތަކާއި އަޅާލުމަށް އަނިޔާއާއި ހިތްދަތިކަމާއި ކުރިމަތިލާން ޖެހިއްޖެއެވެ. ދޮން ނިޔަދުރެއްފަދަ ލޯބީގައި ސިއްކަ ޖަހާ އަނިޔާވެރިކަމަށް އަހަންނަަށް މަރުހަބާ ކިޔައިފިއެވެ.
އަނިޔާތަކަށް ކެތްކުރީމެވެ. ކިތަންމެ ވަރަކަށް ހާނިއްކަ ކޮށްއުޅުނަސް އެންމެ ބަހެއްވެސް ނުބުނަމެވެ. ނުރުހުމުގައި ކިތަންމެ ބަހެއް ބުންޏަސް ހިތްބަރުކަމެއް ނުބާއްވަމެވެ. ނަމަވެސް ދެން އަހަންނަކަށް ކެތެއްނުކުރެވޭނެއެވެ. އަހަންނަަށްވެސް ކެތްކުރެވޭނީ ވަކި މިންވަރަކަށެވެ. އަހަރެންގެ ބުއްދި ސަލާމަތުން ހުއްޓާ އަހަރެންގެ އަބުރާއި އިއްޒަތް ވިއްކައިލުމަށް އަހަންނަށް އެއްބަސް ވެވޭނީ ކިހިނަކުން ހެއްޔެވެ؟ ފައިސާ ހޯދުމަށް ކޮންމެ ރެއަކު ކޮންމެވެސް ފިރިހެނެއްގެ މެހެމާނަކަށް ވުމަށް އަހަންނަށް ކެތްކުރެވޭނެ ހެއްޔެވެ؟ ނޫނެކެވެ.
ހަރުވެ ހިލަވެފައިވާ އެ ހިތް އަހަރެންގެ ރުއިމާއި އާދޭސްތަކަށް މަޑެއްް ނުވިއެވެ. ރޮއި ގިސްލާފައި ދެފައިގައި ހިފުމުން ވެސް އަހަރެން ނަގައި ހޫރުވައިލީއެވެ. އަންހެނަަކަށްވެ ހުރެ އަންހެނެއްގެ އިހުސާސްތަކަށް ޤަދަރެއް ނުކުރިއެވެ. ގެއިން ބޭރަށް ނިކުތުން މަނާކޮށް އަބަދު ކޮޓަރީގައި ހައްޔަރުވެފައި އިންނަން ޖެހުނެވެ. ގެޔަށް ޒިޔާރާތްކުރާ މެހެމާނުންގެ މުނިފޫހި ފިލުވައިދޭ ވަސީލަތެއްގެ ގޮތުގައެވެ. އެމީހުންގެ ދަހިވެތިކަމާއި އެދުންތައް ފުރިހަމަކޮށްދޭ މީހެއްގެ ގޮތުގައެވެ.
ކޮންނެ ރެޔެއް ނިމިގެންމިދަނީ ވޭނާ އަނިޔާތަކުންނެވެ. ދަހިވެތިކަމުން ފުރިގެންވާ މިނިކާވަގުންތަކުގެ ޝިކާރައަކަށް ވެގެންނެވެ. ރޮއި ރޮއި ދެލޯ ދުޅަވެ ލޮލުން ކަރުނަ ހުސްވުމުންނެވެ. ހިރިލާނެ ވަރު ގަައިގައި ނެތުމުން ގައިގެ ހަކަތަ ހުސްވުމުންނެވެ. ގައިގައި އަޅާ ވޭންތަކާއި ތަދުތަކަށް ކެތްނުކުރެވިގެންނެވެ.
ކުއްލިއަކަށް އަހަރެންގެ ހަށިގަނޑަށް ވަރަށް ބޮޑު ބަދަލުތަކެއް އަންނަން ފަށައިފިއެވެ. ގައިގެ އެތަންމިތަނުގައި ބިހިތަކެއް ނަގަންފެށިއެވެ. ބޮލަށް ތޫނުކޮށްފައިވާ ހަންޖަރުތަކެއް ކޮއްޕާ ކަަހަލައެވެ. ކަރުގައި ރިއްސާވަރުން ހިންދިރުވައިލެވެނީ ވެސް އެތައް މަސައްކަތަކުންނެވެ. އައިސްފައިވާ ހުމުން މީހާ ތުރުތުރު ލާންފެށިއެވެ. ދެފައިކޮޅުގައި ވަރެއް ނުހުރެއެވެ. އަބަދުވެސް ހުންނަނީ ބޮލަށް އެނބުރުން އަރާފައެވެ. މިކަމާމެދު އެންމެ ހާސްވެ ކަންބޮޑުވީ އަހަރެންނެއް ނޫނެވެ. ދޮންމަންމަ އެވެ. އާމްދަނީ ލިބޭނެ މަގު ހުއްޓިދާނެތީއެވެ. އަތުންފައިން އެއްވެސް މަސައްކަތެއްނުކޮށް ފައިސާ ލިބިލިބި ހުންނަން ނޭދޭނީ ކާކު ހެއްޔެވެ؟
އަހަރެން ޑަކްޓަރަށް ދެއްކުމަށް ވެސް ގެންދިޔައީ ހުދު ދޮންމަންމައެވެ. ޑަކްޓަރަށް ދެއްކުމުން ބުނީ ލޭނަގަން ޖެހޭ ކަމަށެވެ. ތަފާތު ވައްތަރުތަކުގެ ޓެސްޓްތައް ހަދަން ޖެހޭ ކަމަށެވެ. ގައިން 03 ސިރިންޖު ފުރައި ލެއިނެގުމަށްފަހު ގެޔަށް ދިޔައީމެވެ. ޓެސްޓުތަކުގެ ނަތީޖާ 03 ދުވަހުގެ ތެރޭގައި ލިބޭނެކަމަށް ޑަކްޓަރު ބުނުމުންނެނެވެ. ބޭސްކާޑުތަކާއި ބޭސްފުޅިތަކުން އަތް ބަރާކޮށްގެންނެވެ.
03 ދުވަސް ވެސް ދޮންމަންމައަށް ވީ ގިނަ ދުވަސްތަކެއްގެ ގޮތުގައެވެ. އެ 72 ގަޑިއިރު ވެސް އަހަންނަށް ހަމަޖެހިލައިގެން ނޭވާލިޔަ ނުދިނެވެ. އެ 03 ދުވަހުވެސް އަހަރެން އުޅެންޖެހުނީ އެހާލުގައެވެ. އެނުބާ ޝައިޠާނުންތަކުގެ ތުންފުއްސެއްގެ ގޮތުގައެވެ. އެމީހުންގެ ފީކުދާނެއްގެ ގޮތުގައެެވެ. ގައިގައި އަޅާ ވޭންތަކާއި ތަދުތަކަށް ކެތްކޮށްލައިގެންނެވެ.
03 ދުވަސް އެހާލުގައި ވޭތުކުރުމަށްފަހު ޓެސްޓްތަކުގެ ނަތީޖާ ބަލައި ޑަކްޓަރަށް ދިޔައީމެވެ. ދޮން މަންމައާ އެކީއެވެ. އޭނާއާ ނުލައި އަހަންނަށް ގެއިން ބޭރަށް ނިކުތުން މަނާވާނެއެވެ. ޒަހަމްވެފައިވާ ހިތަށް އިތުރު ހާސްކަމެއްލިބުނީ ޑަކްޓަރުގެ މޫނުމަތިން ފެނުނު ނުތަނަވަސްކަމުންނެވެ. އެމޫނުން އަހަރެންގެ މުސްތަޤްބަލް އަހަންނަށް ރަނގަޅަށް ވެސް ފެނުނެވެ. ކުރިއަށް އޮތް ދުވަސްތައް މިއަށްވުރެ ހިތިކަން ވަޒަންކުރެވުނެވެ.
މާލަސްތަކެއްނުވެ ޑަކްޓަރުގެ ވާޖިބު ޑަކްޓަރު އަދާކޮށްފިއެވެ. އެ ނުބާ ސުންޕާވެގެންވާ ހަބަރުން އަހަރެންގެ ހިތް ދެފަޅިކޮށްލައިފިއެވެ. އަހަރެންގެ ފައިން ބިންގަނޑު ދަމައިގަތް ކަހަލައެވެ. ކޮށި ވަޅިއަކުން ބާރުބާރަށް ގައިގެ އެތަންމިތަނުގައި އަޅާކަހަލައެވެ. އަހަރެންގެ މަރު ކައިރިން އަހަންނަށް ފެންނަން ފަށައިފިއެވެ. ދިރިއުޅުމުގައި ކުރިއަށް އޮތް ދުވަސްތައް މަދުކަން އަންގައިދީފިއެވެ. ދުނިޔޭގައި ދިރިއުޅުމަށް މާކަ ގިނަ ދުވަސްތަކެއްނެތެވެ. އާއެކެވެ. މިހާރު އަހަރެން މިއީ އެއިޑްސްގެ ޕޭޝަންޓެކެވެ. އެޗް.އައި.ވީ އަށް ޕޮސިޓިިވް ވެފައިވާ މީހެކެވެ.
އެހެންމީހުންގެ އެހީތެރިކަމާއި އޯގާތެރިކަން އަހަންނަށް އެންމެ ބޭނުންވި ދުވަހުވެސް ދޮންމަންމަ އަހަރެން ބާކީކޮށްލީއެވެ. އެހަބަރު މުޅި ރަށަށް ފަތުރައި އަހަރެން ދުނިޔެއަށް ފަޟީހަތްކޮށްލީއެވެ. އަހަރެންގެ ބޮލުގައި ދޮގު އިލްޒާމެއް އަޅުވައި އަހަރެން ގެއިން ނެރެލީއެވެ ނުކުރާ ކުށެއްގައި އަހަރެން ބަދުނާމުކޮށް އާއިލާ އެންމެންނާއި މިތުރުންނާއި އަހަރެން ދުރުކުރުވީއެވެ. ކިހާ އިންސާފުވެރި ހެއްޔެވެ؟ ކިހާ އޯގާތެރި ހެއްޔެވެ؟ އެމީހަކަށްޓަކައި އަހަރެންގެ މުޅި ދިރިއުޅުން ޤުރުބާންކުރުމުން އަހަންނަށް ބަދަލުދޭން ފެނުނު އެންމެ ރަނގަޅު ގޮތަކީ މިއީ ހެއްޔެވެ؟
އަހަރެންނަށް ހޭވެރިކަންވީ ކާރެއްގެ ބަރުގޮނުގެ އަޑަށެވެ. އޮށޯވެ މި އޮވެވުނީ މަގުގެ މެދުގައި ކަންވެސް އިހުސާސްކުރެވުނީ ދެނެވެ. އަތުގައި ހޭކިފައި ހުރި ވެލިތައް ފޮޅާލުމަށްފަހު އަވަހަަށް ކުނާނަގައި އޮޅާލުމަށްފަހު މަގުގެ އެއްކައިރިއަށް ޖެހިލީމެވެ. ދިއިހުރުމުގެ އެއްވެސް ބޭނުމެއް އޮވެގެންނެއް ނޫނެވެ. އެއްވެސް އުއްމީދެއް އޮވެގެންނެއް ނޫނެެވެ.
ކެޓެގަރީ: ކުރުވާހަކަ

2194

Insaaneh

0.0

Salhi ey bro??

1

2 months ago

އަލްވިން

0.0

މި ވާހަކައިގެ ޕްރޮފައިލް ގައަނީ އެމާ ވެޓްސަން

3 months ago

Ma

0.0

Nubaa eh noon nubai

3

3 months ago

ކަލާ 123

0.0

ލިޔުންތެރިކަމުގެ ހުނަރު އެބަހުރި. ވާހަކަޔާމެދު އެއްޗެއް ދަންނަވާނަމަ ދެންނެވެން އޮތީ
މީ ޓިޕިކަލް ދިވެހި ވާހަކައެއް ކަމަށް!

7

3 months ago

Drax

0.0

Kuh kiyaa iru innaany shaviyani sukuneh noontha?

8

3 months ago

ކިޔުންތެރިންގެ ހިޔާލު ކެންސަލް
Your RatingSource link

Leave a Reply

Related Articles