• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ސިއްހަތު ⁄ އިނގިރޭސިވިލާތުގައި ‘ހަކުރު ޓެކްސް’ ނަގަން ފަށައިފި

އިނގިރޭސިވިލާތުގައި ‘ހަކުރު ޓެކްސް’ ނަގަން ފަށައިފި



ދަޅުގައި އަދި ފުޅި އާއި ޕެކެޓްގައި ބަންދުކުރާ ބުއިމުގެ ބާވަތްތަކުގައި ހަކުރު ހުންނަ މިންވަރު މަދުކުރުމަށް އިނގިރޭސިވިލާތުން ކުރަމުންދާ މަސައްކަތުގެ ދަށުން ‘ހަކުރު ޓެކްސް’ ނަގަން ފަށައިފިއެވެ.
މިދިޔަ ހުކުރު ދުވަހުން ފެށިގެން ހަކުރު ހުންނަ ބާވަތްތައް އުފައްދާ ކުންފުނިތަކުން ނަގަން ފެށި މި ޓެކްސްއާ އެކު ބައެއް ބްރޭންޑްތަކުން ވަނީ އެބްރޭންޑްތަކުގެ ބުއިންތަކުން ހަކުރުގެ މިންވަރު މަދުކުރަން ފަށާފައެވެ. 
ސީދާ ކަސްޓަމަރުންގެ އަތުން ނެގުމުގެ ބަދަލުގައި މިޓެކްސް ނަގަނީ ބުއިންތައް އުފައްދާ ކުންފުނިތަކުގެ އަތުންނެވެ. ޓެކްސްއާ ގުޅިގެން އުފެއްދުންތަކުގެ އަގު ބޮޑުކުރުމަކީ ކުންފުނިތަކުގެ އަތްމައްޗަށް ދޫކޮށްލާފައިވާ ކަމެކެވެ. ޓެކްސް ނެގޭ ރޭޓްތަކަށް ބަލާއިރު، ކޮންމެ 100 އެމްއެލްއަކަށް 8 ގްރާމަށް ވުރެ އިތުރަށް ހަކުރު ހުންނަ ބާވަތްތަކުން ލީޓަރަކުން 24 ޕެންސް އަދި ކޮންމެ 100 އެމްއެލްއަކަށް 8 ގްރާމާއި 5 ގްރާމާއި ދެމެދުގެ މިންވަރަކަށް ހަކުރު ހުންނަ ބުއިންތަކުން ލީޓަރަކަށް 18 ޕެންސް ‘ހަކުރު ޓެކްސް’ގެ ގޮތުގައި ދައްކަން ޖެހެއެވެ.
މޭވާގެ ބާވަތްތަކުން އުފައްދާ ޚާލިސް ޖޫހުން މިޓެކްސް ނުނަގާނެއެވެ. ސަބަބަކީ ދަޅުގައި ނުވަތަ ޕެކެޓްގައި ބަންދުކުރި ނަމަވެސް އެބުއިންތަކަށް ހަކުރު އިތުރަށް އަޅާފައި ނުހުންނާތީއެވެ. އަދި ގިނަ އަދަދަކަށް ކިރު ހުންނަ އުފެއްދުންތަކުން ވެސް މިޓެކްސްއެއް ނުނަގާނެއެވެ. ސަބަބަކީ އެފަދަ ބުއިންތަކުގައި ކެލްސިއަމް ގިނަ އަދަދަކަށް އެކުލެވިގެންވާތީއެވެ. 
ބުއިންތަކުން ‘ހަކުރު ޓެކްސް’ ނަގަން ފަށާއިރު، ބަންދުކުރި ކޭކް، ބިސްކޯދު ފަދަ ބާވަތްތަކުން ވެސް ޓެކްސްއެއް ނަގަން ބައެއް ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ. 
ފެންޓާ، ރައިބީނާ އަދި ލުކޮޒޭޑް ފަދަ ބްރޭންޑްތަކުން ވަނީ އެބްރޭންޑްތަކުން އިނގިރޭސިވިލާތުގައި ވިއްކުމަށް ނެރޭ އުފެއްދުންތަކުގައި ހަކުރު އެކުލެވޭ މިންވަރު މަދުކުރުމަށް ނިންމާފައެވެ. އެހެން ނަމަވެސް ކޮކާކޯލާ އިން އެފަދަ ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. 
އިނގިރޭސި ސަރުކާރުން ކުރިން ލަފާކުރީ މި މަސައްކަތުން ޓެކްސްގެ ގޮތުގައި 500 މިލިއަން ޕައުންޑް ލިބޭނެ ކަމަށެވެ. އެހެން ނަމަވެސް ގިނަ ކުންފުނިތަކަކުން އެކުންފުނިތަކުގެ އުފެއްދުންތަކުން ހަކުރުގެ މިންވަރު މަދުކުރަން ނިންމުމާ ގުޅިގެން އެއަދަދު މިހާރު ވަނީ 240 މިލިއަން ޕައުންޑަށް މަދުކޮށްފައެވެ. 
‘ހަކުރު ޓެކްސް’ގެ ގޮތުގައި ލިބޭ ފައިސާ ޚަރަދުކުރުމަށް ހަމަޖެހިފައި ވަނީ ސްކޫލްތަކުގެ ކުޅިވަރާއި ނާސްތާ ޕްރޮގްރާމްތަކަށެވެ. 
ފުރާވަރު އަދި ޒުވާން އުމުރުގައި ކުދިން ފަލަވުމުގެ މައްސަލައިގެ އެންމެ ބޮޑު އެއް އަސްލަކީ މަތީ މިންވަރަކަށް ހަކުރު ހުންނަ ބުއިންތައް ބޭނުންކުރުން ކަމަށް ދިރާސާތަކުން ދައްކައެވެ. އެހެންކަމުން ދުނިޔޭގެ އެކި ޤައުމުތަކުގައި ހަކުރު ބޭނުންކުރާ މިންވަރު މަދުކުރުމަށް މިފަދަ އެތައް ކަމެއް ކުރަމުންދެއެވެ. އިނގިރޭސިވިލާތަކީ ‘ހަކުރު ޓެކްސް’ ނަގަން ފަށާ ފުރަތަމަ ޤައުމެއް ނޫނެވެ. މެކްސިކޯ، ފަރަންސޭސީވިލާތް އަދި ނޯވޭ އިން ވެސް މިފަދަ ޓެކްސްއެއް ނަގައެވެ. 
މެކްސިކޯގައި ‘ހަކުރު ޓެކްސް’އެއް 2014 ވަނަ އަހަރުން ފެށިގެން ނަގަމުންދާއިރު، އެ އަހަރު ނިމުނުއިރު މެކްސިކޯގެ ރައްޔިތުން ހަކުރު ބޭނުންކުރާ މިންވަރު 12 އިންސައްތަ ދަށްވިކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި ޓެކްސް ނުނަގާ ބާވަތްތަކުގެ ބުއިންތަކުގެ ވިޔަފާރި ރަނގަޅުވިކަމަށްވެސް ތަފާސް ހިސާބުތަކުން ދައްކައެވެ. 



Source link

Leave a Reply

Related Articles