• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ދީން ⁄ އިސްލާމް ދީނާއިމެދު ޙަޤީޤަތް ފޮރުވައިގެން ތިބި މީހުންގެ ވާހަކަ މިއާޔަތްތަކުން ވަރަށް ސާފު!

އިސްލާމް ދީނާއިމެދު ޙަޤީޤަތް ފޮރުވައިގެން ތިބި މީހުންގެ ވާހަކަ މިއާޔަތްތަކުން ވަރަށް ސާފު!



ކޮންމެ ޒަމާނެއްގައިވެސް އިސްލާމް ދީނާއިމެދު އެބައެއްގެ ޙަޤީޤަތް ފޮރުވައިގެން ތިބ މީސްތަކުންނަށް ތަފާތު މޫނުތައް ދައްކާ މީހުން އުޅެއެވެ. އެމީހުން ހީކުރަނީ އެމީހުން ފޮރުވިގެން ތިބެ ކުރާ ކަންކަން ﷲ ތަޢާލާ ދެކެދެނިވޮޑިނުގަންނަވާ ކަމަށެވެ! މީސްތަކުންގެ ކުރިމަތީގައި ދައްކާ ރިވެތި ވާހަކަތަކުން އެމީހުންގެ ޙަޤީޤަތް ފަސްއަޅައި ފޮރުވޭނެ ކަމަށެވެ. 
ހަމަކަށަވަރުން އެމީހުންގެ ޙަޤީޤަތް ﷲ ތަޢާލާ މޮޅަށް ދެކެދެނެވޮޑިގެންވެއެވެ. ވީމާ ކީރިތި ޤުރްއާން ފެށިގެން މިއަންނަނީވެސް އެފަދަ ދޮގުވެރިންގެ ވާހަކަތަކުންނެވެ. ސޫރަތުލްބަޤަރާގެ 6 ވަނަ އާޔަތުން ފެށިގެން 20 ވަނަ އާޔަތަށް މިވަނީ އެފަދަ މީހުންގެ ވާހަކަތަކެވެ.  
ﷲ ތަޢާލާ އީ އެމީހުން ބުނާނެ ބަސްވެސް ދެނެވޮޑިގެންވާ އިލާހް ކަމުގައިވެވޮޑިގަތުމުން އެމީހުން ބުނާނެ ބަސްތަކާއި ޢަމަލުކުރާނެ ގޮތްވެސް މިވަނީ މާކުރިން ވަޙީކުރައްވަވައިފައެވެ. މިކަންކަމަށް ވިސްނައި ފިކުރުކުރާ މީޙުންނަށް ޢިބްރަތަކަށްޓަކައެވެ. އެމީހުންގެ ނުބައި ވަސްވާސްތަކުން ސަލާމަތްކަން ހޯދަން ބޭނުންވާ ބައަކަށް ފިލާވަޅެއްގެ ގޮތުންނެވެ. 
ވިސްނުންތެރިކަމާއިއެކު މިޔާތްތައް ކިޔައިލާށެވެ! 
ހަމަކަށަވަރުން ކާފިރު ވި މީސްތަކުންނަށް، ކަލޭގެފާނު އެއުރެންނަށް އިންޒާރު ކުރެއްވިޔަސް ނުވަތަ އިންޒާރު ނުކުރެއްވިޔަސް ހަމަހަމަވެގެން ވެއެވެ. އެއުރެން އީމާނެއް ނުވާނެތެވެ. 
ﷲ، އެއުރެންގެ ހިތްތަކުގައްޔާއި އެއުރެންގެ ކަންފަތްތަކުގައި ވަނީ ސިއްކަޖައްސަވައި، ބަންދުކުރައްވާފައެވެ. އަދި އެއުރެންގެ ލޯތަކުގެ މަތީގައިވަނީ، ފަރުދާއެކެވެ. އަދި އެއުރެންނަށް ބޮޑުވެގެންވާ ޢަޛާބް ހުށްޓެވެ. 
އަދި އީމާން ވެގެންވާ ބައަކު ކަމުގައި ނުވެތިބެ، ތިމަންމެން ﷲ އަށާއި އާޚިރަތް ދުވަހަށް އީމާންވެއްޖައީމުއޭ ބުނާބައަކު، މީސްތަކުންގެ ތެރެއިންވެއެވެ. 
(އެއުރެން ހީކުރާގޮތުގައި) ﷲ އަށާއި އީމާންވެގެން ތިބި މީހުންނަށް އެއުރެން އޮޅުވައިލަނީއެވެ. އެއުރެން އެ އޮޅުވައިލަނީ، އެއުރެންގެ އަމިއްލަ ނަފްސް ތަކަށް ކަމުގައި މެނުވީ ނުވެއެވެ. އެއުރެންނަށް (އެކަންވެސް) ނޭނގެނީއެވެ. 
އެއުރެންގެ ހިތްތަކުގައި ބަލިމަޑުކަމެއްވެއެވެ. އެކަމުން، ﷲ، އެއުރެންނަށް އެ ބަލިމަޑުކަން އިތުރު ކުރެއްވިއެވެ. އަދި އެއުރެން ދޮގުހަދައި އުޅުނުކަމުގެ ސަބަބުން، އެއުރެންނަށް ވޭންދެނިވި ޢަޛާބް ހުށްޓެވެ. 
އަދި ތިއަބައިމީހުން ބިމުގައި ފަސާދަ އުފައްދައި ނޫޅޭށޭ، އެއުރެންނާދިމާއަށް ބުނެފިނަމަ، ތިމަންމެންނީ، ހަމަ އިޞްލާޙް ކުރަންއުޅޭ ބައަކީމުއޭ، އެއުރެން ބުނެތެވެ. 
ދަންނާށެވެ! ހަމަކަށަވަރުން، އެއުރެންނީ، ހަމަ ފަސާދަ އުފައްދާ މީހުންނެވެ. އެހެނެއްކަމަކު، އެއުރެންނަށް އެކަން ނޭނގެނީއެވެ. 
އަދި މީހުން އީމާންވި ފަދައިން ތިއަބައިމީހުން އީމާން ވާށޭ، އެއުރެންނާ ދިމާއަށް ބުނެފިނަމަ، މޮޔައިން އީމާން ވި ފަދައިން އަހަރެމެން އީމާންވާނެ ހެއްޔޭ، އެއުރެން ބުނެތެވެ. ދަންނާށެވެ! ހަމަކަށަވަރުން މޮޔައިންނަކީ ހަމަ އެއުރެންނެވެ. އެހެނެއްކަމަކު، އެއުރެންނަށް އެކަން ނޭނގެނީއެވެ. 
އަދި އީމާންވި މީހުންނާ އެއުރެން ބައްދަލުވެއްޖެނަމަ، އެއުރެން ބުނެއުޅެނީ، ތިމަންމެން މިތިބީ އީމާންވެގެންނެވެ. އެއުރެންގެ ޝައިޠޯނުންނާ (އެބަހީ: ދެކޮޅުވެރިކަމާއި ކުފުރު ވެރިކަމުގައި އެއުރެންގެތެރެއިން ކުރިއަށް ތިބިމީހުންނާ) އެއުރެން އެއްތަންވެއްޖެނަމަ، އެއުރެން ބުނެއުޅެނީ، ތިމަންމެންވަނީ، ކަށަވަރުންވެސް ތިއަބައިމީހުންނާ އެކުގައެވެ. ހަމަކަށަވަރުން ތިމަންމެންނީ، ފުރައްސާރަކުރާ ބައަކީމުއެވެ. 
ﷲ، އެއުރެން ކުޅަ ފުރައްސާރައިގެ ޖަޒާ އެއުރެންނަށް ދެއްވާހުށްޓެވެ. އަދި ދެފުށުއެޅޭ ޙާލުގައި، އެއުރެންގެ އުރެދުމުގައި އުޅުމަށް އެއުރެންނަށް މުއްދަތު ދިގުކުރައްވާނެތެވެ. 
އެއުރެންނީ، ތެދުމަގުގެ ބަދަލުގައި މަގުފުރެދުން ގަތް މީހުންނެވެ. (އެބަހީ: ތެދުމަގަށް ފުރަގަސްދީ، މަގުފުރެދުން ހޯދި މީހުންނެވެ.) ފަހެ، އެއުރެންގެ އެ ވިޔަފާރިޔަކުން، އެއުރެންނަކަށް ފައިދާއެއް ނުވިއެވެ. އަދި އެއުރެންނަކީ، ތެދުމަގު ލިބިގެންވާ ބައަކުކަމުގައިވެސް ނުވެތެވެ. 
އެއުރެންގެ މިސާލަކީ، އަލިފާންގަނޑެއް ރޯކޮށްގެންތިބި ބައެއްގެ މިސާލެވެ. ފަހެ އެ އަލިފާންގަނޑު، އެއުރެންގެ ވަށައިިގެންވާތަނަށް އަލިކޮށްލިހިނދު، ﷲ އެއުރެންގެ (އެ އަލިފާންގަނޑުގެ) އަލިިކަން ގެންދަވައި އެއުރެންނަށް އެއްޗެއް ނުފެންނަފަދަ އަނދިރިތަކެއްގެ ތެރެއަށް އެއުރެން ދޫކުރެއްވީއެވެ.
(އެއުރެންނީ) ބީރު ބައެކެވެ. މަންމަން ބައެކެވެ. ކަނު ބައެކެވެ. ފަހެ، އެއުރެން (ޙައްޤު ގެ މަގަކަށް) ރުޖޫޢަ އެއް ނުވާނެތެވެ. 
ނުވަތަ އެއުރެންގެ މިސާލަކީ، އެ ވިލާގަނޑެއްގައި އަނދިރިތަކަކާއި ގުގުރުމާއި ވިދުން (އެކުލެވިފައި) ވާގޮތުގައި އުޑުމަތީގައިވާ ވާރޭވިލާގަނޑެއްގެ މިސާލެވެ. ހޮނުގެ ސަބަބުން މަރުވެދާނެކަމަށް ބިރުން، އެއުރެންގެ ކަންފަތްތަކުގައި އެއުރެންގެ އިނގިލިތައް އަޅަތެވެ. ﷲ އީ، އެ ކާފިރުންގެ ހުރިހައި ކަމެއް ފުރިހަމައަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. 
އެ ވިދުން، އެއުރެންގެ ލޯތަކުގެ ފެނުން ޖަހައިގަނެގެން އަތުލާފާނެ ކަހަލައެވެ. އެ ވިދުން އެއުރެންނަށް އަލިކޮށްލި ކޮންމެހިނދަކު އެ އަލީގައި އެއުރެން ހިނގައިގަނެތެވެ. އަދި އެއުރެންނަށް އަނދިރިއަޅާލައިފިނަމަ، ހުއްޓުންއަރާފައި ތިބެތެވެ. ﷲ އިރާދަކުރައްވައިފިނަމަ، އެއުރެންގެ ކަންފަތްތަކުގެ އިވުމާއި، އެއުރެންގެ ލޯތަކުގެ ފެނުން ގެންދަވައިފީހެވެ. ހަމަކަށަވަރުން ﷲ އީ، ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.
– އަލްބަޤަރާ: 6-20) 
މީސްތަކުންނޭވެ! ކީރިތި ޤުރްއާން ކިޔެވުން ގިނަކުރާށެވެ! މާނަކިޔައި ވިސްނާށެވެ! ފިކުރުކުރާށެވެ! މިފަދަ ކިތަންމެ އާޔަތްތަކާއި ދަލީލުތައް ފެނިގެންދާނެއެވެ! މިކަންކަމަށް ފުންކޮށް ނުވިސްނައިފިނަމަ މަކަރުވެރިންގެ އަވާގައި ޖެހި މަގުފުރެދިގެން ހިނގައިދާނެކަމަށް ބިރުވެތިވާށެވެ!  
– އިސްލާމީ ތިލަފަތުގެ ދަރުސަކުން
 
 
 
 
 
 



Source link

Leave a Reply

Related Articles