• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ވާހަކަ ⁄ އެގާރަ މިނެޓް

އެގާރަ މިނެޓް


385758

އެންމެ އެގާރަ މިނެޓް ތެރޭ މީހެއްެގެ ދިރިއުޅުން ބަދަލުވެގެން ގޮސްދާނެ ހެއްޔެވެ؟ އަހަރެން ގަބޫލެއް ނުކުރަމެވެ. އުއްމީދެއްވެސް ނުކުރަމެެވެ. މިފަދަ ކަމެއް އަހަރެންނަށް ވެދާނެ ކަަމަކަށް ޚިޔާލަށް ވެސް ނުގެންނަމެވެ. އެގާރަ މިނެޓް ތެރޭ އެގާރަ އަހަރުގެ މަސައްކަތް ވެއްޔާ މޮޑެވިގެން ދިޔައީއެވެ. ދިރިއުޅުމަށް ދެކުނު ހުވަފެންތައް ވިއްސި ވިހާލިވީއެވެ. މިއަދު އަހަރެންނަކީ ނެތް މީހެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އަަހަރެންގެ ކުރިމަގެކޭ ވާ ވެފައި އޮތް ކަށިކުނބުރުވަލެކޭ އެއްވަރެެވެ. އަލި ރޯއްޖެއް ވަންނާނެ ޖާގައެއްވެސް ނެތެވެ. އެހާމެ އަނދިރިއެވެ.
އުމުރުން ތޭރަ އަހަރުގައި އަހަރެންނަކީ ޔަތީމެކެވެ. މަންމަ އަކީ ގޭގެއަށް ގުލާމުކޮށްގެން ރުފިޔާ ހޯދަމުން ދިޔަ ފަގީރެކެވެ. އަހަރެންނަށް ލާނެ އަަންނައުނާ ކާނެ ކެއުން ހޯދާދެނީ އެފަދައިން އެއްގެއިން އަނެއްގެއަށް މަސައްކަތް ކޮށްދެމުން ލިބޭ ފައިސާ ކޮޅަކުންނެވެ. އަތްމަތި ދަތި ނަމަވެސް އަހަރެމެންގެ ހިތްތިރިއެވެ. ހަމްދު ކުރަން ދަންނަމެވެ. ރިޒްޤް ދެއްވަނީ ވަކި ފަރާތަކުން ކަން ހަނދުމަކުރަމެވެ. މަންމަގެ ނަސޭހަތަކީ އަބަދުވެސް އެއީ އެވެ. ތިމާގެ މަޤާމް ދަންނާށެވެ. ތަޤުދީރުގައި ލިޔެވިފައި އޮތްކަމެއް ވާނެއެވެ. ނަމަވެސް އެކަމަކަށް މަސައްކަތް ނުކޮށް ކިތަންމެ އަތްދަމައިން ހުއްޓަކަސް ކާމިޔާބީއެއް ނުލިބޭނެއެވެ. މަންމަގެ ނަސޭހަތް އަހަރެން އަޑު އެހީމެވެ. އެ ހިކުމަތުގައި ހިފީމެވެ. އެ ބަސްތަކުން އިބްރަތް ލިބިގަތީމެވެ. މަސައްކަތުގެ މައިދާނުގައި މިއަދު އަހަރެންނަށް ލިބިފައިވާ ކުރިއެރުމުގެ ހައްގު މޭސްތިރިއަކީ އަހަރެންގެ މަންމައެވެ. ކިތަންމެ ބޮޑު ގޮނޑިއެއްގައި މިއަދު އިންނަން ޖެހުނަސް އެކަން ހަނދާން ނައްތައެއް ނުލާނަމެވެ.
ހަނދާނުން ފުހެލެވުނީ ބޮޑުވެގެން އައި ނިކަމެތި ހާލެވެ.
އުމުރުން އަށާރަ އަހަރުގައި އަހަރެންނަކީ ވަޒީފާ އަދާކުރަމުން، ޑިގްރީ އަށް ކިޔަވަމުން އައި ޒުވާނެކެވެ. ބަރާވެފައިވާ މި ކުޑަ ކުޑަ ޝަހަރުގައި އަހަރެން އުޅެމުން ދިޔައީ ހަ ހާސް ރުފިޔާއަށް ކުއްޔަށް ދޫކޮށްފައި ހުރި ކުޑަ ކޮޓަރި ގަނޑެެއްގައެވެ. އަހަރެންނާއި އަހަރެންގެ ބަލި މަންމައެވެ. މަސައްކަތްކޮށްގެން ލިބޭ މަދު ލާރިކޮޅުން ގޭގެ ކުއްޔާ، ކަރަންޓާ ފެން ބިލު ދެއްކުމަށްފަހު އަތުގައި މާ ގިނަ އެއްޗެއް ބާކީ ނުހުރެއެވެ. ނަމަވެސް އަހަރެމެން އުޅުނީ ފުދިގެންނެވެ. އުފަލުގައެވެ. މަންމަގެ ބައްޔަކީ ޝިފާއެއް ނެތް ބައްޔަކަސް އެ ދެ ކޮނޑުގައި ބާރު ހުއްޓެވެ. މަސައްކަތްކޮށް ވަރުބަލިވެގެން ގެއަށް އަންނަ ކޮންމެ ދުވަހަކު ބުރަކަށީގައި ތެޔޮ ދަމާދެއެވެ. އަހަރެން މަންމަ ގާތުގައި ބުނަމުއެވެ. ކައިވެނި ކޮށްގެން ގެންނަ މަންޖެއަކުވެސް އެހާމެ ރަނގަޅު ވާނެ ނަމައެވެ. އެހާ މުރާލިވެފައި ހިތްހެޔޮ ވާނެ ނަމައެވެ. މަންމަގެ ޖަވާބު ވަރަށް ތަފާތެވެ. ހެޔޮ މީހަކަށް ހެޔޮކަމެކެވެ. އެ ބުނި އެއްޗެއްގެ މާނަ އޭރު ފަހުމް ނުވިނަމަވެސް، މިހާރު ވިސްނެއެވެ.
ވިސްނެންވީ ވަގުތު ފާއިތުވީމާ ހެއްޔެވެ؟
އޭގެ ދެ އަހަރުފަހުން ދުވަހަކުވެސް ކުރިމަތިލާން ނުޖެހޭހާ ހިތާމަ އަކާ އަހަރެންނަށް ކުރިމަތިލާން ޖެހުނެވެ. އެއީ ޑިގްރީ ފުރިހަމަކޮށް އަހަރެން ދަސްވެނިވިތާ މަސްދުވަސް ހަމަވި ދުވަހެވެ. މަންމަ ގެ މޫނުމަތިން އުފާވެރިކަމުގެ ވިދުވަރު ކެނޑިގެން ނުދެއެވެ. ކޯހުން އެންމެ މަތިން ފާސްވީމައެވެ. މާސްޓާސް އަށް ކިޔަވަންދާން ސްކޮލާޝިޕްއެއް ލިބުނީމައެވެ. މަންމަގެ ހުވަފެންތަކުގައި ކުލަ ޖެހުނީމައެވެ. އަހަރެން ހުރީ އުފަލުން ނަމަވެސް މަންމަ ދޫކޮށްފައި ދާނެހާ ހިތްވަރެއް ނެތެވެ. ނަމަވެސް މަންމަ އަހަރެންނާ ދެކޮޅެވެ. ވަރު ނެތް ދުވަހުވެސް ކެތްކޮށް މަސައްކަތްކުރީ އަހަރެންނަށް މިދުވަސް ދައްކަވާތޯ އޭ މަންމަ ބުނަމުން ދިޔައެވެ. އަހަރެން އެކަން ޤަބޫލުކުރަމެވެ. މަންމަ ކޮށްދިން އަގުހެޔޮ މަސައްކަތްތަކަށް ޝުކުރު އަދާކުރަމެވެ. ކިތަންމެ ފޮނި ބަސްތަކުން ޡަނާ ކިޔަސް އެ މައިވަންތަކަމުގެ އަގު ވަޒަނެއް ނުކުރެވޭނެއެވެ. އެހެންކަމުން އަހަރެން ގޮތެއް ނިންމީމެވެ. ކިޔަވަން ދަންޏާ ދާނީ މަންމަވެސް ގޮވައިގެންނެވެ. މި ތޮއްޖެހިފައިވާ ތަނުގައި އެފަކީރުގެ ހުރި ހަމައެކަނި އާރަކީ ވެސް ބާރަކީވެސް އަހަރެންނެވެ. އެކަމާ މަންމަ ދެކޮޅު ހެދިޔަސް ފަރުވާލެއް ނެތެވެ.
ނަމަވެސް ވަގުތު ޖެހުމުން އަމިއްލަ ޤައުމާ އަލްވަދާޢު ކިޔަން ޖެހުނީ އެކަނި މާ އެކަންޏެވެ. އޭރު މަންމަ މި ފަނާވަނިވި ދުނިޔެއާއި އަލްވަދާޢު ކިޔައިފިއެވެ. ހިތާ ދެކޮޅަށް ނަމަވެސް ފަސްގަނޑުން ފައި ހިއްލައިލައިފީމެވެ. ދެން މި ތަނުގައި އަހަރެންގެ ހުރީ ވަކި ކާކު ހެއްޔެވެ؟ މަންމަގެ މަރާއި ގުޅިގެން ހިތުގައި ބިންވަޅު ނެގިފައިވި މާޔޫސްކަން ދިޔައީ ދުވަހުން ދުވަހަކަށް އިތުރު ވަމުންނެވެ. ނަމަވެސް އެކަމުގައި އަހަރެން ކުރާނެ އެއްވެސް ކަމެއް ނެތެވެ. އެކަނިވެރިކަން އަހަރެންގެ އެންމެ ގާތް ރަހުމަތްތެރިއަކަށް ހެދިއްޖެއެވެ.
އިނގެރޭސި ވިލާތުގައި އަހަރެން ކިޔަވަމުން ދިޔައިރު، އެއް ޔުނިވަރސިޓީއަކަށް ދާ ދިވެހި ކުއްޖެއް އުޅުނެވެ. އިސްތަށިގަނޑު ފަން، ދިގު އިސްކޮޅެއްގެ ވެރި، ދޮން މޫނެކެވެ. ލޮލުގެ ކަޅިއެކޭ ފުން ކަނޑެކޭ އެއްފަދައެވެ. ބަލާލި ކޮންމެ މީހަކު އެ ކަނޑުގެ އޮއިވަރުގައި ޖެހި ޣަރަގުވެއެވެ. އަހަރެންނަށް ވެސް ވީ އެހެންނެވެ. އެ ރީތިކަމުގެ މަސްތީ ދަލުގައި ޖެހި ހައްޔަރުވީއެވެ. ފިޔަ ކޮށާފައިވާ ދޫންޏަކަށް އަހަރެންގެ ވިސްނުން ބަދަލުވީއެވެ. އިންނަން ބޭނުންވީ އޭނާގެ ސޫރަ ފެންނަ ހިސާބުގައެވެ. އެ ރީތި ހިނިތުންވުމުގެ ބާރުގައި ކަސްތޮޅުއެޅިވިފައެވެ.
އަހަރެންނާ ވާހަކަ ދައްކަން ފެށީއްސުރެ އޭނާގެ ތުންފަތުން ހިނިތުންވުމުގެ އަސަރު ކެނޑިގެން ނުދެއެވެ. އަހަރެން ފެނުމުން އޭނާ އިސްޖަހާލައެވެ. ވާހަކަ ދައްކާއިރު ލޮލަށް ބަލަން ލަދު ގަނެއެވެ. ބައެއްފަހަރު ރަކި ވެގެން ކޯތާފަތް ފޮރުވާލައެވެ. އެ ކޮލަށް ވެރިވާ ޖަންބު ކުލަ އަަހަރެންނަށް ފޮރުވޭނޭ ކަމަށް ހެއްޔެވެ؟ ނަމަވެސް މި ފެންނަމުން ދިޔަ ފެހި ސިގްނަލްތަކުގައި ހިފާ މިކަމާ ކުރިމަތިލާނެހާ ހިތްވަރެއް އަހަރެން ގަޔަކު ނެތެވެ. އަލުން މި ދިރިއުޅުމަށް މީހަކު ގެންނާނެހާ ބާރުވެރި ވަރުގަދަ އަޒުމެއްް އަހަރެންނަށް ލިބފައެއް ނުވެެއެވެ. މުޅި ފުރާނައަށް ވުރެ ލޯބިވި މަންމަވެސް އަހަރެން ދޫކޮށް ދިޔައީއެވެ. އަލުން އެފަދަ ހިތާމައަކާ ކުރިމަތިލާނެހާ ކެތްތެރިކަމެއް މި ޒަމީރަކު ނެތެވެ.
އެހެންކަމުން ކިތަންމެ ލޯބި ވިޔަސް އެ އިހުސާސުތަކަށް އަހަރެން ފަސްދިނީމެވެ. އޭނާގެ ޚިޔާލުތަކާ ދުރުވެވޭތޯ މަސައްކަތް ކުރީމެވެ. ހުރިހާ ވަގުތެއް ކިޔެވުމަށް ހުސްކުރީމެވެ. ވީ ވަރަކުން އޭނާ ނުފެންނަ ހިސާބުގައި އުޅެވޭތޯ ބެލީމެވެ. ނަމަވެސް އަހަރެންގެ ބަސްނާހާ ހިތަށް ކެތްވެވުނީ ދެތިން ހަފްތާއަށެވެ. އެހެން ފިރހެނެއްގެ ބަސްތަކުން، ކުރިން އަހަރެން ހިިނިތުންވުން ގެނެސްދިން ތުންފަތަށް އާރޯކަން ގެންނަ މަންޒަރު ބަލަން އަހަރެންނަށް މަޑުންނުހުރެވުނީއެވެ. އެހެންކަމުން ހިތްވަރުކޮށްފައި އަހަރެން ކޮޅުފައިން ޖެހި ލޯތްބާ ކުރިމަތިލީމެވެ. ކާމިޔާބު ވާނެކަމުގެ ޔަގީންކަމެއް ނެތިއެވެ.
ވާރޭ ވެހެމުންދިޔަ ދުވަހެއްގެ ފިނީގައި އަހަރެން އޭނާ އާ ބައްދަލުކުރީ އެތައް ރެއެއްގެ ނިދި ގެއްލުވާލާ ހިތު ދަސްކުރި ބަސްތަކެއް އޭނާއަށް އަޑުއިއްވާށެވެ. އަހަރެން ލައިގެން ހުރި ތުނި ގަމީހުގެ ތެރެއިން ހަށި ފެންނަ އުސޫލުން ހިތުގެ އިހުސާސުތައްވެސް ހާމަވާނެ ނަމައޭ ހިތަށް އަރަމުން ދިޔައެވެ. އޭނާގެ މޫނުމަތިން ހިނިތުންވުމުގެ ކުލަވަރު މިއަދު ފެންނާކަށް ނެތެވެ. ބަނަވެފައިވާ އުޑަށް ވުރެ އެ ބެލުމުގައި ވާ މޯޅިކަން ގަދައެވެ. ގުގުރީގެ ބާރު އަޑު ފަށްގަނޑާ އެއް ހަމައެއްގައި އަހަރެންގެ ހިތުގެ ވިންދު ވާދަ ކުރަމުން ދިޔައެވެ. ހީވާކަހަލައެވެ. މިރޭގެ މި ކޮޅިގަނޑު އަހަރެންގެ ދިރިއުޅުން ތޫފާނަކަށް ބަދަލުކޮށްލާނެއެވެ.
ކަންވީ ވެސް އެހެންނެވެ. އޭނާގެ ލޯބީގައި އަހަރެން ކޮޅުފައިން ޖެހި އުސޫލުން އަހަރެންގެ ލޯބިވެސް އޭނަ ނަގާ އެއްލާލީ އެއްވެސް ފަރުވާލެއްނެތިއެވެ. އޭނާ އެރޭ ދިން ޖަވާބު އަދިއަދާ ޖެހެންދެންވެސް އަހަރެންގެ ކަންފަތުގައި ހޮނުގުގުރި އަޅާ މިސާލުން ގުގުމާލަ ގުގުމާލަ ހުރެއެވެ. ތެދެކެވެ. ލޯތްބަކީ ބޭނުން ހިނދަކު ހާސިލްކުރެވޭނޭ އެއްޗެއް ނޫނެވެ. އޭނާ އަހަރެންނަށް ވަގުތު ދިނެވެ. އަހަރެންގެ އަޅާލުމަށް އެދި ރުޔެވެ. އަހަރެން ވާހަކަ ދައްކާތޯ މަސައްކަތް ކުރިއެވެ. ނަމަވެސް އަހަރެން އެ ދުވަހު އެ އާދޭސް ތަކަށް ދިނީ ބީރު ކަންފަތެކެވެ. މިއަދު މި ޖެހެނީ އެކަމުގެ ހިތި ފިލުވާށެވެ.
ކިޔަވާ ނިމި އެނބުރި ގައުމަށް އަައިސް ވަޒީފާގެ މައިދާނަށް ނިކުމެއްޖައީމެވެ. ކާމިޔާބީތައް ފުލުފުލުގައި އަހަރެންނަށް މަރުހަބާ ކިޔަމުން ދިޔައެވެ. އަރަމުން އައި ބޫޓުގެ ވައްޓަފާޅިއަށް އައި ބަދަލަށްވުރެ އަހަރެންގެ މިޒާޖަށް އައި ބަދަލު މާ ބޮޑެވެ. ކުއްލިއަކަށް ލިބުނު ތަނަވަސްކަމުން ކުރިން އުޅުނު ނިކަމެތި ހާލު ހަނދާން ނެތުނީއެވެ. މަސައްކަތްކުރަމުން ދިޔަ އޮފީހުގެ ބޮޑު މީހާގެ ދަރިފުޅުގެ ކައިވެނި އަހަރެންނާ ކުރަން ބޭނުންވާ ވާހަކަ ބުނުމުން އެއްވެސް ވިސްނުމެއް ނެތި އާނއެކޭ ބުނެވުނީ އެހެންވެ ކަންނޭނގެއެވެ. އަހަރެންގެ ހިތުގެ ވިންދުތަކުން ފެށިގެން އެންމެ ހިމަ ނާރުތަކަށް ދަންދެން ހިބަކޮށް ދީފައިވަނީ އެންމެ މީހަކަށެވެ. ނަމަވެސް އޭނާ އަމިއްލަ ޒަވާޖީ ހަޔާތެއް ފަށައިފިތާ އެތައް ދުވަހެއް ވެދާނެއެވެ. އޭނާގެ އިންތިޒާރުގައި އަހަރެން ހުރުން ވާނީ ހެދޭ ބޮޑު ޅަ އެއްޗަކަށެވެ.
އެ ބޯޓު މިހާރު ވަނީ ބަރާކޮށް ބަނދަރުން ފުރާފައެވެ.
ކުލަގަދަކޮށް ކުރެވުނު ކައިވެނީގެ ރަހަ ހިތި ވެފައި ވިހަގަދައެވެ. އަނބިމީހާ ކިތަންމެ ހެވަސް އަހަރެންގެ ސަމާލުކަން ހޯދޭ ވަރެއް ނުވިއެވެ. މަސައްކަތް ބުރަވެފައި ހިތް ހަރުކަމުން އަހަރެންވީ ލޯބިވާން އުނދަގޫ މީހަކަށެވެ. އަނބިމީހާ ކެތްތެރިއެވެ. އަހަރެންނަށް ކޮށްދޭން ޖެހޭ ހުރިހާ ކަމެއް އެންމެ ފުރިހަމަގޮތުަގައި ބަރާބަރަށް ކޮށްދެެއެވެ. ނަމަވެސް އޭނާގެ މޫނުން އަހަރެންނަށް ސިފަވަނީ އެހެން މީހެއްގެ ހަރަކާތްތަކެވެ. އެ އާދައިގެ ދެ ލޮލުގައި އަހަރެންގެ މައްޗަށް ފޯރުވޭނެ ބާރެއް ނެތެވެ. އެ ހިނިތުންވުމުން އަހަރެންގެ ހިތަށް މާ ބޮޑު ގޮތްތަކެއް ނުގެނުވައެވެ. އަހަރެންގެ ހިތުގައި އޭނާ އާ މެދު އެއްވެސް ވަރެއްގެ ލޯތްބެއް ނެތްކަން ޚުދު އޭނާއަށް ވެސް އިނގޭނެއެވެ. ނަމަވެސް ބަނޑުގައި އަށަގަނެފައިވާ އަހަރެމެން ދެމީހުންގެ ކުޑަ ފުރާނައަށްޓަކައި ކެތްކޮށްލައިގެން ހުރީއެވެ. އެކަން އަހަރެންނަށް އެނގުނީ މާ ފަހުންނެވެ. އޭރު އޭނާގެ ހިތް އަހަރެންގެ ހަމަލާތަކުން ވަނީ ކެތްކުރެވޭވަރަށްވުރެ ބޮޑަށް ޒަޚަމްވެފައެވެ.
އެއްކޮށް އުޅޭ ވިޔަފާރިވެރިންނާ އެކު ސަފާރީއެއްގައި އަހަރެން ދަތުރެއްކުރީމެވެ. އެ ދަތުރުގައި އަހަރެންގެ އެކުވެރިއެއްގެ ގާތް ރަހުމަތްތެރިއެއްް ބައިވެރިވިއެވެ. އޭނާގެ އަންހެނުންނާ އެކުއެވެ. އެއީ އަހަރެން މާ ރަނގަޅަށްވެސް ދެކެފަރިތަ މޫނެކެވެ. އެ ދޮން މޫނު އަަހަރުތަކެއް ފަހުން ފެނުމުން ހިތަށް ހީވީ ވިހަ ހަންޖަރުތަކެއް ހަރާލިހެންނެވެ. އަދިވެސް އޭނާ އާ މެދު ބިންވަޅު ނެގިފައިވި ލޯބި ދިރި ހުއްޓެވެ. ފިރިމީހާ އާ އެކު އުޅުނު ގޮތް ފެނި އަހަރެންގެ މުޅި ހިތް ކުދިކުދި ވެގެން ދިޔައެވެ. މި މަންޒަރުތަކަކީ ބަލަން ބޭނުންވި މަންޒަރުތަކެއް ނޫނެވެ. އެހާ ހާލުން އަހަރެންގެ ނަފްސު ސަލާމަތްކުރި އަނދިރިގަނޑު އައިސް އަހަރެންނާ ހަމަކޮށްލައިފިއެވެ. މުޅި ހެޔޮ ވިސްނުން ބަނަކޮށްލީ އެންމެ ދެތިން މިނިޓް ތެރޭގައެވެ.
ސަފާރީގައި ކުރެވެމުން ދިޔަ އިތުރު ކަންތައްގަނޑެއްވެސް އޮތެެވެ. މަސްތު ވުމެވެ. ރާ ބުއިމާ، އެކި ފާޑުގެ ބޭސް ބޭނުންކުރުމެވެ. ސިރިންޖު ހެރުމެވެ. މިއީ އަހަރެންނަށް އާ މަންޒަރުތަކެއް ނޫނެވެ. މިހެން އައިސް އުޅޭ ކޮންމެ ދަތުރެއްގައި އާންމުކަމެެކެވެ. މުއްސަނދިންކަމުން ރުފިޔާއަށް ހަދަން ބޭނުން ގޮތެއް ހަދަނީއެވެ. މީގެ ކުރިން އެއްވެސް ދަތުރެއްގައި ސަފާރީގެ މި ހިސާބަށް އަހަރެން ވައި ވެސް ނޭޅެމެވެ. ކިތަންމެ ދިރިއުޅުން ގަޑުބަޑުވިޔަސް އަހަރެންނަށް ނަފްސު ކޮންޓްރޯލް ކުރަން އެނގެެއެވެ. މިރޭ ފިޔަވާއެވެ.
އަަހަރެން އެ މީހުންނާ އަރާ ހަމަވެ ބުނީ ހަމަ އެންމެ ޖުމްލައެކެވެ. އެންމެ ވަރުގަދަ އެއްޗެއް އަހަރެންނަށް ދޭށެވެ. ބޭނުމީ ހަނދާން ނައްތާލާށެވެ. އެތަނުން ބޮޑަކަށް އިން މީހަކު އަހަރެންނަށް ސިރިންޖެއް ދިއްކޮށްލިއެވެ. ބަރާބަރު އެގާރަ މިނިޓްގެ އުފަލާއި އަރާމު ލިބޭނެކަމުގެ ހުވާ ކުރިއެވެ. އަހަރެން ލަހެއް ފަހެއް ނުކޮށް ސިރިންޖް އޭނާ އަތުން ނެގީމެވެ. އަހަރެންގެ އަތަށް ޖެހީ އެކަމުގައި އުޅޭ ތަންދޮރު ދަންނަ މީހެކެވެ.
ލިބުނު އަރާމާއި ލައްޒަތަކީ ބަޔާންކުރަން ދަތި އެއްޗެކެވެ. އެގާރަ މިނިޓްގެ އުފާ ދެމިގެން ދިޔައީ ކިތައް ގަޑިއިރަށް ކަމެއް އަހަރެންނަކަށް ނޭނގެެއެވެ. އެނގޭހާވެސް އެއްޗަކީ ހަނދާން ނައްތާލެވުނުކަމެވެ. އަހަރެން ހިތުން ފުހެލަން ބޭނުންވި މޫނު ނެރެލާ އެއްލާލެވުނު ކަމެވެ. ސިކުނޑި ތަޣައްޔަރު ކުރަމުން ދިޔަ ވިހަ ޚިޔާލުތަކުން ލުޔެއް ލިބުނު ކަމެވެ. އެގާރަ މިނިޓްގެ މި މާމުއި ހަނދުން އަހަރެން ނެރެލީ ޖެހިގެން އައިދުވަހުގެ އިރުގެ ދޯދިތަކުންނެވެ. އޭރު އަހަރެން އޮތީ ބަރަހަނާ ހާލު، ހިލޭ އަންހެނެއްގެ ދާނުގައެވެ.
މަސްދުވަސް ވަންދެން އަންހެނުންނަށް މިކަން ސިއްރު ކުރީމެވެ. ކުރިން އޭނާ އަަށް އަޅާނުލެވުނު ތަން ފޫބެއްދީމެވެ. އަހަރެންގެ އަމަލުތަކުން އޭނާގެ ހިތް ފުރިފައިވާ ކަހަލައެވެ. އެ އުފަލުގައި ހުރެ އަހަރެންނަށް ދިން ޚަބަރަކުން މީހާގެ މުޅި ވިސްނުން ބަދަލުކޮށްލައިފިއެވެ. އަހަރެން ބައްޕައަކަށް ވަނީއެވެ. އަނބިމީހާގެ ބަނޑުގައިވާ ދަރިއަށް ތިން މަސް ފުރި ހަތަރު މަަހަށް އަޅަނީއެވެ. މިވާހަކަ އަހަރެންނަށް ސިއްރުކުރީ އަހަރެންގެ ފަރާތުން ހަމްދަރުދީގެ އަޅާލުން ބޭނުން ނުވާތީ ކަމުގައި އަނބިމީހާ ބުންޏެވެ. އަނބިމީހާ ބޭނުންވީ އަހަރެންގެ ފަރާތުން އަސްލު ލޯތްބެވެ. ގަދަބާރުން ލޯބި ހޯދަން ބޭނުން ނުވީއެވެ.
ކެތްނުކުރެވިގެން ސަފާރީގައި ހިނގާދިޔަ ހާދިސާގެ ވާހަކަ ކިޔައިދެވިއްޖެއެވެ. ކައިވެނި ކޮށްގެން މި ވީ ހާ ދުވަހު، ދުވަހަކުވެސް އަހަރެންގެ އަނބިމީހާ ކަރުނައަޅާ މަންޒަރެއް ނުދެކެމެވެ. ނަަމަވެސް އެރޭ އޭނާގެ ދެލޯ ފުރި ބަންޑުންވާ ވަރަށް ރުޔެވެ. އެ އަޑުގައި ވި ވޭން އަހަރެންގެ ހިތަށް ބަޔާންކުރަން ދަތި އަސަރުތަކެއް ކުރުވިއެވެ. މަޢާފަށް އެދުނީ އޭގެ ބޭނުމެއް ނުކުރާނެކަން އެނގިހުރެއެވެ. ގަޑިއެއްހާ އިރު ތެރޭ އަނބިމީހާ ދަބަހަށް އެއްޗެހި އަޅާ އަހަރެންގެ ދިރިއުޅުމުން އަބަދާއި އަބަދަށް ނިކުމެގެން ހިނގައްޖެއެވެ. ފަސް އެނބުރި ބަލާވެސް ނުލައެވެ.
މިއަދު އަހަރެން މި އޮތީ ބަލި އެނދުގައެވެ. ޝިފާއެއް ނެތް ބައްޔެއްގެ ޝިކާރައަކަށްވެފައެވެ. ދުނިޔެއާ އަލްވަދާއު ކިޔަން ދެން މާ ގިނަ ދުވަހެއް ނެތެވެ. އަހަރެންގެ ދަރިފުޅު ދޭތެރެ ދޭތެރެއަކުން އަހަރެންގެ ހާލު ބަލާލަން އާދެއެވެ. އަނބިމީހާގެ މޫނު ފެނޭތޯ ކިތަންމެ މަސައްކަތެއް ކުރިއަސް އޭނާ އަހަރެން ދެކޭކަށް ބޭނުމެއް ނުވެއެވެ. ޤާނޫނީ ގޮތުން އެއީ އަދިވެސް އަހަރެންގެ އަންބެކެވެ. އަހަރެން ބަލި އެނދުގައި އޮށްވާ ވަރިވާން އޭނާ ބޭނުން ނުވީއެވެ. ރަންކޮޅެއް ފަދަ އަންބަކު ލިބުނީމަވެސް އަހަރެން ކަންތައްކުރީ ހާދަ އިހާނެތިކޮށެެެވެ. މިއަދު އެކަމާ ހިތާމަކުރަމެވެ. ނަމަވެސް އެގާރަ މިނިޓްގެ އުފަލަށް އަހަރެންގެ ދިރިއުޅުން ބަރުބާދުކޮށްލީއެވެ. ޖެހި ސިރިންޖުން ހަށިގަނޑަށް ފެތުރުނު ވައިރަހުގެ ވޭނުގައި މިހެން އޮންނަތާ އަހަރުތަކެއް ވަނީއެވެ. ދެން ބޭނުމީ ދެ ލޯ މަރާލާ މި ވޭނުން ލުޔެއް ހޯދާށެވެ.
އިރާދަކުރެއްވިއްޔާ އެ ވަގުތު ދެން މާ ދުރެއް ނޫނެވެ.
***
ނިމުނީ
ކެޓެގަރީ: ކުރުވާހަކަ

3857

?

0.0

Sad story…. but realy nice keep it up… ??????

4 months ago

Anonymous

0.0

Ehaa reecheh noon???
Ummeedhu kuran miah vure salhi vaane kamah ???

1

7 months ago

Dhonkanbulo

0.0

Mizamaanuge kudhinge haalaky ey. Kuhlhavahfalu ranin

5

7 months ago

ް

0.0

ތިޔަ ކުރާ ހިތްވަރަށް ހަމަ ސާބަސް! ދެ ކަމެއް ފާހަގަކޮށްލާނަން. ކުށްދެއްކުމުގެ
ނިޔަތުގައެއް ނޫން. އިޞްލާޙަށް ދެވޭ ހިތްވަރެއްގެ ގޮތުން. ފުރަތަމަ ކަމަކީ ދެވަނަ ޕެރެގްރާފުގެ ފުރަތަމަ ފޮޅުވަތުގައި އެއޮތް “ގުލާމުކޮށްގެން”. ކިޔައި އުޅެނީ
“ގުލާނުކޮށްގެން”. މިއީ ލިޔުމުގެ ކުށަކަށް ނުވާނަމަ ތިފަރާތުގެ ހަނދާނުގެ ބަސްފޮތުން ކުށް އިޞްލާޙުކޮށްލާނެ ކަމަށް އުންމީދު ކުރަން. ދެވަނަކަމަށް ބުނެލަން އޮތީ މިވާހަކަޔާއި މީގެ ކުރީގެ ވާހަކައިގައި ވެސް ‘ޓިޕިކަލް’ ދިވެހި ވާހަކައިގެ ވައްތަރުގަނޑާއި ރަހަގަނޑު ގަދަކަން. މިކަމާމެދު ކުރިޔަށް އޮތް ތާނގައި ވިސްނާލާނެ ކަމަށް ހީކުރަން. ތިޔަ ފަރާތުގެ ގިނަ ވާހަކަތަކުގައި މިގޮތް ކުޑަކަން ވެސް މިދަނޑިވަޅުގައި އުފަލާއެކު ފާހަކަކުރަން. ކަލާ123

9

7 months ago

Me

0.0

Wow

3

7 months ago

Fariyaal

0.0

އެޔޮށް ނިކަމެތިކޮށް އޭނާގެ މަންމަ އުޅެމުން ބަލާބޮޑުކުރީމަ ވެސް ވީ ވަރު. އަންހެން ކުއްޖަކާ ހެދި..

18

1

7 months ago

aishaa

0.0

varah salhi vaahakaeh ❤️

12

2

7 months ago

ކިޔުންތެރިންގެ ހިޔާލު ކެންސަލް
Your RatingSource link

Leave a Reply

Related Articles