• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ވާހަކަ ⁄ ދެކަފި

ދެކަފި


288179

ކުރީގެ ޢަދަދުތައް ▼

ދެކަފި

ދެކަފި – ފަހުބައި

އުމުރުން ތޭވީސް އަހަރު ވީއިރުވެސް އަހަރެން އަންހެންކުއްޖަކާއި ދިމާލަށް އިސް އުފުލާ ބަލާ ނުލަމެވެ. ނުކެރެނީއެވެ. ބުނާނެ އެއްޗެއް ވެސް ނޭނގެނީއެވެ. ބަސް މަދު މީހެއް ކަމުން އަހަރެންގެ ހިތުގައި އޮންނަ އެއްޗެއް ދުވަހަކުވެސް އެއްވެސް މީހަކަށް ނާންގަމެވެ. އަމިއްލަ މަންމައަށް ވެސް މެއެވެ. އަހަރެން ގިނަ ވަގުތުތައް ހޭދަކުރަނީ ކޮމްޕިޔުޓަރ ސްކްރީން ދޮށުގައެވެ. އުމުރުން ސޯޅަ އަހަރުން ފެށިގެން ތޭވީސް އަހަރަށް އެޅިއިރު ރަހްމަތްތެރިއެއް ނެތެވެ. ގާތް ތިމާގެ މީހުން ތިއްބަސް އެއިން އެއްވެސް މީހަކާ ވާހަކަ ނުދައްކާތާ ކިތަންމެ އަހަރެކެވެ. ލޯބިވެރިޔެއް ނެތެވެ. ހާސިލް ކުރެވުނު އިލްމެއް ނެތެވެ. ދިރިއުޅުން މަތިން ފޫހިވެ މި އެކަނިވެރި ހަޔާތް ނިމުމަކަށް ގެންނަން އަހަރެން ގަސްތުކުރީމެވެ. އެހެން ކަމުން ސޯޝަލް އެންޒައިޓީ އޭ ކިޔާ ބައްޔަކަށް ދީފައި ހުރި ބޭސް ފުޅި އެއްފަހަރާ ހުސްކޮށްލަން ރޭވީމެވެ. ނަސީބު ދިމާ ކުރި ގޮތުން އަހަރެން ޖެއްސި ހުރިހާ ވައްތަރެއް އެއްބަނޑު އެއްބަފާ ބޭބެއަށް ފެނުނެެއެވެ. ވަގުތުން ހޮޑު ލައްވާ އެ ނުރައްކަލުން އަހަރެން ސަލާމަތް ކުރިއެވެ. އެހިނދު މި ކުރެވުނީ ކިހާ ބޮޑު ފާފައެއްކަން ރެޔަކާލިއެވެ. ހިތަށް ބިރުވެރިކަން ވަދެ ލޯ ކަރުނުން ފޯވިއެވެ. ދޮންބެއަށް ވެސް ހުރީ ރޮވިފައެވެ. އެދުވަހު ދެބެން ހިތް ފުރާ ރުއީމެވެ.
އެދުވަހަށް ފަހު އަަހަރެންގެ ހަޔާތް ބަދަލުކުރަން ވިސްނީމެވެ. ކޮމްޕިޔުޓަރު ދޮށުން ދުރުވެ ކަސްރަތު ކުރަން ފެއްޓީމެވެ. އަނަރޫފަވެފައި ހުރި ހަށިގަނޑު ބިޔަވިއެވެ. ގައިގައި މަސްޖަހާ ކުރިން ހުދުވެފައި ހުރި ހަންގަނޑަށް އަލުން ކުލަ ގެނުވީމެވެ. ދިގުވެފައި ހުރި އިސްތަށިގަނޑު ކޮށާލާ ތުނބުޅި އެއްވަރުކޮށްލީމެވެ. ދޮންބެގެ އިރުޝާދުގެ ދަށުން އަަހަރެން ކޮލެޖަށް ވަނީ އައިޓީ ދާއިރާއިން ކުރިއަށް ދާން އަޒުމު ކަނޑައަޅައިންގެންނެވެ. ނަމަވެސް ކަންތައްތައް ސަތޭކައަކުން ސުމަކަށް ދިިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ.
ކޮލެޖުން އަހަރެންނަށް އެކި ކުދިން ދިމާވިއެވެ. އެއްވެސް މީހަކާ ހަތަރު ކަޅި ހަމަ ކުރާކަށް ނުކެރެއެވެ. މީހުން ދިމާ ކޮށްފާނެތީއެވެ. އަހަރެންނާއި ދިމާލަށް ރަނޑޭ ބުނެފާނެތީއެވެ. ކުރިންވެސް ތިމާގެ ކުއްޖެއް އެހެން މަޖަލަކަށް ބުނި ފަހުން އަހަރެންގެ ދުލުގައި ތަޅު އެޅުވުނު ކަހަލައެވެ. އަމިއްލަ އަޑު މަތިން ފޫހިވެ ސިފަ މަތިން ވެސް ފޫހިވިއެވެ. އެހެން ރާއްޖެ ކުދިންނަށް ވުރެ އަހަރެން ދޮނެވެ. އިސްކޮޅުން ދިގުވެފައި ލޮލުގައި ހުންނަނީ މަޑު މުށި ކުލައިގެ ކަޅިއެކެވެ. ބޭރު މީހަކާ ވައްތަރޭ ކުރިންވެސް ދައްތަމެން ކިޔައެވެ. ތަޢުރީފަކަށް ވުރެ ބޮޑަށް އަހަރެން އެކަން ނަގައިގަތީ މަލާމާތެއްގެ ގޮތުގައެވެ.
ކޮލެޖުގެ ދުވަސްތައް ގުނަމުން ދިޔައިރު އަހަރެންގެ ރަހްމަތްތެރިއެއް ނެތެވެ. އަބަދުވެސް ކިލާހުން އެންމެ މަތީ މާރކްސް ގެންނަނީ އަހަރެންނެވެ. އެއީ އަހަރެންނަށް ލިބުނު ކުޑަ އުފަލެކެވެ. އެކަމާ އެހެން ކުދިންގެ ފަރާތުން ސާބަސް ވެސް ލިބެއެވެ. ނަމަވެސް އިސްވެ އެމީހުނާއި ވާހަކަ ދައްކަން އަހަރެން އަދިވެސް ޖެހިލުންވެއެވެ. އަނގަ ހުޅުވާލާއިރަށް އެމީހުން ދެކޭ ގޮތް ތަފާތު ވެއްޖިއްޔާ ވަންނާނީ ކޮންތާކަށް ހެއްޔެވެ؟ މުޅި މީހާ ދަލުން ފޯވެ އަޑު ވެސް ނުނިކުމެވެ. މިކަމާ ނުވިސްނާ ދުވަހެއް ނުދާނެއެވެ.
ފުރަތަމަ ހަތަރު ކަޅި ހަމަކޮށްލެވުނު އިންސާނާއަކީ ލީނާއެވެ. އޭނާގެ ހިނިތުންވުމުގައި ދަމާ ބާރެއް ހުރި ކަހަލައެވެ. އޭނާގެ ލޮލުގައި ވިދުމެއް ހުއްޓެވެ. އެއީ އަލަށް ދެވަނަ ސެމެސްޓަރަށް ގުޅުނު ކުއްޖެއްކަން އިނގުނީ ކައިރީގައި އިން ފިރިހެން ކުއްޖާގެ ގާތުންނެވެ. ލީނާއަކީ ކިލާހުގައި އެންމެ އަނގަ ގަދަ ކުއްޖާއެވެ. ދިމާ ނުކުރާ މީހެއް، ޒުވާބު ނުކުރާ ނުކުތާއެއް ނުދާނެއެވެ. ޓީޗަަރުގެ ރަޢުޔަށް ވެސް ފާޑު ކިޔާނެއެވެ. އޭނާއަކީ އަހަރެންގެ ދިމާ އިދިކޮޅެވެ. އަދި އެކަހަލަ މީހަކާއި އަހަރެން އަރަފޯދިގެން ނުވާ ކަމަށް ވިސްނީމެވެ. ކިތަންމެ ރީއްޗަކަސް އަހަރެން ގަޔާވާ ކަހަލަ ސިފައެއް ލީނާ ގައިގައި ނެތް ކަމަށް ނިންމީމެވެ. ސިކުނޑިން އެހެން ނިންމި ކަމުގައި ވިޔަސް ހިތް ބުނަމުން ދިޔައީ އެހެން ވާހަކައެކެވެ. ކުރި ފަޅަމުން ދިޔައީ ކުރިން އަހަރެން ތަޖުރިބާކުރި އިހްސާސެއް ނޫނެވެ. އެ އިހްސާސްތަކަށް ދޭނެ ނަމެއް ނޭނގި ހުއްޓާ އިސްވެ ވާހަކަ ދެއްކީ ލީނާއެވެ.
ވާހަކަ ދެއްކީ ފޯނުންނެވެ. އަހަރެންގެ ނަންބަރު ހޯދީ ކިހިނެތް ކަމެއް ނޭނގެއެވެ. ލިޔާނެ އެއްޗެއް ނޭނގި ހުއްޓާ އަނެއްކާވެސް ލީނާގެ އިތުރު މެސެޖެއް އައެވެ. ލީނާގެ ބަސްތައް ފަށުވިއެވެ. އިނގިރޭސިން ލިޔުނު ކަމުގައި ވިޔަސް ލީނާއަކީ ދިވެއްސަށް ވެސް ކުޅަދާނަ ރިހި ދުލެއްކަން އޮތީ ސާބިތުވެފައެވެ. ވަރަށް ވިސްނުމަށް ފަހު އަހަރެން ލީނާގެ ސުވާލަށް ޖަވާބު ދިނީމެވެ. އާއެކެވެ. ކޮލެޖު ނިންމާފައި އައިސް ކްރީމް ބޯން ދާނަމެވެ.
އެދުވަހު ކަޅު ގަމީހެއް ލައިގެން ފުރަތަމަ ފަހަރަށް ލޯގަނޑު މަތީގައި އަޅާފައި އޮތް ފޮތިގަނޑު ކަހާލީމެވެ. އަމިއްލަ ސޫރައަށް މިހާ ގިނަ އިރު ވަންދެން ބެލުނު ދުވަހެއް ހަނދާނެއް ނެތެވެ. ބޮލުގައި އަތުން ފުނާ އަޅާލުމަށް ފަހު ގަޔަށް ސެންޓު ބުރުވާލީމެވެ. ކުޑަ ހިނިތުންވުމެއް ތުންފަތުގައި ކުޅެލިއެވެ. ކޮލަށް ވާން އެރި ކަހަލައެވެ. މީގެ ކުރިން ހިނިތުންވި ދުވަހެއް ހަނދާނެއް ނެތެވެ. މިހާ އުފާވި ދުވަހެއް ވެސް ހަނދާނެއް ނުވެއެވެ.
ކޮލެޖު ނިންމާފައި ލީނާ އަހަރެންނަށް އިންތިޒާރު ކުރިއެވެ. ލީނާ ލައިގެން ހުރީ އަތް ކުރު ޓީޝާޓަކާއި ޖިންސެކެވެ. އޭނާގެ އޮޅަލި ހަންގަނޑު އަވީގައި ވިދާލިއެވެ. އިސްތަށިގަނޑުގެ އޮފުކަން އިނގުނީ އައްސާފައި އޮތް ރަބަރު ނައްޓާލާ އިސްތަށިގަނޑު ރޫޅާލުމުންނެވެ. އެއްބުމަ އަރުވާލަމުން ލީނާ އަހަރެންގެ ކޮނޑުގައި ޖަހާލިއެވެ. ބަލަހައްޓައިގެން އާގަމަ ވެފައި ހުއްޓާ އަހަރެންގެ އަތުގައި ހިފައިގެން ހިނގައިގަތެވެ. އެވީ ފަނަރަ މިނެޓު ތެރޭގައި ލީނާ ކިތަންމެ ވާހަކައެއް ދެއްކިއެވެ. ހީވަނީ ދެމީހުންނަކީ ކުރީގެ ގާތް ރަހްމަތްތެރިންހެނެވެ. ލީނާ އަކީ ބޮޑާ ކަމާއި ދެއްކުންތެރިކަން ދަންނަ މީހެއް ނޫނެވެ. އޭނާގެ ހަރަކާތްތަކުގައި ދުރު ކަމެއް ނެތެވެ. އައިސްކްރީމް ގަނެދިނީ ވެސް އޭނާއެވެ. އަހަރެން ވާހަކަ ނުދެއްކިއަސް އޭނާގެ ފަރުވާލެތް ނެތެވެ. ދެމީހުނަށް ވާވަރަށް އޭނާ ވާހަކަ ދައްކަމުން ދިޔައީ ފޫހި ކަމެއް ނެތިއެވެ.
އައިސްކްރީމް ގަނެގެން ޕާކްއަކާއި ހިސާބަށް އާދެވުނުއިރު އަހަރެންގެ ހިތްވަނީ ލީނާއަށް ހިބައިން ދެވިފައެެވެ. އެއްފަަހަރުވެސް ލީނާ އަހަރެންގެ އަތުން ދޫ ނުކޮށްލައެވެ. އަތުން ދާ ހިއްލިއިރުވެސް ލީނާ ދެނަހުރިކަމަށް ވެސް ނަހަދައެވެ. ލީނާ ދައްކަމުން ދިޔައީ އޭނާގެ ސުކޫލު ދައުރުގައި ކޮމްޕިޔުޓަރެއް ހަލާކުކޮށްލި ވާހަކައެވެ. ފުރަތަމަ ފަހަރަށް އަހަރެން އެއްޗެކޭ ބުނީމެވެ. ހެވިފައެވެ. ލީނާގެ ދެލޯ ބޮޑުވިއެވެ. އެއްޗެކޭ ނުބުނެ ބަލަން އިން ގޮތުން އަހަރެންގެ ހިތަށް ބިރުވެރިކަން ވަނެވެ. އަނެއްކާ އަހަރެންގެ އަޑު އިވިފައި ލީނާ ދެކޭ ގޮތް ތަފާތު ވީ ހެއްޔެވެ؟
“ކިހާ ރީތި ރައިހާން ސްމައިލް ކުރީމަ.. ރައިހާންގެ އަޑުވެސް އެހާ ރީތި..”
ލީނާގެ ތަޢުރީފުން އަހަރެންގެ އިސްޖެހުނެއެވެ. ދުވަހަކުވެސް މީހަކު ނުބުނާ އެ ލަފުޒުތަކުން ހިތް ފޮޅުނެއެވެ. ލީނާ އަހަރެންގެ އިސްތަށިގަނޑާއި ކުޅެލިއެވެ. އޭނާގެ މޫނުގައި ވަނީ ލޯބިކަން އަހަރެން ދެނެގަތީމެވެ.
އެދުވަހު ދެމީހުން ގެޔަށް ދިޔައީ އަނެއްކާ ބައްދަލުވުމަށް ވަޢުދުކޮށްގެންނެވެ. އެ ހަފްތާ ލީނާ ކޮލެޖަށް އަންނަ ލެތް މަދުވިއެވެ. ކޮންމެ ދުވަހަކު އަހަރެންގެ ދެލޯ ހޯދީ އޭނާއެވެ. ފޯނަކަށް މެސެޖެއް ވެސް ނާދެއެވެ. އަދި ލީނާ މެސެޖު ނުކުރަނީސް އިސްވެ މެސެޖު ކުރާކަށް ނުކެރެއެވެ.
ދުވަސްތައް ފާއިތުވަމުން ގޮސް ދެހަފްތާ ވެއްޖެއެވެ. އަަހަރެން އެދުވަހު ވެސް ކޮލެޖަށް ދިޔައީ ލީނާ ފެންނާނެ ކަމުގެ އުއްމީދުގައެވެ. ނަސީބު ކަން ދިމާ ކުރި ގޮތުން ލީނާ ކިލާހަކަށް ނާދެއެވެ. އެދުވަހު ކެތްތެރިކަން ކޮޅުން ލައިގެން ލީނާއަށް މެސެޖެއް ފޮނުވާލީމެވެ. ސިކުންތެއް ވެސް ނުވާނެއެވެ. ލީނާގެ މެސެޖެއް އައެވެ. ބައްދަލު ކުރަން ބޭނުންވާ ވާހަކަ އޮތުމުން އަހަރެންގެ ހިތް ބާރަކަށް ތެޅިލިއެވެ.
ދެމީހުން ބައްދަލުކުރީ ވިލިގިލީގެ ތުޑިމަތިންނެވެ. ފުރިހަމަ ހަނދެއް ފަޒާގައި ރަނިކަން ކުރަމުން ދިޔައެވެ. ތުޑިމަތިން ފެންނަނީ އަތާއި އަތް ޖޯޑުކޮށްގެން ތިބި ލޯބިވެރިންނެވެ. އެކަކު އަނެކަކަށް ލޯބީގެ ބަސްތައް ބުނެ ހީ ސަމާސާ ކުރަމުން ދިޔަ ލޯބިވެރިންނެވެ. އަހަރެންވެސް ބޭނުންވީ އެބައިގަނޑުގެ ތެރެއިން މީހަކަށް ވާށެވެ. ލޯބި ދޭނެ އަދި ލޯބި ލިބިގަންނާނެ މީހެއް ކައިރީގައި ހުންނާށެވެ.
“ރައިހާން…”
ލީނާގެ ޖާދުވީ އަޑަށް އަހަރެން ފަހަތަށް ބަލާލީމެވެ. އަތް ދިގު ހެދުމެއް ލައިގެން ލީނާ ހުރީ ފާޑަކަށެވެ. މިއަދު އެ ފުޅާ ހިނިތުންވުމެއް މޫނަކު ނެތެވެ. ދެލޯ ވަޅުވަދެފައި ހުރިއިރު ތުންފަތް ވަނީ ހިކިފައެވެ. ހީވަނީ ދުވަހަކު ފެން ތިއްކެއް ނުބޮއި ކާ އެއްޗެއް ބަނޑަށް ނުލާ ހުރިހެނެވެ. އަހަރެން ވަގުތުން ކަންބޮޑު ވިއެވެ. އޭނާގެ ގާތަށް ލެފެމުން އަތުގައި ހިފާލީމެވެ.
“އަހަރެން ވަރަށް ބޮޑު ވާހަކަ އެއް ބުނަން ބޭނުން..”
ލީނާ ދެއްކި ހުރިހާ ވާހަކައެއް ވެސް އަހަރެން އިނީ ކަނުލާ އަޑު އަހާށެވެ. ލީނާ ކިޔައިދިނީ އޭނާގެ މާޒީއެވެ. އޭނާގެ ކުރީގެ ލޯބިވެރިޔާގެ ވާހަކައެވެ. އަދި އެއީ މީހަކާ އިދެގެން ހުރި މީހެކޭ ވެސް އޭނާ ބުންޏެވެ. ލީނާގެ ވާހަކަތަކުން އޭނާއާއި ގުޅުން ކަނޑާލީ މިއަދުކަން އިނގުނެއެވެ. އަހަރެން އަނެއްކާވެސް ލީނާގެ އަތުގައި ހިފާލީމެވެ. އެއްޗެކޭ ނުބުންޏަސް އަހަރެން ލީނާއާއި އެކު ވާނެކަން އެންގުމަށެވެ. ލީނާގެ މާޒީ އަހަރެންނަކަށް މުހިންމެއް ނޫނެވެ. ލީނާ އެރޭ ފުރަތަމަ ފަހަރަށް ހިނިތުންވެލިއެެވެ. އަދި އިހުނަށް ވުރެ ގާތަށް ޖެހިލަމުން އަހަރެންގެ ކޮލުގައި ބޮސްދިނެވެ. އެރޭ ވީ ކިހިނެތް ކަމެއް ނޭނގެއެވެ. އަހަރެންގެ ހަށިގަނޑުގެ އެންމެ ފުނުގައި ނިދާފައިވާ ފިރިހެންވަންތަކަން ހޭލިކަހަލައެވެ. އެރޭ ގެޔަށް ދިޔައީ ލީނާގެ ހިކިފައިވާ ތުންފަތް ރަނގަޅަށް ތެންމާލާފައެވެ.
އެދުވަހަށް ފަހު ދެމީހުންގެ ލައިލާ މަޖުނޫ ވާހަކަ ފެށުނީއެވެ. ލީނާ ގުޅާ ކޮންމެ ފަހަރަކު އަހަރެން އޭނާ ގާތަށް ދަމެވެ. ބުނާ ކޮންމެ އެއްޗެއް ގެނެސް ދެމެވެ. އަަަބަދުވެސް އިސްކަން ދެނީ އޭނާއަށެވެ. ކިޔެވުން ނިމި ވަޒީފާއަކަށް ވެސް އަހަރެން ވަނީމެވެ. ކޮންމެ ދުވަހަކު ވަޒީފާ ނިންމާފައި އަހަރެން ދަނީ ލީނާގެ ގެޔަށެވެ. ލީނާގެ މައިންބަފައިން ވަނީ އޭނާ ކުޑައިރު ވަރިވެފައެވެ. ލީނާ އުޅެނީ އޭނާގެ ބައްޕައާއި އެކުއެވެ. އޭނާގެ ބައްޕައަކީ ވިޔަފާރިވެރިއެއްކަމުން ދުވަހަކު ގޭގައި ނުހުރެއެވެ. ލީނާ ބުނި ގޮތުަގައި މަހަކު އެއްފަހަރު ބައްޕަ މާލެއަށް އާދެއެވެ. ނަމަވެސް އަދި އޭނާގެ ބައްޕަ އަހަރެން ނުދެކެމެވެ.
ލީނާއަށް ކައްކައި ކާންވެސް ދިނީމެވެ. އޭނާގެ އިސްތަށިގަނޑުގައި ފުނާ އަޅާ އޭނާ ބަލިވީމާ ބޭސް ވެސް ދިނީމެވެ. ލީނާގެ ޝަކުވާތައް އަޑުއަހާ އޭނާގެ އުފަލާއި ހިތާމައިގައި ބައިވެރިވީމެވެ. އަހަރެންގެ މަންމަ ނިޔާވި ދުވަހު އެންމެ ގާތުގައި ހުރީ ލީނާއެވެ. އަދި އޭނާގެ ކޮއްކޮ ވިހެއި ދުވަހުވެސް އަހަރެން ހުރީ އޭނާގެ އެންމެ ގާތުގައެވެ. ދުވަސްތައް ކަޑައްތުކުރަމުން ގޮސް އަހަރެން ބޭނުންވި ވަރަށް ފައިސާ އެއްވިއެެވެ. ކައިވެނި ކުރަން ގަސްދުކޮށްގެން އެ ވާހަކަ ދައްކަން އަހަރެން ލީނާ ގެޔަށް ދިޔައީމެވެ. ނަމަވެސް އެދުވަހު އަަހަރެންނަށް ފެނުނީ ވަރަށް ތަފާތު މަންޒަރެކެެވެ.
(ނުނިމޭ)
ކެޓެގަރީ: ކުރުވާހަކަ ލޯބީގެ ވާހަކަ

2881

Dhimraa

0.0

Salhi

2 weeks ago

ރާޔާގެ ފޭން

0.0

ރާޔާގެ ވާހަކަތައް ހާދަ ރީއްޗޭ، ފޫހިކަމެއްނެތި ކިޔާލެވޭ، ރާޔާގެ ބިރުވެރި ވާހަކަ އަކަށް ވ އިންތިޒާރު ކުރަން އިފް އިޓްސް ޕޮސިބްލް، ތެންކްސް ފޯ އޯލް ދަ ލަވްލީ ސްޓޯރީސް ރާޔާ ?

1

1 month ago

Anony

0.0

Salhi

1 month ago

ހެލޯ

0.0

ވަރަށް ހިތްގައިމު، ވަރަށް ރިލޭޓެބްލް ، މީގައުޅޭ ފިރިހެން ކުއްޖަކީ އަހަރެން ކަމުގެ ވެދާނެ ހެހެ

3

4 months ago

ރާޔާ Listing Owner

ރިލޭޓް ކުރެވިއްޖިއްޔާ ރަނގަޅު. އެއީ މަޤްސަދަކީ.. ހެހެހެ

3

4 months ago

Ag

0.0

Very skillful. A wonderful story. Keep it up.

4

4 months ago

Mau

0.0

MI liyuntheriyaage hunaru eba huri. Upload vaaleh lahee. Waiting for the second part

7

4 months ago

ކިޔުންތެރިންގެ ހިޔާލު ކެންސަލް
Your Rating



Source link

Leave a Reply

Related Articles