• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ވާހަކަ ⁄ ދެކޭހިތްވޭ ނިކަން

ދެކޭހިތްވޭ ނިކަން


އާދިއްތަ ދުވަހާ ގުޅޭ

އުކުނޑިކޮއްޓުން އެއްކޮށް ރަނގަޅު ނުވެ، އެ ވޭނުގައި ބައްޕަ އޮންނަތާ ހަތަރުވަނަ ދުވަހުގެ ފަތިހު ބައްޕަ ނިޔާވިއެވެ. އަހަރެންގެ ހާޒިރުގައެވެ. ވަރަށް ދެރަވިއެވެ. ބައްޕައެއްގެ އިތުރުން އަހަރެންގެ އެންމެ ގާތް އެކުވެރިޔާ ވަކިވީތީއެވެ. ބައްޕަ ބުނަން އުޅުނު ވާހަކަ ނުބުނެވި ވަކިވީތީއެވެ. ބައްޕަގެ ބޮލުގައި ތުހުމަތެއްއެޅުވި ބައްޕައަށް މާފުނުކުރެވެނީސް ވަކިވީތީއެވެ. ހަމައެއާއެކު އުފާ ވެސް ވިއެވެ. ލިބެމުންދިޔަ އުނދަގުލާއި ހިތްދަތިކަމަށް ދާއިމީ ލުޔެއް ބައްޕައަށް ލިބުނީތީއެވެ. ބިރު ވެސް ގަތެވެ. އަހްސަންގެ ފަރާތުން ދެން ފެންނާނެ ކުލަވަރު އިހުސާސްކޮށްލަން ވެސް އަހަންނަށް ނޭނގޭތީއެވެ. ފަހަކަށްއައިސް ބައްޕަ އުޅުނީ ވަރަށް މަޑުމައިތިރި ދިރިއުޅުމެކެވެ. އެކަމަކު، އާއިލާގެ ގަދަރު ހިފޭއްޓުމާއި، އުސޫލުތައް ދެމެހެއްޓުމުގައި އެންމެ ފިޔަވަޅެއް ވެސް ބައްޕަ ފަހަތަކަށް ނުޖެހެއެވެ. އަހްސަންގެ މިނިވަންކަމާއި، ނުލަފާކަން ވަކި އިމެއްތެރޭގައި ހައްޔަރުވެފައިއޮތީ އެހެންވެއެވެ. އެ ކަސްތަޅުތަކުން އަހްސަން މިނިވަންވީއެވެ. އަހަންނަށް ކަށަވަރުވިކަމަކީ އެ މިނިވަންކަމުގެ ބޭނުން އަހްސަން ހިފާނެކަމެެވެ.

ބައްޕަ ވަޅުލަން ހަމަޖެހިފައިއޮތީ މެންދުރު ނަމާދަށް ފަހުއެވެ. މޫނުދައްކަން ގޭގައި ބައްޕަ ބާއްވައިފައި އޮތްއިރު އިރުއިރުކޮޅާ ބައްޕަގެ މޫނުދެކިލަން އަހަރެންނަށް ދެވެއެވެ. ކޮންމެ ފަހަރަކު ބައްޕަގެ މޫނަށް ބަލަހައްޓައިގެން އެތައް އިރަކު އަހަރެންނަށް ހުރެވެއެވެ. ބައްޕަ ދީފައިވާ އެއް ނަސޭހަތް އަހަރެންގެ ކަންފަތުގައި ގުގުމަމުންދިޔައެވެ.

“ދަރިފުޅާއެވެ. ބައްޕައަށް ކަންތައް ކުރެވުނީ އެންމެ ރަނގަޅަކަށް ނޫނެވެ. ކައިވެނި ހަމަޖެއްސުމުގެ ކުރިން ދަރިފުޅު ގާތުގައި އަހައިލެވުނު ނަމަ ކިހައި ރަނގަޅުވީސް ހެއްޔެވެ؟ އެހެންވިޔަސް ދަރިފުޅު ހަނދާންބަހައްޓައްޗެވެ. ތިޔައީ މީހެއްގެ އަންބެކެވެ. އާއިލާގެ އަގުވެއްޓޭ ކަހަލަ ކަމެއް ނުކުރައްޗެވެ. އަމިއްލައަށް އެދިގެން ވަރި ވެސް ނުވައްޗެވެ.” ބައްޕަ ބުނެފައި ވެއެވެ.

ބައްޕަގެ މޫނަށް ބަލަހައްޓައިގެން ހުރިއިރު އަހަރެންގެ ހިތަށްއެރިއެވެ. ތަކުރާރުކޮށް ބުނަންއުޅެ ބައްޕައަށް ނުބުނެވުނު ވާހަކައަކީ ވެސް އެއީ ހެއްޔެވެ؟ ހިތާހިތުން އަހަންނަށް ބުނެވުނެވެ. ބައްޕާއެވެ. ތިޔަކުރީ ކޮން ކަހަލަ ވަސިއްޔަތެއް ހެއްޔެވެ؟ އަހްސަނާ އެކުގައި އަހަރެން އުޅޭނީ ކިހިނެއް ހެއްޔެވެ؟ ރާޝިދު ދޫކޮށްލާނީ ކިހިނެއް ހެއްޔެވެ؟ ކިޔަމަންތެރި ދަރިޔަކަށްވުމުން އަހަންނަށް މި ކުރިމަތިވީ ކޮން ފަދަ ބޮޑު އިމްތިހާނެއް ހެއްޔެވެ؟ ފާސްނުވެދާނެކަމުގެ ބިރު މިހާރު ވެސް އަހަރެންގެ ހިތުގައި ވަކިހިއްޕައިލައިފިއެވެ.

ބައްޕަގެ ސަންދޯކާ އެކުގައި ސަހަރާގެ ދޮރާ ހަމައަށް ވިޔަސް ދާނެ ހިތްވަރެއް އަހަންނަކަށް ނުލިބުނެވެ. ސަންދޯއް ނެރުމުން އަހަރެން ކޮޓަރިއަށް ވަދެ، ހިތްފުރެންދެން ރުއީއެވެ. މީހުން ބުނެއެވެ. ރުއިމަކީ ބޭކާރުކަމެކެވެ. ނޫނެކެވެ. ރުއިމަކީ ހިތަށް ލިބޭ ފަރުވާއެކެވެ. ހިތްދަތިކަން ކުޑަވާކަމެކެވެ. އަހްސަން ސަހަރާއަށް ދިޔަކަމެއް އަހަންނަކަށް ނޭނގެއެވެ. ރޯންއިންދައި އަހްސަން އައިސް ކޮޓަރިއަށް ވަނެވެ. އޭނަގެ މޫނުމަތިން ހިތާމައިގެ އެއްވެސް އަސަރެއް އަހަންނަކަށް ނުފެނެއެވެ. އަހަންނަށް ފެނުނީ ކިބުރުވެރިކަމެވެ. ހީވާ ކަހަލައެވެ. އަހްސަނަށް ކާމިޔާބުވެއްޖެއެވެ. މަގު އަމާންވެއްޖެއެވެ. ހިތުގައި ކުޑަ ނަމަވެސް ރަހުމެއް އޮތް ފިރިޔަކު ނަމަ އެ ވަގުތު އަހަރެންގެ ހިތާމައިގައި ބައިވެރިވީހެވެ. ކުޑަމިނުން އަހަންނަށް ހިތްވަރެއްދިނީހެވެ. ކަންދައްކަން ނަމަވެސްވެހެވެ.

“ލައްކަ ރުއިންތައް ރޮއިހޭރެވިއްޖެއްނު!” ރަހުމުކުޑަ ރާގެއްގައި އަހްސަން ބުންޏެވެ. “ފިރިމީހާއަށް ކާންހަދަން އާދޭ!”

ނަސީބަކުން އެ އަޑުއިވޭ ހިސާބަކު އެކަކު ވެސް ނެތެވެ. އަހްސަނަށް ފެންފޮދެއް ވިޔަސް ދޭކަށް އަހަރެން ބޭނުމެއް ނޫނެވެ. އެހެނަސް ކަރުނަ ފުހެލައިފައި އެނދުން ތެދުވީމެވެ. ލޯތްބަކުން ނޫނެވެ. ބައްޕަގެ ވަސިއްޔަތް ފުއްދުމަށް ޓަކައެވެ. އަހަރެން ހިނގައިގަތީ، ކުރިޔަށް ފިޔަވަޅެއްނާޅަން އަހަރެންގެ ހިއްސުތައް އަމުރުކުރަމުންދަނިކޮށެވެ.

“ކަލޭގެ ފިޔަ މިހާ ހިސާބުން މި ބިނދުނީ،” އަހްސަން ވާހަކަދެއްކީ އެހެން މީހުންނަށް އިވޭނެހާ ބާރަށެވެ. “މަގޭ އަމުރާ ދެކޮޅަށް މި ގޭގަ ދެން ހިންޏަކަށް ވެސް އަތަކަށް ޖެހިލާކަށް ނުކެރޭނެ. ކަލޭ ލައްކަ މާތައްފޮޅުވައިފީމެއްނު ދޯ! މިއަދުގެ ފަހުން..”

އަހްސަން އެ ހިސާބަށް ބުނެފައި ހުއްޓުންއެރީ ކީއްވެގެންކަމެއް އަހަންނަކަށް ނޭނގުނެވެ. ތައްޓަށް ބަތްއަޅަން ހުރެފައި އަހަރެން ފަސްއެނބުރި ބަލައިލީމެވެ. މަންމަ ހުރީ ކޮޓަރީގެ ދޮރުމަތީގައެވެ. އެ ދުވަހު މަންމަގެ މޫނުމަތިން ފެނުނު ނަފުރަތަކީ ކުރިން އަހަރެންނަށް ފެނިފައިވާ މަންޒަރެއް ނޫނެވެ. އަހްސަނަށް ވުރެ ބޮޑަށް އަހަރެން ހައިރާންވިއެވެ.

“ކަލޭކަލޭއޭ ކިޔައިގެން މަގޭ ދަރިފުޅާ ދިމާލަށް އެއްޗެހިނުކިޔައްޗޭ އިނގޭ!” މަންމަގެ އަކުރުތައް މުރަނަކަމުން ކުނޑިކުނޑިވެދާނެ ކަހަލައެވެ. “މީ އަހަރުމެންގެ ގެ. އަޑުވީއްލާ މި ގޭގަ އެއްޗެއް ބުނެވޭނެ ހަމައެކަނި ބަޔަކީ އަހަރުމެން. މޫނިސާގެ ބައްޕަ ނިޔާވިޔަސް އޭނަގެ މަންމަ އަދި ސަލާމަތުން އެބަހުރި. ތީ މޫނިސާގެ ފިރިމީހާކަން އަހަންނަށް އެނގޭ. މީ މޫނިސާގެ މަންމަކަން އަހްސަން ވެސް ހަނދާންބަހައްޓާތި! ނަސޭހަތެއް ނޫން އިންޒާރެއް މިދިނީ.”

އަހަރެން ހުރީ ސޮނިވެއްޓޭވަރު ވެފައެވެ. މަންމަގެ ހަށިގަނޑުތެރެއިން ނުކުތް ސިންގާ އަހްސަންގެ ކުރިމައްޗަށް ޖެހިގެންފައި، އަޑުގައި ނެތްތަނަށް ހޭރިގަތް ކަހަލައެވެ. އަހްސަން ހުރީ ގާވެފައެވެ. ފިޔަވަޅުއަޅަންވީ ކުރިޔަށްކަމެއް ފަހަތަށްކަމެއް އެ ފަކީރަކަށް ނޭނގުނެވެ. އަހަރެން ހިތަށްއެރިއެެވެ. މިއޮތް ހުރިހާ ދުވަހަކު މަންމަގެ އެ ސިންގާ ކޮބައިހެއްޔެވެ؟ މަންމަ ކޮޓަރިއަށް ވަނުމުން ވެސް އަހްސަން އަނގައިން ބަހެއް ނުނިކުތެވެ. އެ ކަމާ އަހަރެން ކުޑަކޮށް ބިރުގަތެވެ. އަހްސަނަކީ ރަނގަޅު މީހެއް ނޫނެވެ. ކޮންމެ ފަދަ ކަމެއް ވެސް އޭނަ ކޮށްފާނެއެވެ. އަހްސަން އެއްޗެއް ނުބުނުމުން އެ ބުނެވުނީ ވަރަށް ބޮޑު އެއްޗެއްކަން އަހަންނަށް އެނގެއެވެ. އަހްސަންގެ ހިތުގައި ރޯވެފައިވާ ހިތުގިންޏަށް ފެންޖެހޭތޯ އަހަރެން އުޅުނީމެވެ.

“މަންމަ އެހެން ބުނާ އެއްޗަކަށް..” އަހަންނަށް ބުނެވުނީ އެ ހިސާބަށެވެ.

“ޝޫހ!” އަހްސަންގެ ތުންފަތުގައި ޝަހާދަތް އިނގިލި ހުރަސްކޮށްލަމުން އަހަރެން އެއްޗެއް ނުބުނުމަށް އަމުރުކުރިއެވެ. “ޝޫހ!”

ރޭގަނޑު ނުވައެއްޖަހަން އުޅެނިކޮށް ކުއްލިއަކަށް އަހަރެންގެ ބޮލުގައިރިއްސަން ފެށިއެވެ. އޭގެ ކުރިން ވެސް ދޭތެރެއަކުން އަހަރެންގެ ބޮލުގައިރިހެއެވެ. އެކަމަކު އެ ރޭ ވަމުންދިޔައީ ވަރަށް ތޫނު ތަދެކެވެ. ހީވަނީ ތޫނު އެއްޗެއް ބޮލުގެ ދެފަރާތުން ބޮލަށް ހެރޭހެންނެވެ. ބޯ ތޮރުފައިފައި އެތެރެއަށް ވަންނަހެންނެވެ. މުޅި ބޮލުގައި ގަނޑުފެން ޖެއްސުމުން ވެސް އެއްވެސް ލުޔެއް ނުލިބުނެވެ. އަހްސަން ގޭގައި އުޅެއެވެ. އެކަމަކު އަހަރެން އުޅޭ ހާލު އޭނައަށް ނުވެސް ފެންނަ ކަހަލައެވެ. އޭނަގެ ރުޅިގަނޑު އޭރު ވެސް އެއްކޮށް މައިތިރިނުވެއެވެ. ކުދިން އެއްކަމެއް ކޮށްދީފައި އަނެއްކަމެއް ކޮށްދީފައި އުޅުނެވެ.

“އަހްސަން!” ކުކުރަމުން އަހަރެން ބުނީމެވެ. “ދޭބަލަ މަންމައަށް ގޮވާ..”

“ޝޫހ!” އަމުރުވެރި ރާގެއްގައި އަހްސަން ބުންޏެވެ. “އަހަންނަކީ މި ގޭ މީހެއް ނޫނެއްނު. ކޮބާ މި ގޭ މީހުން؟”

އަހްސަން ބޭނުންވީ ދަރިން ކުރިމަތީގައި އަހަރެން ކުޑަކޮށްލާށެވެ. އެ ކަމާ ކުރިމަތިލާހާ ހިތްވަރެއް އެ ވަގުތަކު އަހަރެންގެ ހަށިގަނޑަކު ނެތެވެ. ހޮޑު ހުރީ ލަގޮނޑިޔާ ހަމައިގައެވެ. ތަންތަން އެނބުރެން ފެށިއެވެ. ކަންފަތަށް ޒާތެއްގެ ތޫލި އަޑެއްއެރިއެވެ. ދެން ވީގޮތެއް އަހަންނަކަށް ނޭނގުނެވެ. އެއްފަހަރަކު ލޯ ހުޅުވުނުއިރު މަންމަ އިނީ އަހަރެންގެ ބޯމޮޑެދޭށެވެ. ކުސެންސް ކޯލާވާޓަރު ވަސް ވަރަށް ގަދަޔަށް ދުވިއެވެ. އޭރު ބޮލުގެރިހުން ވަރަށް ކުޑަކަން ވެސް ފާހަގަވިއެވެ. ދެން އަނެއްކާ ނިދުނީއެވެ.

ހެނދުނު ހޭލެވުނުއިރު ވެސް ކުޑަކޮށް ބޮލުގައި ރިހުމެއް ހުންނަހެން ހީވެއެވެ. އެއްކޮށް ލުއިވަނީ ހަވީރު ވަގުތަށެވެ. ރިހުން އެންމެ ބޮޑުވަނީ ހެނދުނެވެ. ނުވަތަ މެންދުރު އެންމެ އަވިގަދަވާ ވަގުތުއެވެ. ބައްޕަ މަރުބައްޔާ ކުރިމަތިލާން ޖެހުނު ގޮތާ ބެހޭ ގޮތުން ވިސްނި މީހަކު ނެތެވެ. ވަޅިހަރައިފައިހުރި ސޫރައާ ބެހޭ އެއްވެސް ވާހަކައެއް އެކަކު ވެސް ނުދައްކައެވެ. އެ ކަން ވެސް އޮބުނީއެވެ. މައްސަލައަކީ އަހަރެން މޮޔަ ވިސްނުމެވެ. ނުވަތަ އެހެން ސަބަބެއް ވެސް އޮވެދާނެއެވެ. ކަމަކާ އުޅޭނެ ހިތްވަރު އަހަރެންގެ ނުހުންނަނީއެވެ. އަބަދުވެސް އުޅެވެނީ ބޮލަށް ލުޔެއް ނުލިބިގެންނެވެ. ރާޝިދުމަތިން ވެސް ހުންނަނީ ފާޑެއްގެ ފޫއްސެއްވެފައެވެ. އެ ފަދަ ދުވަހެއް އަތުވެދާނެކަމަކަށް ދުވަހަކު ވެސް އަހަރެން ހިޔެއްނުކުރަމެވެ.

އެއްދުވަހަކު ކުއްލިއަކަށް އަހްސަންގެ ހިތަށް ރަހުމްވަދެއްޖެއެވެ. އޭނަގެ ރުޅިގަނޑު ކުއްލިއަކަށް މައިތިރިވިއެވެ. ގުލްކޯޒު އަޅައިގެން އަހަންނަށް ކުރުނބާ ގެނެސްދޭން ފެށިއެވެ. އެކަމަކު އެއްފަހަރު ވެސް ކުރުނބައެއް ނުފެނެއެވެ. ކުރުނބާ ފަނި ގެންނަނީ ރެޑްމޭން ޖޫސް ހުސްކުރި ފުޅިއަކަށް އަޅައިގެންނެވެ. ފުލުފުލުގައި ދެ ތަށި ވެސް އަހަންނަށް ބޯލެވެއެވެ. ބޯލާ ވަގުތު ލުއިވެއެވެ. ގަޑިއެއްހާއިރު ފަހުން އަނެއްކާ ރިހުން ގަދަވެއެވެ. ޑަކުޓަރު ގެންނަން އަހަރެން އެދުމުން އެ ކަން ވެސް އަހްސަން ކޮށްދިނެވެ. އެކަމަކު ބޮލުގަރިއްސަންޖެހޭ ވަކި ސަބަބެއް ޑަކުޓަރަކަށް ނޭނގުނެވެ.

އަހަންނާއި މަންމައަށް ވެސް ހީކުރެވުނީ އަހްސަނަށް ރަނގަޅު ބަދަލުތަކެއް އައީކަމަށެވެ. ކޮންމެ މީހަކަށް ވެސް ބަދަލެއް އަތުވެދާނެއެވެ. އެއީ ގަބޫލުކުރަންޖެހޭ ހަގީގަތެކެވެ. އެ ކަން ގަބޫލުނުކުރެވުނީ ނާސިހާއަށެވެ. އަހަރެން ގާތުގައި އެ ވާހަކަދައްކަން ނާސިހާއަށް ފުރުސަތެއް ލިބުނީ އެތައް ދުވަހެއް ފަހުންނެވެ.

“މަ ހަމަ އަންތަރީސްވެއްޖެ!” އަހަރެންގެ ބޯމޮޑެދެމުން ނާސިހާ ބުންޏެވެ.

“ކޮންކަމަކާ؟” އަހަރެން ސުވާލުކުރީމެވެ.

“ކޮންކަމަކާހޭ؟” ނާސިހާ ހައިރާންވެފައި ބުންޏެވެ. “ތި ދެމައިންނަކަށް ނުވިސްނޭތަ ޅޮސްއުނދޯއްޔަކަށް އަރުވާފަތިބިކަމެއް؟ މައްސަލައެއް ނެތް. މޫނިއަށް ކުރުނބާފަނި ގެނެސްދެނީ މޫނި ބަލިވީމަ! މޫނި މަންމައަށް ވެސް ކުރުނބާ ގެންނަކަން އެނގޭތަ؟”

އަހަރެންގެ މޮޔަ ސިކުނޑިއަށް ދެން ވެސް ވިސްނޭގޮތެއް ނުވިއެވެ. ލޯމައްޗަށް ވެއްޓިފައިވާ ފަރުދާ ނެގޭކަށް ނޫޅުނެވެ. އަހްސަން އެންމެ ރަނގަޅަށް އެނގެންޖެހޭނީ އަހަންނަށެވެ.

“އެހެންތަ! މަންމައަށް ވެސް ކުރުނބާ ގެނޭ؟” އަހަރެން ބުނީމެވެ. “އަހްސަން ހާދަ ބަދަލުވެއްޖޭ ދޯ؟”

“ބަނޑުހަންގަނޑު!” ނާސިހާ ބުންޏެވެ. “މޫނިއަށް ކިހިނެއްވެފަތަ ތިހިރީ؟ އަހަންނަކަށް ނޭނގެ މޫނިއަށް ތި ގެނެސްދޭ ކުރުނބާފަނި ފުޅިޔަށް އަހްސަން ކީއްކަމެއް ކޮށްފަ ހުންނަނީ. މޫނި މަންމައަށް ކުރީ ދުވަހަކު އަހްސަން ގެނައީ އޮތްގޮތަށް އޮތް ކުރުނބައެއް. ކުރުނބާގެ މަތިކަނޑާފަ ޖަގަށް ފެންއެޅީ ވެސް އަހްސަން. އަހަންނަށް ބަދިގެއަށް ވަދެވުނުއިރު ބާކީ ސާމާނު ހުރީ އުކާލަންވެގެން ކޮތަޅަކަށް އަޅާފަ. މަ ހިތަށްއެރީ މިރި ހުރިތޯ ބަލައިލާނަމޭ. ކޮތަޅު ހުޅުވައިފަ ބަލައިލިއިރު މުޅި ކުރުނބާގަ ހުރީ ފަންޑިތަ ލިޔެފަ.”

ނުނިމޭSource link

Leave a Reply

Related Articles