• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ވާހަކަ ⁄ ދެކޭހިތްވޭ ނިކަން

ދެކޭހިތްވޭ ނިކަން


އާދިއްތަ ދުވަހާ ގުޅޭ

“ރާޝިދަށް!” އަހަރެން އެ ފަހަރު ވެސް ބުނީ ތެދަށެވެ.

ބުނާނެ އެއްޗެއް ނޭނގިފައި އަހްސަން އިރުކޮޅަކު ހުއްޓެވެ. ހީވާ ކަހަލައެވެ. އަހަރެން ބުނި އެއްޗެއް އަހްސަނަށް އިވުނީ ރަނގަޅަކަށް ނޫނެވެ. އަހްސަން ދެ ފިޔަވަޅެއް ކުރިޔަށްއަޅައި އަހަންނާ ތަންކޮޅެއް ގާތަށްޖެހިލިއެވެ.

“ކީކޭ؟ އަދި އެއްފަހަރު ބުނެބަލަ!” އަހްސަން ބުންޏެވެ.

“އަހަރެން ބުނީ ރާޝިދަށޭ އަހަރެން ގުޅައިގެން އިނީ،” ދެން ވާނެގޮތެއް ނޭނގޭ ހާލުގައި އަހަރެން ބުނީމެވެ. “ރާޝިދާ ވާހަކަދައްކާތާ މިހާރު ކިތަންމެ ރެޔެއް.”

އަހަރެންގެ މޫނުމަތީގައި ޖަހަންވެގެން އަހްސަން އަތް މަޅައިލުމާއެކު އަހަންނަށް ދެއަތް ހުރަސްކޮށްލެވުނެވެ. އަދި ލޯމަރައިލެވުނެވެ. ޖަހާކަށް އަހްސަނަކަށް ނުކެރުނެވެ. އެކަމަކު ރަނގަޅުވީހީ ޖެހި ނަމައެވެ. އޭރުން ވަރިވާނެ ހިތްވަރު އަހަންނަށް ލިބުނީހެވެ. ސަބަބެއް ދެއްކުނީހެވެ. ރާޝިދަށް ކޮންމެވެސް އުންމީދެއް ދެވުނީހެވެ.

“ރާޝިދަށޭ؟” ދެ ލޯ ބޮޑުކޮށްލައިފައި އަހްސަން ބުންޏެވެ. “ލަދެއް ވެސް ނުގަނޭތަ ތިހެން ބުނަން؟”

“ތެދަށް ބުނަން ކޮން ލަދެއްގަންނާކަށް،” އަހަރެން ވަރަށް ހަމަޖެހިލައިފައި މަޑުމަޑުން ބުނީމެވެ. “އަހަންނަކީ އަހްސަނެއް ނޫނޭ އޮޅުވައިލައިގެން ކަންކަންކުރާކަށް.”

އަހަރެން އެހެން ބުނީ ކީއްވެގެންތޯއެއް އަހްސަން ނާހައެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ ކުށެއްނުކުރާ މީހެއްގެ ބޮލުގައި އެ ވަރުގެ ތުހުމަތެއްއަޅުވައިފިއްޔާ އެ މީހެއްގެ ހިތުގައި ސުވާލެއް ނުއުފެދޭނެ ހެއްޔެވެ؟ އިތުރު ތަފުސީލު ބޭނުމެއްނުވާނެ ހެއްޔެވެ؟ އަހްސަން ފޯނު ދަމައިގަތްގަތީނުން ނަރު ބުރިވިއެވެ. ފޯނުގެ އަތްގަނޑު ވިއްސައިގެންދިޔަގޮތުން ތަނެއްގައި ޖެހިފައި ކޮންމެވެސް ތަނެއް ނައްޓައިގެންދިޔަ އަޑު ކަހަލަ އަޑެއްއިވުނެވެ.

“ދެން ފޯނުގަ އަތްލައިފިއްޔާ ނިމުނީ!” ރުޅިއައިސްފައި އަހްސަން ބުންޏެވެ. “އަހަންނަށް ވަގަށް ހިލޭ ފިރިހެނުންނާ ވާހަކަދައްކަން މޫނިއަށް ކެރުނީތީ މަ ހަމަ އަޖައިބުވެއްޖެ!”

“ވަގަށޭ؟” އަހަރެން ބުނީމެވެ. “އަހްސަން އެހީމަ މި ބުނީނު ރާޝިދާއޭ ވާހަކަދެއްކީ. ކިތަންމެ ރެޔަކު ވާހަކަދައްކައިފީމޭ ވެސް ބުނެފީމެއްނު. ކޮންކަމެއް އަހަރެން ވަގަށްކުރީ؟ ރާޝިދުގެ ސިޓީ ލިބުނު ވާހަކަ ވެސް ބުނިން.”

“ކާކު ސިޓީ ގެނެސްދިނީ؟” އަހްސަން އެހިއެވެ.

އަހަރެން ޖަވާބެއްނުދެމެވެ. އަހަރެންގެ ސަބަބުން ރާޝިދަށް ގެއިން ނުކުންނަން ޖެހިއްޖެއެވެ. ނާސިހާއަކީ ހާލުގައިޖެހިފައިވާ ކުއްޖެކެވެ. އޭނަ ގެއިން ނެރެލަން އަހްސަނަށް ފުރުސަތެއް ނުދެވޭނެއެވެ.

“އަހަންނަށް ގޭގަ ނޫޅެވޭތީ އޭގެ ފައިދާ ތި ނަގަނީދޯ؟” އަހްސަން ބުންޏެވެ. “މޫނި ތި ހީކުރަނީ އަނބިދަށުވެގެން އަހަރެން ގޭގައިންނާނެކަމަށް؟ ހާދަހާ ކަޓު ވިސްނުމެކޭ ތި ގެންގުޅެނީ. މޫނި ދެން ރާޝިދާ ވާހަކަދައްކައިފިއްޔާ މަގޭ އަތުން ބޮނޑިއެއްބޯނެ.”

“އަހަރެން މަރުނުވެ ދުނިޔޭގަ ހުރެއްޖެއްޔާ އަދިވެސް ވާހަކަދައްކާނަން،” ވަރަށް ސާފުކޮށް އަހަރެން ބުނީމެވެ. “އަހްސަން އަހަރެން މަރާލާ! ނިމުނީނު!”

“ވަރަށް މަރުވާހިތްވޭތަ؟” އަހަރެންގެ މޫނަށް ނޭވާއެޅޭހާ ގާތްވެލައިފައި އަހްސަން ބުންޏެވެ. “މިރެޔަށްފަހު ވަކި މީހަކަށް ނޫން، އެއްވެސް މީހަކަށް ފޯނުކުރުން މޫނިއަށް މަނާ!”

އަހަރެން އިތުރު އެއްޗެއް ނުބުނަމެވެ. ބުނެވޭނީ ކޯޗެއް ހެއްޔެވެ؟ އަހްސަނާ ހިފައިގަނެގެން އަހަރެން މޮޅެއްނުވާނެއެވެ. ގަދަކަމުން އަހްސަނު އަތުން ފޯނު އަތުލުމަކީ ވެސް އަހަންނަށް ކުރެވޭނެކަމެއް ނޫނެވެ. އަހަންނާ ދިމާއަށް އަހްސަން ވަރަށް ގިނަ އެއްޗެހިކިއެވެ. ހަޑި އެއްޗެހި ވެސް ކިއެވެ. އަހަރެން ކިޔަމަންތެރިކަމާ އެކުގައި އަޑުއެހީއެވެ. ކިޔާނެ އެއްޗެއް ކިޔައިފައި، ފޯނު ގެންގޮސް އަލަމާރިއަށް ލައިފައި އަހްސަން ދިޔައެވެ. ވިސްނާލަން އިރުކޮޅަކު އިނދެފައި އަހަރެން ނަމާދަށްއެރީމެވެ. ދެ ރަކުއަތް ނަމާދެއްކޮށް ނިންމައިލިއިރު އަހަރެންގެ ހިތަށް ފިނިކަން ލިބިއްޖެއެވެ. ދެން ކަންތައްކުރަންވީ ގޮތް ވިސްނިއްޖެއެވެ. ނުވިސްނުނީ ފިރިހެނުންގެ ވައްތަރެވެ. އެކަކީ އަހްސަނެވެ. އޮޅުވައިލައިގެން އަހަންނާ ކައިވެނިކޮށް ދަރިން ލިބުނުއިރު ވެސް އަހަރެންދެކެ ލޯބިނުވާ ފިރިމީހާއެވެ. އަނެކަކީ ރާޝިދެވެ. އަހަރެން ލިބޭނެކަމުގެ އެއްވެސް އުންމީދެއް ނެތަސް އިންތިހާއަށް އަހަރެންދެކެ ލޯބިވާ ފުރަމިތުރެވެ. އެކަކު ހިނގި މަގަކާ ޖެހިގެން އޮންނަ މަގުން ވެސް އަނެކަކަށް ނުހިނގޭހާ ތަފާތު ދެ މީހުންނެވެ.

ޖެހިގެންއައި ދުވަހު، އަނެއްކާ ވެސް ގެއަށް އަލަށް މީހަކު އައެވެ. އެއީ ކެންދޫ މީހެކެވެ. އޭނަގެ ނަމަކީ ވާފިރެވެ. ގޭގައި ތިބި އެހެން ކުދިންނާ އަޅާބަލާއިރު ވާފިރުގެ އުމުރުން ދޮށްޓެވެ. ވާފިރު ގެއަށް އައީ ކީއްކުރަންކަމެއް އަހަންނަކަށް ނޭނގެއެވެ. އޭނަ ބައްޔެއް ނޫނެވެ. ތަނަކަށް ކިޔަވަން ވަންނަ ވާހަކައެއް ނުވަތަ ވަޒީފާގެ ވާހަކައެއް ނުދެކެވެއެވެ. އަހަންނަށް އެނގޭކަމަކީ ވާފިރު ގެނައީ އަހްސަންކަމެވެ. އަހްސަން ގެއަށް އަތުވެއްޖެއްޔާ ވާފިރާ ދެ މީހުންގެ ދެމެދުގައި ސިއްރު، އޮލަ ވާހަކަތަކެއް ދެކެވެއެވެ. އަހަންނަށް ޝައްކުކުރެވުނު ގޮތުގައި ވާފިރުގެ ވަޒީފާއަކީ އަހަންނަށް ފާރަލުމެވެ.

ގެއަށް އައި ފުރަތަމަ ދުވަހު ވާފިރުގެ ފަރާތުން އަހަންނަށް ކަމެއް ފާހަގަވިއެވެ. އަހަރެން ކޮޓަރިން ނުކުމެއްޖެއްޔާ ވާފިރު އިންނަނީ އަހަރެން ފެންނަ ހިސާބެއްގައެވެ. ފޮތެއްކިޔާކަމަށް ހެދިގެންނެވެ. ރޭޑިޔޯ އަޑުއަހަން ވެސް އިނދެދާނެއެވެ. އަހަރެން ކޮޓަރިއަށް ވަންނައިރަށް ވާފިރު ވެސް އޭނަގެ ކޮޓަރިއަށް ވަދެއެވެ. ދުވަހަކު ވެސް އަހަންނާ އަނގަޔަކުން ނުބުނެއެވެ. އަހްސަން ހީކުރަނީ އަހަންނަކީ ގަމާރެއް ކަމަށެވެ. ބުއްދިއަކީ ހަމައެކަނި އަހްސަނަށް ދެއްވި އެއްޗެއްކަމަށެވެ. ވާފިރަކީ އަހަރެންގެ ބޯކޮޅުބަލަން ގެނެވުނު މީހެއްކަން އަހަންނަށް ކަށަވަރުވިއެވެ. އެކަމަކު އަހަންނަށް ފާރަލައިދޭނެ ކުދިން ގޭގައި މާ ގިނަވާނެކަމެއް އަހްސަނަކަށް ނުވިސްނެއެވެ. އަހްސަން ގާތުގައި ވާފިރު ދައްކާ ވާހަކަތައް ސިއްރު އަޑުއަހައިގެން އަހަންނާ ހަމައަށް ގެނެސްދިނީ ނާސިހާއެވެ. ހަގީގަތުގައި ވާފިރަށް ފެންނަނީ ވާފިރަށް ދައްކަން އަހަރެން ކުޅޭ ތަމްސީލެކެވެ. ފަޅޯ މަންޒަރުތަކެކެވެ.

ރޭގަނޑު ރާޝިދު ގުޅަން ބުނެފައިއޮތް ވަގުތު ކައިރިވަމުން އައިއިރު އަހަރެން ހުރީ ކޮޓަރީގައި ދެކޮޅަށް ހިނގައިލަހިނގައިލައެވެ. ރާޝިދު ގުޅާނެއެވެ. އެއީ ޔަގީންކަމެކެވެ. ކަންތައް ހިނގައިދިޔަގޮތެއް ރާޝިދަކަށް ނޭނގޭނެއެވެ. އަންގާކަށް ބޭނުމެއް ވެސް ނޫނެވެ. ވަރަށް ގިނައިރު ވިސްނުމަށްފަހު އަހަރެން ކޮޓަރި ތަޅުލީމެވެ. ފޯނަށް ގުޅާ ނަރުގެ ދާފަރާތް ވަޅިޔަކުން ކަހައިލައިފައި ދެ ނަރު ގުޅައިލީމެވެ. ނެއްޓިފައިހުރި އިސްކުރުތަކުން ފެނުނު އިސްކުރުތައް ޖަހައި ފޯނު ރާވައިލީމެވެ. އެއީ އަހަރެން ކޮށްއުޅޭ ކަންތަކެވެ. ފޯނުގެ އަތްގަނޑު ކަންފަތުގައި ޖައްސައިލިއިރު، ނަސީބަކުން ފޯނު ހަލާކެއް ނުވެއެވެ. ކެތްތެރިކަމާއެކު ރާޝިދުގެ ކޯލަށް އަހަރެން އިންތިޒާރުކުރަން ފެށީމެވެ. އަހަންނަށް ލިބުނު މޮޅަކީ އަހްސަން އެ ފޯނަށް ނުގުޅާނެކަމުގެ ޔަގީންކަމެވެ. ފޯނުގެ ނަރު ކަނޑައިލައިފައިހުރުމުން ފޯނުކުރޭތޯ އަހަންނަށް ފާރަލުމުގެ ބޭނުމެއް އަހްސަނަކަށް ނޯންނާނެއެވެ. އަހަރެން އޭގެ ފައިދާނެގީމެވެ. ރާޝިދު ބުނި ގަޑިއަށް އޭނަ ގުޅިއެވެ. އަހަރެން ވާހަކަ ވެސް ދެއްކީމެވެ. އެކަމަކު ފޯނަށް އިރުއިރުކޮޅާ އަޑުތަކެއްއަރާތީ ރާޝިދަށް އޭގެ ހަގީގަތް ކިޔައިނުދީ ފަރެއްނުޖެހުނެވެ.

“ޔާރައްބީ!” ކަންބޮޑުވެފައި ރާޝިދު ބުންޏެވެ. “ތިކަން އެނގުނު ނަމަ އަަހަރެން ނުގުޅީމުހޭ. އޭނައަށް އެނގިއްޖެއްޔާ މޫނިއަށް އަނިޔާ ވެސް ކޮށްފާނެއްނު!”

“ރާޝިދު ނުގުޅީމަ ލިބޭ އަނިޔާ މާ ބޮޑުވާނެ،” އަހަރެން ބުނީމެވެ. “އަހަރެން ބިރުނުގަންނައިރު ރާޝިދު ކޮން ބިރެއްގަންނާކަށް. އަހަންނަށް ހިތްވަރުދީބަލަ! ތީ އަހަރެން ހާދަ ލޯބިވާ މީހެކޭ. ރާޝިދާ ދިމާނުވި ނަމަ ނޭނގެ މިހާރު އަހަރެން ކޮން ހާލެއްގަ ކަމެއް ވެސް އުޅޭނީ. ސަހަރާގަކަން ނޭނގެ އަހަރެން އޮންނާނީ.”

“ކީއްވެ އަހަރެންދެކެ ތިހާ ލޯބިވަނީ؟” ރާޝިދު އެހިއެވެ. “އަހަރެންމީ މޫނިގެ ކާކު؟ ފިރިމީހާއެއް ނޫން. ކުދިންގެ ބައްޕައެއް ނޫން. އިހަށް ދުވަހަކު ދިޔަ ރަށަކުން ދިމާވި ފާޑެއްގެ މީހެއް. މާދަންކަން ނޭނގެ އަހަރެން މީހަކާ އިންނާނީ. ދެން މޫނި ކިހިނެއްހަދާނީ؟ އެންމެ ދެތިން ސިކުންތުގެ ހަނދާނެއްނު ރައްކާކުރެވިފައޮތީ. އަހަރެންގެ ހަނދާނުގަ ނުކައިނުބޮއި މޫނި މުޅި އުމުރުދުއްވާލާނީތަ؟ ނޫނީ ނިތްކުރިމަތީގަ އަތްބާއްވައިލައިގެން ރާޝިދު، ރާޝިދު ކިޔަން ހަތަރުދަމު ހޭލާއޮންނާނީ؟”

“ލޯބި ކިޔަނީ އެޔަށޭ މޮޔަޔާ!” އަހަރެން ބުނީމެވެ. “އަހަރެން އުމުރުގެ ބާކީއޮތް ހުރިހާ ދުވަހަކަށް، ތި ބުނި އެންމެ ދެތިން ސިކުންތުގެ ހަނދާން ފުދިފަ ބާކީ ވެސް ވާނެ.”

ރާޝިދަށް ނޭނގެނީއެވެ. ހަނދުވަރުން މަހުރޫމުވެފައިވާ ބަގީޗާއަކުން ހިތަށް ލިބޭނެ އުފަލެއް ނެތެވެ. ލޯބިން މަހުރޫމުވެފައިވާ ކައިވެންޏަކުން ހަޔާތަށް ލިބޭނެ ދިރުމެއް ވެސް ނެތެވެ. މާތައް ފޮޅޭނެއެވެ. ދަރިންލިބޭ ފަދައިންނެވެ. އެހެނަސް ހަނދުވަރަށް ކުރާ އިންތިޒާރަށް ދުވަހަކު ވެސް ނިމުމެއް ނާންނާނެއެވެ. ކޮންމެ ރެޔަކު ވެސް އަހަރުމެން ވާހަކަދައްކައި ނިންމައިފައި ފޯނު އަލުން އަލަމާރިޔަށް ލަމެވެ. އަހަރެން ފޯނު ބަހައްޓަނީ އަހްސަން އެންމެ ފުރަތަމަ ފަހަރު ފޯނު ބެހެއްޓި ތަނުގައި، ބެހެއްޓި ދިމާއަށް އަނބުރައިފައެވެ. ފަސޭހަކަމެއް ނޫނެވެ. އެކަމަކު އެހެން ގޮތެއް ނެތެވެ. އަހްސަން ގެއަށް އައިސް ބަލާކަން އަހަންނަށް އެނގެއެވެ. އަހަރެން ދެނަހުރިކަމަކަށް ނަހަދަމެވެ. ކޮންމެވެސް ވަރަކަށް އަހްސަނަށް ޝައްކުވާހެން އަހަންނަށް ހީވެއެވެ. ރާޝިދާ ވާހަކަނުދެއްކޭ ނަމަ އަހަރެންގެ މިޒާޖަށް ބަދަލުތަކެއް އަންނާނެކަން އަހްސަނަށް އެނގޭނެއެވެ. އަހަރެން ހުންނަނީ ވަރަށް ހަމަޖެހިފައެވެ. ޝަކުވާއެއް ނުކުރަމެވެ. ފޯނު ގުޅައިދޭކަށް ނުބުނަމެވެ. ސަބަބަކީ ކޮބައިކަމެއް އަހްސަނަކަށް ނޭނގެއެވެ.

“އެނގޭތަ މިއަދު ވާފިރާ އަހްސަން ދެއްކި ވާހަކައެއް؟” އެއްދުވަހަކު ނާސިހާ ބުންޏެވެ. “އަހްސަން ބުނަނީ ފޯނަކުން މިހާރަކު މޫނިއަކަށް ވާހަކައެއް ނުދެއްކޭނޭ. ރާޝިދާ މޫނިޔާ ދެމީހުން ކޮންމެވެސް ގޮތަކުން އެބަ ބައްދަލުކުރެޔޭ. ނުކުރެޔޭ ނުކުރެޔޭ ވާފިރު ބުނާއިރު ވެސް އަހްސަން ގަބޫލެއް ނުކުރޭ.”

“ދެން އަހަރެން އެ ކަހަލަ ކަމެއް ނުކުރާނެއްނު!” އަހަރެން ބުނީމެވެ. “އެކަމަކު ރާޝިދު ވަރަށް ދެކިލާހިތްވޭ!”

“ގެންނަމާ މި ގެއަށް؟” އެ ހިޔާލު އެންމެ ފުރަތަމަ ކުރި މީހާގެ ޝަރަފުލިބިގަންނަމުން ނާސިހާ ބުންޏެވެ.

އަހަރެންގެ އަތްފައި ފިނިވެގެންދިޔައެވެ. ކަމުގެ ބިރުވެރިކަމުންނެވެ.

“އޭރުންނޯ؟” އަހަރެން ބުނީމެވެ.

“ކޮބާ މައްސަލައަކީ؟” ނާސިހާ ވަރަށް ހަމަޖެހިލައިފައި ބުންޏެވެ. “މޫނިގެ ގެ. އޭނަ ގެނެސް ތި ކޮޓަރިއަކަށް ނުވައްދާނެއްނު! ފެންޑާގަ ތިބެލާފަ ދިޔައިމަ ނިމުނީ. އިރުއޮއްސޭ ގަޑީގަ ވާފިރެއް ވެސް ނޫޅޭނެ.”

ކަމެއްގެ ޝައުގުވެރިކަން މާ ބޮޑުވުމުން، ކިތަންމެ މޮޔަކަމެއް ނަމަވެސް އެ ކަން ކުރުމަށް ހިތް ވަސްވާސްދެއެވެ. އަހަރެން އެ ވަސްވާހުގައިޖެހުނެވެ. މޮޅު ރޭވުމެއް ރޭވީމެވެ. މައިންބަފައިން އަހަރެންގެ ނިތްކުރީގައި ޖަހާނީ ކޮންކަހަލަ ސިއްކައެއްކަމެއް، ދަރިން ދެކޭނީ ކިހިނެއްކަމެއް އަހަންނަކަށް ވިސްނައެއް ނުލެވުނެވެ.

ނުނިމޭSource link

Leave a Reply

Related Articles