• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ވާހަކަ ⁄ ދެކޭހިތްވޭ ނިކަން

ދެކޭހިތްވޭ ނިކަން


ބުދަ ދުވަހާ ގުޅޭ

ދިޔަ ގޮތަށް ގޮސް ބޭސްފުޅި ނަގައިފައި ތުންޖެހީމެވެ. ބޭނުންވީ ފުޅި އެއްކޮށް ބޯލާށެވެ. ކޮންމެ ގޮތެއް ވިޔަސް ވަރިހަމަކަމަށެވެ. ރާޝިދާ ވަކިން ދިރިހުރެވޭތޯ ބަލާކަށް ވެސް އަހަރެން ބޭނުމެއް ނޫނެވެ. އެ ފަދަ ކަމެއް ކުރުމުން އަހަންނާއި ރާޝިދާ ދެމެދު ލޯބީގެ ވަރުގަދަ ގުޅުމެއް އޮތްކަން އަހްސަނަށް ޔަގީންވާނެކަމާއި، އޭގެ ނަތީޖާ ހިތިވާނެ ވަރު އޭރަކު ހިތަކަށްނާރައެވެ. އަހްސަން ވަގުތުން ފުޅި ޖަހައިގަންނަން އުޅުނެވެ. އަހަރެން ދުރަށްޖެހިލީމެވެ. އަނެއްކާ ވެސް ފުޅީގައި ތުންޖެހީމެވެ. އަހްސަން ކުއްލިއަކަށް އަހަރެންގެ އަތުގައި ހިފިއެވެ. ފުޅި ނުދޭން އަހަރެން ވަރަށް ގަދަހެދީމެވެ. އެހެނަސް އަހަންނަށް ވުރެ އަހްސަންގެ ބާރު ގަދަވީމައި ވަރަށް ފަސޭހައިން އަހްސަނަށް ފުޅި އަތުލެވުނެވެ. އަލުން ފުޅި އަތުލަން އަހަރެން އުޅުނީމެވެ. ކުޑަކޮށް ވެސް އެ ކަން ކާމިޔާބުވާ ގޮތެއް ނުވިއެވެ. އަހަރެން ކަބަޑު ހުޅުވައިލައިފައި ދެވަނަ ފުޅި ނެގީމެވެ. އެއީ އާ ފުޅިއެކެވެ.

“ބޯލާނަން،” އަހަރެން އިންޒާރުދިނީމެވެ. “މި ފުޅި އަތުލައިފިއްޔާ ދެން ވެސް ހުންނާނެ އަހަންނަށް ބޮވޭނެ އެއްޗެހި. އަހަރެން މަރުވާން ބޭނުން ނޫނިއްޔާ ރާޝިދު ބަހައްޓާ!”

ދެ ޖިންސުގެ އެކި މިޒާޖުގެ ކުދިން ގޭގައި އުޅޭއިރު ލޯބީގެ މައްސަލަތައް ކުރިން ވެސް ޖެހެއެވެ. ގޭގައި އުޅޭ އެއްވެސް ދެ ކުއްޖެއްގެ ދެމެދުގައި ލޯބީގެ ގުޅުމެއް އުފެދިއްޖެކަން ބައްޕައަށް އެނގޭއިރަށް އެ ދެކުދިން ޖެހޭނީ ގެއިން ނުކުންނާށެވެ. ނަތީޖާ ނުބައިވަންދެން ބައްޕަ ކުޅިބަލާކަށް ނުހުރެއެވެ. އެކަމަކު ރާޝިދަށް އެހެންވާކަަށް އަހަރެން ނޭދެމެވެ.

“ނޯންނާނެ އެހެން ގޮތެއް،” އަހަރެން ނެގި ދެވަނަ ފުޅި ވެސް އަތުލަމުން އަހްސަން ބުންޏެވެ. “މަ އަދި ހިޔެއްނުކުރަމޭ ތިހާވަރު ވެފަހުރި ކަމަކަށް. މޫނިއަށް ހީވޭތަ ރާޝިދަށް ދެން މި ގޭގަ ހުރެވޭނެހެން؟”

“އަހްސަނަށް ހީވޭތަ ތި ފުޅި ފޮރުވިޔެކޭ ކިޔާފަ އަހަރެން ހުއްޓުވޭނެހެން؟” ފެންކަޅިވެފައި ހުރެގެން އަހަރެން ބުނީމެވެ. “އަހަރެންގެ ނޭވަޔަށް އުނދަގޫކުރާ ކޮންމެ ފަހަރަކު އަހްސަން ހުންނާނެތަ އަހަންނަށް ބޭސްދޭން؟ ތި ފުޅި ފޮރުވައިފިއްޔާ ދެން ގަންނާނީ ތިޔަށް ވުރެ ބޮޑު ފުޅިއެއް.”

އަހަންނަކީ އެއްވެސް މީހަކާ ޒުވާބުކުރާ މީހެއް ނޫނެވެ. އަހަރެންގެ ހަތިޔާރަކީ ހަނުހުރުމެވެ. އެކަމަކު، ރާޝިދުގެ ލޯބީގައި އަހަރެން މޮޔަވި ކަހަލައެވެ. އަހަރެންގެ މިޒާޖު ފެނިފައި އަހްސަން ހަމަހިމޭންވިއެވެ. އޭނަގެ ކުރިމަތީގައި އަހަންނަށް އަނގަހުޅުވައިލަން ކެރޭނެކަމަކަށް އޭނަ ހިޔެއްނުކުރެއެވެ. ލޯތްބަކީ ކިހާ ބާރުގަދަ އެއްޗެއްކަން އަހްސަނަށް އެނގޭނީ ކިހިނެއް ހެއްޔެވެ؟ އަހަރެން އިތުރު އެއްޗެއް ނުބުނަމެވެ. އެކަމަކު އަހްސަން ބޭނުންވި ކަންތައް ކުރިއެވެ. ރާޝިދު ގެއިން ނެރުނެވެ. އަހަންނަކަށް އެ ކަމެއް ނުހުއްޓުވުނެވެ. ގެއިން ނުކުުތުމުގެ ކުރިން ރާޝިދާ ސަލާން ނުކުރެވުނު ތާނގައި، ދެން ބައްދަލުވެވޭނެ ގޮތެއް ވެސް އޮތީ ހަމަނުޖެއްސިއެވެ. އަހަރެން ހީކުރީ ރާޝިދު އެ މައުލޫމާތު އަހަންނަށް ދޭނެކަމެވެ. އޭނަ ހުރި ތަނެއް، ކޮންމެވެސް ގޮތަކުން އަހަންނަށް އަންގާނެ ކަމަށެވެ.

ހަވީރުވިއެވެ. ކޮޓަރިއަކުން އަހަންނެއް ނުނިކުންނަމެވެ. ނުވެސް ކަމެވެ. އިރުއޮއްސުމުން ދުނިޔެމައްޗަށް އެރީ އަނދިރި ކުލަތަކެކެވެ. ރަތްވިލާ ދަޅަތަކާއި، ރަނުން ގިރިޓީކޮށްފައިވާ ވިލާތަކާއި، އިރުގެ ނަލަ ދޯދިތައް އެ ދުވަހަކު ނެތެވެ. ހަވީރަށް ގޮވާ ބުލްބުލްތަކާއި، ގުރާތަކާއި، ކޮވެލީގެ އަޑު ކެނޑިއްޖެއެވެ. ފޮޅުނު ހުވަނދުމާތަކާއި ފިނިފެންމަލުގައި ވަހެއް ނެތެވެ. ނުވަތަ އެއީ އަހަންނަށް ހީވިގޮތް ހެއްޔެވެ؟ ރާޝިދު ދިޔުމުން އަހަރެންގެ ދުނިޔެ އަހަންނަށް މިލީ ހެއްޔެވެ؟ އަހަރެންގެ އުފާތައް އަހަންނަށް ފިލީ ހެއްޔެވެ؟ ހަމަޖެހިލައިގެން ވިސްނައިލުމުން އަހަރެންނަށް އެއް ކަމެއް ކަށަވަރުވިއެވެ. ލޯތްބަކީ އެހެން މީހަކަށް ޓަކައި މަރުވުމެއް ނޫނެވެ. އެ މީހަކަށް ޓަކައި ދިރިހުރުމެވެ. ކޮންމެ ދުވަހަކު އޭނަމަތިން ހަނދާންކުރުމެވެ. އިންތިޒާރުކުރުމެވެ. ހިތަށްއެރިއެވެ. އަހަންނާއި ރާޝިދު ބައްދަލުވާން ތަގުދީރުގައި ލިޔެވިފައިވާ ނަމަ އެކަކަށް ވެސް ހުރަހެއްނޭޅޭނެއެވެ.

ރޭގަނޑުވިއެވެ. އެނދުގައި އޮށޯވެލައިގެން އަހަރެން އޮތީމެވެ. އަހަރެންގެ ހިތުގެ އައްސޭރިޔަށް ރާޝިދު ހަނދާންތައް ބީއްސަމުންދިޔައެވެ. ރާޅަކަށް ފަހު ރާޅެކެވެ. މާޒީގެ ރީތި ސަފުހާތައް ނިއުޅި ހުޅުވެމުންދިޔައެވެ. ސަފުހާއަކަށް ފަހު ސަފުހާއެކެވެ. ރާޝިދުގެ ހިނިތުންވުމެވެ. ބަލައިލުމެވެ. ބޮއްކުރައިގައި އަހަރުމެން ކުރި ދަތުރެވެ. ދޯނީގައި ރާޝިދު ފަލިޖަހަންއިން ވަގުތެވެ. ތާރަޖެހި ރޭ ރާޝިދު ކިއި ލަވައެވެ. އަހަރެންނަށް ރާޝިދު ކުރި ތައުރީފެވެ. އެންމެ ފަހުން ކަރުނައަށްވެ، ދެ ލޯ ފުރިގެން ހަނދާންތައް ބާލީހަށް އޮބިގެންދިޔައީއެވެ. ހިތްވަރުކޮށްފައި ތެދުވީމެވެ. ކުދިންގެ ކަންތައްތައް ހަމަޖައްސައި ކުދިން ނިދަން ބޭތިއްބީމެވެ. ކޮޓަރިން ނުކުމެ ފެންޑާގައި ހުރި އުނދޯލީގައި އިށީނދެލީމެވެ. ކޮންމެވެސް ކުއްޖެއްގެ ފަރާތުން ރާޝިދުގެ ޚަބަރެއް އަހަންނަށް ލިބިދާނެކަމުގެ އުންމީދުގައެވެ. އެހެން އިންދައި ނަސީރު ގެއަށް ވަންތަން އަހަންނަށް ފެނުނެވެ. ނަސީރަކީ ރާޝިދާއި އަހަރެންގެ ގުޅުން އަހްސަނަށް ކިޔަދިން ކުއްޖާއެވެ. އަހަރެން އުނދޯލީގައި އިންތަން ނަސީރަށް ފެނުނީ ފެންޑާއާ އަރާހަމަވި ވަގުތުއެވެ. ކޮންމެވެސް އެއްޗެއް ބުނަން ނަސީރު އުޅުނެވެ. އަހަރެން ވަގުތުން އިސްޖަހައިލީމެވެ. އަހަންނަކަށް ނަސީރު މުހިންމެއް ނޫނެވެ. އަހަރެންގެ ހިތް ތެޅިފޮޅެނީ ރާޝިދު ދެކިލާހިތުންނެވެ. ހިތަށްއެރިއެވެ. ރާޝިދު ދިޔަތަން އަހަންނަށް ބުނެދެވޭނީ ކާކަށް ހެއްޔެވެ؟ އަހަރެން އަހަންވީ ކާކު ގާތުގައި ހެއްޔެވެ؟ ގޭގައި އުޅޭ ކުދިން ވެސް ބޭރަށް ނުކުންނަނީ އިސްކޫލަށް ދާން އެކަންޏެވެ. އެހެން ހުރިހައި ވަގުތަކު ތިބެނީ ގޭގައެވެ. ވީމާ، ރާޝިދު ނުބުނެއޮތް ނަމަ ރާޝިދު ވީތަނެއް އެ ކުދިންނަކަށް ނޭނގޭނެއެވެ. އަދި ރާޝިދު ގެއިން ނުކުންނަންޖެހުނީ ކީއްވެގެންކަމެއް ވެސް އެ ކުދިންނަކަށް ނޭނގޭނެއެވެ. ހުރިހާ އެންމެންނަށް އެ ކަން އަންގާކަށް އަހަރެން ބޭނުމެއް ނޫނެވެ. މައްސަލައަކީ އެއީއެވެ. އެއްފަހަރު އެނދުގައި އަނެއްފަހަރު އުނދޯލީގައި އިނދެގެން ފިކުރުކުރަމުންދަނިކޮށް ނިދުނީ ކޮންއިރަކުކަމެއް ނޭނގެއެވެ. އަހަންނަށް ހޭލެވުނީ މީހަކު ކޮނޑުގައި ކޮއްޓައިފައި ގޮވާ އަޑަށެވެ. ލޯ ހުޅުވައިލިއިރު އަހަންނަށް އޮވެވުނީ އެނދުގައެވެ. އެނދު ކައިރީގައިހުރީ އަހްސަނެވެ. އޭރު ގަޑިން ދަންވަރު ބާރަޖަހައި އިރުކޮޅެއް ވެއްޖެއެވެ.

“މޫނި! މޫނި! ތެދުވެބަލަ!” އަހްސަން ބުންޏެވެ.

އަހްސަނަކީ ދުވަހަކު ވެސް އެ ގޮތަށް ކަންތައްކުރި މީހެއް ނޫނެވެ. އޭނަ އަންނަ ގަޑިޔަކު އައިސް އޭނަ ނިދާނީއެވެ. އަހަންނަކަށް ނުގޮވާނެއެވެ. ގިނައިން އަންނާނީ ހެނދުނުއެވެ.

“ކިހިނެއްވީ؟” ލޯހުޅުވައިލައިފައި އަހަރެން އެހީމެވެ.

“ތެދުވެބަލަ!” އަނެއްކާ ވެސް އަހްސަން ބުންޏެވެ.

އަހަރެން ތެދުވެ އެނދުގައި އިށީނދެލީމެވެ. އަހްސަން ހުރީ ކޮޅަށެވެ. އޭނަ ހުރީ ކޮންމެވެސް ކަމަކާ ހިތްހަމަނުޖެހިފައެވެ.

“ކުރި ކަންތައް ބުނޭ!” ހަރުކަށި ރާގެއްގައި މަޑުމަޑުން އަހްސަން ބުންޏެވެ. “ކީއްކުރީ؟”

“ކުރި ކަންތަކޭ؟” އަހަންނަށް ވެސް ކުރެވުނީ ސުވާލެކެވެ. “ކޮންކަމެއްތަ ކުރީ؟ ކީކޭ ތި ކިޔަނީ؟”

“މި ކިޔަނީ ރާޝިދާ އެކުގަ އުޅުނު ގޮތާ ކުރި ކަންތަކާ ކިޔައިދޭށޭ!” އަހްސަން ރުޅިއައިސްފައި ބުންޏެވެ.

އަހަންނާ ދޭތެރޭގައި އަހްސަން އެ ކަހަލަ ޝައްކެއް ކޮށްފާނެކަމަކަށް ކުރިން ހިޔެއްނުކުރަމެވެ. އެކަމަކު އަހްސަނަކީ އެކުވެރިންގެ ބަހަށް ފަސޭހައިން ހެއްލޭ މީހެކެވެ.

“އަހަރުމެން ކަމެއް ނުކުރަން،” އަހަރެން ތެދަށް ބުނީމެވެ. “އާނ އޭނަ ދެކެ ލޯބިވިން. އަދިވެސް އޭނަދެކެ އަހަރެން ލޯބިވޭ! އެއްވެސް ޖެހިލުމެއް ނެތި މި ބުނަނީ. ހަމަ ވަރަށް ލޯބިވޭ!”

އެ ޖުމުލަތައް އަޑުއަހަން އަހްސަނަކަށް ފަސޭހައެއް ނުވިއެވެ. އަހަރެން އެހާ ފަސޭހައިން އެއްބަސްވުމުން ދެން އަހާނެ ސުވާލެއް ނޭނގިގެން އިރުކޮޅަކު އަހްސަން ހުއްޓެވެ.

“ދެ މީހުން ކީއްހޭކުރީ؟ ބުނޭ!” އަނެއްކާ ވެސް އަހްސަން އެހިއެވެ. “ކުރި ކަންތައް ކިޔައިނުދީފިއްޔާ..”

“ކަމެއް ކުރި ނަމަތާ ކިޔައިދޭނީ،” އަހަރެން ބުނީމެވެ. “އަހަރުމެން ވާހަކަދެއްކީ. ދެން އެކީގަ އުޅުނީ. އޭގެ އިތުރަށް ދެން ކޮން ކަމެއް..”

“ނުވާނެ އެހެނެއް،” އަހްސަން ގަބޫލެއްނުކުރިއެވެ. “ހިނގާ ހޮސްޕިޓަލަށް ދާން. ޓެސްޓުކުރަން ވެސް މަ ބޭނުން.”

އަހަންނަށް ވަރުގަދަ ސިހުމެއް ލިބުނެވެ. ހިތަށްއެރިއެވެ. އެހާ މުޑުދާރު ވިސްނުމެއް އަހްސަން ގެންގުޅެނީ އަހްސަން އެ ގޮތަށް އުޅޭތީ ހެއްޔެވެ؟

“އައްޗީޑި!” އަހަރެން ބުނީމެވެ. “އަހަރެން ހީ ވެސް ނުކުރަން އަހަންނާ ދޭތެރޭ އަހްސަން.. އަހްސަނަށް ކެރޭނެތަ އަހްސަންގެ އަންހެނުން ގޮވައިގެން ހޮސްޕިޓަލަށް ގޮސް ތިޔަ ޓެސްޓެއް ހަދާށޭ ބުނަން؟ އަހަރެން މި ބުނަނީ..”

“ހެވޭ!” އަހަރެންގެ ވާހަކަ މެދުކަނޑައިލައިފައި އަހްސަން ބުންޏެވެ. “މޫނި ދައްކާ ވާހަކަ ގަބޫލެއްނުކުރެވޭ! ޑޮކްޓަރު ބުނީމަ ގަބޫލުކުރާނީ.”

އަހްސަނަކީ ސިނގެރޭޓަށް ދެވިހިފައިފައިހުންނަ މީހެކެވެ. އެ ކަން ހުއްޓައިލުމަށް އަހަންނާއި އަހަރެންގެ މައިންބަފައިން ވެސް އެދުނެވެ. އަހްސަން އަޅައެއްނުލިއެވެ. ގޭގައި ސިނގެރޭޓުބުއިން އަހްސަނަށް މަނާކުރިއެވެ. އެ ކަން ހަނދާންނައްތައިލައިފައި ކޮޓަރިތެރޭގައި އަހްސަން ސިނގެރޭޓު ބޯން ފެށިއެވެ. އެ ކަމަކާ އަހަރެން އެއްޗެއް ނުބުނަމެވެ.

“ޑޮކްޓަރަށް ދާން ތައްޔާރުވޭ!” ނުކުންނަމުން އަހްސަން ބުންޏެވެ. “އުހުނ! މި އަންނަނީ ޑޮކްޓަރު ގޮވައިގެން.”

ދަންވަރު އަހްސަން ޑަކުޓަރު ގެންނާނީ ކިހިނެއް ހެއްޔެވެ؟ އޭނައަކީ އެހާ ފެންވަރެއްހުރި މީހެއް ނޫނެވެ. ވީ ވެސް އެހެންނެވެ. އަހްސަން ދިޔަގޮތަށް އޭނަގެ ޚަބަރެއްނުވިއެވެ. ހަމަ އެހެންމެ ރާޝިދުގެ ޚަބަރެއް ވެސް ނުވިމެއެވެ. ގޭގެ ފޯނު ނަންބަރު ރާޝިދު ގާތުގައި އަހަންނަށް ބުނެވުނުބާއެވެ؟ އެ ފަދަ ހާލަތެއް ނާދެއެވެ. އަހަންނަށް ފޯނުކުރާކަށް ރާޝިދަކަށް ނުޖެހޭނެއެވެ. ގޭގައި އުޅޭ ކުއްޖެއްގެ ފަރާތުން ރާޝިދަށް ނަންބަރު އެނގިފައި އޮވެދާނެބާއެވެ؟ ހިތާމައަކީ، ކުއްލިއަކަށް ރާޝިދާ ވަކިވާންޖެހުމެވެ. ދުރާލާ ތައްޔާރުވާން އެއްވެސް ވަގުތެއް ނުލިބުނުކަމެވެ.

އަހަންނަކީ ވަރަށް މަދުން ނޫނީ ގެއިން ނުކުންނަ މީހެއް ނޫނެވެ. ކުދިން މަދަރުސާއަށް ލާފައި އަހަރެން އަންނަނީ ގެއަށެވެ. އެކަނި ތަންތަނަށް ދިޔުމަކީ އަހަރެން ކުރާކަމެއް ނޫނެވެ. އޮތް ހަމައެކަނި އުންމީދަކީ، މަގުމަތިން ރާޝިދާ ދިމާވުމެވެ. އޭނައަށް ދިނުމަށް ޓަކައި، ގޭގެ ފޯނު ނަންބަރު ޖަހައިފައިވާ ކަރުދާސްކޮޅެއް އަހަރެން ގެންގުޅުނީމެވެ. ކުރިން އަހަންނަކީ ދޮރޯށިދޮށުގައި ހުންނަ މީހެއް ނޫނެވެ. އެކަމަކު ރާޝިދު ދިޔަ ފަހުން އިރުއިރުކޮޅާ ދޮރޯށިދޮށަށް ނުކުމެވެއެވެ. ރާޝިދުގެ ކޮންމެވެސް އިޝާރާތެއް ވޭތޯއެވެ. އެއްފަހަރަކު ދޮރު ހުޅުވައިލައިފައި އަހަންނަށް ނުކުމެވުނީ ރާޝިދުގެ ކުރިމައްޗަށެވެ.

ނުނިމޭSource link

Leave a Reply

Related Articles