• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ވާހަކަ ⁄ ދެކޭހިތްވޭ ނިކަން

ދެކޭހިތްވޭ ނިކަން


ބުދަ ދުވަހާ ގުޅޭ

އަހަރެންގެ ހަޔާތުގައި ރާޝިދުގެ ނަން ލިޔެފައިވާ ކޮންމެ ފޮޅުވަތަކުން އެ ނަން ފުހެލައިފީމެވެ. އެއީ އަހަރެން ދުށް ރީތި ހުވަފެނެކެވެ. ކުޅަދާނަ ޝާއިރަކު ލިޔެފައިވާ އަސަރުގަދަ ޅެމެކެވެ. އަހަރުމެން ބައްދަލެއް ނުވެއެވެ. ރާޝިދަކީ ހަގީގަތެއް ނޫނެވެ. އެއީ އަހަންނަށް ކިޔުނު ލޯބީގެ ހިޔާލީ ވާހަކައެކެވެ. އެ ވާހަކަ ނިމުނީއެވެ. ކޮންމެ ވާހަކައެއްގެ ނިމުން އުފާވެރި ނުވާނެކަން ކަށަވަރުކޮށްދެމުންނެވެ.

ޖެހިގެންއައި ދުވަހެވެ. އިރުއަރާތަން ބެލުމަކީ އާންމުކޮށް އަހަރެން ކުރާކަމެއް ނޫނެވެ. އެކަމަކު އަހަންނަށް އިނދެވުނީ އެ ތަނުގައެވެ. ދޮންވެލިގަނޑުމަތީގައި އެކަނިމާއެކަނި އިށީނދެލައިގެންނެވެ. ހިކިދިޔައިގައި ހަނާއެޅި ގާތަކާއި މުރަކަތައް ވަކިވުމުގެ ސަލާންކުރަމުން ލޮނުގަނޑުގެ ފަސްބައިގައި ފޮރުވެމުންދިޔައެވެ. ރިޔަލުގައި ވައިއަޅަވަމުން ދަތުރުކުރި ދޯނިތަކާއި، ފިޔަގަނޑުގައި ވައިއަޅުވަމުން އުދުހުނު ދޫނިތައް އޭގެ މިސްރާބަށް ބަދަލުނުގެނެސް ދަތުރުކުރިއެވެ. މަންޒިލު އަތުލުމުގެ އުންމީދުގައެވެ. ހުއްޓިފައިއިނީ އަހަންނެވެ. އަތުގައި އޮތް ހޯލިކޮޅުން ވެލިގަނޑުގައި ރޮނގުތަކެއް ކުރެހުނެވެ. ޔަގީނުން ވެސް އަހަރެންގެ އަމިއްލަ އިހުތިޔާރަކު ނޫނެވެ. ރަނގަޅަށް ވިސްނައިލިއިރު އަހަންނަށް ލިޔެވިފައިވަނީ ރ އެވެ. ރާޝިދުގެ ފެށޭ އަކުރެވެ. އެކި ގޮތްގޮތަށް އެކި ބޮޑުމިނުގައެވެ. ކިތަންމެ ބޭނުންވިޔަސް ރާޝިދުގެ ނަމާ ދުރަށްދިޔުމަށް އަހަންނަށް ނުކުޅެދިއްޖެއެވެ. އަހަރެންގެ ހިއްސުތައް އެ ނަމަށް ފަރިތަވެއްޖެއެވެ. އަވަސް ގޮތަކަށް އަހަރެން ރަށުން ނުފުރައިފި ނަމަ ބޮޑު އަގެއް އަދާކުރަންޖެހޭނެކަން އަހަންނަށް ވިސްނުނެވެ.

މެންދުރަށް ތައްޔާރުކޮށްފައިހުރީ ބަނބުކޭލު ބަތާއި ރިހާކުރުދިޔައެވެ. ތެއްލި މަހާއި، ލޮނުމިރުހާއި، ތެއްލި ފިޔައެވެ. ނެތީ ލުނބޯފިޔާމިރުހެވެ. އެކަމަކު މީރު ކެއުމެއް ފެނުމުން ރާޝިދު މަތިން ހަނދާންނެތޭނެ ނަމަ އެ ފަހަރު ހަނދާންނެތުނީހެވެ. މޭޒުކައިރީގައި އިށީންއިރު ވެސް އަހަރެންގެ ހިތުގެ ކޮންމެ ވިންދަކާއެކު ރާޝިދު ރާޝިދު ގޮވަމުންދިޔައެވެ. ވަރަށް އުނދަގޫވިއެވެ. ބައްޕައަށް ބަތް މޮޑެދިނުމުން ބައްޕަ ކާން ބޭނުންވީ އަމިއްލަޔަށެވެ. ސަމުސަލެއް ލައިފައި ދިނުމުން މާ ބޮޑު އުނދަގުލަކާ ނުލައި ބައްޕައަށް ކެވެއެވެ. އެހާ ވެސް ބައްޕަގެ ހާލަތު ރަނގަޅުވެއްޖެއެވެ.

“އަދި ކިހާ ދުވަހަކު އަހަރުމެން މި ކޮޅުގަ ތިބޭނެ؟” އަހަރެން އެހީމެވެ.

“ދަރިފުޅު ފޫހި.. ވަނީ ދޯ؟” ބައްޕަ ބުންޏެވެ. “ދެން ދާންވީކަންނޭނގެ. މާލެ ދިޔަސް ރާޝިދު ވެސް ހުންނާނެއްނު!”

ރާޝިދު ރަށުގައި އެބަހުރި ހެއްޔެވެ؟ އަހަރެން ހިތަށްއެރިއެވެ. ބައްޕަ ގާތަށް ރާޝިދު ނާންނަނީ ކީއްވެގެން ހެއްޔެވެ؟ ނޫނީ ރާޝިދު ގެއްލިގެންއުޅޭކަން ބައްޕައަށް ނޭނގެނީ ހެއްޔެވެ؟ ޖަވާބު ނުލިބޭ އެތަކެއް ސުވާލެއް ހުރި ނަމަވެސް އެއްވެސް ސުވާލެއް އަހަރެން ނާހަމެވެ.

“އޭނައަކަށް މާ ގިނަ ދުވަހަކު މާލެއަކު ނުހުރެވޭނެއްނު ބައްޕާ!” އަހަރެން ބުނީމެވެ. “މި ކޮޅުގަ އަންހެނުން ބަހައްޓާފަ އޭނަ ކިހިނެއް މާލޭގަ އުޅޭނީ؟ އެހެން މީހަކު ގެންދަންވީނު.”

އެ ދަނޑިވަޅަށް ކަތީބު އައެވެ. ވަގުތުން އަހަރުމެންގެ ވާހަކަ މެދުކެނޑުނެވެ. ކަތީބު ގޮނޑިއެއް ދަމައިލައިފައި ކާން އިށީނެވެ.

“އުފާވެރި ދުވަހެެއް،” ވަރަށް ހިނިއައިސްފައި ކަތީބު ބުންޏެވެ. “ދެން ހީވަނީ ކައިރި މުސްތަގުބަލެއްގަ ރަށަށް ޖަނަރޭޓަރެއް ލިބިދާނެހެން. ރޭގަނޑު ބާރަޖަހަންދެން ކަރަންޓު ލިބުނަސް ކީއް. އޭރުން އިރާދަކުރެއްވިއްޔާ މިގޭގަ ވެސް ފަންކާ ހުންނާނެ. ދެ ބަފައިން ކޮން އޮލަ ވާހަކައެއް ތި ދައްކަނީ؟”

ބައްޕަ ބަލައިލީ އަހަންނަށެވެ. އަހަރެން އެ ވާހަކަދައްކާކަށް ބޭނުމެއް ނުވިއެވެ.

“މީނަ މި ކިޔަނީ ރާޝިދު ނޫން އެހެން މީހަކު ގޮވައިގެންނޭ ދާނީ،” ޖަވާބުގައި ބައްޕަ ބުންޏެވެ. “އޭނަ މީހަކާ އިނދެގެންތަ އުޅެނީ؟ މަ ނުވެސް ދެނަހުރިން އޭނަގެ އަންބެއް ހުންނަކަމެއް.”

“މަ ވެސް އަޑުއެހިތާ މިހިރީ!” ހީނގެންފައި ކަތީބު ބުންޏެވެ. “މި ރަށުގަ އަހަންނަށް ނޭނގި ތި ކަހަލަ ކަންކަމެއް ނުކުރެވޭނެ. ކާކު ދެއްކި ވާހަކައެއް ތީ؟ އަފީފާ ނުލިބުނީމަ ރާޝިދު އެ ހުންނަނީ ހުސްހަށިބަޔަށް. ރަށު ކުދިން ވެސް މިހާރު ރާޝިދު ވަށައި މުގޯލިއެޅުން ހުއްޓާލައިފި.”

އަހަރެންނަށް ލިބުނު ހައިރާންކަން މޫނުމަތިން ފާޅުވިޔަނުދޭން އިސްޖަހައިލީމެވެ. ހިތަށްއެރިއެވެ. ހަފީޒާ އެހެން ބުނީ ކީއްވެގެން ހެއްޔެވެ؟ ރާޝިދު ކޮބައި ހެއްޔެވެ؟ އަފީފާއަކީ ކާކު ހެއްޔެވެ؟ އެއީ ކިހިނެއް ހިނގި ހާދިސާއެއް ހެއްޔެވެ؟ ބައްޕަ ނެތް ނަމަ ކަތީބާ އެ ސުވާލުކުރީމުހެވެ.

“މިހާރު ކައިނިމިއްޖެ ދޯ؟” ގެއަށް ވަންނަމުން ހަފީޒާ ބުންޏެވެ. “މަ އަދި މިއައީ ކަނބުލޮދައިތަގޭ ގަހުން ގިތެޔޮމިރުހެއް ހިފައިގެން. ބަދިގޭގަ ހުންނާނެ ލުނބޯފިޔާ ތައްޓަކަށްއަޅައި ތައްޔާރުކޮށްފަ.”

ކަނބުލޮދައިތަގޭ ގިތެޔޮމިރުސްގަހަކީ އެހެން އަތޮޅެއްގެ މުޑުވަކެކެވެ. މުޅި ރަށަށް މަޝްހޫރު މިރުހެކެވެ. މިރުސް ކޮށައި ތައްޓަކަށް އަޅައިގެން ގެނެސް ބެހެއްޓުމުން މުޅި ތަނަށް މިރުސް ވަސް ފެތުރިގެންދިޔައެވެ.

“ރާޝިދު ނެތީމައޭ މަ އެކި ދިމަދިމާއަށް ދާން މި ޖެހެނީ،” ހަފީޒާ ބުންޏެވެ. “އަދިވެސް އޭނަ ނުފެނޭތަ؟ ސަންގުފުމެންވީނު.”

“އޭނަ ގޮސް ހުރެދާނެ ފަޅުރަށެއްގަ ވެސް،” ކަތީބު ހަމަޖެހިލައިފައި ބުންޏެވެ. “މަހަށްދާނެ. ގާނަގަން ދާނެ. ވެލިނަގަން ދާނެ. ދަރުފަޅައިދޭން ދާނެ. ފަޅުރަށަކަށް ރުއްއަރައިލަދޭން ވެސް ހިނގައިދާނެ. މި އުޑުދަށަކު ނޯންނާނެ އޭނަ ނުދަންނަ ނުކުރާ މަސައްކަތެއް. އެއީވާ ފިސާރި ފިރިހެނެއް. ހަނދާންވޭތަ ކުރީ ފަހަރަކު ވެސް ސަންގުފުމެގެން ރައްޔިތުން ނެރިގެން ވީގޮތް؟”

ހަފީޒާ ހޭންފެށިއެވެ. އޭގެ ތަފުސީލަކަށް ނުދެއެވެ.

“ރުކެއްގެ ކުރީގަ ނިދާފައޮތީ،” ހަފީޒާ ބުންޏެވެ. “ބިރެއް ވެސް ނުގަނޭ. ނަސީބެއް ނުވެއްޓުނުކަން. ތެޔޮނާށި ކާޅު ގެންދިޔަފަހުން ރާޝިދަށް ވަރަށް ބޮޑެތި ބަދަލުތައް އަތުވެއްޖެ! އަންހެންކުއްޖަކާ ދިމާއަށް ބަލައިވެސް ނުލަނީއޭ. މީހަކު އަޅެ ހައިރާނެއް ނުވާނެތަ؟ ހުސްހަށިބަޔަށް ހުރެ މަރުވާނީހޭ އެހީމަ ވެސް ބުނި އެއްޗެއް އެނގޭތަ؟ ލޯތްބަށް ވުރެ ރާޝިދު ބިރުގަންނަ އެއްޗެއް ނޯވެޔޯ.”

އެންމެން ހީނގަތެވެ. އަހަރެން ފިޔަވައެވެ. އަހަންނަކީ ވެސް ލޯބި ދެކެ ބިރުގަންނަ މީހުންގެ ތެރެއިން އެކަކެވެ. ދެވަނަ މީހަކަށް ފެނުނީ ރާޝިދެވެ. އެއީ ރަނގަޅުކަމެއް ހެއްޔެވެ؟ އަހަންނާ ދޭތެރޭގައި ރާޝިދު ދެކެނީ ކިހިނެއް ހެއްޔެވެ؟ އެ ސުވާލުގެ ޖަވާބު ދެވޭނީ ރާޝިދަށެވެ. އޭނަ ވީތަން އެނގެނީ ކާކަށް ހެއްޔެވެ؟ އެ ނުތަނަވަސްކަން ހިތުގައި އޮތެވެ. އެކަމަކު އުފާ ވެސް ވިއެވެ. ރާޝިދާ ބެހޭގޮތުން ހަފީޒާ ކުރީ ލާނެތް ސަމާސާއެއްކަން ވިސްނުމުންނެވެ. ހަގީގަތުގައި ރާޝިދުގެ އަންބެއް ނުހުރެއެވެ.

ހަވީރުވީއިރު ވެސް ރާޝިދެއް ނުދެކެމެވެ. ރާޝިދު ވީތަނެއް ނޭނގި ސައުވީސް ގަޑިއިރު ހަމަވާން ކައިރިވެފައިވާއިރު އަހަރެން ހުރީ ކޮންމެކޮންމެ ޚަބަރަކަށް ތައްޔާރުވެގެނެއް ނޫނެވެ. ހަވީރު ފަހެއްޖަހަނިކޮށް ސަންގުފުމޭ އަޑުން ރަށުތެރެ ގުގުމައިލިއެވެ. ހިތް ބުންޏެވެ. އެ އަޑަކާއި ރާޝިދާ ގުޅުމެއް ނެތެވެ. ދޯންޏެއް އެހެލަން ވެސް ސަންގުފުމެފާނެއެވެ. ވަގުތަކީ އަހަރެން އެކަނި ގޭގައި އުޅުނު ވަގުތެވެ. ބައްޕަ ދިޔައީ ކަތީބާ އެއްކޮށެވެ. ކުދިން ގޮވައިގެން ހަފީޒާ ދިޔައީ ބަށިކުޅޭ ތަނަށެވެ. އެ މީހުންނާ ބައިވެރިވުމަށް ޓަކައި ނަލަހެދިގެން އަހަރެން ކޮޓަރިން ނުކުތީމެވެ. އެއިރު ފެންޑާގައި މުހުސިން ހުއްޓެވެ. މުހުސިނަކީ ތާރަ ގުރޫޕުގެ މީހެކެވެ. އަހަރެން ފެނުމާއެކު ދުވެފައި ކަހަލަ ގޮތަކަށް މުހުސިން އައެވެ.

“ކަތީބު ނޫޅުއްވާ ދެއްތޯ؟” ހާސްވެފައި މުހުސިން ބުންޏެވެ. “ރާޝިދު އެބައޮތް އާނުގަނޑާ ދިމާއަށް ލައްގާފަ.”

ދޭންވީ ޚަބަރު ދީފައި މުހުސިން ދުއްވައިގަތެވެ. ފިނިވެފައި އަހަންނަށް ހުރެވުނީއެވެ. ހިތަށްއެރިއެވެ. އެ ތަނަށް އަހަރެން ދާންވީ ހެއްޔެވެ؟ ރާޝިދު ފެނުމުން އަހަރެންގެ ދެ ފައިގައި ކޮޅަށް ހުންނާނެހާ ވަރު ހުންނާނެބާއެވެ؟ ކޮންމެ ގޮތެއް ވިޔަސް ހެޔޮކަމަށް އަހަރެން ދުއްވައިގަތީމެވެ. ލޯބީގެ ހުޅުކޮޅު މަރަށް ތެޅިގަތް ކަހަލައެވެ. އަހަރެން ދުވެފައި ގޮސް ގޯތިތެރެއަށް ނުކުމެފައި ދޮރާއްޓާ އަރާހަމަވެފައި ހުއްޓެވުނެވެ. ފަސްއެނބުރި ބަލައިލީމެވެ. ފާރުގައި ލެނގިލައިގެން ރާޝިދު ބަލަހައްޓައިގެން ހުއްޓެވެ.

“މިހިރީ އަހަރެން!” އެހެން ބުނެފައި ދެން ރާޝިދު ބުނީ އަހަރެން ހައިރާންކޮށްލި އެއްޗެކެވެ. “މިހާރު ޔަގީންވެއްޖެ!”

އުފަލުން އަހަންނަށް ރޮވުނެވެ. ކަރުނަ ހިފާއްޓާކަށް އަހަރެން މަސައްކަތެއް ނުވެސް ކުރަމެވެ. ރާޝިދުގެ ބޭނުން ފުދިއްޖެއެވެ. ޝައްކު ޔަގީނަށް ބަދަލުކުރެވިއްޖެއެވެ. ރޮމުންރޮމުން އަހަރެންނަށް ހިނިތުންވެވުނެވެ. ހިނިތުންވުމަކީ ކުށެއް ނަމަ އެ ކުށް އަހަރެން ކުރީމެވެ. ރާޝިދު ވެސް ހިނިތުންވެލިއެވެ. އަހަރެންގެ ހިތަށް ހީވީ މާތަކެއް އޮހިގަތްހެންނެވެ. ލޮލުން ކަރުނަ ފުހެލައިފައި އަހަރެން ނުކުމެގެންދިޔައީއެވެ. އަހަރެންގެ ދެ ފައި ބިމަކު ނުޖެހެއެވެ. ފެނުނު ކޮންމެ ގަހެއްގައި މާއަޅައިބަރާވެފައިވާ ކަހަލައެވެ. ކޮކާތަކާއި ދޫނިތައް އަހަރެން ގޮވައިގެން ގަސްވަށައިގެން އެނބުރެނީއެވެ. ހުއްޓުމެއް ވަރުބަލިވުމެއް ނެތެވެ. ދޯނި ވެސް ދަތުރުކުރަމުންދިޔައީ އެ ފަދަ ގޮތަކަށެވެ. ކަންކަށީގައި ބޮސްދޭ ރާޅަށް ހަނާއަޅަމުން ހަނގާކުރަމުންނެވެ. އެ ދޯނީގައި ރާޝިދު އިނެވެ. ހުންގާނުހިފީ އޭނައެވެ. ގެންދިޔަ ކޮންމެ ދިމާއަކަށް ދާން ރުހިގެން، އެދިގެން، ފުދިގެން އަހަރެން އިނީމެވެ. ހަޔާތުގެ އެ ދަތުރު ނިމޭނީ ކިހިނެއްކަމެއް އޭރަކު އަހަންނަކަށް ނޭނގެއެވެ. އެނގޭކަމަކީ، މާލެއަށް އެނބުރިއައީ މާލެއިން ފުރި އަހަރެން ނޫންކަމެވެ.

ގެއަށް އައިއިރު އަހްސަން ގެއަކު ނެތެވެ. އުޅޭނެކަމަކަށް އަހަރެން އުންމީދެއް ނުވެސް ކުރަމެވެ. ފޮށިތަކާއި ހަދިޔާތައް ގެއަށް ވެއްދިއިރު، އެއްވެސް އެއްޗެއްގައި އަހަރެން ހިފިޔަކަނުދެއެވެ. ރާޝިދު ހުންނަނީ އެ ކަމަށް ތައްޔާރުވެގެންނެވެ. ލޮލަށް ވެއްޓުނު ކުނިކޮޅެކޭ އަހަންނެކޭ އެއްގޮތެވެ. އަހަރެން މީ އޭނަގެ ކާކު ހެއްޔެވެ؟ އަހަންނަކީ ދުރުހިލޭ މީހަކު އެހާ ލޯބިވާން އެކަށޭނަ މީހެއް ހެއްޔެވެ؟ އެ ފަދަ ލޯތްބެއް އަހަންނަށް ހައްގު ހެއްޔެވެ؟ އެ ސުވާލުތަކަށް ރާޝިދު ޖަވާބުދިން ގޮތުން އަހަންނަކީ ވެސް އިންސާނެއްކަން އިހުސާސްކުރެވުނެވެ. އެ އުފާ ފޮރުވަން އަހަރެން ނުކުޅުދެނުވެ. ސާމާނުތައް ތަންތަނުގައި ހަމަޖެއްސުމަށްފަހު އަހަރުމެން ދިޔައީ ސައިބޯށެވެ. މަންމަ ހުރީ ވަރަށް ގަދަޔަށް ސައި ތައްޔާރުކޮށްފައެވެ. ރާޝިދު ވެސް ސައިގައި ބައިވެރިވިއެވެ. އޭނަ އިނީ އަހަރެންގެ ކުރިމަތީގައެވެ. ސައިބޯންތިބިއިރު ދޭތެރެއަކުން އަހަންނާ ދިމާއަށް ރާޝިދު ބަލައިލައެވެ. ނުބަލާކަމަށް ހެދިގެން އަހަރެން އިނަސް އެ މަންޒަރު އަހަންނަށް ފެނެއެވެ. ވަރަށް ހެވޭ ވެސްމެއެވެ. ރާޝިދާ ދިމާއަށް އަހަރެން ބަލައިލަނީ ރާޝިދު ނުބަލާކަން ގައިމުކޮށްފައެވެ. މި މަންޒަރު ބަލަން އަހްސަން ދުރުގައި ހުރިކަމެއް އަހަރެން ނުދެނަހުރީމެވެ.

ނުނިމޭSource link

Leave a Reply

Related Articles