• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ވާހަކަ ⁄ ދެކޭހިތްވޭ ނިކަން

ދެކޭހިތްވޭ ނިކަން


ބުދަ ދުވަހާ ގުޅޭ

“މީ ކޯޗެއް؟” އަަހަރެން ފޮނުވި ސިޓީ ދައްކައިލައިފައި، ހިތްހަމަނުޖެހިފައި ރާޝިދު އެހިއެވެ.

ރާޝިދު އަތުގައިއޮތީ އެހެން ސިޓީއެއްކަމަށް އަހަރެން ހީކުރީމެވެ. ނޫނެކެވެ. އެއީ ހަމަ އަހަރެން ލިޔުނު ސިޓީއެވެ.

“ތީ އަހަރެން ލޯބިވާވަރު އަންގަންވެގެން ލިޔުނު..” އަހަންނަށް ބުނެވުނީ އެ ހިސާބަށެވެ.

“ކީއްވެގެން އެ ކަހަލަ ކަންތައްކުރަނީ؟” ރާޝިދު އެހެން ބުނި ވަގުތު އޭނަ ފެންކަޅިވިތަން އަހަރެން ދުށީމެވެ. “މޫނި ނުޖެހޭނެ އަހަންނަށް އިތުރު ޔަގީންކަމެއް ދޭކަށް. އަހަންނަށް އެނގޭ މޫނި ކިހާ ލޯބިވާކަން. އިތުރަށް ބުނެދޭކަށް ނުޖެހޭނެ. ދެން ދުވަހަކު ވެސް މި ކަހަލަ ކަމެއް ނުކުރާތި! ދުވަހަކު ވެސް މިހެން ނަހަދާތި! ކޮންތަނެއް ކަނޑާލީ؟”

އަހްސަން ގޭގައި ނެތް ވަގުތެއްގައި ރާޝިދަށް އާދެވުނުކަން ނަސީބެކޭ ހިތަށްއެރިއެވެ. އެކަމަކު ދަރިން ކޮންމެ ވަގުތަކު ވެސް އަތުވެދާނެކަން އަހަންނަށް އެނގެއެވެ. އަހަރެން އިނގިލި ދައްކައިލީމެވެ.

“ތަދެއްނުވެއޭ!” އަހަރެން ބުނީމެވެ.

“އަހަންނަށޭ ތަދުވަނީ،” ރިހުން އެކުލެވިފައިވާ އަޑަކުން ރާޝިދު ބުންޏެވެ. “ސިޓީ ފެންނައިރަށް އަހަންނަށް އެނގިއްޖެ މީ ލޭކަން. ޑިއުޓީގަ ހުރެފަ ވަގުތުން މިއައީ. މީހަކަށް ފެނުނު ނަމަޔޯ؟ އަހްސަން ގޭގަ އުޅުނު ނަމަޔޯ؟ ޔުނީފޯމުގަ މިހިރީ. މޫނިއަށް އެނގޭނެ މި ކަހަލަ ކަންތައްކުރީމަ އަހަރެން އަންނާނެކަން. އަންނަން ބޭނުން ނުވިޔަސް އަހަންނަކަށް ނައިހެން ނުހުރެވޭނެ. ވަރަށް ލޯބިވޭ މޫނިދެކެ.”

އަހަރެންގެ ހިތް ވިންދުޖަހަން ހަނދާންނެތުނު ކަހަލައެވެ. އަހަރެންގެ ނޭވާ ޔަގީނުން ވެސް ކުރުވިއެވެ. ހިތަށްއެރިއެވެ. އަހަންނަކީ ވެސް އިންސާނެކެވެ. ކޮންމެވެސް މީހަކު އަހަންނަށް އެބަ އިންތިޒާރުކުރެއެވެ. އެންމެ ފަހުން އަހަންނަށް ވެސް ލޯބިވާނެ މީހަކު ލިބިއްޖެއެވެ. އެއީ ހާދަހާ ބޮޑު ނަސީބެކެވެ.

“ތިހެން ޓަސްލާފަ އަންނާކަށް ބިރެއްނުގަނޭ؟” އަހަރެން މަޑުމަޑުން އެހީމެވެ.

“ބިރުގަންނަ މީހުން މި ޔުނީފޯމެއް ނުލާނެ،” ޖެހިލުންކުޑަ ރާގެއްގައި ރާޝިދު ބުންޏެވެ. “އަހަރެން ބިރެއްނުގަނޭ. އެކަމަކު މޫނިގެ އިނގިލި ކަނޑާލީމަ އަހަންނަށް ތަދުވޭ!”

ބުނާނެ އެއްޗެއް ނޭނގިފައި އަހަރެން ހުރީމެވެ. ހިތަށްއެރިއެވެ. ހުރިހާ ކަމެއް ހަނދާންނައްތައިލައިފައި ހިތްއެދޭ މިސްރާބަށް ދަތުރުފަށަންވީއެވެ. އެހެން މީހުން ބުނާނެ އެއްޗަކަށް އަބަދު ވިސްނަންވީ ކީއްކުރަން ހެއްޔެވެ؟ އަހަންނާ ދޭތެރޭ އެހެން މީހުން ވިސްނީ ކޮންއިރަކު ހެއްޔެވެ؟

“ދެން ދަނީ!” ރާޝިދު ބުންޏެވެ. “މާ ގިނައިރު ހުންނާކަށް ނޫން މިއައީ. ހާލުބަލައިލަން މިއައީ.”

ރާޝިދު ދާން އަހަރެން ހުއްދައެއް ނުދެމެވެ. އޭނަގެ ފުން ކަޅިރަވައަށް ބަލަހައްޓައިގެން ހުރީއެވެ. ލާނެތްގޮތަކަށް ހިނިތުންވެލައިފައި ރާޝިދު ނުކުންނަން ހިނގައިގަތެވެ.

“އަހަރެން ވެސް ގޮވައިގެންދޭ!” އަހަރެން ބުނީމެވެ.

އަހަންނާއި ރާޝިދު އެއްސިފައިވާ ހިލިހިލާގަނޑަށް ވާންވި ކަހަލައެވެ. ހުރި ފިޔަވަޅުމައްޗަށް ރާޝިދު ހުއްޓުނެވެ. އަހަންނާ ދިމާއަށް ރާޝިދު ބަލައިލިއެވެ.

“ތީ ސަމާސާއެއްކަމަށް ވަންޏާ ވަރަށް ލޯބި ސަމާސާއެއް،” ރާޝިދު ބުންޏެވެ. “ހަގީގަތެއްކަމަށް ވަންޏާ، ވާނެ ގޮތެއް ވާންވީ މޫނި ގޮވައިގެން އަހަރެން ނުކުންނާނީ. ވިސްނާލާ! އަހަރެން ވަޒީފާއިން ކަނޑާލާނެ. މީހުން ނޭނގެ ގާ ވެސް ނުއުކާނެކަމެއް. އެކަމަކު، މީހެއްގެ އަންބެއް ގޮވައިގެން އަހަރެން މި ގެއިން ނުކުންނާނީ. ހަމަ ހުވާ!”

“ރާޝިދަކަށް ނުކެރޭނެ ގެންދާކަށް!” ރާޝިދު ހަދާގޮތެއް ބަލަންވެގެން އަހަރެން ބުނީމެވެ. އަދި އަހަރެން އަތް ދިއްކޮށްލީމެވެ. “އަން! ގެންދޭ!”

ރާޝިދު ކުރިޔަށް ފިޔަވަޅެއްއެޅިއިރު އަހަރެން ހެމުން ދުވަމުން ގޮސް ގިފިއްޔަށް ވަދެ ތަންޑުއަޅައިފީމެވެ. އެ ވަގުތު ކުއްލިއަކަށް އަލިގަނޑެއްއަރައިގެންދިޔަހެން އަހަންނަށް ހީވިއެވެ. އެއީ، ދުވަހަކު ވެސް އަހަންނަށް ވީގޮތެއް ނޫނެވެ. ކަންފަތަށް ޒާތެއްގެ ތޫލިއަޑެއް އެރިއެވެ. ވަރަށް ގާތުން ދޫންޏެއް އުދުހިގެންދިޔުމުން ދޫނީގެ ފިޔަގަނޑުން އިވޭ ކަހަލަ އަޑެއް އިވުނުހެން ވެސް ހީވިއެވެ. އަހަރެން އަރިއަޅައިލިއެވެ. ދުނިޔެ އެނބުރެން ފެށި ކަހަލައެވެ. ހިނގައިނުގަނެވިފައި އަހަރެންނަށް ހުރެވުނީ ކިހާ އިރަކުކަމެއް ނޭނގެއެވެ. ތަންދޮރު ވަކިވާގޮތްވުމުން ކޮޓަރިއަށް ވަނީމެވެ. ތަންތަނުގައި ހިފާއްޓަމުން ގޮސް އެނދުގައި އިށީނީމެވެ. ހިތް ބުންޏެވެ. އަހަންނަށް ކޮންމެވެސް ކަމެއް ވެއްޖެއެވެ. އިތުރު ސުވާލެއް ވެސް އުފެދުނެވެ. ހަގީގަތުގައި ވެސް ރާޝިދު ކޮޓަރިއަށް ވަން ހެއްޔެވެ؟ އެއީ އަހަންނަށް ހީވި ގޮތެއް ހެއްޔެވެ؟ ނުވެސް ބުނެ ކުއްލިއަކަށް ރާޝިދު ކޮޓަރިއަށް ވަންނާނެ ހެއްޔެވެ؟ އަމުދުން ސިފައިންގެ ޔުނީފޯމުގައި ހުރެގެން ރާޝިދު އެ ކަހަލަ ކަމެއް ކޮށްފާނެ ހެއްޔެވެ؟ ނުވަތަ ރާޝިދު ކޮޓަރިން ނުކުންނަނިކޮށް އަހްސަނަށް ފެނިގެން އަހްސަން އަހަންނަށް ކަމެއްކުރީ ހެއްޔެވެ؟ އަނެއްކާ ވެސް ލޯމައްޗަށް އަލިގަނޑެއްއަަރައިގެން ދިޔަހެން ހީވިއެވެ. ދެކަންފަތާ ދިމާއިން ބޮލުގައި ރިއްސަން ފެށިއެވެ. އަހަރެން ދެއަތުން ބޮލުގައި ހިފައި ބާރުކޮށްލީމެވެ. ކުދިން ކޮޓަރިއަށް ވަނެވެ. އަހަރެން އިންގޮތް ފެނިފައި ސުވާލުކުރަން ފެށިއެވެ. އިރުކޮޅަކުން ނާސިހާ ވަނެވެ. ކުދިންގެ ކަންތައް ނާސިހާޔާ ހަވާލުކުރުމަށްފަހު އަހަރެން އެނދުގައި އޮށޯވެލީމެވެ. ކުޑަކޮށް ވެސް ލުޔެއް ނުވިއެވެ.

ރޭވުމުން އަހަރެންގެ ބަލިގަނޑު ބޮޑުވާން ފެށިއެވެ. ގޭގައި އެކި ވައްތަރުގެ މޭވާތަކާއި، ތަރުކާރީއާއި، ފަތް ހައްދައިފައި އޮވެއެވެ. މާރުކޭޓުން ގަންނަން ނުލިބޭ އެއްޗެހި ވެސް އަހަރުމެންގެ ގެއިން ތާޒާކޮށް ލިބެއެވެ. އަހަންނަށް އެއްޗެހި ކާންދޭން ނާސިހާ މަސައްކަތްކުރިއެވެ. އަހަރެން ކާހިތެއްނުވިއެވެ. ވަރަށް ހިތްވަރުކޮށްގެން ވެސް ކެވުނީ ވަރަށް މަދު އެތިކޮޅެކެވެ. އަހްސަން ގެއަކަށް ނާދެއެވެ. އެއީ އާކަމެއް ނޫނެވެ. އަހްސަނަކީ އޭނަގެ އަމިއްލަ ދުނިޔެއެއްގައި އުޅޭ މީހެކެވެ.

“ކިހިނެއްތަ އަސްލު ވީ؟” ނާސިހާ އެހިއެވެ.

“ނޭނގެ މަށަކަށް ވެސް،” އަހަރެން ބުނީމެވެ. “ހަމަ ޓަސްލާފަ.. ދުވަހަކު ވެސް މި ވަރެއް ނުވޭ! ގިފިއްޔަށް ވަންތަނާ.. ފާޑަކަށް އެނބުރުންއަރާފަ..”

އަހަންނަށް ހީވަނީ، ކަނޑުގަދަ ދުވަހެއްގައި ދޯންޏެއްގައި އިނދެވޭހެންނެވެ. އިރުއިރުކޮޅާ ދޯނި އަރިއަޅާހެންނެވެ.

“ގިފިލީގަ ސިހުރެއް ވަޅުލާފައޮއްވާ މޫނިއަށް އެރުނީބާ؟ އަހްސަން އައިތަ؟” ނާސިހާ ސުވާލުކުރިއެވެ.

“އާނ އޭނަ އައެއްނު!” އަހަރެން ވިސްނައިލައިފައި ބުނީމެވެ. “އެކަމަކު ކީއްކުރަން ގިފިލީގަ ސިހުރެއް ވަޅުލަންވީ؟ އަހްސަނާ، ދަރިން ވެސް ވަންނަ ތަނެއް ވިއްޔަ!”

ވަރަށް ދަންވަންދެން އަހަރުމެން ވާހަކަދައްކަން ތިބީމެވެ. ޖެހިގެންއައި ދުވަހު ހެނދުނު ސައިބޯން ގޮސްފައި ރޮށިކޮޅެއް ދިރުވައިލިތަނާ ކަރަށް ތަދުވާން ފެށިއެވެ. ދެވަނަ ފަހަރު އެ ތަދު ދެ ގުނަ ތޫނެވެ. ތިންވަނަ ފަހަރު ދިރުވަން ބާރުލާކަށް ނުކެރުނެވެ. މާ ބޮޑަށް ތަދުވާތީއެވެ. އަހަރެން އެ ކަމާ ކަންބޮޑެއްނުވެއެވެ. މީހަކަށް ނުވެސް އަންގަމެވެ. އެ ތަދު ކުޑައެއް ނުވިއެވެ. ގަދަކަމުން ދިރުވައިފިއްޔާ ކަރުގައި ތާށިވެފައި ނޫނީ ނުދިރުވެއެވެ. ހީވަނީ ކަރުގައި އެއްޗެއް އޮޅައިފައިހުންނަހެންނެވެ. އަހަރެން އަމިއްލަ ހައްލެއް ހޯދީމެވެ. އެއީ ދިރުވުމުގެ ކުރިން ފެންފޮދެއްބޯލުމެވެ. އެހެން ހެދުމުން އެ ވަގުތަށް ފަސޭހަވެއެވެ. ތަދު ހައްތަހާވީ ބޮޑެވެ.

ހަރު އެއްޗެހި ކެއުން އަހަރެން ހުއްޓައިލީމެވެ. ދިޔާއެއްޗެއްސަށް ބަދަލުކޮށްލީމެވެ. ކަޅުސަޔާއި ފާރޮއްޓަކީ ކުޑައިރުއްސުރެ ވެސް އަހަރެން ވަރަށް ކާހިތްވާ އެއްޗެކެވެ. ސައިތައްޓަށް ދިހަ ވަރަކަށް ސަމުސާ ހަކުރުއަޅައިގެން އެތައް ބައިވަރު ފާރޮއްޓެއް އަހަރެން ކައިލަމެވެ. ހަކުރު އަޅާލެއް ގިނަކަމުން މަންމަ ހަކުރުދަޅު ފޮރުވާ ހިސާބަށް ވެސް ކަންތައްދެއެވެ. އެހާ ގިނައިން ހަކުރު ނުކާން ބައްޕަ ހަސޭހަތް ވެސް ދެއެވެ. އެކަމަކު އެ ވެސް ކާންއުޅުމުން ކަރުގައިއަޅަން ފެށިއެވެ. ސައިން ފޯކޮށްފައިވާ ފާރޮށިކޮޅެއް ކަރުގައިއަޅާނެ ގޮތެއް އަހަންނަކަށް ނުވިސްނެއެވެ. އެ ފާރޮށިކޮޅު ކަރުގައިއަޅައިގަނެގެން ހޮޑުނުލެވި، ނުދިރި، ދެ ލޯ ބޮޑުވެފައި އެތައް އިރަކު އަހަރެން އިންނަންޖެހެއެވެ. ހިތަށްއެރިއެވެ. މާ ގިނައިން ފާރޮށި ކާތީ ވާގޮތެއްބާއެވެ؟ ފާރޮށި ކެއުން ހުއްޓައިލައިފައި، ވަރަށް ޗަސްކޮށް ބަތްޕެން ކެއްކީމެވެ. ފުރަތަމަ ދެ ސަމުސާ ދިރުނެވެ. އަނެއްކާ ކަރުގައިއަޅަން ފެށިއެވެ. އެންމެ ބަތްޕެން ސަމުސަލެއް ބޯން ފަނަރަ މިނެޓު ހޭދަވިއެވެ. އެ ވަރުން ވެސް އަހަރެން މީހަކަށް ނާންގަމެވެ. އަންގާނެ މާ ގިނަ ބަޔަކު ވެސް ނެތެވެ. ތިބީ ދަރިންނާއި ނާސިހާއެވެ. އަހްސަނަކީ އަހަންނަށް ނެތް މީހެއް ފަދައެވެ.

އަހަރެން ހިކެން ފެށިއެވެ. ނިކަމެތިވެ އަނަރޫފަވާން ފެށިއެވެ. ލޯގަނޑު ކައިރިއަށް ހުއްޓި އެތައް އިރަކު އަހަރެން އަނގަހުޅުވައިގެން ހުންނަމެވެ. އެއްވެސް އެއްޗެއް ކަރުތެރެޔަކު ނޯވެއެވެ. ކަރުތެރެ ހަލާކުވެފައެއް ނުހުރެއެވެ. ބޭރުންފުށުން ކަރުގައި އިނގިލިން ފިތާ ހެދުމުން ވެސް ކަރަކަށް ތަދެއްނުވެއެވެ. ގިނައިރު އެ ގޮތަށް ކަރުގައި އަޅައިގަނެގެން ހުރެފައި ކަރުން އެ “އެއްޗެއް” ނެއްޓުނީމައި ދެން ވާގޮތަކީ، ކަރުގެ އެ ދިމާގެ ރިހުން ކަނޑައިގެން ނުގޮސް ހަރުލައިފައި ހުންނަނީއެވެ. އާންމު ގޮތެއްގައި ތިން ގަޑިއެއްހާއިރު އެހެންވެއެވެ. އަހަރެން ހުންނަނީ އެއްގޯސްވެފައެވެ. އެނބުރުންއަރައި ވަރުބަލިވެފައެވެ. ދިރިއުޅުމުގެ އެހެން އެއްވެސްކަމަކާ ނުވިސްނެއެވެ.

އެއްދުވަހަކު މެންދުރު ނަމާދުން ފޭބިތަނާ ކުއްލިއަކަށް ދެފައި ފިނިވިއެވެ. އައްސިވިއެވެ. މުޅި ގައިގައި ރިއްސަން ފަށައި، އިނގިލިތައް އަކުނިވަޔަށްދެމީމައި ވާ ކަހަލަ ގޮތްތަކެއް ވާން ފެށިއެވެ. އަހަރެން ހިތަށްއެރިއެވެ. އަހަރެން މަރުވަނީއެވެ. އެ ވަގުތު ބޭނުންވީ ފޮނިއެއްޗެކެވެ.

“ނާސިހާ!” އަހަރެން ގޮވައިލީމެވެ. “ޖޫސްތައްޓެއް ހަދައިދީބަލަ! ނިކަން އަވަސް!”

އަހަރެން ފާރުގައި ހިފަހައްޓަމުން ގޮސް ގޮނޑިއެއްގައި އިށީނީމެވެ. ނާސިހާ ވަރަށް އަވަހަށް ޖޫސްތަށި ގެނެސްދިނެވެ. އަހަންނަށް ބޮވުނީ ކުޑަ އެތިފޮދެކެވެ. އިތުރަކަށް އެ ވެސް ނުދިރުނެވެ. އަހަރެން އެ ހިސާބުން ނިންމީ އެއީ އަހަރެންގެ އެންމެ ފަހު ދުވަސްކަމުގައެވެ. އެ ދަނޑިވަޅު ޝާފިޔާ އިސްކޫލުން އައިތަން ފެނުނެވެ. ޝާފިޔާއަކީ އަހަރެންގެ ހަގު ދަރިފުޅެވެ. ޝާފިޔާއަށް އަހަރެންގެ ހާލުފެނިފައި ގޭގެ ފޯނުން އަހްސަނަށް ގުޅިއެވެ. އަހްސަން ގެއަށް އަންނާނެކަމަކަށް އަހަރެން އުންމީދެއް ނުކުރަމެވެ. އެކަމަކު ވަރަށް އަވަހަށް އޭނަ އައެވެ.

“ކިހިނެއްވީ؟” އަހްސަން އެހިއެވެ.

އެއީ އަހަރެންގެ ކަމަކު އަހްސަން ގެއަށް އައި ފުރަތަމަ ފަހަރެވެ. އަނބިމީހާގެ ހާލު އަހައިލި ފުރަތަމަ ފަހަރު ވެސް މެއެވެ. އަހަރެން ދަންނަ އަހްސަން އެހެނެއް ނޫޅޭނެއެވެ. ވީމާ، ބައްޔަށް ވުރެ ބޮޑަށް އަހަންނަށް ވިސްނުނީ އެކަމާއެވެ.

“އަހަންނަށް ހީވަނީ އަހަރެން ދެން މި މަރުވަނީހެން،” ވަރަށް އުނދަގުލުން އަހަރެން ބުނީމެވެ. “މަރުވުމުގެ ކުރިން ވަރަށް.. ވަރަށް މުހިންމު ވާހަކައެއް ބުނަން އަހަރެން ބޭނުން. އަހްސަން ރުޅިނާންނާތި!”

ނުނިމޭSource link

Leave a Reply

Related Articles