• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ވާހަކަ ⁄ ދެކޭހިތްވޭ ނިކަން

ދެކޭހިތްވޭ ނިކަން


އާދިއްތަ ދުވަހާ ގުޅޭ

“މިއުޅެނީ މީހަކު މަރާލަންވެގެން!” އަހަރެން ބުނީމެވެ.

ޖަވާބުގައި އެއްޗެއް ނުބުނުމުން ނާސިހާގެ މޫނަށް އަހަރެން ބަލައިލީމެވެ. އެ މޫނަކު ކުޑަ ވެސް ހާސްކަމެއް ނެތެވެ. އަހަރެން ބުނި އެއްޗެއް ނާސިހާއަށް ގަބޫލުނުކުރެވުނީކަމަށް ވެދާނެއެވެ. އަހަރެން ދަންނަ ކޮންމެ މީހަކު ވެސް ދެކޭނީ އެހެންނެވެ. އަހަންނަކީ ފިސާރި ފިނޑި، ބިރުގަންނަ މީހެކެވެ. އެހެނަސް އެހެން ހީކުރާ މީހުންނަށް ނޭނގެނީ ކީއްވެގެން ހެއްޔެވެ؟ ނުމޮށޭ ގުރާ ބާރަށް ދައިގަންނާނެއެވެ. އަހްސަން ހެދި ގޮތެއް ހެދިގެން އަހަރެން ހުންނަނީ އަހަރެންގެ ދެއަތް ބަނދެވިފައިވާތީއެވެ. އަހަރެން ކެތްތެރިކަން އިސްކުރީ ބައްޕައަށް ޓަކައެވެ. މަންމައަށް ޓަކައެވެ. އަހަރެންގެ އާއިލާއަށް ޓަކައެވެ. އެ ހުރަސް ނެތިގެންހިނގައްޖެއެވެ. ރަހުމުކުޑަ އިންސާނަކު އަހަރެންގެ މަންމައާއި ބައްޕަ މަރާލައިފިއެވެ. ވީއިރު އަހަރެން ދެން ވިސްނަންވީ ކޮންކަމަކާ ހެއްޔެވެ؟

“އެހެންތަ؟” ނާސިހާ ވަރަށް އާދައިގެ ރާގަކަށް ބުނެލިއެވެ. “އާނ! މަ ހުންނާނަން ހައްޕުކިޔައިގެން. އަހަރެން މި އައީ ވާހަކައެއް ބުނަންވެގެންނޭ. މިހާރު ދެން މޫނިއަކަށް އެއްވެސް މަޖުބޫރުކަމެއް ނެތެއްނު! ދެން ވަރިވާންވީނު!”

“މަރާލީމަ ހުރިހާކަމެއް ނިމުނީނު!” އަހަރެން ބުނީމެވެ. “އުމުރުދުވަހަށް އެ ކަމުން ސަލާމަތްވީ!”

ހައިރާންވުމުގެ ބަދަލުގައި ނާސިހާގެ މޫނުމަތިން ފެނުނީ ހިތާމައިގެ އަސަރެވެ. އަހަރެންގެ ހިތްދަތިކަން ބޮޑުވެގެން ގޮސް އަހަރެން ދުނިޔެއިން މޮޔަވަނީހެން ނާސިހާއަށް ހީވީބާއެވެ؟ އިތުރު އެއްޗެއް ނުބުނެ އަހަރެންގެ ކޮނޑުގައި ފިރުމައިލައިފައި ނާސިހާ ދިޔައެވެ. އަހަރެން ހިތަށްއެރިއެވެ. އެ ވަރުގެ ނިންމުމަކަށް ޢަމަލުކުރުމުގެ ކުރިން ރާޝިދު ގާތުގައި އެ ވާހަކަ ބުނެލުން ކިހިނެއްވާނެބާއެވެ؟ ރާޝިދު ގަބޫލުނުކުރިއްޔާ ނުކުރީއެވެ. އަހަރެން ބުނިކަން އޮންނާނެއެވެ.

ރާޝިދާ ވާހަކަދައްކަން އެންމެ ބޭނުންވި ރޭ އެ ކަމެއް ނުވިއެވެ. ފޯނުގެ ނަރު ކޮންމެ ފަހަރަކު ގުޅައި ނައްޓަމުންދަނިކޮށް ފޯނުގެ ކޮންމެވެސް މައްސަލައެއް ޖެހުނީއެވެ. އެ މައްސަލަ އަހަންނަކަށް ރަނގަޅެއް ނުކުރެވުނެވެ. ހިތަށްއެރިއެވެ. ކޮންމެ ކަމެއް ވެސް ވާނީ ރަނގަޅަކަށެވެ. ބާލީސްދަށަށް ވަޅި ލުމަށް ފަހު އަހަރެން ނިދީމެވެ. އަހްސަނަކީ އާންމުކޮށް ދަންވަރު ގެއަށް އަންނަ މީހެއް ނޫނެވެ. އެކަމަކު އޭނަ ގެއަށް އައިސް ނިދައިފައިއޮއްވައި އަހަންނަށް ހޭލެވިއްޖެ ނަމަ އޭގެ މާނަ ވަރަށް ސާފެވެ. އަހްސަން ނިފައިފައިއޮއްވައި އަހަންނަށް ނުހޭލެވުނު ނަމަ ނުވަތަ އޭނަ ނައި ނަމަ އެއިން ވެސް އެ ބުނެދިނީ ވަރަށް ސާފު ވާހަކައެކެވެ. ދެން ކަންކުރަންވީ ގޮތް ދަނެގަންނަން އަހަންނަށް ފަސޭހަވާނެއެވެ. މާތްރަސްކަލާނގެއަށް ވަކީލުކޮށްލައިގެން އަހަރެން އޮށޯތީމެވެ. ފިކުރުގެ ފުން ކަނޑެއްގައި އޮޔާދެމެން އަމިއްލަ ނަފުސު ދޫކޮށްލައިގެން އޮއްވައި އިސާހިތަކު އަހަންނަށް ނިދިއްޖެއެވެ.

ކުޑަކޮށް ސިއްސައިގެން ގޮސްފައި އަހަންނަށް ހޭލެވުނެވެ. ހީވީ މީހަކު ގައިގައި ކޮއްޓައިލައިފައި ގޮވައިލިހެންނެވެ. އޭރު އަހްސަން އޮތީ ނިދައި މަރުވެފައެވެ. އާންމުކޮށް ޓީޝާޓު ލައިގެން ނިދާ މީހާ އެ ރޭ ލައިގެންއޮތީ ސޯޓެއް އެކަންޏެވެ. އޭގެ މާނަ ވެސް އަހަންނަށް ވަރަށް ސާފެވެ. އަހަރެންގެ މަގު އަމާންވީއެވެ. އަހަރެން ހުއްޓުވާނެ މީހަކު ނެތެވެ. ބާލީސްދަށުން ވަޅި ނަގައި އަތަށް ހެޔޮވަރުކޮށްލީމެވެ. ހިތާހިތުން ބުނެލީމެވެ. ޝަހާދަތްކިޔާނެ ފުރުސަތު ވެސް ކަލެޔަކަށް ހައްގެއް ނޫނެވެ.

“މަންމާ!” އެންމެ ހަގު ދަރިފުޅު ގޮވައިލި އަޑުއިވުނެވެ.

ކުއްލިއަކަށް އަހަރެން އަތުން ވަޅި ދޫވިއެވެ. ވަޅި ވެއްޓުނީ އެނދުމައްޗަށެވެ. އަހަރެން ބާލީސް ދަށަށް ވަޅި ކޮއްޕައިލީމެވެ. ދަރިފުޅު އައިސް އެނދަށްއެރިއެވެ. ހީވަނީ ކޮންމެވެސް ކަހަލަ ބިރުވެރި ހުވަފެނެއް އޭނައަށް ފެނުނީހެންނެވެ. އަހްސަން ގާތުގައި އޮށޯވެފައި އޭނަ ގައިގައި ދަރިފުޅު ބައްދައިލިއެވެ. ގުނޑައިލަން ވެސް ނޭނގިފައި އަހަރެން އިންދައި ދަރިފުޅު ނިދިއެވެ. އެއީ އިއްތިފާގެއް ނޫނެވެ. އެއީ އިއްތިފާގެއް ނޫނެވެ. ތަކުރާރުކޮށް އަހަރެންގެ ނަފުސު ބުންޏެވެ. އެއީ އިޝާރާތެކެވެ. އަހަރެން ނިންމީ އެ ގޮތަށެވެ. މާތްރަސްކަލާނގެ ވަނީ އަހްސަނަށް އެހެން އަދަބެއް ނިންމަވައިފައެވެ. އަހަރެންނަށް އޮތީ ކެތްތެރިވުމެވެ. އިންތިޒާރުކުރުމެވެ.

އަހަރެން ސަލާމަތްވީ ކޮން ފަދަ ބޮޑު މުސީބާތަކުންކަމެއް އަހަންނަކަށް ނޭނގެއެވެ. އެކަމަކު، އަހްސަން މަރާލުމުގެ ހިޔާލު ދެން ވެސް އަހަރެންގެ ސިކުނޑީގައި ދުވަސްކޮޅަކު އެނބުރުނެވެ. އެ ކަމަށް ދެކޮޅުހެދީ އަހަރެންގެ ހިތެވެ. ހިތުގެ ލަގަނުގައި ހިފަހައްޓައިގެން ހުންނަން އަހަންނަށް ފަސޭހަ ނޫން ނަމަވެސް ދުލެއްނުކުރަމެވެ. ފަހުން ހިތަށްއެރިއެވެ. ރާޝިދާ ވާހަކަދެއްކެންއޮތް ހަމައެކަނި މަގު ބަންދުވިކަން އެއީ ނަސީބެކެވެ. ނުވަތަ އެއީ ބަދުނަސީބެއް ހެއްޔެވެ؟ ބައްޕައާއި މަންމަ ވަކިވި ދަނޑިވަޅު ދެން ހިތްވަރެއްދޭންހުރި މީހާޔާ ވެސް ވަކިވީއެވެ. ބޭނުން ނަމަ ރާޝިދު ގެއަށް ގެނެވުނީހެވެ. އެކަމަކު ފުރަތަމަ ތަޖުރިބާއިން ލިބިދިން ފިލާވަޅުގެ ސަބަބުން އަހަރެން ފިނިވީއެވެ. ފޯނެއް ގަންނަން ވިސްނައިފައި އެ ހިޔާލު ވެސް މަޑުޖައްސައިލީއެވެ. އަހަރެން ބޭނުންވީ އަހްސަނަށް ހުރިހާ ބާރެއްލިބުމުން ދެން އޭނަ ކަންތައްކުރާ ގޮތް ބަލައިލާށެވެ.

އަހްސަން އެންމެ ފުރަތަމަ ކުރިކަމަކީ ގެއަށް ފައިބާތިބި ކުދިންގެ ތެރެއިން އަހްސަނަށް ފެންނަ ކުދިން ގެއިން ނެރުމެވެ. ނަސީބަކުން ނާސިހާ ބެހެއްޓިއެވެ. ދެވަނައަށް ކުރިކަމަކީ އަހްސަން ބޭނުންވާ ކުދިން އުޖޫރައަށް ގޭގައި ބައިތިއްބަން ފެށުމެވެ. އެ މީހުންނަށް ފެންނަ ހިސާބުގައި އަހްސަންގެ ބޮޑާކަމާއި، އަހަރެން ދަށުކޮށްލައިފައިވާވަރު ދެއްކުމެވެ. ތިމާ މަރުން ސަލާމަތްވެފައިވަނީ ކިހާ ހަނި ފުރުސަތަކުންކަމެއް އޭނައަކަށް ނުވިސްނެއެވެ.

މައިންބަފައިން ވަކިވެގެންދިޔުމާއި، ރާޝިދާ ވާހަކަނުދެއްކެން ފެށުމުން އަހަރެންގެ މިޒާޖަށް ބޮޑެތި ބަދަލުތަކެއް އައެވެ. ކުދިންގެ ކަންތަކާ މާ ބޮޑަކަށް އަޅައެއްނުލެވެއެވެ. އަމިއްލަ ހަށިގަނޑާ މެދު މާ ބޮޑު ފަރުވާލެއް ނުބެހެއްޓެއެވެ. ހިތަށްއެރިއެވެ. ރާޝިދާ ވާހަކަނުދެއްކެންޏާ އަހަރެން މޮޔަވެދާނެއެވެ. ދިރިހުރުމަށް ކޮންމެވެސް ސަބަބެއް އެބަ ބޭނުންވެއެވެ. އަހަރެން ލޯބިވާވަރު ބަޔާންކޮށްފައި ރާޝިދަށް ސިޓީއެއް ލިޔެލަންވީއެވެ. ދުވަހަކު ވެސް މީހަކު ލިޔެފައި ނުވާ ކަހަލަ އަސަރުގަދަ ސިޓީއެކެވެ. ކަރުދާހާ ގަލަން ނަގައިފައި ވިސްނައިލީމެވެ. ސިޓީއެއް އާދަޔާހިލާފުވާނީ ކިހިނެއް ހެއްޔެވެ؟ ލިޔެފައިވާ އެއްޗަކުން އަހަރެންގެ ލޯތްބާއި، ހިތްވަރު ފެންނާނީ ކިހިނެއް ހެއްޔެވެ؟ ކަންތައް ވެގެންދިޔައީ ހީ ވެސް ނުކުރާ ކަހަލަ ގޮތަކަށެވެ. އަހަރެން ތޫނުކުރި ވަޅިން އަހަރެން ވައަތުގެ ބޮޑުވައި އިނގިލި ކަނޑައިލީއެވެ. އަދި އިނގިލިން އައި ލެއި ކުޑަކުޑަ ތައްޓަކަށް އެޅީމެވެ. އަދި އިލޮށިކޮޅަކުން ކަރުދާސްގަނޑެއްގައި ލިޔަން ފެށީމެވެ. އަހަރެން ބޭނުންވިހާ ރީތިކޮށް، ހިމަކޮށް އިލޮއްޓަކުން ނުލިޔެވުނެވެ. ހިތަށްއެރިއެވެ. އެންމެ ރީތިކޮށް ލިޔެވޭނީ ކޯޗަކުން ހެއްޔެވެ؟ ބޭރަށް ނުކުމެ ގޯތީގައި ހުރި ގަސްތަކަށް ބަލަމުން ހިނގަނިކޮށް ސައިމާގަސް އަހަރެންގެ ލޮލުގައި އަޅައިގަތެވެ. އެ ގަހުން ތަނޑިކޮޅެއް ނައްޓައިލީމެވެ. އެއިން ވަރަށް ރީތިކޮށް ލިޔެވުނެވެ. ބޭނުންވިހާ ހިމައެއް ނޫނެވެ. އެހެންނަމަވެސް ހިތްހަމަޖެހޭ ވަރު ވިއެވެ.

“އަހަރެންގެ ލޯބިވާ ރާޝިދަށް!” ފުރަތަމަ ވެސް ލިޔުނީމެވެ. އޭގެ ފަހުގައި ލިޔުނީމެވެ. “އަހަރެން ދުނިޔޭގައި ހުއްޓަސް ނެތަސް އަހަރެން ހަނދާންނައްތައިނުލައްޗެވެ. ހޭލާހުއްޓަސް ނިދައިފައިއޮތަސް އަަހަރެންގެ ހުވަފެން ބަލައްޗެވެ. އަހަރެންގެ އާދޭހަކީ އެއީއެވެ. މިހެން ހީކޮށްލާށެވެ. އަހަންނަކީ ހަނދުވަރެވެ. އަހަންނަކީ ވާރެއެވެ. ފަތިހު ފުރަތަމަ ފެންނަ ދޯއްޖާއި ހަވީރު އެންމެ ފަހުން ފެންނަ ދޯއްޖަކީ ވެސް އަހަންނެވެ. ވައިރޯޅިއާއި ރާޅަކީ ވެސް އަހަންނެވެ. ފެންނަ ހިސާބުގައި އަހަރެން ނެތަސް ހިތުން އަހަރެން ފުހެނުލައްޗެވެ. ކިތަންމެ ދުރުގައި ހުއްޓަސް، ވާހަކަނުދެއްކުނަސް އިންތިޒާރުގައި އެބަހުރީމެވެ. މި ދުނިޔޭގައި ބައްދަލުވިޔަސް ނުވިޔަސް މަހުޝަރުބިމުގައި އަހަންނާ ބައްދަލުކޮށްލަން އަންނައްޗެވެ.”

ސިޓީ ލިޔެ ނިންމައިލައިފައި އިނގިލީގައި ބޭސްމަލަން އަޅަން އުޅެނިކޮށް ނާސިހާއަށް ފެނުނެވެ. ނާސިހާ ނޫން މީހަކަށް އެ ސިޓީގެ ހަގީގަތެއް ނޭނގޭނެއެވެ. ވަރަށް ހެވިފައި އައިސް ނާސިހާ ސިޓީ ކިޔައިލިއެވެ.

“ހާދަ މޮޅު ދެއްޔަކުންނޭ ތި ލިޔެލީ!” ވަރަށް ގަޔާވެފައި ނާސިހާ ބުންޏެވެ. “އަހަރެން ވެސް ވެއްޖެ ތިގޮތަށް ސިޓީއެއް ލިޔަން. ކިހިނެއް ހެދީ؟”

“މީކީ ދެން މާ ބޮޑު ކަމެއް ނޫނެއްނު. މިއޮތީ އިނގިލި. މި ތަނުން ކަނޑައިލައިފަ މިހިރަ އެއްޗަށް ލޭއަޅާފަ ލިޔެލީ،” އަހަރެން ބުނީމެވެ. “އެކަމަކު ކަޮންމެކޮންމެ މީހަކަށް މި ކަމެއް ނުވާނެ.”

“އޯ ގަދަ!” ސިޓީއަށް ބަލަންހުރެ ނާސިހާ ބުންޏެވެ. “އަހަރެންގެ ވެސް ހުންނާނެ މީހެއް. ވެއްޖެ ތިހެން ސިޓީއެއް ލިޔެލަން. މޫނި ޖެހޭނެ ކިޔައިދޭން.”

އަހަރެން ހީކުރީ އެއީ ނާސިހާ މަޖަލަކަށް ބުނި އެއްޗެއްކަމަށެވެ. އެހެނަސް ދެން ފެނުނީ ނާސިހާ ކަރުދާސްގަނޑެއް ހިފައިގެން އައިތަނެވެ. އަހަރެން ކައިރީގައި އިށީނދެފައި އިނގިލި ކަނޑައިލައިފައި ލިޔަން ފެށިއެވެ. އޭނަ ވެސް ލިޔުނީ ސައިމާގަހުގެ ތަނޑިކޮޅަކުންނެވެ.

“ހާދަހާ މޮޅު ދެއްޔެކޭ،” ސިޓީ ލިޔަމުން ނާސިހާ ބުންޏެވެ. “އަހަރެންގެ ދެއްޔަކުން އެހެން މީހަކަށް ނުލިޔެވޭނެ ދޯ!”

“މީ ހަމައެކަނި ލޯބިވެރިންނަށް ހުންނަ ދެއްޔެއް،” ފަހުރުވެރިކަމާ އެކުގައި އަހަރެން ބުނީމެވެ. “ހިތްބަލި މީހުންނަކަށް މި ކަމެއް ނުކުރެވޭނެ. ފަޅޯލޯބިވާ މީހުންނަކަށް ވެސް މި ކަމެއް ނުކުރެވޭނެ. ނާސިހާ ޖެހޭނެ ސިޓީ ގެންގޮސްދޭން.”

ނާސިހާ ގާތުގައި އަހަރެން ބުނީ ފޮތެއްގެ ތެރެއަށް ސިޓީ ލައިގެން ގެންދާށެވެ. ގޭގައި އުޅޭ އަހްސަންގެ ޖާސޫސުންގެ އަދަދެއް އަހަންނަކަށް ނޭނގެއެވެ. މައްސަލައަކީ އަހަރެން ބޭޒާރުވުމެއް ނޫނެވެ. މައްސަލައަކީ ރާޝިދަށް ސިޓީ ނުލިބިދާނެތީއެވެ. އެހެންނަމަވެސް ބިރުކުޑަ ނާސިހާ ސިޓީ ގެންދިޔައީ ފޮތަކަށް ނުލައެވެ. ނާސިހާ ދިޔަތާ އިރުކޮޅެއްނުވަނީސް އަހްސަން ގެއަށް އައެވެ. އަހްސަން ހުރީ ވަރަށް ހާސްވެފައެވެ. އަހަރެން ނުދެނަހުރިކަމަށް ހަދައިފައި ކޮޓަރި ކުނިކެހުމުގެ މަސައްކަތުގައި އުޅުނީމެވެ. އަހްސަނަށް ބެލީ ވައްކަޅިންނެވެ. ކޮޓަރީގައިހުރި ހުރިހައިއެއްޗެއް ހޭވުމަށްފަހު، ކޮންމެވެސް ދެތިން ކަރުދާހެއް ހިފައިގެން އަހްސަން ނުކުތެވެ. ދެ މިނެޓު ވެސް ނުވެ ދޮރުގައި ޓަކިޖެހިއެވެ. ދޮރުހުންނާނީ ތަޅުނުލައިކަން އަހަންނަށް ޔަގީނެވެ. ވީމާ، ދޮރު ހުޅުވާކަށް އަހަރެން ނުދަމެވެ. ބޯވައެއްހެން މުޅި ގޭގައި އަހްސަން ތަތްކޮށްލައިގެން އޮންނައިރު ނިދާކޮޓަރިއަށް އޭނައަށް ނުވަދެވެންވީ ކީއްވެގެން ހެއްޔެވެ؟ ކުއްލިއަކަށް ދޮރު ހުޅުވައިލި އަޑުއިވުމުން އަހަރެން ބަލައިލީމެވެ. ދޮރުމަތީގައި ހުރީ ރާޝިދެވެ. ގިރުވާން ކައިރީގައި ކަޅުފަށް ދަމައިފައިވާ، ސިފައިންގެ ހުދުކުލައިގެ ރަސްމީ ޔުނީފޯމުގައެވެ.

“މީ ކޯޗެއް؟” އަަހަރެން ފޮނުވި ސިޓީ ދައްކައިލައިފައި، ހިތްހަމަނުޖެހިފައި ރާޝިދު އެހިއެވެ.

ނުނިމޭSource link

Leave a Reply

Related Articles