• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ވާހަކަ ⁄ ދެކޭހިތްވޭ ނިކަން

ދެކޭހިތްވޭ ނިކަން


އާދިއްތަ ދުވަހާ ގުޅޭ

ސިކުންތުކަށި ހުރީ ފަހު ފަހަރަށް ބާރަޔާ ދިމާއަށް މިސްރާބުޖަހައިފައެވެ. ސިކުންތަކަށް ފަހު ސިކުންތެކެވެ. ނޭވަޔަކަށް ފަހު ނޭވައެކެވެ. އަހްސަންގެ އެނދު ކައިރީގައި ހިމޭން ވަގުތުތައް ގުނަމުންދިޔައިރު އަހަރެންގެ ހިތުގެ ސަފުހާތައް ތަރުތީބެއް ނެތި އުކެމުން ނިއުޅެމުންދިޔައެވެ.

“މަންމަ ދޭ އަރާމުކޮށްލަން،” އަހަރެންގެ ކޮނޑުގައި ފިރުމާލައިފައި ޒުހުދާ ބުންޏެވެ. “އަހަރެން އިންނާނަން މިތާ. ކަމެއް ވެއްޖެއްޔާ މަންމައަށް ގޮވާނަމޭ.”

ޒުހުދާގެ ވިސްނުން އެ ކަހަލަ ގޮތަކަށް ހުރެދާނެކަމަކަށް އަހަރެން ހިޔެއް ނުކުރަމެވެ. ހިތަށްއެރިއެވެ. އަހަރުމެންގެ ދިރިއުޅުން ވިއްސިވިހާލިވެގެނެއް ނުދިޔައެވެ. އަހަރެންގެ ދަރިންނަކީ ހަރުދަނާ، ހިތްވަރުގަދަ ކުދިންނެވެ. ކުދިންގެ ބައްޕައަށް އަހަރެން އިހާނެތިކޮށެއް ނުހިތަމެވެ. އަހްސަންގެ ކަންތައްތައް ބަރާބަރަށް އަހަރެން ކުރާތަން ކުދިންނަށް ހުންނާނީ ފެނިފައެވެ. ކެއްކުމާއި ކާންހެދުމެވެ. ދޮވެއިސްތިރިކުރުމެވެ. ގޭގައި ގެންގުޅޭ މީހަކާ ވެސް އެއިން ކަމެއް ހަވާލެއް ނުކުރަމެވެ. ފިރިމީހާއަށް އަދާކުރަންޖެހޭ އެއްވެސް ވާޖިބެއްގައި އަހަރެން ފަހަތަށް ފިޔަވަޅެއްނާޅަމެވެ. ކިތަންމެ ފޫހިވިޔަސް، ކިތަންމެ ރުޅިއަޔަސްވެހެވެ.

“އަދި އިރުކޮޅަކުން.” އަހަރެން ބުނީމެވެ.

“ކުރީ ފަހަރު ވެސް މަންމަ ބުނީ ތިހެން.” ޒުހުދާ ބުންޏެވެ.

އާނއެކެވެ. ދެން ޒުހުދާ އެހެން ބުންޏަސް އަހަރެން ދޭނީ ހަމަ އެ ޖަވާބެވެ. އަހަރެންނަށް އަހްސަން ވަރަށް ދެރަދިނެވެ. އަހަރެންގެ ހިތުގައިޖެއްސިއެވެ. ނިދަން ވެސް އުނދަގޫކުރިއެވެ. ފިކުރުތަކުން ދުރުވެވޭތޯ އޭރު އަހަރެން ވަރަށް މަސައްކަތްކުރީމެވެ. ކައިވެނީގެ ހިތާމަތަކުން މިންޖުކުރައްވާތޯ މާތްރަސްކަލާނގެ ކިބަފުޅަށް އަހަރެން އޭރު ދުއާ ވެސް ކުރީމެވެ. އެ ހިތްދަތި ދުވަސްތައް ހިތުން ފިލާނީ ކިހިނެއް ހެއްޔެވެ؟ ގޭތެރޭގެ ހުރިހައި ކަމެއް ބެލެހެއްޓީ އަހަންނެވެ. ހެނދުނު ހޭލާ ގޮތަށް އަހަރެން އުޅުނީ ކޮންމެވެސް މަސައްކަތެއްގައެވެ. ކުދިންގެ ކިޔެވުމުގެ ކަންތައް ދާގޮތާއި، ފައިސާ ހަމަޖެއްސުމާއި، ކުދިން ބަލިވީމައި ހޮސްޕިޓަލަށް ގެންގޮސް ދެން ވެސް ކުރަންޖެހޭ ހުރިހާ ކަމެއް ބެލެހެއްޓީ އަހަރެން އެކަނިމާއެކަންޏެވެ. އަހަރެންގެ ބޮލުގައިރިހުމާއި ނޭވާހިއްލުމަކީ ހުއްޓުމެއް ނެތި ކުރި ހަނގުރާމައެކެވެ. އެ ހިސާބުން ނިމުނީކީ ނޫނެވެ. ލޭ މަދުވުމުގެ މައްސަލައިގައި ބައެއް ރޭރޭ ދަންވަރު ވެސް ހޮސްޕިޓަލަށް ދާންޖެހުނެވެ. އަހްސަން އޮތީ ނިދާށެވެ. ދުވަހަކު ވެސް އަހަންނާ އެކުގައި އަހްސަނެއް ނުދެއެވެ. އަހަރެން ބޭނުންވިޔަސް އެ ހަނދާންތަކަކާ ދުރަކަށް ނުދެވޭނެއެވެ.

“މަންމާ!” އޯގާތެރިކަމާ އެކުގައި ޒުހުދާ ބުންޏެވެ.

“އަދި ކުޑަކުޑަ އިރުކޮޅަކު.” އަހަރެން ބުނީމެވެ.

ޒުހުދާ ދިޔުމުން އަހަރެން ފުން ނޭވައެއް ބޭރުކޮށްލީމެވެ. ހިތަށްއެރިއެވެ. ނަސީބު ދިމާކުރި ގޮތް ނިކަންދެކިބަލާށެވެ. އަހްސަން މެދުނުކެނޑި އަހަންނަށް ސިހުރުހެދިއެވެ. އެކަމަކު އަހަރެންގެ ކަނިވަމުންދިޔަ ނޭވާގެ ހުޅުކޮޅު، ފިޔަޖަހައިލައިފައި އަނެއްކާ ވެސް ރޯވީއެވެ. އަހަރެންގެ ހަށިގަނޑަށް އަލުން ދިރުން އަތުވެއްޖެއެވެ. އުނދަގޫތަކާއި އަނިޔާތަކުން ސަލާމަތްވެއްޖެއެވެ. އެކަމަކު އަހްސަން އެ އޮތީ މަރަށް ލިހިލިހިއެވެ. އަހަރެން އަދިވެސް މިހިރީ އަހްސަންގެ އަންބެއްގެ ގޮތުގައެވެ.

އަހަރުމެންގެ ދަރިން އެކި ފަހަރުމަތިން އެކި ކުދިން އައިސް އަހްސަންގެ އެނދުކައިރީގައި ތިބެފައި ދެއެވެ. އެ ކުދިންނަށް ހީވާ ކަހަލައެވެ. އަންނަ ކޮންމެ ފަހަރަކު ވެސް ބައްޕަ ހޭލާއޮއްވާ ފެންނާނެއެވެ. ކޮންމެ ކުއްޖެއްގެ ދެ ލޮލުން ބައްޕައަށް ޓަކައި އޮހޮރެމުންދިޔައީ ލޯބީގެ ކަރުނައެވެ. ހުރިހާ ހަގީގަތެއް ދެނެހުރި ޒުހުދާގެ ކަރުނައެއް ވެސް އޭނަޔަކަށް ނުހިފޭއްޓުނެވެ. އެއީ ބައްޕައެއްގެ ތެދުވެރި ލޯބީގެ ނަތީޖާ ހެއްޔެވެ؟ ނޫނެކެވެ. އެއީ އަހަރެންގެ ތަރުބިއްޔަތެވެ. އަވިގަދަ މެންދުރެއްގެ މެދު އުޑުން އިރު ފެންނަ ފަދައިން އަހްސަންގެ ކެހިވެރިކަމާއި އަނިޔާވެރިކަން އަހަންނަށް ފެނުނު ނަމަވެސް، ކުދިންގެ ހިތަކު އޭގެ ލަކުނެއް ނުލައްވަމެވެ. ވިހައެއް ނުފަތުރަމެވެ. ބަސްމޮށުންތެރިކަމުން މަހުރޫމްވެފައިވާ އަހްސަން އަހަންނާ ދިމާއަށް ބަލަހައްޓައިގެން އޮންނަނީ ޝުކުރުއަދާކުރަން ކަމުގައި ވެދާނެއެވެ. އެހެނަސް ވަގުތު ފާއިތުވެއްޖެއެވެ. އުންމީދުގެ ފަތްތައް މިލައި، ތަނޑިތައް ހިކިއްޖެއެވެ. ލޯބީގެ ގޮފިތައް ފީވެ، މޫތައް ލުހިއްޖެއެވެ. އިތުބާރުގެ ފަސްގަނޑު ހަނަފަސްވެ، ހަޔާތުގައި ސިއްކަޖެހި އަހްސަންގެ އަޖަލު ހަމަވީއެވެ. ހަޔާތުގައި އަހަންނަށް އަނިޔާ ނޫން އެހެން އެއްޗެއް ނުދިން ފިރިމީހާ މަރުވެގެންދިޔައިރު ވެސް އޭނަގެ އަތުގައި އަހަރެން ބާރަށް ހިފަހައްޓައިގެން އިނީމެވެ. ހުރިހާ ޝަކުވާއެއް ކަރުނައިން ދޮވެލީމެވެ. މާފުގެ ހުދު ކަފުނުން ފިރިމީހާގެ މޫނުއަޅައި، ވަދާޢުގެ ސަލާން ބަރުތީލަކުރީމެވެ. އެދުނީމެވެ. ކުށެއް ކުރެވިފައިވާ ނަމަ އަހަންނަށް މާފުކުރާށެވެ.

އަހަންނަށް މި ދިމާވި ކަންތައްތަކަކީ އަހަންނަށް ވިސްނައިދޭނެ މީހަކު ނެތުމުން ދިމާވި ކަންތައްތަކެއްކަން މިހާރު ގަބޫލުކުރެވެއެވެ. އަހަރެންގެ ނަމުގައި ބައްޕައަށް ސިޓީ ލިބުނު ދުވަހު ބައްޕަ ގާތަށް އަހަރެން ގެނެސް އަހަންނަށް ވިސްނައިދީ މަޝްވަރާކޮށްލި ނަމައެވެ. އަހަރެންގެ ހިތުގައި އޮތީ ކޯޗެއްތޯ އަހައިލި ނަމައެވެ. އެހި ނަމަ އަހަރެން ލޯބިނުވާ މީހަކާ އިންނާކަށް ނުޖެހުނީހެވެ. އަހްސަންގެ އަންބަކަށް ހުރެ އަހަރެން އެހެން ފިރިހެނެއްދެކެ ލޯބިވުމަކީ ކޮންކަހަލަ ކަމެއްކަން އަހްސަން އަހަންނަށް ވިސްނައިދިން ނަމައެވެ. ކަން އޮންނަ ގޮތް ބުނެދިން ނަމައެވެ. ނަފުރަތުގެ ބަދަލުގައި އޯގާތެރިކަން އަހްސަން ބޭނުންކުރި ނަމަ ކައިވެނީގެ ފަހުން އަހްސަނަށް އަހަރެންގެ ހިތް ފަތަހަކުރެވުނީހެވެ. އެކަމަކު ކޮންމެ ފަހަރަކު ވެސް އަހްސަން ލަވައިގަތީ ހަޅޭކެވެ. އޭގެ ސަބަބުން އޭނަ ދެކެ އަހަރެން ވީ ފޫހި ހައްތަހާ ވީ އިތުރެވެ. އައި ރުޅި ހައްތަހާ ވީ ގަދައެވެ.

އަހަންނަށް ކުރެވުނު ކަންތައްތައް މާ ރަނގަޅެކޭ ނޫނެވެ. އެހެނަސް އެ ކަން އެހެން ވިޔަ ނުދިނުމުގެ ބާރު ފިރިމީހާ އަތުގައި އޮތެވެ. އަނބިމީހާއަށް މަގުދެއްކުމުގެ ބާރު، އަބަދުވެސް ފިރިމީހާ އަތުގައި އޮންނާނެއެވެ. އޭގެ ބޭނުންކުރަން ފިރިމީހާއަށް ނޭނގުމުން ކޮންމެ އަންހެނެއްގެ ހިތުގައި ވެސް ތޫނު ރިހުމެެއް އުފެދޭނެއެވެ. މީހަކު ބުނެފާނެއެވެ. ފިރިމީހާ ދެކެ ލޯބިނުވަންޏާ އަހަންނަށް ތިން ދަރިން ލިބުނީ ކިހިނެއް ހެއްޔެވެ؟ ދިރިހުރުމަށް ޓަކައި ގުނަވަނެއް ބުރިކޮށްލަންޖެހޭ ފަހަރު ނާދޭ ހެއްޔެވެ؟ އަރާމުގެ ނިންޖަކުން ނިދާފައިއޮއްވައި ބިރުވެރި ހުވަފެނެއް ފެނިގެން ހޭލަން ނުޖެހޭ ހެއްޔެވެ؟ ބައެއް ކަންކަމަކީ ބާރު ނުފޯރުވޭ ކަންކަމެވެ. މިއަދު އަހަރެން އެހެން ހިތަށްއަރައެވެ. ކުދިން ކުށްވެރިއެއް ނުކުރަމެވެ. އެއީ އަހަރެންގެ ހަޔާތަށް އަލިކުރި އަލިގަދަ ބައްތިތަކެކެވެ.

ދޮށީ ދަރިފުޅުގެ އުމުރުން މިހާރު ވިހިއަހަރެވެ. އަހަރެންގެ އުމުރުން ތިރީސް ފަސް އަހަރެވެ. ނާސިހާއަކީ އަހަންނަށް ލިބުނު ދެވަނައެއް ނެތް އެކުވެރިޔެކެވެ. އަހަންނަށް ހިތްވަރުދޭން އޭނަ ހުއްޓެވެ. ރާޝިދުގެ ޚަބަރެއް ނުވިއެވެ. ޚުދު ނާސިހާއަށް ވެސް ރާޝިދު ގެއްލުނީއެވެ. އަހަރެން މިނިވަންވެ ދެ އަތް ދަމައިލިއިރު ރާޝިދު އަތްފޯރާފަށަކު ނެތެވެ. އޭނަ ކުރީ ކޮން ފަދަ ހުވައެއްކަމެއް އަހަންނަކަށް ނޭނގެއެވެ. ދުވަހަކު ވެސް އެނގޭނެހެނެއް ހިޔެއްނުވެއެވެ. އަހަރެން އިންތިޒާރުކުރީމެވެ. ހަނދާން އާކުރީމެވެ. ބޮއްކުރާގައި އިށީން ވަގުތެވެ. ރާޝިދުގެ އަސަރުގަދަ އަޑެވެ. ރާޅުގެ މިޔުޒިކީ ހަމަތަކަށް ނަށަމުން، ވައިރޯޅީގެ މަސްތުގައިޖެހެމުން، ރިތުގެ އަމުރަށް ކިޔަމަންވަމުން ބޮއްކުރާ މިސްރާބުހިފި ދަނޑިވަޅެވެ. އިރުގެ ދަޅައިން އޮފުއަރަމުންދިޔަ ރާޝިދުގެ ވަރުގަދަ ބޮނބިފަޅިން އަހަރެންގެ ހިތަށް ތަދުުކުރަމުން، ފިރުމަމުން އޭނަ ދިޔަ ދުވަހެވެ. އަހަރެންގެ ހިތުގެ ޖިފުޓީގައި މެހުމާނަކު ޓަކިދިން ވަގުތެވެ. ރާޝިދުގެ ރީތި މޫނާއި، މެދަށް ވުރެ ކުޑަކޮށް އަރިމަތިން ފަޅައިފައިވާ އިސްތަށިގަނޑާއި، ދަތްދޮޅީގައި ހުރި އަޑިކޮޅެވެ. ލޯބީގެ ފުރަތަމަ ރާޅު އަހަރެންގެ ހިތަށް ބިންދާލި ގޮތެވެ. މުޅި ހަށިގަނޑަށް ލޮޅުންއަރައިގެންދިޔަ ދުވަހާއި ހިތުގައި އުފެދުނު ޖަޒުބާތުގެ އާހެވެ.

ކޮޓަރީގެ ތަޅުންގަނޑުމަތީގައި އެތައް އިރެއް ވަންދެން އަހަރެން އޮތީމެވެ. މޫނަށް އަވިއަރައި އަނދިރިވަންދެނެވެ. ހަރަކާތް މަދުވެފައިވާ އަހަރެންގެ ހަށިގަނޑުގައި ރާޝިދު ހަނދާން ނުކުރާ އެންމެ ވިންދެއް ވެސް ނެތެވެ. އަންނާށެވެ. ހިތާހިތުން އަހަރެން ބުނީމެވެ. ހުރި ތާކުން އެނބުރި އަންނާށެވެ. ދެކިލާހިތުން އަހަރެން މަރުވެދާނެއެވެ. އާނއެކެވެ. އަހްސަން ދެކެ އަހަރެންނަކަށް ލޯތްބެއް ނުވެވުނެވެ. އަހަރެންނަށް ލޯބިވެވުނީ ރާޝިދު ދެކެއެވެ. އެއީ އަހަރެންގެ ކުށެއް ހެއްޔެވެ؟ ހަގީގަތް ފޮރުވިފައިއޮތީ އަހަރެންގެ ހިތުގައެވެ. އެޔެއް ނުފުހެވޭނެއެވެ. ހިތް އެއްލައެއް ވެސް ނުލެވޭނެއެވެ. އެކަމަކު އަހަރެން މަތިން ރާޝިދު ހަނދާންނައްތައިލީ ހެއްޔެވެ؟ އަމިއްލަ ހިތާ އަހަރެން އެ ސުވާލުކުރަމެވެ. އަހަރެން ކުރީ ކޮންފަދަ ކުށެއް ހެއްޔެވެ؟ އަހަރެން މި އިންނަނީ އަހަރެން އެންމެ ކުރިން ވެސް އިން ގޭގައެވެ. މި އަވަށާއި މި ގޭގެ މަގު ރާޝިދަށް އެނގޭނެއެވެ. އަހަރެން ފެންނަ ހިސާބަށް ރާޝިދު ނާންނަނީ ކީއްވެގެން ހެއްޔެވެ؟ އަހަރެން މަތިން ރާޝިދު ހަނދާންނެތުނީ ހެއްޔެވެ؟ އަހަރެން ދެކެ ފޫހިވީ ހެއްޔެވެ؟ ހާލަތު ނިޔާކުރި ގޮތުން އަހަންނާ ބައްދަލުކުރަން މިހާރު ރާޝިދު ފަސްޖެހެނީ ހެއްޔެވެ؟ އަހަރެން ހެޔޮ ހާލުގައި ހުރިކަން އެނގޭތީ ރާޝިދު އެ ވަރުން ފުއްދާލަނީ ހެއްޔެވެ؟ ޖަވާބު ނޭނގޭ އެތަކެއް ސުވާލެކެވެ. ވިސްނަންއޮއްވައި އަހަންނަށް ނިދުނީއެވެ.

“ހޭލާ! ހޭލާ!” އަހަންނަށް އަޑުއިވުނެވެ.

އަހަރެން ލޯހުޅުވައިލީމެވެ. ކޮޓަރީގެ ބޮކި ހުރީ ދިއްލައިފައެވެ. ފުރަތަމަ އަހަންނަށް ފެނުނީ ކަޅުކުލައިގެ ގަންބޫޓެވެ. ދެން ފެނުނީ ކާކީ ކުލައިގެ ފަޓުލޫނެވެ. އޭގެ މަތިން ކާކީ ޔުނީފޯމެކެވެ. ކޮނޑުގައިވާ ފަށްތަކާއި ކިހިއްޔަށް ޖަހައިފައިވާ ތޮތްޕެވެ. ގެތުންތަކާއި އެމުނުންތަކުން ޖަރީކޮށްފައިވާ، ބޭންޖަހާއިރު ސިފައިން ބޭނުންކުރާ ސިފަވަންތަ ހެދުމެވެ. ރާޝިދުގެ ހިތްގައިމު މޫނެވެ. ހިތް ފުރިގެން ބަންޑުންކުރުވި ހިނިތުންވުމެވެ.

“އިއްޔެ މާލެއައީ،” ރާޝިދުގެ ބަރު އަޑުން އަހަރެންގެ ހިތް ތެޅިގަތެވެ. “ކީއްވެ ބޭންޖަހާތަން ބަލަން ނައީ؟”

އަހަންނަށް ރޮވުނީއެވެ. އެއީ ސަލާމަތްވާނެ ފުރުސަތެއް ނުލިބި ހައްޔަރުވެފައިވާ އަހަރެންގެ ޝަކުވާތަކެވެ.

“ރާޝިދު ކޮންތާކު އުޅުނީ؟” އަހަރެން ބުނީމެވެ. “ދެކިލާހިތުން…”

“އަހްސަންގެ އަނބިމީހާޔާ ބައްދަލުނުކުރަން ހުވާކުރުވީމަ ދެން ނާދެވޭނެއްނު މޫނީ،” ކަރުނަ ބަބުޅަމުންދިޔަ ދެ ލޮލުން ބަލަމުން ރާޝިދު ބުންޏެވެ. “މިހާރު މިހިރީ މަގޭ މޫނި ދެކިލަން އައިސް. މަގޭ ދޫނި އުރާލަން އައިސް.”

ބޮލުގައި ތޮފިއަޅައިފައި ރާޝިދު ދެއަތް ދިއްކޮށްލިއެވެ. އަހަރެން ހިނިތުންވެލީމެވެ. ރާޝިދުގެ ވަރުގަދަ ދެއަތުން އަހަރެން އުރާލިއެވެ. ލޯބީގެ މާތައް މަތިން އޮހިގަތް ވަގުތު ރާޝިދުގެ ތޮފިން އަހަރުމެންގެ މޫނު ފޮރުވީމެވެ. ހުއްޓިފައިވާ ހަޔާތުގެ ކަށި ހިނގައިގަތީ އެ ހިސާބުންނެވެ.

ނިމުނީSource link

Leave a Reply

Related Articles