• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ވާހަކަ ⁄ ލަދު ލޯބި

ލަދު ލޯބި


358444

މުޅި ކޮޓަރި ތެރެއިން ފެންނަނީ ހަމަހިމޭންކަމެވެ. ނިދާ ބޮކީގެ ފަނޑު އަލީގެ ތެރޭގައި ނަަމްހާ އޮތީ ގަދަ ނިދީގަ އެވެ. އޭރު ގަޑިން ރޭގަނޑު 9 ޖަހަނީ އެވެ.
” ނަމްހާ… އޭ… ނަމްހާ.. ހާދަ އަވަހަކަށް ތި ނިދަނީ… ހޭލަ ބަލަ… ”
ނިދާފައި އޮތް ނަމްހާ އަށް އޭނާގެ ބެސްޓް ފްރެންޑް ކަމުގައި ވާ ނަތާޝާ ގޮވަމުން ދިޔަ އެވެ. ނަމްހާ ނުހޭލުމުން އެންމެ ފަހުން ނަތާޝާ ނަމްހާގެ ދެ އަތުގައި ހިފައި ކޮޅަށް ނެގި އެވެ.
” ނަތާ… އަޅެ ތިހެން ނުހަދާ.. އަހަރެން ހާދަ ނިދި އެބަ އާދެ އޭ…”
ނިދި މޫޑެއް ގައި ކުޑަކުޑަ ކޮށް ދެ ލޯ ހުޅުވައި ލައިގެން ނަމްހާ ވާހަކަ ދެއްކި އެވެ. އެހެނަސް ނަތާޝާ ގޮތް ދޫނުކުރި އެވެ. ނަމްހާ ގެން ގޮސް ފާޚާނާ އަށް ވެއްދި އެވެ.
ފެންވަރައި ރީތި ވެގެން ނަމްހާ ކޮޓަރިން ނިކުތް އިރު ނަތާޝާ އިނީ ގޭގެ ސިޓިންގރޫމްގެ ސޯފާގައި އިށީނދެެގެން ނަމްހާގެ މަންމަ ނަފީދާ އާއި ވާހަަކަ ދައްކަންށެވެ. ނަފީދާ ވެސް ނަތާޝާ އަށް ވަރަށް ހެޔޮކޮށް ހިތައެވެ. ނަމްހާގެ ބެސްޓް ފްރެންޑަށް ވީތީ ވަރަށް ޤަދަރު ކުރެއެވެ. ނަފީދާ ދެކެނީ ނަމްހާ ގޮތަށް ނަތާޝާ އަކީ ވެސް އޭނާގެ އަމިއްލަ ދަރި އެއް ފަދަ އިންނެވެ.
” މަންމާ… އެބަ އަންނަން ނަތާމެން ގެޔަށް ގޮސްފަ އެނގޭ.. ”
ނަތާޝާ އާއި ނަމްހާ ގެއިން ބޭރަށް ނިކުތެވެ. ނަމްހާ ދިޔައީ ނަތާޝާގެ ގެއަކަށް ނޫންނެވެ. ދެމީހުން އެއްކޮށް މުޅި މާލެ ތެރޭގައި ސައިކަލް ދުއްވީ އެވެ. އެރޭ ގެއިން ނިކުތް ނަމްހާ، ގެއަށް ވަތް އިރު ހުރީ ފަތިސް ވާން ގާތްވެފަ އެވެ. ނަމްހާ ގެއަށް ވަތް އިރު ނަފީދާ އިނީ ސިޓިންގރޫމްގައި ރޯނު ވަށަންށެވެ. ނަމްހާ އެހާ ލަހުން ގެއަށް ވަނީމަވެސް ނަފީދާ ހަމަ އެކައްޗެކޭ ވެސް ނުބުނެއެވެ. ކުޑަމިނުން ލަސްވީ ކީއްވެތޯ ވެސް އަހައެއް ނުލައެވެ. ސަބަބަކީ ނަމްހާ އާއި ނަތާޝާއަށް ނަފީދާ ވަރަށް ބޮޑަށް އިތުބާރު ކުރާތީ އެވެ.
ދުވަސްތައް ފައްވަމުން ދިޔައެވެ. މިއަދަކީ ނަމްހާގެ 22 ވަނަ އުފަން ދުވަހެވެ. މުޅި ގެ ވަނީ އެކަމަށް ޓަކައި ޖަރީކޮށްފަ އެވެ. ޕިއްޒާ އާއި ކޯކު ފުޅިތަކުން މުޅި މޭޒުމަތި ވަނީ ތަނަވަސްވެފަ އެވެ. އާއިލާ މީހުުންނާއި ނަމްހާގެ ރައްޓެހިންނަށް ދަޢުވަތު ދީ އުފަންދުވަސް ފާހަގަ ކުރަން ފެށި އެވެ. ކޭކު ފެޅީ ވެސް ނަމްހާ އާއި ނަތާޝާ އެކުގަ އެވެ. މުޅި އެތަނުން ފެންނަމުން ދިޔައީ އުފާވެރިކަމެވެ. ތަފާތު ލަވަތަކާއި ތަފާތު ނެށުންތަކާއި އެކު އުފަން ދުވަހުގެ ޙަފުލާާ ނިމިއްޖެ އެވެ.
އާދުވަހަކަށް އިރު ފެނުން ތޮޅެލި އެވެ. ނަމްހާ އާއި އޭނާގެ މަންމަ ނަފީދާ އިނީ ހެނދުނުގެ ނާސްތާއަށް އިންސާފުކުރަމުށަވެ.
” ދަރިފުޅާ… މިހާރު ދަރިފުޅުގެ އުމުރުން 22 އަހަރުވީ… އަދިވެސް ދަރިފުޅު ކައިވެންޏަކާ ދޭތެރޭ ނުވިސްނަންތަ؟؟..”
ނަފީދާ ފެށި ވާހަކައިން ނަމްހާގެ އަނގައިގައި ހުރި ކާއެތި ކޮޅު ވެސް އޭނާގެ އަރު ތެރޭގައި ތާށިވި ކަހަލަ އެވެ.
” މަންމާ… ތި ފެށީ ކޮން ވާހަކައެއް…؟ ”
ނަމްހާ ހައިރާންކަމާއި އެކު އެހި އެވެ.
” އާނ ދަރިފުޅާ… މަންމަ މިހާރު ބޭނުން މާމަ ދަރިއެއް ވެސް… ދަރިފުޅު ދެން އަވަހަށް މީހަކާ އިންނަން އުޅޭ… ”
ނަފީދާ ދައްކަމުން ދިޔަ ވާހަކަތަކުން ނަމްހާ ހުރީ ފާޑަކަށް ފޫހިވެފަ އެވެ. އަދި އޭނާ ކައިވެނި ކުރަން ބޭނުން ނުވާތީ އެވެ. އެހެންނަމަވެސް ނަމްހާއަށް އެކަމަށް އިންކާރު ކުރާކަށް ވެސް ނުކެރުނެވެ.
” މަންމާ.. އަދި ޖެހޭނީ ރަނގަޅު ކުއްޖެއް ހޯދާކަށްނު…؟ އަހަރެން ތިކަމާ ދޭތެރޭ ވިސްނާނަން އެނގޭ މަންމާ… ” ނަމްހާ މިހެން ބުނެ ނަފީދާ އަށް ބަލައިލަމުން ހީލި އެވެ. ދުވާލުގެ ދަންފަޅި ނިމި ރޭގަނޑުގެ ދަންފަޅި ފެށިއްޖެ އެވެ. ނަމްހާގެ ފޯނު ރިންގު ވާ އަޑަށް ނަފީދާ އަށް ބަލައިލެވުނީ ނަމްހާގެ ފޯނަށެވެ. އޭރު ނަމްހާ ވީ ފޯނު ސިޓިންގރޫމުގައި ބާއްވާފައި ފާޚާނާއަށް ވަދެ އެވެ.
“ލަވް ”
ބޭއިޚުތިޔާރުގައި ނަފީދާއަށް ފޯނަށް ބަލާލަމުން ބުނެވުނެވެ. އެވަގުތަކީ ނަމްހާ ވެސް އެތަނަށް އައި ވަގުތެވެ.
” ދަރިފުޅާ… ކޮން ލަވް އެއްތަ އެ ގުޅަނީ… ؟ ދަރިފުޅު އުޅެނީ ކުއްޖަކާއި ރައްޓެހިވެގެންތަ؟.. ކީއްވެތަ މަންމަ ގާތު ތި ވާހަކަ ނުބުނީ..؟ ”
ނަފީދާއަށް ހުރީ ހެވިފަ އެވެ. ނަމްހާގެ ލޯބިވެރިއެއް ހުންނަކަން ޔަޤީން ވީމައެވެ. ނަމްހާ ވަގުތުން ލަދުން އޭނާގެ މޫނު އިސްދަށަށް ޖެހި އެވެ.
” މަންމާ… އާނ… އަހަރެންގެ ލޯބިވެރިޔަކު ހުރޭ… މަންމަ ގާތު ބުނަން ލަދު ގަތީ… ސޮރީ މަންމާ..” ވަރަށް ލަދުން ހުރެ ނަމްހާ ވާހަކަ ދެއްކި އެވެ. ނަފީދާ ހުރީ އުފަލުން ފޮޅިފަ އެވެ.
ދުވަސްތައް ވޭތުވަމުން ދިޔައެވެ. ކޮންމެ ދުވަހެއްގެ އެތައް އިރަކު ނަމްހާ އާއި ނަތާޝާ އެކީގައި ވަގުތު ހޭދަކުރަމުން ގެންދިޔަ އެވެ. އެކީގައި ކެއުންތަކަށް ގޮސް ވަރަށް މަޖާކޮށް އުޅުނެވެ. ނަފީދާ އަބަދު ވެސް ބުނަމުން ދިޔައީ ނަމްހާގެ ލޯބިވެރިޔާ ގެއަށް ގެނައުމަށެވެ. ނަފީދާއަށް އޭނާ ދައްކާލުމަށެވެ. ރަޙުމަތްތެރިކަން ބަދަހިކޮށްލުމަށެވެ. އެހެނަސް ކޮންމެ ފަހަރަކު ވެސް ވަރަށް އަވަހަށް ގެންނާނެ ކަމަށް ބުނެ ނަމްހާ ފަރުޖައްސާލަނީ އެވެ.
މުޅިން އާދުވަހެއްގެ ރޭގަނޑުގެ ވަގުތެވެ. ނަމްހާ ފެންވަރާލައިގެން ބޭރަށް ނިކުންނަން ތައްޔާރު ވެލިއެވެ.
” ދަރިފުޅާ… ކޮބާތަ ތި ރައްޓެހިވެގެން އުޅޭ ކުއްޖާ…؟ އަދިވެސް މަންމަ އަށް ދައްކާކަށް ނުވޭތަ؟ ” ނަފީދާ އެހިއެވެ. ވަރަށް ގިނައިން ނަފީދާ އެކަމަށް އެދޭ އިރު ވެސް އެދެވާ ނަތީޖާއެއް ނުފެންނާތީ އޭނާ ހުރީ ދެރަވެފަ އެވެ.
” މަންމާ ހާސް ނުވެބަލަ… މިރޭ ވަރަށް ބަލާނަމޭ މަންމަ ގާތަށް ގެނެވޭތޯ… ” ނަމްހާ އޭނާގެ މަންމަގެ އުއްމީދު އާ ކޮށްދެމުން ގެއިން ނިކުތެވެ.
ނަމްހާ ޓެކްސީއަކަށް އަރައިގެން ދިޔައީ މާފަންނުގައި ހުންނަ “ކޮކާ” ނަމަކަށް ކިޔާ ގެސްޓް ހައުސްއަކަށެވެ. އަވަސް ފިޔަވަޅު ތަކާއި އެކު އެ ގެސްޓްހައުސްގެ 2 ވަނަ ބުރީގެ 37 ވަނަ ނަމްބަރު ކޮޓަރީގެ ދޮރުގައި ނަމްހާ ޓަކި ދިނެވެ. އެތެރެއިން ދޮރު ހުޅުވައިލީ ނަމްހާގެ ލޯބިވެރިޔާ އެވެ. ނަމްހާ ގޮސް އޭނާގެ ލޯބިވެރިޔާގެ ގައިގައި އޮޅުލައިގަތެވެ. ވަރަށް ބާރަށެވެ.
“އެނގޭތަ މަންމަ ކިޔާ އެއްޗެއް..؟ އަހަރެންގެ ލޯބިވެރިޔާ މަންމަ އާއި ބައްދަލު ކުރުވާށޯ… ”
ނަމްހާ މިހެން ބުނުމާއި އެކު ނަމްހާގެ ލޯބިވެރިޔާގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ދެމީހުން ވެސް ހެމުން ދެމީހުން ލައިގެން ހުރި ހެދުން ބޭލި އެވެ. އެއާއި އެކު ދެ ތުންފަތް އެކީ އެކައްޗަކަށް ގުޅި ގުލްޒާރުން ފޮޅުނު މާތަކުން، އެ ދެމީހުންގެ ހަށިގަނޑަށް އަރާމާއި ލައްޒަތް ލިބެން ފެށި އެވެ. އެނދުމަތީގައި ދެމީހުން ދިޔައީ އެކެއް އަނެކެއްގެ ގައިގައި އޮޅުލައި ހިތަށް އަރާމް ލިބިގަންނަމުންނެވެ.
ނަމްހާއާއި އޭނާގެ ލޯބިވެރިޔާ ސިއްސައިގެން ދިޔައީ ކޮޓަރީގެ ދޮރު ވައްޓާލި އަޑަށެވެ. އޭރު ފުލުހުން ކޮޓަރި ތެރެއަށް ވަދެގެންފި އެވެ. ދުނިޔެއަށް އުފަން ކުރުވި ގޮތަށް ހުރި ނަމްހާ އާއި އޭނާގެ ލޯބިވެރިޔާ ފުލުހުން ހައްޔަރުކޮށްފިއެވެ.
ނަމްހާ އޭނާގެ ލޯބިވެރިޔާ ގޮވައިގެން އަންނާނެ އިރެއްގެ އިންތިޒާރުގައި ނަފީދާ ގޭގައި އިނެވެ. އެހެން އިންދާ އޭނާގެ ކަންފަތުގެ ހިނދުރި ތޮރުފައިލީ އޭނާގެ މުޅި ޙަޔާތް ބަރުބާދު ވެގެން ދާ ފަދަ ހިތަްދަތި އަސަރުގަދަ ޚަބަރަކުންނެވެ. ގޭތެރެއަށް ދުވެފައި އައިސް ވަތް މީހަކު ނަމްހާ ފުލުހަށް ގެންދިޔަ ވާހަކަ ބުނުމާއިއެކު ނަފީދާ އަށް ދުއްވައިގަނެ ވުނީ ފުލުހުންގެ މަރުކަޒާއި ދިމާލަށެވެ.
ފުލުހުންގެ މަރުކަޒަށް ދެވުނު އިރު ނަފީދާގެ ނޭވާ ވަނީ ކުރުވެފަ އެވެ. ނަފީދާގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ އޭނާގެ ދަރިފުޅު ނަމްހާ އެވެ. ނަމްހާގެ ގާތުގައި ނަތާޝާ ވެސް ހުއްޓެވެ. ދެ މީހުންގެ އަތުގައި ވެސް ހުރީ ބިޑި އަޅުވާފަ އެވެ. ފުލުހުން ކަންތައް ވީގޮތް ކިޔައި ދިނުމުން ނަފީދާ ގެ ގައިން ވަރު ދޫވެގެން ހުރިތަނަށް ތިރި ވިއެވެ. އަދި ވަރަށް ބާރު ބާރަށް ރޯން ފެށުނެވެ. ނަމްހާ އާއި ނަތާޝާ ޖިންސީ ގުޅުން ހިންގަން ތިއްބާ ހައްޔަރު ކުރި ވާހަކަ ބުނުމުން ނަފީދާގެ ހިތް ހަލާކުވާ ވަރުވި އެވެ. ނަފީދާއަށް އޭނާގެ ދަރިފުޅު މާ ބޮޑަށް ދޫކޮށްލެވުނީ އެވެ. މާ ބޮޑަށް ދަރިފުޅަށް އިތުބާރު ކުރެވުނީ އެވެ. ދަރިފުޅު ޚިޔާރު ކުރި ބެސްޓް ފްރެންޑަކީ އެ ދަރިފުޅު ގެ ލޯބިވެރިޔާކަން ނަފީދާއަށް ރޭކާ ވެސް ނުލީ އެވެ. އެ ވަރުގެ ބޮޑު ފާފައަކަށް ވާ ފަދަ ލަދުވެތި ލޯތްބެއްގެ ދަޅާގައި އޭނާގެ ދަރިފުޅު ޖެހިދާނެ ކަމަށް ހިތަށް ވެސް ނުގެނެވުނީ އެވެ. މިއަދު ކިތަންމެ ހާވެސް ބޮޑަށް ނަފީދާ އެކަމާއި ދެރަވެ ހިތާމަ ކުރެއެވެ.
****
ނަމްހާ އާއި ނަތާޝާ އެއް ޖިންސުން ގުޅުން ހިންގުމުން ޖަލަށް ލާން ޙުކުމް ކުރި އެވެ. ނަފީދާ މުޅިން އެކަނި ވެރިވީ އެވެ. މުޅި ޙަޔާތް ބަނަވީ އެވެ. މިއީ ނަފީދާއަށް ރަނގަޅަށް ދަރިފުޅު ތަރުބިއްޔަތު ނުކުރެވުމުގެ ހިތި ނަތީޖާކަން އޭނާ މިއަދު ޤަބޫލު ކުރެއެވެ. އެކަމާ ނަފީދާ އިންތިހާއަށް ހިތާމަ ކުރެއެވެ. އެކަމު މިއަދު ދެން ކުރާނީ ކީއްހެއްޔެވެ؟ ދަރިފުޅު ވަނީ ގެއްލި ހަލާކު ވެގެން ގޮސް ޖަލުގެ ތޭރިތަކުގެ ތެރޭގަ އެވެ. ނަފީދާ އޭނާގެ މޫނު މަތީގައި އަތްއަޅައި ރޯން ފެށި އެވެ. ހިތަށް ވަރަށް އަސަރު ކޮށްގެންނެވެ. ނަފީދާ މިއަދު އޭނާގެ މޫނު މަތިން އަތް ނަގާ ކަން ބޭނުމެއް ނުވެއެވެ. މުޅި ދުނިޔެ އާއި ކުރިމަތި ލާން މިއަދު ނަފީދާ ވަނީ ޖެހިލުންވެފަ އެވެ.
-ނިމުނީ.
ކެޓެގަރީ: ކުރުވާހަކަ

3584

އަބްރަހަމް

0.0

މިކަހަލަ ވާހަކަ އެއް ކިޔާލަން އަދި ބޭނުން ?

4

4 weeks ago

Human

0.0

? I want another story like this one

5

1 month ago

Saina

0.0

Aslu varah reethi

4

3 months ago

ހައްވާ

0.0

ވަރައް ރީތި ވާހަކަޔެއް،

6

3 months ago

މަރީ

0.0

ސަޅި

14

3 months ago

ދިވެހި ކިޔުންތެރިޔާ

0.0

މި ވާހަކަ ވަރަށް ސަޅި. މިކަހަލަ ކުދިން ވެސް އުޅޭ މިހާރު

35

1

3 months ago

ކިޔުންތެރިންގެ ހިޔާލު ކެންސަލް
Your Rating



Source link

Leave a Reply

Related Articles