• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ބޭރުގެ ހަބަރު ⁄ ސޫދާނުގެ ބޮޑުވަޒީރު އަވަހާރަކޮށްލަން ދިން ހަމަލާއަކުން ސަލާމަތްވެއްޖެ

ސޫދާނުގެ ބޮޑުވަޒީރު އަވަހާރަކޮށްލަން ދިން ހަމަލާއަކުން ސަލާމަތްވެއްޖެ



ޚަރުތޫމް (މާޗް 9): ސޫދާނުގެ ބޮޑުވަޒީރު އަބްދުﷲ ހަމްދޫކް އަވަހާރަކޮށްލަން ދިން ހަމަލާއަކުން އޭނާ ސަލާމަތްވެއްޖެއެވެ. ސޫދާންގެ ބޮޑުވަޒީރުގެ އޮފީހުން ބުނި ގޮތުގައި މިއަދު ވެރިރަށް ޚަރުތޫމްގައި އެ ހަމަލާ ދިނީ ހަމްދޫކް ހުންނެވި ކާރުކޮޅު ކައިރީގައެވެ. އެގޮތުން ކާރުކޮޅު ކައިރީގައި އެއްޗެއް ގޮއްވާލި ކަމަށާއި ނަމަވެސް އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވާކަމަށް ބޮޑުވަޒީރުގެ އޮފީހުން ބުންޏެވެ. މީގެ އިތުރުން ބޮޑުވަޒީރު ހަމްދޫކް ވެސް ވަނީ ހަމަލާއިން ސަލާމަތްވިކަން ޓުވިޓާ މެދުވެރިކޮށް ރައްޔިތުންނަށް އަންގަވާފައެވެ. އެ ހަމަލާގައި ތިން އުޅަނދަކަށް ގެއްލުންވެފައިވާ މަންޒަރު ހާދިސާގެ ވީޑިއޯތަކުން ވަނީ ފެނިފައެވެ. ސޫދާންގެ ބޮޑުވަޒީރަށް އަމާޒުކޮށް ދިން ހަމަލާގައި ތިން އުޅަނދަކަށް ގެއްލުންވި — ފޮޓޯ: އޭއެފްޕީ ސޫދާންގެ އިންފޮމޭޝަން މިނިސްޓަރު ފައިސަލް ސާލިހު ވަނީ އެއީ ޓެރަރިސްޓު ހަމަލާއެއްގެ ގޮތުގައި ސިފަ ކުރައްވައި، އެ ހަމަލާ ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ވިދާޅުވެފައެވެ. ސޫދާނުގެ އިންތިގާލީ ސަރުކާރު ހިންގުމާ ހަމްދޫކް ހަވާލުވެޑައިގެންނެވީ މިދިޔަ އޭޕްރިލް މަހު ރައީސް އުމަރުލް ބަޝީރު ވެރިކަމުން ދުރުކުރުމާ ގުޅިގެންނެވެ. ސޫދާނުގެ އަސްކަރިއްޔާއިން ބަޝީރު ވެރިކަމުން ދުރުކުރީ ޑިސެމްބަރު 2018އިން ފެށިގެން އޭނާއާ ދެކޮޅަށް އެގައުމުގެ އެތައް ހާސް މީހުން މުޒާހަރާ ކުރަމުން ދަނިކޮށެވެ. އޭގެ ފަހުން އެގައުމުގެ އަސްކަރިއްޔާއިން ވެރިކަމާ ހަވާލުވުމުން އެސަރުކާރާ ދެކޮޅަށް ވެސް ގައުމުގެ ރައްޔިތުން މުޒާހަރާ ކުރަން ފެށި އެވެ. އޭގެ ސަބަބުން ސޫދާންގެ އަސްކަރިއްޔާގެ ޖެނެރަލުންނާއި މުޒާހަރާގެ ލީޑަރުން ވަނީ ގުޅިގެން ވެރިކަން ކުރުމަށް ކައުންސިލެއް އުފައްދައިފަ އެވެ. އަދި ސަރުކާރުގައި އިސްކޮށް ހުންނަވަން ހަމްދޫކް އައްޔަން ކުރީ އެ ކައުންސިލުންނެވެ. އޭގެ ފަހުން ބަޝީރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ ސާބިތުވެ، ދެ އަހަރަށް ޖަލަށް ލާން ވަނީ ހުކުމްކޮށްފަ އެވެ. ނަމަވެސް 74 އަހަރުގެ ބަޝީރު އުމުރުން ދުވަސްވެފައި ވުމުން، ހުކުމް ތަންފީޒު ކުރައްވާނީ ޖަލުގެ ބަދަލުގައި އިސްލާހީ މަރުކަޒެއްގައި ކަމަށް ކޯޓުން ވަނީ އަންގާފައެވެ.



Source link

Leave a Reply

Related Articles