• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ރިޕޯޓް ⁄ ހަލާލް ސެޓިފިކޭޝަން ލެބް: ބޮޑު ސިނާޢަތަކަށް މިކަން ބަދަލުކުރެވިދާނެ!

ހަލާލް ސެޓިފިކޭޝަން ލެބް: ބޮޑު ސިނާޢަތަކަށް މިކަން ބަދަލުކުރެވިދާނެ!


ދުނިޔޭގެ އާބާދީގެ ހަތަރުބައިކުޅަ އެއްބަޔަކީ މުސްލިމުންނެވެ. ގާތްގަނޑަކަށް ދެ ބިލިއަނެއްހާ މުސްލިމުން ދުނިޔޭގައި މިވަގުތު ތިބި އިރު ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި އޮތީ ރާއްޖެ އާއި ސައުދީ އަރަބިއްޔާއެވެ.ދެން ހުރި އަރަބި ގައުމުތަކާއި ދުނިޔޭގެ އެހެން ޤައުމުތަކަކީ އާބާދީގައި ކޮންމެވެސް ވަރަކަށް ނުވަތަ ގިނައިން އެހެން ދީންތަކުގެ މީސްމީހުން ދިރިއުޅޭ ޤައުމުތަކެވެ. އެހެން ކަމުން އެޤައުމު ތަކުގެ ބާޒާރުގައި ހުންނަ ކާބޯތަކެތި ގަތުމުގައި އެއީ މުސްލިމުން ކެއުމަށް އެކަށީގެންވާ ހަލާލު ތަކެތިތޯ މުސްލިމުން ބަލައެވެ. އަދި ފިހާރައެއްގައި ހުންނަ ކާބޯތަކެއްޗަކީ ހަލާލު ތަކެތިކަން ކަށަވަރުކޮށްދޭ ސަރޓިފައިޑް ލޯގޯ ހުރިތޯ ބަލައެވެ.ޙަލާލް ސަރޓިފައި ކުރުން ނުވަތަ ކާބޯތަކެއްޗަކީ ހަލާލު ތަކެތި ތޯ ޓެސްޓްކޮށް، އެކަން ކަށަވަރުކޮށްދިނުމަކީ މިހާރު ދުނިޔޭގައި ބޮޑު އިންޑަސްޓްރީއެކެވެ.ހަލާލު ލެބޯޓްރީތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު ހިންގަމުންދާއިރު، އިސްލާމީ ޤައުމުތަކަކީ މިކަމުގައި އެންމެ ކުރިއަރާފައިވާ ޤައުމުތަކެވެ. މިއީ ރާއްޖެ ފަދަ ޤައުމަކަށް ފަށައިގަނެ، ކުރިއަރުވާ ލީޑް ކުރެވިދާނެ ދާއިރާއެކެވެ.ރާއްޖޭގައި އުފައްދާ އެކިއެކި ބާވަތްތަކަށްވެސް ހަލާލު ސަރޓިފިކޭޝަން ރާއްޖެއިން ބޭރުން ހޯދަން ޖެހޭއިރު ރާއްޖެއަކީ މިދާއިރާއިން ކުރިއަރާފައިވާ ޤައުމަކަށް ނުވެވޭންވީ ސަބަބެއް ނެތެވެ. އެކަން މިއަދުގެ ސަރުކާރަށް ވަނީ ވިސްނިފައެވެ. ހަލާލް ސައިންސް ލެބޯޓްރީއެއް ޤާއިމްކުރުމުގެ މަސައްކަތަށް ބައިނަލްއަޤްވާމީ އެހީ ހޯއްދެވުމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު މިހާރު އެވަނީ އެ މަސައްކަތް ފައްޓަވާފައެވެ.އެމަނިކުފާނު މިހާރު ބްރޫނާއީ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެޤައުމުގެ ހާރިޖިއްޔާ ހިންގެވުމާއި ހަވާލުވެ ހުންނެވި ވަޒީރާއި ހޮނިހިރު ދުވަހު ބައްދަލުކުރައްވައި އެކަމުގެ މަޝްވަރާތައް ކުރިއަށް ގެންދެވިކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.މިފަދަ ލެބެއް ޤާއިމް ކުރެވިއްޖެ ނަމަ ރާއްޖޭގެ އުފެއްދުންތައް ބޭރުކުރުމަށް ރާއްޖެއިން ސަރޓިފައި ކުރެވި، އިތުރު އުފެއްދުންތައް އަރަބި އިސްލާމީ ގައުމުތަކަށް އެކްސްޕޯޓް ކުރުމަށް އިތުރު ހިއްވަރަކަށް މިކަން ވެގެންދާނެއެވެ.ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް އިތުރު ހަރުފަތަކަށް ގެންގޮސް، މަސްވެރިކަމުގެ އިތުރު ބާވަތްތައް ރާއްޖެއިން ބޭރަށް އެކްސްޕޯޓް ކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭއިރު މިފަދަ ލެބެއްގެ މުހިއްމުކަން އިތުރުވެގެންދާނެއެވެ.އަދި މީގެ އިތުރުން މިސަރަހައްދުގެ އެހެން ޤައުމުތަކުންވެސް ރާއްޖޭގެ ލެބުން ޓެސްޓްކޮށް، ހަލާލް ތަތްގަނޑުޖަހާ އުފެއްދުންތައް ވިއްކަން ފެށުމުގެ ފުރުސަރު އޮންނާނެއެވެ. ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށްވެފައި ރާއްޖޭގައި ޤާއިމްކުރެވޭ ލެބްގެ ފެންވަރު ރަނގަޅު ކުރެވިއްޖެނަމަ ރާއްޖޭގެ ލެބަށް އޮންނަ ޔަޤީންކަމާއި އިތުބާރާއި ޑިމާންޑް ބޮޑުވެގެންދާނެއެވެ.ބްރޫނާއި ފަދަ ޤައުމަކުން އެހީ ހޯދައިގެން ޤާއިމްކުރާ މިފަދަ ލެބެއް ރާއްޖޭގައި ހުޅުވިގެން ދިޔުން ވެގެންދާނީ ރާއްޖޭގެ އިޤްތިސާދަށް އޭގެ ނަފާ ކުރާނެ ކަމަކަށެވެ.



Source link

Leave a Reply

Related Articles