• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ ކޮރޯނާވައިރަސްގެ ބިރާއި މާލީ ދަތި: އިންތިހާބު ފަސްކުރަން ޖެހޭ ސަބަބުތައް

ކޮރޯނާވައިރަސްގެ ބިރާއި މާލީ ދަތި: އިންތިހާބު ފަސްކުރަން ޖެހޭ ސަބަބުތައް


ރާއްޖެއިން ފެންނަމުން ދާ ކޮރޯނާވައިރަސް ހުރި މީހުންގެ އަދަދު މައްޗަށް އަރާއިރު މުޅި ގައުމަށް ކުރިމަތިވާ ގޮންޖެހުންތަކުން ސަލާމަތްވާން ކުރަން ޖެހޭ ހުރިހާ ކަމަކަށް ސަމާލުކަން ދޭން މި އޮތީ ޖެހިފަ އެވެ. އޭގެ ތެރޭގައި ސިޔާސީ އެއްވުންތައް ހުއްޓާލައި، އިންތިހާބުތައް ވެސް ފަސްކުރަން ޖެހޭ ވަރަށް، ހާލަތު ގޯސްވަމުން އެބަ ދެ އެވެ.

މިހާތަނަށް ކޮރޯނާވައިރަސް ނުވަތަ އެ ވައިރަސް އިން ޖައްސާ ބަލި ކޮވިޑް-19 އަށް ހަ މީހަކު ޕޮޒިޓިވް ވެއްޖެ އެވެ. ކުރެއްދޫ ރިސޯޓުގެ ހަތަރު ބިދޭސީއަކާއި ބަތަލާ ރިސޯޓުން ދެ ބިދޭސީއަކު ވައިރަހަށް ޕޮޒިޓިވް ވުމުން، އިތުރު މީހުންގެ ހަށިގަނޑުން ވައިރަސް ފެނުމުގެ ފުރުސަތު އެ ދަނީ ބޮޑުވަމުންނެވެ.

ކޮރޯނާވައިރަސް ފެތުރޭ މިންވަރު މުޅި ދުނިޔޭގައި ވެސް ބާރުވާން ފެށި އިރު ރާއްޖޭގައި ސިޔާސީ ޕާޓީތަކުން ތައްޔާރުވަމުން އައީ އަންނަ މަހު އޮންނަ ކައުންސިލް އިންތިހާބަށެވެ. އެކަމަކު ކެމްޕެއިން ޖަލްސާތަކާއި ދަތުރުތައް މި ވަގުތަށް މިހާރު ވަނީ މަޑުޖައްސާލައިފަ އެވެ.

އެކަމަކު އެވަރުން އަދި ނުފުދޭ ކަމަށް ބުނެ، ވަރަށް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރެ އެވެ. މި ހާލަތުގައި އިންތިހާބު ވެސް ފަސްކުރަން ޖެހޭ ސަބަބުތަކެއް ހުރި ކަމަށް ދެކޭ މީހުން ގިނަ އެވެ. ވައިރަސް ފެތުރި، އެ ކޮންޓްރޯލްކުރަން އަޅަން ޖެހޭ ފިޔަވަޅުތައް އިތުރުކުރުމުގެ މަސައްކަތް އެކަންޏެއް ނޫނެވެ. މުޅި އިގުތިސާދަށް ކުރިމަތިވާ ވެއްޓުމުގައި ދައުލަތުގެ ހަރަދުތައް ވެސް ކުޑަކުރުމަކީ، ޒިންމާއެއް ކަމަށް އެއް ބަޔަކު ދެކެ އެވެ.

ގާނޫނު ބުނާ ގޮތުން އާ ކައުންސިލަރުން އިންތިޚާބު ކުރަން ޖެހެނީ ހިނގަމުން އަންނަ ކައުންސިލްގެ ދައުރު ހަމަވުމުގެ 30 ދުވަސް ކުރިންނެވެ. މިހާރުގެ ކައުންސިލްތަކުގެ ދައުރު ހަމަވަނީ ޖޫން މަހަށެވެ. އެހެންކަމުން އެއް ބައެއްގެ ނަޒަރުގައި އަންނަ މަހު އިންތިޚާބު ނުބޭއްވިޔަސް ގާނޫނުގައި ބުނާ މުއްދަތުގެ ކުރިން އިންތިޚާބަށް ފުރުސަތު ލިބިދާނެ އެވެ. ދެން އޮންނާނީ ރައްޔިތުންގެ މަޖިލިހުގެ ތެރެއިން ވަގުތީ ހައްލެއް ހޯދުމެވެ. އެ ފުރުސަތު ސަރުކާރުގެ މައި ޕާޓީ، އެމްޑީޕީއަށް އޮތީ، ސުޕަ މެޖޯރިޓީއާ އެކު ފުރިހަމަ އަށް ހުޅުވިފަ އެވެ.

އިންތިހާބަށް ކުރަން ޖެހޭ ހަރަދަކީ ވެސް މިހާރަށް ބަލާ ނަމަ ކުޑަ އެއްޗެއް ނޫނެވެ.

ހިޔާލު ތަފާތު މައްސަލައެއް

އެކަމަކު ގައުމުގެ ހާލަތަށް ވުރެ ސިޔާސީ މީހުންގެ ވިސްނުން ތަފާތުވާ ފަހަރު އާދެ އެވެ. އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ ސަރުކާރުގެ ވާހަކަތަކަށް ބަލާއިރު އިންތިޚާބު ފަސްކުރަން ޖެހޭ ހާލަތެއް އޮތް ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ.

“ސަރުކާރުން މިބުނަނީ ހާސްނުވާށޭ، ކަންބޮޑު ނުވާށޭ. އެހެންވީމާ އަދި އެ ހާލަތު އޮތް ކަމަކަށް ސަރުކާރަކުން ނުބުނޭ،” ޝުޖާއު ވިދާޅުވި އެވެ.

ނަމަވެސް ސަރުކާރުން އަޑީގައި އޮވެގެން އިންތިޚާބު ފަސްކުރަން މަސައްކަތް ކުރާ ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.

އެމްޑީޕީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަފްޝަން ލަތީފްގެ ނަޒަރުގައި އިންތިޚާބު ފަސްކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރަން ޖެހެ އެވެ. ނަމަވެސް އެ ޕާޓީން އެކަމާ ގުޅޭ ގޮތުން ވަކި ގޮތެއް އަދި ނުނިންމާ ކަމަށް ވިދާޅުވި އެވެ.

“އެމްޑީޕީގެ ނިންމުމެއް ނިންމާނީ ގައުމީ މަޖިލީހުން،” އަފްޝަން ވިދާޅުވި އެވެ.

ދައުލަތަށް މާލީ ގޮންޖެހުންތަކެއް

މި ފަހަރު ކައުންސިލްތައް އުފެދިގެން އަންނާނީ ދައުލަތުގެ ބަޖެޓުން އެތައް ސަތޭކަ މިލިއަން ރުފިޔާއެއް އިތުރުވާ ގޮތަށެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކައުންސިލްތަކުގައ ތިބޭ މެމްބަރުންގެ އަދަދު އޮތީ ކުޑަކޮށްފަ އެވެ. އެކަމަކު އޭރުގެ އިދިކޮޅު ޕާޓީ އެމްޑީޕީން އޭގެ ފޮރިވިފައިވާ ސަބަބެއް ކަމަށް ދައްކަމުން އައީ ލާމަރުކަޒީ ނިޒާމް ފުނޑުކޮށްލުމެއްގެ ގޮތުގަ އެވެ. ކުރީގެ ސަރުކާރުގެ ވިސްނުމުގައި ކައުންސިލްތަކުގެ ބާރު ކަނޑުވާލުން އޮތެވެ. އެކަމަކު ރަށްރަށުގެ އާބާދީތަކަށް ވުރެ އޮފީހެއް ބޮޑުކުރުމުގެ ބޭނުމެއް ވެސް ނެތެވެ. ޚާއްސަކޮށް އިގުތިސާދީ ގޮތުން ގައުމަށް ކުރިމަތިވާ ވެއްޓުންތަކުގަ އެވެ.

ދުނިޔޭގެ ދަތުރުފަތުރަށް މިހާރު ކުރިމަތިވެފައިވާ ވެއްޓުމާ އެކު ރާއްޖެ އަންނަ ޓޫރިސްޓުންގެ އަަދަދު ވަރަށް ބޮޑުތަނުން ދަށަށް ދާނެ ކަމަށް ބެލެވެ އެވެ. ދައުލަތުގެ މައިގަނޑު އާމްދަނީ ލިބެނީ ޓޫރިޒަމްގެ ޓެކްސްތަކުންނެވެ. އެހެންކަމުން އާ ކައުންސިލްތަކުގެ ގިނަކޮށްފައިވާ މެމްބަރުންނާއި ބޮޑުކޮށްފައިވާ މުސާރައަކީ، މި އަހަރަށް ސަރުކާރަށް ވެސް ކުރިމަތިވާނެ ބޮޑު ގޮންޖެހުމެއް ކަމަށް ވުން ކައިރި އެވެ.

އިގުތިސާދީ ކޮންމެ ބޮޑު ވެއްޓުމަކާ އެކު ދުނިޔޭގެ ގައުމުތަކުން ގެންގުޅޭ އެންމެ މުހިންމު ސިޔާސަތަކީ، ހަަރަދު ބޮޑުނުކުރާއި އިިތުރު ޓެކްސްތައް ނުނެގުމާއި އިތުރު މަގާމުތައް ވެސް ނުއުފެއްދުމެވެ. މި ނަޒަރުން ބަލާ ނަމަ ކައުންސިލް އިންތިހާބު ފަސްކުރަން ޖެހޭ އިގުތިސާދީ ގޮންޖެހުންތަކެއް މިވަނީ ކުރިމަތިވެފަ އެވެ. ހަމައެކަނި ބަލަން ޖެހޭނީ ކޮރޯނާވައިރަސް ފެތުރޭ މިންވަރާއި އޭގެ ބިރަކަށް ނޫނެވެ. ދައުލަތަށް ނުކަތާ ވަރުގެ ހަރަދެއްގެ ތެރެއަށް އަލުން ނުވަދެވޭނެ ގޮތަށް ވެސް، މާލީ ރައްކާތެރިކަން ހޯދަން ޖެހެ އެވެ.Source link

Leave a Reply

Related Articles