• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ކުޅިވަރު ⁄ ކޮވިޑް-19: އިޓަލީ ލީގު ވެސް މެދުކަނޑާލައިފި

ކޮވިޑް-19: އިޓަލީ ލީގު ވެސް މެދުކަނޑާލައިފި



ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ގެ އަސަރު އެންމެ ބޮޑަށް ކުރަމުންދާ އިޓަލީއަށް މީހުން އެތެރެވުމާއި ބޭރުވުން ހުއްޓާލައި، އެގައުމުގެ ހުރިހާ ކުޅިވަރުތައް ވެސް ވަގުތީ ގޮތުން މެދުކަނޑާލަން ނިންމާފައިވާކަމަށް އެގައުމުގެ ބޮޑުވަޒީރު ގިއުސެޕް ކޮންޓޭ ހާމަކުރައްވައިފި އެވެ. އެއާއެކު އިޓަލީގައި ކުރިއަށްދާ ދުނިޔޭގެ އެންމެ ބޮޑު އެއް ފުޓުބޯޅަ ލީގު ކަމަށްވާ “ސީރީ އޭ” ވެސް ވަނީ މެދުކަނޑާލައިފަ އެވެ. އިޓަލީން ކޮރޮނާ ވައިރަސް ނުވަތަ ކޮވިޑް-19 ގެ ކޭސްތައ ފެންނަން ފެށުމުން އެގައުމުން ވަނީ ކުޅިވަރުގެ ގިނަ ހަރަކާތްތަކެއް މިހާރުވެސް މެދުކަނޑާލައިފަ އެވެ. އަދި ރެޔާއި ހަމައަށް ލީގުގެ މެޗުތައް ވެސް ކުޅެމުން އައީ އެއްވެސް ސަޕޯޓަރަކު ނުވައްދާ ހުސް ދަނޑެއްގަ އެވެ. އެކަމަކު އެގައުމުގެ ހާލަތު އިތުރަށް ގޯސްވެފައިވާތީ އިޓަލިއަން ނޭޝަނަލް އޮލިމްޕިކް ކޮމިޓީ (ކޯނީ) އިން ވަނީ ލީގު ވެސް އޭޕްރީލް މަހުގެ 3 ވަނަ ދުވަހާއި ހަމައަށް މެދުކަނޑާލަން ނިންމާފަ އެވެ. އަދި އެގައުމުގެ ބޮޑުވަޒީރުވެސް ވަނީ އެކަން ފާހަގަ ކުރައްވާ ވާހަކަޕުޅު ދައްކަވާފަ އެވެ. “ދެން އިތުރަކަށް ވަގުތެއް ނެތް. ނަންބަރުތަކުން ވަރަށް ސާފުކޮށް އެބަ ހާމަވޭ ކިހާ ބާރުމިނެއްގައި މި ބަލި ފެތުރެމުންދާކަން،” އިޓަލީގެ ބޮޑުވަޒީރު ގިއުސެޕް ކޮންޓޭ ވިދާޅުވި އެވެ. ކޮންޓޭ ވިދާޅުވީ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ ގޮތުން ކުޅިވަރުގެ ހުރިހާ ހަރަކާތަކާ އެކު ގައުމީ ލީގުވެސް މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ. އަދި މިކަން ހުރިހާ ސަޕޯޓަރުން ވެސް ގަބޫލުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. “އެމަޖެންސީ ކަންކަމުގައި ނޫނީ ދަތުރުފަތުރު ކުރުން ހުއްޓާލުމަށް އެދެން. ގިނަ މީހުން އެއްވެގެން ކުރާ އެއްވެސް ކަމެއް ކުރުމަކީ މިވަގުތު މަނާ ކަމެއް. ހުރިހާ ބޭފުޅުންވެސް ގޭގައި މަޑުކުރެއްވުމަކީ އެންމެ ރައްކާތެރިގޮތް.” އިޓަލީގައި މިއަދުގެ ނިޔަލަށް 9172 މީހުން ވަނީ ކޮވިޑް-19 އަށް ޕޮސިޓިވްވެފަ އެވެ. އަދި މިހާތަނަށް އެ ބަލި ޖެހިގެން އެގައުމުން 463 މީހުން މަރުވެފައިވާ އިރު 16 މިލިއަން މީހަކު ވަނީ ކަރަންޓީން ކޮށްފަ އެވެ. އިޓަލީގެ ލީގު މެދުކަނޑާލާފައިވީ ނަމަވެސް ޗެމްޕިއަންސް ލީގުގެ މެޗުތައް އަދި މެދުކަނޑާލަން ނިންމި ވާހަކައެއް ޔޫއެފާއަކުން ހާމައެއް ނުކުރެ އެވެ. އެހެން ކަމަށްވާނަމަ އިޓަލީގެ ޓީމުތައް މި މުބާރާތުގެ މެޗުތައް ކުޅުމާ މެދު މިއަދުގެ ވަގުތެއްގައި ގޮތެއް ނިންމާނެ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފަ އެވެ. މީގެ އިތުރުން އިޓަލީ އަކީ މިފަހަރުގެ ޔޫރޯ މުބާރާތުގެ ބައެއް މެޗުތައް ކުޅުމަށް ހަމަޖެހިފައިވާ ގައުމެއް ކަމަށް ވެފައި ހާލަތަށް ބަލައި އެ މުބާރާތް ވެސް ފަސްކުރުމުގެ ވާހަކަތައް ޔޫއެފާއާއި ފީފާއިން ދަނީ މަޝްވަރާ ކުރަމުންނެވެ. އިޓާލިއަން ލީގު ވަގުތީ ގޮތުން މެދުކަނޑާލި އިރު 26 މެޗުން ހޯދި 63 ޕޮއިންޓާ އެކު އެއްވަނައިގައި އޮތީ ޔުވެންޓަސް އެވެ. ދެވަނައިގައި 62 ޕޮއިންޓާ އެކު ލާޒިއޯ އޮތް އިރު ތިންވަނައިގައި އޮތް އިންޓަމިލާނަށް ލިބިފައި ވަނީ 54 ޕޮއިންޓް އެވެ.



Source link

Leave a Reply

Related Articles